ރޭޑިޔޯ ޓެލެފޯނާއި، ވޯކީޓޯކީ މުވާޞަލާތު
ހުވަދުއަތޮޅުގެ ފުރަތަމަ ހަމަނުޖެހުމަށްފަހު ހަވަރުތިނަދޫގައި ހުންނަ އަތޮޅުއޮފީހުގައި މާލޭގެ ކަމާބެހޭ ފަރާތާއި ގުޅޭގޮތަށް ސަރުކާރުން ބަހައްޓަވާފައިވާ ވަޔަރލެސް ސެޓެއް ހުއްޓެވެ. ނަމަވެސް ސުވައިދީބުގެ ދެވަނަ ހަމަނުޖެހުން ހިންގި ރޭގައި އެސެޓުގެ ބޭނުމެއް ނުކުރެވޭގޮތަށް އެއަށްވަނީ ގެއްލުންތަކެއް ކޮށްފައެވެ.


ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ގައްދޫގައި އަތޮޅުއޮފީސް ގާއިމުކުރުމާއި ގުޅިގެން، އެ އޮފީހުގައި ސަރުކާރުން ބެހެއްޓެވީ މާކަރީ ބްރޭންޑްގެ ރޭޑިޔޯ ޓެލެފޯން ސެޓެކެވެ. އެއީ 2 ޖޫން 1961 ގައި މާލެއާއި އަތޮޅުތަކާއި ރޭޑިޔޯޓެލެފޯނުން ގުޅާލުމުގެ މަސައްކަތް ހިނގަން ފެށުމާއި ގުޅިގެންނެވެ. ހދ. އާއި އަދި 30 ސެޕްޓެމްބަރ 1965 ގައި އައްޑުއަތޮޅު އަތޮޅުއޮފީހުގައި ރޭޑިޔޯޓެލެފޯން ބެހެއްޓުމަށްފަހު އެހެން އަތޮޅުތަކުގާވެސް އެމަސައްކަތް ހިނގަމުންދިޔައިރު ގައްދޫގައި ހުރި އަތޮޅުއޮފީހުގައި ރޭޑިޔޯޓެލެފޯން ސެޓް ބެހެއްޓެވީއެވެ.

އަތޮޅުތަކުގެ އަތޮޅުއޮފީސްތަކުގެ ރޭޑިޔޯޓެލެފޯނުން މާލެއިން ޢާއްމުކޮށް ގުޅަންޖެހެނީ ޓީ.ސީ.ޑީ (ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓް) އާއެވެ. އަދި ބޭނުންވެއްޖެނަމަ ދާޚިލިއްޔާއާއި ގުޅާލެވެންވެސް ހުރެއެވެ. ޓީ.ސީ.ޑީގެ ކޯލް ސައިންއަކީ 2.Q.8 އެވެ. އެދުވަސްވަރު އެތާނގައި ގިނަ އޮޕަރޭޓަރުން މަސައްކަތް ކުރެއްވިއެވެ. ގދ. އަތޮޅުއޮފީހުގެ ރޭޑިޔޯ ކޯލް ސައިންއަކީ  8.Q.Q އެވެ. އަތޮޅުއޮފީހުގެ ފުރަތަމަ ރޭޑިޔޯ އޮޕަރޭޓަރަކީ، ގައްދޫ ކޮމާ އފ. ޢަބުދުލް ޢަޒީޒު މުޙައްމަދެވެ. އޮޕަރޭޓަރ ފިޔަވައި އެސެޓުން ވާހަކަދެއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އަތޮޅުވެރިޔާއަށެވެ. އޭނާ ނެތް ހިނދެއްގައި އޮފީހާއި އެވަގުތަށް ޙަވާލުވެހުންނެވި ބޭފުޅަކަށް ދާޚިލިއްޔާއިން ޚާއްޞަ ހުއްދަ ދެއްވުމުން އެބޭފުޅަކަށް އެއިން ވާހަކަ ދެއްކެވެއެވެ. އެނޫންމީހުން ވާހަކަދެއްކުމަކީ މަނާކަމެކެވެ.

