
ހަވަރުތިނަދޫން މީހުންބޭލުމާ ގުޅިގެން
ބަނޑުފުރާނަ
މުއްތިނުވުމުގެ ސަބަބުން ދުނިޔެދޫކުރި ފަރާތްތަކުގެ އެ ޙާލަތާއި އެ ކަންކަން ހިނގި ގޮތް ސީދާ އެ
ދުވަސްވަރު ދެކިވަޑައިގެންފައިވާ އެ ފަރާތްތަކާއި ގާތް ބޭފުޅުންނަށް މި ލިޔުމުން ހިތްޕުޅަށް
ދަތިފުޅުވެދާނޭ
އިޙުސާސްތަކެއް ކުރެއްވުމަކީ އެކަށީގެންވާ ކަމަކަށްތީ އެ ކަމަށް ވިސްނައިވަޑައިގަތުން
އެދެވިގެންވެ އެވެ. މި ލިޔުން ޓައިޕްކުރަމުން ދިޔައިރު ވެސް އެފަދަ ކަމެއް ދިމާވެފައިވެ އެވެ.
ގުދުރަތުން އުފައްދަވައި ދުނިޔެއަށްފޮނުއްވި ކޮންމެ
އިންސާނަކީ ވެސް ދިރިހުރުމުގެ ހަކަތައަށްޓަކައި ނޭވާލެވޭނޭ ވަޔާއި ކާބޯތަކެތި ބޭނުންވާ ފަރާތެކެވެ. އެއިން
އެއްޗެއްނުލިބި ހުރެވޭނޭވަގުތު ފަހަނަޅައިދިޔުމުން އެ ހިސާބުން އިންސާނާގެ މި
ދުނިޔޭގެ ބާބު އަބަދަށްޓައި
ނިމުނީއެވެ. ދެން އަލުން މި ދުނިޔޭގައި އެ ބާބު ފެށުމެއް ނޯވެ އެވެ. އިންސާނުންގެ ބޭނުންތަކަށް އެ މީހުން އުފައްދާ
އޭގެޒާތުގައި ޙަރަކާތްކުރާ
މެޝިނަރީގެ ވައްތަރުތަކަކީ ވެސް އޭގެ މަސައްކަތަށް ބޭނުންވާ ހަކަތައިގެ ބާވަތް (ތެލުގެ ވައްތަރުތަކާއި ގޭހާއި
ކަރަންޓާއި ބެޓެރީ ފަދަ އެއްޗެތި)
ހުރެގެން ބޭނުންކުރެވޭ ތަކެއްޗަށްވުމުން އެ ހަކަތަ ނެތުމުން އެ ތަކެތިން ކުރަންޖެހޭ ބޭނުމެއް ނުކުރެވެ އެވެ.
ހަކަތަހުސްވެ ވަގުތުފަހަނަޅައި ދިޔުމުން (އެހިނދަށް) އެ ބާބު ވެސް ނިމުނީ އެވެ.
އިންސާނާގެ
ބަނޑުފުރާނަ
މުއްތިނުވުމުގެ ސަބަބުން އިންސާނާގެ ނިމިދިޔުމަށް ކިޔައިއުޅޭ އެއް ނަމަކީ "ބަނޑަށް މަރުވުމެވެ." (ކައިބޮއި ނުއުޅުނުކަމަށް ވިޔަސް އިންސާނަކު
ދިރި ދުނިޔޭގައި ލެހެއްޓެވުމަކީ މަތިވެރި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމަށް
ބަލާއިރު ހަމަ ދާދި ކުޑަކުޑަ ކަމެކެވެ. މިސާލަކަށް ކަހުފުބާގައި މީހުން ދިރި ދުނިޔޭގައި
ލެހެއްޓެވި
ފަދައިންނެވެ. މިއީ ދުނިޔޭގެ ކަންހިނގާ ޢާދަ
ފޫވައްޓައިލިނިވި އިލާހީ ޙިކުމަތުގެތެރެއިންވާ ކަމެކެވެ. ނަމަވެސް އެ ކަމަކީ
ދުނިޔޭގައިލެއްވި
މަޚުލޫގުން ދިރި ތިބުމަށްޓައި ދުނިޔޭގައި ކަންހިނގަމުންދާ
ފިޠުރަތުގެ
އުޞޫލާއި ދުނިޔެވީ ސުންނަތާއި އެއްގޮތަށް ޢާއްމުކޮށް
ހިނގަމުންދާ ކަމެއް ނޫނެވެ.)
އިންސާނުންގެ
ބަނޑުފުރާނަ
މުއްތިކޮށްދެވޭތޯ ބާރުއަޅައި އެ ކަމަށްޓަކައި ކުރެވެންއޮތް މަސައްކަތެއްކުރާ ބަޔަކު ދުނިޔޭގެ ކަންކޮޅުތަކުން އެކި
ދުވަސްވަރު ފެނެ އެވެ. އެ
ކަންކުރާ ބަޔަކު އެ ކަމެއްކުރަނީ މަތިވެރި ﷲ ގެ ފުއްސެވުމާއި ސަވާބާއި ދަރުމަ އެދިގެންކަމަށްވާނަމަ
މަތިވެރި އިލާހު އެ ކަމެއް
ގެއްލެނި
ނުކުރައްވާނެތެވެ. އޭގެ ހެޔޮޖަޒާ އެ މީހަކާއި ބައްދަލުކުރާނެތެވެ. އެ މީހަކަށް އެންމެ ފައިދާކުރަނިވި
ގޮތެއްގައި އެންމެފައިދާ ކުރަނިވި
ތަނެއްގަ
އެވެ. އެއީ މި ފަނާވަނިވި ދުނިޔެތޯ ނުވަތަ އެ ތާއަބަދަށް ނިމުމެއްނެތް ދުނިޔެތޯ ނުވަތަ ދެ ދުނިޔޭގައި ވެސް ތޯ އެ
ކަން މޮޅަށް ދެނެވޮޑިގެންވަނީ
މަތިވެރި އިލާހެވެ. ކޮންމެގޮތެއް ވިޔަސް ކޮންމެތަނަކުން ވިޔަސް އޭގެ ހެޔޮޖަޒާ އެ މީހަކާއި ބައްދަލުކުރާނެ ކަމީ
ޝައްކެއްއޮތް ކަމެއްނޫނެވެ.
ނަމަވެސް މީސްތަކުންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމަށް މަސައްކަތްކުރާ ބަޔަކު އެ ކަމެއް އެ ކުރަނީ ހަމައެކަނި މި
ދުނިޔޭގެ ދެއްކުމާއި
ޝުހުރަތަށްޓަކައި ކަމަށް ވާނަމަ އެކަން އެ ވަނީ އެހެންވެފަ އެވެ. އެ ހިސާބުން އެ ބައި ނިމުނީ އެވެ.
މިހެނީ އެފަދަ މީހަކު މަތިވެރި ﷲ
އަށްޓަކައި
ކުރި ކަމެއްނެތެވެ. އެ ކަމަށްޓައި މަތިވެރި ﷲ ގެ ޙަޟްރަތުން އެދޭ ވަކިކަމެއް ވެސް ނެތެވެ. ކުރި ކަމެއްކުރީ މި ދުނިޔޭގެ ދެއްކުމާއި
ޝުހުރަތަށްޓަކައިކަމަށް
ވުމުން އެ ކަން އެ ހިނދަށް ޙާޞިލްވެ ނިމުނީ އެވެ.
ދިވެހިރާއްޖޭގައި
މިހާރު
ހުރި ހިނގައިބިގައި އުޅެވޭވަރުގެ މީހަކު (އެހީތެރިވާނޭ ތިމާގެމީހަކު ނުވަތަ ގޭގައި
އެހެންމީހަކު ނެތަސް) ބަނޑުފުރާނަ މުއްތިނުވުމުގެ ސަބަބުން ނިމިދިޔުމަކީ ނާދިރުކަމެކެވެ. ނަމަވެސް އެ މީހަކު
ބަލިވެ ތެދުވެއުޅެވޭވަރު ނުވެ އޮށޯންނަން ޖެހުމުން ތިމާގެމީހެއް އަވަށްޓެރިއެއްގެ އަޅާލުމެއްނެތި ނުވަތަ ރަނގަޅަށް
އަޅާނުލެވިއްޖެނަމަ އެ މީހަކަށް
ދެރަގޮތެއް
ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
އިރުއޮއްސުމުގެ
ކުރީން
ހަވަރުތިނަދޫގައި ތިބި އެންމެން އެ ރަށުންފައިބައިގެން ދިޔުމަށް އެ ދުވަހުގެ މެންދުރު ދެގަޑިބަޔަށްވުރެ
ބޮޑުވީފަހުން ވެރިކަމުގެފަރާތުން
އެންގެވުމުން
ރަށުން ފައިބައިގެންދިޔަ ގިނަމީހުން ދިޔައީ އެއްވެސްއެއްޗެއް ގެންދިޔުމެއްނެތި
ހަމަ "ހުސްއަތާ" އެވެ. ކާނެ ބޯނެއެއްޗެއް ހިފައިގެންގުޅޭނޭ އެއްޗެއް އޮރިޔާން ނިވާކުރުމަށް
ބޭނުންވާނޭ އިތުރު ފޭރާމަކާއި
ވެސް ނުލައެވެ. ރަށުންފައިބައިގެން ދިޔައިރު ދަރިވީ ކޮންތާކުކަމެއް ބިރުގެންފައިވާ ބައެއް މައިންނަކަށް ނޭނގެ
އެވެ. އަޅާލާނޭ ފިރިމީހާވީ
ކޮންތާކުކަން ނޭނގި ކަރުތާފެނަށް މޫދަށްއެރިގެން ގެންގޮސްދޭނޭ ދޯންޏެއް ބޮއްކުރައެއް ފެނޭތޯ ރޮމުންދިޔަ
މާބަނޑު އަންހެނުން އެ ދުވަހު
މަދެއްނޫނެވެ.
