އާދަނުގެ ކިޑްނީގެ ބަދަލުގައި ލަކްސް ސައިބޯނި










ހެލްތު ކޯޕަރޭޝަންތަކުން ގެނައި ޑޮކްޓަރުންގެ ތެރެއިން، ވަގު ސެޓްފިކެޓްގައި ރާއްޖެ އައިސްފައި ތިބި 80 ވަރަކަށް ޑޮކްޓަރުން ފޮނުވާލާފައިވާ ކަމަށް މިރާއްޖޭގެ ވަޒީރުއްޞިއްޙާ އައްދުކްތޫރު މަރިޔަމް ޝަކީލާ މިއަދު ވިދާޅުވިވާހަކަ "ހަވީރު" ނޫހުގައި ލިޔެފައިއޮތް ވާހަކަ މީހަކު ބުނީމާ ރޮއިހޭރެމުން ރަށުއޮފީހަށް ގޮސް ކަތީބާއި ބައްދަލުކޮށް ކަތީބުގެ ކިޑްނީ ލިބޭނޭގޮތެއް ހަދައިދިނުމަށް އާދަނު އެދުނީމާ ރަށުއޮފީހުގެ ކޮށިގަނޑުގައި އެވަގުތުއިން ޅަވަރެއްގެ ލާނެތް ސޮރަކު ބުންޏެވެ.

"ބަލަ! އާދަނާއެވެ. މިހާރަކު ކަތީބުންނެއް ނުތިބެއެވެ. ކަތީބުން އުޅުނީ މިޞްރުގައި ފިރުޢައުނުން އުޅުނު ޒަމާނަށްވުރެވެސް ކުރީގައެވެ. އެއީ މާކުރީގެ ބަޔެކެވެ. މިރާއްޖެއަށް ލައްވައިލި "ޑިމޮކްރަސީއޭ" ކިޔުނު ބޮޑުޠޫފާނުގެ ބޮޑު ރާޅާއި ބާރުވަޔާއި ގަދަވިއްސާރަ ތެރޭ ތިޔަ ބުނާ ޒާތުގެ އެންމެ ކަތީބަކުވެސް މިރާއްޖޭގެ ހިކިފަސްތަނެއްގައި ނެތި ވާނެއެއްޗެއްވެ، އެބައިމީހުން މުޅިންއަވަދިވެ ނިމިއްޖެއެވެ. އެހެންވެގެން އެމީހުންގެ ބަދަލުގައި މިއޮފީސްތަކަށް ގެނެސްފައި މިހާރުތިބެނީ ބޭރު ކަރައަކުން ގެނައި މުޅިން އެހެން ބަޔެކެވެ. އެމީހުންނަކަށް އާދަނުމެން ދިވެހިބަހުން ދައްކާ ވާހަކައެއް ކުޑަކޮށްވެސް ނޭނގޭނެއެވެ. ރޭކާވެސް ނުލާނެއެވެ."


