ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި - ދެވަނަ ބައި


ރަސްކަމުގެ ހުރިހާ ބާރެއް ހުރާގޭ މުޙައްމަދުމަނިކުފާނު ހިފަހައްޓަވައި ރަސްކަލެއްގެ ހަމައެކަނި ނަމެއްގައި ސުލްޠާން މުޢިއްޒުއްދީން ހުންނަވަން ޖެހިވަޑައިގަތުން އެކަށީގެންވާ ސަބަބުގެތެރޭ އެ ރަދުންކުރެއްވި ކައިވެނިފުޅެއް ފާހަގަކުރެވުނު ނަމަވެސް، މުޢިއްޒުއްދީން ރަސްކަމަށް ވަޑައިގަތުމުގެ ކުރިއާއި ފަހުން ވެސް މުޙައްމަދުމަނިކުފާނު ގެންދެވީ އޭނާ ބޭނުންފުޅުކަމެއް ބޭނުންފުޅު ގޮތަކަށް ކުރައްވަމުންނެވެ. އޭގެ ނުބަޔެއް ހަޑިއެއްވާނަމަ އެ ކަމެއްގައި ސުލްޠާން މުޢިއްޒުއްދީންގެ ދައުރަކީ ކޮބައިތޯ ވެސް ސުވާލުއުފެދޭ ފަދަ ގޮތަކަށެވެ. މިގޮތަށް މުޙައްމަދުމަނިކުފާނަށް ކަންކަން ކުރެއްވުނީ ސުލްޠާން މުޢިއްޒުއްދީނަކީ ޙީލަތާއި މަކަރާއި ނުބައި ރޭވުންތަކާއި ދުރު ސާދާ ބޭފުޅަކަށްވީމަ އެވެ. ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގެ މާޙައުލެއްގައި ބޮޑުފުޅުވި ބޭފުޅަކަށް ވުމުންނެވެ. 


އެހެނީ، ސުލްޠާން މުޢިއްޒުއްދީންގެ ބައްޕާފުޅު ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ވެސް އުޅުއްވި އަދި އެ ބައްޕާފުޅާއެކީ މުޢިއްޒުއްދީނަށް ވެސް ވޭތިކުރެއްވުނު މާޙައުލަކީ ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގެ މާޙައުލެކެވެ. އިންސާނިއްޔަތާއި ޚިލާފު ނުބައި ނުލަފާ ޖަރީމާއެއް ހިންގައިގެން ދިވެހިރަސްކަން ބޭނުންނުވާނޭ މާޙައުލެކެވެ.

ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން އުޅުއްވި މާޙައުލުގެ ވާހަކަ ދެންނެވީ، އެ ރަދުންނަކީ ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގައި އުޅުއްވި ބޭފުޅެއްކަމަށް ގަބޫލުކުރެވޭ ކަންކަމެއް ފެންނަން އޮތުމުންނެވެ. އަދި އެއީ ދިވެހިވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތެއް، ލަޢުނަތްލެއްވި އިބްލީހަށް ވެސް އެ ރަދުންގެ ހިތްޕުޅަށް ވައްދައިނުލެވުނު ހަރުދަނާ އީމާންތެރި ބޭފުޅެއްކަމުގެ ދަލީލު ލިބެން އޮތުމުންނެވެ. މީގެ ތަފްޞީލެއް ހޯއްދެވުމަށް ބޭނުންފުޅުނަމަ މިފަތްކޮޅު ބައްލަވާލެއްވުން އެދެމެވެ.


އެއްވެސްކަމެއް ތަނެއްގައި ގާއިމުވިކަމަށް ބުނުމުގެ މާނައަކީ އެ ކަމެއް އެ ތަނެއްގައި ނުވާހިނދު ނުވަތަ އެ ކަމެއް އެ ތާކުން ގެއްލިފައިވަނިކޮށް އެ ކަމެއް އަނެއްކާ ވެސް އެ ތާކަށް އައިސް އެ ކަމެއް އެ ތާކުން ފެންނަމުން ދިޔުމެވެ. ސުލްޠާން މުޢިއްޒުއްދީން ދިއްކޮށްލެއްވި ނުވަތަ އެ ރަދުންނަށް ދިއްކޮށްލެއްވުނު ޒައިތޫނިފަތްކޯޅީގެ ސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހިގައުމުގައި ގާއިމުވީކަމަށް ބެލެވެނީ އެ ހިސާބަށް އައިއިރު ހިނގި ނުވަތަ ހިންގި ކަންކަމެއްގެ ސަބަބުން ވިޔަސް އެ ކަންކަން ނެތިގެން ގޮސްފައިވަނިކޮށް އެ ކަންކަން އަނބުރައި އިޢާދަވާން ފެށުމުންނެވެ. ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނިފަތްކޯޅިއަކީ ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއްގެ ފެށުމެވެ.

