ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު


ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން ފާހަގަކޮށްލެވޭ، ވަރަށް ޚާއްޞަ ޝަޚްޞިއްޔަތެކެވެ. އަދި އެނޫނަސް އެފަދަ ކިތައްމެ ބޭފުޅުންނެއް އަޅުގަނޑުމެންގެ ކާބަފައިންގެ ތެރޭގައި އުޅުއްވާފައިވެއެވެ. ހުވަދު އަތޮޅުގެ ވާރުވެރިޔާ (އަތޮޅުވެރިޔާ) ޙާޖީ މުޙައްމަދު ކަލޭފާނުގެ ބައްޕައަކީ، ހަވަރުތިނަދޫ ޢަލިކަލޭގެ ދަރިކަލުން ޢަލީ (ކަޅުބެއްޔާ) އެވެ. އޭނާގެ މަންމައަކީ، މަޑަވެލީ އިސްމާޢީލްކަލޭގެ މޫސިއާ(މަޑަވެލީ މޫސިޔާ) ނުވަތަ މޫސާގެ މަރިޔަމް (މަރިޔަމްދިޔެ) އެވެ. މުޙައްމަދު ކަލޭގެފާނުގެ މާމައަކީ، ހަވަރުތިނަދޫ މެރަދޫގޭ އާމިނަތު(އާމިނަ) އެވެ. ހަވަރުތިނަދޫގައި ފާހަގަކުރެވޭ 25 ޢާއިލާގެ ތެރެއިން 15 ޢާއިލާއަކީ، މި މޫސިއާގެ ދަރިފަސްކޮޅެވެ. މޫސިއާއަކީ މަޑަވެލީގެ ބޭކަލަކަށް ވިޔަސް އެ ރަށް ދޫކުރައްވައި ހަވަރުތިނަދުއަށް ދިރިއުޅުން ބަދަލުކުރެއްވީ މަޑަވެލީގައި އޭރު ހިނގަމުން ދިޔަ ވެރިކަމުގެ ތެރޭގައި ހަމަހަމަކަން ނުވަތަ ޑިމޮކްރަސީގެ ސިފަތައް ނެތްކަމަށް ފެންނާތީ އެވެ.

ނަމަވެސް އެ ޒަމާން ފާއިތުވެއްޖެއެވެ. މިއީ އެހެން ޒަމާނެކެވެ. މިއަދު އޭނާ ދުނިޔޭގައި ނެތްކަމަށް ވިއަސް، ޙައްޤުބަސް ބުނުމުގައި ޘާބިތުވެ ތިބި އެތައް ދަރީންނެއް މިއަދު އެ ޢާއިލާއިން އެބަ ފެނެއެވެ. މުޙަންމަދު ކަލޭފާނަކީ، ދެ ފަހަރެއްގެ މަތީން 31 އަހަރު ހުވަދުއަތޮޅުގެ ވާރުވެރިކަމާއި، ފަހުން އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރަށް ތަފާތު އެތައް ކަމެއްގައި، އެންމެ އިސްދަވްރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ކުރެއްވި ވެރިކަމުގެ ގޮތުންނާއި އަމިއްލަފުޅު ގޮތުން ހުވަދު އަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ގޮތުން ވަރަށްޙާއްޞަ ބޭފުޅެކެވެ. ޝަޚުޞީގޮތުން ވިދުންގަދަ ޝަޚްޞެކެވެ. އާދެ! އޭނާއަކީ، ހުވަދުއަތޮޅުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތްތަކުގެ އެންމެއުސް ކުންނެވެ. ހުވަދުއަތޮޅަށް ޢާއްމުކުރައްވައިގެން ތަޢުލީމީ ހިޔާވަހި ކަމެއްގެ ބިންގާ އެންމެ ފުރަތަމަ އަޅުއްވައިދެއްވީ ވެސް އޭނާ އެވެ. ވީމާ، އޭނާގެ ނަން "ރަންއަކުރުން" ފާހަގަކޮއްލަން ޖެހެއެވެ.

ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި، އޭނާ އެ އެޅުއްވި ބިންގަލަކީ ނުވަތަ އެ ޢިމާރާތަކީ، ޚާއްޞަކޮށް ހަވަރުތިނަދޫ ޢާއްމުކޮށް ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި އެންމެ ފުރަތަމަ ހުޅުއްވެވި "އެދުރުވެހި" ކަމަށްވާ "މަދަރުސަތުލް އަޞްބާޙު" އެވެ. އެ ފަޚްރުވެރި ތާރީޚާކީ 17 ޖުމާދިލްއައްވަލް 1350ހ. (2 އޮކްޓޫބަރ 1931މ.) އެވެ.