އެ ވަގުތަކީ އެކެއްގެޙާލަށްޓަކައި އަނެކާއަށް މާބޮޑު އެހީތެރިކަމެއް އަޅާލުމެއް ވެދެވެންއޮތް ވަގުތެއް ވެސް
ނޫނެވެ. އެ މީހަކާއި އެ
މީހެކެވެ. މަރުވި މީހަކު މަރުވީ އެވެ. ދިރިހުރެވުނު މީހަކަށް ދިރި ހުރެވުނީ އެވެ.
ހަވަރުތިނަދޫން
މީހުން
ފައިބަމުންދިޔަ ވަގުތު ވެރިކަމުގެފަރާތުން ހިފެހެއްޓެވި އުޅަނދެއްފިޔަވައި އެ މީހަކަށް އެރެވުނު ބޮއްކުރާއަކުން
ދޯންޏަކުން ފުރައިގެން
ރަށްދޫކޮށް ދިޔައީ އެއްގެއެއްގެ އެންމެން އެއް އުޅަނދަކުންނޫނެވެ. މަދު ގެއެއްގެ
އެންމެން އެއް އުޅަދަކުން ފުރައިގެންގޮސްފައި ނެތެކޭނޫނެވެ. މީހުންތައް އަރަމުންގޮސް އެ އުޅަނދެއް
ފެންމަތީ ހިފަހައްޓާނުލެވޭވަރު
ވުމުގެކުރިން ފުރަނީއެވެ. އެ ވަގުތު ވިއްސާރަވުމާއިއެކު އިރުއޮއްސުމުގެކުރިން
ހިކިފަސްތަނަކަށް ދެވޭހާއިރު އޮއްވައި ފުރޭތޯބެލީ އެވެ. ގިނަމީހުން ފުރަތަމަދިޔައީ
ކައިރި ފަޅުރަށްރަށަށެވެ.
އޭގެފަހުން
ހުވަދުއަތޮޅުގެ ދެބައިގެ ރަށްރަށަށް ވެސް އެ މީހަކު ހުރިތާކުން އެ މީހަކު ދިޔައިރު ދަރިއާއި
ދަރީގެމަޔާއި ދަރީގެބަފަޔާއި ވަކިވެ
ހަމައެކަނި
ދެތަންވީކީ ނޫނެވެ. ތިންތަންވީ އެވެ. މުސްކުޅި އަމަޔާއި މުސްކުޅި ބަފަޔާއި ދިޔަ ނުދިޔަ ރަށެއް ނޭނގުނު އެ މީހުންގެ
ދަރިން ވެސް ތިއްބެވެ. މި
ގޮތަށް ވަކިވެދިޔަ ބައެއް މީހުން އެކަކު އަނެކެއްގެ ޚަބަރެއްވެ ބައްދަލުވެފައިވާނަމަ އެހެންވުމުގައި 3 މަސް 6
މަސް 10 މަސް ދުވަސްވެފައި
ވެސް އެބަ ހުއްޓެވެ. އޭގެތެރޭ ބައެއްމީހުން މަރުވެދިޔަ ޚަބަރު 1 އަހަރުފަހުން ވެސް އެ މީހެއްގެގާތް މީހުންނަށް
ލިބިފައި އެބަ ހުއްޓެވެ. އެ
ދުވަސްވަރަކީ މިހާރުގެގޮތަށް ފޯނާއި ރޭޑިޔޯއާއި ޓީވީއާއި އިންޓަރނެޓާއި މިފަދަ މުވާޞަލާތީ ކަންކަން ރާއްޖޭގައި
ޢާއްމުވެފައިވާ ދުވަސްވަރަކަށް
ނުވާތީ ގިނަބަޔަކަށް ޚަބަރުދަބަރު އެނގޭގޮތެއްކަމަށް ވެފައިވަނީ އެ ބަޔަކު ތިބި ރަށަކަށް އަންނަ އުޅަނދަކުން
އައި ބަޔަކު ދެނެހުރިނަމަ
ދެނެހުރި ކަމެކެވެ.
ހަވަރުތިނަދޫން
މީހުންބޭލި
ދުވަހު ބައެއް މީސްމީހުންގެއަތުން ރަނާއި ރިއްސާއި ކަސަބު ބާދަލާއާއި އެ ނޫން ވެސް އަގުބޮޑު ބައެއް މުދައު ވެރިކަމުގެފަރާތުން އަތުލައްވައި ހިފެހެއްޓެވި އެވެ.
(އެ ކަން ކުރެއްވީ އެ ދުވަސްވަރު ހުވަދުއަތޮޅުގެ
ބަޔަކު ގައްދޫގެ ބައެއްގޭގެ ލޫޓުވައި އެ ގޭގެއިން ގިނަތަކެތި ގެންގޮސްފައިވާތީ އެ
ތަކެތި ހޯދުމަށްކަމަށް ބުނެވެ އެވެ. ހުވަދުއަތޮޅުގައި ދެފަހަރަށް އުފެއްދި ހަމަނުޖެހުމުގައި
ވެސް ގައްދޫއަކީ
އެ ހަމަނުޖެހުންތަކާއި ހިތްހަމަނުޖެހޭ ބަޔަކު ތިއްބެވި
ރަށަކަށްވާތީ
ހުވަދުއަތޮޅުގެ ފަހުގެ ހަމަނުޖެހުމުގައި އަތޮޅުގެ ހުރިހާރަށަކުން
މީހުން
ފޮނުވައިގެން އިންޞާފެއްނެތި ގައްދޫގެ ބައެއް
އުޅަނދުފަހަރާއި ބައެއްގޭގެ ރޯކޮށްލައި އެކި މީހުންނާއި އެކި ތަކެއްޗަށް އެކިވަރުގެ
ގެއްލުންކޮށް
ގޭގޭގެ ގިނަތަކެއްޗެއް ގެންގޮސްފައިވެ އެވެ. އަދި މިހެންމެ
ހަވަރުތިނަދޫން
މީހުންބާލައި އަތޮޅުގެ އެކި ތަންތާގައި އެމީހުން
ނިކަމެތިކަމާއި އެކު އުޅެމުންދަނިކޮށް ގައްދޫގެތަކެތި ހޯދުމުގެ ނަމުގައި
"ކޮމިޓީއެއް"ގެބަޔަކު ގައްދޫގައި ހިނގައިދިޔަ ކަމަކާއި އެއްވެސްގުޅުމެއް
ކަމެއްނެތް
ހަވަރުތިނަދޫން ބޭލި މީހުންގެތެރޭ ބައެއް މީހުންގެގާތަށް
ގޮސް އެ
މީސްމީހުންގެ އަތުގައިހުރި ރަންރިހީގެ ބާވަތްތަކާއި ކަސަބު
ބާދަލާއާއި
ބައެއް މުދަލާއި ތަކެތި ގެންގޮސްފައި ވަނީ ވެސް އިންޞާފުން
ބޭރުގަ އެވެ.
މިހެނީ ގައްދޫގައި ހިނގި ކަމަކާއި އެ މީސްމީހުންނާއި
ގުޅުމެއްނެތުމުގެ
އިތުރަށް އެ މީސްމީހުންގެ އަތުން އަތުލިއެއްޗެއް ގިނައިން
ވިއަސް މަދުން
ވިއަސް އެއްވެސްއެއްޗެއް (ގައްދޫއިން ތަކެތިނެގުމުން
އިންޞާފުގެމަގުން
އޭގެ ޙައްގުބަދަލު ލިބެންވީ) ގައްދޫގެ އެއްވެސްބަޔަކަށް
ނުލިބެ އެވެ. އެ
ތަކެތީގެ ބޭނުންކުރީ އެ ތަކެތި ނެގި ބަޔެކެވެ. ނުވަތަ އެ
ބަޔަކު އެ ތަކެތި
ދިންނަމަ ދިން ބަޔެކެވެ. ގައްދޫގެ ބަޔަކަށް ދިން އެއްވެސް
އެއްޗެއް
ނެތެވެ.)
