ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި - ފުރަތަމަ ބައި


ތާރީޚަކީ ވެދިޔަތަނަށްވުމާއެކު ފެންނަންހުރި އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ފައިދާކުރަނިވި ޢިބްރަތެއް ޙާޞިލްވާ ކަމެއް ފެނޭތޯބަލައި އެކަމެއް ހާމަކުރުމަކީ ކުރުން އެންމެ ރަނގަޅުކަމެކެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑަށް ވުމުންނެވެ. އެއާއި ޚިލާފަށް އެފަދަ ފަތްފުށްތަކުން މުސްތަގުބަލަށް ގެއްލުންދެނިވި ކަންކަންހޯދައި ބަލައި އެފަދަ ކަންކަން ހާމަކުރުމަކީ ކުރުން ރަނގަޅުކަމެއް ނޫނެވެ.

މިދެންނެވިގޮތަށް ބަލާއިރު އޭގެސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ދިވެހިވެށީގެ އޮމާންކަން ގެނެވުނުކަމަށް ގަބޫލުކުރެވޭ ޝާހީ ކައިވެނިފުޅެއް ކުރެވުނުކަމަށް ވެދިޔަތަނުން ފާހަގަކުރެވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން (السلطان محمد غياث الدين) ޝަހީދުކުޅައިރު ދިވެހި ރަސްކަމުގެ ތަޚުތުގައިއިންނެވި ރަސްގެފާނު ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ކުރެއްވި ކައިވެނިފުޅެކެވެ. އެ ރަދުން ކައިވެނިފުޅުކުރެއްވީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދިކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާ އެވެ. މި ލިޔުމުގެ މައިގަނޑު ނަމަކަށް އެވާ "ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި"އަކީ މި ކައިވެނިފުޅެވެ. 


ސުލްޠާން މުޢިއްޒުއްދީން މި ކައިވެނިފުޅު ކުރެއްވުމުގެ ބޭނުންފުޅު ގުޅިފައިވަނީ، ޞުލްޙައާއި ގުޅުންތެރިކަމާއި ދިވެހިވެށީގެ އޮމާންކަމަށްތޯ ނުވަތަ އެނޫން ކަމަކަށްތޯ މިކަން މޮޅަށް ދެނެވޮޑިގެންވާނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެއަށްފަހު އެކަން އެނގިވަޑައިގަންނަވާނީ ސުލްޠާން މުޢިއްޒުއްދީނަށެވެ. އަދި އެ ދެ ކަނބަލުންނަށެވެ. އެހެނަސް އެ ކާވެނިފުޅުގެ ސަބަބުން ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަދުން ނިސްބަތްވެވަޑައިގަންނަވާ ޢާއިލާގެ ދުނިޔޭގައިތިއްބެވި ބޭފުޅުންނަށް އަމާންކަން ލިބިގެންދިޔަކަމީ ފާހަގަކޮށްނުލައި ދޫކޮށްލެވޭވަރުގެ ކަމެއްނޫނެވެ.

ކޮންމެއަކަސް އެ ކައިވެނިފުޅުކުރެއްވި ދުވަސްވަރަކީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ލާއިންސާނީ ރަޙުމުކުޑަ ޖަރީމާގެސަބަބުން ދިވެހިވެރިކަމުގެ އިސް ފަރާތާމެދު ދިވެހި ޢާއްމުންގެތެރޭ އުފެދިފައިވާ ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުމާއި ނުރުހުންތެރިކަން ވެސް އެ ކަމަކަށް އޮވެވޭނެ މިންވަރެއްގައި އެ ކަމެއް ދިވެހިރާއްޖޭގައި އޮތް ދުވަސްވަރަކަށްވެފައި، ސުލްޠާން ޣިޔާސުއްދީނަށް ބޮޑުބޭބެ ވިދާޅުވާ އާމިނާދީދީ އާއި ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅުކުރެއްވި ފަހުން އެ ކަންބޮޑުވުމާއި އެ ހިތްހަމަ ނުޖެހުމާއި އެ ނުރުހުންތެރިކަމަށް ވެސް އެހިނދަށް އަންނަންވީ މިންވަރެއްގެ ޙައްލެއްއައިސް ޞުލްޙައާއި ގުޅުންތެރިކަމާއި އޮމާންކަމެއް ދިވެހިވެށިން ފެނިފައިވާ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ކީއްތޯ އެވެ. އޭރުއްސުރެ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ނިޔަލަށް ވެސް މިކަން ދެމިއޮތް ވަރެއްގައި ދެމިއޮތެވެ.

