މިއަދާ ޖެހެންދެން ރާއްޖޭގެތާރީޚު ލިޔުމަކީ ވެރިކަމުގެދާއިރާއިން ކުރަމުން އައި ކަމެއްކަމާއި، ތާރީޚު ލިޔާ ފަރާތަކަށް އެތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެދާއިރާއިން ކަމާއި ލިޔުމުގެ މަސައްކަތް ކުރަނީވެސް އެދާއިރާއެއްގެ މުވައްޒަފުންކަމާއި އަދި މިހެންވުމުން ތާރީޚް އޮތީ ވެރިކަމުގެފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހި، ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައިކަމަށް "މުޚްތަޞަރު ތާރީޚު ދީބާމަޙަލް"ގައި ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.
*********************
އުތީމު ރަދުންގެ ރަސްކަމުގައި، ރަދުންގެ ލަޝްކަރު ނުވަތަ ހަނގުބޭކަލުން ބެހިފައިއޮންނަ "6 ބައި" ނުވަތަ "6 ވަރު"ގެ ފަރާތުން ހުވަދުއަތޮޅު ތިނަދޫއަށް ގޮސް އެރަށުގައި ތިބި ޣައިރުދީނުގެ ބަޔަކާއި ކުރި ހަނގުރާމައިގައި، ނުވަތަ "ހަވަރާއި ފުރެތިކާލުންގެ ހަނގުރާމަ"އިގައި ލޭ އޮހޮރި އެތައްބަޔަކު މަރުވީކަމަށް ބުނެވެއެވެ. ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ކިޔަން ފެށުނީ މިހަނގުރާމަ އާއި ގުޅިގެންކަމަށް އިހުއްސުރެ ބުނެވެމުން ދެއެވެ. އެޒަމާނުގައި އޮންނަ ރަސްކަމުގެ "6 ވަރަކީ" އިސްވަރު ނުވަތަ ދޮށިމޭނާވަރު، ހަކުރާވަރު، ވެލާނާވަރު، މާފަތްވަރު، ފާމުލަދޭރިވަރު، ދަހަރާވަރެވެ.
ރަދުންގެ ލަޝްކަރު
މާލެއިން ހުވަދުއަތޮޅު ތިނަދޫއަށް ގޮސް އެރަށުގައި ތިބި ޣައިރުދީނުގެ ބަޔަކާއި ކުރި
ހަނގުރާމައެއްގެ ވާހަކައަކާއި އަދި އެރަށުގެ ނަމުގެކުރިއަށް "6 ވަރު" ނުވަތަ
"ހަވަރު" އިތުރުވެގެން ދިޔަ ގޮތެއްގެވާހަކަ ދިވެހިތާރީޚުން ފެންނަން ނެތި
ކޮންމެމީހަކު އެ ވާހަކަ ދެއްކިނަމަވެސް އޭގެ ދޮގު ތެދު ބަލައި އެކަން ހިނގިގޮތެއް ޔަޤީންކުރުމަށްޓަކައި
އެކަމުގެ ޤަރީނާއާއި ހެއްކާއި އެކަމުގައި އެމީހަކަށް ލިބިފައިހުރި މަޢުލޫމާތެއް އެމީހަކު
ހާމަކޮށް ދައްކަންޖެހެއެވެ. މިއީ މިކަން އޮންނަންވީ ގޮތެވެ. ބުންޏޭ ބުންޏޭ ކިޔައިގެން
ހިތަށްއެރި ކަމެއްގެ ވާހަކައެއް ހިތަށްއެރި ގޮތަކަށް ދެއްކުމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް ކަމެއް ހިނގިކަން ދިވެހިތާރީޚުން ފެންނަން ނެތްނަމަ އެއީ ނުވާކަމަކަށް ނުހައްދަވާ ކަމަކަށް
ނުއުފަންނަ ކަމަކަށްވާކަށް ވެސް ނުޖެހެއެވެ. ކަމެއް ހިނގިނަމަ އެކަމެއް އޮންނާނީ ދިވެހި
ތާރީޚުގައި ލިޔުނަސް ނުލިޔުނަސް ހިނގައިފައެވެ. ނުހިނގާނަމަ ތާރީޚުގައި ލިޔުނަސް ނުލިޔުނަސް
ހިނގިކަމަކަށް ވެސް ނުވާނެއެވެ.
