ދިވެހިރާއްޖޭގެ ބަޔަކު ނަރަކައިގެ ޓިކިޓީ ނަގަނީ










ކަލޭނޭވޭ، ނޫކަށިފުރަޔޭ މިކިޔާ ޒާތުގެ ޒުވާނުން މީސްތަކުންގެ ތެރެއިން ހުސްވެ ތަމާމްވުމީ ފަހުޒަމާނުގެވެސް އެންމެފަހުގެ ބާބަށް ހުރަހޮޅިއްޖެ ކަމުގެ މެދުމިންވަރެއްގެ ޢަލާމާތެކޭ. އަހުރެން އަހާގޮތުގައި މިކަރައިގައި އިހު ތިބި އާދަމުގެ ދަރީންގެ ތެރެއިން ބައެއް ބައެއް މީސްމީހުނީ އެއުރެން ދުނިޔެއަށް އުފަންވި ދުވަހަށްވުރެވެސް ހަގުވާން ބެއިނުންވެގެން އެފަދަ ޢުމުރަކަށް އައިޑީ ކާޑޭ ކިޔައި އުޅޭ ކާންބޯން ބެއިނުން ނުކުރާ ޒާތުގެ ކާޑު ހައްދައިގެން ތިބި އާދަމުގެ ދަރީންގެބަޔެކޭ.

މިފަދަ މިފަދައަކުން ޢުމުރު އޮޅުވައިލުމުގައި އެފަދަ މީސްތަކުންގެ ބެއިނުން އެތައްބަޔަކަށް ބެހިގެންވެޔޭ. އެއްބަޔަކީ މަރުދުވަހަށްވެސް މުސްކުޅިނުވާކަމަށް ހެދިގެން ތިމައުރެނީ ޒުވާނުންކަމަށް އަނެކުންނަށް ދައްކަން ކުރެވެންއޮތް ކަމެއް ކުރަމުންދިޔަ ބަޔެކޭ. އެބަހީ، މިއުރެނީ މިއުރެންގެ އުފަންދަރިންނަށްވުރެ މިއުރެންގެ ޢުމުރު ހަގުވާން ބެއިނުންވެގެން އެގޮތަށް އައިޑީ ކާޑޭ ކިޔައި އުޅޭ ކާންބޯން ބެއިނުން ނުކުރާ ޒާތުގެ ކާޑު ހައްދައިގެން އުޅޭ ބަޔެކޭ.

މިފަދަ މިފަދައަކުން ކަންހިގަމުންދަނިކޮށް އަސްތާ! ކުއްލިއަކަށް ވީގޮތަކީ ފަންސަހައްޓި އަހަރުން މަތީގެ މިކަރައިގެ އެންމެހައި އާދަމުގެދަރިންކުރެ ކޮންމެ މީހަކަށް ދެހާސް މިތައް ސަތޭކަ ރުފިޔާ ލިބޭނޭ މަގު މަތިވެގެން އަތުވެއްޖެޔޭ. ހަމަ އެހިދުމެ އިހު ނަންގަތް ހަގު ޢުމުރަކަށް އައިޑީ ކާޑޭ ކިޔައި އުޅޭ ކާންބޯން ބެއިނުން ނުކުރާ ޒާތުގެ ކާޑު ހައްދައިގެން ތިބި އާދަމުގެ ދަރީންގެތެރެއިން ބަޔަކު މީހުންނާއި އެބަޔެއްގެ ޢުމުރުން ފަންސަހައްޓި އަހަރު ހަމަވާން ގާތްވެސް ނުވާ އާދަމުގެދަރިންގެ ބަޔަކުވެސް ދެހާސް މިތައް ސަތޭކަ ރުފިޔާގެ ފާފަވެރި ބެއިނުމުގައި ދެފައިކުރިޔަށް ބާރުލާފައި ނައިބުގެޔާއި ދިމާލަށް ދުއްވައިގަތޭ. ބެއިނުމަކީ ހަލާލު ހަރާމަކަށް ބެލުމެއް ނެތި ހަރާންވެގެންވާ ހޫނުގަދަ އަލިފާން ފަދަ ފައިސާތަކެއް ތިމަތިމާމެންގެ ގޮހޮރާއި ތިމަތިމާމެންގެ އަބިދަރިންގެ ގޮހޮރުވެސް ފުރެންދެން ކަމާލްކޮށްލުމޭ.

