ގަލެހިރި – ވެބްސައިޓް


ހުވަދޫ ބަހުރުވައިގައި "ގަލެ"(ގައު) އަދި "ހިރި" މިއީ ދެ ބަހެކެވެ. ދެ އެއްޗެކެވެ. "ގަލެ" ކިޔަނީ ކުދި ގަލަށެވެ. "ހިރި" ކިޔަނީ ކުދި ގަލަށްވުރެ ބޮޑެތި ބިޔަ ބޯ ގައުތަކަށެވެ.

"ގަލެހިރި" ވެބްސައިޓް ވުޖޫދަށް އައުމުގެ ދެ ބޭނުމެއް އެބަ އޮތެވެ. ފުރަތަމަ ބޭނުމަކީ މުޖުތަމަޢަށް ފައިދާކުރަނިވި ޚިދުމަތެއް އަދާކުރުމެވެ. ދީނީ، ޞިއްޙީ، ތާރީޚީ، ސަގާފީ، އަދި އެހެނިހެން ވެސް ބޭނުންތެރި ރޮނގުތަކުންނެވެ. އަނެއް ބޭނުމަކީ ބައެއް ފަރާތްޕުޅުތަކާއި ދަރިކޮޅުގެ ގޮތުން ގުޅުންހުރި ޢާއިލީ ވަނަވަރުތަކެއް އެ ފަރާތްޕުޅުން ބައްލަވައިލައްވައި އަދި  އެ ވަނަވަރުތަކަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ އެކަން ހަމަޖެއްސެވުމަށް ވެސް އެ ބޭފުޅުން ބޭނުންފުޅުވުމެވެ. 

މިހެންވުމުން އިލެކްޓްރޯނިކްސް އަދި ޕްރިންޓް މީޑިއާގައި ވެސް "ގަލެހިރި" ވެބްސައިޓްގެ ފަރާތުން ބޭނުންކުރާ ތަފާތު އެންމެހައި ވަސީލަތަކީ މަތީގައިވާގޮތަށް "ގަލެހިރި" ވެބްސައިޓް ވުޖޫދަށް އައުމުގެ ބޭނުމާއި އެއްގޮތްވާ އެއްޗިއްސަށްވާނެ އެވެ.

މިސައިޓުގެ ނަން "ގަލެހިރި" ނިސްބަތްވަނީ
 1962މ. ގައި ހުވަދުއަތޮޅު ތިނަދޫން މީހުން ބޭލުމާއި ހަމައަށް ތިނަދޫއަށް ލިބިފައިވާ ޢިމްރާނީ ކުރިއެރުމާއި ތަނަވަސްކަމާއި ތަރައްގީ ތިނަދޫގެ ފަސްގަނޑާއި ހަމައަށް ވާޞިލްވުމުގެ މުހިއްމު ދައުރެއް އަދާކުރި ތިނަދޫގެ  އުތުރުފަރާތުގެ ނެރެއްކަމަށްވާ މަޝްހޫރު "ގަލެހިރި" މަގަށެވެ. މިއީ މީގެ އަހަރުތަކެއްގެ ކުރިއާއި ޖެހެންދެން ހުވަދުއަތޮޅު ތިނަދޫ ފަޅުތެރެއިން ބޭރަށް (ކަނޑުތެރެއަށް) ވަދެ ނުކުމެވޭގޮތަށް އެންމެ އުތުރުގައި އޮންނަ އެންމެ ގިނަ ދުވަސްވީ އަދި އެންމެފުން ނެރެވެ. މި ނެރު ނުވަތަ މަގު ހަދާފައިވަނީ ވަރަށްގިނަ ކުދި ގަލާއި ބޮޑެތި ބިޔަ ބޯ ގައުތައް ހުރި ދިމާލަކުން ރަށުގެ ވިލުތެރެއަށް ބޮޑު ދިޔައިގައި އުޅަނދުފަހަރަށް ވަދެ ނުކުމެވޭ ވަރަށް އެ އެއްޗެތި ނަގައި ފުންކޮށްގެންނެވެ. މިކަންކުރީ ތިނަދޫގެ ރައްޔިތުންނެވެ.