އޭގެފަހުން ސުލްޠާން މުޢިއްޒުއްދީންގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީން އައްވަލް އާއި މިރަދުންގެ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްވަލް ވެސް ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހި ގައުމުގައި ދެމެހެއްޓެވުމަށް އިސްކަމެއް ދެއްވިކަން ގަބޫލުކުރެވޭ ކަންކަމެއް ފެނިފައިވެ އެވެ. ނަމަވެސް މިކަންކަން ދަންނަވައިލުމުގެކުރިން މިކަންކަމުގެ ވާހަކައަށް ތަން ހޯދުމަށްޓަކައި އެހެން ބައެއްކަންކަމުގެ ވާހަކަ ދަންނަވާލަން ޖެހެ އެވެ.

ހަނދުމަފުޅު ބެހެއްޓެވުން އެދެވިގެންވެ އެވެ. ދިވެހި ވެށީގެ ހިމޭންކަމާއި އޮމާންކަމާއި ޞުލްޙައާއި ގުޅުންތެރިކަން އެ ދުވަސްވަރު އެންމެބޮޑަށް ގެއްލިގެންދިޔަ މިންގަނޑު، ދަރަޖައިން ބަލާނަމަ ސައްތައިން މައްޗަށްދިޔައީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ކުރެއްވިކަމަކުން ނޫނެވެ. ނުވަތަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކުރެއްވި ކަމަކުން ވެސް ނޫނެވެ. އެއީ ހަމައެކަނި ނުބައިކަންބޮޑު ލާއިންސާނީ ޖަރީމާއެއް ހިންގައި ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުން ވީ ގޮތެކެވެ.

ހުރާގޭ މުޙައްމަދުމަނިކުފާނު އިސްވެ ހުންނަވައިގެން ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން ބަދަލުކޮށްލައްވައި އެ މުޙައްމަދުމަނިކުފާނު ރަސްކަމަށް ވަޑައިގަތްކަމީ، އެތައްގޮތަކުން އެތައްކަމެއް ފެންނަން ހުރުމުން އެ ކަމަށް އިންކާރުކުރެވެން ނެތް ކަމެކެވެ. ވީއިރު އެ މަނިކުފާނު ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގެން ކުރެއްވި ނުބައި ކަންކަމަށްފަހު، ރަސްކަމުން ދުރުވެވަޑައިގަތުމަށް ޖެހިވަޑައިގަތް ގޮތެއްގައި ދުރުވެވަޑައިގަތުމަކީ މުޅިން އެހެންކަމެކެވެ. ގަބޫލުކުރަންޖެހޭ ކަމަކީ، ސުލްޠާން ޣިޔާސުއްދީންގެ ރަސްކަން ބަދަލުކޮށްލައްވައި ރަސްކަމަށް ވަޑައިގަތް މުޙައްމަދު މަނިކުފާނަކީ ރަސްކަމާ ތޮޅުއްވުމުގެ އިތުރަށް "ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެންމީހަކަށް ނުދެއްވާނަމޭ، މިރަސްކަން ޙައްގުވެގެންހުށީ ތިމަން މަނިކުފާނަށޭ، މިރަސްކަމާއިހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ" މިގޮތަށް އަމިއްލަފުޅަށް ވިދާޅުވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ބޭފުޅެއްކަމެވެ.

މިހެންވުމުން ރަސްކަމާ ދުރުވެވަޑައިގަތުމަށް ޖެހިވަޑައިގަތް ނަމަވެސް ރަސްކަން ޙައްގު ބޭފުޅަކީ އެ މަނިކުފާނުކަމަށް އަމިއްލަފުޅަށް ވެސް ގަބޫލުފުޅުކުރެއްވޭތީ ރަސްކަމުން ދުރުވެވަޑައިގަތީ ހަމައެކަނި ނަމެއްގަ އެވެ. ކަމަކުން ނޫނެވެ. ރަސްކަމުގެ ހުރިހާބާރެއް ހިފަހައްޓަވާފަ އެވެ. އޭގެފަހުން ރަސްކަމަށް ލާއިގު ޙައިސިއްޔަތެއް ލިބިވަޑައިގެންފައިވާ ޒުވާން ބޭފުޅަކު ހަމައެކަނި ނަމެއްގައި ރަސްކަލެއްގެގޮތުގައި ބެހެއްޓެވީ އެވެ.