ކުރިއްސުރެ ހަވަރުތިނަދޫގެ
ހަރުދަނާ މުސްކުޅިންވެސް ބުނަމުންދިޔައީ އުތީމުރަދުން ރަސްކަމަށް އިސްވެވަޑައިގަތުމަށް
ފަހު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގަތްއިރު އެރަށުގައި
ޣައިރުދީނުގެ ބަޔެއް ތިބިކަމަށާއި އެފަދަމީހުން އަޅުކަންކުރާ ތަނެއްވެސް އެރަށުގައި
ހުރިކަމަށެވެ. އެދަތުރުފުޅުގައި އުތީމުރަދުންގެ ގޮވައިލެއްވުމަށް މާތްވެގެންވާ އިސްލާމްދީން
ޚިޔާރުކުރުމަށްފަހު އެބައިމީހުން ނަމާދުކުރާނޭ ފުރަތަމަ މިސްކިތަކަށް ހަމަޖެއްސެވީ
އޭގެކުރިން ޣައިރުދީނުގެ އަހުލުވެރިން އަޅުކަމަށް ބޭނުންކުރި ތަނެވެ. މުސްލިމުން އަޅުކަންކުރާ
މިސްކިތަކަށް އެތަން ބަދަލުކުރެއްވީ ޣައިރުދީނުގެ އަސަރުތައް އެތަނުން ފުހެލައްވައި
އާބާތުރަ ފިލުއްވުމަށްފަހުއެވެ. ފަހުން އެތާނގައި އަލުން މިސްކިތެއްވެސް ޢިމާރާތް ކުރެވުނެވެ.
އޭރުއްސުރެ 1962މ. ގައި ތިނަދޫއިން މީހުންބޭލުމާ ހަމައަށްވެސް މިތާނގައި ނަމާދުކުރާ
މިސްކިތެއް ހުރެއެވެ. މިއީ މިހާރު އެރަށުގެ "އަލިހަނދުވަރުގެ" އެ ހުރި ހިސާބެވެ.
އެފަހަރު އުތީމު ރަދުން މާލެވަޑައިގެންފައި ތިނަދޫގައި އެކަށީގެންވާ އެހެން މިސްކިތެއްވެސް ބިނާކޮށްދެއްވިއެވެ. އެއީ ތިނަދޫގެ ކުރީގެ ހުކުރުމިސްކިތް ހުރި ތާނގައި ބިނާކުރެއްވި މިސްކިތެކެވެ. އުތީމު ރަދުން ބިނާކޮށްދެއްވި މިސްކިތުގެ ޖާގަކުޑަވެ އެ މިސްކިތުގެ ބޭރުން ފަހުން މިސްކިތް ބޮޑުކުރި ނަމަވެސް އުތީމުރަދުންގެ މިސްކިތުގެ ބިނާގެ އަސަރު ބޮޑުކުރި ހުކުރުމިސްކިތުގެ އެތެރެއިން ފެންނަން ހުންނާނެކަމަށް ވެއެވެ. ތިނަދޫގެ ކުރީގެ ހުކުރުމިސްކިތުގެ ނަން ނިސްބަތްވަނީ ވެސް އުތީމު ރަދުންނަށެވެ. "މަސްޖިދުލް ޣާޒީ މުޙައްމަދު" އެވެ.