ހަވަރުތިނަދޫން މީހުންބޭލި ދުވަހުގެފަހުން ދެން އައި
ދުވަސްތަކަކީ އެ ރަށުގެ ގިނަ މީހުންނަށް
ވަރަށްދަތި
އިންތިހާއަށް ތަދުމަޑު ދުވަސްތަކެކެވެ. އޭގެ އެއް ސަބަބަކީ އެބައިމީހުން
މަސްވެރިކަމުން ކައިބޮއި ހެދުމަށް ބޭނުންކުރާ ބައެއް އޮޑިދޯނިފަހަރު ރޯކޮށް އަންދާލުމާއި ހަލާކުކުރުމާއި ބައެއްދޯނިތައް ވެރިކަމުގެފަރާތުން އަތުލެއްވުމުގެ
އިތުރަށް އެ މީހުންގެ ގޯތިގެދޮރާއި
ރަށުގެ
އެހެން ހިސާބުތަކުގައި އިންދާފައިވާ
ކާބޯތަކެތި ލިބެމުންދާ ރުއްގަސްތަކާއި
ވަކިވާން ޖެހުމެވެ. އަދި ކާޑެއްދޫގައި ގިނަ ބަޔަކު ހައްދާފައިވާ ގޮވާންދަނޑާއި އަލައޮޅުން އެއްޗެއްހޯދުމަށް
އެރަށަށް ދެވޭނޭގޮތެއް ވެސް ނެތުމެވެ. އެ މަސައްކަތް ކުރެވޭނޭގޮތެއް ނެތުމުން އެންމެފަހުން އެ ތަންތަންވެސް ނެތިގެން
ދިޔައީއެވެ.
ބަނޑުފުރާނަ
މުއްތިކުރުމަށް
ދަތިބޮޑުވި ހަވަރުތިނަދޫގެ ބަޔަކީ އެ ބައިމީހުންގެ އަމިއްލަ ގޯތި ގެދޮރުން އަތުވިނަމަ އަތުވި ގެވެހި ސާމާނު
ވެހާމާނަކާއި މުދަލުގެ
ބާވަތްތަކާއި ފޭރާމާއި ޅަދަރީންކޮޅުގެ ކަރުގިލައަށްދާދެން އެކިއެކި ފަރާތްތަކަށް "ނުއަގުގައި"
ވިއްކައިގެން ލިބުނު އެއްޗަކުން އެ
ބައިމީހުންގެ
ޅަދަރީންކޮޅުގެ ފުރާނަ ސަލާމަތްކުރުމަށް ބަނޑުފުރާނަ މުއްތިކޮށްދެވޭތޯ މިންނެތް މަސައްކަތްކުރި ބަޔެކެވެ.
އެހެންނަމަވެސް ޅަދަރީންކޮޅަށްޓަކައި
ވިއްކާލާނޭއެއްޗެއް ޢަމުދުންނެތް މީހުން ވެސް މަދެއްނޫނެވެ.
(ހަވަރުތިނަދޫން މީހުންފައިބަމުން ދިޔަ
ވަގުތާއި ފޭބިފަހުން ވެސް ނުލަފާ ރަޙުމެއްނެތް ބަޔަކު ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން
މީސްމީހުންގެ މުދައުނަގައި އެބައިމީހުންގެ ހިތްފުރި އުތުރިއަރާވަރު ކުރިއެވެ. ހަވަރުތިނަދޫ
ދޫކޮށް އެ ރަށުން ފައިބައިގެންދިޔަ ގިނަބަޔެއްގެ ގޯތި ގެދޮރުގައި ހުރި އެ މީހުންގެ ޙަލާލު
މުދާކޮޅުހޯދުމަށް
އެނބުރި އެ ރަށަށް ދެވުނުބަޔަކަށް ދެވުނުއިރު ޒަމާނުއްސުރެ
އެބައިމީހުންގެ
އަތްފައިކޮށައިގެން ހޯދިފައިވާ މުދައުކޮޅު އެކީގައިވަނީ
ބަޔަކު
ގެންގޮސްފަ އެވެ. އެހެންވުމުން އަމިއްލަ މުދަލުން
ޒައްރެއްގެ މިންވަރުނުލިބޭ މީހުން ވެސް ހަވަރުތިނަދޫން ބޭލި މީހުންގެތެރޭ
ތިއްބެވެ. ގޭގޭގެ
މުދައު ފޭރުމަށްފަހު ގޭގެ އަންދާލުމުން ގެއިން އެއްވެސްއެއްޗެއް
ނުލިބޭ
މީހުން ވެސް މަދެއްނޫނެވެ.)
ހަވަރުތިނަދޫން
ފޭބި
ބައެއްމީހުން އެ މީހުންގެ އަނބިދަރީން ގޮވައިގެންނާއި އަނބިދަރީންނާއި ނުލައި ވެސް އަތޮޅުގެ ބައެއް
ފަޅުރަށްރަށަށް ގޮސް އެ ރަށްރަށުގައި
ވެސް ތިއްބެވެ. އެ ދުވަސްވަރަކީ މަސްވެރިކަން ދެރަ މަސްވެރިކަންކުރަން ވެސް ދަތި ދުވަސްވަރެކެވެ.
އެހެންވުމާއެކު ވެދެވޭންއޮތް މިންވަރަކުން ހާލުގައިޖެހިފައިވާ ހަވަރުތިނަދޫ
މީހުންނަށް އެހީތެރިވެދިނުމަށް
އަތޮޅުގެ ފަޅުރަށްރަށް ގެންގުޅޭ ފަރާތްތަކަށް ބާރުއަޅުއްވައި ބައެއް ރަށްރަށަށް
މީހުންފޮނުއްވައި އެ ރަށްރަށުގައި އެ މީހުން ބައިތިއްބައިގެން ބެލެހެއްޓެވުމަށް ހުވަދުއަތޮޅުގެ ބައެއް
ފަރާތްތަކުން މަސައްކަތް
ކުރެއްވިއެވެ. ގިނަ ގޮތްގޮތުން ބަލާއިރު ހަވަރުތިނަދޫން ބޭލި މީހުންގެތެރެއިން ހާލުގައިޖެހިފައިވާ
މީހުންނަށް އެންމެބޮޑު އެހީތެރިކަމެއް
ފޯރުވައިދެއްވި ކަމަށް ގިނަބަޔަކު ފާހަގަކުރާ ޝަޚުޞިއްޔަތަކީ (ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ގއ.
އަދި ގދ. އަށް ހުވަދުއަތޮޅު
ދެބައިކޮށް ގއ.ގެ ހިންގުމާބެހޭ އެންމެހައި ކަމެއް ބެލެހެއްޓެވުމާއި އެވަގުތު ޙަވާލުވެހުންނެވި، ފަހުން ގއ.
އަތޮޅުވެރިކަން ކުރެއްވި)
ހުވަދުއަތޮޅު ވިލިގިލީ ލިލީގޭ އިބްރާހީމް ކަލޭގެފާނު (ތުއްތުކަތީބު) އެވެ.
އިބްރާހީމް ކަލޭގެފާނަކީ ދިމާވާ ބޮޑެތި ކަންކަމުގައި ޝޫރާގެ މަތިވެރި އުޞޫލާއި އެއްގޮތަށް
އަތޮޅުގައި ކުރިއަށް ތިއްބެވި
ބޮޑުންނާއި
ހަރުމީހުންނާއި މަޝްވަރާކުރައްވައި އެއާއި އެއްގޮތަށް ކަންކަން ނިންމެވުމަށް މަސައްކަތްކުރެއްވި
ހަރުދަނާ ވެރިއެކެވެ. ހަވަރުތިނަދޫން
ބޭލި
މީހުން ކާންބޯންނުލިބި ހާލު ބޮޑުވުމުން އެކަމާއިމެދު މަޝްވަރާ ކުރައްވައި ފުދުންތެރި ބައެއް
ފަރާތްތަކުގެ އެހީތެރިކަން ވެސް ހޯއްދަވައި އަތޮޅުއޮފީހުގެ ކުރިމަތީ ހުސްބިމުގައި އުނދުން ޖަހައި
ބޮޑެތި ތެލިތެލީގައި ބަތްޕެން
ކައްކަވައި ހާލުގައި ޖެހި އެކަމަށް ބޭނުންވެފައިވާ (މުޅި ހުވަދުއަތޮޅުގެ) އެންމެންނަށް ޢާއްމުކޮށް ބައްސަވަމުން
ގެންދެވި އެވެ. މީގެއިތުރަށް
އޭނާގެ އަނބިކަނބަލުންގެ ބެއްލެވުމުގެދަށުން ގޭގެ ބަދިގެފަރާތުން ވެސް
އިންސާނިއްޔަތަށްޓަކައި "ޚައިރާތް" ކުރެވެމުން ދިޔަ އެވެ. (ތަދުމަޑުކަމުގެ އަސަރު ފިލަންދެން
މިކަންކަން ގެންދެވިއެވެ.)