ރޭޑިޔޯ ޓެލެފޯނާއި ގުޅާ އެންޓަނާ މާސްޓް ނެގުމަށް އެދުވަސްވަރު ފުރަތަމަ ބޭނުންކުރީ ގާތްގަޑަކަށް 60 ފޫޓްގެ އުސްމިން ލިބޭވަރަށް ދިވެހިރުކުގެ ބައިބައި ގުޅައިގެންނެވެ. ބިމުގެ ކަޑައެޅޭ ދުރުމިނެއްގައި އޭގެ ދެއެތި ޖަހައި، އެދޭތީގެ މަތިން ދަމާލެވޭ އެންޓަނާ ނަރަކުން (ފީޑަރަކުން) ރޭޑިޔޯޓެލެފޯނާއި ގުޅައިގެންނެވެ. ތިނަދޫގެ ދެވަނަ އާބާދީގައި އަތޮޅުއޮފީސް ތިނަދޫއަށް ބަދަލުކުރުމަށްފަހުވެސް އެންޓަނާ މާސްޓަށް ފުރަތަމަ ބޭނުންކުރީ މިގޮތަށް ދިވެހިރުކުގެ ބައިބައެވެ. ދެތިންއަހަރުފަހުން އޭރިޔާއަށް ޖެހީ އެކަމަށް ތައްޔާރުކޮށް ސަރުކާރުން ފޮނުއްވާފައިވާ ދަގަނޑު ހޮޅިއެވެ.

އެދުވަސްވަރުގެ މަޢުލޫމާތާއި ތަޖުރިބާއަށް ބަލާއިރު އެފަދަ އޭރިޔާ މާސްޓެއް ކޮޅަށް ޖެހުމަކީ އުނދަގޫ ވަރަށްބޮޑު ކަމެކެވެ. ތިނަދޫގައި ދަގަނޑުހޮޅީގެ އޭރިޔާ މާސްޓް ނެގުމުގެކަންތައް ފުރަތަމަ ހިނގިގޮތް އެދުވަސްވަރު ގދ. ހެލްތު ސެންޓަރގައި ހުންނެވި ހެލްތުއެސިސްޓެންޓް އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ އޭނާގެ އެދުވަސްވަރުގެ ޑައިރީގައި ލިޔުއްވާފައިވެއެވެ.

"ހުކުރުދުވަހު ދޭއްޖެހިއިރު ސަންގު ފުމޭން ފެށުނެވެ. އަލުންވެސް ރޭޑިޔޯތެލްފޯނު އޭރިޔާ (އެންޓަނާ މާސްޓް) ކޮޅަށްޖެހުމުގެ މަސައްކަތަށް ރައްޔިތުން އެއްކުރުމަށެވެ. ކަމަކީ ހަމަ ކޮންމެމީހަކަށް އައު މަސައްކަތެކެވެ. ނަގައި ކޮޅަށްޖަހަން ޖެހެނީ ދަގަނޑުހޮޅީގެ އޭރިޔާއެކެވެ. ގޮތްތައް ކިޔެމުންދެއެވެ. އަޑުގަދަވެ ހޯބޯލަވަނީއެވެ. ތަޖްރިބާއެއްނެތި ކޮންމެމީހަކުވެސް އެމީހަކު ދެކެފައިވާ ގޮތެއް ކިޔަނީއެވެ. ތުއްތުކަތީބު އެގޮތަކަށް ތާއީދު ކުރައްވައެވެ. މިހާރު ކޮންމެވެސް ގޮތަކަށް ނެގުމުގެ މަސައްކަތް ފެށިއްޖެއެވެ. ނަމަވެސް އެފަދައެއްޗެއް ނަގަން ޖަހާފައިވާ ލަނބުރާންތައް ކުރެވެ. ވަރަށް މަދު ލަނބުރާނެއް ނޫނީ މުގޫވެފައިވެސް ނެތެވެ. ފަހަރަކު ބަޔެއް ނެގެމުން އެބަދެއެވެ. މަތީކޮޅު ނެގުމަށްޓަކައި ވަރަށްދިގު އޮނު ކައްތިރިޔެއް އެބަ ބޭނުން ކުރެވެއެވެ. މިހާރު ވަކިހިސާބަކުން އޭގެބާރު ކެނޑިއްޖެއެވެ. ކައްތިރި ކޮޅަށް ޖެހުނީއެވެ. ލަނބުރާންތަކުން ކަންޓްރޯލް ކުރަން ޖެހުނީއެވެ. މުގޫކުރެވޭހާ ދިގުމިނެއް ލަނބުރާންތަކަކު ނެތެވެ. އެއްމެން ހާސްކޮށްލައިފިއެވެ. މަޑުމަޑުން ކިރެލުމަށްފަހު މަތީބައި ޑަންލާފައި އައިސް ތިރިވީއެވެ. އެއޮތްފަލަ އޮނުކައްތިރި ބިންދާލާފައެވެ. ދެބުރި މޫދަށެވެ. އިރުއޮއްސެން ކައިރިވިއިރު މަސައްކަތް ނާކާމިޔާބުވީއެވެ. ކޮޅަށްހުރި ބައިވެސް ތިރިކޮށްލަން ޖެހުނީއެވެ. ކަމަށް އެކަށޭނަ ސާމާނު ހޯދިފައި ނެތީއެވެ. މީހުންވެސް މަދީއެވެ. ތަޖްރިބާ ލިބިފައިވާ މީހަކު އަމުދުން ނެތީއެވެ.

