ހަވަރުތިނަދޫ ޢިލްމީ ދުވެލީގެ ކުލަގަދަ ޞަފުޙާއެއް









ހަވަރުތިނަދޫގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އުނގަންނައި ދިނުމަށްޓަކައި އެ ރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުންކުރެ ކޮންމެ އަވަށެއްގައި މަކްތަބެއް ޢިމާރާތްކުރުމަށްޓަކައި 7 ސެޕްޓެމްބަރ 1956މ. (1/7/1376ހ.) ގައި ބިންގާއެޅި ޢިމާރާތްތަކުގެ މަސައްކަތްނިމި އެ ތަންތާނގައި އުނގަންނައިދީފައި ވުމަކީ، ހަވަރުތިނަދޫ ޢިލްމީ ދުވެލީގެ ކުލަގަދަ ޞަފުޙާއެކެވެ. ދެ ދުނިޔޭގެ ފައިދާލިބެނެވި މިކަން ވުޖޫދަށް ގެންނެވުމަށްޓަކައި އެންމެބޮޑު ހޭދަކުރައްވައި އެކަމަށް ޢަމަލީސިފަ ގެންނެވުމުގެ ތަޢުރީފާއި ޝުކުރު އެންމެބޮޑަށް ޙައްގުވާ ފަރާތްޕުޅަކީ އެ ދުވަސްވަރުގެ ހުވަދުއަތޮޅު އަތޮޅުވެރިޔާ އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ. އެއަށްފަހު އެ ބޭފުޅެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެކަމަށް އެހީތެރިވެދެއްވި ހަވަރުތިނަދޫގެ ފައިސާވެރިންނާއި ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތުގައި ހިލޭ ސާބަހަށް އުޅުއްވި ހަވަރުތިނަދޫގެ ރައްޔިތުންނަށް ވެސް ތަޢުރީފާއި ޝުކުރު ފަށްފަށްކުރަމެވެ.

ހަވަރުތިނަދޫ ދެކުނުއަވަށުގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އުނގަންނައިދިނުމަށް މަކުތަބު ޢިމާރާތްކުރި ބިންކޮޅު އެއިރު އޮތީ ހުހަށްކަމަށް، ތިނަދޫ ގޯލްޑަން ހައުސް ޢާއިޝަތު ފަރީދާ އާއި ވިލިގިލީ ގޮންގަލި ޚަދީޖާ ޙުސައިން (ތިނަދޫ/ ގަޒީރާ) މަޢުލޫމާތު ދެއްވި އެވެ. ތިނަދޫ ރަންގަލް އަލްފާޟިލް ޢަލީ ޙުސައިން މަޢުލޫމާތުދެއްވަނީ، އެ ބިންކޮޅަކީ ހަވަރުތިނަދޫ ދިހަރޭ ދޮންބެއްޔާގެ ރެއްކާބޭގެ އިބްރާހީމްފުތާއި އޭނާގެ އަންހެނުން އައިހާގެ ރެކިދިޔާއި ދެމަފިރިންގެ ގެއެއް ކުރިންހުރި ތަންކޮޅެއްކަމަށާއި މަކުތަބު ޢިމާރާތްކުރީ މި ދެމަފިރިންގެ ގެ ހުރި އެ ތަންކޮޅުކުޑަވެ އޭގެބަދަލުގައި އެ މީހުންނަށް އެހެން ގޯއްޗެއްދެއްވާފައި ވަނިކޮށެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވުމަށްޓަކައި ރަށުގެމަގުތައް ހެދިއިރު މި މަކުތަބުގެ ޢިމާރާތްދިޔައީ ތިނަދޫ ރަންގަލް ގޭ ގޯތީގެ އިރުދެކުނަށް ގޯއްޗަށް ބަޔަކާއި އެ ދިމާލުން މަގުގެ ބަޔަކަށެވެ. ހަވަރުތިނަދޫ ޢިލްމީ ޚިދުމަތުގެ ކުލަގަދަ ޞަފުޙާތަކުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެވޭ މި މަކްތަބުގެ ޢިމާރާތުގެ ބަޔެއް މިހާރުވެސް ތިނަދޫ ރަންގަލް ގޭތެރެއިން ފެންނަން އެބަހުއްޓެވެ.

ހަވަރުތިނަދޫ އުތުރު އަވަށުގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އުނގަންނައިދިނުމަށް މަކުތަބު ޢިމާރާތްކުރި ބިންކޮޅު، ހަވަރުތިނަދޫގެ ރައްޔިތަށް ހަދިޔާކުރެއްވީ ހަވަރުތިނަދޫ ލިލީއަވަށު ފަށުވިމާގޭ (މިހާރު ތިނަދޫ މަދަރުސާދޮށުގޭ) އަލްމަރުޙޫމާ ޢާއިޝަތު ގާސިމް އޭނާގެ އަމިއްލަގޯތި ތެރޭ ހުޅަނގުއުތުރުންނެވެ. މަރުޙޫމާ ޢާއިޝަތު ގާސިމްގެ ގޯއްޗަކީ ވަރަށްބޮޑު ގޯއްޗެކެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވުމަށްޓަކައި ރަށުގެމަގުތައް ހެދިއިރު މި މަކުތަބުގެ ޢިމާރާތްދިޔައީ ތިނަދޫ ރެކްސޯނާ ގޭގެ ގޯތީގެ ދެކުނުން ބަޔަކަށާއި އެ ދިމާލުން ދެކުނުފަރާތުގެ މަގުގެ ބަޔަކަށާއި އަދި އެ ދިމާލުން ޑޭލައިޓް ގޭގެ ގޯތީގެ ބަޔަކަށެވެ.