އުތީމުރަދުން ތިނަދޫއަށްވަޑައިގެން
ވާހަކަފުޅުދައްކަވައި އިސްލާމްދީނަށް ގޮވައިލެއްވުމުން އެމީހުން އިސްލާމްދީން ޚިޔާރުކުރުމަށްފަހު،
ދެން ވީގޮތެއްކަމަށް ބުނެވޭ ޔޯލަ ބުނެވުމެއް އޮވެއެވެ. އެއީ އުތީމުރަދުން ތިނަދޫއިން
ފުރާވަޑައިގަތްތާ ދުވަސްކޮޅެއްގެ ފަހުން ތިނަދޫގައި ވިހާ ކުދިން މަރުވަންފެށުމުން މިކަން
ބޮޑުކަމަކަށްވެ ރަށުގެމީހުން ހަދާނެގޮތެއް ނޭނގިގެން މިފިކުރުތެރޭ އުޅެނިކޮށް ތިނަދޫގައި
ވިހާ ކުދިން މަރުވާސަބަބަކީ ކުރިން އެމީހުންއުޅުނު ދީން ދޫކޮށްލީމާ ވާގޮތެއްކަމަށް
އޭރު މީހުންއުޅުނު ރަށެއްކަމުގައިވާ "ރަހަދޫ" ގައި އިން އަންހެނަކު ބުނުމުން
އަނެއްކާ ތިނަދޫމީހުން ޣައިރުދީނަށް ވަންކަމުގެ ޔޯލަ ބުނެވުމެކެވެ. ކޮންމެގޮތެއްވިޔަސް
ތިނަދޫގައި ނުސިޔާނުކަމެއް އުޅޭކަމުގެ ޚަބަރެއް މާލޭގެ ރަސްކަމުގެ ފަރާތަށް ލިބިވަޑައިގަތުމުން
ތިނަދޫގެ ކަންތައް "ހަމަޖެއްސެވުމަށް" އުތީމުރަދުންގެ ލަޝްކަރު، "6 ވަރު"
ފޮނުއްވީއެވެ. އުތީމުރަދުން، އެރަދުންގެ ލަޝްކަރު "6 ވަރު" ފޮނުއްވުމުން
އެނގެނީ ތިނަދޫގައި އުޅުނު ނުސިޔާނު ކަމަކީ އާދައިގެ ނުސިޔާނުކަމެއް ނޫން ކަމަށެވެ.
ޣައިރުދީނުގެ ބަޔަކާއި ހަނގުރާމަކޮށް ލޭ އޮހޮރި ބަޔަކު މަރުވެދިޔަ ނުސިޔާނުކަމެއް ކަމަށެވެ.
އުތީމުރަދުންގެ
ދުވަސްވަރު އިސްލާމުންނާއި ޣައިރުދީނުގެ ބަޔަކާއި ތިނަދޫގައި ކުރި ހަނގުރާމައިގައި މަރުވިމީހުންގެ
ޤަބުރުތައްކަމަށް ބުނެވޭ ޤަބުރުތަކެއް، ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް
"މަސްޖިދުލް ސުލްޠާން މުޙައްމަދު" ގެ އުތުރުފަރާތުން މިސްކިތާއި 100 ވަރަކަށް
ފޫޓު ގާތުން ބައެއް މޫސުމުގައި ރަށުގެ ގޮނޑުދޮށް ގިރަމުންދާއިރު، ފެންނަމުން ދިޔައެވެ.
އަޅުގަނޑުމެން ގިނަ ބަޔަކަށްވެސް އޭގެ ބައެއް ޤަބުރުތައް ފެނިފައިވެއެވެ. ޤަބުރުތައް
ވަޅުލެވިފައި ހުންނަނީ އެގޮތް މިގޮތަށެވެ. ޢާއްމު ދިވެހިންގެހަށިތަކާ ބަލާއިރު ވަރަށްބިޔަ
މީހުންގެ ކަށިވެސް ހުންނަކަން ފާހަގަ ކުރެވެއެވެ. މިއީ އުތީމުރަދުންގެ ދުވަސްވަރު ރަދުންގެ
ލަޝްކަރު "6 ވަރާއި" ތިނަދޫގައި ތިބި ބޭރުގެ ޣައިރުދީނުގެ ބަޔަކާއި އެރަށުގައި ކުރި
ހަނގުރާމައިގައި މަރުވިމީހުންގެ ޤަބުރުތައްކަމަށް ބުނެވޭ ޤަބުރުތަކުން ބަޔެކެވެ. މިވާހަކައަކީ
އޭރުއްސުރެ ތިނަދޫގެ ހަރުދަނާ މުސްކުޅިންވެސް އެކަކުކިބައިން އަނެކަކަށް ނަޤުލުވަމުން
އެބައިމީހުން ދައްކަމުން ދިޔަ ވާހަކައެކެވެ. މިހާރު މިތަނަކީ ތިނަދޫއާއި މާފުށްޓާ ދޭތެރެ
ހިއްކުމުގައި މުޅިންހިކި މީހުންވެސް އާބާދުވަމުންދާ ސަރަޙައްދެކެވެ.