ވިލިގިލީގެ
މިޚަބަރު
އަތޮޅުގެ އެކި ދިމާލަށް ދިޔުމުން ފަޅުރަށްރަށާއި އެ ނޫން ވެސް ރަށްރަށުގައި ތިބި ހަވަރުތިނަދޫގެ ބައެއް
މީހުން އެކި ގޮތްގޮތުން އެކި
ދުވަހުން
ވިލިގިއްޔަށް އައިސް އެ މީހުންގެ ބަނޑުފުރާނަ މުއްތިކުރަމުން ގެންދިޔަ އެވެ. އޭގެތެރޭ ބައެއްމީހުން
އިބްރާހީމް ކަލޭގެފާނާއި ވިލިގިލީގެ
ފުދުންތެރި
ބޮޑުންގެ އޯގާތެރިކަމުގައި އެ ރަށުން ބިން ހޯދައިގެން އެ ރަށުގައި ވަޒަންވެރިވި އެވެ. ވިލިގިލީ ހަވިއްތަމަގުގެ
ދެ ފަރާތާއި މަކައްލާ އަވަށުގެ
ބައެއްގައި އެ މީހުން ވަޒަންވެރިވެ ތިއްބެވެ. އޭގެ ބައެއް މީހުން މިހާރު ވެސް އެ ރަށުގައި އެބަ ތިއްބެވެ.
ހަވަރުތިނަދޫގެ
އެންމެން
އެ ރަށުން ބޭލުމަށްފަހު އެ މީހުންނާއި ކުރިމަތިވި ހިތްދަތި އަދި ތަދުމަޑު ދުވަސްތަކުގައި ކާބޯތަކެތި
ހޯދުމުގެ ބޭނުމުގައި އެމީހުންގެ
އަތުގައި
ހުރިނަމަ ހުރި އެއްޗެއް ވިއްކީ ހަމައެކަނި ހުވަދުއަތޮޅުގެ ތަނަވަސް ފަރާތްތަކަށް އެކަންޏެއް ނޫނެވެ. އެފަދަ ތަކެތި
ހިފައިގެން ހައްދުންމައްޗާއި
ކޮޅުމަޑުލަށް ވެސް ދަތުރުކޮށް އެ ތަކެތި ވިއްކި އެވެ. ވިއްކާ އެއްޗިއްސަށް މައިގަނޑުގޮތެއްގައި ލިބެނީ ކާއްޓާއި
ބައެއްކަހަލަ ކާބޯ
ތަކެއްޗެވެ. މިފަދަ ދަތުރުތަކުގައި ކޮޅުމަޑުލަށް ގޮސް އުޅުނު މީހުންނަށް ތިމަރަފުށީ ކަތީބު މާޖެހިގޭ
ޙަސަން ކަލޭގެފާނާއި ގުރައިދޫ
ކަތީބު
ގަސްދޮށުގޭ ދޮންމަނިކާއި ދެ ބޭފުޅުން ވަރަށްހެޔޮކޮށް ހިއްތަވައި އެހީތެރިވެދެއްވި ކަމަށް އެބައިމީހުން
ބުނެ އެވެ.
ހަވަރުތިނަދޫން
ފައިބައިގެންދިޔަ
މީހުންގެތެރޭ އެ ބަޔެއްގެ އަމިއްލަ ރަންރިހީގެ ބާވަތްތަކެއް ގެންދެވުނު ބަޔަކު ބަނޑުފުރާނަ މުއްތިކުރަން
ކާއެތިކޮޅެއް ހޯދުމަށް
ރަންކުޅަނދެއް (8.5 ގްރާމް) ވިއްކާލުމުން އޭގެ ބަދަލުގައި ލިބެނީ މެދުމިނުގެ ކާއްޓެއް ދެ ކާއްޓެއް
ވަރެވެ. ޅަދަރިންގެ ކަރުގިލޭއެއް
(ކަރުގައި
އަޅާ ރަންފަށެއް) ވިއްކާލީމާ ލިބެނީ އާދައިގެ މުޅޯއްޓެއްގެ ގަބުޅި (12 ގަބުޅި) އެވެ. މިކަން ދަންނާނޭ ކިތަންމެބަޔަކު
ދިރި ދުނިޔޭގައި އަދި އެބަ
ތިއްބެވެ. ރަންރިހީގެ ބައެއް ބާވަތްތައް ހުރި ދުފައިއުޅޭ އަންހެނަކު ރަން ކުޅަނދެއް ވިއްކާލުމުން ލިބުނީ ތިންހަތަރު
ފޯއްކިބައާއި އެންމެ
ދުންފަތެއްގެ ދެބައިކުޅަ އެއްބައި އެވެ. ޅަދަރިންކޮޅަށް ކާންދިނުމަށްޓަކައި އަތުގައިހުރި މުދައުކޮޅު ވިއްކައި
ހުސްވުމުން މަންމަގެ އެއް
އަންހެންދަރި ނިދާފައި އޮއްވައި އޭނާއަށް ނާންގައި އޭނާގެ އުނަގަނޑުގައި އަޅާފައިވާ ރިހި ފައްޓަރުގެ ބައިބައި
އެކިރޭރޭ ބުރިކޮށް ވިއްކައިގެން
ކާބޯތަކެތި ހޯދައިގެން އެ ދަރިއާއި އެހެން ދަރިންނަށް ކާންދިނެވެ. ދުވަހުންދުވަހަށް ފައްޓަރު ކުޑަވަމުން ގޮސް
އެންމެފަހުން ފައްޓަރު ގެއްލިގެން
އެ ދަރިފުޅު ރޯންފެށުމުން މަންމައަށް ވެސް ރޮވުނެވެ. މަންމައަށް ބުނެވުނުހާ ވެސް އެއްޗަކީ "ދަރިފުޅުގެ
ފައްޓަރު ގެއްލުނީ" އެވެ.
(ހަވަރުތިނަދޫން ބޭލި މީހުންގެ ތެރެއިން ދަތިބޮޑުވެ ހާލުގައިޖެހުނު
މީހުންނަށް
ހުވަދުއަތޮޅުގެ ތަނަވަސްކަން ހުރި ގިނަ ފަރާތްތަކުން އެ
ވަގުތަށް ވެދެވެންއޮތް ވަރަކުން އެހީތެރިވެދެއްވިއިރު އެއަށްވުރެ ދަށު ފަންތިން
ވެސް އެ
ބަޔަކަށް އެ ހިނދަށް ވާންއޮތް ވަރަކުން އެހީތެރިވެދިނެވެ. ނަމަވެސް މަދު ފަރާތެއްގެ
ކިބައިން އެ ޙާލަތުގައި އިންސާނީވަންތަކަން ކުޑަ ހިތްހަރު ބޮޑާކަން ވެސް ހަވަރުތިނަދޫގެ އެ ޖީލަށް
ތަޖުރިބާކުރެވިފައިވެ އެވެ. ގައިބާރު ހުރި ދުވަހު އަތުގައި އެއްޗެހި ހުރިއިރު
އަދިކީއްތޯ "ކެޔޮގަނޑު އޮތްއިރު" އޭގެ ބޭނުން ކުރުމަށްފަހު "ކެޔޮގަނޑު
ކަނޑައިލުމުން" އެ ގަހުގެ ބޭނުން މުޅީން ނެތިދިޔަ ތަޖުރިބާ އެވެ.)
