ތައުބީންގެ އަސަރު ގަދަ ޖަލްސާ


ދުނިޔެ ދޫކުރާ މުސްލިމުންގެ ތައުބީންގެ ޖަލްސާތަކުގައި ކީރިތި ޤުރުއާން ކިޔަވައި، އެމީހުންގެ ރަނގަޅު ކަންކަމުގެ ވާހަކަ ދައްކައި ޛިކުރާ އާކުރެއެވެ. އަދި އެމީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙުމަތްލެއްވުން އެދި މަތިވެރި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ، ދިރިތިބި މުސްލިމުންގެ މާތް ސިފައެކެވެ. 

މިފަދަ ޖަލްސާއެއްގެ ކަންކަން ހިނގަމުންދާއިރު، ޖަލްސާގެ ބައެއް ބައިވެރިންނަށް ބައެއް ފަހަރު ވަރަށްފުން އަސަރެއް ކުރެއެވެ. ލޮލުން ކަރުނަ އާދެއެވެ. ގިސްލައެވެ. ރޮވެއެވެ.

ރޮވުމަކީ މޮޅިވެގެން ދިޔުމުން ނުވަތަ ހިތަށްކުޅަ ގަދަ އަސަރަކުން ލޮލުން ކަރުނައައުން ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ރޮވުމަކީ ހަމައެކަނި ގިސްލާފައި ކަރުތެރެއިން ރޯއަޑު ނުކުތުން އެކަންޏެއް ނޫނެވެ. ރޯއަޑު ނުކުންނަނީ އޭގެކުރިން އެހެންނޫނީ އެއާއެކީ ވިއަސް ކަރުނަޔާއެކީ އެވެ. މީހަކަށްލިބޭ ބޮޑު އުފަލަކާ ލިބޭ ބޮޑު ހިތާމައަކީ ހިތަށް ކުރާނޭ ގަދަ އަސަރަކަށްވީމާ މިއިން ކަމެއް ކުރިމަތިވުމުން ލޮލުން ކަރުނަ ހިލެއެވެ.

ކަރުތެރެން ރޯއަޑު ނުކުތުމަކީ ކުރާ އަސަރެއްގެ މިންވަރުންވާ ކަމަކަށް ވިޔަސް އެއީ އެމީހެއްގެ ހިފެހެއްޓުމާއި ނުވަތަ ކެތްތެރިކަމުގެ ބޮޑު ކުޑަ މިންވަރާއި ވެސް ގުޅިފައި އޮންނަ ކަމެކެވެ.   

 *****                                                                     

މިއީ، 1979މ. ގައި ރަޖިސްޓަރީކޮށް ހުވަދުއަތޮޅު ތިނަދޫގައި ހިންގި "ހުވަދޫ ސްކޫލް"ގެ ދެ ދަރިވަރަކު ކަނޑުވެ ޝަހީދުވުމާއި، އަދި އެ ސްކޫލްގެ މުދައްރިސަކު، އާލާސްކަންފުޅާއި އުޅުއްވައި ދުނިޔެ ދޫކުރެއްވުމާއި ގުޅިގެން، 12 ޖޫން 1981 (09 ޝަޢުބާން 1401) ގައި އެ ސްކޫލްގައި ބޭއްވި ތައުބީންގެ ޖަލްސާއާއި ގުޅޭ މަޟުމޫންއެކެވެ. މިމަޟުމޫންގެ މަތީގެ ފޮޓޯގައި އެވަނީ އެ ސްކޫލްގެ ދިދައާއި ބެޖެވެ.  

ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހަށްވީމާ އެމުނާސަބާ ފާހަގަކުރުމުގެ ކަންކަން ސަރުކާރާއި އަތޮޅުތަކާއި ރަށްރަށުގެ ފެންވަރުގައި ކުރަމުން ގެންދިޔައެވެ. 01 ޝަޢުބާން 1401 (04 ޖޫން 1981) ބުރާސްފަތި ދުވަހަކީ ޝަހީދުންގެ ދުވަހަށްވީމާ ހުވަދުއަތޮޅު ތިނަދޫގެ އޮފީސްތަކާއި ސްކޫލް މަދަރުސާތަކުން ވެސް އެދުވަސް ފާހަގަކުރިއެވެ.

ރާއްޖެއިން ބޭރުގެ އިނގިރޭސި މުދައްރިސަކާއި ރާއްޖޭގެ މޮޅު މުދައްރިސުން ތަކެއް ތިއްބަވައިގެން ކިޔަވައިދެމުން ގެންދިޔަ ތިނަދޫ ހުވަދޫ ސްކޫލްގައި އެދުވަސް ފާހަގަކުރުމުގެ ޢަމަލީ ކަންކަން ހިންގުމުގައި ސްކޫލްގެ ދަރިވަރުން ވަރަށްބޮޑު ޙިއްޞާއެއް އަދާކުރިއެވެ. އެދުވަސްވަރަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމުގެ ކުރީގެ ދުވަސްވަރަކަށް ވީމާ ކިޔެވުމާއި ސްކޫލް ޙަރަކާތްތަކުގައި ހުވަދޫ ސްކޫލަކީ ތިނަދޫއާއި އަތޮޅުންވެސް ފާހަގަކުރެވޭ ސްކޫލެކެވެ.  

ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ހުވަދޫ ސްކޫލްގެ އިސްކޮށް އުޅުނު ބައެއް ދަރިވަރުން އެމުނާސަބާ ނިމުމުން ޖެހިގެން އައި، 05 ޖޫން 1981 ހުކުރުދުވަހު އަމިއްލަގޮތުން ޗުއްޓީ ހޭދަކުރުމަށް ތިނަދޫ ކައިރި ބައެއް ފަޅުރަށްރަށަށް ދިޔަ އެވެ. އޭގެތެރެއިން ބައެއް ކުދިން އެ ދުވަހުގެ މެންދުރަށް ތިނަދޫއަށް އައުމަށް ކުރި ދަތުރުގައި ދިމާވި ކަނޑުމަތީގެ ޙާދިސާއެއްގައި ތިނަދޫގެ ފަރާ ދާދި ގާތަށް ދެ ކުއްޖަކު ކަނޑުވެ ގެއްލިއްޖެއެވެ. ކިޔެވުމާއި އަޚުލާޤާއި ސުލޫކާއި ކިޔަމަންތެރި ކަމަށްވެސް ރަނގަޅު، މި ދެ ކުދިންނަކީ، ތިނަދޫ ވިނަރެސް ގޭގެ އެއްބަނޑު އެއްބަފާ އަންހެން ދެބެއިންނެވެ. މަރްޔަމް ޙަސަން، އާއި. ޚަދީޖާ ޙަސަން، އެވެ.

މިހިތާމަވެރި ޚަބަރު ލިބުމާއެކު މުޅި ރަށުގެ ސަމާލުކަމަށް އެކަން އައެވެ. އެވަގުތު ރަށުގެ ދޯނިތަކުން ގިނަބަޔަކު ފުރައިގެން ގޮސް އެކުދިން ގެއްލުނުކަމަށް ބުނާ ހިސާބު ހޯދައި ބަލައި، އެކުދިން ފެނޭތޯ މަސައްކަތްކުރަން ފެށިއެވެ. އަޅުގަނޑަކީވެސް އެކުދިން ފެނޭތޯ ދޯންޏަކުން ދިޔަ މީހަކީމެވެ. އިރުއޮއްސި އަނދިރިވުމާ ހަމައަށްވެސް އޭގެ ކުއްޖެއް ނުފެނެއެވެ. ދެން އަނދިރީގައި މަސައްކަތް ކުރެވޭނޭގޮތެއް ނެތީމާ ފަތިހު އަނެއްކާވެސް އެމަސައްކަތަށް އެނބުރި ދާން، ބައެއް ދޯނިފަހަރު ރަށަށް އައެވެ. ބައެއް ދޯނި، މުޅި އެރޭ ހޭދަކުރީ ކުދިންފެނޭތޯ އެހިސާބުގައެވެ. 

އެދުވަސްވަރު، ހުވަދޫ ސްކޫލްގެ މުދައްރިސެއްކަމަށްވާ، ތިނަދޫ ޝޭޚު ޔޫސުފު ޞިދުޤީ އުޅުއްވީ އާލާސްކަންފުޅާއެވެ. އެއީ އަޅުގަނޑުމެންގެ ގާތް ބޭފުޅަކަށް ވީމާ، ޙާލުކޮޅު ދެކިލުމަށާއި ބޭސްވެރިކަމުގެ ބައެއް ކަންކަން ހުރެގެންނާއި އެކު ޝޭޚުގެ އަރިހަށް. ތިނަދޫ މާނެލް ގެޔަށް އަޅުގަނޑު ގޮސް އުޅެމެވެ. އެ ރޭ އަޅުގަނޑު އެގެއަށް ދިޔައިރު، ހުވަދޫ ސްކޫލްގެ ދެދަރިވަރުން ގެއްލުނު ޚަބަރު ޝޭޚަށް ވަނީ ލިބިވަޑައިގެންފައެވެ. އަޅުގަނޑު ދިޔުމުން ވަރަށް ދެރަވެ އޮންނަވައި "އެކުދިން އަދިވެސް ނުފެނޭތޯ" ޝޭޚު އެއްސެވީމާ ކުދިން ފެނޭތޯ އެހާތަނަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ ދެންނެވީމެވެ. ވިދާޅުވީ، "އެކުދިން ނުފެނި ގިނައިރު ވުމަކީ ވަރަށް ހިތާމަވެރި ދެރަ ކަމެކެވެ. ނަމަވެސް އެކުދިން ހޯދަން މަސައްކަތް ކުރާށެވެ. އިރާދަ ކުރެއްވިއްޔާ ކުދިން ފެންނާނެއެވެ. އުއްމީދު ބޮޑެވެ."

ޝޭޚަކީ، ހުވަދޫ ސްކޫލްގެ މަތީ ކްލާސްތަކުގެ މުދައްރިސެކެވެ. އަޅުގަނޑަކީ ގދ. އަތޮޅުއޮފީހުގައި އުޅެމުން ހުވަދޫ ސްކޫލްގެ އިދާރީ މަސައްކަތެއްގައި އެ ތަނަށްދާ މީހަކީމެވެ. އަދި ބައެއް މާއްދާތައް ކިޔަވައިވެސް ދެމެވެ. އަޅުގަނޑު ނޫނަސް، ސަރުކާރުގެ އޮފީސްތަކުގައި އުޅުއްވަމުންވެސް ކިޔަވާދެއްވާ ގަޑި ފުރުއްވާ މޮޅު ބޭފުޅުން އޭރު އެސްކޫލްގައި ތިއްބެވިއެވެ.