ހަވަރުތިނަދޫގައި ތިބި ލިޔަންކިޔަން ނޭނގޭ މީހުންނަށް ޚާއްޞަކުރި ހަވަރުތިނަދޫގެ ދެ މަކްތަބު ބިނާކޮށް އެ ދެ ތާނގައި އުނގަންނައިދިނުމުގެ މަސައްކަތް ފެށިއިރު ވެސް، ރަށުގެ ދެ އަވަށުގައި ކުދިންނަށް ކިޔަވައިދެމުންގެންދާ ދެ މަކްތަބެއް ހުއްޓެވެ. މަކުތަބަތުލް ފަލާޙާއި، މަކުތަބަތުއްސަޢާދާ އެވެ. މި ދެ މަކްތަބު ޢިމާރާތްކުރުމަށް ވެސް އެންމެބޮޑަށް އެހީތެރިވެދެއްވި އެއްބޭފުޅަކީ މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ. އުތުރުއަވަށުގެ މަކުތަބަތުލްފަލާޙު ޢިމާރާތްކުރީ އެ ތާނގެ މަސްއޫލުވެރިޔާ ކުޑަކަތީބު ގާސިމް ރަޝާދު (ކާސިންފުތު ބެއްޔާ)ގެ އަމިއްލަގޯތީގެ ބަޔެއްގަ އެވެ. ދެކުނުއަވަށުގެ މަކުތަބަތުއްސަޢާދާ ޢިމާރާތްކުރީ އެ ތާނގެ މަސްއޫލުވެރިޔާ މުޙައްމަދު ޢަލީގެ (ތިނަދޫ އަލިވާގެ) ޢާއިލީ ގޯއްޗެއްގެ ބަޔެއްގަ އެވެ.

މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު ހަވަރުތިނަދޫ މަދަރުސަތުއް ސުބުލައްސަލާމްގެ ޢިމާރާތަށް ބައެއް އިތުރުކުރެއްވުމަށްފަހު، މަދަރުސާގެނަން "މަދަރުސަތުލް އަމީރު އިބްރާހީމް"އަށް ބަދަލުކުރައްވައި އެ ތާނގެ ކިޔެވުން އިތުރަށް ހަރުދަނާކުރައްވާފައި ވުމަކީ ވެސް ފާހަގަކުރަންޖެހޭ ކަމެކެވެ. "މަދަރުސަތުލް އަމީރު އިބްރާހީމް"ގެ ނަން ނިސްބަތްވަނީ އެއްގަމުގޭ އަލްއަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ނަންފުޅަށެވެ. އަދި މިނަމުގައި މަދަރުސާ ހުޅުއްވައިދެއްވީ ވެސް 27 އޯގަސްޓް 1955މ. ގައި "ހައިސިންތު"ގައި ހަވަރުތިނަދޫއަށް ވަޑައިގެން އެ ކިލެގެފާނެވެ. މިދަތުރުފުޅުން އެނބުރި މާލެއަށް ވަޑައިގެންނެވިއިރު ކިލެގެފާނުގެ އަރިހުގައި މާލެއަށް ވަޑައިގެންނެވި ހުވަދުއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަކީ ހަވަރުތިނަދޫ އަބޫބަކުރު ކަތީބު ކަލޭގެފާނު، ހަވަރުތިނަދޫ ނާއިބު އިސްމާޢީލް ޒާހިރު، ކޮލަމާފުށީ އިސްމާޢީލް ކަތީބު، އަދި ވާދޫ މުދިމް ގެދަރު ޢަލިމަނިކެވެ. މިބޭފުޅުން ވަޑައިގަތީ ހުވަދުއަތޮޅުގެ ފަރާތުން ރައްޔިތުންގެ ޚާއްޞަ މަޖިލިސް ތަމުސީލުކުރެއްވުމަށެވެ.  މިދަތުރުގައި "ހައިސިންތު"އަށް މާލެއަށް ދެވުނީ 29 އޯގަސްޓް 1955މ. ގައެވެ.


         އަލްއަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު

ހަވަރުތިނަދޫ މަދަރުސަތުއް ސުބުލައްސަލާމްގެ ޢިމާރާތަކީ އޭގެކުރިން މަދަރުސަތުލް އަސްބާޙު ހިންގި ޢިމާރާތެވެ. މިއީ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އޭނާގެ އިސްނެންގެވުމާއި ހޭދައިގެދަށުން ބިނާކުރި ޢިމާރާތެކެވެ. މަދަރުސަތުލް އަސްބާޙާއި މަދަރުސަތުއް ސުބުލައްސަލާމާއި އަދި މަދަރުސަތުލް އަމީރު އިބްރާހީމަކީ ހަވަރުތިނަދޫ ނޫނަސް ހުވަދުއަތޮޅުގެ ހުރިހާ ރަށަކުން ވެސް އެ ޢިލްމީ ހިޔާވެހިތަކަށް އުނގެނުމަށް ދަރިވަރުން ފޮނުވި ތަންތަނެވެ. އެ ތަންތަނުން އުނގެނުނު ވަރަށްގިނަ ދަރިވަރުންނަކީ އޭގެފަހުން ހަވަރުތިނަދޫއާއި ހުވަދުއަތޮޅުގެ ހުރިހާ ރަށަކަށް ވެސް ޚިދުމަތްކޮށްދެއްވި ގާބިލް ބަޔެކެވެ.


