ގދ. ތިނަދޫގެ އެންމެ ތާރީޚީ ސަރަޙައްދު
ހުވަދުއަތޮޅު ހަވަރުތިނަދޫގައި ދެވަނަފަހަރަށް މީހުން ވަޒަންވެރިވުމަށްޓަކައި މަގުތަކާއި، ގޯތިދޭނޭ ތަންތަނާއި އެހެނިހެން ކަންކަމަށް އެ ރަށުގެބިންތައް ހަމަޖެއްސިއިރު، އެ ރަށާއި އަދި އެ އަތޮޅު ހިންގުމުގެކަންކަން ކުރުމަށްޓަކައި ބޭނުންވާނޭ ޢިމާރާތްތައް ޤާއިމުކުރެވުނީ ވެސް އޭގެ އެތައްއަހަރެއްގެ ކުރިންވެސް އެފަދަ ކަންކަން ބަލަހައްޓައި ކަންކަން ކުރުވި، ޢިމާރާތްތައް ހުރި ހިސާބު އެ ބިމެވެ. އެ ބިމަކީ، ޚާއްޞަކޮށް ތިނަދޫގެ ޢާއްމުކޮށް ހުވަދުއަތޮޅުގެ ވަރަށްމުހިއްމު ކަންތައްތަކެއް، އެ ތަނެއްގައި ހިންގާފައިވާ ތާރީޚީ ބިމެވެ.

ކުރިން ހުވަދުއަތޮޅު އަތޮޅުއޮފީސް، ފަހުން ގދ.އަތޮޅުއޮފީސް، އަދި އޭގެފަހުން ގދ.އަތޮޅުކައުންސިލްގެ އިދާރާ ހުރީ ވެސް އެ ބިމުގައެވެ. އެ ކޮށީގައި، ހުވަދުއަތޮޅު ވާރުގެ ފަހުން އަތޮޅުގެ ޢިމާރާތްކުރައްވަން ފެއްޓެވީ ރަޖަބް 26، 1349ހ. (16ޑިސެމްބަރ 1930މ.) ގައި އެ އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނެވެ. މި ޢިމާރާތް ރޭނުމަށް ބޭނުންވާނޭ ގަލާއި، ވެއްޔާއި، އުވަ ހޯދައި މަސައްކަތްކުރުވީ، އަތޮޅުގެ ރަށްރަށުގެމީހުންގެ ނިސްބަތުންކަމަށް ގދ.ތިނަދޫ އެވަރފާސްޓް އަލްފާޟިލް ޙަސަން އިބްރާހީމް ދީދީ މަޢުލޫމާތު ދެއްވިއެވެ. ހަވަރުތިނަދޫގައި ވާރުގެ ބިނާކުރުމުގެކުރިން، ވާރުގެ ހުރީ ހޯޑެއްދޫގައެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު ގދ.ތިނަދޫގައި ބިނާކުރެއްވި އެ ޢިމާރާތަށް އެދުވަސްވަރުން ފެށިގެން، ކުދިކުދި ބަދަލުތައް ގެނެވިފައި ވިޔަސް 1962މ. ވަނަ އަހަރު ހަވަރުތިނަދޫން މީހުންބޭލުމާއި ހަމައަށް (ދެ އަހަރެއްހާ ދުވަސް ފިޔަވައި) ހުވަދުއަތޮޅު އަތޮޅުއޮފީސް ހިންގާފައިވަނީ، މުޙައްމަދު ކަލޭގެފާނު ކުރެއްވި އެ ޢިމާރާތުގައެވެ.

ވާރުގެ ނިމުނުކަމަށް ވިޔަސް މުޙައްމަދު ކަލޭގެފާނުގެ (ދެފަހަރުގެ) 31 އަހަރުގެ އަތޮޅުވެރިކަމުގައި ވާރުގޭގެ މާބޮޑުބޭނުމެއް އޭނާ ނުކުރައްވައެވެ. އެ ދުވަސްވަރަށް ބަލާއިރު އަތޮޅުގެ ހިންގުމާއި ބެހޭ ކަންކަމުގައި ބޭނުންކުރާ ލިޔެކިޔުމުގެ ބައެއް ތަކެތި އެ ތަނުގައި ހުރިކަމަށް ވިޔަސް މުޙައްމަދު ކަލޭގެފާނު ގޭގައި އުޅުއްވާ ވަގުތުތަކުގައި، އޭނާގެ އެންގެވުމަށް އޭނާގެ ކާތިބު (ތިނަދޫ ނައިބު އިސްމާޢީލް ޒާހިރު) އަތޮޅުވެރިންގެ ގޭގައި އިންނަވައިގެން، އަތޮޅުގެ ރަށްރަށުން ރުއްލަކުޑި ކަޑުވައިދޭ ސިޓީތަކާއި، ރަށްރަށުގެ ވެރިންނަށް އެ ވަގުތަކު ކޮންމެހެން އަންގަވަންޖެހޭ ބައެއް ކަންކަމުގެ ސިޓީ ބިޓީ ލިޔުއްވައި، އަތޮޅުވެރިން އޭގައި ސޮއި ކުރައްވައެވެ.

