ދިވެހިބަހަށް ވީލް ޗެއަރއެއް ހޯދަން ޖެހިއްޖެ














ވީލް ޗެއަރއެއް ނުވަތަ ފުރޮޅުލީ ގޮނޑިއެއްގައި ނޫނީ ދިވެހިބަހަށް ހެލިފެލިވެ ނޫޅެވޭ ހިސާބަށް ހިނގައްޖެ އެވެ. މިހެންވާން ޖެހުނުގޮތާ މެދު ދިވެހިބަހުގެ އެކެޑަމީއިން ވަކި ވާހަކަފުޅެއް ވިދާޅުވިނުވި ނަމަވެސް މިހެންވާން ޖެހުނީ ދިވެހިރާއްޖެއަށް ލެއްގި އިބްލީހުގެ ޑިމޮކްރަސީގެ ސަބަބުން ދިވެހިބަހުގެ އެއްފަޅީގެ ވާގި ނެތުމުންނެވެ. މިކަން އޮތީ މިހެންކަން ނޭނގޭ ހަމަހޭ ހުރި އެއްވެސް ދިވެއްސަކު ދިވެހިރާއްޖޭގައި ބޯކޮޅު މައްޗަށް ނުހުންނާނެ އެވެ.

ޑިމޮކްރަސީއަކީ އޭގެ އިންސާނީ ޑިމޮކްރަސީ ޚިޔާރުކުރާ ބަޔަކަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް އިބްލީހުގެ ޑިމޮކްރަސީ ޚިޔާރުކުރާ ބަޔަކަށް އެއީ ރަނގަޅު އެއްޗެއް ނޫނެވެ. މި ޙަޤީޤަތް ދުނިޔޭގެ ބައެއް ކަންކޮޅުތަކުން ވެސް ފެންނަމުން އެ ދަނީ އެވެ.

ގެނައި ބަޔަކު ގެނައި ގޮތަކަށް ދިވެހިރާއްޖެއަށް ގެނައީ ލަޢުނަތްލެއްވި އިބްލީހުގެ ޑިމޮކްރަސީ އެވެ. އެހެން އެއްވެސް އެއްޗެއް ނޫނެވެ. މި އެއްޗެއް ގެނެވުމާއެކު ރާއްޖޭގެ މީސްމީހުންނާއި ކަންކަމަށް ވީ ގޮތާ ވަމުންދާ ގޮތުގެ ވާހަކައަކީ ދައްކައި ނިމެން އޮތް ވާހަކައެއް ނޫނެވެ. އިސްލާމީ ދިވެހިރާއްޖެއިން މީގެ ކުރިން ފެންނަމުން ދިޔަ މަދުނޫން ކަންކަމެއް އެކޮޅުކޮޅުން ޖެހިއްޖެ އެވެ. މީގެތެރެއިން އެއްކަމަކީ ދިވެހިންގެ އަމިއްލަ ބަސްކަމަށްވާ ދިވެހިބަހުގެ އެއްފަޅީގެ ވާގި ނެތިގެން ދިޔުމެވެ. ދިވެހިބަހުގެ ހަމަތަކާ ގަވައިދާ އެއްގޮތަށް ގިނަ މީހުނަށް އެ ބަސް ބޭނުންކުރަން ނޭނގެމުން ދިޔުމެވެ.

މީގެ އެންމެބޮޑު ސަބަބަކީ އިބްލީހުގެ ޑިމޮކްރަސީގެ ބާވަންނަ ބާބުގެ ތޭވަންނަ ނަންބަރާ އެއްގޮތަށް ހޮޅުއަށިތަކާ މައިދާންތަކާ ޖަގަހަތަކާ ގޭގެތަކާ ރޭޑިއޯ ޓީވީ ނޫސްތަކާ އަދި އެތަން މިތަނުން ފެލެން ފެށުނު ސިޔާސީ ކަރުފެލުންތަކެވެ. އެ ފެލުންތަކުގެ ނެތިމޮށުމާއި އެކަކު އަނެކެއްގެ ޙައްޤަށް އަރައިގަތުމާ ހަޑިހުތުރު ބަސްތައް ބޭނުންކުރުމެވެ. މިއީ އިބްލީހުގެ ޑިމޮކްރަސީ އަޢުވާނުންގެ ބޮލަށް އެ ކަލޭގެ ޖަހާފައިވާ ޙީލަތްތެރި ޗިޕަށް ފީޑްކޮށްފައިވާ ވަރަށް ނުބައިކަމެކެވެ.

