ޒިޔާރަތަކަށް ކުރި ޒިޔާރަތެއްގެ ދިރާސާ – ފުރަތަމަ ބައި


ޒިޔާރަތަކަށް ކުރި ޒިޔާރަތަކާއި ގުޅިގެން ދިރާސާއެއް ކުރަން ޖެހުނެވެ. ނުވަތަ ކަމަކާބެހޭ ގޮތުން ހޯދައި ބަލަން ޖެހުނެވެ. އެއީ ދިޔަމިގިލީ ރަދުންގެ ޒިޔާރަތަށް ކުރި ޒިޔާރަތެއްގަ އެވެ.

ހޯދައި ބަލަންޖެހުނީ ދިވެހި ތާރީޚުފޮތުގެ 159 ޞަފުޙާގައި ލިޔެފައިވާ ކަމެއް އޮތީ އެގޮތަށްތޯ ނުވަތަ ނޫންތޯ އެ ކަމެވެ. އެ ޞަފުޙާގައި ލިޔެފައިވާ ގޮތުން 1157 މުޙައްރަމް 27 ބުރާސްފަތި ވިލޭރޭ އިބްރާހީމް ރަސްގެފާނުގެ މައިކަނބަލުން (އާމިނަތު ކަނބައިދި ކިލެގެފާނު) އަވަހާރަވުމުން އެ ކަމަނާ ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުން (އެ ކަމަނާގެ ފިރިކަލުން) ފަސްދާނުލެއްވި ގުއްބުގެ ތެރޭ އެ ރަސްގެފާނުގެ މަހާނަފުޅުގެ ކައިރީގަ އެވެ. ނަމަވެސް ދިޔަމިގިލީ ރަދުން ފަސްދާނުލައްވާފައިވާ ގުއްބު ނުވަތަ ޒިޔާރަތުގެ ތެރޭ އެ ރަސްގެފާނުގެ މަހާނަފުޅުގެ ކައިރިން އެ ކަމަނާގެ މަހާނަފުޅެއް ނުވަތަ މަހާނަގަލެއް މިހާރަކު ނުފެނެ އެވެ. 


މިހެންވެ މިކަންވީގޮތެއް ހޯދޭތޯ އުޅުމުން އަޅުގަނޑަށް ވިސްނުނުގޮތް ދަންނަވައިލުމުގެ ކުރިން އެހެން ވާހަކައެއް ދަންނަވައިލިއްޔާ ކީއްތޯ އެވެ. ކަންކަން ބަލައި ހޯދާނަމަ އެ ކަމެއްގެ އެކޮޅުމިކޮޅާއި ކަންވީގޮތެއް ނޫނީ ކަންވުން އެކަށީގެންވާ ގޮތެއް ވިސްނުމަށް ގެނެވޭތޯ އުޅުމަކީ އެންމެރަނގަޅު ކަމެކޭ ހީވާތީ އެވެ.

ދިވެހިތާރީޚު ފޮތަކީ އިންސާނުން ލިޔެފައިވާ އެއްޗެކެވެ. އިންސާނީ އުޞޫލުންނެވެ. ތެދާއި ދޮގާއި ކުށާއި އުނިއިތުރު ވެސް އޭގައި ހުރެދާނެ އެވެ. މިހެންވީމާ އެ ފޮތުގައިވާ ހުރިހާކަމަކީ އަލިފެއްހާ ސީދާ "ތެދު" އެއްޗަކަށް ނުވެ ހިނގައިދާނެ އެވެ. އެއީ އެ ފޮތުގައި ލިޔުނުބަޔަކު ލިޔެފައިވާ ހުރިހާ ވާހަކައަކީ އެ ބަޔެއްގެ ލޮލަށް އެ ކަންކަން ސީދާ ފެނިފައިވާ ކަންކަމަކަށް ވެސް ނުވާތީ އެވެ. މިހެންވީމާ ދޫދޫމަތިން ނަގުލުވެފައިވާ ވާހަކަ ވެސް އޭގައި ހުންނާނެ އެވެ. އެއަށްވުރެ ވެސް ބޮޑަށް އެއިރެއްގެ ވެރިކަމުގެ އިސް ފަރާތްޕުޅުން ޖެއްސުވި ކުލައެއް އޭގައި ހުންނާނެކަމީ ގަބޫލުކުރަންޖެހޭ ކަމެކެވެ. މިކަންކަން މިގޮތަށް އޮތުމުން ކަންކަމުގެ އެކޮޅުމިކޮޅާއި ވީނުވީ ހޯދާނަމަ އިތުރު ހޯދުންތައް ހޯދައި އިތުރު ބެލުންތައް ބަލަންޖެހެނީ އެވެ. އެކަހަލަ ކަންކަމާއި އެނޫން ވެސް ކަންކަމާހުރެ އެވެ.

