ޚިދުމަތެއްގެ އަގު - 2
ހުޅުލޭ ބޯޓްޔާރޑްގައި މަސައްކަތްކުރި މީހުންނަށް ދިވެހިދައުލަތުން މާފުދެއްވީ، އެއް މައްސަލައެއްގާ އެ މީހުންނާއެކު ވިލިގިލީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ މީހުންނަށްވުރެ މާ ކުރިންކަމަށް ވީތީ، ބޯޓްޔާރޑްގައި މަސައްކަތްކުރި މީހުންނަށް ދިވެހިދައުލަތުން އިސްކަމެއްދެއްވި ނުވަތަ އިސްކަމެއް ދެއްވުން އެކަށޭނަ ކަންކަމާމެދު ބައެއް ފަރާތްތަކުން ވާހަކަދައްކަވަ އެވެ.

އެއްބަޔަކު ދެކެނީ، އެހެންވާން ޖެހުނީ ހުޅުލޭ ބޯޓްޔާރޑްގެ މީހުން އެ މީހުންގެ މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމަށްޓަކައި އެ މީހުން މިނިވަންވުމުގައި އުތުރުގޭ އަލްމަރުޙޫމް ޢަބުދުﷲ ޚަލީލުގެ މެދުވެރިވެވަޑައިގަތުމެއް ވެސް އޮވެގެންކަމަށެވެ. 


އަނެއްބަޔަކު ދެކެނީ، އެފަދަ ދައުރެއް މަރުޙޫމް ޢަބުދުﷲ ޚަލީލު އަދާކުރެއްވި ނަމަވެސް އެގޮތަށް ކަން ހިނގާނެކަމަށް ބެލެވިދާނެ އެންމެބޮޑު ސަބަބަކީ، ބޯޓްޔާރޑްގައި މަސައްކަތްކުރަމުން ގެންދިޔަ ބަންދުމީހުންގެ ބަންދަށް ލުޔެއް ވިޔަސް، ނޫނީ ބަންދުން ދޫކޮށްލެއްވުން ވިޔަސް، މިއިން އެއްވެސްކަމެއް ކޮށްދެއްވެން ހުރި ބޭފުޅަކީ އެ ދުވަސްވަރުގެ ވަޒީރުލްއަޢުޡަމަށް ވެފައި އެހާތަނަށް އައިއިރު އެ މަނިކުފާނަކީ ވެސް ބޯޓްޔާރޑްގެ މީހުން ރަނގަޅަށް ދެނެވަޑައިގަންނަވާނޭ އަދި އެ މީހުންނަށް "ޚާއްޞަ" އިސްކަމެއް ދެއްވުން އެކަށޭނަ ބޭފުޅަކަށް ވުމެވެ.

މިގޮތުން ފާހަގަކުރެވޭ ކަމަކީ، ހުޅުލޭ ބޯޓްޔާރޑްގެ ގާތްގަނޑަކަށް އެ އެންމެންނަކީ، ދުރުނޫން މާޒީއެއްގައި ދިވެހިދައުލަތާއި އިދިކޮޅަށް ދެކުނުގެ 4 އަތޮޅުގައި ހިންގި ޙަރަކާތާއި ނުވަތަ ބަޣާވާތެއް ވިޔަސް އެ ކަމަކާއި ގުޅިގެން ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުށްވެރީންގެ ގޮތުގައި ގެނައި ބަޔަކަށްވެފައި، އެ ގެނައުމާއި އަދި ޝަރުޢީ ޙުކުމުގެކުރިން ތަޙުގީގީ މަރުޙަލާގައި ވެސް އޭގެތެރޭ ގިނަ ބަޔަކަށް އިންސާނީ ކަރާމަތާއި ޚިލާފު ކަންކަމެއް ތަޙައްމަލުކުރެވިފައިވާ އިރު މިއިން އެއްވެސް ކަމަކާއި ގުޅިގެން އޭގެތެރޭ އެއްވެސް މީހަކު ވަޒީރުއްއަޢުޡަމްގެ ހަށިކޮޅަށް ނުވަތަ ފުރާނަފުޅަށް އެއްވެސް ގެއްލުމެއްދިނުމަށް ބޭނުންނުވާކަން ސީދާ ވަޒީރުލްއަޢުޡަމަށް ކަށަވަރުވެ ވަޑައިގަތުމެވެ. ކޮންމެހެން އެ ވާހަކަ މީހަކު ދެންނެވުމަކުން ނޫނެވެ. ކަށަވަރުވެ ވަޑައިގަތް ކަންކަމެއް ހުރިގޮތެއްގައި ހުރެގެންނެވެ.