ހުކުރުދުވަހު މެންދުރުފަހުން އަލުންވެސް އޮތީ އޭރިޔާ ނެގުމުގެ މަސައްކަތެވެ. އެއިރު މަސައްކަތް ކުރަމުން ގެންދިޔައީ އާދައިގެ ކުނބު ނަގާގޮތަކަށެވެ. އިރުއޮއްސުމުގެ ކުރިން ތިންބައިކުޅަ އެއްބައި ބިމުން ނެގިއްޖެއެވެ. ނަމަވެސް އެހިސާބުން އެއީވެސް އަދި ކާމިޔާބުވާނޭ ގޮތަކަށް ނުވިއެވެ. ދެރޯޒު އަޅައިގެން ކުރިޔަށް ގެންދަންވެސް މަސައްކަތްކޮށް އިރުއޮއްސި އަނދިރިވަމުން ދިޔައިރު މަސައްކަތް ނުނިމޭތީ އެހެން ދުވަހަކަށް ލަސްކޮށްލެވުނެވެ." 

މުޙައްމަދު ޒަކަރިއްޔާގެ ލިޔުއްވުމުގައި އެވަނީ އެކަން ހިނގިގޮތެވެ. އެދުވަސްވަރު އަޅުގަނޑަކީ އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެވެ. އޭރުގެ މުސާރައަކީ މަހަކު -/15 ރުފިޔާއެވެ. އަތޮޅުއޮފީހުގެ ރޭޑިޔޯޓެލެފޯން އޮޕަރޭޓަރއަކީ ވާދޫ ފިނިފެންމާގޭ އފ. އަޙުމަދު ނަޞީރެވެ. އޭރުގެ މުސާރައަކީ މަހަކު -/75 ރުފިޔާއެވެ. އަތޮޅުވެރިޔާގެ މުސާރައަކީ މަހަކު -/250 ރުފިޔާއެވެ.

މާލޭ ގ.ކެތީރޯޒް އފ. މުޙައްމަދު ޝަރީފުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު 1 އިންޗި ހޮޅިން ހަދާފައިވާ އެންޓަނާ މާސްޓް އަކަށް އަތޮޅުއޮފީހުގެ ރޭޑިޔޯޓެލެފޯން އެންޓަނާ ބަދަލުކުރިއެވެ. އެފަހަރު ތިނަދޫގެ ރައްޔިތަށް ސަންގު ފުމެގެން ރައްޔިތުން ނެރެގެން އޭރިޔާ ނަގާކަށް ނުޖެހެއެވެ. އެއީ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުންނެވެ. އެފަހަރު އަޅުގަނޑުހުރީ އަތޮޅުއޮފީހުގެ މެކޭނިކެއްގެ ވަޟީފާގައެވެ. އޭރިޔާ ޖަހާނޭގޮތުގެ ތަމްރީނާއި މަޢުލޫމާތު ދެއްވުމަށް އަޅުގަނޑު ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓަށް މާލެގެންދެވިއެވެ. އެކަންކުރާނޭގޮތް ދަސްކޮށްދެއްވީ އފ. މައިޒާން އަޙުމަދު މަނިކެވެ. އެހެންކަމުން އަތޮޅުއޮފީހުގެ ދެ މުވައްޟަފުންކަމަށްވާ ޓޫލެޓް ޙަސަން ޢަލީއާއި، ތާނގީދޮށުގޭ ޢަބުދުﷲ ނަޞީރާއި، އަޅުގަނޑާއި ތިންމީހުންނަށް އެކަނި ދެދުވަހުން 60 ފޫޓްގެ ދެ އެންޓަނާ މާސްޓް ޖަހައި ނިންމާލެވުނީ އެކަން ކުރާނޭގޮތުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައި ހުރުމުންނެވެ.
     