ލާއިންސާނީ ރަޙުމުކުޑަ ޖަރީމާއެއް ހިންގައި ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރުމާއި ގުޅިގެން އެ ދުވަސްވަރުގެ ދިވެހީންގެ މަދުނޫންބަޔަކު ދެރަވެ ހިތާމަކޮށް ކަންބޮޑުވީ ދެ ކަމެއް ފާހަގަކުރެވެ އެވެ.

ފުރަތަމަ ކަމަކީ، އެ ނުލަފާ ޖަރީމާގެ ކޮންމެވެސް ހިސާބެއްގެ ކޮންމެވެސް މިންވަރެއްގެ ޒިންމާދާރުކަމެއް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިގައުމަށްޓަކައި މަތިވެރި ޚިދުމަތްތަކެއްކޮށްދެއްވި ދިވެހިންގެ ލާމަސީލް ފަޚުރެއްކަމަށްވާ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ލޮބުވެތި ދަރިކަލަކަށް ރައްދުކުރެވޭކަމެވެ.

ދެވަނަ ކަމަކީ، މިހާރުގެޖީލުގެ ބައެއް ފަރާތްތަކަށްވިޔަސް އެ ކަމެއް ބަލައިގަނެ ގަބޫލުކުރުން އެހާ ފަސޭހަނުވުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ދާދިފަހަކާ ޖެހެންދެން ދިވެހިޖީލަށް ބަލައިގަނެވި ގަބޫލުކުރެވިފައިވާ ކަމެކެވެ. މި ވާހަކަ ދަންނަވައިލަނީ އެކަމާމެދު އަޅުގަނޑު ދެކޭގޮތެއް ހާމަކުރުމަކަށްނޫނެވެ. އަދި ކީއްތޯ އެވެ. ހަމައެކަނި ދިވެހިރާއްޖޭގެ ވެދިޔަތަނުގައި ގަބޫލު ކުރެވިފައިވާ ކަމެއްގެގޮތުން ތާރީޚަށްޓަކަ އެވެ. އެއީ ސައްޔިދު މަތިފުށުގެ ބޭފުޅަކަށް ޙައްޤަކާނުލައި އިހާނެތިކަމެއްކުރުމުން އެ ކަމެއްކުރި ބަޔަކަށް އޭގެ ޙައްޤު ބަދަލު ލިބެންވީ ސިފައެއްގައި ދުނިޔޭގައި ވެސް ލިބޭނޭކަމުގެ ވާހަކަ އެވެ.

(ފަހެ، ވަކި މަތިފުށެއްގެ ވަކި ނަސްލެއްގެ މީހަކަށް ނޫނަސް ޙައްޤަކާނުލައި މީހަކަށް އިހާނެތި ކަމެއްކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. މިކަމާއެކުމެ، އެ ކަމެއްކުރި މީހަކަށް ނުވަތަ ބަޔަކަށް އޭގެ ޙައްޤު ބަދަލު ދެއްވަންވީ ސިފައެއްގައި ދެއްވަންވީ ތަނެއްގައި ދެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ވެސް ހަމައެކަނި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ.)