        މަދަރުސަތުލް އަމީރު އިބްރާހީމް ފުރަތަމަ ހިންގި ޢިމާރާތް

މަދަރުސަތުލް އަމީރު އިބްރާހީމުން ތަޢުލީމު ޙާޞިލްކުރުމަށް ބޭރު ރަށްރަށުން ހަވަރުތިނަދޫއަށް އައި ދަރިވަރުން ހަވަރުތިނަދޫ ފޯރުންތެރިކަން ހުރި ފަރާތްތަކުގެ ގޭގައި ބައިތިއްބަވައި މި ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު ގަލަމާއި ފޮތްތަކުގެ އެހީތެރިކަން އެންމެބޮޑަށް ފޯރުކޮށްދެއްވި އެއްބޭފުޅަކީ ވެސް މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ.


ހަވަރުތިނަދޫ މަކްތަބަތުއް ސަޢާދާގައި މަދަރުސަތުލް އަމީރު އިބްރާހީމް ހިންގި ދުވަސްވަރުގެ އަހަރު އިމްތިޙާނެއްގެ ނަތީޖާއެއްގެ ލިޔުން

އަހަރުތަކެއްގެ ފަހުން މަދަރުސަތުލް އަމީރު އިބްރާހީމުގެ ކިޔެވުން ބަދަލުކުރީ ހަވަރުތިނަދޫ ދެކުނުއަވަށުގެ މަކުތަބަތުއް ސަޢާދާގެ ޢިމާރާތަށެވެ. 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލުމާ ހަމައަށް ވެސް މަދަރުސަތުލް އަމީރު އިބްރާހީމު ހިނގަމުންދިޔައީ މަކުތަބަތުއް ސަޢާދާގެ މި ޢިމާރާތުގަ އެވެ.  


          އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނު  

އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނަކީ، އަމިއްލަފުޅަށް ކުޑަކުދިންނަށް ކީރިތިގުރުއާން ކިޔަވަން ދަސްކޮށްދެއްވައި ބޮޑެތި މީހުންނަށް މައުލޫދުކިޔުމަށް ދަސްކޮށްދެއްވި އެ ފަންނުތަކުގެ ހުނަރުވެރި ބޭފުޅެކެވެ. އަދި މޮޅު މާލިމީއެކެވެ. މަރުޙޫމް ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރަކީ ޢާއްމުކޮށް މުޅި ހުވަދުއަތޮޅަށް ވެސް ތަޢުލީމުގެ އިތުރަށް ޢިމްރާނީ ތަރައްގީ ވެސް ލިބުނު، ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމުގައި ރަށްރަށުގެވެރިންގެ އިސްނެންގެވުން ބޮޑު، ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރެއް ކަމަށާއި ކަލޭގެފާނުގެ އަމިއްލަފުޅު ވިޔަފާރިމުދާ އަތޮޅުގެ ރަށްރަށަށް ފޮނުއްވައި އެ ތަކެތި އެ މީސްމީހުންނަށް ލުއި އަގެއްގައި ލިބޭނޭމަގު ތަނަވަސްވެގެން ދިޔުމަކީ ވެސް ޢާއްމުކޮށް މުޅި ހުވަދުއަތޮޅަށް ވެސް ތިޔާގިކަމާއި ފާގަތިކަން ލިބުނު ކަމެއްގެގޮތުގައި ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވެ އެވެ.

އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނަށް ޝަރަފާއި މަގާމު ދެއްވުން:


  މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނުގެ ޗާނދަނީގެ ވަރަށްދުރުން ފެންނަ ފޮޓޯއެއް

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާންކުރުމުގެ މުނާސަބާއަށް ރާއްޖޭގެ އަތޮޅުތަކުން ވަފުދުތައް ހަމަޖެހުނުއިރު ހުވަދުއަތޮޅުގެ ވަފުދުގައި ހިމެނިވަޑައިގަތް އެއްބޭފުޅަކީ ވެސް މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ.


ފޮޓޯ ބަލާމީހުންގެ ކަނާތުން ވާތަށް:

(އިށީނދެވަޑައިގެން)
ދިޔާނާ ޢަބުދުލްވައްހާބު، ޖަމީލާ އިސްމާޢީލް ކަނބުލޭގެފާނު/ ގައްދޫ، ޚަދީޖާ އިބްރާހީމްދީދީ، ރައީސް މުޙައްމަދު އަމީން، އާމިނަތު މުޙައްމަދުދީދީ، އާދަމް ނަޞީރުމަނިކު، ޝަރީފާ ޝީރީން ކަނބުލޭގެފާނު/ ހަވަރުތިނަދޫ