ޢަރަބި ތަޢުލީމަކީ، އެ ދުވަސްވަރު ވެސް އަދި މި ދުވަސްވަރު ވެސް މާލެފިޔަވައި އަތޮޅުތަކަށް އެހާ ޢާއްމު ތަޢުލީމެއް ނޫންކަމަށް ވިއަސް އެ ތަޢުލީމު ވެސް އެ މަދަރުސާގައި އޭނާ ވަނީ، ފައްޓަވާ ދެއްވާފައެވެ. އޭގެ ފަހުން މި މަދަރުސާގެ ނަން ދެ ފަހަރަށް ބަދަލުވި އެވެ. ފުރަތަމަ ބަދަލުވީ "މަދަރުސަތުއް ސުބުލައްސަލާމް" މި ނަމަށެވެ. "ދޮންތުއްކަލާގެ އައްޑު ދަތުރު" މި ފޮތަށް ރިޢާޔަތްކުރުމުން، އެމަދަރުސާގެ ރަންޒަމާނަކީ 1950މ. އާއި 1954މ. ށް ކަމަށް ލަފާކުރެވެއެވެ. ދެން ބަދަލުވީ "މަދަރުސަތުލް އަމީރު އިބްރާހީމް" މިނަމަށެވެ.

މަދަރުސަތުލް އަޞްބާޙުގެ ފުރަތަމަ ނާޒިރަކީ، އައްޝޭޚު މުޙައްމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. އޭނާއަކީ، އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުން (ރާއްޖޭގައި) ދަސްވެނިވި ބޭފުޅެކެވެ. މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ދެކުނުގޭ ދޮންމަނިކަކީ، ޑިގްރީ ހޯލްޑަރެކެވެ. ހުވަދުއަތޮޅު ރަށްރަށަށް ތަޢުލީމާ، ތަހްޒީބާ، ތަމައްދުނު ގެންގޮދިން އިސް މޭސްތިރީންނަކީ، ނުވަތަ އުސްތާޒުންނަކީ، ދެކުނުގޭ ދޮންމަނިކުގެ ނާޒިރުކަމުގެ ދަށުން ދަސްވެނިވި ބޭފުޅުންނެވެ. މިދެންނެވި ތަޢުލީމާ، ތަހްޒީބާ ތަމައްދުނު "އެ ޢިމާރާތެއްގެ ތެރޭގައި" ބައްޓަންވެގެން ދިޔަ ޢިމާރާތުގެ ބާނީއަކީ، އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނެވެ. އޭނާއަކީ، ލާމަޘީލު ޝަޚްޞިއްޔަތެކެވެ. އަގުހުރި ޤަވްމީ ބަޠަލެކެވެ. އޭނާގެ މަތިވެރި ޒިކުރާއަށް ނިމުމެއް ނެތެވެ.

ޙާޖީ މުޙަންމަދު ކަލޭފާނުގެ ޙައްޖު ދަތުރުފުޅު ނިންމަވާލައްވައި، ރަށަށް ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، އެ ރަށުގެ ހުޓިކޮޑޭ މިސްކިތް(ދެއްވަދޫ ރަސްގެފާނަށް ނިސްބަތްވާ މަސްޖިދުއް ސުލްޠާން މުޙައްމަދު) މަރާމާތުކޮށް ބޮޑުކުރެއްވުމެވެ. (އެއީ އެ މިސްކިތް ބޮޑުކުރެވު 3 ވަނަ ފަހަރެވެ.) ކުރީގެ މިސްކިތަކީ ލާފެންކޮށްގެން، ލާގެ ބަހައްޓައި، އެ ޒަމާނާ އެއްގޮތަށް ހަދާފައިވާ ވަރަށްރީތި މިސްކިތެކެވެ. ފަހުން މިސްކިތް ބޮޑުކުރައްވައި، މަރާމާތުކުރެއްވި އިރު މިސްކިތުގެ ތަނބުތަކާއި ފިލާތަކާއި، ބެރިތަކާއި، ހިރިގަލުން ހަދާފައިވާ ތަކެތި، އެ މިސްކިތުގެ 2 ވެވަށް އަޅައި އެ ވެއުތައްވަނީ، ފޮރުވާލެވިފަ އެވެ. މަސައްކަތެއް ކޮށްފިނަމަ،  މިއީ ތާރީޚީ ޚަޒާނާއެއްކަމަށް ވެދާނެ އެވެ. އެ ދެ ވެއު މިހާރުވަނީ، އެ މިސްކިތުގެ އިރު ދެކުނު (ބޯޅަދަނޑު) ސަރަޙއްދުގަ އެވެ.