ހުވަދޫ ސްކޫލްގައި ކިޔެވި ގިނަ ދަރިވަރުންނަކީ މިހާތަނަށްވެސް ޢިލްމީ މަސައްކަތްތެރި ބަޔެކެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާ ރަނގަޅު ބަފައިންނާއި މައިންނެވެ. ގެވެހި އަނބިންނެވެ. ބޭނުންތެރި ހުނަރާއި ފަންވަރު ހުރި މީހުންނެވެ. ހުވަދޫ ސްކޫލްގެ ދަރިވަރުންގެ ތަޢާރަފެއް ދިނުމަކީ ކޮންމެހެން މިލިޔުމުގެ ބޭނުމެއް ނޫނެވެ. އެއީ ކޮން ބަޔެއްތޯ އަދި ހޯދަން ބޭނުންވާ މީހަކަށް، އެކަމަކީ ނުކުރެވޭނޭ ކަމެއް ނޫނެވެ. 

ގެއްލުނު ދެކުދިން ފެނޭތޯ ޖެހިގެން އައި ދުވަހު ހޯދި ހޯދުމުންވެސް އެއްވެސް ކުއްޖެއް ނުފެނެއެވެ. ނަމަވެސް އެދުވަހުގެ ރޭވެފައި އަނެއް ދުވަހަށް އިރުގެ އަލިކަން ފާޅުވަމުން ދިޔައިރު ގެއްލުނު ދެބެއިންގެ ތެރެއިން ހަގު ޚަދީޖާ ޙަސަން ފެނިއްޖެއެވެ. ފެނުނީ ތިނަދޫ ގްރާންސް ގެޔާއި ދިމާލުން ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުންނެވެ. އޭރު ޚަދީޖާ ވަނީ ނިޔައުވެފައެވެ. މަތިވެރި ﷲ ޚަދީޖާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

ޚަދީޖާ ފެނުމާއެކު ލަސްނުކޮށް އެޖަނާޒާ ނިންމީމުއެވެ. ޖަނާޒާގެކުރިން އެޚަބަރު ޝޭޚު ޞިދުގީ އަށް ދެންނެވޭނޭ ފުރުޞަތެއް އަޅުގަނޑަށް ނުލިބުނީ، ޖަނާޒާގެ ކަންތަކުގައި އަޅުގަނޑުވެސް އުޅެން ޖެހުމުންނެވެ. ޖަނާޒާގެ ފަހުން އެވާހަކަ ޝޭޚަށް ދެންނެވީމާ މަރުޙޫމާ ޚަދީޖާއަށް ހެޔޮދުޢާ ކުރެއްވިއެވެ. އަދި ޚަދީޖާގެ ދައްތަ މަރްޔަމު ޙަސަން ވެސް ފެންނާނޭ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ޝޭޚު ވިދާޅުވިއެވެ. އެކަންވީވެސް އެހެންނެވެ. އެދުވަހު މެންދުރުހާއިރު މަރިޔަމް ފެނުނެވެ. ފެނުނީ ރަށުގެ އިރުމަތީ ފަރާތުން ރަށުމަތީ ނެރުގެ ބޭރުން ކަނޑުތެރެއިންނެވެ. އޭރު މަރްޔަމްވެސް ވަނީ ނިޔާވެފައެވެ. މަތިވެރި ﷲ މަރިޔަމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

މަރްޔަމްގެ ޖަނާޒާ ނިންމީވެސް ޚަދީޖާގެ ޖަނާޒާއެކޭ އެއްގޮތަށް، ވަރަށް އަވަހަށެވެ. އެކުދިން ނިޔައުވެފައި ވަނިކޮށް ހޯދި މީހުންނާއި ޖަނާޒާގެ ޖަމާޢަތްތެރިންނާއި ވެރިންގެ ދެތިން ބޭފުޅަކާއި އަޅުގަނޑު ފިޔަވައި، ތިނަދޫގެ އެއްވެސް މީހަކު އެކުދީން ނިޔައުވެފައި ވަނިކޮށް ނުދެކޭނެއެވެ. އެއީ، ކުދިންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ސްކޫލްގެ އެކުވެރިންނަށްވެސް ޙާލަތާއި ވަގުތުގެ މުހިއްމުކަން ވިސްނުވައި ދިނުމާއި އެކީގައެވެ. އެކުދިންނަށް މިހާރު އެންމެ ބޭނުންބޮޑީ، އަދި އެދެވިގެންވާ ގޮތަކީ އެންމެފަހުގެ އިޙްތިރާމަކަށް ކޮންމެހެން މޫނު ދެކިލުން ނޫން ކަމަށާއި، ބޭނުމީ ހެޔޮ ދުޢާކުރުން ކަމަށް ނަޞޭޙަތްތެރި ވެވުނެވެ.

ދުނިޔެ ދޫކޮށްފައިވާ ޚަދީޖާއާއި މަރްޔަމް ފެނުމުން ކުރި ކަންކަމާއި ޖަނާޒާގެ އެންމެހައި ކަމެއް ގެންދިޔައީ، ގދ. އަތޮޅުވެރިޔާ އފ. މުޙައްމަދު ޝަރީފާއި، ތިނަދޫ ބޮޑުކަތީބު ޙަސަން ޙިލްމީގެ އިރުޝާދާއި ނިންމެވުމުގެ މަތިންނެވެ.  