މި ކަށަވަރުކަން އެ މަނިކުފާނަށް ލިބިވަޑައިގަތުން އެކަށޭނަކަމަކީ، ހުޅުލޭ ބޯޓްޔާރޑްގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައިލައްވައި އެކަމާބެހޭ އިރުޝާދެއްދެއްވަން އޮތްނަމަ އެ ކަމެއް ވެސް ކުރެއްވުމަށްޓަކައި ބޯޓްޔާރޑްގައި މަސައްކަތްކުރާ މީހުންގެ ތެރޭ އެ މަނިކުފާނު އެތައްދުވަހަކު އުޅުއްވާފައިވާ އިރު، ބޯޓްޔާރޑްގެ އެއްވެސްމީހެއްގެ ފަރާތުން އެއްވެސްކަހަލަ ނުކިޔަމަންތެރިކަމެއް ގޯނާއެއް އެ މަނިކުފާނަށް ފެނިވަޑައިގެންފައި ނެތުމެވެ.

ހުޅުލޭ ބޯޓްޔާރޑަށް ގެނައިގޮތަށް ހިނގާނޭގޮތެއް ނުވެ މަސައްކަތްނުކުރެވި ހުރި ބޮޑުކީސް ހިންގުމަށް މިސްޓަރ ސޯންޑާރޒްއާއި އައްޑުއަތޮޅު ގަމުން އައި ބޭރުމީހަކާއި އަދި އިނގިރޭސި ވިލާތުން އައި މީހަކަށް ވެސް އެކަން ނުވެފައި ވަނިކޮށް ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ވަޑައިގެން އެ ކީސް ރަނގަޅުކުރުމުގެ މަސައްކަތްޕުޅު ކުރެއްވީ ވެސް ބޯޓްޔާރޑް މީހުންގެ ތެރޭ ހުންނަވައިގެންނެވެ. މި ކީސް ރަނގަޅުކުރެއްވި ވާހަކަ ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގާ ފޮތުގައި ވެސް ލިޔެފައިވެ އެވެ.

ހުޅުލެއަށް ވަޑައިގެން ބޯޓްޔާރޑްގެ މީހުންގެ ތެރޭ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ހުންނެވި އެއްވެސް ދުވަހެއްގައި އެ މަނިކުފާނުގެ ހަށިފާރަވެރިއެއް ނޫނީ އެއްވެސް ސެކިއުރިޓީއެއް ނުގެންދަވަ އެވެ. އަދި ބޯޓްޔާރޑްގެ މީހުންގެ ތެރޭ ހުންނަވަނީ ވެސް އެ މީހުންގެ އަތުގައި އެ މަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާކުރެވޭ ވަރުގެ ތޫނު އާލާތްތައް އެ ވަގުތެއްގައި ވެސް ހުންނައިރު އެވެ. މިއީ އޭރުއްސުރެ އަދި މިހާތަނަށް ވެސް ދިވެހިސަރުކާރާއި އިދިކޮޅު ޙަރަކާތްތަކެއް ހިންގިކަމަށް އެ ސަރުކާރަކަށް ބެލެވިގެން އެއާއި ގުޅޭ ބަންދެއްގައިވާ ގިނަބަޔަކާއި އެ ސަރުކާރެއްގެ އިސް ވެރިޔާއާއި ދެމެދު ކަންކަން ހިނގާފައިވާ ގޮތެއްނޫނެވެ. ކުރިއަށްއޮތް ތާނގައި ވެސް މިގޮތަށް ކަން ހިނގުމަކީ ނާދިރުކަމެކެވެ.