މިހާރު ބަންދުކޮށްފައި އެ ހުރި މަސްޖިދުއްސުލްޠާން މުޙައްމަދު 3 ވަނަ ފަހަރަށް ބޮޑުކޮށް މަރާމަތުކުރި އިރު އަލަށް އިތުރުކުރެވުނު ސަރަހައްދުން، މަދު ޢަދަދެއްގެ މިނިކަށިތައް ފެނިފައިވެ އެވެ. ނަމަވެސް މި ބަޔަކީ،  އެ ދުވަސްވަރު ނަމާދުކުރަން އިތުރުކުރި ބައެއްނޫނެވެ. އަދި ހިޔާކޮށްފައިވާ ބައެއް ވެސް ނޫނެވެ. އެ ބައި އިތުރު ކުރެވުނީ، އިޙްތިރާމްކުރާ މީހުން ވަޅުލުމަށެވެ. ފަހުގެ މީހުންނަށް އެކަން ނޭގި އެ ބައި ހިޔާކޮށް މިސްކިތުގެ ބަޔަކަށް ހެދުނީ އެވެ. ވީމާ، އެ ޤަބުރުތައް ނެގުމުން ނުވަތަ އެ ބައި މިސްކިތާއި ވަކިކުރުމުން އެ ކަން އެ ނިމުނީއެވެ. މިސްކިތުގެ ކުރީގެ ތަރަހައިގައި އެއްވެސް ގަބުރެއް ނުވާނެކަމަށް ކުރީއްސުރެ އެނގިފައިވެ އެވެ. ޝައްކެއްވާނަމަ ބެލިވެސް ދާނެއެވެ. 

މި ދެންނެވި ބަޔަކީ، މިސްކިތުގެ ވަށައިގެން އަށެއްކަ ފޫޓު ބޮޑުމިނުގެ ސަރަހައްދެކެވެ. މި ފޮތުގައި ފުރިހަމަ ތަފްޞީލް ނުލިއުނެއްކަމަކު، އެ މިސްކިތް 3 ފަހަރެއްގެމަތިން ބޮޑުކުރެވުނު ގޮތުގެ ބައެއް ތަފްޞީލްތައް ކޮންމެވެސް މިންވަރަކަށް އަޅުގަނޑަ އެނގިފައި ވިއަސް، އެ މިސްކިތް ބޮޑުކުރެވުނު ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ކުރިން މަރާމާތުކޮށްފައި ވަނިކޮށް، ޙާޖީ މުޙައްމަދު ކަލޭފާނުގެ ޙައްޖު ދަތުރަށް ފަހު، އޭނާގެ މޭސްތިރިކަމުގެ ދަށުން އެ ދުވަސްވަރުގެ މުއްސަނދީގެ އެހީތެރިކަމާ އެކު، މިސްކިތް ބޮޑުކުރެވުނެވެ. އެ ފަހަރު މާ ބޮޑަށް ބޮޑުކުރުމުގެ ސަބަބުން މިސްކިތުގެ ކުރީގެ ލާގެ ވެސް މުޅިން ރޫޅައި އަލުން އެހެންގޮތަކަށް ބަދަލުކުރެވުނެވެ. އެ ލާގޭގައި ބޭނުންކޮށްފައިވާ (ލިޔެފައިވާ) ހައިވަކަރު ބެރިތައް ވަޅުލީ ނުވަތަ އަޅާފައިވަނީ، އެ މިސްކިތުގެ އިރުމައްޗާއި އަދި އިރު އުތުރުގައި ހުރި (ކުރިން ދެންނެވި) ދެ ވެވަކަށެވެ. މިދެންނެވި  ވެޔޮތަކަކީ، ތާރިޚީ ޚަޒާނާއެއްކަމަށް ވާނެކަން ކަށަވަރެވެ. ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ބަޔަކު އެ މުހިންމު މަސައްކަތް ކުރާނެކަމަށް އުންމީދު ކުރެވެއެވެ.

ޙިޖްރައިން 1346 ވަނަ އަހަރު ޙާޖީ މުޙައްމަދު ކަލޭގެފާނު ޙައްޖަށް ކުރެއްވި ދަތުރުގައި އޭނާ ޤުދުސަށް ކުރެއްވި ޒިޔާރަތުގެ "ޞަފަރުނާމާ" އޭނާގެ ޤަލަމުންވަނީ، ލިޔުއްވާފަ އެވެ. ޝޭޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "ދިވެހީންގެ ސަފަރުނާމައޭ ހިޖާޒު 1346ހ." އެއީ ޙާޖީ މުޙައްމަދު ކަލޭގެފާނު ވެސް ބައިވެރިވެ ވަޑައިގަތް ޙައްޖު ދަތުރެވެ.

