ހުވަދުއަތޮޅު ތިނަދޫގެ ތަޢުލީމީ ހަރުފަތްތަކުން – ތިނެއް
ކުރީގެ ދުވަސްވަރު، ހުވަދުއަތޮޅުން އެކަށީގެންވާ ތަޢުލީމެއް ލިބޭނޭމަގެއް ނެތުމުން ތިނަދޫއާއި އަތޮޅުގެ އެހެން ރަށްރަށުގެ ކުދިންނާއި މީހުން އައްޑުއަތޮޅު މީދޫގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނުމަށް މީދުއަށް ދިޔައެވެ. އެ ދުވަސްވަރު ރާއްޖޭގެ ކަންކޮޅުތަކުގެ އެކި ފަންތީގެ މީހުންވެސް އިލްމު އުނގެނުމަށްޓަކައި މީދުއަށް ދިޔައެވެ.

މިދެންނެވިގޮތަށް އައްޑުއަތޮޅު މީދޫ އައިސާބީގެދަރު އަލްޚަޠީބު އައްޝައިޚް ޙުސައިން ތަކުރުފާނުގެ މަޝްހޫރު ދަރިކަލުން މީދޫ އައިސާދަރު ދޮންބެއްޔާ (އައިސާބީގެދަރު ފަޟީލަތުލް ޢައްލާމަތުއް ޝައިޚް އިބްރާހީމް ތަކުރުފާނު) ގެ އަރިހުން ތަޢުލީމު ހޯއްދަވައިގެން ތިނަދޫގެ ވަރަށްގިނަ ކުދިންނާއި މީހުންނަށް ކިޔަވައިދެއްވި ތިނަދޫގެ އެންމެމޮޅު ބޭފުޅެއްކަމަށް ފާހަގަކުރެވެނީ ތިނަދޫ މުދިމް ޙުސައިން ތަކުރުފާނެވެ. މިއީ ތިނަދޫ ނުވަތަ ހަވަރުތިނަދޫ ބޮޑުކަތީބު އަޙުމަދު ކަލޭގެފާނުގެ މުޙައްމަދު ކަތީބު ކަލޭގެފާނުގެ އަޙުމަދު ކަލޭގެފާނު (މުދިމްބެއްޔާ)ގެ ދަރިކަލެކެވެ.

(މީދޫ އައިސާބީގެ ދަރު އަލް ޚަޠީބު އައްޝައިޚް ހުސެން ތަކުރުފާނުގެ ދަރިކަލުން ފަޟީލަތުލް ޢައްލާމަތުއް ޝައިޚް އިބްރާހީމް ތަކުރުފާނު(އައިސާދަރު ދޮންބެއްޔާ)އަކީ، އަލްޤާޒީ މޫސާ ބަދުރުއްދީން ފަޑިޔާރު ތަކުރުފާނުގެ އަޚެކެވެ. ޝައިޚް ހުސައިން ސަލާޙުއްދީނާއި ޝައިޚް އިބްރާހީމް ލުޠުފީ އާއި މިނޫނަސް ރާއްޖޭގެ ފުންނާބު އުސް މޮޅު ޢިލްމްވެރިންގެ އެދުރެކެވެ.)

ތިނަދޫ މުދިމް ޙުސައިން ތަކުރުފާނަކީ ތަޖުވީދު މަގަށް ކީރިތި ޤުރުއާނު ކިޔަވައިދެއްވި ފުންނާބު އުސް މޮޅު އެދުރެކެވެ. ރަށާއި އަތޮޅުގެ ބޮޑެތި ކަންކަމުގައި ބަސްވިކުނު ހަރުދަނާ ޤަދަރުވެރި ބޭފުޅެކެވެ. އޭނާގެ ޢާއިލާ ތިރީގައިވާ ލިންކްތަކުން ފެންނާނެއެވެ.


 

މުދިމް ޙުސައިން ތަކުރުފާނު ދުނިޔެ ދޫކުރެއްވީ 08 ރަމަޟާން 1377ހ. (29 މާރޗް 1958މ.) ގައި ތިނަދޫގައެވެ. އޭނާގެ މަޤުބަރާވަނީ ތިނަދޫ ހުކުރުމިސްކިތުގެ އުތުރުފަރާތުގެ ބިސްތާނައިގެ އެންމެ އިރުމަތީގައެވެ. މަތިވެރި ﷲ ޙުސައިން ތަކުރުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން.

ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކުރުމަކީ ރާއްޖޭގެ އެ ދުވަސްވަރު ވަރަށް ޚާއްޞަކަމެއް ބެހެއްޓި ކަމެކެވެ. ގިނަ މައިން ބަފައިން ބޭނުންވަނީ އެމީސްމީހުންގެ ދަރިންނަށް ތަޖުވީދުމަގަށް ޤުރުއާން ކިޔަވައިދޭށެވެ. މިހެންވުމާއެކު އެ ފަންނުގައި އަރައިތިއްބެވި އެދުރު އެދުރުންނަކީ މުޖުތަމަޢުގައި ނުހަނު ޤަދަރު އުފުލިގެންވާ ބަޔަކަށްވިއެވެ. މިގޮތުން ތިނަދޫ މުދިމް ޙުސައިން ތަކުރުފާނު އައްޑު މީދޫއިން ތިނަދުއަށް ވަޑައިގަތުމުގެ ކުރިންވެސް ތިނަދޫ ދިހެރޭ ކުޑަތަކުރުފާނާއި ކަތީބު މުޙައްމަދުފުޅު ބެއްޔާއާއި މުލަކު ކުއްދީދި ބެއްޔާއަކީ ތިނަދޫގައި ތަޖުވީދުމަގަށް ޤުރުއާން ކިޔަވައިދެއްވުމުގައި ފާހަގަކުރެވޭ ބޭފުޅުންނެވެ.

އެ ދުވަސްވަރުގެ ފަހުން އެކި ރޮނގުރޮނގުން ތިނަދޫގެ ތަޢުލީމީ ކަންކަމަށް އިތުރު ހަލުވިކަމެއް ލިބުނީ ތިނަދޫ ޝައިޚް ޔޫސުފު ޞިދުޤީ ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރައްވައިގެން ތިނަދުއަށް ވަޑައިގަތުމުންނެވެ. ޝައިޚް ޞިދުޤީއަކީ ފިޤުހު ޢިލްމަށް ވަރަށްމޮޅު ބޭފުޅެއްކަމަށް ތިނަދޫ އަލިދޯދި ޢަބުދުﷲ ޢަފީފު ފާހަގަކުރައްވައެވެ.

ޝައިޚް ޔޫސުފު ޞިދުޤީ ތިނަދުއަށް ވަޑައިގަތީ މާލޭގެ މަދަރުސާގައި އުޅުއްވުމަށްފަހު، ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެހީފުޅުގައި އިންޑިޔާގެ ޙައިދަރުއާބާދާއި ޞޫރަތުގައި 11 އަހަރުވަންދެން ތަޢުލީމު ހޯއްދެވުމަށް އުޅުއްވުމަށްފަހު 16 ރަބީޢުލްއައްވަލް 1356ހ. (26 ޖޫން 1937މ.)ގައި ކަމަށް ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ލިޔުއްވާފައިވެއެވެ.

ހުވަދުއަތޮޅުގެ އެ ދުވަސްވަރު ތަޢުލީމު ޙާޞިލްކުރެއްވުމަށް (ތިނަދޫ މަދަރުސަތުލް އަޞްބާޙުގެ ދަރިވަރުންކޮޅެއް ފިޔަވައި) ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ހުވަދުއަތޮޅު ބޭފުޅުންކަމަށް އެނގިފައިވަނީ:

ދެއްވަދޫ މުޙައްމަދު ވަޙީދު، ދެއްވަދޫ ޢަބުދުއްޞަމަދު، ކޮލަމާފުށީ އާދަމް ސަޢީދު، ވިލިގިލީ އާދަމް ސަލީމް، ނިލަންދޫ ޢަލިދީދީ، ގައްދޫ ޙަސަން ތަކުރުފާނު، ގައްދޫ ޢަބުދުލްކަރީމް، ގައްދޫ މުޙައްމަދު ޖަމީލް، ވާދޫ، އިބްރާހީމް ޢަފީފު، ވާދޫ ޢަލީ ލުޠުފީ، މާތޮޑާ، ޙުސައިން ޙިލްމީ، މާތޮޑާ މުޙައްމަދު ރަޝީދު، މާތޮޑާ މުޙައްމަދު ވަޙީދު، ފިޔޯރީ ޢަބުދުﷲ ޒުހުރީ، ތިނަދޫ އަޙުމަދު ޞާބިރު، ތިނަދޫ އިބްރާހީމް ރުޝްދީ، ތިނަދޫ ޙުސައިން ޝައުގީ، ތިނަދޫ ދިހެރޭ ކުޑަތަކުރުފާނުގެ ތުއްތު، ތިނަދޫ މުޙައްމަދު ވަޖުދީ، ތިނަދޫ އާދަމްބޭގެ ޢަލިތަކުރުފާނުގެ މުޙައްމަދު ތަކުރުފާނު އެވެ. (ނުނިމޭ)
              --------------------

ޢަބުދުﷲ ޙިލްމީ
16 ނޮވެމްބަރ 2015މ.