ހުޅުލޭ ބޯޓްޔާރޑްގެ މީހުންގެ ފަރާތުން ފާހަގަކުރެވޭ އަނެއްކަމަކީ ކުރަންޖެހޭ މަސައްކަތުގައި އެ މީހުންބެހެއްޓި ފަރުވާތެރިކަމާއި ދިވެހިދައުލަތަށް އެ މީހުން ދެމުން ގެންދިޔަ އެހީތެރިކަމެކެވެ. އެ ހިނދަށް ދައުލަތަށް ބޭނުންފުޅުވީ ސިފައެއްގައި ބޭނުންފުޅުވީ ގޮތަކަށް ބޭނުންފުޅުވީ ވަގުތެއްގަ އެވެ. އެ ދުވަސްވަރަކީ، ދިވެހިދައުލަތާއި އިނގިރޭސިންނާ ދެމެދު ދެބަސްވުންތަކާއި ހަމަނުޖެހުން އޮވެފައި އޮމާންކަން ކުޑަ ދުވަސްވަރެކެވެ. މިހެންވުމުން އިނގިރޭސީން ހުޅުލޭގައި ރަންވޭއެއް ހެދުމަކީ ވެސް ދިވެހިދައުލަތުން އެ ދުވަސްވަރު ތަރުޙީބުދެއްވި ކަމެއްނޫނެވެ. މިހެންވުމުން ދެން ވާންވީގޮތެއް ވެސް ވަނީ ވެފަ އެވެ. މިއީ އޭގެ މަޢުލޫމާތުކޮޅެއް ބޭނުންވާނަމަ އެ މަޢުލޫމާތެއް ހޯދުމުގެ ފުރުޞަތު އޮތް ކަމެކެވެ. ހުޅުލޭ ބޯޓްޔާރޑްގައި އެ ދުވަސްވަރު މަސައްކަތްކުރެއްވި ފަރާތްތަކެއް ވެސް އަދި ދުނިޔޭގައި ހެޔޮ ޙާލުގައި އެ ތިއްބެވީ އެވެ.

ހުޅުލޭ ބޯޓްޔާރޑްގައި ބަންނަން ފަށާފައިވާ 6 ބޯޓް ބަނދެ ނިމުމުން އެ ބޯޓްތައް ބަނުމުގެ މަސައްކަތްކުރި ބަންދުމީހުންގެ ކުށަށް މާފުކުރައްވައި ދޫކޮށްލެއްވުމަށް ދިވެހިދައުލަތުން ނިންމަވާފައިވާތީ މިކަން ކުރިއަށްދިޔައީ، ބޯޓްތައް ނިމޭ ތަރުތީބުން އެ ބޯޓެއްގެ މަސައްކަތްކުރި ބަޔަކަށް މާފާއި ޢިނާޔަތްދެއްވާ ގޮތަށެވެ. ދޫކޮށްލައްވާ މީހުން ވުޒާރަތުއްދާޚިލިއްޔާއަށް ގެންނަވައި ވަޒީރުއްދާޚިލިއްޔާގެ ނާއިބުގެ ބަދަލުގައި ހުންނެވި އަލްއުސްތާޛު ނތ. ޙަސަންދީދީ އާއި އައްޝައިޚު މުޙައްމަދު ޖަމީލު އުއްތަމަފަނޑިޔާރު މަނިކުފާނުގެ ޙާޟިރުގައި މިމީހުންނަށް ދައުލަތުން މާފުދެއްވައި މިނިވަންކުރެއްވި ކަމަށް އަންގަވަނީ އަލްއުސްތާޛު ނތ. ޙަސަންދީދީ އެވެ. ދެން އުއްތަމަފަނޑިޔާރު މަނިކުފާނު މިމީހުންނަށް ނަޞޭޙަތްދެއްވަނީ އެވެ. 

