ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 8











ޝަމްސުއްދީނާއި އަތިރީގޭ އާ ޖެނެރޭޝަން

ޝަމްސުއްދީނު ރަދުން ދެވަނަ ފަހަރަށް ގެނެސް 1902 ގައި ތަޚުތުގައި ވެޑުވުމަށްފަހު އަތިރީގޭގެ އާރާއި ބާރަށް ގޮން ޖަހައިލެވޭވަރުގެ އެހެންބަޔަކު ނެތިއްޖެއެވެ. ނަމެއްގައި ބާރު އޮތީ ޝަމްސުއްދީނަށެވެ. ކަމުން ބާރު އޮތީ އަތިރީގޭ ޚާންދާނަށެވެ. ވަކިހިސާބަކުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ސްޓޭޖުމަތިން ފައިބައިވަޑައިގެން އޭނާގެ ބޭފުޅުންނަށް ހުރިހާ ކަމެއް ދޫކުރައްވައިފިއެވެ. އޭގެތެރެއިން ވެރިކަމުގެ ކަންތަކުގައި އިސްކޮށް ހުންނަވަނީ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. މައިގަޑު ރޭވުންތައް އަންނަނީ އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނުގެ ސިކުނޑިންނެވެ. އެތެރެއިން ގޭމު ރާއްވަވަނީ އަހުމަދު ދޮށިމޭނާއެވެ. ބޭރުން ގޭމު ނިންމަވަނީ އަބްދުލްމަޖީދު ރަންނަބަނޑޭރި އެވެ.

ދުވަސްވަރަކީ އިނގިރޭސިންގެ ކޮލޮނީތަކުގައި ޒަމާނީ ތައުލީމާއި ޒަމާނީ އިސްލާހު ތައާރަފު ކުރުމަށް އިނގިރޭސިން ބާރުއަޅަމުން ދިޔަ ދުވަސްވަރެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް ތައުލީމުގެ އޮއިވަރު ފެތުރުމަށާއި ވެރިކަމަކީ ލިޔެފައިވާ ދުސްތޫރެއް އޮވެގެން ކުރާ ކަމަކަށް ހެދުމަށް އިނގިރޭސިން ބާރުއަޅަން ފަށައިފިއެވެ. ގާނޫނީ ވެރިކަމެއްގެ ބިންގާ އެޅުމަށް އެދެން ފަށައިފިއެވެ. ގާނޫނަކީ ވެރީންގެ އަނގައިން ބޭރުވާ ކޮންމެ ބަހަކަށް ވުމަށްވުރެ ވެރީންނަކީ ލިޔެފައި އޮންނަ ދުސްތޫރަކަށް ތަބާވާން ލާޒިމް ބަޔަކަށް ހެދުމަށް މަޖުބޫރު ކުރަން ފަށައިފިއެވެ.

މިހެންވެ ތައުލީމު އުނގެނުމަށް ދިވެހިންގެ ތެރެއިން ބަޔަކު ބޭރަށް ފޮނުވާން ޖެހިއްޖެއެވެ. އަތިރީގޭ އަބްދުލްމަޖީދު ބޭނުންފުޅުވީ އަތިރީގޭ ބޭފުޅުން އެކަނި ތައުލީމު އުނގެނުމަށެވެ. މިހެންވެ ޝަމްސުއްދީނުގެ ދަރިކަލުން ހަސަން އިއްޒުއްދީނާއި އަބްދުލްމަޖީދުގެ ދަރީންގެ ތެރެއިން މުހައްމަދު ފަރީދާއި ހަސަން ފަރީދާއި އަހުމަދު ދޮށިމޭނާކިލެގެފާނުގެ މުހައްމަދު އަމީނު ކޮޅުނބަށް ފޮނުވައިފިއެވެ.

