ހުވަދުއަތޮޅު ތިނަދޫގެ ތަޢުލީމީ ހަރުފަތްތަކުން – ދޭއް


މަދަރުސަތުލް އަޞްބާޙުގެ މިދަރިވަރުންގެ ތެރެއިން ޢަބުދުﷲ ސަޢީދުދީދީ (ހާޖަރާގެ/ތިނަދޫ) ދުނިޔެދޫކުރެއްވީ ތަޢުލީމު ޙާޞިލްކުރެއްވުމުގެ ތެރޭ އިންޑިޔާގައެވެ.

މުޞްޠަފާ މަންޞޫރު ނޫން ދަރިވަރުން ތަޢުލީމު ޙާޞިލްކުރެއްވީ ހަމައެކަނި އިންޑިޔާއިންނެވެ. ނަމަވެސް އިންޑިޔާ ފިޔަވައި މިޞްރުންވެސް މުޞްޠަފާ މަންޞޫރު ތަޢުލީމު ޙާޞިލްކުރެއްވިއެވެ. މިމަގު އޭނާއަށް ފަހިކޮށްދެއްވީ އޭނާގެ ލޮބުވެތި ބައްޕަ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.


ރާއްޖެއިން ބޭރުން ތަޢުލީމު ހޯދުން:

އެ ދުވަސްވަރު ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެންމެބޮޑު ސަބަބަކީ މާލޭގައި އޮންނަ ވެރިކަމުގެ ބޮޑުންގެ ދަރިންނާއި އެ މީހުން އެދޭބަޔަކު ފިޔަވައި އެހެން މީސްމީހުން ތަޢުލީމު ހޯދުމަށް މާލޭގައި އޮންނަ ވެރިކަމުގެ ބޮޑުންގެ ޝާހީ ޝަރަފާއި ބޮޑާކަމުން އެ މީހުން ބޭނުންނުވާކަމެކެވެ. މިހެންވުމުން އެ ދުވަސްވަރު ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރާނަމަ މާލޭގައި އޮންނަ ވެރިކަމަށް ސިއްރުން ފިލައިގެންދާން ވެސް ޖެހިފައި އޮތެވެ.

މާލޭގައި އޮންނަ ވެރިކަމުގެ ބޮޑުންގެ ނުފޫޒުގެ ސަބަބުން ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރުމުގެ ކަންކަން މުޅިން ނިމުމަކަށް ގެންނެވީ އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު އެ ކިލެގެފާނެވެ. އޭގެފަހުން އެކަމަށްޓަކައި ހަމަޖެހިފައިވާ ގަވައިދާއި އުޞޫލާއި އެއްގޮތަށް ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލްކުރެވެއެވެ. މިއީ ތާރީޚު ހެކިދޭ ކަމެކެވެ.

ރާއްޖެއިން ބޭރުން ތަޢުލީމު ހޯއްދެވިކަން އެނގޭ ހުވަދުއަތޮޅު ތިނަދޫގެ ފުރަތަމަ ދަރިވަރު:

ހުވަދުއަތޮޅު ތިނަދޫއާއި އަދި ހުވަދުއަތޮޅުގެ ވެސް ފުރަތަމަ މަދަރުސާ "މަދަރުސަތުލް އަޞްބާޙު - 1931" ގައި އެ ދުވަސްވަރާއި އެކަށޭނަ ޢާއްމު ތަޢުލީމު ލިބިގަނެވޭނޭ މަގު ތަނަވަސްވުމުގެ ފަހުން އެ މަދަރުސާގެ ބައެއް ދަރިވަރުން ރާއްޖެއިން ބޭރުން ތަޢުލީމު ހޯދުމުގެ ކުރިން ތިނަދޫ ކޭވަކުގޭ ޤާސިމްތަކުރުފާނު (މުޝްތަރީގެ/ ގދ.ތިނަދޫ) އައްޑުއަތޮޅުން (ލަފާކުރެވޭ ގޮތުން މީދޫ އައިސާދަރު ދޮންބެއްޔާގެ އަރިހުން) ތަޢުލީމު ހޯއްދެވުމަށްފަހު 1321ހ. (1901މ.) ގައި އިންޑިޔާއިން ތަޢުލީމު ހޯއްދެވިއެވެ. މިއީ ރާއްޖެއިން ބޭރުން ތަޢުލީމު ހޯއްދެވިކަން އެނގޭ ހުވަދުއަތޮޅު ތިނަދޫގެ ފުރަތަމަ ދަރިވަރުކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުމުން އެނގެއެވެ.

ޣާޒީރަދުންގެ ދުވަސްވަރުން ފެށިގެން ހުވަދުއަތޮޅު ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓިގެން ދިޔަ ސަބަބު މެދުވެރިވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވީ ވެސް ތިނަދޫ ކޭވަކުގޭ ޤާސިމްތަކުރުފާނެވެ. އަޅުގަނޑު ލިޔެފައިވާ "ހުވަދުއަތޮޅު ތިނަދޫއިން ކޮންމެ އަހަރަކު އެއްފަހަރު މާލޭގެ 6 ވަރަށް ގެންދަންޖެހުނު ތަކެތި ގެންދިޔުން ހުއްޓައިލުން" މި ލިޔުމުގައި މިވާހަކަ ލިޔެފައިވާނެއެވެ. މިކަން ހިނގީ ޝަމްސުއްދީން(3) ރަދުންގެ ރަސްކަމުގެ 2 ވަނަ ދައުރުގަ އެވެ.

މިހެންވުމުން ތިނަދޫ ކޭވަކުގޭ ޤާސިމްތަކުރުފާނަކީ ތިނަދޫގެ ތާރީޚުގައި ކުލަގަދަކޮށް ފާހަގަކުރެވޭ ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ތަޢުލީމު ހޯއްދެވިކަން އެނގޭ ހުވަދުއަތޮޅު ތިނަދޫގެ ފުރަތަމަ ދަރިވަރަށްވުމާއި އަދި އޭގެ އިތުރަށް ޣާޒީރަދުންގެ ދުވަސްވަރުން ފެށިގެން ހުވަދުއަތޮޅު ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓިގެން ދިޔަ ސަބަބު މެދުވެރިވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަންނަވަނީ ވެސް އޭނާއަށެވެ.

ޤާސިމް ތަކުރުފާނު ދުނިޔެ ދޫކުރެއްވީ ވަރަށްބޮޑު ޢާލިމަކަށްވުމަށްފަހު، އިންޑިޔާގެ ޙައިދަރުއާބާދުގައި 1346ހ. (1927) ގަ އެވެ. މަތިވެރި ﷲ ޤާސިމް ތަކުރުފާނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން.
              ---------------------

ޢަބުދުﷲ ޙިލްމީ
15 ނޮވެމްބަރ 2015މ.