ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި - ތިންވަނަ ބައި


ސުލްޠާން މުޢިއްޒުއްދީނާއި ސަންފާ ރަންދިކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީގެ ކައިވެނިފުޅުގެ ސަބަބުން ދިވެހި ގައުމުގައި ގާއިމުވީ ޞުލްޙައާއި ގުޅުންތެރިކަން ދެމެހެއްޓެވުމުގެ ވިސްނުންފުޅަކީ، މުޢިއްޒުއްދީންގެ ފަހަށް ރަސްކަންކުރެއްވި އެ ރަދުންގެ ކޮއްކޯފުޅު ޙަސަން ނޫރައްދީން އައްވަލާއި މިރަދުންގެދަރިކަލުން ސުލްޠާން މުޢީނުއްދީން އައްވަލް ވެސް އިސްކަމެއްދެއްވި އެއްޗެއްކަމަށް ބެލެވިދާނެ ކަންކަމެއް އެބަ ހުއްޓެވެ.

އަދި މީގެ މުހިއްމުދައުރެއް އަދާކުރެއްވިދާނެފަދަ ޚާއްޞަ 3 ޝަޚުޞިއްޔަތެއް ވެސް އެ ބޭފުޅުންގެ ރަސްކަމުގެ ދުވަސްވަރު ވެރިކަމުގެ އިސްފަޑިން ފެނިފައިވެ އެވެ. އެއީ، ޝަހީދުކުޅަ ސުލްޠާން ޣިޔާސުއްދީން ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި ބޮޑުވަޒީރު އިބްރާހީމް ރަންނަބަނޑޭރި މަނިކުފާނާއި ފަނޑިޔާރު އިބްރާހީމް ސިރާޖުއްދީނެވެ.

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު:

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަވަހާރަވީ ދުވަހަކާމެދު ބައެއް ބޭފުޅުންގެ މެދުގައި ޚިލާފުތަކެއް ހުއްޓަސް، ސުލްޠާން ޙަސަން ނޫރައްދީން ދެއްވި ޚާއްޞަ އިމްތިޔާޒުތަކާއި ވަރަށްބޮޑެތި ބާރުތަކާއެކު އެ ރަސްކަމުގެފަހަށް ދެން އައި ސުލްޠާން މުޢީނުއްދީނުގެ ރަސްކަމުގެ ދުވަސްވަރު، ސުލްޠާން މުޢިއްޒުއްދީންގެ ދަރިކަނބަލުން ކަކާގޭ ގޮމާ އަވާހަރަވީއިރު ވެސް ފާމުލަދޭރި ކިލެގެފާނު ދުނިޔޭގައި ހުންނެވިކަމާމެދު އެއްވެސް ޚިލާފެއް ނެތުމާއެކު މިއީވެސް ދިވެހިގައުމުގައި ގާއިމުވީ ޞުލްޙައާއި ގުޅުންތެރިކަން އެ ގޮތުގައި އޮތުމަށް ވަރަށްބޮޑަށް ބާރުލިބޭ މުއްދަތެކެވެ. 

ފާމުލަދޭރި ކިލެގެފާނަށް ސުލްޠާން ޙަސަން ނޫރައްދީން ދެއްވި ޚާއްޞަ އިމްތިޔާޒުތަކާއި ބޮޑެތި ބާރުތަކަކީ ކޮބައިތޯ މިތަނުން ވެސް ބައްލަވައިލެއްވިދާނެ އެވެ.

އިބްރާހީމް ރަންނަބަނޑޭރި މަނިކުފާނު:

އިބްރާހީމް ރަންނަބަނޑޭރި މަނިކުފާނަކީ ސުލްޠާން މުޢިއްޒުއްދީނާއި ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީއާއި ދެ ކަނބަލުންގެ ދަރިކަނބަލުން ކަކާގޭ ގޮމާ (ޢާއިޝާ ކަނބާ ރަނިކިލެގެފާނު)ގެ ފިރިކަލުންނެވެ. މި މަނިކުފާނަކީ ސުލްޠާން މުޢިއްޒުއްދީން ކުރެއްވި ކައިވެނިފުޅުގެ ސަބަބުން ދިވެހިގައުމުގައި ގާއިމުވީ ޞުލްޙައާއި ގުޅުންތެރިކަން ދެމެހެއްޓެވުމުގައި ޚާއްޞަ ދެ ގޮތަކުން ފާހަގަކުރެވިދާނެ ބޭފުޅެކެވެ.     