މަތީގައި ދަންނަވާފައިވާ ސައްޔިދުމަތިފުށުގެ ވެސް ބޭފުޅަކީ، ލާއިންސާނީ ރަޙުމުކުޑަ ޖަރީމާއެއްހިންގައި ޝަހީދުކުޅަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނެވެ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިގައުމަށްޓަކައި މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވުމުން ދިވެހި ޢާއްމު ގިނަބަޔެއްގެލޯބި މަތީ ދަރަޖައަކަށް ލިބިވަޑައިގަތުމުގެ އިތުރަށް އަދި މަބުރޫރު ޙައްޖަކަށްފަހު ޝަހީދެއްގެ މަތިވެރިދަރަޖަ ދެއްވުމަށް (އިންޝާ ﷲ) އެ މީހުން އޭރުވެސް އަދި މިހާރުވެސް އެދޭ މަޝްހޫރު ޙާޖީ ބަންޑާރައިންނެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަކީ ސައްޔިދު މަތިފުށާއި ގުޅިވަޑައިގަތުން އޮތް ބޭފުޅެއްކަމަށް ދިވެހިން ގަބޫލުކުރަނީ އެ ރަދުންގެ ޢާއިލީ ވަނަވަރުން އެކަން އެނގެން އޮތުމުންނެވެ. މީގެއިތުރަށް ސުލްޠާން ޣިޔާސުއްދީން ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދިކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި ހަމައަށް އައިއިރުވެސް ރަސްމީ ބައެއް ލިޔުންތަކުގައި އެ ބޭފުޅުންގެ ނަންފުޅުގެކުރިއަށް "ސައްޔިދު" ގެނެސްފައި ހުންނަކަމުގެ މަޢުލޫމާތު ލިބިފައިވެ އެވެ. މިދެންނެވި އާމިނާދީދީ އަކީ ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅުކުރައްވައި އެ ރަދުންނަށް ޢާއިޝާ ކަނބާ ރަނި ކިލެގެފާނު (ކަކާގޭ ގޮމާ) ލިބިވަޑައިގެންނެވި އަނބިކަނބަލުންނެވެ.


ވިސްނެވުން އެދެވިގެންވެ އެވެ. އަނިޔާވެރި ރަޙުމުކުޑަގޮތަކަށް ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުގެ އިސްދައުރެއް އަދާކުރެއްވީ، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ނޫނެވެ. އެ ދައުރު އަދާކުރެއްވީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ. މިއީ އެކަމާމެދު އެއްވެސްސުވާލެއް ނުއުފެދޭ މިންވަރަށް ކަށަވަރުވާކަމެކެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރި ޖަރީމާ އިސްވެ ހިންގެވި ފަރާތަކާމެދު ސުވާލެއްނެތް ނަމަވެސް ސުވާލު އުފެދިފައިވަނީ އެ ޖަރީމާ ހިންގިއިރު ދިވެހިރަސްކަމުގެ ތަޚުތުގައި ރަސްކަލަކު އިންނެވީމާ، އެ ޖަރީމާގައި އެ ރަދުންގެ ދައުރެއް އޮތްތޯ ނެތްތޯ މިކަމެވެ. އެއީ އެ ޖަރީމާ އެގޮތަށް ހިންގުމާމެދު އެ ރަދުން ވިދާޅުވިއެއްޗެއް ނޫނީ އެ ރަދުން ދެކިވަޑައިގެންނެވި ގޮތެއް ނޫނީ އެ ޖަރީމާ އެގޮތަށްހިންގީ އެ ރަދުންގެ ސީދާ ވިދާޅުބަސްފުޅު އޮވެގެންކަން ދިވެހިތާރީޚުންވެސް އަދި އެނޫން ގޮތަކުންވެސް އެނގެން ނެތުމުންނެވެ.

މިހެންވުމުން އުފެދިފައިވާ ސުވާލަށް ޖަވާބެއްގެ މަގެއް ފަހިވޭތޯ ބަލާނަމަ ކުރެވިދާނެ އެއްކަމަކީ އެ ޖަރީމާ ހިންގިއިރު ހުންނެވި ރަސްކަލެއްގެ މަސްއޫލިއްޔަތަށާއި އަދި އެ ޖަރީމާއާއި ގުޅުންހުރި އެއްވެސްކަމެއްގައި އެ ރަދުން އަދާކުރެއްވި ދައުރެއްވޭތޯ ނުވޭތޯ ބެލުމެވެ.

1- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޙައްޖުގެ ދަތުރުފުޅުން އެނބުރި ރާއްޖެއަށްވަޑައިގަތް ކަނޑުގެ އުޅަނދުގައި ހުންނަވާފައި، އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވި ސުލްޠާން މުޢިއްޒުއްދީނާއި ހުރާގޭ މުޙައްމަދުމަނިކުފާނާއި ދެބޭފުޅުންގެ އަރިހުން އަމާންކަން އެދިވަޑައިގެން މާތްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެން ހުންނެވިކަމުގެ ލިޔުމެއް ފޮނުއްވުމުން ވެސް އެ ދެ ބޭފުޅުން (ސުލްޠާން މުޢިއްޒުއްދީން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން) އެކަމަށް ރުހިވަޑައިނުގަތްކަން ތާރީޚުގެ ފަތްފުށްތަކުން އެނގުން.