މޮޅު ކެޔޮޅެއްކަމަށް ވެސް ބެލެވޭ ޙާޖީ މުޙައްމަދު ކަލޭފާނު ހަވަރުތިނަދޫގެ 07 ދޯންޏަކަށް އެއް ދުވަހު މަސްބާނައި ދެއްވިކަމަށް ބުނެވެ އެވެ. އެކަންވީގޮތަކީ، އޭނާ މަސްވެރިކަން ކުރައްވަން ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނިކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރީން މަސްބާނަމުން ގެންދަނިކޮށް ފެނިވަޑައިގެން އެ ތަނުން ދޯންޏަކަށް އަރާވަޑައިގެން މަސްބާނާ ދެއްވައި، އެ ދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެ ގޮތަށް ހަތްދޯންޏަށް މަސްބާނާ ދެއްވީ އެވެ. އެ ރަށުން މީހުން ބޭލުމާއި ގާތަށް ވަރަށްފަހަކާއި ޖެހެންދެން 07 ދޯންޏަށް މަސްބާނައި ދެއްވި ދުވަސް ހަވަރުތިނަދޫ މީހުން ފާހަގަކުރަނީ، "ހަތްކުޑައިގެ ދުވަސް" ގެ ގޮތުގައެވެ. ގާތްގަނޑަކަށް 150 ވަރަކަށް ފަޅުރަށް އޮންނަ ހުވަދުއަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި، އެ ރަށްރަށް އޮންނަ ތަނާއި، އަތޮޅުގެ ގިރިފަރު، ކަނޑުއޮޅިތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަތޮޅުގެ އެކި ވަރުގެ ހައެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި އެވެ.

މުޙައްމަދު ކަލޭގެފާނަކީ، ތިލޭރުވެރިކަމާއި، އެކި ވައްތަރުގެ ވަޑިކަމާއި، ބޭސްވެރިކަމާއި،  ނަކަތްތެރިކަމާއި، އަދި ފަންޑިތަވެރިކަން ވެސް އެނގި ވަޑައިގަންނަވާ ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތުތަކާއި، މާލެއާއި އަތޮޅުގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި، އެ ޢާއިލާތަކާ ގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި، އެއްކުރައްވައި، ލިޔުއްވި އެވެ. އަތޮޅުގެ ބޮޑު ނާއިބުކަމާއި، ހަވަރުތިނަދޫ އިސް ކަތީބުކަން ކުރެއްވިއެވެ. ބޭރު ދަތުރުކުރާ ދެ އޮޑިއާއި، އެތެރޭގެ މަސްވެރިކަމާއި، އެހެނިހެން ކަނޑުދަތުރު ކުރާ އެކި ވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވި އެވެ. މި ކަންކަމާއެކު ވަގުތުގައި ފަރުޟު ނަމާދު އަދާއަށް ކުރެއްވުމަށް އިސްކަންދެއްވިއެވެ. އެ ޒަމާނުގައި ވަރަށް މަޝްހޫރު މުއްސަންޖަކަށް ވުމާއެކު ވެސް  ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބޮޅާއިން ކައްކާ ކިރުގަރު ދިޔައާއި، ހިއްކި ބަނބުކޭލެވެ. 

މުޙައްމަދު ކަލޭފާނަކީ، އޭރު ވެސް މިހާރު ވެސް ހަވަރުތިނަދޫއާއި، މަޑަވެއްޔާއި، ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު، އަދި އޭނާ އަވަހާރަވުމާއި ހަމަޔަށް ވެސް އެންމެގިނަ ބަޔަކު ބޯލެނބި، އަދި އެންމެގިނަ ދުވަހު އަތޮޅުގެ އެންމެ އިސްވެރިކަން ކުރެއްވި ޝަޚުޞިއްޔަތެވެ. 

ޙާޖީ މުޙައްމަދު ކަލޭގެފާނު މާލެވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ގަނޑުވަރަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުގައި، ކަލޭގެފާނާއި އިސްތިގްބާލް ކުރެއްވުމަށް ގަނޑުވަރުގެ ދޮރޯށިދޮށަށް އޭރުގެ ރަދުން (މުޙައްމަދު ޝަމްޝުއްދީން) ނުކުމެ ވަޑައިގަންނަވައެވެ.
    