ދެންފަހެ، މިފަދަ ބައެއް ބައެއް މީސްމީހުން ފައިސާގެ ބެއިނުމުގައި އެއުރެންގެ ޢުމުރު މަތިކުޅައުމަށް ނައިބުގެޔަށް ދިޔުމުން ލަފާދާރު އީމާންތެރި ނައިބުން އެމީސްމީހުންނަށް ކަންއޮތް ގޮތާއި އެފަދައަކުން ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ފައިސާ ހޯދުމީ އަމިއްލައަށް ނަރަކަޔަށް ހުރަހޮޅިގަތުން ކަމަށް ވިސްނައިދެވޭތޯ މަސައްކަތްކުރިމެޔޭ. އެހެނެއްކަމަކު ހަމަހިލައި އެއަޑެއް ނުއަހަތޭ. އަދި ކިޔެއްހޭ، ތިމައުރެންނަކީ ފަންސަހައްޓި އަހަރު ފުރިފައި ތިބި ބަޔެއްކަމަށް ދޮގުހެކި ދޭނޭ އިބްލީހުގެ އަޢުވާނުންގެ ތެރެއިން ދެގޮލަޔަކުވެސް ނައިބުތަކުރުފާނު ކުރިމައްޗަށް ގެންގޮސްފިޔޭ.

ދޮގުހެކި ދޭނޭ އިބްލީހުގެ އަޢުވާނުންގެ ތެރެއިން ދެގޮލަޔަކު ނައިބުތަކުރުފާނު ކުރިމައްޗަށް ގެންދިޔަހިދު އެތަކުރުފާނު ބުނުއްވަތޭ "ތިބާ ދެމީހުންނީ މާދަންވެސް މަރުވެ މަޙުޝަރުކުރެވޭނޭ ދެމީހުންނޭ. މިހަރަ މީހާއީ އެކަލޭގެ ޢުމުރުން ފަންސަހައްޓި އަހަރުވެފައިހުރި މީހެއްކަމަށް އުޑުތަކާއި ބިމުގެވެރި ރަސްކަލާނގެ ގަންދީ ހުވައިކުރާން ތިބާ ދެމީހުންނަށް ކެރޭނެހޭ. ފަހެ ބޮޑުވެގެންވާ ދޮގުހުވައެއްކޮށްގެން ތިބާ ދެމީހުންނަށް ނަރަކައިގެ ވަތްގަނޑެއް ޚިޔާރުކުރެވޭހިދު އޭގެ އަނެއްކޮޅުން އެހުވައިގެ ސަބަބުން މިހަރަ މީހާއަށް ފަންސަހައްޓި އަހަރުވީކަމަށް އަހުރެން ނިންމާހިދު މިރާއްޖޭގެ މިތިބަ ނިކަމެތި މިސްކީނު ރައްޔިތުންގެ ފައިސާއިން މިހަރަ މީހާއަށް ކޮންމެމަހަކު ހަލާލުނޫން ހަރާންކުރެއްވި މިތައްހާސް ނަގުދު ފައިސާ ލިބިގެންދާހުއްޓޭ. މިފަދަ ނުބައިކަންބޮޑު ކަމެއް ކުރާން ތިޔަބައިމީހުންނަށް ފަހެ ކެރިދާނެހޭ ނުވަތަ ނޫންހޭ؟"

ނައިބުތަކުރުފާނުގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ދޮގުހެކިދިނުމަށް ގެނައި ދެމީހުންކުރެ އެކަކު "ބިﷲ ފަދަ ތެދެކޭ މިހަރަމީހާއަށް ފަންހައްޓި އަހަރުވީތާ ކޮންދުވަހެއްހޭ. މިއީ އަހުރެން މުޠުލަގަށް ބުނާ ބަހެކޭ ބުނެއްޕޭ" ދޮގުހެކިދިނުމަށް ގެނައި ދެމީހުންކުރެ އަނެއްމީހާ ކުޑައިކޮށް ސިހި ފަހަތަށްޖެހި މަޑުމަޑުން ބުންޏޭ "ތަކުރުފާނޭ މިކަމާމެދު އަހުރެން ބުނާނެ ވަކި އެއްޗެއްނެތޭ. އަހުރެން މިތަނަށް ގެނައީ މިހަރަމީހާއަށް ފަންސަހައްޓި އަހަރުވީކަމަށް ހެކިދޭށޭ. އެހެންވެ ދެން ޖެހޭނީ ހެކިދޭން ނޫންހޭ. މިދިނީ ހެއްކޭ" މިހެންކިޔައި އެބުނާ ޒާތުން ހަރާންކުރެއްވި ފައިސާ ލިބޭނޭ މަގަށް އެއްކަލަމީހާގެ ޢުމުރު މަތިކޮށް އެކަލޭގެއަށް ނުހަނު ފަސޭހައިން ނަރަކައިގެ ޓިކިޓީ ލިބޭނޭމަގު ތަނަވަސްކޮށްދީފިޔޭ.

އިހުނަންގަތް މަގުން އެކަމެއް ހިގަމުންދަނިކޮށް މިހައިރު ފަންސަހައްޓި އަހަރުން މަތީގެ މިކަރައިގެ އެންމެހައި އާދަމުގެދަރިން ކުރެ ކޮންމެމީހަކަށް ފަސްހާސް ރުފިޔާ ލިބޭނޭ މަގު މަތިވެގެން އައުމާއެކު ހަމަ ކުއްލިއަކަށް ވިހެއި އަމަޔަށްވުރެ ދަރި ދޮށިކަމަށް ދޮގުހެކި ދޭނޭ އިބްލީހުގެ އަޢުވާނުންގެ ތެރެއިން ދެގޮލަޔާއެކު ފުނިފުންޏަށް މީސްތަކުން ނައިބުގެޔަށް ދާން ފަށަތްޕޭ. ކިޔެއްހޭ، މިކަމެއްގެ ސަބަބުން މިހައިރު ނައިބުގެތަކުގައި ހިންގާންޖެހޭ އެހެން ބާވަތްބާވަތުގެ ސަރިއަތްތައްވެސް ހަމަ މުޅީން ހުއްޓުމަކަށް ގޮސް މީސްމީހުންގެ ޢުމުރު މަތިކޮށް ޑަޒަންޑަޒަނަށް އެއުރެން ނަރަކަށް ވަނުމުގެ ޓިކިޓީ ދޫކުރުން ނޫން ދެވަނަކަމެއް ނެތި ހިގާއްޖޭ.

ކަލޭނޭވޭ، މިފަދައަކުން ކަންހިގައި ނޫކަށިފުރަޔޭ ކިޔާ ޒާތުގެ ޒުވާނުން މީސްތަކުންގެ ތެރެއިން ހުސްވެ ތަމާމްވުމީ ފަހުޒަމާނުގެވެސް އެންމެފަހުގެ ބާބަށް ހުރަހޮޅިއްޖެ ކަމުގެ މެދު މިންވަރެއްގެ ޢަލާމާތެއްކަމަށް ނޫނީ ނުވާހުއްޓޭ. އެހެންނުވާނީ ފަހެ ކިޔެއްވެހޭ، ދިވެހިރާއްޖޭގެ މަދުނޫން ބަޔަކު ނަރަކައިގެ ޓިކިޓީ ނެގުން ނޫން ދެވަނަކަމެއް މިހައިރު ނުކުރޭވިއްޔާއޭ.
                                    -----------------
އީމެއިލް: މީމު. ރާ