ރާއްޖެތެރޭގެ ރޭޑިޔޯޓެލެފޯންތަކުގައި އެދުވަސްވަރު ބޭނުންކުރަނީ ޑީ.ސީ 24 ވޯޓެވެ. 24 ވޯޓްގެ 1 ބެޓްރީ، ނުވަތަ 12 ވޯޓްގެ 2 ބެޓްރީއެވެ. ޗާރޖްކުރަނީ ޖެނެރޭޓަރެއް ހިންގައިގެން އޭސީ، ޑީސީއަށް ބަދަލުކުރާ ޕެނެލްބޯޑެއް މެދުވެރިކޮށް އެއިންނެވެ. ތިނަދޫއަށް އަތޮޅުއޮފީސް ބަދަލުކުރުމަށްފަހު، ބެޓްރީ ޗާރޖްކުރާ ލިސްޓަރ ޖެނެރޭޓަރ ބަހައްޓާފައިހުރީ މިހާރު އަތޮޅުގޭގެ ދެކުނުފަރާތު ވާރޭފެން ތާނގީ ބަހައްޓާފައި ހުންނަ ތާނގައި ހިޔާކޮށް ހަދާފައިހުންނަ ކުޑަ ތަނެއްގައެވެ. ބެޓްރީގެ އެސިޑް ދެރަވެ ޗާރޖް ހިފަހައްޓަން ދަތިވާ ދުވަސްވަރު ދުވާލަކު މަދުވެގެން ދެފަހަރު ބެޓްރީތައް އަތޮޅުއޮފީސް ޢިމާރާތުން ޗާރޖަރ ހުންނަތަނަށް އުފުލަން ޖެހެއެވެ. މިއީ ވަރަށް އުނދަގޫ އުފުލަން ޖެހުނު ކަމެކެވެ. އެކަކަށް ކުރަން ދަތިކަމެކެވެ. މިމަސައްކަތް އެންމެގިނައިން ކުރައްވާފައިވާނީ ތިނަދޫ އެވަރފާސްޓް އފ. ޙަސަން އިބްރާހީމްދީދީއެވެ.