1 ވަނަ ނަމްބަރަށް ބަލައިލުމެއް:
ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ބޭނުންފުޅުވާ އަމާންކަން އެ ރަދުންނަށް ދެއްވުމަށް ރުހިވަޑައިނުގަތް އެއް ބޭފުޅަކަށް ސުލްޠާން މުޢިއްޒުއްދީން ވެވަޑައިގަތްކަން ދިވެހިތާރީޚުން އެނގުމަކީ، ކޮންމެހެން ސުލްޠާން ޣިޔާސުއްދީން ޝަހީދުކުޅައުމަށް ސުލްޠާން މުޢިއްޒުއްދީން ބޭނުންފުޅުވާކަން ކަނޑައެޅިގެން އެނގޭ ސާބިތު ދަލީލެއް ނޫނެވެ. އެހެނީ، ސުލްޠާން ޣިޔާސުއްދީން ތަނެއްގައި ގައިދު ކުރެއްވިޔަސް ނޫނީ ރަށަކަށް އަރުވައިލެއްވިޔަސް އެ މަނިކުފާނަށް ހުންނެވޭނީ އަމާންކޮށެއްނޫނެވެ. އަމާންކަމެއް ނޯންނާނެ އެވެ. އެއީ ކޮންމެ ވަގުތެއްގައިވެސް އެ ރަދުންނާ ދޭތެރޭ އޭރުއޮތް ވެރިކަމުގެ އިސްފަރާތުން އިންސާނީ ކަރާމަތާ ޚިލާފުކަމެއް ނުހިންގަވާނެކަމުގެ ކަށަވަރުކަމެއް ނެތުމުންނެވެ. މިހެންވުމުން އެ ޙާލަތު އައިނަމަ އަޔަސް، ސުލްޠާން ޣިޔާސުއްދީނަށް އަމާންކަމެއް ނެތެވެ. އެހެނީ، އިންސާނީ ނިސްބަތުގައި އަމާންކަމަކީ އިންސާނީ މިނިވަންކަމެވެ. އެ ކަމެއްނެތެވެ. މިނިވަނެއްނޫނެވެ. ހުންނެވި މަޤާމުގެގޮތުން ސުލްޠާން މުޢިއްޒުއްދީން ހިމެނިވަޑައިގެންފައިވަނީ، ހުރާގޭ މުޙައްމަދުމަނިކުފާނުގެ ނުފޫޒުންކަން ފާހަގަކުރެވެ އެވެ.

2- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ފޮނުއްވިލިޔުމަށް ރުހިވަޑައިނުގަތުމަށްފަހު އެ ރަދުން ހުންނެވި އުޅަނދަށް ބަޔަކު ފޮނުއްވައިގެން އެ ރަދުން އެއިން ބާލުއްވައި ކަނޑުފެއްތިކަމަށް ތާރީޚުގެ ފަތްފުށްތަކުން އެނގުން.

2 ވަނަ ނަމްބަރަށް ބަލައިލުމެއް:
ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކަނޑުފެއްތުމަކީ ސުލްޠާން މުޢިއްޒުއްދީން ބޭނުންފުޅުނުވާ ކަމަކަށް ވިޔަސް، އަދި އެކަން އެގޮތަށް ކުރާނޭކަން އެ ރަދުންނަށް އެނގިވަޑައިނުގަތަސް އެ ކަމަކީ އޭރު ވެރިކަމުގެބާރުތައް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ހުރާގޭ މުޙައްމަދުމަނިކުފާނު ބޭނުންފުޅުވާ ކަމެއްނަމަ، އެ ކަން ކުރެވިދާނެކަމާއި އަދި އެ ކަން ކުރީވެސް އެ ގޮތަށްކަމަށް ތާރީޚުގެ ފަތްފުށްތަކުގެ އިތުރަށް ހުރާގޭ މުޙައްމަދު މަނިކުފާނުގެ އަމިއްލަފުޅު އިޢުތިރާފުންވެސް އެނގެ އެވެ.