(ކޮޅަށް)
މާބަނޑޭރި އަޙުމަދުމަނިކު، މޫސާ ހިރިހަމައިދި ކަލޭގެފާނު/ ހަވަރުތިނަދޫ، އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު/ ގައްދޫ، އަބޫބަކުރު ކަތީބު ކަލޭގެފާނު/ ހަވަރުތިނަދޫ، އިސްމާޢީލް ޒާހިރު/ ހަވަރުތިނަދޫ، އިސްމާޢީލް ކަތީބު/ ކޮލަމާފުށި

ހިރިހަމައިދި ކަމަށް ކޮލިލެއްވުން

16 ޖޫން 1952 (24/9/1371ހ.) ދުވަހު 3.45 ވީއިރު މުލީއާގޭގައި ކަންގަތިކޮލީގެ ދެ ކޮލި ލެއްވުމުގެ ޖަލްސާއެއް އޮތެވެ. އެއީ ގައްދޫ އިސްމާޢީލް ކަލޭގެފާނަށް "ވަތަބަނޑޭރި" ކަމަށް، އަދި ހަވަރުތިނަދޫ މޫސާ މަނިކުފާނަށް "ހިރިހަމައިދި" ކަމަށެވެ. ގަޑިޖެހުމާއެކު ފަނޑިޔާރު މަނިކުފާނު އިސްވެ ޞަލަވާތްކިޔުއްވައި، އަލްފާޟިލް އިބްރާހީމް މުޙައްމަދުދީދީ ކޮލި ނެރުއްވި އެވެ. ރޯދަމަސްކަމަށް ވުމާއެކު ކޮލިލާންދިޔައީ ދެ ކަލޭގެފާނެވެ. އެއީ ކޮލި ކަލޭގެފާނާއި ބާބާގޭ ދޮންމަނިކެވެ. އެއްކޮލި ނުކުތުމަށްފަހު އަލްއަމީރު މުޙައްމަދު އަމީން ވަޑައިގަތީ އެވެ. ދެންހުންނެވީ އަލްފާޟިލް އިބްރާހީމް މުޙައްމަދުދީދީ އެވެ.


               ކޮލިލެއްވުމެއް ފެންނަ ފޮޓޯއެއް

އަތޮޅުވެރިކަމުގެ މަގާމުދެއްވުން

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރުމަށްފަހު، ދިވެހިރާއްޖޭގެ ރައީސް ޞާޙިބުލްފަޚާއްމާ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހުވަދުއަތޮޅަށް ދަތުރުފުޅުކުރެއްވި "ހައިސިންތު" ހަވަރުތިނަދޫ ބަނދަރަށް އައީ 19 މާރޗް 1953މ. (4/7/1372ހ.) ހުކުރުވިލޭރޭ 11 ޖެހިއިރު އެވެ.

ހުކުރުދުވަހު ހެނދުނު 6 ޖެހިއިރު އަލްފާޟިލް ބޮނޑިބަތް ދޮންތުއްތުއާއި އަލްފާޟިލް ޢަލީ ނަޖީބު ހަވަރުތިނަދޫއަށް ފައިބައިވަޑައިގެން އަތޮޅުއޮފީސް ހުންނަ ވާރުގޭ ޢިމާރާތުގެ ދިދަދަނޑީގައި "އަޑުގަދަކުރާ" ހަރުކުރެއްވި އެވެ. އޭރު ދިދަދަނޑިއަށް ދިވެހިދިދައެއް ނަގައި ފާލަމުގައި ކައްތިރިކޮށް ދިދަޖަހައި ދިދަފަތި ދަމައި ތުނޑުކުނާއަޅައި ޒީނަތްތެރިކުރެވެން އޮތް އެންމެމަތީ ދަރަޖައަށް ވަނީ ޒީނަތްތެރިކޮށްފަ އެވެ.

އެ ދުވަހުގެ 7.15 ގައި ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހަވަރުތިނަދޫ ފާލަންމައްޗަށް ފައިބައިވަޑައިގަތުމުން އަތޮޅުގެ ރައްޔިތުންގެ ފަރާތުން ހަވަރުތިނަދޫގެ ބެއިކަލެއް ރައީސްގެ ކަރުފުޅުގައި "މަރުޙަބާއާއި ތަހުނިޔާގެ" މާފައްޗެއް އެޅުވި އެވެ. އަދި ރައީސްގެ އަރިހުގައި ރަށަށްވަޑައިގެންނެވި އަންހެންބޭފުޅުންނަށް ގުލްހާރުތަކުން ވެދުންކުޅަ އެވެ. އޭރު ފާލަމުގެ ދެ ފަރާތުގައި އަތޮޅާއި ރަށްރަށުގެ ވެރިންނާއި އެހެނިހެން އަޝްރާފުން ވެސް ތިއްބެވޫއެވެ. ފާލަމުގެ އެއްގަމާވީ ކޮޅަށް ރައީސް ވަޑައިގަތުމުން އަޑުގަދަކުރާގެ ޒަރީޢާއިން ދިވެހި ގައުމީސަލާމް ޖެއްސެވެ.