ރޭޑިޔޯޓެލެފޯނުގެ ޓްރާންސްމިޓް އޮންކޮށް މެސެޖް ފޮނުވުމާއި ވާހަކަ ދައްކަން ނުޖެހޭ ވަގުތުތަކުގައި ބެޓްރީގެ ޚަރަދު ކުޑަކުރުމަށް ހަމައެކަނި އަޑު އެހުމަށްޓަކައި އިތުރު ރޭޑިޔޯއެއް ބޭނުންކުރެއެވެ. އެދުވަސްވަރު ޢާއްމުކޮށް އަޑުއެހުމަށް ބޭނުންކުރީ 2182 (ކިލޯހާޓްސް) ފްރިކްއެންސީއެވެ. ނަމަވެސް މެސެޖް ފޮނުވުމާއި ވާހަކަދެއްކުމަށް ޢާއްމުކޮށް ބޭނުންކުރަނީ 2536 އާއި 2438 އާއި އަދި އެހެން ފްރިކްއެންސީއެވެ. 2182 (ކިލޯހާޓްސް) މިއީ އެދުވަސްވަރުވެސް ކަނޑުމަތީ އުޅަނދުތަކުގެ ކުއްލިޙާލަތުގެ އިންޓަރނޭޝަނަލް ކޯސްޓަލް ފްރިކްއެންސީވެސް މެއެވެ. އެދުވަސްވަރު ރާއްޖޭގެ ސަރަޙައްދަށް ގަވަޢިދާޚިލާފަށް ވަދެގެންއުޅޭ ބޭރުގެ މަސްބޯޓްތައް އަތުލައިގަތުމުގާވެސް 2182 ފްރިކްއެންސީގެ ބޭނުންތެރިކަން ހިފުނެވެ. އެފަދަ ބޯޓްތައް އަތުލުމުގެ އޮޕަރޭޝަން ސަލާމަތީ ބާރުން ކަނޑުމަތީ އުޅަނދެއްގައި ކުރަމުން ގެންދާއިރު ރޭޑިޔޯޓެލެފޯނަކުން އެކަމާބެހޭ ހުރިހާ އޯޑަރެއް ދެއްވަމުން ގެންދަވަނީ އެދުވަސްވަރުގެ ވެރިކަމުގެ އެންމެމަތިންނެވެ. 8.Q.4 ގެ ކޯލް ސައިނުންނެވެ. އެ އޯޑަރއަކީ ގިނަފަހަރު ސީދާ ސަލާމަތީބާރުގެ އެދުވަސްވަރުގެ އެންމެއިސްވެރިޔާ (ރައީސުލްޖުމްހޫރިއްޔާ)  އަތިރީ މާފަންނުގޭގައި ސެޓް ކައިރީ އިންނަވައިގެން އެމަނިކުފާނު ދެއްވާ އޯޑަރއެވެ. އެދުވަސްވަރު 8.Q.4 އިން ޢާއްމުގޮތެއްގައި ވާހަކަދައްކަވާ އޮޕަރޭޓަރއަކީ ސިއްކަގޭ މަނިކުފާނެވެ. ގަވަޢިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެގެން އުޅޭ ބޯޓެއް، ސަލާމަތީބާރުގެ އަމުރަށް ކިޔަމަންނުވާ ޙާލަތުގައި އެބޯޓެއްގެ ކައިރީ ކަނޑުގެ ލޮނުގަޑަށް އިންޒާރުގެ ބަޑި ޖަހައެވެ. ބައެއްފަހަރު ބަޑީގެ އަޑު އަތޮޅުތަކުގެ ރޭޑިޔޯޓެލެފޯނަށްވެސް ލިބެއެވެ. އެއަޑު ލިބެނީ ސަލާމަތީ ބާރުގެ ހަތިޔާރު އުޅަނދުގެ ރޭޑިޔޯޓެލެފޯނުން ވާހަކަދައްކަމުންދާ ވަގުތާ ދިމާވާނަމައެވެ.

ރޭޑިޔޯޓެލެފޯނުން އަތޮޅުއޮފީސްތަކާއި މާލޭގެ ބައެއް އޮފީސްތައް ގުޅަންފަށައި އަހަރުތަކެއް ވޭތިވެދިޔައިރުވެސް އަތޮޅުތަކުގެ މީހުންއުޅޭ އެއްރަށުން އަނެއްރަށާއި އަދި އެރަށްރަށާއި އަތޮޅުއޮފީހުން ގުޅޭނޭގޮތެއް ނޯވެއެވެ. ރަށްރަށުގެ އޮފީސްތަކާއި އަތޮޅުއޮފީސްތަކުގައި ވޯކީޓޯކީން ގުޅުން ގާއިމުކުރެވުނީ ރޭޑިޔޯޓެލެފޯންގެ ފަހުންނެވެ. ރާއްޖެއަށް ފުރަތަމަ ވޯކީޓޯކީ ސެޓެއް ގެންނެވީ 1961 ވަނައަހަރުގައި ނައިފަރު އފ. އަޙުމަދު ޢަބުދުލް ޙަކީމް ކަމުގައި އެނގިފައިވެއެވެ. އޭގެފަހުން ސަރުކާރުންވެސް ގެންނެވިއެވެ. 1962 ގައި ހަވަރުތިނަދޫން މީހުން ބޭލި ދަތުރުގައި ސިލްވަރ ކްރެސްޓް އިން ވޯކީޓޯކީ ގެނެސް އޭގެ ބޭނުން އެފަހަރު ކުރިއެވެ. ރަށްރަށުގެ ރަށު އޮފީސްތަކުގައި ޢާއްމުކޮށް ވޯކީޓޯކީގެ ބޭނުންކުރަން ފެށުނީ އޭގެ މާފަހުންނެވެ.