އެސޮރު މިހެން ބުނުމުން އާދަނު ބުނެފިއެވެ. "ދިވެހިބަހުން އަހަރެންދައްކާ ވާހަކަ ނޭނގޭނީ އެމީހުންނަށްތާއެވެ. އެކަމަކު އަހަރެން މިދައްކާ ވާހަކައާއި މިކިޔާއެއްޗެއް ކަލެއަށް އެނގޭނެނޫންހެއްޔެވެ. އެމީހުންގާތު ބުނާށެވެ. އަހަރެންގެ ކިޑްނީއެއްނެތެވެ.  އެތާނގައި މިހާރުވަނީ ލަކްސް ސައިބޯންޏެވެ. އެކަން އެނގެނީ މިހާރަކަށްއައިސް އަހަރެން ކުޑަކަމުދާއިރު އަބަދާ އަބަދު ސައިބޯނިން އެއަރާ ކަހަލަ ފޮނުއަރާފައި ހުންނާތީއެވެ. މަގޭ އަންހެނުން ސަންޕާފުޅު ބުނީ އެހެންވާންފެށީ މަގޭ ފައިގެ ފަލަމަސްގަނޑުގައި މުލިއްސެއްޖަހައިގެން މިރަށު ސެންޓަރަށް ދިޔަދުވަހު ޑަކްޓަރެކޭ ކިޔައިގެން އެތަނަށް ގެނެސްފައިހުރި ކަލޭގެ ބޮޑު ކަތިވަޅިއަކުން އެތަން ފަޅައިލިފަހުންކަމަށެވެ. ސަންޕާފުޅު ބުނީ އެދުވަހު އެކަލޭގެ އެތަނަށް އަތްބާނައިގެން އުޅުނުކަމަށާއި އެއުޅުމުގެތެރޭ މަގޭކިޑްނީ ވަގަށް ދަމައިގަތީކަމަށެވެ. އެހެންޏާ އެއެތި އެސޮރުމެންގެ ރަށަށް ވިއްކާލީމާ ނުހަނުބޮޑު ނަފާ ލިބޭނެވިއްޔާއެވެ. މިހުރީކީ އާދަމުގެދަރިން އެކަކު އަނެކާއަށް ކޮށްގެންވާނެ ކަންތައްހެއްޔެވެ."

އާދަނުގެ މިވާހަކަ އަޑުއަހާފައި ރަށުއޮފީހުގެ ކޮށިގަނޑުގައި އިން ސޮރު ހެމުންހެމުން ބުންޏެވެ. "އާދަނާއެވެ. މީހެއްގެ ފައިގެ ފަލަމަސްގަނޑު ތެރެއަށް އަތްބާނައިގެން އެމީހެއްގެ ކިޑްނީ ނެގޭނެހެއްޔެވެ. ނުނެގޭނެއެވެ."

އާދަނު ބުޏްނެވެ. "މީހެއްގެ ފައިގެ ފަލަމަސްގަނޑު ތެރެއަށް އަތްބާނައިގެން އެމީހެއްގެ ކިޑްނީ ނުނެގޭނީ އިންސާނުންގެ ހަށިގަނޑަށް ފަރުވާކުރާ ޑަކްޓަރުންނަށްތާއެވެ. އެކަމަކު ބޮޑެތި ވަގުންނަށް އެކަންކުރެވޭނެ ނޫންހެއްޔެވެ. މިރާއްޖޭގެ ވަޒީރުއްޞިއްޙާ އެވިދާޅުވަނީ "ޑޮކްޓަރުންކަމަށް ހެދިގެން ވަގު ސެޓްފިކެޓްގައި ރާއްޖެ އައިސްފައި ތިބި 80 ވަރަކަށް ރަތްލާޖެހި ބޮޑުވަގުން ރާއްޖެއިން އަތުލައިގެން އެމީހުން ފޮނުވާލިވާހަކަ ނޫންހެއްޔެވެ. އޭގެތެރޭ ޑަކްޓަރެކޭ ކިޔައިގެން މިރަށު ސެންޓަރުގައި ހުރި ވަގުކަލޭގެވެސް އެބަވެއެވެ. އޭނާ އެދިޔައީ މަގޭ ކިޑްނީ ހިފައިގެންނެވެ. އެޔެއް ދެނެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ކިޑްނީ ދޭންޖެހޭނީ މިރަށުގެ ކަތީބެވެ. ކަތީބު ނެތިއްޔާ އޭނާ ކުރަންޖެހޭކަމެއް ކުރަންހުރި މީހެކެވެ. އެހެންމީހެއް ނޫނެވެ. އެހެންނޫނީ ފަނޑިޔާރުގެއާއި ހަމައިންނޫނީ މިކަމެއް ނުނިންމާނަމެވެ.
              -------------------------------

23 ޖުލައި 2014މ.