އޭގެފަހުން އެ މީހުންނަށް އަންގަވަނީ، ބޯޓްޔާރޑްގައި 5 އަހަރުދުވަސް ވަންދެން (އުޖޫރައަށް) މަސައްކަތްކުރުމަށް އެ މީހުން އެއްބަސްވެ ވުޒާރަތުއްދާޚިލިއްޔާގައި ސޮއިކޮށްފައިވާތީ މާދަމާއިން ފެށިގެން އެއާއި އެއްގޮތަށް ބޯޓްޔާރޑްގެ މަސައްކަތުގައި ބައިވެރިވުމަށެވެ. މިކަން މިގޮތަށް އޮތް އިރު އެ ދުވަސްވަރަކީ ވެސް ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާތައް ލިބުމުގައި ދަތިކަމެއް ތަޙައްމަލުކުރަން ޖެހުނު ދުވަސްވަރެކެވެ.

07 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ ސުލައިމާނުގެ ޢަލިފުތު
2- ހަވަރުތިނަދޫ ޙަސަންފުތުގެ މުޙައްމަދު ރުޝްދީ
3- ހަވަރުތިނަދޫ ދޮންމަރިޔަމްގެ ޢަލިފުޅު
4- ކޮނޑޭ ޢަބުދުލްޙަކީމް ޙަސަންދީދީ
5- ހަވަރުތިނަދޫ ބިހުގޭ މުޙައްމަދު ވަޙީދު
6- ދިޔަދޫ މުޙައްމަދުދީދީގެ ކަޅުތުއްތު
7- ހަވަރުތިނަދޫ ދޮންފުތުގެ ދޮންކަލޯ

10 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ އަބޫބަކުރު ކަތީބު ކަލޭގެފާނުގެ މުޙައްމަދު ޖަމީލު
2- ހަވަރުތިނަދޫ އަޙުމަދުފުތުގެ ދޮންމުޙައްމަދު
3- ރަތަފަންދޫ ރައްކަލުބެއްޔާގެ ޒުހައިރު
4- ތ. ގުރައިދޫ ޢީސާގެ އިސްމާޢީލް
5- ދާންދޫ މުޙައްމަދުގެ ޢަބުދުލްޙަމީދު
6- ވިލިގިލީ އަހަންމާކަލޯ

11 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ އަބޫބަކުރު މޫސާ
2- ހަވަރުތިނަދޫ ބީރު ޔޫސުފު
3- ފަރެހު މުދިމް އިސްމާޢީލްގެ ޢަބުދުލްކަރީމު
4- ހަވަރުތިނަދޫ ގާސިމް ޙަސަން
5- ވާދޫ އަޙުމަދުދީދީގެ ޢަބުދުލްޢަޒީޒު
6- ފަރެހު ޢަލީ ޒާހިރު
7- ހަވަރުތިނަދޫ ޢަބުދުﷲ ސަޢީދު
8- ހަވަރުތިނަދޫ މަރިޔާގެ ޢަލިފުތު

12 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ މުޙައްމަދު ކަލޭގެފާނުގެ ޢަބުދުﷲ
2- ހަވަރުތިނަދޫ ރައްކަލުބެއްޔާގެ ޢަލިފުތު
3- ހަވަރުތިނަދޫ ބިހުގޭ އަޙުމަދު ވަޙީދު
4- ހަވަރުތިނަދޫ ޙަސަންބޭގެ ޝާކިރު
5- މަޑަވެލީ މުޙައްމަދު ޔޫސުފު
6- މަޑަވެލީ ދޮންކަލޯގެ ޢަބުދުﷲ
7- ގެމަނަފުށީ ދޮންބެއްޔާގެ ރެކިފުތު
8- ފިޔޯރީ އިބްރާހީމް ތައްޚާނުގެ ޢަލިދީދީ

13 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ދިޔަދޫ ޢަލިދީދީ ޙަސަންދީދީ (ޙަސަންފުތު)
2- ދިޔަދޫ (ޢަލިދީދީ)
3- ހަވަރުތިނަދޫ ފާޠިމާދައިތަގެ ޙަސަންފުތު
4- ހަވަރުތިނަދޫ ސިއްކަ ޢަބުދުﷲ
5- ދިޔަދޫ މުޙައްމަދު މުނީރު (މުޙައްމަދު ކަތީބު)
6- ދެއްވަދޫ ޢަބުދުﷲ ސަލީމު
7- ދާންދޫ ޢަބުދުﷲ ސަޢީދު
8- ގއ. (؟) ކުޑަދިޔަގެ އިބްރާހީމް