މަރްޔަމްގެ ޖަނާޒާ ނިމުނުފަހުން ދެން އެންމެ އަވަހަށް ޝޭޚު ޞިދުޤީގެ އަރިހަށް އަޅުގަނޑަށް ދެވުނުއިރު ޝޭޚަށް އެޚަބަރު ލިބިވަޑައިގެންފައި ވެއެވެ. ވިދާޅުވިއެވެ.

"ފެނުތެރަށް ޣަރަޤުވެ ފުރާނަ ގެންދަވާ މީހުންނަކީ، ޝަހީދުންގެ ތެރެއިން ބަޔެކެވެ. އެ ކުދީންނަށް އެދަރަޖަ ދެއްވާށިއެވެ. ނިޔާވި ދެބެއިންގެ ޛިކުރާ އާކޮށް ހެޔޮދުޢާ ކުރުމަށް ތައުބީންގެ ޖަލްސާއެއް، ސްކޫލްގައި ބާއްވާށެވެ. އެޖަލްސާގައި ކިޔަވާނީ ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ 169 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 173 ވަނަ އާޔަތުގެ ނިޔަލަށެވެ. އަދި އެކުދިންނަށް ހެޔޮދުޢާ ކުރުމަށް ކުރާނޭ ދުޢާއެއް ދޭނަމެވެ."

ދެން ޢަރަބި ބަހުންނާއި ދިވެހި ބަހުން ޝޭޚު ދުޢާ ވިދާޅުވެ ދެއްވީމާ، އަޅުގަނޑު ލިޔުނީއެވެ. މިމަޟްމޫނުގެ ބޭނުމަށްޓަކައި، އެދުޢާ ލިޔެފައިވާ ކަރުދާސް ފެނޭތޯ ބެލުމުންވެސް ފެންނަގޮތެއް ނުވިއެވެ.

ޝޭޚު ޔޫސުފް ޞިދުޤީ ދެއްވި އިރުޝާދުގެ މަތިން ލަސްނުކޮށް ޚަދީޖާއާ މަރްޔަމްގެ ތައުބީންގެ ޖަލްސާ ހުވަދޫ ސްކޫލްގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދަނިކޮށް، 10 ޖޫން 1981 (07 ޝަޢުބާން 1401) ދުވަހުގެރޭ ޝޭޚު ޔޫސުފު ޞިދުޤީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. ނަޞީބު ދިމާކުރި ގޮތުން އެވަގުތާއި އަޅުގަނޑާއި ދިމާވިއެވެ. ކުއްލިއަކަށް ޝޭޚުގެ ޙާލު ބޮޑުވީކަމުގެ ޚަބަރު ލިބިގެން އެގެއަށް އަޅުގަނޑު ދިޔުމުންނެވެ. އަޅުގަނޑާވެސް ބައެއް ވާހަކަ ދެއްކެވިއެވެ. ދެން އޭގެފަހުން ގިނައިރެއް ނުވެ ޝަހާދަތް ވިދާޅުވަމުން ގެންދަވަނިކޮށް އަވަހާރަވީއެވެ. އޭރު ޝޭޚުގެ ބޭފުޅުންނާއި ގާތްތިމާގެ ގިނަ ބަޔަކުވެސް އެތާނގައި ތިއްބެވިއެވެ. މަތިވެރި ﷲ ޝޭޚުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

ދުނިޔޭގައި ހިނގާ ކަންކަމުގެ ނިސްބަތުން މަދު މިންވަރެއްގެ ކަމެއް ނޫނީ އިންސާނުންގެ އެނގުމާއި ބުއްދިއަށް ހޯދައި ނުގަނެވެއެވެ. މީސްތަކުން ހީނުކުރާ ކަންކަން ހީނުކުރާ ގޮތްގޮތަށް ދުނިޔޭގައި ކުރިމަތިވެއެވެ. އެހެންވުމުން މީސްތަކުންގެ ފެންނަ ފަށުގައި ހިނގާ ކަންކަމަށް ބުއްދިއާއި ފިކުރު ހިންގައި ޢިބްރަތެއް ލިބޭތޯ އުޅުމަކީ ހަމަ ކޮންމެ މީހަކަށްމެ އޮތް ކަމެކެވެ.

އޭގެ ދެ ދުވަހެއްގެ ފަހުން 13 ޖޫން 1981މ. ހޮނިހިރު ދުވަހުގެ ރޭ، ހުވަދޫ ސްކޫލްގެ ނިޔައުވި ދެ ދަރިވަރުންގެ އިތުރަށް އެސްކޫލްގެ އަވަހާރަވި މުދައްރިސް ޝޭޚް ޔޫސުފު ޞިދުޤީގެ ޛިކުރާ އާކޮށް ހެޔޮދުޢާ ކުރުމުގެ ތައުބީންގެ ޖަލްސާއެއް އެސްކޫލްގައި ބޭއްވިއެވެ. 

ޖަލްސާފެށުމުގެ ކުރިން ސްކޫލްގެ ހޯލާއި ގޯއްޗާއި ގޯތީގެ އިންފާރު މަތީގައި ވެސް މީހުން ފުރިފައި ވަނިކޮށް ފެނުނެވެ. އެކަން އެހެން ވާންޖެހުނީ އެދުވަސްވަރުގެ ކިޔެވުން މޮޅު ސްކޫލަކަށް ވުމާއި ގިނަ ދަރިވަރުން ތަކެއް ސްކޫލްގައި އުޅުމާއި ކައިރި ކައިރީގައި އެސްކޫލްގެ ދެ ދަރިވަރަކާއި މުދައްރިސަކު ވެސް ދުނިޔެ ދޫކުރެއްވުމާއި ގުޅިގެންނެވެ.