ހިނގައިދިޔަ ކަންތައްތަކަށް
ބަލާއިރު އުފެދިދާނެ ސުވާލުތަކެއްވެސް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެ އިސްލާމްވީތާ
އެތައްއަހަރެއް ވީއިރުވެސް ތިނަދޫ އޮތީ ޣައިރުދީނުގައި ބާވައެވެ. ނުވަތަ އިސްލާމްދީނުގައި
އޮއްވައި ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމާއި ގުޅިގެން އަނެއްކާ އެރަށުގެމީހުން ޣައިރުދީނަށް
ގެނައީ ބާވައެވެ. ޕޯޗުގީޒުންގެ އަނދިރިއަނދިރީންނާއި ވިޔަޒޯރު ފަދަ ވެރިޔަކު ނުވަތަ
ބަޔަކު ދެކުނުގެ އެހިސާބުގައިވެސް އުޅުނީ ބާވައެވެ. އަދި ފުރެތިކާލުންގެ ބަޔަކު ތިނަދޫގައިތިބެގެން
މިހަނގުރާމައެއް މިކުރެވުނީ އެމީހުންނާއި ނޫން ބާވައެވެ. މިކަހަލަ އެތައްސުވާލެކެވެ.
ބުނެވޭގޮތުގައި މާލެ ނުވަތަ ރާއްޖެ އިސްލާމްވީތާ އަހަރުތަކެއް ވީއިރުވެސް މުވާޞަލާތާއި
ދަތުރުފަތުރުގެ ދަތިކަމާއި އަދިވެސް ބައެއް އެހެން ސަބަބުތަކާ ހުރެ އިސްލާމީ އަސަރު
ނުފޯރާ ބައެއްއަތޮޅު ރާއްޖޭގައި ހުރިކަމަށްވެއެވެ.
އުތީމު ރަދުން ރަސްކަމަށް
އިސްވެވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރުކުރިން ރާއްޖެއަށް އައި ބޭރުގެ ވިޔަފާރިވެރިއެއްގެ
ލިޔުމުގައި ރާއްޖޭގެ މީހުންނަކީ ޞިއްޙަތުރަނގަޅު އަދަބުވެރި އަދި ޢަރަބީންގެ ދީނުގައި
ތިބި ބައެއްކަމަށް ލިޔެފައިވެއެވެ. މީނާ 6 މަސްދުވަހު ރާއްޖޭގައި ހުރިކަމާއި މީނާގެނަމަކީ
"ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯ" ކަމަށް "ކުރީގެ ހުވަދޫއަތޮޅު"
މިފޮތުގައިވެސް ލިޔެފައިވެއެވެ.
މާލެއިން "6 ވަރު" ފަދަ ލަޝްކަރެއް ތިނަދޫއަށް ގޮސް މިހަނގުރާމަ ކުރިއިރު ތިނަދޫގައި ތިބޭނީ ކިތައްމީހުންތޯ ވިސްނައިލުން ހުއްޓެވެ. 1853މ. ގައި ތިނަދޫގައި ލާޓް ދަގަނޑު ޖެހިއިރު އެރަށުގައި ތިބީ 500 ވަރަކަށް މީހުންކަމަށް އެދުވަސްވަރު ތިނަދޫ އަށް ޒިޔާރަތްކުރެއްވި ކެޕްޓަން މޮރަސްބީ ލިޔުއްވާކަމަށް ދިވެހިމުއައްރިޚު އުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީގެ އަތްޕުޅުން ލިޔުއްވައިފައިވާ ލިޔުއްވުމަކުން އެނގެއެވެ. ހުވަދުއަތޮޅުގެ ޗާޓް ކުރެހުމުގެ މަސައްކަތުގައި ލާޓް އުޅުއްވި ދުވަސްވަރު އެއަތޮޅު މާމެންދޫ، ކޫއްޑޫ، ވިލިގިލި މިއިން ކޮންމެރަށެއްގައި އުޅެނީ 200 ވަރަކަށް މީހުންކަމަށްވެސް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީއަށް ފޮނުއްވި މެސެޖަކުން އެނގެއެވެ. އަދި ކެޕްޓަން މޮރަސްބީ ޗާޓް ކުރެހުމަށް ހުވަދުއަތޮޅަށް ޒިޔާރަތް ކުރެއްވިއިރު މަޑަވެއްޔަކީ މީހުން ދިރިނޫޅޭ ރަށެއްކަމަށްވެސް އޭނާ ލިޔުއްވައެވެ.