14 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ ކުޑަ ތަކުރުފާނުގެ ދޮންތަކުރުފާނު
2- ހަވަރުތިނަދޫ ފުތާގެ މުޙައްމަދު
3- ހަވަރުތިނަދޫ ބޭސް ޙުސައިންތައްޚާނު
4- ހަވަރުތިނަދޫ ތުއްތުބެއްޔާގެ މުޙައްމަދުދީދީ
5- ދާންދޫ އާދަމްބެއްޔާގެ ޢަލީ
6- ދާންދޫ ތައްޚާނު
7- ކޮލަމާފުށީ ޢަލީގެ އިބްރާހީމް
8- ދާންދޫ އަޙުމަދު ޒާހިރު (ކުޑަކުއްޖާގެ ފުތާގެ އަޙުމަދު)

15 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ހަވަރުތިނަދޫ ރެއްކާބެއްޔާގެ ފުތާގެ ޢަލިފުތު
2- ހަވަރުތިނަދޫ ޙުސައިން ޢަފީފު
3- ހަވަރުތިނަދޫ އާދަމް ކަމާލު
4- ކޮލަމާފުށީ ބެއްޔާގެ އިސްމާޢީލް
5- ހަވަރުތިނަދޫ ދޮންކަލޯގެ ޢަލީ
6- ގެމަނަފުށީ ކުޑަމީހާގެ މުޙައްމަދުމަނިކު
7- ދިޔަދޫ ޢަލިދީދީގެ ޙަސަންދީދީ
8- މާމެންދޫ ދޮންޢަލިތަކުރުފާނު

17 އޮގަސްޓް 1963މ. ގައި މާފުދެއްވި ބޯޓްޔާރޑް މީހުން:

1- ސ. ހިތަދޫ ތުއްތުދީދީގެ އަޙުމަދުދީދީ
2- މަޑަވެލީ މުލަކު ދޮންފުތުގެ ޢަލިފުތު
3- މަޑަވެލީ ކަތީބުގޭ ތުއްތު

ނޯޓެއް: 
މީހުންގެ ނަންތައް ލިޔެފައިވަނީ "ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގާގޮތް" މި ފޮތުގައި މީހުންގެ ނަންތައް ލިޔެފައިވާ ގޮތަށެވެ.

ޖަލުމީހުން ބޯޓްޔާރޑްގައި މަސައްކަތްކުރުމަށް ސޮއިކުރި އެގްރީމެންޓްގެ ޢިބާރާތް:

"އަޅުގަނޑު .......... އެއްވެސްފަރާތެއްގެ ގަދަދެއްކުމެއް ބާރުވެރިކަމަކާއި ނުލައި ދައުލަތުގައި މިދަންނަވަނީ އަޅުގަޑަށް ދައުލަތުން މަޢާފުދެއްވުމަށްފަހު، މައިޓްކުންފުނީގެ ބޯޓްޔާރޑްގައި އަޅުގަޑަށްވެވުނު އެންމެ ރަގަޅަކަށް ބޯޓްޔާރޑްގެ މަސައްކަތް 5 (ފަހެއް) އަހަރުވަންދެން އެދުވަސްވަރެއްގައި ސަރުކާރު ގަބޫލުކުރާ އެކަށީގެންވާ މުސާރައަކަށް ކުރުމަށް އެއްބަސް ވެއްޖައީމެވެ. އަދި މިމުއްދަތުގެތެރޭގައި ބޯޓްޔާރޑްގެ މަސައްކަތް ފިޔަވައި އަމިއްލަ އެއްވެސް މަސައްކަތެއް އަމިއްލަ އާމްދަނީއެއް ލިބޭނޭގޮތުގައި މައިޓްކުންފުނީގެ ހުއްދައެއް ލިބިގެންނޫނީ ނުކުރުމަށް އެއްބަސްވެއްޖައީމެވެ."