ތައުބީންގެ ޖަލްސާ ފެއްޓީ، އެންމެ މާތް ފެށުން ކަމަށްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ބަރަކާތުންނެވެ. މަރުޙޫމް ޝޭޚު ޞިދުޤީ އަވަހާރަވުމުގެ ކުރިން ވިދާޅުވެދެއްވި ގޮތަށް، އާލު ޢިމްރާން ސޫރަތުގެ 169ވަނަ އާޔަތުން 173 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވީ، ހުވަދޫ ސްކޫލްގެ ދަރިވަރު ޒަޢީމާ މުޙައްމަދު، ދިއްލަގީ/ ތިނަދޫ އެވެ.

***** 

أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ

 بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ  

وَلَاتَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِىسَبِيلِ ٱللَّهِ أَمۡوَٲتَۢا‌ۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ (١٦٩) فَرِحِينَ بِمَآ ءَاتَٮٰهُمُ ٱللَّهُ مِنفَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡيَلۡحَقُواْ بِہِممِّنۡ خَلۡفِهِمۡ أَلَّاخَوۡفٌ عَلَيۡہِمۡ وَلَاهُمۡ يَحۡزَنُونَ (١٧٠) يَسۡتَبۡشِرُونَ بِنِعۡمَةٍ۬ مِّنَٱللَّهِ وَفَضۡلٍ۬ وَأَنَّٱللَّهَ لَا يُضِيعُأَجۡرَ ٱلۡمُؤۡمِنِينَ (١٧١) ٱلَّذِينَ ٱسۡتَجَابُواْ لِلَّهِوَٱلرَّسُولِ مِنۢبَعۡدِ مَآ أَصَابَہُمُ ٱلۡقَرۡحُ‌ۚ لِلَّذِينَ أَحۡسَنُواْ مِنۡہُمۡوَٱتَّقَوۡاْ أَجۡرٌعَظِيمٌ (١٧٢)ٱلَّذِينَ قَالَلَهُمُ ٱلنَّاسُ إِنَّٱلنَّاسَ قَدۡجَمَعُواْ لَكُمۡفَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَـٰنً۬ا وَقَالُواْ حَسۡبُنَا ٱللَّهُوَنِعۡمَ ٱلۡوَڪِيلُ (١٧٣)فَٱنقَلَبُواْ بِنِعۡمَةٍ۬ مِّنَ ٱللَّهِوَفَضۡلٍ۬ لَّمۡيَمۡسَسۡہُمۡ سُوٓءٌ۬وَٱتَّبَعُواْ رِضۡوَٲنَ ٱللَّهِ‌ۗ وَٱللَّهُ ذُو فَضۡلٍعَظِيمٍ (١٧٤) إِنَّمَاذَٲلِكُمُ ٱلشَّيۡطَـٰنُ يُخَوِّفُ أَوۡلِيَآءَهُ ۥ فَلَا تَخَافُوهُمۡ وَخَافُونِ إِنكُنتُم مُّؤۡمِنِينَ (١٧٥) وَلَايَحۡزُنكَ ٱلَّذِينَ يُسَـٰرِعُونَ فِىٱلۡكُفۡرِ‌ۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬ا‌ۗ يُرِيدُ ٱللَّهُأَلَّا يَجۡعَلَ لَهُمۡحَظًّ۬ا فِى ٱلۡأَخِرَةِ‌ۖ وَلَهُمۡ عَذَابٌعَظِيمٌ (١٧٦)إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَـٰنِ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬ا وَلَهُمۡ عَذَابٌأَلِيمٌ۬ (١٧٧) وَلَايَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَانُمۡلِى لَهُمۡ خَيۡرٌ۬لِّأَنفُسِہِمۡ‌ۚ إِنَّمَانُمۡلِى لَهُمۡ لِيَزۡدَادُوٓاْ إِثۡمً۬ا‌ۚ وَلَهُمۡعَذَابٌ۬ مُّهِينٌ۬ (١٧٨)مَّا كَانَ ٱللَّهُلِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآأَنتُمۡ عَلَيۡهِ حَتَّىٰيَمِيزَ ٱلۡخَبِيثَ مِنَٱلطَّيِّبِ‌ۗ وَمَاكَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَـٰكِنَّ ٱللَّهَيَجۡتَبِى مِنرُّسُلِهِۦ مَنيَشَآءُ‌ۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦ‌ۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡأَجۡرٌ عَظِيمٌ۬ (١٧٩)

ﺻﺪﻕ ﺍﻟﻠﻪ ﺍﻟﻌﻈﻴﻢ

***** 

ތިރީގައި އެވަނީ، ތިނަދޫ ހުވަދޫ ސްކޫލްގައި ޒަޢީމާ ކިޔެވި ކީރިތި ޤުރްއާންގެ އާޔަތްތައް، ޒަޢީމާ ކިޔަވާފައިވާ ފަހުގެ ރެކޯޑިންގއެކެވެ. ހުވަދޫ ސްކޫލްގައި އެޖަލްސާ ބޭއްވިތާ 42 އަހަރުގެ ފަހުން  ޒަޢީމާ މިކަން ކޮށްދެއްވީ، 3 ޖޫން 2023މ. ގައި މިމަޟްމޫނުގެ ބޭނުމަށްޓަކައި އަޅުގަނޑު އެދިގެންނެވެ.