ނަމުންވިޔަސް ރަސްކަމުން ދުރުވެވަޑައިގަތުމަށް ހުރާގޭ މުޙައްމަދުމަނިކުފާނަށް ޖެހިވަޑައިގަތުމުގެ ސަބަބުތަކެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރެއިން އެއްކަމަކީ ކައިރި މާޒީއެއްގައި ފެނިފައިވާ އެކިއެކި ރަސްކަމަށް ބޭފުޅުން ވަޑައިގަތްފަދަ ލާއިގު އެއްވެސް ޙައިސިއްޔަތެއް އެ މަނިކުފާނުގެ ކިބައިގައި ނެތުމުން "ތިބީންނަށް" އެ ރަސްކަން ބަލައިގަތުމަށް އުނދަގޫވުންކަމަށް ވެދާނެ އެވެ. އަނެއްކަމަކީ އެ މަނިކުފާނު ރަސްކަން އަތުލެއްވި ނުބައިކަން ބޮޑު ގޮތެވެ. މިގޮތުގެ ނުބައިކަމުން އެ މަނިކުފާނު ރަސްކަމަށް ވަޑައިގަތްކަމެއް ވެސް ކޮޅުނބުގައި ހުންނެވި ވެރިޔަކަށް ލިޔުއްވަން ކެރިވަޑައިގެން ނުލިޔުއްވުމުން ވިޔަސް ލިޔުއްވިކަމެއް އެނގޭކަށް ނެތެވެ. އެހެންނޫނީ ކައިރި މާޒީއެއްގައި ރަސްކަންކުރެއްވި ބޭފުޅުންނާއި ހުރާގޭ މުޙައްމަދުމަނިކުފާނަށް ފަހު ރަސްކަންކުރެއްވި ބޭފުޅުން ވެސް ރަސްކަމަށް ވަޑައިގެންފައި އެކަން ކޮޅުނބުގެ ވެރިޔާއަށް ލިޔުއްވައި އެންގެވި އެވެ. މީގެތެރޭ މުޡައްފަރު މުޙައްމަދު ޢިމާދުއްދީނާއި އިބްރާހީމް ރަސްގެފާނާއި މުކައްރަމް ޢިމާދުއްދީނާއި ޙަސަން ޢިއްޒުއްދީނާއި މުޙައްމަދު ޣިޔާސުއްދީނާއި މުޙައްމަދު މުޢިއްޒުއްދީނާއި ޙަސަން ނޫރައްދީން އައްވަލާއި މުޙައްމަދު މުޢީނުއްދީން އައްވަލް ހިމެނިވަޑައިގަނެވެ.

މިދެންނެވި ވާހަކަތަކަށް އަލިއެޅިގެންދާފަދަ ބައެއް ކަންކަން ދަންނަވައިލާނަމެވެ. ޚާއްޞަކޮށް އިންސާނިއްޔަތާއި ޚިލާފު ނުބައި ނުލަފާ ޖަރީމާއެއް ހިންގައިގެން ދިވެހި ރަސްކަން ހޯއްދެވުމަކީ ސުލްޠާން މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ އެއްވެސް ބޭފުޅަކު ތަރުޙީބުދެއްވާނޭ އަދި ބޭނުންފުޅުވާނޭ ގޮތެއްކަމަށް ގަބޫލުކުރަން ދަތިވާ ބައެއް ކަންކަމުގެވާހަކަ އެވެ.

(ހ) ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަސްކަމަށް ވަޑައިގަތް ފުރަތަމައަހަރު ވެސް އެ ރަދުން ގަތުލުކޮށްފައި ވިޔަސް ރަސްކަން އަތުލުމަށްޓަކައި ބަޔަކުކުރި މަސައްކަތްތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ފެނެ އެވެ. މީގެތެރޭ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ އެއްވެސް ބޭފުޅެއްގެ ނަންފުޅެއް ނުވަތަ އެ ބޭފުޅުންގެ ބައިވެރިވެ ވަޑައިގަތުމެއް ނުވެ އެވެ. މިއީ ނުހިނގާ ނުވަތަ ފިތުނައުފެދޭފަދަ ދޮގު ވާހަކައެއް ނޫނެވެ. އެހެނީ، މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ވަޒީރުންނާއި ފަނޑިޔާރުންނާއި ފިގުހުވެރިންނާއި ޢިލްމުވެރިންނާއި އަދީބުންނާއި ނާއިބުންނާއި ދައުލަތުގެ ކުރިޔަށް ތިބި މީހުންނާއި އެންމެހައި ޢަސްކަރުންނާއި އަދި ސަރުދާރުންގެ ފަރާތުން ކޮޅުނބުގައި ހުންނެވި ވެރިޔަކަށް ފޮނުއްވި މި ފަތްކޮޅުން ވެސް މިކަން އެނގެ އެވެ.