އަތޮޅުއޮފީހާއި ރަށު އޮފީސްތަކާއި ގުޅުމަށް ފުރަތަމަ ބޭނުންކުރީ ވޯކީޓޯކީ ހޭންޑް ސެޓެވެ. މިއެއްޗެތިން އޮފީސްތަކާއި ގުޅައި މެސެޖް ފޮނުވައި އުޅެނީ ރަށުގެ އަތިރިމައްޗަށް ނުކުމެއެވެ. ވޯކީޓޯކީތައް އެކަތި އަނެކައްޗާއި ދެމެދު ރަށުގެ ރުއްގަސް ޢިމާރާތްފަދަ އެއްޗެއްގެ ސީދާ ހުރަހެއް ނުވާނެގޮތް ބަލައިގެންނެވެ. އެހެންވުމުން ގުޅަންޖެހޭ ގަޑީގައި ވާރޭ ވެހޭނަމަ ނުގުޅޭފަހަރު އަންނާތީ ބައެއް ރަށްރަށުގެ އަތިރިމަތީގައި ޓޯކީ ގުޅުމަށްޓަކައި ދަނޑިފަނުން ހިޔާ ތަންކޮޅެއްވެސް ހަދާފައި ހުރެއެވެ. ހޭންޑް ސެޓް ގެންގުޅުނުއިރު މެސެޖް ފޮނުވުމާއި ނެގުމުގައި ވަރަށްބޮޑު ދަތިތަކާއި ކުރިމަތިވެއެވެ. ޚާއްޞަކޮށް ދިމާވާ އެންމެބޮޑު ދައްޗަކީ އޭރު ގެންގުޅުނު ވޯކީޓޯކީއަކީ ސީ ބޭންޑް އެއްޗަކަށްވާތީ އިންޓަރފޭރަންސް ގަދަޔަށް ހުންނަ ގަޑިތަކުގާ އެއްގޮތަކަށްވެސް މުވާޞަލާތު ނުކުރެވޭކަމެވެ. އަދި އެދުވަސްވަރު ބޭރުގެ މަސްބޯޓްފަހަރުގެ ސީ ބޭންޑް ސެޓްތަކުން ވާހަކަދައްކާ އަޑުތައް ގަދައަށް ލިބޭގޮތް ވުމަކީވެސް އޮފީސްތަކުގައި ގެންގުޅުނު ހޭންޑް ޓޯކީތަކަށް މަސައްކަތް ނުކުރެވޭ ކަމެކެވެ.

ދުނިޔެއަށް އަންނަމުންދިޔަ ތަރައްގީގެ ކުރިއެރުމާއެކު އޮފީސްތަކުގެ މުވާޞަލާތީ ނިޒާމަށްވެސް ދިޔައީ އެކިފަހަރު ކުރިއެރުމުގެ އެކިބަދަލު އަންނަމުންނެވެ. ފޯނާއި ފެކްސްއާއި މެއިލްއާއި އީ. ގަވަރންމަންޓްގެ ވިއުގައިގެ ނިޒާމާއި އެނޫންވެސް ޕްރިންޓާއި އިލެކްޓްރޯނިކްސް ފަދަ ނިޒާމްތަކުންވެސް މުވާޞަލާތްކުރުމުގެ ފަސޭހަކަން މިއަދުވަނީ ޙާޞިލްވެފައެވެ.

އަތޮޅުއޮފީސްތަކާއި، ރަށުއޮފީސްތަކަށް ވޯކީޓޯކީ ތަޢާރަފުކުރެވުނުއިރު ހުވަދުއަތޮޅު އަތޮޅުވެރިކަން ކުރަނީ، ގައްދޫގައެވެ. ލަފާކުރެވޭ ގޮތުގައި އެއަތޮޅުގެ ރަށްތަކަށް އެންމެ ފުރަތަމަ ވޯކީޓޯކީ ތަޢާރަފު ކުރެވުނީ 1966މ. ވަނަ އަހަރުއެވެ. ކޮންމެއަކަސް 1967މ. ވަނަ އަހަރުގެތެރޭގައި އެއަތޮޅު ހަވަރުތިނަދުއަށް ބޭރުގެ ޔޮޓެއް ބަނދަރުކޮށް އެކަމާބެހޭ ކަންކަން ހިނގަމުން ދިޔައިރު (އެދުވަހު) އެއަތޮޅުގެ އަތޮޅުވެރިޔާ ގައްދޫ ހުސައިން މަނިކު ހުންނެވީ މަޑަވެލީގައެވެ. އެ ޔޮޓާއިބެހޭ ކަންކަމުގައި މަޑަވެލީ އަތިރިމަތީގައި، ގޮޑުދޮށުގައި ހުންނަވައިގެން އޭނާ ވާހަކަދެއްކެވިއެވެ.