ހަވަރުތިނަދޫން
ބޭލި
މީހުންނާއި ކުރިމަތިވި އިންސާނީ ހިތްދަތި ވޭންދެނިވި ކާރިޘާގައި އެމީހުންނަށް އޯގާތެރިކޮށް ހިތްތަވައި
ކާއެތިކޮޅު ފޯރުކޮށްދެއްވުމުގައި
ހުވަދުއަތޮޅުން
އެންމެ ފާހަގަކުރެވޭ ޚިދުމަތްތެރި ޝަޚުޞިއްޔަތަކީ ވިލިގިލީ އިބްރާހީމް ކަލޭގެފާނަށް ވިޔަސް ހަވަރުތިނަދޫ މީހުންނަށް
ކާބޯތަކެތީގެ އެހީތެރިކަން
ފޯރުކޮށްދެވެން ހުރި ވަރަކުން ފޯރުކޮށްދެއްވި ފަރާތްތައް ހުވަދުއަތޮޅުގައި ތިއްބެވި އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެންމެބޮޑު އެހީތެރިކަމެއް
ފޯރުކޮށްދެއްވި އެ ދުވަސްވަރުގެ ތަނަވަސް ފަރާތްތަކުގެ ތެރޭ ވިލިގިލީ އިބްރާހީމް ކަލޭގެފާނުގެ އިތުރަށް
ވިލިގިލީ ގުރީންގެ މޫސާބެ (ކައިދާގެ މޫސާ) އާއި މާމެންދޫ ޗާނދަނީގޭ
މުޙައްމަދު ކަލޭގެފާނާއި ދާންދޫ މިސްކިތްދޮށުގޭ ޢަލީޒާހިރާއި ދާންދޫ ތިރުގޭ އިބްރާހީމް
ޢަލީ (ތުއްތުކަތީބު) އާއި ގައްދޫ ވައިލެޓްވިލާ ޙުސައިން މަނިކާއި ގައްދޫ
އަސަރީގޭ އާމިނަތު އިސްމާޢީލް
(އާމިނާމަނިކެ) އާއި ގައްދޫ އަތިރީގޭ ޢަލިކަލޭގެފާނާއި ވާދޫ ގައްދަނޑުގޭ ދޮންދީދީ (މ.ސީނާ) އާއި
މަޑަވެލީ އަތިރީގޭ ހަވަރުތިނަދޫ މޫސާފަތުޙީ އާއި ކޮލަމާފުށީ ޖަނަވަރީގޭ މުޙައްމަދު ސަޢީދު
ކަތީބު
ކަލޭގެފާނާއި ކޮލަމާފުށީ ޗާނދަނީގޭ މަރިޔަމް އަޙުމަދު (މަރިޔަމްދައްތަ)
ގެ ނަން
ގިނަބަޔަކު ފާހަގަކުރަނީ ޝުކުރުވެރިކަމާއެކު އެވެ.
ވިލިގިލީ
އިބްރާހީމް
ކަލޭގެފާނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދިވެހިންގެ ބަޔަކާއި (މުޅި ހުވަދުއަތޮޅަށް) ކުރިމަތިވި އެންމެބޮޑު
ތަދުމަޑުކަމާއި ގުޅިގެން އެ ކަން
ޙައްލުކުރެއްވޭތޯ ގިނަ ގޮތްގޮތުން މަސައްކަތްކުރެއްވި ލާމަސީލު ޝަޚުޞިއްޔަތެވެ. ތިރީގައި މިވަނީ މިކަމާއި
ގުޅިގެން އޭނާ ދިވެހިސަރުކާރަށް
ފޮނުއްވި ޚާއްޞަ ސިޓީއެކެވެ. މި ސިޓީގެ އޮރިޖިނަލް ކޮޕީ އަޅުގަނޑުގެ އަތުގައި އެބަ އޮތެވެ. ސިޓީ ލިޔުއްވާފައިވަނީ
ގއ. އަތޮޅުއޮފީހުގެ ލިޔުންރީތި
އަދި އެ ދުވަސްވަރުގެ މަޝްހޫރު ކާތިބު މާމެންދޫ އަލްމަރުޙޫމު ޢަލީ ރަޝީދެވެ. މި ސިޓީން ކަށަވަރުވާ
ކަމަކީ ދަރަންޏަށް ކާޑުކޮޅެއް
ހޯދުމަށްޓަކައި
ހުވަދުއަތޮޅު އުތުރުބުރީގައި ރަންހުރި މީސްމީހުންގެ އަތުން ގިނަ ޢަދަދެއްގެ ރަން ހޯއްދަވައި ސަރުކާރުގައި ރަހުނުގެ
ގޮތުން ބެހެއްޓެވުމަށްފަހު
އަތޮޅަށް ކާޑުގެނައުމަށް ކުރެއްވި މަސައްކަތުގެ ބޮޑުކަމެވެ. އަދި ހަވަރުތިނަދޫ ފަޅާއި އެއްގަމުގައި އެ
ވަގުތު ހުރި ހުރިހާ އޮޑިއެއްގައި
އަލިފާން ރޯކޮށް އަންދާލުމުން (އަތޮޅަށް ބޭނުންވާނޭ) އޮޑިފަހަރު ނެތުމުގެ ދަތިކަން އިޙުސާސް ކުރެވޭ މިންވަރު
ވެސް މި ސިޓީން އެނގެއެވެ.
(ގއ. އަށް ލިބޭ ކާޑަކީ ގދ. ގައި ވެސް ބޭނުންކުރެވޭނޭ އެއްޗެއްކަން ވިސްނެވުން ހުއްޓެވެ.)
އަލްޙަމްދުލިﷲ ވަޙްދާ
ލިލީގެ/ ގއ. ވިލިގިލި
ނަމްބަރ: 2/62
ޞދ.
އަލްފާޟިލް އިބްރާހީމް ނާޞިރުގެ އަރިހަށް
ގިނައިން
ވެދުން ސަލާމަށްފަހު އަދަބުވެރިކަމާއެކު ދަންނަވަމެވެ.
1. މިއަތޮޅުގެ ހާލު ކާޑުގެގޮތުން ވަރަށް
ދެރަވެއްޖެއެވެ. ސަބަބަކީ
އަތޮޅުގައި ޖަމާކުރެވޭ އެކްސްޕޯޓް މުދައު ބޭރުކޮށް އިމްޕޯޓްމުދައު ގެނެވޭ
އޮޑިފަހަރު ނެތުމެވެ. އަތޮޅުގައި އޮތީ އެންމެ އޮޑިއެކެވެ. އެއޮޑި (ގއ. ނިލަންދޫ ޖޫދުލް މަންނާނު އޮޑި)
މިހާރުވެސްވަނީ އެކްސްޕޯޓް
މުދާ
ލާ މާލެ ފުރުވިފައެވެ. އޭގެފަހުން މިއަތޮޅަށް އައީ ކޮލަމާފުށީ ކަތީބު އަލްމުޙުތަރަމް މުޙައްމަދު ސަޢީދު
ގަނެގެން ގެނައި 22 ރިޔަނު
ބައްތެއްޔެކެވެ.
އެބައްތެލިވަނީ އެކްސްޕޯޓް މުދާ ލާ މާލެ ފޮނުވިފައެވެ.
2. މިއަތޮޅުން އިރުވައިމޫސުމް ރިޔާ
އެއްޗެތީން ދަތުރުކުރެވުމަކީ ވަރަށްވެސް
ނާދިރު
ކަމެކެވެ. ކަން މިހެންހުރިއިރު މިހާރު ބޭރުކުރެވުނު އެކްސްޕޯޓް މުދަލަށް ގަނެވޭނޭކަމަށް ހީވަނީ
ގާތްގަޑަކަށް 1000 ބަސްތާ ކާޑެވެ. އިރުވައި މޫސުމުގެ 5 މަސް ދުވަހަށް ގާތްގަޑަކަށް 2800 ވަރަކަށް
ބަސްތާ ކާޑު ބޭނުންވާނެއެވެ.
ކާޑު ނުގަނެވެނޭކަމުގެ ސަބަބުން އެކްސްޕޯޓް އިތުރުކުރުމަށް ކުރާ މަސައްކަތް ކެވި ދަނީއެވެ. ނަމަވެސް މިހާރުވެސް
ފޮނުވޭނޭ އެއްވެސްގޮތެއް
ނެތިފައި އެފަދަ މުދާ އެބަހުއްޓެވެ.
3. މިމަސްއަލައާމެދު އަތޮޅުވެރިއާގެ ބަދަލު
އަތޮޅުކޮމިޓީއާއި މަޝްވަރާ
ކުރީމާ އެބޭކަލުންނާ، އަތޮޅުކޮމިޓީއަށް ފެނިލެއްވީ އަތޮޅުން 11 ރާތާ 3 ގާ ވަރަކަށް ރަން
ވުޒާރަތުލްމާލިއްޔާ ގައި ބަހައްޓާފައި އަތޮޅަށް 5 މަސް ދުވަހަށް ބޭނުންވާ ކާބޯތަކެތީގެތެރެއިން މިހާރު
ފޮނުވިފައިވާ އެކްސްޕޯޓް
މުދަލުން ހަމަނުވި ތަނެއް އިރުވާ މޫސުމް ހުސްވެ ބަދުރުވާ މޫސުމުން އެކްސްޕޯޓް މުދާ ފޮނުވާފައި އެރަނަށް ގެންނަށް
ކާޑުކޮޅެއް ފޮނުއްވައި
ދެއްވާތޯ ދައުލަތުގައި ދަންނަވައި ދެއްވުމެވެ. ވީމާ،
މިހާރުވަނީ އެރަން އަލްފާޟިލް ހަވަރުތިނަދޫ ތުއްތުކަތީބުގެ ޙަވާލުގައި ވުޒާރަތުލް މާލިއްޔާއަށް
ފޮނުވާ، އެވުޒާރާގައި ދެންނެވިފައެވެ.