މުޙައްމަދު ކަލޭގެފާނުގެ ދައުރުގެ ގިނަދުވަހު ވާރުގެ ބެލެހެއްޓުމަށް އެތާނގައި ހުރި މީހަކީ، ހައްދުންމަތީ ކޮއްކޯބެ ކިޔާ މީހެއްކަމަށާއި، ވާރުގެއާއި ކޮއްކޯބެގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް މުޙައްމަދު ކަލޭގެފާނުގެ މައިފުށުގެ ދެބެއިންގެ ދެދަރި ދައްތަ ޢާއިޝާ ( ބޭސް އައިސާ/ މެންގޯޓްރީ) ކޮންމެދުވަހަކު، ވާރުގެއަށް ދުރުވާކަމަށް އެނގޭކަމަށް ތިނަދޫ އެވަރފާސްޓް ޙަސަން އިބްރާހީމް ދީދީ މަޢުލޫމާތު ދެއްވިއެވެ. ޢާއިޝާއަކީ، ޙަސަން އިބްރާހީމް ދީދީގެ ވެސް މާމައެވެ. ކޮންމެއަކަސް އަތޮޅެއްގެ ވެރިކަމުގެދާއިރާގައި އިސްވެ ބަސްކިޔަން، އެންމެފުރަތަމަ ހަމަޖެއްސި އަންހެން ބޭކަނބަލަކީ، މި “ޢާއިޝާ” ކަމުގައި ދަންނަވަން ޖެހެއެވެ.

އާދެ! ޙާޖީ މުޙައްމަދު ކަލޭފާނު ޢިމާރާތް ކުރެއްވި ވާރުގެ ނުވަތަ އަތޮޅުގެ ސަރަޙައްދުގައި ބިނާކުރެވިފައިވާ އަތޮޅުގެ ވެރިކަމުގެ އެންމެއިސް ޢިމާރާތުގައި ނުވަތަ ރަށުގެ ވެރިކަމުގެ އެންމެއިސް ޢިމާރާތުގައި އެ ދުވަހުން ފެށިގެން މިއަދާހަމަޔަށް ވެސް މުޙައްމަދު ކަލޭގެފާނުގެ މަންމަ ފަރާތްޕުޅަށް ނިސްބަތްވާ އެ ދަރިކޮޅުގައި ހިމެނޭ ކޮންމެވެސް ބޭފުޅަކު އަތޮޅުގެ ނުވަތަ ރަށުގެ އިސް ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. 

އެގޮތުން ތިނަދޫގެ ބޭފުޅުންކަމަށްވާ އަޅިވިލާގޭ އަލްމަރްޙޫމް ޢަބްދުﷲ ކަތީބާއި، އަލްމަރުޙޫމް މުޙައްމަދު ސަޢީދު ކަތީބާއި، ދެލްވައްތަ އަލްފާޟިލް މުޙައްމަދު ޙަމީދާއި، މާކޯނި އަލްފާޟިލް ޢަބްދުޞަމަދު ޙުސައިނާއި، މަދަރުސާދޮށުގޭ އަލްފާޟިލް ޢަބްދުﷲ ޙިލްމީއާއި، މިއުޒިކްހޯމް އަލްފާޟިލް މުހައްމަދު ނިޔާޒާއި، ހިންދޫސް އަލްފާޟިލް މުޙަންމަދު ޙަސަން ދީދީ އާއި، ސަނީޑޭލް އަލްފާޟިލް މުޙަންމަދު ޤައިސް އާއި އަދި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.