ޝަހީދުންނަށް، ސުވަރުގޭގައި ހުރި މަތިވެރި ދަރަޖަ ބަޔާންކޮށް ދެއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި ކީރިތި ޤުރުއާންގެ މިއާޔަތްތައް ހުވަދޫ ސްކޫލްގެ ދަރިވަރު ޒަޢީމާ، އެ ރޭ ކިޔަވަމުން ދިޔައިރު އޭނާގެ އަޑަށް އަސަރުތަކެއްގެ އިޙްސާސް ކުރަމުން ދިޔުމާއެކު ހިނގާފައިވާ ހިތާމަވެރި ޙާދިސާ އެނގޭ،  އޭގެ އަސަރުކޮށްފައި ތިބި އެހެން ދަރިވަރުންނަށް ވެސް އިތުރު ފުން އަސަރަކާއި ކުރިމަތި ވިއެވެ.

ކީރިތި ޤުރުއާން ކިޔަވާ ނިމުމުން ޖަލްސާގެ ތަޢާރަފާއި، އަދި ދުނިޔެ ދޫކުރެއްވި އެ ސްކޫލުގެ މުދައްރިސާއި ދެ ދަރިވަރުންގެ އެޙާދިސާއާއި ގުޅޭގޮތުން ވާހަކަދެއްކީ، އަޅުގަނޑެވެ. ސްކޫލްގެ މުދައްރިސު ތިނަދޫ މާނެލް ޝޭޚް ޔޫސުފު ޞިދުގީގެ ޙަޔާތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަދެއްކެވީ، އފ. ޙަކީމު ޙުސައިން ޢަފީފު، ކޭވަކުގެ/ ތިނަދޫ އެވެ. ނިޔައުވެފައިވާ ދެ ދަރިވަރުންގެ ސްކޫލާއި ދިރިއުޅުނު ޙަޔާތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދެއްކެވީ ސްކޫލުގެ ނާޡިރު އފ. މުޙައްމަދު ޢަލީ، އަލިވާގެ/ ތިނަދޫ އެވެ. އޭގެފަހުން ވާހަކަފުޅު ދެއްކެވީ، ގދ. އަތޮޅުވެރިޔާ އފ. މުޙައްމަދު ޝަރީފު، ގ.ކެތީރޯޒް އެވެ.  

ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވާހަކަދެއްކެވީ ވަރަށްބޮޑަށް އަސަރުކޮށްފައި ތިބި ދަރިވަރުންތަކާއި ނިޔައުވި މުދައްރިސުގެ ޢާއިލާއާއި ދެ ދަރިވަރުންގެ މައިންބަފައިންނާއި ލޮބުވެތިން އެ ޖަލްސާގައި ތިބިކަން ދެނެވަޑައިގެންނެވެ. އެވިސްނުން ގެންގުޅުއްވަމުންނެވެ.

ތައުބީންގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވި ގދ. އަތޮޅުވެރިޔާ ގ.ކެތީރޯޒް އަލްފާޟިލް މުޙައްމަދު ޝަރީފު އާއި ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް ތިނަދޫ އަލިވާގެ އަލްފާޟިލް މުޙައްމަދު ޢަލީގެ ވާހަކަ ދެއްކެވުންވެސް އެތައް ފަހަރަކު މެދުކެނޑުނެވެ. އެއީ އެޖަލްސާގައި ބައިވެރިވި ސްކޫލުގެ އެހެން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚުދު އެބޭފުޅުންނަށް ވެސް ޙާދިސާގެ އަސަރުތަކެއް އިރުއިރުކޮޅާ ކުރެއްވެމުންނެވެ.

ޖަލްސާގައި ބައިވެރި ސްކޫލުގެ ދަރިވަރުން ގިސްލައެވެ. މަޑުންނާއި ބާރަށް ރޯ ދަރިވަރުންވެސް ތިއްބެވެ. ދަރިވަރުން ނޫން ހަމަ އެންމެން ތިބީ ފެންކަޅިވެފައެވެ. ގިނަ ބަޔެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޭތަން ފެނެއެވެ.

ދުނިޔެ ދޫކޮށްލި ދެ ދަރިވަރުންގެ އަޚުލާގާއި ކިޔެވުމުގެ ރަނގަޅު ކަމާއި އެކުދިން، މައިންބަފައިންނާ ގާތްތިމާގެ މީހުންނާއި މުދައްރިސުންނާއި އެކުވެރިން ދެކެވާ ލޯތްބާއި ކުރާ އިޙްތިރާމާއި ގުޅޭގޮތުން ޖަލްސާގައި ފާޅުކުރަމުން އިވެމުންދިޔަ ހުރިހާ ޝޫޢޫރެއް ގުޅިފައިވަނީ، ކުރިމަތިވި ހިތްދަތި ހިތާމަވެރި ޙާދިސާއަށް ކަމަށް ވާތީ ބައެއް ދަރިވަރުންނަށް މާ ބޮޑަށް އަސަރު ކުރީއެވެ. ގިސްލުމާއި ރުއިމުގެ އަޑު ގަދަވުމުން އިރުއިރުކޮޅާ ޖަލްސާ މެދުކަނޑާލަންވެސް ޖެހެއެވެ.