ވީމާ، 1853މ. ގައި ތިނަދޫގައި ތިބީ 500 ވަރަކަށް މީހުންކަމަށް ވާއިރު އޭގެ 260 ވަރަކަށް އަހަރުކުރީގެ އުތީމު ރަދުންގެ ރަސްކަމުގައި ތިނަދޫގައި ތިބޭނީ ކިތައްމީހުންތޯ އާއި އޭގެތެރޭ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ބަލިމީހުން ވެސް ތިބޭނެތީވެ، މާލެއިން "6ވަރު" ފަދަ އެދުވަސްވަރުގެ ލަޝްކަރެއް ތިނަދޫއަށް ގޮސްގެން ތިނަދޫގެ ބަޔަކާއި ހަނގުރާމައެއް ކުރަންޖެހޭވަރަށް އެރަށުގައި މީހުންތިބޭނެތޯ ނޫންތޯ ވިސްނައިލުމަކީ އޮތް ކަމެކެވެ. މިހެންކަމާއެކު މިކުރެވުނު ހަނގުރާމައަކީ އުތީމު ރަދުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވި ދުވަސްކޮޅާއި އަދި އޭގެފަހުން އެރަދުން ރަސްކަމަށް އިސްވެވަޑައިގަތްއިރު ވެސް ރާއްޖޭގައި ޣައިރުދީން ފެތުރުމަށްޓަކައި ރާއްޖޭގެ އެތަން މިތާނގައި އުޅުނު ޕޯޗުގީޒުންގެ ބަޔަކު ތިނަދޫގައި ތިބެ އެރަށަށް އެބަޔެއްގެ އަތްގަދަކޮށްފައިވާތީ އެ ބަޔަކާ ކުރެވުނު ހަނގުރާމައެއްކަމަށް ބެލެވުމުގެ ފުރުޞަތުވެސް ނެތެއްނޫނެވެ.

އުތީމު ރަދުން އެފަހަރު
ތިނަދޫއަށް ވަޑައިގަތްއިރު ޣައިރުދީން ފެތުރުމަށްޓަކައި އުޅޭ ބަޔަކު އެރަށުގައި ނެތް
ނަމަވެސް އެރަދުން ތިނަދޫއިން ފުރާވަޑައިގަތްފަހުން އެފަދަ ބަޔަކު ތިނަދޫއަށްގޮސް އެރަށަށް
އެބައިމީހުންގެ އަތްގަދަކޮށްލުމަކީ ވެދާނޭކަމަކަށް ވުމުން ރަދުންގެ ލަޝްކަރު
"6 ވަރުން" ތިނަދޫގައި ކުރި މިހަނގުރާމައެއް ކުރީ އެބަޔަކާ ކަމަށް ބެލެވެނީއެވެ.
މިހެނީ އެދުވަސްވަރު ރަހަދޫގައި އިން އަންހެނަކު ބުނާ ޔޯލަބަހަކަށް މަތިވެރި އިސްލާމްދީން
ދޫކޮށްލާނޭވަރަށް ވުރެ އޭރު ތިނަދޫގައި ތިބި ބަޔެއްގެ އިސްލާމީ އަޤީދާ ވެސް ވަރުގަދަވާނޭ ކަމަށް
ފެންނާތީވެ ތިނަދޫގެބަޔަކާއި އެކަމަކާއި ހަނގުރާމައެއް ކުރަންޖެހޭނެ ކަމަށް ބެލެވެން
ނެތްކަމަށް ގިނަ ފަރާތްތަކުން އެއްބެސްވެއެވެ.