   ހަވަރުތިނަދޫ ފާލަމުން ރައީސް އަލްއަމީރު މުޙައްމަދު އަމީން ފައިބައިވަޑައިގަތީ

ރައީސް އަލްއަމީރު މުޙައްމަދު އަމީން ހިންގަވާފައި ވަޑައިގެން ހަވަރުތިނަދޫ ވާރުގެއަށް ވަދެވަޑައިގަތުމުން ޙާޒިރުވެތިއްބެވި ކަލުންނާއި ކަނބަލުން ވެސް އެ މުނާސަބާއަށްޓަކައި ތައްޔާރުކޮށްފައިވާ އަތޮޅުގޭ ގޯތިތެރެއަށް ވެންނެވީ އެވެ. އެއަށްފަހު، އެންމެފުރަތަމަ ވާހަކަދެއްކެވީ އަލްފާޟިލް ޢަބުދުﷲ ކަތީބު ކަލޭގެފާނެވެ. ދިވެހިގައުމުގެ ރައީސް ހުވަދުއަތޮޅަށް ޚާއްޞަކޮށް ހަވަރުތިނަދޫއަށް ވަޑައިގަތްކަމުގެ އުފާފާޅުކުރައްވައި ރައްޔިތުންގެ ނަމުގައި ރައީސަށް މަރުޙަބާއާއި ޝުކުރު އަރިސްކުރެއްވި އެވެ.


        އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ކަތީބު ކަލޭގެފާނު

ދެން ވާހަކަފުޅުދެއްކެވީ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ރައީސްގެ ވާހަކަފުޅުދެއްކެވުމުގައި ރައްޔިތުންނަށް ނަޞޭހަތްދެއްވި އެވެ. އޭގެތެރޭ ދީން، އެކުވެރިކަން، ސިޙުރު، މަސްވެރިކަން، ގޮވާންކުރުން، ކާބޯތަކެތީގެ އަގު ބޮޑުވަމުންދާކަން، ތަޢުލީމު، ޞިއްޙަތު، މި މަވްޟޫޢުތަކުގެ މައްޗަށް ޚާއްޞަބާރެއް ލެއްވި އެވެ. އެއަށްފަހު، މަރުޙަބާގެ އެ ޙަފުލާ ނިމުނީ އެވެ.

އެ ދުވަހު ހުކުރުގެ ފަހުން ރައީސް ފުރާވަޑައިގަތީ ރަށްވެހިކަމުގެ ގޮތުން ހުވަދުއަތޮޅުގެ ރަށްރަށުގައި ކޮށްފައިވާ މަސައްކަތްތައް ބައްލަވައި އިންޞާފުކުރެއްވުމަށްޓަކައި ކޮލަމާފުށި، ވިލިގިލި، މާމެންދޫ ނޫން އެހެން ރަށްރަށަށެވެ. އެއީ ހަވަރުތިނަދުއަށް ވަޑައިގަތުމުގެ ކުރިން އެ ރަށްރަށަށް ވަޑައިގެންފައި ވުމުންނެވެ. ރަށްވެހިކަމުގެ މަސައްކަތަށް އިންޞާފުކުރެއްވި ފަނޑިޔާރުންނަކީ، އަލްއަމީރު މުޙައްމަދު އަމީން، އަލްފާޟިލް ޢަލީ ނަޖީބު، އަލްފާޟިލް ބޮނޑިބަތް ދޮންތުއްތު، އަލްފާޟިލް މުޙައްމަދު ޒާހިރެވެ. ހަވަރުތިނަދޫން ފުރާވަޑައިގެން އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެނބުރި ހަވަރުތިނަދޫއަށް ވަޑައިގަތީ 24 މާރޗް 1953މ. (9/7/1372ހ.) ދުވަހު އެވެ.

24 މާރޗް 1953މ. ދުވަހުގެ ރޭ 8 ޖެހިއިރު ހަވަރުތިނަދޫ މަދަރުސަތުއް ސުބުލައްސަލާމްގައި ޖަލްސާއެއް އޮތެވެ. މި ޖަލްސާގައި ރައީސް އަލްއަމީރު މުޙައްމަދު އަމީނާއި ރައީސް އަރިހުގައި ވަޑައިގަތް ބޭފުޅުންގެ އިތުރަށް ހުވަދުއަތޮޅު ރަށްރަށުގެ ބޮޑުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭ ހަވަރުތިނަދޫ މޫސާ ހިރިހަމައިދި ކަލޭގެފާނު، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު، ދެއްވަދޫ ކަތީބު ޢަލިދީދީ، ހަވަރުތިނަދޫ މުޙައްމަދު ޖަމީލު ކަލޭގެފާނު، ކޮލަމާފުށީ މުޙައްމަދު ސަޢީދު ކަތީބު، ހަވަރުތިނަދޫ އަބޫބަކުރު ކަތީބު ކަލޭގެފާނު، ހަވަރުތިނަދޫ އައްޝައިޚު ޔޫސުފު ޞިދުގީ، ވާދޫ ގެދަރު ޢަލިމަނިކު، ވިލިގިލީ ތުއްތުކަތީބު، ހަވަރުތިނަދޫ އާދަމް ފަތުޙީ، ނިލަންދޫ އަޙުމަދު ތަކުރުފާނު، ވާދޫ ތުއްތުކަތީބު، ހަވަރުތިނަދޫ އަސޭ ދޮންކަލޭގެފާނު، މާމެންދޫ އާދަމް ނަފީސް، ވިލިގިލީ މުދިމް ކަލޭގެފާނު، މާމެންދޫ މުޙައްމަދު ކަލޭގެފާނު، ކޮލަމާފުށީ އިސްމާޢީލް ކަތީބު، ހަވަރުތިނަދޫ ޙުސައިން ކަލޭގެފާނު، ފިޔޯރީ ކަތީބު އަޙުމަދު ޙުސައިންދީދީ، ގައްދޫ ކަތީބު ޙުސައިންމަނިކު، ގެމަނަފުށީ ޙަސަން ކަތީބު، ހަވަރުތިނަދޫ މުދިމް ޙުސައިން ތަކުރުފާނު، ހަވަރުތިނަދޫ މާލިއްޔާ ޢަލިކަލޭގެފާނު، ހަވަރުތިނަދޫ ޢަބުދުﷲ ނާޞިރު ކަލޭގެފާނު، ހަވަރުތިނަދޫ ކުޑަކަތީބު ގާސިމް ރަޝާދު، ހަވަރުތިނަދޫ މުޙައްމަދު ސަޢީދު ކަތީބު، ހަވަރުތިނަދޫ އޯކިޑްމާގޭ އިބްރާހީމް ޝިހާބު، ނިލަންދޫ ޢަލީ، ފިޔޯރީ މުޙައްމަދު ކަތީބު، ހަވަރުތިނަދޫ ނާއިބު އިސްމާޢީލްދީދީ، ހަވަރުތިނަދޫ ކަތީބު ޙުސައިން މުޙައްމަދުދީދީ، ހަވަރުތިނަދޫ ކަތީބު ޙަސަން ޙިލްމީ، އަދި މިނޫން ވެސް ވަރަށްގިނަ ބޭފުޅުން ތިއްބެވޫ އެވެ.


ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ވީރު ޢަލިދީދީ އާއި އަނބިކަނބަލުން އާމިނަތު ޙުސައިން(ތުއްތުކަމަނަ)އާއި ދަރިކަލުން އަޙުމަދުދީދީ

ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ވީރު ޢަލިދީދީ އަވަހާރަވެފައިވާތީ، އަތޮޅުވެރިޔަކު ހަމަޖެއްސުމުގެ ކަންތައް މި ޖަލްސާގައި އޮތެވެ. މިކަމާމެދު ރައީސް އަލްއަމީރު މުޙައްމަދު އަމީނަށް ފެނިވަޑައިގަންނަވަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބައްލަވާއިރު އަތޮޅުވެރިކަން މިވަގުތު އޮންނަންވީ އަތޮޅުގެ ބޭފުޅަކަށްކަމެވެ. އަދި އެ ބޭފުޅެއްކަމުގައި ހުރިހާގޮތަކުން ވެސް ފެނިވަޑައިގަންނަވަނީ ހަވަރުތިނަދޫ އަލްފާޟިލް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ.

މިހެންވެ، ޖަލްސާގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ އިއްތިފާގުން ފާސްވުމުން ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ހަވަރުތިނަދޫ އަލްފާޟިލް މޫސާ ހިރިހަމައިދި ކަލޭގެފާނަށް، އަދި ހުވަދުއަތޮޅުގެ އަތޮޅުވެރިޔާގެ ނާއިބުކަން ގައްދޫ އަލްފާޟިލް އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނަށް ދެއްވޫ އެވެ.

މި ޖަލްސާގައި ކޮޅުނބަށް ދާ އޮޑިފަހަރުގެ މައްސަލަ ހަމަޖެއްސުން ވެސް އޮތެވެ. ނިމުނުގޮތަކީ، ކޮޅުނބަށްދާ އޮޑީގެ ފަޅުވެރިން ނުވަތަ އޮޑީގެމީހަކު ސިލޯނުގެ ސަރުކާރުގެ ގަވަޢިދާޚިލާފަށް ކަމެއްކޮށްފިނަމަ، އޮޑީގެ ވެރިޔެއްގެގޮތުގައި ދިޔަ މީހަކާއި އޮޑީގެ މާލިމީގެ އިތުރަށް އެކަމެއްކުޅަ މީހަކަށް ވަރަށްބޮޑު އަދަބުލިބި އަދި ކޮޅުނބަށްދިޔުން މަނާކުރުމަށެވެ.

ދެން އޮތީ، ފައިފަލަބަލި ޖެހިފައިވާ މީހުންނާމެދު ނިންމެވި ނިންމެވުންތަކެވެ. މީގެތެރޭ އެހާރަށް ކަމުދިޔަ ނަމަވެސް، މިހާރަށް ވެސް އަދި އަންނަންއޮތް ހާރަށް ވެސް ކަމުނުދާނޭކަމަށް ގިނަބަޔަކަށް ގަބޫލުކުރެވޭނޭ ނިންމެވުމެއް އެބަ ވެ އެވެ. އެއީ، ފައިފަލަބަލި ޖެހިފައިވާ އެއްވެސްމީހަކަށް މީހަކާއި އިނުމުގެ ހުއްދަ ނުދިނުމަށް ނިންމެވުމެވެ. ހިތާމަހުރި ދެރަކަމެކެވެ. މީގެއިތުރަށް އޭގެ މީހަކަށް މާލެއަށް ވެސް އަދި ކޮޅުނބަށް ވެސް ނުދެވޭނޭގޮތް ހަމަޖެއްސުމަށާއި އެނޫން ބަންދެއް އެ މީހުންނަށް ނޯންނާނެކަން ވެސް ނިންމެވި އެވެ. މި ޖަލްސާގައި އެންމެފަހުގެ ކަމަކަށް އޮތީ ކޮނޑޭ ވަގުންގެ ޝަރީޢަތެވެ.