އެއްގޮތަކަށްވެސް އިތުރަށް ކުރިއަށް ނުގެންދެވޭ ހިސާބަށް ޖަލްސާ ދިޔައީ، ނިޔައުވި ދެބެއިންގެ ހަނދާނުގައި މަޝްހޫރު ޝާޢިރު އަދި ހުވަދޫ ސްކޫލްގެ މުދައްރިސް އަލްފާޟިލް ޢަބުދުﷲ ޢަފީފު، އަލިދޯދި/ ތިނަދޫ، ހައްދަވާފައިވާ ހިތާމައިގެ ޅެމެއް ތިނަދޫގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސްޓާރލިންގ މަރްޔަމް ޙިލްމީ ކިޔުއްވަން ފެއްޓެވުމުންނެވެ. ޖަލްސާގެ ފްރޮގްރާމުގައި މިކަން އެހިސާބަށް ފަސްކުރީވެސް ވެދާނެ ގޮތެއް ކުރިން ވިސްނުމަށް ގެނެވުނީތީއެވެ. މިއީ އެޅެމެއްގެ އަޑު އެހީމާ ޚާއްޞަކޮށް އެހިތާމަވެރި ޙާދިސާ ހިނގި ދުވަސްކޮޅަށް ވީމާ، ނިޔައުވި ދެ ދަރިވަރުންގެ ޢާއިލާއާއި އެކުވެރިންނަށް ކެތްކުރަން އިންތިހާއަށް ދަތި އަސަރުތަކެއް ކުރި ޅެމެކެވެ.

ގާނޫނެ މާތް އިލާހީ، ހިތަކަށް ނުގެންނެވޭނޭ

        އެކަލާނގެ މާތްވި ޙިކުމަތްފުޅު ދެން ނުވެސް އެނގޭނޭ 

                 *****

އާދޭހެ، ދަންނަވަންތޯ، އާރޫޙެކޭ އެލިބެނީ

         އެދެބެއިން އެކީ ފުރައިގެން، އެދަނީ ހެމުން ހެމުންނޭ

                     ގާނޫނެ މާތް އިލާހީ ..............

އެކުގާ އުޅުނު ކުދީންނާ، އެކު މާތްވި މައިން ބަފައިންނާ

              ވަކިވީމަ ވާހަނދާނުން، އެހަނދާނުގާ ރޮވޭނޭ

                     ގާނޫނެ މާތް އިލާހީ ..............

މަރްޔަމް ޙަސަން ޚަދީޖާ، ފުރިގެންވި ރަޙުމަތެއްގާ

      ދެމެހެއްޓެވުން ސުވަރުގެއިން، އެދެމުން ދުޢާ ދުޢާ ކުރާނީ

                     ގާނޫނެ މާތް އިލާހީ ..............

               ***** 

މިޅެމަކީ އަމާ ބުނީތީ ފަރަށްދާ އުޞޫލުން، ކޮންމެހެން ޅެމެއް ހަދަން ބުނީތީވެ ހެއްދެވި ޅެމެއްނޫން ކަމަށް ޢަފީފު ވިދާޅުވެއެވެ. ޅެމަކީ ހުވަދޫ ސްކޫލާއި އަދި އޭނާގެ ޓިއުޝަން ކްލާހުންވެސް އޭނާ އުނގަންނައި ދެއްވަމުން ގެންދެވި ދެ ދަރިވަރެއްގެ ހިތާމަވެރި ޛިކުރާއަށް ވުމުން އެޅެން ހެއްދެވީ އޭގެ ތެރެއަށް ފަސޭހައިން ވަންނަވައި އެދުވަސްވަރު އަޑުއަހާ ބަޔެއްގެ ފުން އިޙުސާސާއި ޖަޒުބާތާއި ފަސޭހައިން ކުޅެލެވޭހާ މޮޅަށެވެ.

ތިރީގައި އެވަނީ، ތިނަދޫ ހުވަދޫ ސްކޫލްގައި މަރްޔަމް ޙިލްމީ ކިޔާފައިވާ ޅެމުގެ ފަހުގެ ރެކޯޑިންގއެކެވެ. ހުވަދޫ ސްކޫލްގައި އެޖަލްސާ ބޭއްވިތާ 42 އަހަރުގެ ފަހުން މަރްޔަމް ޙިލްމީ މިކަން ކޮށްދެއްވީ، 1 ޖޫން 2023މ. ގައި މިމަޟްމޫނުގެ ބޭނުމަށްޓަކައި އަޅުގަނޑު އެދިގެންނެވެ. 

އެފަހަރުގެ ޙާދިސާއާއި ގުޅިގެން ޢަފީފު ހެއްދެވި ދެ ޅެމުން ޖަލްސާގައި ކިޔާފައިވަނީ އެއްޅެމެވެ. އަނެއް ޅެން، ޖަލްސާގައި ކިޔުމަކީ ކުދީންނަށް މާބޮޑަށް ހިތްދަތިކަމެއް އަތުވެދާނެ ކަމަކަށްވާތީ އެޅެން، ޖަލްސާގައި ނުކިޔައެވެ. އެއީ އަތޮޅުވެރިޔާވެސް އެގޮތަށް މަޝްވަރާ ދެއްވީމައެވެ.

މަރްޔަމް ޙިލްމީ ޖަލްސާގައި ކިޔުއްވި ޅެން ނުނިމެނީސް ދެ ކުއްޖެއް އަނބުރައިގެން އުޅުނު ހަނދާނެއް އަޅުގަނޑު ވެއެވެ. އެކަން އެނގޭނޭ އެހެން މީހުން މިހާރުވެސް ތިބުން އެކަށީގެންވެއެވެ.