ރަސްމީގޮތުން އިލްމު އުނގެނުމަށް ބޭރަށް ދިޔުމަކީ ކުށެކެވެ. އެކަން ހުއްދައީ އަތިރީގޭ ބޭފުޅުންނަށް އެކަންޏެވެ. އަތިރީގޭ ބޭފުޅުން ކޮޅުނބުގެ ނަސާރާ ކޮލެޖުތަކުގައި ތިއްބެވީމާ އިނގިރޭސިންނަށް ނިމުނީއެވެ. އެއޮތީ ދިވެހިންވެސް ޒަމާނީ ތައުލީމު ހާސިލުކުރަނީކަމަށް ވެފައެވެ. މިދުވަސްވަރުގެ ތެރޭގައި ފިލައިގެން ދިވެހީންގެ ތެރެއިން ބައެއް މީހުން ކިޔަވާން ބޭރަށް ދިޔައެވެ. އެދިޔުމެއް ދިޔައީ އެއްވެސް ގޮތަކުން ސަރުކާރުން ހުއްދަ ދީގެނެއް ނޫނެވެ. އައްޑޫ މީދޫ ވަށޮދިޔަގެ އަބްދުއްރަހުމާނާއި ތަކަންދޫ މުހައްމަދާއި ނައިފަރު އަބްދުﷲ ފަހުމީ އާއި ކެލާ އިބްރާހިމް ރުޝްދީއާއި އައްޑޫ ހިތަދޫ ހުސައިން ރަހާ އާއި އިބްރާހިމް ލުތުފީ ފަދަ އަތޮޅުތެރޭ މީހުން އިލްމުގެ އެދުމުގައި ބޭރަށް ދިޔައީ ފިލައިގެންނެވެ.

އަތިރީގޭ ބޭފުޅުން ކޮލެޖުތަކުގެ ދޮރާށިން އެތެރެއަށް ވަދެފައި ނުކުމެފައި ރޭގަނޑު ނާޗަރަންގީ ކުޅެފައި ދައުލަތުގެ ފައިސާ ތަޅައި ބުރުއްސައިފައި މިޒާތަކަށް ދިހަވަރަކަށް އަހަރު އުޅުމަށްފަހު މާބޮޑެތި އާލިމުންކަމުގައި ހެދިގެން ރާއްޖެއައިސް އިނގިރޭސިން އެދޭ ގޮތަށް ޒަމާނީ އިސްލާހު ގެނައުމުގެ މަސައްކަތުގެ މުގުލުގައި ހިފައިފިއެވެ. ރައްޔިތުން ތަމްސީލުކުރާ މަޖިލީހެއްވެސް ހަދާން ޖެހިގެން އެމަޖިލީސްވެސް ހަދައިފިއެވެ. ކުރިން ރައްޔިތުންގެ ބަސް އެހުން އޮންނަނީ ރަސްކަން ބަދަލުވެ އާ ރަސްގެފާނަށް ބައިއަތު ހިފުމުގައި އެކަންޏެވެ. އެވެސް އުތުރުގެ އެންމެހައި ރައްޔިތުންގެ ނަމުގައި ތިލަދުންމަތީ ކެލާ ކަތީބާއި ދެކުނުގެ އެންމެހައި ރައްޔިތުންގެ ނަމުގައި ހައްދުންމަތީ އިސްދޫ ކަތީބު ގެނެސް ތިމަންމެން އާ ރަދުންނާ ރުހެމޭ ބުނީމާ ރައްޔިތުންގެ ބަހަށްވާ ގޮތަށެވެ. އާ މަޖިލިސް ހެދީ ކޮންމެ އަތޮޅެއް ތަމްސީލުކުރަން މަންދޫބަކު ހިމެނޭ ގޮތުންނެވެ. އެކަމަކު އަތޮޅުތަކަށް އައްޔަންކޮށްފައި ތިބެނީ އަތިރީގޭ ޚާންދާނަށް އަޅުދާސްވާ މާލޭ މީހުންނެވެ.

ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް ލިޔުން

އާ ދުސްތޫރެއް ލިޔަން އިނގިރޭސިން މަޖުބޫރުކުރީމާ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ހިޔަޅު ސިކުނޑިއަށް ފެނުނީ ދަނޑިވަޅުގެ ބޭނުންކޮށްގެން ޝަމްސުއްދީނު ރަދުންނަށް ލޮޓިއެއްދީ ރަދުންގެ ބާރާއި ހައިސިއްޔަތު އިހުނަށްވުރެވެސް ކުޑަކޮށް އެންމެފަހުން ރަދުން ތަޚުތުން ބާލައި އަބްދުލްމަޖީދަށް ތަޚުތު މިލްކު ކުރެވޭނޭ ގޮތެއް ރޭވުމަށެވެ. މިގޮތުން މުހައްމަދު އަމީނާއި މުހައްމަދު ފަރީދާއި ހަސަން ފަރީދު އިސްކޮށް ތިބެގެން ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ދުސްތޫރެއް ލިޔެ ފާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ނަމުގައި މި ދުސްތޫރެއް ފާސްކުރީ 1932 ގައެވެ.

މީގައި ހިމެނޭ އެއްޗެއް ނުހިމެނޭ އެއްޗެއް ނޭގިހުންނަވައި ޝަމްސުއްދީން ރަދުން މި ލިޔުން ތަސްދީގުވެސް ކުރައްވައިފިއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ބައްޕަ ކަމުގައި ވެވަޑައިގަންނަވައިފިއެވެ. މީގައި ހިމެނެނީ އިހުގެ އާދަކާދަތަކާއި ރަސްކަން ނަގުލުކުރާ ގޮތާއި މިޒާތުގެ ކަންކަމެވެ. ދެން ރަދުން އަމިއްލަފުޅަށް ކަންކަން ނުކުރެވޭނެ ގޮތާއި ރައްޔިތުންނަށް ދަތިވާނެހެން ހީވާހާ ކަންކަމެވެ.

ރަސްކަން ނަގުލުވާ ގޮތުގެ ބާބުގައި އޮތީ ރަސްކަމަށް އިސްކުރެވޭ މީހަކީ ދޮންބަންޑާރައިންގެ ނޫރައްދީނު ބަންޑާރައިންނާއި ސީދާ ފިރިހެން ލައިނަކުން ގުޅޭ ފިރިހެނަކަށް ވާން ޖެހޭނެ ކަމުގައެވެ. މިހެން ލިޔުނުއިރު އަބްދުލްމަޖީދަކީ ފިރިހެން ލައިނަކުން ހަސަން ނޫރައްދީނާއި ނުގުޅޭ މީހެއްކަން އަތިރީގޭ ޚާންދާނުގެ އެކަކަށްވެސް ރޭކާލައިފައެއް ނެތެވެ. އެވަރު ހޯދާކަށް ނުވެސް އުޅެއެވެ. ކޮންމެއަކަސް މިދުސްތޫރެއް ލިޔެގެން މާގިނަ ދުވަސްތަކެއް ނުވެ އަތިރީގޭ ޚާންދާނުގެ ބޭފުޅުން އަޑީގައި ތިއްބަވައިގެން ރައްޔިތުން ގުޅަކުޅޭފަސްގަނޑަށް ނެރެގެން ބަގާވާތެއް ކޮށްފިއެވެ. ގާނޫނު އަސާސީ އިރާލައި އެއްލާލައިފިއެވެ. ގާނޫނު އަސާސީ ލިޔުމުގައި އިސްކޮށް އުޅުނު މީހުން ކުށްވެރިވެ އޮޑިއަށް ލައިފިއެވެ. އޭގެ ތެރޭގައިދަރަވަންދޫގޭ ހުސައިން ސަލާހުއްދީނާއި ކެލާ އިބްރާހިމް ރުޝްދީވެސް ހިމެނުނެވެ. އަތިރީގޭ ޚާންދާނުގެ ބޭފުޅަކު ކުށްވެރިއެއް ނުވިއެވެ. މިގަޑުބަޑު ތާރީޚުގައި މަޝްހޫރުވެގެންވަނީ މޮޓަރުބޯޓުގެ ގަޑުބަޑުގެ ނަމުންނެވެ. މީގެ އަޑީގައި ތިއްބެވީ ދެ ފަރީދާއި އަމީނެވެ. އަދަބު ލިބުނީ އެހެން ބަޔަކަށެވެ.