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު:

25 މާރޗް 1953މ. ދުވަހުގެ ހަވީރު 4 ޖެހިއިރު، ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށްޓަކައި ހަވަރުތިނަދޫ ބޯޅަދަނޑު ވަނީ، ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ. ގަޑިޖެހުމާއެކު، ރައީސް އަދި ވަޒީރުލްއަޢުޡަމް ޞާޙިބުލްފަޚާއްމާ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކުރު ވާހަކަފުޅު ދެއްކެވުމަކަށްފަހު، އިށީނދެވަޑައިގަތީ ޝައިޚު މަލިމް މޫސާ މާފަތްކަލޭގެފާނު އިސްވެ ޞަލަވާތް ކިޔުއްވުމަށް އެދިވަޑައިގެންނެވެ. ދެން މާފަތް ކަލޭގެފާނު ޞަލަވާތްކިޔުއްވައި ނިމުމުން އަލްއަމީރު މުޙައްމަދު އަމީން ތެދުވެވަޑައިގެން މުބާރާތުގެ ނަތީޖާ އިޢުލާންކޮށް ދެއްވި އެވެ.

1-       ގައްދޫ
2-      ހަވަރުތިނަދޫ، ކޮލަމާފުށި، ރަތަފަންދޫ
3-      މާމެންދޫ
4-      ނިލަންދޫ
5-      ވިލިގިލި، ފިޔޯރީ
6-      ނަޑެއްލާ
7-      ހޯޑެއްދޫ
8-      މާތޮޑާ
9-      ފަރެސް، ގެމަނަފުށި
10-   ދިޔަދޫ
11-    ވާދޫ، ދާންދޫ
12-   މަޑަވެލި
13-   ކަޑުހުޅުދޫ
14-   ދެއްވަދޫ
15-   ކޮނޑޭ
ރަށްވެހިކަމުގެ މުބާރާތުން 1 ވަނަ ހޯދި ގައްދޫއަށް ވާދައިގެތަށި ދެއްވީ ރައީސް އަދި ވަޒީރުލްއަޢުޡަމް ޞާޙިބުލްފަޚާއްމާ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ގައްދޫގެ ފަރާތުން ތަށީގައި ހިއްޕެވީ ގައްދޫ ކަތީބު އަލްފާޟިލް ޙުސައިންމަނިކެވެ. މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ހޯދި ރަށްރަށަށްދެއްވީ ސަނަދެވެ.


         ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ދެން އޮތީ ރައީސް އަދި ވަޒީރުލްއަޢުޡަމްގެ ވާހަކަފުޅުދެއްކެވުމެވެ. ރައީސް ވިސްނާވަޑައިގަންނަވާއިރު ރަށްވެހިކަމުގެ ގޮތުން މުޅިރާއްޖެއިން ހުވަދުއަތޮޅު މިހާރު 2 ވަނައަށް އަތުވެއްޖެ އެވެ. އަދި ބައެއްގޮތުން ރައީސް ވިސްނާވަޑައިގަންނަވާއިރު 1 ވަނައަކީ މިހާރު ހުވަދުއަތޮޅެވެ. އެންމެފުރަތަމަ ހުވަދުއަތޮޅަށް ވަޑައިގަތްދުވަހު އަތޮޅުއޮތް ގޮތާއި މިހާރު އަތޮޅަށް އައިސްފައިވާ ބަދަލުތައް ބަޔާންކުރައްވައި މި ބަދަލުތައް ގެންނެވުމުގައި އަތޮޅުގެ ރައްޔިތުން ގޮވައިގެން ހިއްމަތްކުރެއްވި އަތޮޅުވެރިޔާ އަލްމަރުޙޫމް ވީރު ޢަލިދީދީއަށާއި ރަށްރަށުގެ މަގުހެއްދެވުމަށް އުޅުއްވި ކޮމިޓީއަށް ޝުކުރާއި މުބާރިކްބާދީ އަދާކުރެއްވި އެވެ. އަދި ރަށްވެހިކަމުގެ މުބާރާތުން 1 ވަނަ ހޯދި ގައްދޫއަށާއި 2 ވަނަ 3 ވަނަ ހޯދި ރަށްރަށަށް ވެސް ޝުކުރާއި މުބާރިކްބާދީ އަދާކުރެއްވި އެވެ.

ދެން ރައީސް ވާހަކަފުޅު ދެއްކެވީ އަތޮޅުގައި މިހާރު ހިލިގެންއުޅޭ ސިޙުރުގެމައްޗަށެވެ. ރައީސްގެ ވާހަކަފުޅު ދެއްކެވުމަށްފަހު، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި އަންނަބީލާ އާމިނަތު މުޙައްމަދުދީދީ ވެސް ވާހަކަފުޅުދެއްކެވި އެވެ.