ގައުމީ ޚިދުމަތުގެ އިނާމަކަށް ރަންބިސް އަޅާ ދޫންޏެއް:  

ހުޅުލޭ ބޯޓްޔާރޑްގައި މަސްބޯޓް ބަނުމުގެ މަސައްކަތްކުރަމުން ދިޔަ ދިހަ، ބާރަ، ފަނަރަ އަހަރުގެ ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުން ދިޔަ ބަޔަކު އެ މީހުންގެ މުޅި ބަންދުގައި ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްވީތަނާ ދިވެހިދައުލަތުން އެބައިމީހުންނަށް މާފުދެއްވައި މިނިވަންކުރެއްވުމުގެ އިތުރަށް އެއިން ކޮންމެމީހަކަށް ވެސް އެ މީހަކު ބޭނުންނަމަ "ރަންބިސް އަޅާ ދޫންޏެއް" ދެއްވި ވާހަކައާއި އޭރު އެ ދޫނި ބޭނުންވި ބަޔަކު ބޭނުންކުރި ނަމަވެސް އޭގެ ބޭނުންނުވާ ބަޔަކު އޭރު ބޭނުން ނުކުރެވުނީތީވެ، އޭގެ ބައެއް މީހުން މިހާރު އެ ކަމާ ވާހަކަދައްކާތީ އަޑުއިވޭ ވާހަކަ ދަންނަވާލެވިފައިވާނެ އެވެ.

މިދެންނެވި ރަންބިސް އަޅާ ދޫންޏަކީ، މާފުދެއްވައި މިނިވަންކުރެއްވި 56 މީހުންގެ ތެރެއިން ކޮންމެމީހަކަށް ހުޅުލެއިން 5000 އަކަފޫޓްގެ ގޯއްޗެއް ދެއްވުމަށް ދިވެހިދައުލަތުން ނިންމަވައި އެ ގޯތި ބޭނުންވާ މީހަކަށް ހުޅުލެއިން ދެއްވި ގޯތި މިހާރު އޮތީ މާލޭގެ ބިމުގައިކަމަށް ވުމެވެ. މިހެންވުމުން މާލޭގެ ބިމުގައިވާ މިކަހަލަ ގޯއްޗަކީ ރަންބިސް އަޅާ ދޫންޏަކަށް ނުވާނަމަ ރަންބިސް ފިޔަވައި އެހެންކަހަލަ ބިހެއް ވެސް އަޅާނޭ ދޫންޏެއް އެއްވެސް ތަނެއްގައި އުޅޭނެބާވަ އެވެ؟!

ދިވެހިގައުމަށް ބޭނުންތެރި ކަމެއްގައި ބަޔަކުކުރި ޚިދުމަތަކަށް މިފަދަ އަގުހުރި އިނާމެއް ދިވެހިދައުލަތުން ދެއްވުމުގެ އިތުރަށް އެ ދުވަސްވަރު ބޯޓްޔާރޑް (އެކޮމަޑޭޝަން)ގައި ރޭގަނޑު ނިދަން ބޭނުންވާ ބަޔަކަށް އެ އިންތިޒާމް ވެސް ހިލޭ ހަމަޖައްސަވައިދެއްވި  އެވެ.

އެ ފަހަރު ގޯތި ބޭނުންވާ މީހުންނަށް ހުޅުލެއިން ގޯތި ދެއްވުމަށްޓަކައި ދައުލަތުގެ މައްސާޙު ގޮވައިގެން 16 އޮގަސްޓް 1963މ. ގައި ވަޒީރުއްދާޚިލިއްޔާގެ ނާއިބުގެ ބަދަލުގައި ހުންނެވި އަލްއުސްތާޛު ނތ. ޙަސަންދީދީ ހުޅުލެއަށް ވަޑައިގަތް ފުރަތަމަ ދުވަހު ވެސް ގޯއްޗަށް އެދިފައިވާ ތަރުތީބުން 5000 އަކަފޫޓްގެ 16 ގޯތި 16 މީހުންނާއި ޙަވާލުކުރެއްވި އެވެ. އަދި އޭގެ ފަހުން ވެސް މިކަން ކުރިއަށް ގޮސްފައިވެ އެވެ. ގޯތި ބޭނުންވާބަޔަކަށް ގޯތި ދެއްވައި ނިމެންދެންނެވެ.