(ށ) މަތީގައިވާ ބަޣާވަތާއިގުޅިގެން ބައެއް ފަރާތްތައް އަރުވާލެވުނެވެ. އޭގެފަހުން ސުލްޠާން މުޢިއްޒުއްދީންގެ ރަސްކަން ވެސް ނިމި، ދެން ރަސްކަމަށްވަޑައިގަތް އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު ކުރިންދެންނެވި ބަޣާވާތާއި ގުޅިގެން އަރުވާލެވުނު ބައެއް ފަރާތްތައް މާލޭގައިވަނިކޮށް އޭގެ ބައެއް މީސްމީހުންގެ އަތުގައިހުރި މުދައުފޭރި، އެ މީސްމީހުން ރާއްޖޭގެ ރަށްރަށަށް ފޮނުވާލެއްވިކަން ތާރީޚުގެ ފަތްފުށްތަކުން އެބަ އެނގެ އެވެ.

(ނ) ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން އަތުލެއްވުމަށް ހުރާގޭ މުޙައްމަދުމަނިކުފާނަށް ވާގިވެރިވި ރަސްގެތީމު ޙަސަންތަކުރަށް ހުރާގޭ މުޙައްމަދުމަނިކުފާނު ރަސްކަމަށްވަޑައިގެން "ބޮޑުބަނޑޭރި"ކަން ދެއްވާފައިވަނިކޮށް، ސުލްޠާން މުޢިއްޒުއްދީންގެ ރަސްކަން ވެސް ނިމި، ދެން ރަސްކަމަށް ވަޑައިގަތް އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުގެދުވަސްވަރު މިދެންނެވި ރަސްގެތީމު ޙަސަންތަކުރުގެ ގައިން ބޮޑުބަނޑޭރިކަން ނަންގަވައި މީނާގެ އަތުގައިހުރި މުދައުފޭރި މީނާ ބޮލިމުލަކަށް އަރުވާލެއްވިވާހަކަ ދިވެހިތާރީޚުގައި ލިޔެފައިވެ އެވެ.

ހ. ށ. އަދި ނ. އަށް ބަލައިލުމެއް:

މިހެންވުމުން، ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގެ ފުރަތަމައަހަރު އެ ރަސްކަން އަތުލައިގަތުމަށް ކުރި ބަޣާވާތާއި އަދި ހުރާގޭ މުޙައްމަދުމަނިކުފާނު ރަސްކަންއަތުލެއްވި ބަޣާވާތަކީ ވެސް، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޙަސަން ނޫރައްދީނުގެ ވެސް ސީދާ ޙިއްޞާއެއް އޮތް ކަންތަކެއްނޫން ކަމާއި ދިވެހިރަސްކަމުގެ ބޭނުންފުޅުގައި ސީދާ އެ ބޭފުޅުން ބަޔަކުލައްވައި ބަޣާވާތެއް ނުކުރުއްވާކަމަށް ބެލެވެ އެވެ. އެ ކަމެއް އެ ކުރީ ކުރި ބަޔެކެވެ. އެހެނީ، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޙަސަން ނޫރައްދީން ވެސް ބަޔަކުލައްވައި ބަޣާވާތެއްކުރުއްވައި ނުވަތަ އެ ކަމަށް ތަރުޙީބުދެއްވައި ރަސްކަން ހޯއްދަވަން އުޅުއްވާފައިވީ ނަމަ، އެއިން ބޭފުޅެއްގެ ވެރިކަމުގައި އެ ބަޣާވާތެއްގައި ހިމެނޭ މީހެއްގެ މުދައުފޭރި އެ މީހަކު ރާއްޖޭގެ ރަށަކަށް ފޮނުވައިލައްވާނެތޯ އެވެ. އެހެންވެއްޖެނަމަ، މުދައު ފޭރިފައި ފޮނުވާލެއްވި މީހަކަށް ދެއްކޭނޭވާހަކަ ވެސް ހުންނާނެ ނޫންތޯ އެވެ. ނަމަވެސް އެފަދަ ކަމެއް އެނގޭކަށްނެތެވެ.

އަދި ދަންނަވަމެވެ. ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ބޭފުޅަކު، ރާއްޖެއިން ބޭރުގެ (އިނގިރޭސި ރާނީގެ ފަރާތްޕުޅުން މަތީ ފެންވަރެއްގެ ޢިއްޒަތެއް ލިބިވަޑައިގެންފައިވާ) ބޭފުޅަކަށް ފޮނުއްވި ސިޓީފުޅަކުން ވެސް މިކަންކަމަށް އަލިއެޅިގެންދާފަދަ ބައެއް ވާހަކަތައް ލިޔުއްވާފައިވެ އެވެ. އެއީ، މަޝްހޫރު ޙާޖީ ޢިމާދުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރުގަ އެވެ. (ނުނިމޭ)
           ---------------
ޢަބުދުﷲ ޙިލްމީ
29 ޖޫން 2016މ.