22 އޮގަސްޓް 1964މ. ގައި ގދ.ހަވަރުތިނަދޫގައި ދެވަނަފަހަރަށް މީހުން އާބާދު ވުމަށްފަހު، އެ ރަށުގައި ގދ.އަތޮޅުއޮފީސް ރޭނުއްވީ 1967މ. (1387ހ.) ވަނަ އަހަރު ގައްދޫ ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގައެވެ. (1962މ. ން 1967މ. ށް ގދ.އަތޮޅުއޮފީސް ހިންގީ ގދ.ގައްދޫގައެވެ.) ޢިމާރާތަށް ބައެއް އުނި އިތުރު، ގެނެވުނުކަމަށް ވިއަސް 8 ފެބުރުއަރީ 2012މ. ވަނަ ދުވަހުގެ ރޭ ތިނަދޫގައި ހިންގާފައިވާ ސިޔާސީ ޙަރަކާތްތަކެއްގައި އެ ޢިމާރާތް އަންދާލަންދެން އަތޮޅުގެ އެންމެއިސް އިދާރީ އޮފީސް ހިންގާފައިވަނީ، ޙުސައިންމަނިކުގެ އަތޮޅުވެރިކަމުގައި ރޭނުއްވި އެ ޢިމާރާތުގައެވެ. އަތޮޅުތަކުގެ ރަށެއްގައި، އެހާ ގިނަދުވަސްވީ ޢިމާރާތެއް އިދާރީ އޮފީހެއްގެ ކަންކަމަށް ބޭނުން ކުރާނެހެން ހީއެއްނުވެއެވެ. އެ ޚަބަރު އަޅުގަނޑަށް ލިބުނީ އެ ރޭ 21:21 ގަ އެވެ. ގައްދޫ ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގައި ޢިމާރާތްކުރި މި ޢިމާރާތް އަންދާލިއިރު އެއީ އަތޮޅުކައުންސިލުގެ އިދާރާ އެވެ. އޭރު ގދ.އަތޮޅު ކައުސިލްގެ ރައީސަކީ ގައްދޫ އަލްފާޟިލް މުޙައްމަދު ނިޒާމެވެ.

އިސްވެ މި ދެންނެވި، ކޮށީގައި ޢިމާރާތްކުރެވުނު ދެވަނަ ޢިމާރާތަކީ ވެސް ޙާޖީ މުޙައްމަދު ކަލޭފާނު ކުރެއްވި ޢިމާރާތެކެވެ. އެއީ މަދަރުސަތުލް އަޞްބާހެވެ. އެ ޢިމާރާތް ކުރެވުނީ، ޖުމާދިލްއައްވަލް 17، 1350ހ. (ސެޕްޓެމްބަރ 29، 1931މ.) ވަނަ އަހަރު އެވެ. މަދުރަސަތުއް ސުބުލައްސަލާމާއި، މަދަރުސަތުލް އަމީރުއިބްރާހީމު ވެސް ހިންގީ އެ ތަނުގައެވެ. މަދުރަސަތުއް ސުބުލައްސަލާމުގެ ނަން މަދަރުސަތުލް އަމީރުއިބްރާހީމްގެ ނަމަށް ބަދަލުކޮށް ހުޅުވުމަށްޓަކައި އެ ޢިމާރާތަށް ޒަމާނީ ބައެއް ބަދަލުތައް ގެންނަވައި އެ މަސައްކަތް ކުރެއްވީ އަލްފާޟިލް މޫސާ ހިރިހަމާތި ކަލޭގެފާނުގެ އަތޮޅުވެރިކަމުގައި އޭނާގެ ދަރިކަލުން ހަވަރުތިނަދޫ އަޅިވިލާގޭ ޢަބްދުﷲ ކަތީބުގެ ބެއްލެވުމުގެ ދަށުންނެވެ. ހަވަރުތިނަދޫ ބޮޑުއަށިގެއާއި އަދި މަދަރުސަތުލް އަމީރުއިބްރާހީމުގެ ނަމުން މަޝްހޫރުވެފައިވަނީ ވެސް މި ދެންނެވި ޢިމާރާތެވެ. އެ ތަނުގައި 1959މ. ން 1962މ. އާއި ދެމެދު ސަރުކާރުގެ ބޮޑުއިސްޓޯރުގެ ގ.އަތޮޅުގޮތްޕާއި، ފާރޮށިގެ ހިންގާފައިވެއެވެ. މި ޢިމާރާތާއި އަދި ވާރުގޭގެ ޢިމާރާތަކީ، ހަވަރުތިނަދޫން މީހުން ބޭލުމާއި ހަމައަށް ވެސް، ދެ ކޮއްޓެއްގައި ހުރި ދެ ޢިމާރާތްކަމަށް ވިޔަސް އެ ރަށުގެ ދެވަނަ އާބާދީގައި މި ދެ ޢިމާރާތް ހުރީ ވެސް އެއްކޮއްޓެއްގައެވެ.