އިބްލީހުގެ ޑިމޮކްރަސީގެ ބާވަންނަ ބާބުގެ ތޭވަންނަ ނަންބަރާ އެއްގޮތަށް ފެލެން ފެށުނު ސިޔާސީ ކަރުފެލުންތަކުގެ އަޑު ދިވެހި  އިސްލާމީ ކިޔަވާ ކުދިންނަށް ވެސް އިވޭ ހިސާބަށް ދިޔުމަކީ އޭގެ ސަބަބުން އެ ކުދިންގެ ބަސްމަގާ އަޤުލާޤާ ސުލޫކަށް ވެސް ނުހަނު ބޮޑެތި އަސަރުކުރަމުން ދާ ކަމެކެވެ. މިފަދަ ބައެއް ކުދިންގެ މައިންބަފައިންނާ ބެލެނިވެރިންނަކީ އިބްލީހުގެ ޑިމޮކްރަސީ ޕާޓީ ސިސްޓަމްގެ މަސްތުގައި ޖެހި އެބައިމީހުންގެ މަޢުޞޫމް ޅަދަރިންގެމަތިން ވެސް ހަނދާން ނެތޭ ބަޔަކަށްވެފައިވާ ކަމީ، ނުހަނު ހިތާމަހުރި ކަމެކެވެ. 

ރޭޑިއޯ ޓީވީތަކުން ފޮނުވާ އިބްލީހުގެ ޑިމޮކްރަސީ ޕާޓީ ފިކުރުގެ ހަޑިހުތުރު ބަސްމަގާއި އަޑުތައް ޕާޓީ މަސްތާއި ވަޖިދުގައި ބައެއް ކުދިންގެ މައިންބަފައިންނާ ބެލެނިވެރިން އަހަމުން ގެންދާއިރު އެ ބަސްމަގާއި އަޑުތައް އިވޭ ހިސާބުގައި އެބަމީހުންގެ މަޢުޞޫމް ދަރިން އެބަ ތިބިކަން ވިސްނުމަށް އަންނަނީ ދިވެހި ކިތައް މައިންބަފައިން ހެއްޔެވެ. ކިތައް ބެލެނިވެރިން ހެއްޔެވެ. އަދި މިއިން ނުކުތުން އެންމެ ގާތުގައިވާ އެއް ނަތީޖާއަކީ ހަޑިހުތުރު ބަސްމަގާއި އަޑުތައް އެ ކުދިންނަށް ދަސްވުން ފިޔަވައި ތިމާމެންނަށް ވެސް އަމާޒުވާ ގޮތަށް ތިމާމެންގެ ދަރިންގެ ފަރާތުން ހަޑިހުތުރު އެ ބަސްމަގާއި އެ އަޑުތައް ދުރުނޫން މުސްތަޤުބަލެއްގައި އިވުން ނޫންހެއްޔެވެ.

ތެދެކެވެ. ދިވެހިންގެ އަމިއްލަ ބަސްކަމަށްވާ ދިވެހިބަހުގެ އެއްފަޅީގެ ވާގިނެތުމުން އެ ބަހަށް ވީލް ޗެއަރއެއް ހޯދަން ޖެހިއްޖެ އެވެ. ދިވެހިބަސް ހެލިފެލިވެ އުޅެން ބޭނުންވާނަމަ އެވެ. ޤަބޫލުކުރިއަސް ނުކުރިއަސް ދިވެހިބަހުގެ އެއްފަޅީގެ ވާގިނެތެން ދިމާވި އެންމެބޮޑު ސަބަބަކީ އިބްލީހުގެ ޑިމޮކްރަސީގެ ސަބަބުން ދިވެހިބަހުގެ ހަމަތަކާ ގަވައިދާ އެއްގޮތަށް ގިނަ މީހުނަށް އެ ބަސް ބޭނުންކުރަން ނޭނގުމެވެ.
              ------------------
ލިޔުއްވީ: މީމު ނޫނު