ޙަބުޝްކަރައިގެ ރާޖާއާއި ދިވެހިންގެ ޖަމާޢަތް – ދެވަނަބައި


ރާޖާ – ތަކުރުފާނު ތިޔަ ބަޔާންކުރި މަގުން ޢަޞްބީ ބަލިމަޑުކަމެއްހެން ދުވަސްދުވަސްކޮޅުން ވެރިކަމަށް ދަޢުވާކުރާމީހުންގެ ފުށުން ފައުޅުވެ މީސްތަކުންނަށް ފެންނަފަށަށް ތިލަވާ ކަންކަމަކީ ކޮބާހޭ؟

މޫސާ ތަކުރުފާނު – މަސާހިބާވޭ، އެކަންކަމީ އާދަމުގެދަރިން ކުރެ ބުއްދި މަދު މީސްތަކުންގެ ބުއްދި ފުށުންޖެހިދާ ފަދަ ކަންކަމޭ. ވެރިކަމަށް ދަޢުވާކުރާމީހުނީ ނައިބުކަލޭގެ ބަހެއްނެތި އޭގެ އެކަކު އަނެކަކާއި އިދެ ވަރިކޮށް އެކަކު އަނެކެއްގެ އުކުޅުވަޅަށް އަތްލައްވައިގެން ގިލިގިލި ކޮއްޓައި އެމީހަކު ހެމުންހެމުން ގޮސް ޖުނުބުވެރި ހާލަތަކަށް ހުރަހޮޅި ހިނައިގަތުމެއް ވާޖިބުވެއްޖައުމަށް ދާންދެން ގިލިގިލިކޮއްޓުމުގައި ފިލައިނުދާ ބަޔެކޭ. އަދިކިޔެއްތޯއޭ އެދުވަސްކޮޅު ނައިބުކަލޭގެ ބަހެއްނެތި އޭގެ އެކަކު އަނެކަކާއި އިދެ ވަރިކުރުން ގިނަވެ މަތިމައްޗަށް ފަށްފަށްވެ އެފަށް ފިލުވުމެއް މޮހުމެއްނެތި އަމިއްލަ އަމިއްލައަށް ކައިވެނި ގަޟޯކޮށް އިހުތިބިމަގަށް ރުޖޫޢަވަމުންވެސް ދާނެމެޔޭ. 

މިދުވަސްކޮޅު އެކެއްގެ ކުޑަދަރި އަނެކާގެ ގެޔަށް ގެންގޮސް އެމީހާގެ އަބިކަބުލޭގެ ގާތު ބުނާނެތޭ ކަބުލޭގެ ވަތްގަޑުގައި ތިޔަހަރަ ކިރަކީ މިސޮރުގެ ރިޒުގޭ، އެކިރުން މިސޮރު ބަޑުފުރި ބޭރަށް އޮހެރިއްޖައުމަށް ދާންދެން ކަބުލޭގެ ވަތްގަޑު މިސޮރު އަގަޔާއި ފެޔަށް ނުޖައްސަހަރޭ.

ސާހިބާވޭ، ކޮންމެފަހަރަކުމެ މިކަންކަމަށް ނިމުން އަންނަހުށީ ގިނަދުވަހެއްނުވެ ބާޒާރުމަތީ އެކަކު އަނެކެއްގެ ފޮށާގަޑު ގަދަކަމުންބާލުވައި ޢައުރަކަޝްފުކޮށް އެތަން ފެންނަފަށުގައި އިސްލާމުންގެ ބަޔެއްތިބިނަމަ އެބައިމީހުންގެ ލޮލަށް ނުކުޅަދާނަވަރު ކޮށްފަޔޭ. 

ރާޖާ – ތިޔަބައިމީހުންގެ މަޙަލްދީބަކީ އިސްލާން ތަނެކޭ ބުނެވޭއިރު ތިބާހެން އާދަމުގެދަރިންގެ ބުއްދިއާއި ލާހިކުނޫން ދީނާއި ނުޚާލިޞް ކަންކަން އެތާގައި ހިގަމުންދަނީ އެކަންކަމުގެތެރޭ ފަހެ ބޮޑު އިބްލީހުގެ ދައުރެއް އޮވެގެންހޭ ނުވަތަ ނޫންހޭ؟

މޫސާތަކުރުފާނު – އެހިގާކަންކަމަކީ އިބްލީހަށްވުރެ ބާވަންނަ ޑިގުރީގައި އަރައިހުރި ކަންކަމޭ. ނިކަމެތި އަޅާއަށް އެގިފައިވާގޮތުން ނަމަ ފަތުރުވެރިއެއްގެ ވިސާގައި އިބްލީސް ހުޅުލެއަށް އައިސް މާލެދާން ފެރީގައި ދަތުރުކުރަމުން ގޮސް ހުޅުލެއާއި މާލެއާއި ދޭތެރޭ އެއޮންނަ ފުނަދޫއާއި އަރައިހަމަވިތަނުން މާލޭގެ ކަންކަން އެސޮރުގެ ލޯމައްޗަށް ކަޝްފުވެ ހާމަވުމުން މާލެދިޔުމަށް ދެކޮޅު ހަދައި ފުނަދޫގެ ފަރުމައްޗަށް އެސޮރު ބާލަދޭން ފެރީގެ ކައްޕިތާނު ގާތުން އެދުމުން ކައްޕިތާނު ކިޔައިފިޔޭ، ތިބާ ފަރުމައްޗަށް ބޭލުމުން ތިބާގެ ފުރާނައަށް ދެރަގޮތެއްވެއްޖެނަމަ އެކަމާއި ޖާމިނުވެ އިންސާނީ ހައްގުގެ ދެފަރާތާ ބެހޭ މަހުކަމާއަށް ދަމައިކޫއްތައި ގެންދާނީ އަހުރެންނޭ. އެހެނެއްނޫނޭ ތިބާ ފަރުމައްޗަށް ބޭލުމުން ތިބާއަށް ލިބިދާނެ އެއްވެސް ދެރައަކާއި އަހުރެންނާއި ބެހުމެއްނެތްކަމަށް  މިފެރީގައި މިތިބަ އެންމެން ހެކިކޮށް ރަސީދެއް ލިޔެދެނިކޮށް ބާލާހުށީމޭ. 

ދެން އިބްލީހުގެ ބޮލުގައި އަޅާފައިވާ ފޮށާގަޑުން ބައެއް ވީދައި އޭގައި ލިޔުނު އެއްޗެއް ލިޔެ އެޔެއް ކައްޕިތާނާއި ޙަވާލުކުޅައުމުން އެސޮރު ފުނަދޫގެ ފަރުމައްޗަށް ބޭލިއްޔޭ. އޭގެފަހުން އެސޮރަށް ވީގޮތެއް މިއަޅާއަށް އެގިޔެއްނެތޭ.  (ނުނިމޭ)
              ---------------------

ލިޔުއްވުން: އަލިފު ރާ (އީ މެއިލް)