ޝަމްސުއްދީނު ނަގައި އެއްލައިލުން

ގާނޫނުއަސާސީ އިރާލިތާ ދެއަހަރުފަހުން އަނެއްކާވެސް އާ ގާނޫނު އަސާސީއެއް ލިޔެ 1934 ގައި ފާސްކޮށްފިއެވެ. އޭގައިވެސް ހިމެނުނީ މައިގަޑު ގޮތެއްގައި ކުރީގެ އެތީގައިވެސް ހިމެނުނު ވާހަކަތަކެވެ. މި ގާނޫނުއަސާސީ ފާސްކުރިތާ ދެތިން މަހަކުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އިސްކޮށް ހުންނަވައިގެން ޝަމްސުއްދީން ރަދުން ތަޚުތުން ބާލައި ދައުލަތާއި ދެކޮޅުވެރިވިކަމުގެ ކުށުގައި ފުވައްމުލަކަށް އަރުވާލައިފިއެވެ. ޝަމްސުއްދީނާއި އެކު އެރަދުންގެ ދަރިކަލުން ހަސަން އިއްޒުއްދީންވެސް އަރުވާލައިފިއެވެ. ޝަމްސުއްދީނަކީ ރަދުންނެވެ. ދައުލަތުގެ އެންމެ މަތީ ބާރުވެރިޔާއެވެ. އެކަމަކު ކުށްވެރިވީ ދައުލަތާއި ދެކޮޅަށް އަދި ދައުލަތް ހިންގާން ތިބި ވެރިންނާއި ދެކޮޅުވެރިވުމުގެ މައްސަލައިގައެވެ.

ޝަމްސުއްދީނު ރަދުންނަށް ފަހު ރަސްކަމަށް ވަޑައިގަންނަވަން ހުންނެވީ ހަސަން އިއްޒުއްދީނެވެ. އެމަނިއްޕުޅަކީ ތުއްޕުޅުއިރުއްސުރެ އަތިރީގޭ ބޭފުޅުން ގަސްތުގައި ހަލާކުގެ މަގަށް ވައްޓާލައިފައި ހުންނެވި ބޭފުޅެކެވެ. އެމަނިއްޕުޅު މަގުފުރެއްދުމުގެ އަޑީގައި ހުންނެވީ އަބްދުލްމަޖީދެވެ. އެމަނިއްޕުޅަށް އައްޔާޝީ މަގުން ހިނގަން ދަސްކޮށްދެއްވީވެސް އަބްދުލްމަޖީދެވެ. އާޚިރުގައި ރެއެއް ދުވާލެއް ކައިވެނި ހަރާމެއް ހަލާލެއް ފިރިހެނެއް އަންހެނެއް ނުބައްލަވައި ހޭވައްޓައިލައްވައިފައި މިމަނިއްޕުޅު ކުރެއްވި ކަމަކީ އިބިލީހުގެ ކުޅިވަރު ކުޅުއްވުމެވެ. އައްޔާޝީކަމުންގޮސް ހުންނެވީ އިމުން ބޭރުވެފައެވެ. އެމަނިއްޕުޅު އައްޔާޝީވުމަށް މަގުފަހިކޮށްދީގެން ތިބެ އަތިރީގޭ ބޭފުޅުން ކުރައްވާކަމަކީ އިނގިރޭސިންނަށް އެމަނިއްޕުޅު ދައްކާފައި އެވަރުގެ މީހަކު ރަސްކަމަށް ގެންނަން ހެޔޮވެސް ނުވާނެއޭ އެހެންވީމާ ރަސްކަން އެހެން ގޮތަކަށް ފުރޮޅައިލާން އެބަޖެހެޔޭ ބުނުމެވެ. ޝަމްސުއްދީނު ނަގައި އެއްލައިލީ އިނގިރޭސިން އާނ ދެން އެންމެ ރަނގަޅޭ ބުނުމުންނެވެ.