މާލެއިން
"6 ވަރު" ގޮސްގެން ތިނަދޫގައި ހިނގައިދިޔަ ކަމެއް ހިނގުމަށްފަހު އެރަށުގެ
ރައްޔިތުންގެ ފަރާތުން ކޮންމެ އަހަރަކު ވަކި އެއްޗެހިތަކެއް ވަކި ވަރަކަށް މާލޭގެހަވަރަށް
ފޮނުވަން ހަމަޖެހުމުން ކުރިމަތިވާ ސުވާލުތަކެއްވެސް ނެތެއްނޫނެވެ. އެބަހުއްޓެވެ. އެއީ ރަދުންގެ
ލަޝްކަރު "6 ވަރު" ގޮސް ބޭރުގެ ޣައިރުދީނުގެ ބަޔަކާ ވިޔަސް ތިނަދޫގެބިމުގައި
ހަނގުރާމައެއް ކުރަންޖެހޭ ހިސާބަށް ކަންތައްދިޔުމުގައި އޭރު ތިނަދޫގައި ތިބި ބަޔެއްގެ
ދައުރަކީ ކޮބައިތޯ ކުރިމަތިވާ ސުވާލެވެ. ބޭރުގެބަޔަކު ތިނަދޫގެ ބިމުގައިތިބެގެން އެމީހުން
ކުރިކަމެއްގެ ބަދަލުގައި ތިނަދޫގެމީހުން ރަސްކަމުގެ ފަރާތަށް ނުވަތަ "6 ވަރަށް"
ޖިޒީއެއް ދޭންޖެހޭ ފަދަ އަޅުވެތިކަމަކާ ކުރިމަތިވެދާނެތޯ އުފެދޭ ސުވާލެވެ. މިހެނީ ތިނަދޫގައި
ހިނގި ހަނގުރާމައެއްގެ ފަހުން އެރަށުގެ ދަނޑުކޮޅާއި، މެދު ރުއްގަނޑާއި، ބަރާސީލާއި، ތިނަދޫ މާފުއްޓާއި، ކޫއްޑޫ އާއި، ކާޑެއްދޫއަކީ ވެސް
މާލޭގެ ހަވަރަށް އޮންނަ ތަންތަންކަމަށް ހަމަޖެހި ހަވަރުގެފަރާތުން މިތަންތަން ތިނަދޫގެ
ރައްޔިތުންނަށް ވަރުވާއަށްދޫކޮށް އެތަންތާނގައި ތިނަދޫގެ ރައްޔިތުންވެސް ކުރާ މަސައްކަތެއްގެ
ނަފާ ނުވަތަ ވަރުވާވިޔަސް އެ އެއްޗެއް މާލޭގެ "6 ވަރަށް" ފޮނުވަންޖެހެއެވެ.
މިއެއްޗެއް ނަގައި މާލެ ފޮނުއްވުމަށްޓަކައި "6 ވަރު"ގެ ފަރާތުން ބޮޑުބޭކަލެކޭ
ކިޔާ ބޭކަލަކުވެސް ތިނަދޫގައި ބެހެއްޓެވިއެވެ.
ތިނަދޫގެ ރައްޔިތުންގެ
އަތުން އަހަރަކު އެއްފަހަރު މާލޭގެ "6ވަރަށް" ދައްކަންޖެހޭ ތަކެތީގެތެރޭ
300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި)، 1200 ކުދެވަޓި
(ވެށުން)، 1200 ކާޑެއްދޫ ކުނަލާއި، ރަށުގެ ކޮންމެގެއަކުން
ހުޅެވި ކުނަލަކާއި، 16 ބުރި ވަކަވަލާއި، 01 ގޮއި އޮޑީ ބޮއްކުރައަކާއި، ރަށުގެ ކޮންމެމީހެއްގެ
އަތުން 02 ސަމްސާ (25 އަޑުބާ) ކާށިތެޔޮ، އަދި ރަށުގެ ކޮންމެމީހަކު
ދައްކަންޖެހޭ ބައިކޮއްޓޭ ބޮލި ހިމެނެއެވެ. ކޮއްޓޭއަކީ ބޮލީގެ 12 ފައުއެވެ. 12000 ފުކެވެ.
ނުވަތަ 12000 ފުއްބޮލި އަޅައި ބަންދުކޮށްފައި ހުންނަ "މުޅި" އެވެ. އެއްޗެހި
އަޅަން ނުވަތަ އެއްޗެހި ލުމަށް ފަނުން ވިޔާ އެއްޗަކަށް ވެސް "މުޅި" ކިޔައެވެ.
ތިނަދޫގެ ރައްޔިތުންގެ
އަތުން އަތުލަންޖެހޭ އެއްޗެއް ބޮޑުބޭކަލެއްގެ ބެއްލެވުމުގެދަށުން މާލެއަށް ފޮނުވުމުގައި
ގިނަ އަހަރުތަކެއް ވެއަތުވިއެވެ. މި ބޮޑުބޭކަލަކީ ތިނަދޫގެ ކަންކަމުގައި ވާރުވެރިއަކަށް
ލިޔުމަކުންއަންގަވާ ކޮންމެ މުހިއްމުކަމެއްގެ ނަކަލުވެސް މިބޭކަލަކަށް ފޮނުއްވަމުން
ގެންދެވި ބޭކަލެކެވެ. މީނާ މަޝްހޫރުވެފައިވަނީ ތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. ހަވަރުތިނަދޫ
ގޮއިވެރިޔާގެ މުސާރައެއްގެގޮތުގައި ތިނަދޫއިންލިބޭ އެއްޗެއްގެ އިތުރަށް ރަތަފަންދޫ
ކަންނިގިލިކޮޅާއި، އެހެނިހެން ޢިނާޔަތްތަކެއްވެސް ސަރުކާރުން މިބޭކަލަކަށް ދެއްވިއެވެ.