މިދެންނެވި އެއްޗެއްގެ މިސާލެކެވެ. ދިވެހިތާރީޚު ފޮތުގެ 147ވަނަ ޞަފުޙާގައިވާ ގޮތުން ޢަލީ ފާށަނާކިލެގެފާނު (ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން)އަކީ އިބްރާހީމް ރަސްގެފާނާއި އެއްބަފާ ބޭފުޅެކެވެ. އެ ފޮތުގެ 153ވަނަ ޞަފުޙާގައިވަނީ އެއީ އެއްބަނޑު އެއްބަފާ ބޭފުޅެއްކަމަށެވެ. އޭގެފަހުން 160ވަނަ ޞަފުޙާގައިވަނީ އެއީ އެއްބަފާ ބޭފުޅެއްކަމަށެވެ. ނަމަވެސް ޙަގީގަތުގައި މިއީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ.

އެހެން ކަމެކެވެ. ދިވެހިތާރީޚު ފޮތުގެ 165ވަނަ ޞަފުޙާގައިވާ ގޮތުން ގާޟީ މުޙައްމަދު ޝަމްސުއްދީނާއި ޚަޠީބު އަޙުމަދު މުޙުޔިއްދީނަކީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ. އޭގެފަހުން އެ ފޮތުގެ 169ވަނަ ޞަފުޙާގައިވާ ގޮތުން އެއީ އެއްބަފާ ބޭފުޅުންނެވެ. ނަމަވެސް ޙަގީގަތުގައި މިއީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ. މިހެންވީމާ ކަންކަމުގެ އެކޮޅުމިކޮޅާއި ވީނުވީ ހޯދާނަމަ އިތުރު ހޯދުންތައް ހޯދައި އިތުރު ބެލުންތައް ބަލަންޖެހެ އެވެ. މިކަހަލަ ކަންކަމާހުރެ އެވެ.

އަޞްލު މަވްޟޫޢަށް ޖެހިލާނަމެވެ. އިބްރާހީމް ރަސްގެފާނުގެ މައިކަނބަލުން އަވަހާރަވުމުން އެ ކަމަނާ ފަސްދާނުލެއްވި ތަނުގެ ވާހަކަ ދިވެހި ތާރީޚުފޮތުގެ 159 ޞަފުޙާގައި ލިޔެފައިވަނީ ކަން ހިނގި ގޮތަށެވެ. އެއީ 1157 މުޙައްރަމް 27 ބުރާސްފަތި ވިލޭރޭ އިބްރާހީމް ރަސްގެފާނުގެ މައިކަނބަލުން އަވަހާރަވުމުން އެ ކަމަނާ ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުން (އެ ކަމަނާގެ ފިރިކަލުން) ފަސްދާނުލެއްވި ގުއްބުގެ ތެރޭ އެ ރަސްގެފާނުގެ މަހާނަފުޅުގެ (ހުޅަނގުން) ކައިރީގަ އެވެ. ނުވަތަ އަރިހުގަ އެވެ. މިކަން އޭރުވެސް އަދި މިހާރުވެސް އޮތީ މިގޮތަށެވެ. ބަދަލެއްނާދެ އެވެ.