ފުރަތަމަ ގޮތަކީ، ދިވެހި މަސްރަޙުގައި ހިނގައިދިޔަ (ސުލްޠާން ޣިޔާސުއްދީން ޝަހީދުކުޅައުމުގެ) ކަންކަމާއި ގުޅިގެން ވިޔަސް އަދި އެނޫން ކަންކަމާގުޅިގެން ވިޔަސް ރަންނަބަނޑޭރި މަނިކުފާނުގެ އަނބިކަނބަލުންގެ ބައްޕާފުޅު ސުލްޠާން މުޢިއްޒުއްދީންގެ ވިސްނުންފުޅު ހުރި ނެތްގޮތާއި އެ ރަދުން ބޭނުންފުޅުވާ ކަންކަމަކީ ކޮބައިކަން އެނގިވަޑައިގަތުމެވެ.

ދެވަނަގޮތަކީ، ރަންނަބަނޑޭރި މަނިކުފާނަކީ އޭނާގެ އަނބިކަނބަލުންގެ ބޮޑުބޭބޭފުޅު ސުލްޠާން ޙަސަން ނޫރައްދީން (އައްވަލް)ގެ ރަސްކަމާއި އަދި އެ ރަދުން އަވަހާރަވުމަށް ފަހު ދެން ރަސްކަމަށް ވަޑައިގެންނެވި އެ ރަދުންގެ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްވަލްގެ ރަސްކަމުގައި ރަންނަބަނޑޭރި މަނިކުފާނު އަވަހާރަވުމާ ހަމައަށް ވެސް ދިގު މުއްދަތެއްގައި ހުންނެވި ބޮޑުވަޒީރަށްވީމާ އެ މަނިކުފާނު ގެންގުޅުއްވުން އެކަށޭނަ ވިސްނުންފުޅެވެ. ޚާއްޞަކޮށް ދިވެހިގައުމުގެ ޞުލްޙައާއި ގުޅުންތެރިކަމަށްޓަކަ އެވެ. (ދިވެހިތާރީޚަށް އައު އަލިކަމެއް ޞ. 654)

އިބްރާހީމް ރަންނަބަނޑޭރި މަނިކުފާނު އަވަހާރަވީމާ ދެން ބޮޑުވަޒީރަކަށް ހުންނެވީ އެ މަނިކުފާނުގެ ދަރިކަލުން ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ.

އިބްރާހީމް ސިރާޖުއްދީން:

އިބްރާހީމް ސިރާޖުއްދީނަކީ ހުރާގޭ މުޙައްމަދު މަނިކުފާނު އިސްވެ ހުންނަވައިގެން ޝަހީދުކުޅަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ދައްތާފުޅު ފާޠިމާ ރަނި ކިލެގެފާނުގެ ދަރިކަލެކެވެ. މި މަނިކުފާނަކީ ސުލްޠާން ޙަސަން ނޫރައްދީން އައްވަލްގެ ރަސްކަމުގައި ފަނޑިޔާރަކަށް ހުންނެވި މުއްދަތުގެއިތުރަށް ސުލްޠާން މުޢީނުއްދީން އައްވަލްގެ ރަސްކަމުގައި 25 އަހަރު ވަންދެން ފަނޑިޔާރަކަށް ހުންނަވަނިކޮށް އަވަހާރަވީ ބޭފުޅެއްކަން ދިވެހިތާރީޚުން އެނގެ އެވެ. (ދިވެހިތާރީޚު ޞ. 277، 314)

މިހެންވީމާ، ދިވެހިގައުމުގެ ޞުލްޙައާއި ގުޅުންތެރިކަމަށްޓަކައި ފަނޑިޔާރު ސިރާޖުއްދީން ގެންގުޅުއްވުން ވަރަށްބޮޑަށް އެކަށޭނަ ވިސްނުންފުޅަކީ ވެސް ފާހަގަކުރަން ޖެހޭ ކަމެކެވެ.

ވިސްނެވުން އެދެވިގެންވެ އެވެ.

ސުލްޠާން ޣިޔާސުއްދީން ޝަހީދުކުޅައިރު، ދިވެހިރަސްކަމުގެ ނަމެއްގައި ހުންނެވިކަމަށް ބެލެވޭ ސުލްޠާން މުޢިއްޒުއްދީންގެ ދަރިކަނބަލުން ކަކާގޭ ގޮމާ (ޢާއިޝާ ކަނބާ ރަނިކިލެގެފާނު) އަވަހާރަވީ އެ ކަމަނާއާއި ދެބެންގެ ދެދަރި ސުލްޠާން މުޢީނުއްދީން އައްވަލްގެ ރަސްކަމުގެ ދުވަސްވަރު އެވެ. އޭރު ސުލްޠާން މުޢީނުއްދީން އައްވަލަކީ އެ ކަމަނާގެ ޝަރުޢީ އަދި ގާނޫނީ ބެލެނިވެރިޔާ އެވެ.