މިދުވަސްވަރު ތިނަދޫގެ ވެރިންނަށް ފަތްކޮޅުދެއްވަނީވެސް މާލޭގެ "6 ވަރު"ގެ
ފަރާތުންނެވެ. މިފަތްކޮޅަކީ “އަލިފު ފަތްކޮޅު” ކިޔާ ފަތްކޮޅެކެވެ. ހަވަރުތިނަދޫގެ ގޮއިވެރިކަމަކީ
ރައްޔިތެއްލައްވައި ކުރުވި ފުރަބަންޑާރަ އަޅުވެތި މަސައްކަތެއް ކަމަށް ހުވަދުއަތޮޅުގެ
ތާރީޚީ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު
ވެސް ވިދާޅުވެއެވެ.
ތިނަދޫއަކީ
"6 ވަރު"ގެ ރަށަކަށްވުމުން ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ޚާއްޞަ ކަންތައްތަކެއް
އެރަށަށް ހަމަޖެހުނެވެ. އޭގެތެރޭ އައްޑޫ މުލަކުގެ އޮޑިފަހަރު މާލެއާއި ކޮޅުނބަށް ދިއުމަށްޓަކައި
ހުވަދުއަތޮޅުގެ އެތެރެވަރިއަށް ވަދެގެން ކުރާ ދަތުރުތަކުގައި ކާޑެއްދޫ ކަނޑުން ވަނުމާއެކު
އޮޑީގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރުމާއި، ތިނަދޫމީހުން ނޫން
އެހެންމީހުން ތިނަދޫގައި ހުދު ލިބާސްލައިގެން އުޅުމާއި އަދި މަކަނަށް ފޮށާލައިގެން
އުޅުމީ މަނާކަމެކެވެ. މީގެއިތުރުން ރާއްޖޭގެ ރަށްރަށުގެމީހުން ބަންޑާރަ އުޞޫލުން ކުރަންޖެހޭ
މަސައްކަތެއް ކަމެއް ތިނަދޫ މީހުންނަށް ނުޖެހުމާއި، ތިނަދޫގެ ވެރިޔަކަށް
މީހަކު ވަގަށް ގޮވައިފިނަމަ، ގޮވި މީހެއްގެއަތުން
ދުރޯ ނެގުމުގެ އިތުރަށް ހަވަރަށްވެސް ދުރޯއެއް ނަގާނެއެވެ. ދުރޯއަކީ 25 ލާރިއެވެ. އެ
ޒަމާނުގައި މިއީ ބޮޑު އެއްޗެކެވެ.
ތިނަދޫގެ ނަމުގެކުރިއަށް
"6 ވަރު" އިތުރުކޮށް "ހަވަރު - ތިނަދޫ" ކިޔަމުން ގެންދެވުނުގޮތާ މެދު ބެލެވިދާނެ ދެގޮތެއް އެބަވެއެވެ.
ފުރަތަމަގޮތަކީ ރަދުންގެ ލަޝްކަރު "6 ވަރު"ގެ ބެލުމުގައި ދަށުގައި ހުވަދުއަތޮޅު ތިނަދޫ އޮވެ، އެރަށުންލިބޭ އެއްޗެއްގެ ވަކި މިންވަރަކާއި ރައްޔިތުން ކުރަންޖެހޭ މަސައްކަތެއްގެވެސް ވަކި މިންވަރެއް "6 ވަރަށް" ދައްކަންޖެހުމުން ހުވަދުއަތޮޅު ތިނަދޫއަކީ "6 ވަރު"ގެ ނުވަތަ ރަދުންގެ ލަޝްކަރުގެ ބެލުމުގެދަށުގައި އޮތް ރަށެއްކަން އެނގޭގޮތް ހެދުމެވެ.
ދެވަނަގޮތަކީ ރަށުގެނަމަކަށް ތިނަދޫ ކިޔާ ދެރަށެއް ރާއްޖޭގެ 2 އަތޮޅެއްގައި އޮތުމުން "6 ވަރު" ގޮސްގެން ހަނގުރާމަކުރި ތިނަދޫ އެނގޭގޮތަށް ފެލިދެއަތޮޅު ތިނަދޫއާއި ހުވަދުއަތޮޅު ތިނަދޫ ވަކިވާނޭގޮތް ހެދުމެވެ.