ޝަމްސުއްދީނު ރަދުންގެ ދެބަފައިކަލުން އެންމެ ފުރަތަމަ ތިއްބެވީ މުލީއާގޭގައި ގޭބަންދު ކުރެވިފައެވެ. އަހަރެއްހާ ދުވަހު މިގޮތަށް ތިއްބެވިއެވެ. މިހެން ތިއްބަވާއިރު މި ދެބަފައިކަލުންނަށް ހެޔޮއެދޭ މީހުން ރޭގަނޑު ދަންވަރު ސިއްރިޔާތުގައި އެގެއަށް ވަދެނުކުމެވާކަމަށް ހީވެގެން ފުވައްމުލަކަށް އަރުވާލީއެވެ. ފުވައްމުލަކަށް އަރުވާލީ 1936 ގައެވެ. އެރަށުގައި ތިއްބަވަނިކޮށް 1940ގައި ހަސަން އިއްޒުއްދީން އެރަށުގައި އަވަހާރަވެއްޖެއެވެ. ހަކުރު ބައްޔާއި ވާގިނެތޭ ބައްޔާއި މިހެންގޮސް ތަފާތު ބަލިތަކުގެ ޝިކާރައަކަށް ވެގެންނެވެ. މިކަމުގެ ހިތާމައިގައި ޝަމްސުއްދީނުވެސް ވަރަށް ބޮޑަށް އާލާސްކަންފުޅެއްގައި ޖެހިވަޑައިގެން އަބްދުލްމަޖީދަށް ފަތްކޮޅެއް ފޮނުއްވައި އާދޭސް ދެންނެވީމައި މާލެއަށް ގެންނަވައިފިއެވެ. ފުރަތަމަހުންނެވީ މާލެ ވިލިގިލީގައެވެ. އޭގެފަހުން އާލާސްކަންފުޅު ބޮޑުވުމުން ދަރިކަނބަލުންގެ އަރިހުގައި މާލޭ މޫނިމާގޭގައި ގޭބަންދުގައެވެ. އެހެން ހުންނަވައިފައި ގިނަދުވަސްތަކެއް ނުވެ އަވަހާރަވެއްޖެއެވެ.

އަބްދުލްމަޖީދަށް އިނގިރޭސިން ނޫނެކޭ ބުނުން

ޝަމްސުއްދީނު ރަދުން ނަގައި އެއްލައިލައިފައި އަބްދުލްމަޖީދު ރަސްކަމަށް އަރަން ތައްޔާރުވެގެން ހުއްޓައި ކަކާގޭ ޚާންދާނާއި އެނޫންވެސް ބައެއް ޚާންދާނުތަކުގެ މީހުން ގާނޫނު އަސާސީގައި ލިޔެފައިވާ މާއްދާ އިނގިރޭސިންނަށް ދައްކައިފިއެވެ. އޭގައި އޮތީ ދޮންބަންޑާރައިންނާއި ފިރިހެން ލައިނަކުން ނުގުޅޭ މީހަކު ތަޚުތަށް ލާއިގު ނުވާނެ ވާހަކައެވެ. އަބްދުލްމަޖީދަކީ ދޮންބަންޑާރައިންގެ ފިރިހެން އައުލާދެއް ނޫންކަންވެސް ސާބިތުކޮށްދީފިއެވެ. އިނގިރޭސިން ބުނެގެން ލިޔުނު ދުސްތޫރު އެހާ އަވަހަށް މުގުރައިލަން އިނގިރޭސިންވެސް ބޭނުމެއް ނުވިއެވެ. އެހިސާބުން ކޮޅުނބުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ބާނަޑް ބޯޑިލް ރަސްމީ ފަތްކޮޅެއް އަބްދުލްމަޖީދަށް ފޮނުއްވާފައި އަބްދުލްމަޖީދުގެ ރަސްކަން ގަބޫލު ނުކުރާނެ ވާހަކަ އާއި ދޮންބަންޑާރައިންނާ ފިރިހެން ލައިނަކުން ގުޅޭ މީހަކު ރަސްކަމަށް ލާން ފެންނަ ވާހަކަ އަންގަވައިފިއެވެ.