މީގެ ދަލީލުލިބޭ ކަމަކީ، "ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެންމީހަކަށް ނުދެއްވާނަމޭ، މިރަސްކަން ޙައްޤުވެގެން ހުށީ ތިމަން މަނިކުފާނަށޭ، މިރަސްކަމާއިހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ" މިގޮތަށް ހުރާގޭ މުޙައްމަދު މަނިކުފާނު ވިދާޅުވެ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން އަތުލެއްވެވުމާއި، އަދި "ތިމަންނާ ފަނޑިޔާރު ކަލޭގެފާނު ކުރެން، އެމަނިކުފާނަށް (ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަށް) ކުރާނޭކަމެއްގެ ވާހަކަ އެހީމާ ފަނޑިޔާރު ކަލޭގެފާނު ބުނުއްވިޔޭ ޤަތުލުކުރަހަރޭ، ދެން ތިމަންނާ ޤަތުލުކޮށްފީމޭ" މިގޮތަށް ދިވެހިރައްޔިތުންގެ އެތައްބަޔެއްގެ ކުރިމަތީގައި ހުރާގޭ މުޙައްމަދުމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވިކަން ދިވެހިތާރީޚުން އެނގުމެވެ. މިވާހަކަ އިތުރަށް ވިދާޅުވަން ބޭނުންފުޅުނަމަ މިތަނަށް ފިއްތަވާލެއްވުން ވެސް ވިދާޅުވެވިދާނެ އެވެ. އެހެންވީމާ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުރުމުގެ ޖަރީމާހިންގެވީ ހުރާގޭމުޙައްމަދު މަނިކުފާނު ކަން ވަރަށްސާފުކޮށް އެބަ އެނގެ އެވެ.

3- ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކަނޑުފެއްތިމީހުންގެ އިސްވެރިއަކަށްހުރި މީހާއަށް އެ ކަމުގެ އިނާމެއްގެ ގޮތުން ހުވަދުއަތޮޅުގެ ވާރު ދެއްވިކަން އެނގުން.

4- ޝަހީދުކުޅަ ރަދުންގެ ހުންނެވި ހަމައެކަނި ދަރިކަލުން ޢަބުދުﷲ، މަންމާފުޅު ވެސް ދުނިޔޭގައި ނެތި، ތުއްޕުޅު ބޭފުޅަކަށް ހުންނެވި ޙާލުގައި ގަތުލުކުރަން އުޅެ، އެ ކަން ނުވީގޮތެއްގައި ނުވުމުން ވެސް ފުވައްމުލަކަށް ފޮނުވާލައްވައި އެ ތާނގައި ހައްޔަރުވެ ހުންނެވިކަން ދިވެހި ތާރީޚުން އެނގުން. (މިވާހަކަ އިތުރަށް ވިދާޅުވަން ބޭނުންފުޅުނަމަ، މިތަނަށް ފިއްތަވާލެއްވުން އެދެމެވެ.) 

3 ވަނަ، އަދި 4 ވަނަ ނަމްބަރަށް ބަލައިލުމެއް:
މި ދެ ކަމަކީ އޭރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލިކުރައްވާ ރަސްކަލެއްގެގޮތުން ސުލްޠާން މުޢިއްޒުއްދީންގެ މަސްއޫލިއްޔަތު އުފުއްލެވުން އޮންނާނެކަމަށް ބެލެވިދާނެ ކަންކަމެވެ. މިހެންވީ ނަމަވެސް މި ދެ ކަމަކީވެސް އޭރު ވެރިކަމުގެ ބާރުތައް ފުރިހަމައަށް ލިބިވަޑައިގެން ހުންނެވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ހުރާގޭ މުޙައްމަދު މަނިކުފާނު އެ ކަންކަން ކުރެއްވުމަށް ބޭނުންފުޅުވާނަމަ އެއްވެސް ދައްޗެއްނެތި އެ މަނިކުފާނަށް ކުރެއްވިދާނެ ކަންކަމެވެ.