އާދެ! ހަވަރުތިނަދޫގައި ދެވަނަފަހަރަށް މީހުން އާބާދުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ސަރުކާރުން ފޮނުއްވީ، މާލޭ މަޑުފެހިގޭ އަލްފާޟިލް އަޙުމަދު ރަޝީދު (ތުއްތު ދީދި ދޮންމަނިކު) އެވެ. އޭނާގެ އިސްކޮށް ހުންނަވައިގެން ވެސް އެ ކޮށީގައި އަމީރު އިބްރާހީމްގެ ނަމުގައި (އެދުވަސްވަރު) މަދަރުސާއެއް ހިންގިއެވެ. އަދި އޭގެފަހުން އެ ރަށުގެ އަމިއްލަ ފަރާތަކުން އުފެއްދެވި މިސްބާޙުލްހުދާ (ސްކޫލް) ހިންގުން އަތޮޅުކޮމިޓީއާ ޙަވާލުކުރެއްވުމުން އެ ސްކޫލާއި 1979މ. ގައި އުފެއްދި އަތޮޅުމަދަރުސާ ވެސް ހިންގީ އެ ކޮށީގައި ހުރި ޢިމާރާތެއްގައެވެ. އަތޮޅު މަދަރުސާއަށް ނިމުންއައީ (އެއީ 1984މ. ވަނަ ހާތަނގައި) ގދ.އަތޮޅު ތަޢުލީމީ މަރުކަޒް ޤާއިމުވުމާއި ގުޅިގެންނެވެ. ހަމަ އެ ކޮށީގައި ގދ.އަތޮޅުއޮފީހާއި، އަތޮޅުކޮމިޓީގެ އޮފީހާއި، އަތޮޅުގެ ވިޔަފާރި ޝޮޕާއި، ތިނަދޫ އޮފީހާއި، ތިނަދޫ ކޯޓާއި، އަތޮޅުކޯޓާއި، ހެލްތްސެންޓަރާއި، ކަންރެހާ ސިނަމާއާއި، އެސްޓީއޯ ފިހާރައާއި، ޔޫތު ސެންޓަރާއި، ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ރީޖަނަލް ފަޔަރ ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގދ.އަތޮޅާ ބެހޭ ބަޔާއި، ލޯކަލް މާރުކޭޓާއި، އަދި އެނޫން ވެސް ބައެއް ތަންތަނާއި ކަންކަން ހިންގިއެވެ. 

އެނގެން އޮތް ތާރީޚަށް ބަލާއިރު، އިދާރީ ބޭނުންތަކުގައި އެ ކޮށި ބޭނުން ކުރެވެމުންދާތާ މިހާރު ގާތްގަނޑަކަށް 83 އަހަރު ވެފައި ވިއަސް، އެ ސަރަޙައްދުގައި ހިނގާފައިވާ ކަންކަމާއި، ތަންތަނުގެ ތާރީޚަކީ އަދި މިއައްވުރެ ވެސް މާކުރީގެ ތާރީޚެއް ކަމަށް ވެސް ވެދާނެ އެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ބޮޑުތަކުރުފާނުގެ ދުވަސްވަރު (1573މ. ން 1585މ. ށް) ހަވަރުތިނަދޫ މީހުން އަތުން މާލޭ ހަވަރަށް “ޖިޒީ” (ފަހުން ގޮއިވެރިޔާ، ގޮއި) ނެންގެވި މަރުކަޒު ހުރީ ވެސް އެ ކޮށީގައެވެ. އެގޮތަށް އެ ކަން ހިނގާފައިވާނަމަ، އިދާރީ ބޭނުންތަކަށް އެ ސަޙައްދު ނުވަތަ އެ ކޮށި، ބޭނުންކުރެވޭތާ 500 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.