އޭގެ އެތައް ދުވަހެއްގެ ފަހުންވެސް މަރްޔަމް ޙިލްމީ އެޅެން ކިޔުއްވި އަޑު އިވުނީމާ، ނިޔާވި އެ ދެކުދިންގެ ޢާއިލާއާއި އެކުދިންގެ އެކުވެރި ކުދިން ވަރަށް ހިތްދަތިވެއެވެ. ތައުބީންގެ އެޖަލްސާ ނިންމާލަން ޖެހުނީ، އެޖެންޑާގައި ކުރިއަށް ބައެއް ކަންކަން ހުއްޓައި އެއްގޮތަކަށްވެސް ކުރިޔަށް ނުގެންދެވިގެންނެވެ.

މަރްޔަމާއި ޚަދީޖާ އާއި ޝޭޚް ޞިދުޤީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިތާ، އަހަރުތަކެއްގެ ފަހުން ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢަލީ، 18 ޖަނަވަރީ 1986މ. ގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ.  މަތިވެރި ﷲ މުޙައްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

މަރުޙޫމާ ޚަދީޖާ ޙަސަނާއި މަރުޙޫމާ މަރްޔަމް ޙަސަނާއި، މިކުދިންގެ ސްކޫލް މުދައްރިސް އައްޝައިޚު އަލްމަރުޙޫމް ޔޫސުފު ޞިދުޤީ އާއި އެކުދިން ސްކޫލްގައި ކިޔެވި ދުވަސްވަރުގެ ޕްރިންސިޕަލް އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ޢަލީގެ މަހާނަތައް ވަނީ ގާތް ގާތުގައި ޖެހިގެންނެވެ. ތިނަދޫ ޤަބުރުސްތާނުގައެވެ. 

މަރްޔަމާއި ޚަދީޖާގެ މަހާނަވަނީ، އެކުދިންގެ ޕްރިންސިޕަލުގެ މަހާނައާއި މުދައްރިސުގެ މަހާނައާއި ދޭތެރޭގައެވެ. މިޕެރެގްރާފްގެ މަތީގެ ފޮޓޯގެ މަހާނަ ގަލުގައި ނަން ޕްލޭޓް ފެންނަނީ ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ޢަލީގެ މަހާނައެވެ. އެމަހާނައިގެ ވާތް ފަރާތުން ހުސްކޮށް ފެންނަން އޮތް ތާނގައި، މަރުޙޫމާ ޚަދީޖާ އާއި މަރްޔަމާއި އަދި އެކުދިންގެ މުދައްރިސްގެ މަހާނައެވެ.

ތެދެކެވެ. ދުނިޔޭގައި ހިނގާ ކަންކަމުން ނިސްބަތުން މަދު މިންވަރެއްގެ ކަމެއްނޫނީ އިންސާނުންގެ އެނގުމާއި ބުއްދިއަށް ހޯދައި ނުގަނެވެއެވެ. މީސްތަކުން ހީނުކުރާ ކަންކަން ހީނުކުރާ ގޮތްގޮތަށް ދުނިޔޭގައި ކުރިމަތިވެއެވެ. އެހެންވުމުން މީސްތަކުންގެ ފެންނަ ފަށުގައި ހިނގާ ކަންކަމަށް ބުއްދިއާ ފިކުރު ހިންގައި ޢިބްރަތެއް ލިބޭތޯ އުޅުމަކީ ހަމަ ކޮންމެ މީހަކަށްމެ އޮތް ކަމެކެވެ.

1981 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ތިނަދޫ ހުވަދޫ ސްކޫލްގައި ފާހަގަ ކުރުމުގެ ކުލަގަދަ ތައްޔާރީތައް ހިނގަމުން ދިޔައިރު "ތިމަންނާމެން ވެސް ޝަހީދުންނަށް ވާނެނަމަ، ކޮންފަދަ ރަނގަޅުތޯ" މަރުޙޫމާ މަރްޔަމް މެން ބުނިކަމަށް އެ ސްކޫލްގެ ދަރިވަރުންނާއި ރަށުގެ ބަޔެއްގެ ތެރޭ ވާހަކަ ދެކެވެއެވެ.

ހުވަދޫ ސްކޫލްގައި ތައުބީންގެ ޖަލްސާ ބޭއްވުމަށް ޝޭޚް ޞިދުޤީ ކުރިން ދެއްވި އިރުޝާދާއި އެއްގޮތަށް ބޭއްވުނު ޖަލްސާއަކީ ނިޔާވި ހުވަދޫ ސްކޫލްގެ ދެ ދަރިވަރުންގެ އިތުރަށް، ހުވަދޫ ސްކޫލްގެ މުދައްރިސް ޚުދު ޝޭޚް ޞިދުޤީ ވެސް ހިމެނޭ ތައުބީންގެ ޖަލްސާއަކަށް ވުމަކީ، މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. ދުނިޔޭގެ ކަންކަން ހިނގައި ނިމިގެންދާ ގޮތުގައި މީސްތަކުން ލިބިގަންނަށް ޖެހޭ ވަރަށްބޮޑު ފިލާވަޅެކެވެ. މިހެނީ، އެކަމަކީ އެހެން ހިނގާނެކަން އޭގެ ކުރިން ކާކަށް ކޮން ގޮތަކުން ވިސްނިފައި އޮންނާނެ ކަމެއްހެއްޔެވެ. ޢިބްރަތް ލިބުންވަނީ ވިސްނާ ބަޔަކަށެވެ. 

                  ----------------------

ޢަބުދުﷲ ޙިލްމީ

16/1/2013