ކަކާގޭ ގޮމާ އަވަހާރަވެ އެ ކަމަނާ ފަސްދާނުލެއްވި ތަނުގެގޮތުން ވެސް ރަމްޒުކޮށްދީފައި އެ ވަނީ ސުލްޠާން މުޢިއްޒުއްދީންގެ ވިސްނުންފުޅުގައި އިސްކަން ދެއްވިކަމަށް ބެލެވިދާނޭ ދިވެހިގައުމުގެ ޞުލްޙަ މަސަލަސްކަމެވެ. ގުޅުންތެރިކަމާއި އޮމާންކަމެވެ. މިއީ ގަބޫލުކުރެވޭ ކަމެކެވެ. އެހެނީ އެ ކަމަނާ އެ ތަނެއްގެތެރޭ ދަތި ޖާގައެއްގައި ފަސްދާނުލެވިފައިވާ ދިޔަމިގިލީރަދުންގެ ޒިޔާރަތް ފިޔަވައި އެ ކަމަނާގެ ކާފާފުޅު އަދި ސުލްޠާން މުޢީނުއްދީން އައްވަލްގެ ވެސް ކާފާފުޅު ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ މަހާނަފުޅާއި ޖެހިގެން ހުޅަނގުފަރާތުގައި ވެސް އެ ކަމަނާ ފަސްދާނުލެއްވިދާނޭ ޖާގައާއި އިންތިޒާމު ހަމަޖެހެން އެ ދުވަސްވަރު އޮތްއިރު އެ ކަން ނުކުރައްވައި ސުލްޠާން ޣިޔާސުއްދީންގެ ކާފާފުޅުގެ މަހާނަފުޅާއި ޖެހިގެން އެ ކަމަނާ ފަސްދާނުލެއްވީ ދިވެހި ގައުމުގެ ޞުލްޙައާއި މަސަލަސްކަމާއި ގުޅުންތެރިކަމާއި އޮމާންކަން ރަމްޒުކޮށްދޭ ވަރުގަދަ މެސެޖެއްގެގޮތުން ކަމަށް އެތައްގޮތަކުން ގަބޫލުކުރެވިދާނެ އެވެ.

ސުލްޠާން ޣިޔާސުއްދީންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެތެރޭ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ފަސްދާނުލައްވާފައިވަނީ ޒިޔާރަތުގެ ހުޅަނގުފާރާއި ގާތުން އެތެރޭގަ އެވެ. ކަކާގޭ ގޮމާ އަވަހާރަވީއިރު މި ޒިޔާރަތުގެ ހުޅަނގަށް އެކަށީގެންވާ ޖާގައޮތްކަން މިހާރު އެ ތަނުންފެންނަ މަހާނަތައް ބަލައިލުމުން ވެސް އެނގެ އެވެ.


ކޮންމެއަކަސް ހިނގި ކަންކަމެއް ހިނގި ގޮތަކަށް އެ ވަނީ ހިނގައި ނިމިފަ އެވެ. ރަނގަޅަސް ނުބަޔަސް އަދި އެ ގޮތަށް އެ ކަންކަން ހިނގުމަށް ބޭނުންވިޔަސް ނުވިޔަސް އެވެ. ދެން އޮތީ އެ ކަންކަމުން ލިބިގަނެވޭ ޢިބްރަތެއް އޮތްނަމަ އެ ހޯދުމެވެ. އެ ކަމަށް ބޭނުންވާމީހެކެވެ. ބަޔެކެވެ.

ތާރީޚަކީ ވެދިޔަތަނަށް ވުމާއެކު ފެންނަންހުރި އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ފައިދާކުރަނިވި ޢިބްރަތެއް ޙާޞިލްވާ ކަމެއް ފެނޭތޯ ބަލައި އެކަމެއް ހާމަކުރުމަކީ ކުރުން އެންމެ ރަނގަޅުކަމެކެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑަށް ވުމުންނެވެ. އެއާއި ޚިލާފަށް އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ގެއްލުންދެނިވި ކަންކަން ހޯދައި ބަލައި އެފަދަ ކަންކަން ހާމަކުރުމަކީ ކުރުން ރަނގަޅު ކަމެއްނޫނެވެ.
            -----------------
ޢަބުދުﷲ ޙިލްމީ
15 ޖުލައި 2016މ.

މަޢުލޫމާތާއި ފަންނީ އެހީތެރިކަމުގެ ޙިއްޞާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން، އަލްފާޟިލް އަޙުމަދު ނާޞިޙު ޢަންބަރީވިލާ ސ.މީދޫ، އަލްފާޟިލް އަޙުމަދު މުޖްތަބާ އުނިސާރިގެ ސ. މީދޫ، ދިވެހިތާރީޚު ފޮތް، ދިވެހިތާރީޚަށް އައު އަލިކަމެއް ފޮތް،