މިފަތްކޮޅުގެ ވާހަކަ އާއްމުންނަށް ސިއްރުކޮށްފައި ބޭއްވުމަށްފަހު އަބްދުލްމަޖީދު ރަސްކަމަށް އަންނާން ބޭނުން ނުވާކަމުގެ ކުލަވަރު ދައްކާފައި 1935 ގައި އައްސުލްތާނު ހަސަން ނޫރައްދީނު ދެވަނައިގެ ނަމުގައި ބޭފުޅަކު ތަޚުތުގައި ވަޑުވައިފިއެވެ. މިއީ އިނގިރޭސިންގެ ހިމާޔަތުގެ އެގްރީމަންޓުގައި މަޖުބޫރުން ސޮއިކުރެއްވި މުއީނުއްދީން ބަންޑާރައިންގެ ދަރިކަލުންނެވެ. ނޫރައްދީނު ދެވަނަ ތަޚުތުގައި އިންނެވީ ރަމްޒީ ގޮތެއްގައެވެ. އެއްވެސް އާރެއްބާރެއް ނެތެވެ. މިގޮތުގައި 1943 ވަނަ އަހަރާ ހަމައަށް ނޫރައްދީނު ތަޚުތުގައި ބޭންދިއެވެ.

އެހިސާބުން އަނެއްކާވެސް އަބްދުލްމަޖީދު ތަޚުތުގައި އިށީންނަން އިނގިރޭސިން ރުހިދާނެކަމަށް ބަލައިގެން އަދި އެދުވަސްވަރު ދެވަނަ ބޮޑު ހަނގުރާމައިގެ އުޑި ގަދައަށް އެނބުރެމުންދާތީ ރާއްޖޭގެ ރަސްކަމުގައި ހުންނަނީ ކާކުތޯބަލަން އިނގިރޭސިން ބޭނުން ނުވެދާނެކަމަށް ހީކޮށް މުހައްމަދު ފަރީދާއި ހަސަން ފަރީދު އަދި މުހައްމަދު އަމީނު އިސްވެ ތިބެގެން ނޫރައްދީނަށް މަޖުބޫރުކޮށްގެން އެރަދުން ތަޚުތުން ބާލައިފިއެވެ. އޭރު އަބްދުލްމަޖީދު ހުންނަވަނީ އިނގިރޭސިންނަށް ވެސް ވީފޫއްސަކުން ރާއްޖެ ދޫކުރައްވައި މިސްރުގައެވެ. ރާއްޖެދޫކޮށް މިސްރަށް ވަޑައިގެން ހުންނެވީ މިސްރުގައި އުޅެން ފަސޭހަވުމަށްވުރެ ރަސްކަމުގައި ނީދެވިގެން އެކަމުގެ ރުޅީގައެވެ.

ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުން

ހަސަން ނޫރައްދީނު ދެވަނަ ރަސްކަމުން އަމިއްލަފުޅަށް ވަކިވެވަޑައިގެން އަބްދުލްމަޖީދު ތަޚުތަށް އިސްވެވަޑައިގަތުމަށް އާދޭސް ދަންނަވާ ގޮތަކަށް ދެ ފަރީދާއި އަމީނު މިރޭވުން ރޭވީ ހިތުން އިނގިރޭސިން ވާވެއްދުމުގެ ބޭނުމުގައެވެ. އެކަމަކު އެފަހަރުވެސް އިނގިރޭސިން މިކަމަށް އެއްބަހެއް ނުވިއެވެ. އިނގިރޭސިން ބުނީ ތަޚުތުގައި ހުންނަންޖެހޭ މީހެއްގެ ޝަރުތު ކަލޭމެން އަމިއްލައަށް ދުސްތޫރެއްގައި ލިޔެގެން އުޅެފައި އެދުސްތޫރު މުގުރަން އުޅުމުގެ ބޭނުމެއް ނެތްކަމުގައެވެ. ކަލޭމެން ބޭނުމިއްޔާ މިހާރުވެސް ގޮތަށް ބޮޑުވަޒީރުކަމާއި ސަރުކާރު ހިންގުމުގައި ދެމިތިބެން ރުހިގެން ތިބިކަމުގައެވެ.