ނަމަވެސް ދިޔަމިގިލީ ރަދުން ފަސްދާނުލައްވާފައިވާ ގުއްބު ނުވަތަ ޒިޔާރަތުގެ ތެރޭ އެ ރަސްގެފާނުގެ މަހާނަފުޅާއި ޖެހިގެން އެ ރަދުންގެ އަނބިކަނބަލުން (އިބްރާހީމް ރަސްގެފާނުގެ މައިކަނބަލުންގެ) މަހާނަފުޅު މިހާރު ފެންނަން ނެތީ އެ ކަމަނާ ފަސްދާނުލެއްވި ފަހުން އެ ދެ ކަނބަލުން ދެތަންކުރީމަކާ ނޫނެވެ. އެކަން ވެފައިވާ ގޮތަކީ އެ ދެ ކަނބަލުންގެ މަހާނައިގެ ދެމެދުން ފާރެއް ރާނައި އެ ފާރުގެ ހުޅަނގު ފަރާތުން ވެސް ޒިޔާރަތެއް ހެދުމުން އެ ކަމަނާގެ މަހާނަ އެ ޒިޔާރަތުގެ ތެރެއިން ފެންނަގޮތްވީ އެވެ. މިދެންނެވި ޒިޔާރަތަކީ އެ ކަމަނާގެ ދަރިކަލުން އިބްރާހީމް ރަސްގެފާނު (ދިޔަމިގިލީ ރަދުންގެ ދަރިކަލުން)ގެ ޒިޔާރަތެވެ. އެހެންވީމާ މިހާރު އެ ކަމަނާގެ މަހާނަފުޅުވަނީ އެ ކަމަނާގެ ދަރިކަލުންގެ ޒިޔާރަތުގެ ތެރޭގަ އެވެ. މިކަން ކުރެއްވުން ނޫނީ މިބަދަލު ގެންނެވުން ވަރަށްބޮޑަށް އެކަށީގެންވަނީ އެ ކަމަނާގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޣިޔާޡުއްދީންގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުންގެ އިސްނެންގެވުމާއި ބެއްލެވުން އޮވެގެންނެވެ. އެއީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ފުރައުއްތަވެ އެ ރަދުންގެ މަހާނަފުޅު އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެ ތެރޭ އޮންނަގޮތަށް ހަމަޖައްސަވަން ސުލްޠާން މުޙައްމަދު ޣިޔާޡުއްދީން ބޭނުންފުޅުވާތީ ކަމަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގަބޫލުކުރެވޭތީ އެވެ.

ކަން ހިނގުން އެކަށީގެންވާ މަގު އެނގޭތޯ ބެލުން:

(ހ) ދިޔަމިގިލީ ރަދުން ފުރައުއްތަވުމުން އެ ރަދުން ފަސްދާނުލެއްވީ އޭގެކުރިން އެ ރަދުންގެ ދޮށީ އަނބިކަނބަލުން އާމިނާ ކަނބާފާނު އަވަހާރަވީމާ އެ ކަމަނާ ފަސްދާނުލެއްވި ގުއްބު ނުވަތަ ޒިޔާރަތުގަ އެވެ. "އެ ކަމަނާއަށްޓަކައި ހެއްދެވިފައި ހުރި ގުއްބުގައި" އެ ކަމަނާ ފަސްދާނުލެއްވި ކަމަށް ދިވެހިތާރީޚު ފޮތުގެ 133ވަނަ ޞަފުޙާގައި ލިޔެފައިވުމުން އޭރު އެއީ އެ ކަމަނާއަށް ޚާއްޞަ ކުރެވިފައިވާ ތަނެއްކަމަށް ބެލެވެ އެވެ. އޭރު އެ ތަން ހުރިގޮތަކާއި ބޮޑުމިނެއް ނޭނގެ އެވެ. ނަމަވެސް އެއީ މިހާރު އެ ކަމަނާގެ މަހާނަވަނީ ދިޔަމިގިލީ ރަދުންގެ ނަންފުޅުގައި ހުރި ޒިޔާރަތުގަ އެވެ.

(ށ) ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގެ ތެރޭ އެންމެފުރަތަމަ ފަސްދާނުލެއްވީ 1129ހ. ގައި އެ ރަދުންގެ ދޮށީ އަނބިކަނބަލުން އާމިނާ ކަނބާފާނު އަވަހާރަވީމާ އެ ކަމަނާ އެވެ. އެ ޒިޔާރަތުގެ ތެރޭ އެންމެ އިރުމަތީގައިވަނީ އެ ކަމަނާގެ މަހާނަ އެވެ. އޭގެފަހުން 1133ހ. ގައި ދިޔަމިގިލީ ރަދުން ފުރައުއްތަވީމާ އެ ރަދުން ފަސްދާނުލެއްވީ އެ ޒިޔާރަތުގެ ތެރޭ އެންމެ ހުޅަނގުގަ އެވެ. މިގޮތަށް އެ ރަދުން ފަސްދާނުލެއްވުމުން ރަދުންގެ ދެ ކަނބަލުންގެ ދެ މަހާނައިގެ ދޭތެރޭ ދައްޗެއްނެތި ދެ ބޭފުޅަކު ފަސްދާނުލެއްވޭނެ ޖާގަ އޮވެ އެވެ. ދެން އެ ޒިޔާރަތުގެ ތެރޭ ފަސްދާނުލެއްވީ 1140ހ. ގައި ދިޔަމިގިލީ ރަދުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނު އަވަހާރަވީމާ އެ ކަމަނާ އެވެ. ދިޔަމިގިލީ ރަދުންގެ މަހާނައިގެ ވާތްފަރާތުގަ އެވެ. އޭގެފަހުން ޢާއިޝާ ކަނބާފާނުގެ މަހާނައިގެ ވާތްފަރާތުގައި ފަސްދާނުލެއްވީ ދިޔަމގިލީ ރަދުންގެ ދަރިކަލުން ޢަލީ ފާށަނާކިލެގެފާނު (ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން)ގެ އަނބިކަނބަލުން އާމިނާ މަނިކުފާނު 1149ހ. ގައި އަވަހާރަވީމާ އެ ކަމަނާ އެވެ. މިހުރިހާ ބޭފުޅުންގެ މަހާނައިގެ ދެ ފަރާތުގައި ވެސް ގާފޮޅު އޮވެފައި އޭގެމަތީ ގިއުގަނޑެއް ހުރެ އެވެ.