މަތީގައިވާ ދެގޮތަކީވެސް އެކަން އެހެންއޮތުމާއި ނެތުންވެސް ހަމަހަމަ ދެގޮތެވެ. ވަކިގޮތެއް ނިންމުން ލާޒިމްކުރާ އެއްވެސްގޮތެއް ނެތެވެ. ހުވަދުއަތޮޅު ތިނަދޫގެ ނަމުގެކުރިއަށް "6 ވަރު" ކިޔަމުން ގެންދެވުނު ގޮތާމެދު ގިނަބަޔަކަށް ބެލެވޭ ދެގޮތަކީ މިއީއެވެ.

ރާއްޖެއިން ބޭރުގެ
ކަނޑުފޭރޭ މީސްމީހުން ތިނަދޫއަށް ގޮސް އެބައިމީހުންގެ ކަނޑުފޭރުން މަގުފޭރުމަށް ނުވަތަ
ރަށްފޭރުމަށް ބަދަލުވެ، ތިނަދޫ ފޭރެންފެށުމުން އެކަމަކުން ތިނަދޫ ސަލާމަތް ނުކުރެވިގެން
ރައްޔިތުން ކަންބޮޑުވެ، ރައްޔިތުން ބޭނުންވެ، ރަދުންގެ ލަޝްކަރު
"6 ވަރު"ގެ ޙިމާޔަތް ހޯދުމަށް ތިނަދޫގެ ރައްޔިތުންއެދިގެން ތިނަދޫ "6 ވަރަށް"
ދީގެން "6 ވަރުން" ތިނަދޫ ބަލަހައްޓަން ފެށުމުން "6 ވަރު ތިނަދޫ"
ނުވަތަ ތާނައަކުރުން ލިޔާނަމަ "ހަވަރު ތިނަދޫ" އަށް ތިނަދޫގެ ނަން ބަދަލުވީކަމަށް
ބުނެވޭ ބުނެވުމަކީ ރަނގަޅު ބުނެވުމެއް ނޫނެވެ. މިހެނީ އެއްވެސްރަށެއްގެ ރައްޔިތުންގެ
ބަޔަކު އެބަޔަކު އަމިއްލައަށް އެދިގެން އަޅުވެތިވާކަށް ބޭނުމެއްނުވާނެއެވެ. ނުވަތަ އެބަޔެއްގެވެރިން
އެބަޔެއްގެ ބެލެހެއްޓެވުން ވާޖިބު އަމާންކަމެއްގެ ނުވަތަ ރައްކާތެރިކަމެއްގެ ބަދަލުގައި
އަޅުވެތިކަމެއް ޚިޔާރެއް ނުކުރާނެއެވެ. "6 ވަރަކީ" ދިވެހިރަދުންގެ ލަޝްކަރެވެ.
އެލަޝްކަރުން އެރަސްކަމެއްގެ ބެއްލެވުމުގެ ދަށުގައިވާ ރަށެއްގެ ރައްޔިތުންނަށް އަމާންކަމެއް
ނުވަތަ ރައްކާތެރިކަމެއް ދިނުމުގެ ބަދަލެއްގެގޮތުން އެބަޔަކު އަޅުވެތިކޮށް ނިކަމެތިކޮށް
ޖިޒީ ދޭކަށްވެސް ނުޖައްސާނެއެވެ. މިކަހަލަކަމެއް ދިވެހިރާއްޖޭގައި ހިނގިކަމެއްވެސް
އެނގޭކަށް ނެތެވެ. (ނިމުނީ)
-----------------
ޢަބުދުﷲ ޙިލްމީ
15 އޮކްޓޫބަރ 2012މ.
15 އޮކްޓޫބަރ 2012މ.
މަޢުލޫމާތުގެ ޙިއްޞާ:
އަލްމަރުޙޫމް
މުޙައްމަދު އިބްރާހީމް ލުޠުފީ (ލިޔުއްވުން)
އަލްމަރުޙޫމް
ޙަސަން ޙިލްމީ ޖަނަވަރީގެ/ތިނަދޫ (ލިޔުއްވުން)
ޢަލީ ނަޞީރު
ޒޫރިޔާގެ/މަޑަވެލި
ދިވެހިތާރީޚާ
ގުޅުންހުރި ބައެއް ލިޔުންތައް