ރަށްވެހިކަމުގެ މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޯދި ރަށްރަށުގެ ފަރާތުން ވާހަކަދެއްކެވީ ގައްދޫ ކަތީބު އަލްފާޟިލް ޢަލީ ރުޝްދީ (ގައްދޫ ޢަލިކަލޭގެފާނު)އާއި ހަވަރުތިނަދޫ އަލްފާޟިލް ޢަބުދުﷲ ކަތީބު ކަލޭގެފާނާއި ކޮލަމާފުށީ އަލްފާޟިލް އިސްމާޢީލް ކަތީބާއި ރަތަފަންދޫ އަލްފާޟިލް މުދިމް ކަލޭގެފާނެވެ.

ރަތަފަންދޫ އަލްފާޟިލް މުދިމްކަލޭފާނު އެ ދުވަހު ވާހަކަދެއްކެވީ މާލޭގެ ބަހުރުވަ އެނގިވަޑައިގަތްކަމަށް ވިޔަސް ހުވަދޫ ބަހުރުވައިން އޭނާގެ ޖޯޝީ ރާގުގަ އެވެ. މަރުޙޫމް މުދިމް ކަލޭގެފާނަކީ އޭނާގެ ދުވަސްވަރު ރާއްޖޭގެ ވެރިކަމުގެ އިސް ދާއިރާތަކުގައި ތިއްބެވި ބޭފުޅުންނާއި ގުޅިވަޑައިގަތުން ބޮޑު، އަދި ވާހަކަދެއްކެވުމާއި އުޅުއްވުމުގައި ވެސް ސަމާސާގޮތެއް ގެންގުޅުއްވި ބޭފުޅެކެވެ. އެ ދުވަހު މަރުޙޫމް މުދިމްކަލޭގެފާނު ދެއްކެވިވާހަކަ ނިންމަވާލެއްވީ ސަމާސާ ގޮތެއްގައި "މަގެ ތަޓަޓަސް ޝުކުރިއްޔާ، މަގެ މަރިޔަންދިޔަ ޓަސް ޝުކުރިއްޔާ" ވިދާޅުވަމުންނެވެ. 

("މަގެ ތަޓަޓަސް" އެ މުޚާޠަބްކުރައްވަނީ، މަގޭ ތިބާ (އަލްއަމީރު މުޙައްމަދު އަމީން)އަށެވެ. "މަގެ މަރިޔަންދިޔަ ޓަސް" އެ މުޚާޠަބްކުރައްވަނީ، މުދިމް ކަލޭގެފާނުގެ ދަރިފުޅު (މަރިޔަމް ޝަރީފާ)އަށެވެ. މަރުޙޫމް މުދިމްކަލޭގެފާނު އޭނާގެދަރިފުޅު މަރުޙޫމާ މަރިޔަމް ޝަރީފާއަށް ޝުކުރުއަދާކުރެއްވީ ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މުބާރާތުން ރަތަފަންދޫ 2 ވަނައަށް އައުމުގައި ރަތަފަންދޫގައި ކުރެވިފައިވާ މަސައްކަތުގެތެރޭ އެ މަރުޙޫމާގެ ޙިއްޞާގެ ބޮޑުކަމެވެ.)

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ނިމުނީ އަޑުގަދަކުރާއިން ގައުމީ ސަލާމް އިއްވުމަށްފަހު އެވެ. އެއަށްފަހު ދެން ހިނގަމުންދިޔައީ ދުވަހަށްޓަކައި ރޭވިފައިވާ ކުޅިވަރު ޕްރޮގްރާމްގެ ނަމްބަރުތަކެވެ.

ހަވަރުތިނަދޫ ޢިލްމީ ދުވެލީގެ ކުލަގަދަ ޞަފުޙާ ނިންމާލުމުގެ ކުރިން އެ ޞަފުޙާގައި ޚާއްސަ އިސްކަމެއް ދެވިފައިވާ ހަވަރުތިނަދޫ އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނުގެ އިތުރު ތަޢާރަފާއި ޚިދުމަތުގެ ބައެއްއަލިތައް ދެކެވަޑައިގަތުމަށްޓަކައި އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި ލިޔުއްވާފައިވާ "ނަޞީރުގެ ލިޔުއްވުންތަކުން – ދޭއް" ތިރީގައިވާ ލިންކުން ބައްލަވައިލެއްވުމަކީ ބޭނުންތެރި އަދި އެދެވިގެންވާ ކަމެކެވެ.


މަތިވެރި ﷲ، އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ. އާމީން!
                  ------------------

ޢަބުދުﷲ ޙިލްމީ
16 އޯގަސްޓް 2016މ.

މައިގަނޑު މަޢުލޫމާތު ޙިއްޞާ
އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ (ލިޔުއްވުން)، ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް (ފޮތް)

ފަންނީ އެހީތެރިކަމުގެ ޙިއްޞާ:
އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ގދ. ތިނަދޫ، އަލްފާޟިލާ ރަޝީދާ އިބްރާހީމް އާރު/ގދ. ތިނަދޫ

ފޮޓޯތަކުގެ ޙިއްޞާ:
އަލްމަރުޙޫމް ޢަބުދުލްމުޙުސިން މޫސާ ގަހާކޯޅި/ ގދ. ތިނަދޫ، އަލްފާޟިލް ޢަލީ ޙިލްމީ ހަލަވެލި/ ގދ. ތިނަދޫ، ޙަސަން ޢަބުދުﷲ މަދަރުސާދޮށުގެ/ ތިނަދޫ