4. ވީމާ، އަތޮޅުން އެކްސްޕޯޓް ނުކުރެވޭ
އެއްޗަކަށް އިމްޕޯޓް ނުކުރެވޭ
އުޞޫލެއް
ހަމަޖެހިފައި ވުމާއެކު، އަތޮޅުގެ ހާލު ހުރިގޮތުން ދަންނަވާލުމަށް މިފުރުޞަތުގެ ބޭނުންކުރަމެވެ.
މިހެންވެ، މިވާހަކަ ދެންނެވުމުގެ މާތްކަން ލިބިގަތީމެވެ.
18. 11. 1962 މ.
އަޅުގަޑީ
(ސޮއި)
ގއ. ވިލިގިލީ ތުއްތުކަތީބު
ހަވަރުތިނަދޫން
މީހުން
ބޭލުމުން ކާބޯތަކެއްޗަށް ދަތިވި ގިނަބަޔަކު ކައިބޮއި އުޅުނީ އެ ތަކެއްޗެއް ކެއުމުން އިންސާނުން ވިހަވެ
މަރުނުވާނޭކަމަށް އެ ބަޔަކަށް ހީވާ
ކޮންމެ
އެއްޗެކެވެ. ވަކި އެއްޗެއްނޫނެވެ. ހުރިހާ އެއްޗެކެވެ. ގިނަ ބަޔަކަށް ހަނޑުލާއި ހަކުރާއި ފުށެއް ނުލިބެ އެވެ.
ފަލަމަޑިއާއި ގޮވާމުގެ ބާވަތްތަކެއް
ނުލިބެ އެވެ. ގިނަ ބަޔަކަށް ލިބެންހުރީ ފަތްކެޔޮ މާޅޮސްކެޔޮ ބުޑާއި ފަޅޯ ގަސްގަނޑާއި މަދު ބާވަތެއްގެ ފަތްޕިލާވެލި
ފަދަ ތަކެއްޗެވެ. އެ ތަކެތި
ހުސްވަންދެން އެ ބަޔަކު ކައިބޮއި އުޅުނެވެ. ރާމަސްހުންޏޭ ކިޔާ ކާށި ހުންޏާއި ދިޔާހަކުރާ އެއްކޮށްގެން
ހަދާފައިވާ އެއްޗެއް ވެސް ގިނަ ބަޔަކަށް
ލިބެނީ
މަދު ފަހަރަކު އެވެ. ރުއްރުކުގެ ކުރިއާއި ގޮބޮޅިއާއި ބޯކަށިކޭލާއި ވަނދު ބަނބުކޭލާއި ބަނބުކެޔޮ ތޮޅިފަދަ
ތަކެއްޗަކީ ހަވަރުތިނަދޫގެ ގިނަ
ބަޔަކު
އޭރު ބަނޑުހައި ހޫނު ބޮޑުވެގެން ކައިބޮއި އުޅުނު އެއްޗިއްސެވެ. މިލިޔުން ލިޔެފައި މި ވަނީ ވެސް
ދަތިބޮޑުވެގެން އެފަދަ ތަކެތި ކައިއުޅުނު
ހަވަރުތިނަދޫގެ
މީހަކީމެވެ.
ދުނިޔޭގެ
ދެވަނަ
ބޮޑުހަނގުރާމައިގެ ދުވަސްވަރު ފިޔަވައި ދިވެހިރާއްޖޭގެ އިންސާނުންގެ ބަޔަކާއި މިހާތަނަށް ކުރިމަތިވެފައި ނެތް
ބަނޑުހައިހޫނާއި ހިތްދަތިކަމާއި
އަސަރުން ފުރިގެންވާ ގޮތެއްގައި ހަވަރުތިނަދޫގެ ބައެއް މީހުން މި ދުނިޔެ ދޫކޮށްލިކަން އޭރު ސަލާމަތުން އެއް
ފަސްގަނޑެއްގައި ދިރިތިބި އެހެން ބަޔަކަށް އެނގެނީ ވެސް (ދުވަސްވަރާއި
ޙާލަތުގެގޮތުން) ފުރާނަނެތް
މައްޔިތާގެ ހަށިގަނޑު ތަޣައްޔަރުވާ ފަހުންނެވެ. މިފަދަ ބައެއްމީހުން އެ ހިތްދަތި ހާލުގައި މަރުވެ ދަނިކޮށްނާއި
އަދި މަރުވެފައި ތިއްބައި
އަޅުގަނޑަށް ވެސް ފެނިފައިވެ އެވެ. މީހުންއުޅޭ ބައެއް ރަށްރަށުގައި މަރުވެފައިވާ މިފަދަ މައްޔިތެއްގެ ޖަނާޒާ
ނިންމާލައި އެ ބަޔަކަށް
ގެއަށް ނުދެވި އުޅެނިކޮށް ކޮންމެވެސް ބަޔަކު އެފަދަ ދެވަނަ މައްޔިތަކު މިސްކިތުގެ ޙަރީމަ ތެރެއަށް ވައްދަނީ ވެސް
މަދެއްކޮށް ނޫނެވެ.
ހަވަރުތިނަދޫން
ބޭލި
މީހުންގެތެރެއިން ކާބޯތަކެއްޗަށް ދަތިބޮޑުވި މީހުންނަށް ބޭނުންވާނޭ ކާބޯތަކެތީގެ އެހީތެރިކަމެއް
ކިތަންމެކުޑަ މިންވަރަކުން ވިޔަސް
ފޯރުވައިދެވިދާނޭ
ފަރާތަކަށް އޭގެ ގިނަ މީހުންނަށް ދެވޭނޭ ގޮތެއް ނުވެ ގިނަ ދުވަސްވެފައި ވަނިކޮށް ދެވުނު ބަޔަކަށް ދެވުނު އިރު އެ
މީހުންގެ ޙާލަތުވަނީ
ދެން އިތުރަށް ގަދަނުވާނޭ ވަރު ވެފަ އެވެ.
(ފިޔޯރިން ފެށިގެން މަޑަވެއްޔާ ދެމެދަކީ ހުވަދުއަތޮޅުގެ
ފަޅުރަށްރަށް އެންމެގިނަ ހިސާބެވެ. އެއްފަޅެވެ. ހުވަދުއަތޮޅަކީ ދިވެހިރާއްޖޭގެ އެންމެ
ފަޅުރަށްރަށް ގިނަ އަތޮޅެވެ. މި ހިސާބުގަނޑުގެ ބައެއް ފަޅުރަށްރަށުގައި ވެސް
ހަވަރުތިނަދޫގެ
ބަޔަކު ތިއްބެވެ. އެ މީހުންގެ ކެއިންބުއިމަށް އެ
ރަށްރަށުން ލިބެންހުރި އެއްޗެއް ހުސްވުމުން ދިޔަވަރު ހިކޭ ގަޑީގައި
ފަރުމަތިންނާއި އިސްކޮޅު ޖެހޭ ނުޖެހޭ ހިސާބުން ހިނގޭ ނުހިނގޭ ފެތޭ ނުފެތޭވަރުން ގޮސް
އިރުއޮއްސުމުގެ
ކުރިން ދެވުނު ފަޅުރަށެއްގައި އިރު އަރަންދެން
މަޑުކުރަމުން ތިންހަތަރު ފަސްދުވަހުން ހޯޑެއްދޫ މަޑަވެއްޔަށް ދެވުނު ބަޔަކު ވެސް
މީގެތެރޭ
ތިއްބެވެ.)
ހާލުގައިޖެހިފައިވާ ހަވަރުތިނަދޫ މީހުން ބައިތިއްބުމަށް ކެރަމިންތާ(ކުރަމަތި)
ގައި ދަނޑިފަނުގެ ބޮޑު ގެޔެއްއަޅައި އެ
ގޭގައި 60 ވަރަކަށް މީހުން
ބައިތިއްބައިގެން
އެ މީހުން ބެލެހެއްޓި ދުވަސްވަރެއް ވެސް ދިޔަ ކަމަށް އެ ދުވަސްވަރު އެ ރަށުގައި އުޅުއްވާފައިވާ ތިނަދޫ ދުންތަރި
އިބްރާހީމް ޝާކިރު މަޢުލޫމާތު
ދެއްވިއެވެ. އޭގެތެރެއިން (ނިޔައުނުވެ ސަލާމަތްވީ) ބައެއްމީހުން ފަހުން މީހުން އުޅޭ އެކި ރަށްރަށަށް
ދިޔައީ އެވެ.
(ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދިވެހިރާއްޖެއިން އެންމެ
ގިނަބަޔަކު
ބަނޑުފުރާނަ މުއްތިނުކުރެވިގެން ބަނޑަށް މަރުވެފައިވަނީ
ހަވަރުތިނަދޫން
މީހުން ބޭލުމުގެ ސަބަބުން ހާލުގައިޖެހުނު އެ ރަށުގެ
ބަޔެއްކަމާ މެދު
ޝައްކެއްނެތެވެ. ލިޔާ ބަޔަކު މި ވާހަކަ ތާރީޚޭ ކިޔާ
އެއްޗެއްގައި ލިޔެފައި ނެތަސް ކަން ހިނގާފައި ވަނީ މިހެންނެވެ. މި ކަން ދެނެހުރި
މި ތަން ދުށް
މީހުންގެތެރޭ ކިތަންމެ ބަޔަކު އަދި ދިރި ދުނިޔޭގައި(ހުވަދުއަތޮޅުގައި ވެސް)
އެބަ ތިއްބެވެ.
ދިވެހި ރައްޔިތުންގެ މިހާ ގިނަބަޔަކު މިހާ ނިކަމެތި ގޮތެއްގައި މިހާ އަސަރު ކުރުވަނިވި ހިތްދަތި ގޮތެއްގައި ކާންބޯން ނުލިބިގެން ބަނޑަށް މަރުވިއިރު ޒަމާނުއްސުރެ ދިވެހި ދައުލަތުން ލިޔުއްވާ ރަސްމީ ދިވެހިތާރީޚު ލިޔާ ޤަލަމުގެ "ދެލި ހުސްވެ" އެބޮޑު ކާރިޘާގެ ވާހަކައިން އެންމެ އަކުރެއް ވެސް ނުލިޔެވުނުކަމީ ހިތާމަހުރި ކަމެކެވެ. ދިވެހި ދައުލަތުން ލިޔުއްވަމުން ގެންދަވާ ރަސްމީ ދިވެހިތާރީޚަކީ ލިޔާ ބަޔަކު ލިޔަން ބޭނުންވި ކަމެއް ލިޔަން ބޭނުންވި ގޮތަކަށް ލިޔާ އެއްޗެކޭ މީހުންނަށް ބުނެވެން އޮންނަނީ މިކަހަލަ ކަންކަން މިހެންވީމާ ނޫންތޯ އެވެ. އެހެންނޫން ނަމަ ދިވެހިރާއްޖޭގެ ރަށެއްގެ އެތައްބަޔަކު ކާންބޯން ނުލިބިގެން "ބަނޑަށްމަރުވި" ވާހަކަ އޭގެ ބައި ޤަރުނުގެ ފަހުން ކޮންމެހެން އަޅުގަނޑުމެންކަހަލަ އާދައިގެމީހަކު ނުދެއްކި ނަމަވެސް ދިވެހިތާރީޚުން އެ ކަން ކޮންމެވެސް ވަރަކަށް އެނގެން އޮތީސް ނޫންތޯ އެވެ.)
ދިވެހި ރައްޔިތުންގެ މިހާ ގިނަބަޔަކު މިހާ ނިކަމެތި ގޮތެއްގައި މިހާ އަސަރު ކުރުވަނިވި ހިތްދަތި ގޮތެއްގައި ކާންބޯން ނުލިބިގެން ބަނޑަށް މަރުވިއިރު ޒަމާނުއްސުރެ ދިވެހި ދައުލަތުން ލިޔުއްވާ ރަސްމީ ދިވެހިތާރީޚު ލިޔާ ޤަލަމުގެ "ދެލި ހުސްވެ" އެބޮޑު ކާރިޘާގެ ވާހަކައިން އެންމެ އަކުރެއް ވެސް ނުލިޔެވުނުކަމީ ހިތާމަހުރި ކަމެކެވެ. ދިވެހި ދައުލަތުން ލިޔުއްވަމުން ގެންދަވާ ރަސްމީ ދިވެހިތާރީޚަކީ ލިޔާ ބަޔަކު ލިޔަން ބޭނުންވި ކަމެއް ލިޔަން ބޭނުންވި ގޮތަކަށް ލިޔާ އެއްޗެކޭ މީހުންނަށް ބުނެވެން އޮންނަނީ މިކަހަލަ ކަންކަން މިހެންވީމާ ނޫންތޯ އެވެ. އެހެންނޫން ނަމަ ދިވެހިރާއްޖޭގެ ރަށެއްގެ އެތައްބަޔަކު ކާންބޯން ނުލިބިގެން "ބަނޑަށްމަރުވި" ވާހަކަ އޭގެ ބައި ޤަރުނުގެ ފަހުން ކޮންމެހެން އަޅުގަނޑުމެންކަހަލަ އާދައިގެމީހަކު ނުދެއްކި ނަމަވެސް ދިވެހިތާރީޚުން އެ ކަން ކޮންމެވެސް ވަރަކަށް އެނގެން އޮތީސް ނޫންތޯ އެވެ.)
މަޑަވެލީ
ޖޭމުގޭ
އަލްމަރުޙޫމު ގާސިމް ފަހުމީ އަކީ އެ ރަށުގައި ނިޔައުވާ މީހުންގެ ކަށްވަޅު ކޮނެދިނުމުގެ މަސައްކަތްކުރެއްވި
ބޭކަލެކެވެ. އޭނާ ލިޔުއްވި
ކަރުދާހެއްގައި
"ހަވަރުތިނަދޫން މީހުންބޭލުމުން އެކިފަހަރު މަޑަވެއްޔަށް
ދިޔަ
ހަވަރުތިނަދޫ 55 މީހަކު ނިޔައުވެ އެ މީހުންގެ ކަށްވަޅު ކޮނެދިންކަމަށާއި
މީގެތެރެއިން ހަޔެއްކަ މީހަކުނޫނީ ދެން މުޅިން ވެސް ތިބީ ބަނޑުފުރާނަ މުއްތިނުވުމުގެ ސަބަބުން ނިޔައުވީ ކުދީންނާއި
މީހުންކަމަށް" ލިޔުއްވާފައިވާ
ކަމަށް މަޑަވެލީ ރީގަލް ޙަސަން ޙަބީބު މަޢުލޫމާތު ދެއްވި އެވެ.
މަޑަވެލީ ޒޫރިޔާގޭ ޢަލީ ނަޞީރު މައުލޫމާތުދެއްވަނީ "ހަވަރުތިނަދޫ މީހުން މަޑަވެއްޔަށް
އައިސް އެކި މީސްމީހުން އުޅުނީ އެކި
ތަންތަނުގަ
އެވެ. އެ ގޮތުން އޮޑިހަރުގެތަކާއި، ޖިފުޓިތަކާއި ހިޔާވަހިތަކުގެ އަސްކަނިތަކުގެ ދަށުގަ އެވެ. އޮޑިހަރުގެތަކުގައި
އެކަކަށްވުރެ ގިނަމީހުން
އެއްފަހަރާ
ނިޔައުވެފައި ތިއްބާ ވެސް ދުށީމެވެ. ނިޔައުވާ ބައެއްމީހުން ތޮށަލިތަކުގައި ވަޅުލަނިކޮށް ވެސް ދުށީމެވެ. ޢުމުރުން
ހައެއްކަ އަހަރުގެ ދެ ފިރިހެންކުއްޖަކު
ކުކުޅުބިހުގެ ތޮށިތައް ކެއި މަންޒަރުވެސް ދުށީމެވެ. އޭގެ ދެތިން ދުވަސްފަހުން އެނގުނީ އެ ދެ ކުދީން ވެސް
މަރުވިކަމަށެވެ. އަދި ދޮންކެޔޮދަޅި(ކެޔޮއަރިތައް
ގުޅިފައި ހުންނަބައި) އާއި، ކެޔޮގަސްގަނޑުގެ ބުޑާއި ފަޅޯގަހުގެދަޅި ކަނިކޮށް ވެސް އަޅުގަނޑު ދުށީމެވެ.