އިނގިރޭސިން މިގޮތަށް ޖަވާބުދިނީމާ ދެން އަތިރީގޭ ބޭފުޅުން ނިންމެވީ ރަސްކަން ހިންގުމަށް ވަލީ ކޮމިޓީއެއް އޮވެފައި އެކޮމިޓީގެ އިސް މީހަކަށް އަބްދުލްމަޖީދު ހުންނެވުމަށެވެ. ދެން ދިވެހި ތަޚުތަށް އިންތިޚާބު ކުރެވިފައި ހުންނެވި ރަސްކަލަކީ އަބްދުލްމަޖީދު ކަމަށް އިއުލާން ކޮށްފިއެވެ. އެކަމަކު އަބްދުލްމަޖީދުގެ ނިޔަނެތިކަމާއި ތަގުވާވެރިކަން ބޮޑުކަމުން ރަސްކަން ބޭނުންފުޅު ނުވެގެން މިސްރުގައި ހުންނަވަނީ ކަމަށް ވެސް އިއުލާންކޮށްފިއެވެ. މިގޮތުން 1943 ވަނަ އަހަރުން ފެށިގެން އަބްދުލަމަޖީދު 1952 ގައި އަވަހާރަ ވުމާ ހަމައަށް ދައުލަތުގެ ވެރިޔަކަށް ލައިގެން އުޅުނީ އަބްދުލްމަޖީދެވެ. އޭނާ ހުންނަވަނީ ބޭރުގައެވެ. އެގޮތަށް ހުންނެވިއިރު ރާއްޖޭގައި ހުންނަވައިގެން ދައުލަތް ހިންގެވީ އެންމެ ފުރަތަމަ ހަސަން ފަރީދެވެ. ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ޓޮރްޕިޑޯ ހަމަލާއެއްގައި ހަސަން ފަރީދު އަވަހާރަވީމާ ދެން ދައުލަތް ހިންގެވީ އަބްދުލްމަޖީދުގެ ނަންފުޅުގައި މުހައްމަދު އަމީނެވެ.

އަބްދުލްމަޖީދު އަވަހާރަވީމާ ދެން ދިވެހި ގައުމު މުހައްމަދު އަމީނު ހިތަކަށް ލިބިއްޖެއެވެ. މުހައްމަދު އަމީނުވެސް ހަގީގަތުގައި ބޭނުންވީ ރަސްކަމެވެ. އެކަމަކު އަބްދުލްމަޖީދަށް ވީގޮތް ރައްޔިތުންނަށް ނާންގައި އޮތަސް މުހައްމަދު އަމީނަށް އެނގެއެވެ. މުހައްމަދު އަމީނަކީވެސް ދޮންބަންޑާރައިގެންގެ ފިރިހެން ލައިނަކުން ވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ދިވެހިރާއްޖެ އޮތީ އިނގިރޭސިންގެ ދަށުގައެވެ. އެހެންވީމާ މުހައްމަދު އަމީނު ތަޚުތުގައި އިށީނުމަށް ވެސް އިނގިރޭސިން ދޭނީ ހަމަ އެޖަވާބުކަން އެނގިވަޑައިގަންނަވައެވެ. މިސަބަބަށްޓަކައި މުހައްމަދު އަމީން ބޭނުންވީ ރަސްކަންވެސް އުވާލައި ޖުމްހޫރިއްޔަތެއް ގާއިމުކޮށް ރައީސަކަށް ވުމަށެވެ. ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔާ ގާއިމުކުރެވުނީ މިގޮތުންނެވެ. ކޮންމެހެން ރައްޔިތުންނަށް ޖުމްހޫރިއްޔަތަކީ ކޯޗެއްކަން އެނގި ދަސްވެގެނެއް ނޫނެވެ. ރައީސެއްގެ ގޮތުގައި ދައުލަތުގެ އެންމެ އިސްވެރިޔަކަށް މުހައްމަދު އަމީނު ހުންނެވުމަކީ ގާނޫނުން މަނާކުރާކަމެއް ނޫނެވެ. (ނުނިމޭ)
                    -------------------
ލިޔުއްވީ: "ގަދަ ކަލޭގެފާނު"