ގަހެއްގެ ހުރިހާ ގޮތްޕެއްގައި މޭވާ ވެސް ނާޅައެވެ. ނަމަވެސް އެ ގަސް ފުރިހަމަވަނީ، މޭވާ ނާޅާ ގޮފިތައް ވެސް ހުރުމުންނެވެ. ހުރިހާ ގޮފިތަކެއްގައި މޭވާއަޅާނަމަ އެ ގަސް ވެއްޓުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ހަމަ އެ އުޞޫލުން މަޑަވެލީ މޫސިއާގެ ޢާއިލާގެ އެންމެންނަކީ، ޝަޚްޞިއްޔަތް ތަކެއް ނޫނެވެ. ނަމަވެސް ފަހުން ވެސް އެހެން ބަޔަކަށް މުގުރާނުލެވޭނެ ކިތައްމެ ރެކޯޑެއް ޤާއިމު ކޮށްފައިވާ ބޭފުޅުން މި ޢާއިލާގައި ވަރަށް ގިނައެވެ. ޙާޖީ މުޙަންމަދު ކަލޭފާނުގެ 31 އަހަރުގެ އަތޮޅުވެރިކަމުގެ ވާހަކަ ލިޔެވިއްޖެ އެވެ. ނަމަވެސް އޭނާގެ މުއްސަނދި ކަމާބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ލިޔާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ހަމައެކަނި ފާހަގަކޮށްލާނީ، އޭނާގެ ތަރިކަ ބެހި ދުވަހު ވާރިޘެއްގެ ފަރާތުން މުދަލާއި ޙަވާލުވި މއ. ބާރަނާއާގެ ގދ.ތިނަދޫ، އަމީރުއްޒަހުރި ބޭސް ހުސައިން ތައްޚާނު ބުނި ޢިބާރާތެކެވެ. އޭނާ ބުނީ، ފަސްބަޔަށް ބެހުމުން އެއިން ކޮންމެ ބަޔަކަށް ލިބުނު ހަމައެކަނި ބަތްކާ ތަށީގެ ޢަދަދަކީ 750 ތަށި ކަމަށެވެ. އަދި ރުނބާ، ފަދަ އެހެނިހެން ކަންވާރާއި، ރިހިރުފިޔާގެ ޢަދަދު ވެސް ވަރަށް ގިނަ ކަމަށެވެ.

މުޙައްމަދު ކަލޭގެފާނު ނިސްބަތްވާ ޢާއިލާގެ މީސް ގިނަކަމާ މެދު ބުނެވެނީ، އޭނާގެ ގެ ހުންނަ ހިސާބު (މިހާރުގެ އަތޮޅު ތަޢުލީމީ މަރުކަޒު) އެ ހުރި ހިސާބުން ފެށިގެން އޭނާގެ އޮޑިދޯނިފަހަރު އެހެލާ ހިސާބު މިހާރު ތިނަދޫ "ތޭންކް" އެ ހުރި ހިސާބާ ދެމެދުގައި ދިރިއުޅޭ އެންމެންނަކީ، އޭނާގެ އައުލާދުން(ދުރުވެގެން ދެބެންގެދެދަރި މީހުން) ކަމަށެވެ. 

އިސްވެދިޔަ މަޢުލޫމާތްތަކަށް ރިޢާޔަތްކުރުމުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބެ އެވެ. ކުރިން ވެސް އަޅުގަނޑު ފާހަގަކޮށްފައި ވާނެ، ފަދައިން އެ ޢާއިލާއިން ޤާއިމުކޮށްފައިވާ ރިކޯރޑްތައް ވަރަށް ގިނަ އެވެ. އެ އާޢިލާއިން ޤަވްމަށް ޚިދުމަތްކުރެއްވި ބޭބޭފުޅުން ތެރޭގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅުން، ޑޮކްޓަރުން މާލިމީން، ޙަކީމުން، ވަޒީރު ބޭފުޅުންނާއި އަދި ވެސް ކިތައްމެ ބޭފުޅުން ހިމެނެއެވެ. އެ ސިލްސިލާ މިހާރު ވެސް ދަނީ ހަމަ ކުރިއަށެވެ. އެ ދަރިކޮޅަށް ނިސްބަތްވާ އެތައް ބަޔަކު، ތިނަދޫ، މަޑަވެލި، ހޯނޑެއްދޫ، ރަތަފަންދޫ، ފިޔޯރީ، މާތޮޑާ،  ދާންދޫ އަދި ވިލިގިލީގައި އެބަ ތިބޫ އެވެ. އަދި މި ނޫނަސް އެތައް ބަޔަކު އެބަ ތިބޫ އެވެ. އޭނާއާއި ބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ ފޮތް ވުޖޫދުވެއްޖެ ނަމަ އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެ އެވެ.
         ---------------------------------------------

ލިޔުއްވީ: ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި 
22/12/2012