މީގެ ދަލީލުލިބޭ ކަމަކީ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅަތާ 3 ވަނަ އަހަރު 1191ހ. ގައި ފ. އަތޮޅު ހިމިތީއަށް އުރުނު ފަރަންސޭސިނަވެއްގެ ބަޔަކު ރާއްޖެއިން އެނބުރި ފުލުސޭރީއަށް ގޮސް ލިޔެފައިވާ ބަޔާނަކަށް ބަލާއިރު، އެ ދުވަސްވަރު ދިވެހިރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަކީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވާފައިވާ އެއްވެސް ބާރެއްނެތް ގޮނޑިކޮއްކޮއެއްގެ މިސާލުގައިވާ ރަސްކަލެއްކަން އެ ބަޔާނުން އެނގުމެވެ. އަދި އެ ރަދުން އުޅުއްވަނީވެސް ދެރަ ޙާލަތެއްގައިކަމާއި މިހެންހެއްދެވީ ވެސް ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުގެ އިސް ދައުރެއް އަދާކުރެއްވި ހުރާގޭ މުޙައްމަދުމަނިކުފާނު ކަމަށް އެ ބަޔާނުން އެނގުމެވެ.

ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނަކީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވައި ދެރަ ޙާލަތެއްގައި އުޅުއްވާ އެއްވެސް ބާރެއްނެތް ގޮނޑިކޮއްކޮ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ޖެހިވަޑައިގަތުން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބެލެވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި މުޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވުމެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ބަލާއިރު މިއީ އޭރު ރަސްކަމުގެ ހުރިހާބާރެއް އޭނާގެ އަތްޕުޅުގައިވާ ހުރާގޭ މުޙައްމަދުމަނިކުފާނުގެ ރުހިވަޑައިގަތުމެއް އޭގައި އޮވެގެން ހިނގާނޭކަމަކަށް ނުބެލެވެ އެވެ.

އެހެނީ، ހުރާގޭ މުޙައްމަދުމަނިކުފާނަކީ، ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުން ފިޔަވައި އެ ރަދުން ނިސްބަތްވެ ވަޑައިގަންނަވާ ދިޔަމިގިލީ ދަރިކޮޅުގެ އެ ދުވަސްވަރުގެ ބޭފުޅުންނަށް ވެސް ޙައްގެއް އިންޞާފެއްނެތި އެ ބޭފުޅުންގެ ގޯތިގެދޮރާއި މުދައުފޭރި، ޢިލްމު އުނގެނުން މަނާކުރައްވައި، ރަށްރަށަށް އަރުވާލައްވައި ޖިސްމާނީ އަދި ނަފުސާނީ އެތައް އަނިޔާއެއްދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަޔަށް ގޭގެ މުގުރާން އަމުރުކުރައްވައި ޢިލްމުކިޔަވާ މީހުންގެ އަތުން ފޮތްފޭރޭން އަމުރުކުރެއްވި ރަސްކަލަކީ އޭނާކަމާއި އަދި އޭނާ ހިތްޕުޅާހަމަކުރައްވާ މީހަކަށްނޫނީ ޢިލްމު އުނގެނުން ވެސް މަނާކުރެއްވިކަމަށް ދިވެހިތާރީޚުގައި އެވަނީ ލިޔެފަ އެވެ.

ވީއިރު، މިފަދަ ބޭފުޅަކު ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ އާއި ސުލްޠާން މުޢިއްޒުއްދީން ކައިވެނިފުޅު ކުރެއްވުމަށް ރުހިވަޑައިގަންނަވާނެ އެއްވެސްގޮތެއް އޮންނާނެކަމަށް ނުބެލެވެ އެވެ.
(ނުނިމޭ)

ނޯޓެއް:
ސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ދިއްކޮށްލެއްވި ނުވަތަ އެ ރަދުންނަށް ދިއްކޮށްލެއްވުނު ޒައިތޫނިފަތްކޯޅީގެ ސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހިގައުމުގައި ގާއިމުވީކަމަށް ބެލެވޭއިރު، އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީން އައްވަލް އާއި މިރަދުންގެ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްވަލްއަށް ވެސް މި ވެށި އެގޮތަށް ބޭއްވިފައި އޮންނާނޭ ނުވަތަ އޮތުން އެކަށޭނަ ކަންކަމެއް ކުރެއްވިފައިވާކަމަށް ތާރީޚުގެ ފަތްފުށްތަކުން ދަލީލު ލިބެ އެވެ. އަންނަންހުރި ބައިތަކުގައި މިވާހަކަ ގެނެސްދިނުމަށް ގަޞްދުކުރެވިފައިވެ އެވެ. إن شاء الله
          ----------------
ޢަބުދުﷲ ޙިލްމީ
23 ޖޫން 2016މ.