މަތީގައި ދެންނެވި ބޭފުޅުންނަކީ މިހާރު ފެންނަހުރި ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގައި އެންމެ ފުރަތަމަ ފަސްދާނުލެއްވި ބޭފުޅުންނެވެ. އޭގެފަހުން އެ ޒިޔާރަތުގައި ދެ ބޭފުޅަކު ފަސްދާނުލައްވާފައިވެ އެވެ. އެއްބޭފުޅަކީ، 1243ހ. ގައި އަވަހާރަވީ ޢާއިޝާ ކަނބާ ރަނިކިލެގެފާނު (ކަކާގޭ ގޮމާ) އެވެ. ދިޔަމިގިލީ ރަދުންނާއި އެ ރަދުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނާއި ދެމެދުގައި އޮތް ދަތި ޖާގައިގަ އެވެ. އަނެއް ބޭފުޅަކީ ޢަލީ ފާށަނާކިލެގެފާނު (ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ) އަނބިކަނބަލުން އާމިނާ މަނިކުފާނުގެ މަހާނަފުޅުގެތެރޭ (މަތީ) ފަސްދާނުލައްވާފައިވާ ތުއްޕުޅު ބޭފުޅެކެވެ. މިއީ ކޮން ބޭފުޅެއްކަން އެނގޭކަށް ނެތެވެ.


ދެ ފޮޓޯގެ ތަޢާރަފު:
މަތީގައިވަނީ ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގައި މިހާރުހުރި 6 މަހާނަ ފެންނަ ފޮޓޯއެކެވެ. ތިރީގައިވާ ފޮޓޯއިން ދިޔަމިގިލީ ރަދުންގެ ދޮށީ އަނބިކަނބަލުން އާމިނާ ކަނބާފާނުގެ މަހާނަގަލުން ތަންކޮޅަކާއި ގާފޮޅުން ބަޔެއް ފެނުނު ނަމަވެސް ފޮޓޯގެ ބޭނުމަކީ އެ ޒިޔާރަތުގައި އެންމެކުރިން ފަސްދާނުލެއްވި ބޭފުޅުންގެ މަހާނައިގެ ދެ ފަރާތުގައި ހުންނަ ގާފޮޅާއި އޭގެމަތީ ހުންނަ ގިއުގަނޑު ފާހަގަކުރުމެވެ. މި ފޮޓޯގައި ދިޔަމިގިލީ ރަދުންނާއި އެ ރަދުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުގެ މަހާނައާއި ދެމެދުގައި މިހާރު ގާފޮޅެއްނެތިފައި ހުރީ ގާފޮޅުހުރި ތާނގައި ޢާއިޝާ ކަނބާ ރަނިކިލެގެފާނު (ކަކާގޭ ގޮމާ) ފަސްދާނުލެއްވުމުންނެވެ. ފޮޓޯގައި ރަތް ރޮނގެއް ކުރަހާފައިވަނީ ކުރިން ގާފޮޅު ހުންނާނެކަމަށް ބެލެވޭ ހިސާބުގަ އެވެ. މި ދަތި ޖާގައިގައި ކަކާގޭ ގޮމާ ފަސްދާނުލައްވާފައި ވަނީ، މުޖުތަމަޢަށް ރައްދުކޮށްދޭ ވަރުގަދަ މަޢުނަވީ މެސެޖެއްގެ ގޮތުން ކަމަށް ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން ދެކިވަޑައިގަނެ އެވެ. އެ މެސެޖް ވިދާޅުވާން ބޭނުންފުޅުނަމަ މިތަނަށް ފިއްތަވާލެއްވުން އެދެމެވެ.
(ނުނިމޭ)
                  -----------------
ޢަބުދުﷲ ޙިލްމީ
10 މޭ 2016މ.