މަޑަވެއްޔާއި ކާޑެއްދުއާއި
އަދި އެނޫން ފަޅުރަށްތަކުން ވެސް ބޯކަށިކޭލުގެ އެންމެ ޅަކޭލާއި، ފަސޭހައިން
އަތުޖެހޭ އަދި ފަސޭހައިން އެރެންހުރި ރުއްރުކުގެ ކުރިތައް ވެސް އެ ދުވަސްވަރު ކައި މުޅިންހެން
ހުސްވި އެވެ. ބަނޑުހައިހޫނު ކަން ގަދަވެ ކުރާނޭ ނުކުރާނޭކަމެއް ނުއެނގި ވިސްނުމަށް
"ގޮތް"ވެފައިވާ
ބައެއްމީސްމީހުން
މަހުގެ ކަރުގަނޑުތަކާއި، އަދި މިނޫން ވެސް ޢާއްމުކޮށް މީހުންކައިބޮއި ނޫޅޭ ޒާތުގެ ތަކެތި ކެއުމުގެ ސަބަބުން
އެކިކަހަލަ ބަލިތައް ހުރަހޮޅިގެން(މާބޮޑަށް
ހަށިގަނޑު އަނަރޫފަވެ) ދުނިޔެދޫކުރި މީހުން ވެސް މަދެއްނޫނެވެ. ގިނައިން މަރުވެފައިވަނީ މުސްކުޅީންނާއި
ޅަކުދީންނެވެ. ބަނޑުފުރާނަ
މުއްތިކުރުމަށްޓަކައި އިންސާނީ ކަރާމަތާއި، ޢިއްފަތްތެރިކަމަށް ވެސް އަސަރުފޯރުމުގެ އިތުރަށް ބައެއް
މީހުންނަށް ޖިސްމާނީ
އަނިޔާލިބުނު މަންޒަރުތައް ވެސް ދުށީމެވެ. މައިންގެ ލޮބުވެތި އުނގުތެރޭ އެ މައިންގެ ތުއްތުތުއްތު
ލޯބިލޯބި އެތަކެއް ޅަދަރިން
ބަނޑުހައިހޫނުގައި
މި ދުނިޔެ ދޫކޮށްލިއިރު އެ މަންމަމެންނަށް ކުރެވެން އޮތްހައި ކަމަކީ ވެސް އަސަރާއިއެކު ގިސްލަގިސްލާފައި
ރުއިމެވެ. އެ ނޫނީ ދެން ކުރެވޭނީ
ވެސް ކޮންކަމެއްތޯ އެވެ. ކޮންމެއަކަސް މިއީ ވަރަށްދިގު ވާހަކަތަކެކެވެ. ހަވަރުތިނަދޫގެ އެ ޖީލުގެ އެ ކާރިޘާގައި
އުޅެންޖެހުނު އެންމެންނަކީ
ވެސް އޭގެ ނަފުސާނީ އަސަރުތަކެއްގައި އުޅެމުން ދާނެ މީހުންކަމަށް ގަބޫލުކުރަން ޖެހެއެވެ." މިހެންނެވެ.
ހޯޑެއްދޫގައި
ވެސް
ހަވަރުތިނަދޫގެ މަދުވެގެން 30 ހަކަށް ކުދިންނާއި މީހުން ބަނޑުހައިހޫނުގައި
ނިޔައުވެފައި ވެއްޖެ ކަމަށް ހޯޑެއްދޫ ތޫނިސް ޢަބުދުލް ޢަޒީޒު އާދަމް މައުލޫމާތު ދެއްވި އެވެ.
ކެރަމިންތާ(ކުރަމިތި)އަށް ދިޔަ
މީހުންގެތެރެއިން
ވެސް އެ ރަށަށް ދެވުނުއިރު މާބޮޑަށް ހާލު ދެރަވުމުން ހަޔެއްކަމީހުން އެ ރަށުގައި ނިޔައުވިކަމަށް ތިނަދޫ
ދުންތަރި އިބްރާހީމް ޝާކިރު
މަޢުލޫމާތު ދެއްވި އެވެ. ނަޑެއްލާ އަތިރިމަތީ އޮޑި ހަރުގެއެއްގައި ގާތްގާތުގައި ހަވަރުތިނަދޫގެ ހަޔެއްކަ
މީހުން ބަނޑުހައިހޫނުގައި
ނިޔައުވިކަމަށް
ތިނަދޫ ޖޭނެސްޓް މުޙައްމަދު ޒުހައިރު މަޢުލޫމާތު ދެއްވަ އެވެ. އޭގެތެރެއިން ކުޑަކުއްޖަކު ނިޔައުވެ ވަޅުލައި
ނިމުނުތަނާ އެ ކުއްޖާގެ
އެއްބަނޑުއެއްބަފާ އަނެއް ކުއްޖަކު ނިޔައުވި އެވެ. ޖެހިގެން އައި ދެތިން ދުވަހެއްގެތެރޭ އެ ހިތާމައާއި އެ
ބަނޑުހައި ހޫނުގައި އެ ދެ ކުދިންގެ
މަންމައާއި
ބައްޕަ ވެސް ހަމަ އެ ހަރުގޭގައި ދުނިޔެ ދޫކޮށްލީ އެވެ. މީގެއިތުރަށް ވެސް ގއ. އާއި ގދ.ގެ މީހުންއުޅޭ އެހެނިހެން
ރަށްރަށާއި ބައެއް
ފަޅުރަށްރަށުގައި ވެސް ހަވަރުތިނަދޫގެ އެތައްބަޔަކު ދުނިޔެ ދޫކޮށްފައިވެ އެވެ.
ހަވަރުތިނަދޫން
މީހުން
ބޭލުމުން ކާންބޯން ނުލިބުމުގެ ސަބަބުން ގިނައިން މަރުވީ ޅަފަތުގެ ކުދީންނެވެ. އެކަނިވެރި މުސްކުޅީންނާއި
އަންހެނުންނާއި ފިރިހެނުންނާއި އަދި
ރަށުންފޭބިއިރު
ގައިބާރުހުރި ވަރުގަދަ ކެޔޮޅުންނާއި އެކި މަސައްކަތް އެނގޭ ފަންނީ ހުނަރުވެރިންނާއި އެކީގައި ގާތްގަނޑަކަށް 600
އެއްހާ މީހުންނާއި
ކުދިން ބަނޑުހައިހޫނުގައި ހުވަދުއަތޮޅުގެ އެކިއެކި ހިކިފަސް ތަންތަނާއި މޫދަށް މަރުވި އެވެ. މީހުންއުޅޭ ރަށްރަށުގެ
ފަޅުގެތަކާއި ގޭގެ ގޯތިތެރެއިން
ހިޔާލިބެން ހުރި ތަންކޮޅަކާއި މިސްކިތްތަކާއި މަގުމައްޗާއި އަތިރިމަތީ އޮޑިހަރުގެތަކާއި ގޮނޑުދޮށާއި ފަޅުރަށްރަށުގެ
އަތްވާއި ވާރޭ ހިޔާނުވާ ހާމަ
ޖިފުޓިތަކުގައި ގިނަ ބަޔަކު މި ދުނިޔެއާއި އަބަދަށްޓަކައި އަލްވަދާޢު ކިޔާފައިވެ އެވެ.
ކާންބޯންނުލިބި މަރުވެދިޔަ ހަވަރުތިނަދޫގެ ގިނަ މީހުންނާއި
ކުދީންނަކީ ބަނޑުފުރާނަ މުއްތިކުރުމަށް
ކާއެތިކޮޅެއްގެ ބޭނުމުގައި ޙައްގުނޫން ގޮތެއްގައި އަތް އިސްނުކޮށް ވައްކަމެއް ނުކޮށް ފޭރުމެއްގައި ބައިވެރި ނުވެ
އީމާންތެރިކަމާއި އަބުރުވެރިކަމާ
އެކު ފުރާނަ ދޫކޮށްލި ބަޔެކެވެ. އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި މަތިވެރި އިލާހުގެ ލޮބުވެތި ޙަޟްރަތަށް
އެބައިމީހުން ދަތުރުކުރީ
އެބައިމީހުންގެ ޙާލަށްޓަކައި މީހަކު ހެޔޮހިތުން ދިއްކޮށްލި އެއްޗެއް ލިބިގަނެ ދިއްކޮށްލި އެއްޗެއްނޫން އެއްޗެއް
ލިބިނުގަނެ އެވެ. ދެކޭން ތިބި
އީމާންތެރި ބަޔެއްވާނަމަ އެ ބަޔެއްގެ ހިތާއި މެޔާއި ލަނގޮޑިއަށް ކެތްކުރަން ދަތި ފުން އަސަރުތަކެއް
ކުރުވުމަށްފަހުގަ އެވެ.
މަތިވެރިﷲ އެ މުސްލިމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް ލައްވާށި އެވެ. އާމީން!
މަތިވެރިﷲ އެ މުސްލިމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް ލައްވާށި އެވެ. އާމީން!
----------------
ޢަބުދުﷲ ޙިލްމީ
03 ޖުލައި 2012މ.
މަޢުލޫމާތުގެ ޙިއްޞާ:
ޙަސަން އިބްރާހީމްދީދީ އެވަރފާސްޓް/ތިނަދޫ، ޙަސަން
ޙިލްމީ ޖަނަވަރީގެ/ތިނަދޫ(ލިޔުއްވުން) މުޙައްމަދު ޒުހައިރު ޖޭނެސްޓް/ތިނަދޫ، ޢަލީ ނަޞީރު
ޒޫރިޔާގެ/މަޑަވެލި، ޙަސަން ޙަބީބު ރީގަލް/މަޑަވެލި، އިބްރާހީމް ޝާކިރު
ދުންތަރި/ތިނަދޫ،
ޢަބުދުލް ޢަޒީޒު އާދަމް ތޫނިސް/ހޯޑެއްދޫ