އާދެ! މިކޮށީގެ އުތުރުން ޖެހިޖެހިގެން އޮތް ދެ ކޮއްޓާއި، އަދި އެ ދެ ކޮއްޓާއި ޖެހިޖެހިގެން ހުޅަނގަށް އޮތް ދެ ކޮއްޓަކީ ވެސް (ހަވަރުތިނަދޫގެ ތާރީޚާއި ގުޅިފައިވާ ކަންކަމަށް ބަލާއިރު) ވަރަށް ތާރީޚީ ކޮށިތަކެކެވެ. އެއީ މިހާރުގެ (2011މ.) ބޯޅަދަނޑާއި، އަތޮޅު ތަޢުލީމީމަރުކަޒު ހިމެނޭ ކޮށިތަކެވެ. ހަވަރުތިނަދޫގައި އެ ދުވަސްވަރު ފާހަގަކުރެވޭ ބަސްވިކޭ މީހުންނާއި، ކަމުވޮށިގެންވާ މީހުންނާއި، ގިނަ މުއްސަނދީން ދިރިއުޅުއްވި ގޯތިގެދޮރު ހުރީ ވެސް އެ ސަރަޙައްދުގައެވެ. އެފަދަ ބައެއް ގެތަކުގެތެރޭގައި، ޙާޖީ މުޙައްމަދު ކަލޭފާނުގެ ގެއާއި، މުދިމް ޙުސޭން ތަކުރުފާނުގެ ގެއާއި، އަބޫބަކުރު ޚަތީބު ކަލޭގެފާނުގެ ގެއާއި، ޙުސޭންފުތުބޭގެ ގެއާއި، ޙުސޭން ކަލޭގެފާނުގެ ގެއާއި، ނައިބު އިސްމާޢީލް ޒާހިރުގެ ގެއާއި، ބޭސް ދޮންކަލޭގެފާނުގެ ގެއާއި، މުޞްޠަފާ މަންޞޫރުގެ ގެއާއި، އަދި މިނޫންވެސް ކިތައްމެ ގެއެއް ހިމެނެއެވެ. އެގޮތުން ހަވަރުތިނަދޫގެ (މިހާރުގެ ގދ.ތިނަދޫގެ) “ހިތާއި” އަދި އެ ހިތުގެ ގިނަ ލޭނާރުތައް މިދެންނެވި ސަރަޙައްދާއި ގުޅިފައިވާކަމުގައި ދަންނަވަން ޖެހެއެވެ.

އިސްވެ ބަޔާންކޮށްފައިވާ ކޮށީގައި އެކި ދުވަސްވަރު ކުރެވުނު އެކިއެކި ޢިމާރާތްތަކަށް އެކިކަހަލަ ގޯނާތައް ކޮށްފައިވާކަން ތާރީޚީ ގޮތުން އެނގެން އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މީލާދީން 1848 ވަނަ އަހަރު އެ ރަށުގައި ހިންގާފައިވާ އަލިފާނުގެ ޙާދިޘާގައި ވެސް އެ ރަށުގައި ހުރި ހިޔާވަހިކަމުގެ 2/1 ޔާ އެކު، އިދާރީ އޮފީސް ވެސް އަންދާލާފައިވެ އެވެ.

އާދެ! އޭގެފަހުން، 16 ފެބުރުއަރީ 1959މ. ވަނަ ދުވަހުގެ ރޭ އެ ރަށުގެ ރައްޔިތުން ނިކުމެ، ވާރުގެއަށް ގެއްލުންތަކެއް ދީ އެ ތަން ލޫޓުވާފައިވެއެވެ. އެ ކަން ގުޅިފައިވަނީ، އެ ދުވަސްވަރު ސަރުކާރުން ނަންގަވަންފެއްޓެވި، ޑިއުޓީ (މަޢުމޫލު) ނެގުމާއެވެ. 16 ޖޫން 1961މ. ގައި ވެސް ހުވަދުއަތޮޅުގެ ރައްޔިތުންގެ 144 މީހުންގެ ތެރެއިން ހަވަރުތިނަދޫ މީހުން ހިމެނޭ ޖަމާޢަތަކުން ހުވަދުއަތޮޅު އަތޮޅުގެއަށް ގެއްލުންދީ އެ ތަނުގައި ހުރި ފައިސާ ފޭރިގެންފައިވެއެވެ. ދެފަހަރުމަތިން ފޭރިގަތް ފައިސާގެ ޝަރީޢަތް ހިންގާފައިވަނީ، ދެވަނަފަހަރަށް ބަޣާވާތްކުރި މީހުންގެ މައްޗަށެވެ. ނަމަވެސް ފަހުން އެ ޝަރީޢަތް ސަރުކާރުން، އިތުރަށް ކުރިއަކަށް ނުގެންދަވައެވެ.
                                  ------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
17 ޖުލައި 2014މ.