އައްޑޫ ހުވަދޫ ފުވައްމުލަކުގެ ހަމަނުޖެހުމުގެތެރޭ ނުވަތަ ދެކުނު ގަނޑުބަޑުގެ ދުވަސްވަރުގައި ހުވަދުއަތޮޅު ތިނަދޫ "ގަލެހިރި" މަގަކީ ނުވަތަ އެ ނެރަކީ  ބޭނުންވެއްޖެ ހިނދެއްގައި އެ ތަނުގެތެރެއަށް އެކިވަރުގެ ގައުތައްއަޅައި ކަނޑުދަތުރު ކުރާ ބޮޑެތި އުޅަނދުފަހަރަށް ނުވަދެވޭވަރަށް ތިލަކުރި ނެރެކެވެ. އޭގެ ބޭނުމަކީ އެ ދުވަސްވަރުގެ އެއްކޮޅު ނޫން ފަރާތެއްގެ ބޮޑެތި އުޅަނދުފަހަރަށް ދެކޮޅުވެރިކަމާއެކު ތިނަދޫގެ ފަޅުތެރެއަށް ނުވަދެވޭ ގޮތް ހެދުމެވެ.

ހުވަދުއަތޮޅު ތިނަދޫގެ "ގަލެހިރި" މަގު މެދުވެރިވެ ތިނަދޫއަށް ލިބުނު ޢިމްރާނީ ކުރިއެރުމާއި ތަނަވަސްކަމާއި އަދި ތަރައްގީ ފެނިފައިވާ މީހުންފިޔަވައި އެހެންބަޔަކަށް އެ ކަންކަމުގެ ބައިކުޅަ ބައެއް ވިޔަސް މިހާރު ތަޞައްވަރު ކުރެވޭނީ އެ ދުވަސްވަރުގެ އެ ކަންކަމުގެ ވާހަކަތައް އަޑުއަހައިލައި އަދި އެ ދުވަސްވަރުގެ (ފެންނަން ހުރި) ފޮޓޯތައް ބަލައިލުމުންނެވެ.

ކުރީގެ ދުވަސްވަރު ތިނަދޫގެ "ގަލެހިރި" މަގު ފިޔަވައި އެ ރަށުގެ އެހެން ނެރުތަކަކީ ބޮޑު ދިޔައިގައި ވެސް އެ ނެރުތަކުގެ ތިލަކަމާ ހުރެ ކަނޑުދަތުރު ކުރާ ބޮޑެތި އުޅަނދުފަހަރު ވަދެ ނުކުމެވޭނޭ ނެރުތަކެއް ނޫނެވެ. މިހެންވުމާއެކު 1980މ. ގެ އަހަރުތަކާއި ހަމައަށް ވެސް ބޭރު ދަތުރުކުރާ އޮޑިފަހަރާއި އަދި ކަނޑުދަތުރު ކުރާ ބޮޑެތި އުޅަނދުތައް ތިނަދޫ ފަޅުތެރެއަށް ވަދެ ނުކުތުމުގައި ބޭނުންކޮށްފައިވަނީ ތިނަދޫގެ މަޝްހޫރު ނެރު "ގަލެހިރި" މަގެވެ. މި މަޟްމޫނުގެ މަތީގައިވާ ފޮޓޯއިން އެ ފެންނަނީ 1980 ވަނަ އަހަރުގައި ތިނަދޫގެ "ގަލެހިރި" މަގުން ބޭރަށްނުކުންނަ ބައެއް އުޅަނދުފަހަރެވެ. އެ އުޅަނދުގެ ފަހަރުގެ ފަހަތުން ފެންނަނީ ތިނަދޫއާއި ތިނަދޫމާފުއްޓާއި ދެ ރަށް ގުޅުވުމަށް ބިންހިއްކުމުގެ ކުރިން ތިނަދޫމާފުއްޓާއާއި ތިނަދޫގެ ބަޔެކެވެ. 

ތިރީގައި އެ ވަނީ ތިނަދޫމާފުއްޓާއާއި ތިނަދޫ ގުޅާލުމަށް 1 ނޮވެމްބަރ 2000މ. ގައި އެ ދެ ރަށުގެދޭތެރެ ހިއްކަން ފެށި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. 


"ގަލެހިރި" ވެބްސައިޓް ފަރުމާކޮށް، އަދި ބޭނުންވާ ޓެކްނިކަލް ކަންތައްތައް ޙައްލުކުރަނީ ހުވަދުއަތޮޅު ތިނަދޫ "މަދަރުސާދޮށުގެ"އިންނެވެ.
               --------------
ޢަބުދުﷲ ޙިލްމީ
01 ނޮވެމްބަރ 2009މ.