ޢާއްމުގޮތެއްގައި އެދުވަސްވަރު ވޯކީޓޯކީ ގުޅަނީ އަތިރިމައްޗަށް ގޮހެވެ. (ވާދޫގެ ރަށުއޮފީހާއި އަތިރިމައްޗާއި ވަރަށްދުރެވެ. ޓޯކީ ގުޅުމުގެ ދެގަނޑިއެއްހާއިރު ކުރިން އެރަށުން ޓޯކީގުޅާ މީހާ އަތިރިމައްޗަށް ހިނގައިގަނެއެވެ.) ވާހަކަދައްކަމުން މެސެޖުވެސް ލިޔަމުން ގެންދިއުމަކީ، ވަރަށްދަތިކަމެއްކަމަށް ވިއަސް އެކަންކުރަނީ އެގޮތަށެވެ. މޭޒެއް އަދި ގޮނޑިއެއްހާ ހިސާބުވެސް ގިނަ ރަށްރަށުގައި ނުހުރެވެ. ބައެއްރަށްރަށުގައި ބޭނުންކުރަނީ، އަތިރިރިމަތީގައި އޮންނަ ލަކުޑިބުރިއެއް ނުވަތަ އެފާޑުގެ ކޮންމެވެސް އެއްޗެކެވެ. އަޑު ސާފުކުރުމަށްޓަކައި، އަތިރިމަތީގައި ހުންނަ ގަސްތަކަށް ދިގު ދަނޑިއެއް ނަގައި ނަރެއްވެސް ގުޅާފައި ހުރެއެވެ. ވަރަށްއަވަހަށް ބެޓްރީގެ ބާރު ދެރަވެއެވެ. ބެޓްރީ ފޮނުވަނީ އަތޮޅުއޮފީހުންނެވެ.

މަޑަވެލީގައި ވޯކީޓޯކީ ގުޅަނީ އޮފީހުގެ ޕިޔޯނު ޝާދީވިލާ / އިސްމާޢީލް ޒާހިރެވެ. އާއްމުގޮތެއްގައި އޭނާ ހަދާގޮތަކީ، ފޮނުވާ މެސެޖު ފުރަތަމަ ބިންމަތީގައި ލިޔަނީއެވެ. ލިޔެ ނިމުނުން ޓޯކީ އޮފްކޮށް، ދެން ފޮތުގައި ލިޔަނީއެވެ. އެދުވަސްވަރު މެސެޖުގައި ލިޔާ އޮބްލިކަކީވެސް ވަރަށް އާ އެއްޗެކެވެ. ގިނަ ރަށްރަށުގައި "އޮކްލިކް" އެގޮތަށް ލިޔަނީއެވެ. 1980މ. ވަނަ އަހަރު އަތޮޅެއްގެ ރަށަކުން އަތޮޅުއޮފީހަށް ސިޓީއެއް ފޮނުވީ އޮބްލިކަށްވުރެ ލިބުނު ހިލޭ ކަދުރުގެ އަދަދު މަދުވެގެންނެވެ. ވީގޮތަކީ، މާމީހުން މަދުރަށަކަށް ފޮނުވި މެސެޖުގައި އޮބްލިކުގެ ފަހަތައް އިން އަދަދު މާގިނައެވެ. މީހުންގިނަ ރަށެއްގެ އޮބްލިކްގެ ފަހަތަށް ކަދުރުގެ އަދަދު މާގިނަވީއެވެ. މިސާލަކަށް އެއްރަށަށް ފޮނުވި މެސެޖުގައި ލިޔެފައިވަނީ އޮބްލިކް 15 އެވެ އަނެއް ރަށަކަށް ފޮނުވި މެސެޖުގައި ލިޔެފައިވަނީ އޮބްލިކް 150 އެވެ. އެރަށް ލިބުނު ކަދުރު މާމަދުވީއެވެ.

މުވާޞަލާތީ މިހާރުގެ ފަސޭހަތަކާއެކު ކުރީގެ މުވާޞަލާތީ ކަންކަން ހުރިގޮތާއި އޭރުގެ އުނދަގޫތައް އެނގުމަކީވެސް އެންމެރަނގަޅު ކަމެކެވެ.
                          -------------------
ޢަބުދުﷲ ޙިލްމީ
21/12/2012