( ހުޅުލޭ އެއަރޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް އިތުރު ބިން ބޭނުންވާތީ ހުޅުލޭގައި ދިރިއުޅޭ އެންމެން މާލެއަށް ބަދަލުކުރައްވަން ދިވެހިދައުލަތުން ނިންމެވުމުން ހުޅުލޭގައި ހުރި އެ މީހުންގެ ގޯތީގެ ބަދަލުގައި މާލޭގެ ބިމުން ގޯތިދެއްވައި އެ އެންމެން މާލެއަށް ގެނެސް ނިމުނީ 6 ޖެނުއަރީ 1978މ. ގަ އެވެ.)

ނިންމާލުން:

މި ލިޔުމުގައި ހުޅުލޭ ބޯޓްޔާރޑާއި ގުޅުންހުރި ބޭނުންތެރި މަޢުލޫމާތުކޮޅެއް ހިމެނިފައިވާނަމަ އެކަމަށް އެންމެބޮޑަށް އެހީތެރިވެދެއްވި ބޭކަލަކީ ހުޅުލޭ ބޯޓްޔާރޑްގައި މަސައްކަތްކުރެއްވި ބޭކަލެއްކަމަށްވާ ތިނަދޫ ގްރާސްމީޑް އަލްފާޟިލް މުޙައްމަދު ރުޝްދީ އެވެ. އޭނާއަކީ ހުޅުލެއިން ގޯއްޗެއް ވެސް ލިބިލައްވައި އެ ތާނގައި އުޅުއްވި ބޭކަލެކެވެ. ރުޝްދީ މަޢުލޫމާތުދެއްވަނީ "ހުޅުލެއިން ގޯތި ލިބުނުއިރު ވެސް އެއަރޕޯޓް ބޮޑުކުރުމަށް ބިން ބޭނުންވާނެތީ، ކޮންމެވެސް ދުވަހަކުން އެ ގޯތި މާލެއަތޮޅުގެ އެހެން ކޮންމެވެސް ރަށަކަށް ވިޔަސް ބަދަލުކުރައްވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި ނަމަވެސް ބަދަލުކުރައްވާނީ ހުޅުލެއާއި ކައިރިން މާލެއަތޮޅުގެ ރަށަކަށްތޯ ނޫނީ މާލެއަށްތޯ އޭރު މިކަން އެނގިނުލައްވާ ކަމަށެވެ. އެކަމަކު އޭގެކުރިން ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރިވުމާއި ގުޅިގެން އެ ރަށަށް ދިރިއުޅުން ބަދަލުކުރެއްވުމަށްޓަކައި ހުޅުލޭގައި އޮތް ގޯތި އެހެންމީހަކަށް ދެއްވީ" އެވެ.

"ދިވެހިގައުމަށް ބަޔަކު ކުރި ނުހަނު ބޭނުންތެރި އިޚްލާޞްތެރި ޚިދުމަތެއްގެ އަގު ވަޒަންކުރައްވައި އޭގެ ކޮންމެމީހަކަށް ދިވެހިދައުލަތުން ދެއްވި އިނާމަކީ ކިހާ އަގުހުރި އެއްޗެއްކަން އެ އިނާމު ލިބުނު ބަޔަކަށް އޭރު ރަނގަޅަށް ނޭނގުނު ނަމަވެސް މިހާރު އެ ކަން އެނގޭކަމަށް އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބި ބަޔަކު ބުނެ އެވެ. އެ އިނާމަކީ އޭގެ ވެރިޔާ ބޭނުންވެއްޖެނަމަ ހާހުން ލައްކައިން ވެސް ރަން ބިސް އަޅާ ދޫންޏެކެވެ."

               ----------------

ޢަބުދުﷲ ޙިލްމީ
08 ޖުލައި 2016މ.


މަޢުލޫމާތާއި ފަންނީ އެހީތެރިކަމުގެ ޙިއްޞާ:
އަލްފާޟިލް މުޙައްމަދު ރުޝްދީ ގްރާސްމީޑް/ ތިނަދޫ، އަލްފާޟިލް މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ، އަލްފާޟިލް ޢަލީ ސުލައިމާން އަލިހަނދުވަރުގެ/ ތިނަދޫ، ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް (ފޮތް)، ގަރުނުފޮތް،