ބާޣީއެއް- މިނިޓެއްގެ ތެރޭ ޣާޒީ އަކަށް
އިންސާނަކަށް ދިމާވާ ޚުޠޫރަތްތެރި ދަނޑިވަޅަކީ، ދުނިޔޭގައި އޭނާއާއި ކުރިމަތިވާ އާދަޔާއިޚިލާފު އިމްތިޙާނެކެވެ. އެއީ، މަތިވެރި ﷲ އޭނާއަށް ދެއްވާފައިވާ އަގުހުރި ބުއްދީގެބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ރަނގަޅު ނަތީޖާއެއް ކޮންމެހެން ހޯދުން ލާޒިމު އިމްތިޙާނެކެވެ. އެކަން ނުވިނަމަ، ޙަޔާތުގެ މުހިއްމު އެ ބައިން އޭނާ މުޅީން ފޭލްވީ އެވެ. އަޝްރަފުލް މަޚުލޫޤާތު ގައި ހިމެނޭ އިންސާނާ، އޭނާގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކޮންމެހެންޖެހޭ ވަޤުތުތަކުގައި އެކަން ކުރުމަކީ، ދުންޔަވީ އަދި އުޚްރަވީގޮތުން ވެސް އޭނާއަށް ލާޒިމު ކަމެކެވެ. އެ ކަން އިޚްތިޔާރުކޮށް ލިބިގެންފި މީހަކީ، އެ ޙާލަތެއްގެ އެންމެހާ ސަލާމަތާއި ރައްކާތެރިކަމާއި މަންފާ، އޭނާ ދޫކޮށްފައި ނުދާނެ މީހެއްކަން ތާއަބަދު ދުނިޔެ ދައްކަމުން އެ ދަނީ އެވެ. މި ލިޔުމުގެ ފޮޓޯގައި އެ ވަނީ، އެފަދަ ބޭފުޅެކެވެ. ހުވަދުއަތޮޅު ތިނަދޫ ޑައިމަންޑްވިލާ، އަލްފާޟިލް ޢަލީ ރަޝީދެވެ. ކަންހިނގި ގޮތް އޭނާގެ އަރިހުން އައްސަވަން ބޭނުންފުޅުވާ ފަރާތްޕުޅުތަކަށް، އެ ފުރުޞަތު އަދި އެބަ އޮތްކަމަށް ޤަބޫލު ކުރެވެއެވެ.

އިނގިރޭސީން އައްޑުއަތޮޅުގައި ތިބެގެން ދިވެހިދައުލަތާއި ދެކޮޅަށް ހިންގި ކަންތައްގަނޑުގައި ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް ހަމަނުޖެހުން އުފެދިގެން ދިޔުމުން، އެކަން ހަމަޖެއްސެވުމަށް އެ ދުވަސްވަރުގެ ދިވެހިދައުލަތުގެ ވެރިޔާ "ސިލްވަރކްރެސްޓް" ގައި ހަވަރުތިނަދޫއަށް ވަޑައިގަތްއިރު، ހަވަރުތިނަދޫ އަތިރިމަތީގައި ޖަހާފައިހުރި އުސް ދިދަ ދަނޑީގައި ވިހުރެމުން ދިޔައީ، ދިވެހިދައުލަތުގެ ދިދައެއްނޫނެވެވިހުރެމުން ދިޔައީ، އެ ދުވަސްވަރު އިނގިރޭސީންގެ ބާރުގައި، އެ މީހުން އަޑީގައި ތިބެގެން އައްޑޫގައި ގާއިމްކޮށްފައިވާ ސުވައިދީބު ސަރުކާރުގެ ދިދަ އެވެ.

ދިވެހިދައުލަތުގެ އެ ދުވަސްވަރުގެ ވެރިޔާ ހަވަރުތިނަދޫ ފަޅުތެރޭ ދޯންޏެއްގައި ހުންނަވައިގެން ވިދާޅުވަމުން ގެންދެވީ، "ރަށުގެ އެންމެން ދެކޮޅުވެރިކަން ދޫކޮށްލައި، ބޭނުންވާކަމެއް ހުށަހެޅުމަށް ދައުލަތުގެ ވެރިޔާއާއި ބައްދަލުކޮށްލުމަށް އެ މީހުން އައުމަށެވެ. އޭރުން ދެރަގޮތެއް ވާނެ އެއްވެސްމީހަކު، ހަވަރުތިނަދޫގައި ނުހުންނާނެ ކަމަށެވެ. ކޮންމެގޮތެއްވީ ނަމަވެސް ދިވެހިޤާނޫނާއި ދިވެހި ދިދައިގެ ދަށުގައި އޮންނާން ޖެހޭ ބިމެއް، އެނޫން ގޮތެއް ވުމަށް ދޫކޮށްލެވޭނޭ ގޮތެއް ނޯންނާނެ ކަމަށެވެ. ހަވަރުތިނަދޫގެ އަތިރިމަތީގައި އެ ހުރި ދިދަ ދަނޑީގައި ވިހުރުވެންވާނީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެވެ. އެނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ. ވީމާ، ރައްޔިތުން އެ ކަންކުރާށެވެ."

ދިވެހިދައުލަތުގެ އަމުރު ތަންފީޛު ކުރާނޭ އެއްވެސްމީހަކު ހަވަރުތިނަދޫގައި ނުވެ، އެ ބިރުވެރި ޙާލަތަށް ޙައްލެއް ނައިސް، އެއް ދުވަހެއްގެ އެއް ބަޔާއި ޖެހިގެން އައި ދުވަހުގެ އެއްބައި ވޭތިވެދިޔަ ފަހުން، ހަވަރުތިނަދޫގެ އަތިރިމަތީގައި ހުރި ދިދަ ދަނޑިޔަށް އަރައި ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހިސަރުކާރުގެ ދިދަނެގީ، ފޮޓޯގައި އެވާ އަލްފާޟިލް ޢަލީ ރަޝީދެވެ. 

އެ ދުވަހު އޭނާއަށް އެ ކަން ކުރެއްވުނު ކަމީ، އޭނާގެ ސަލާމަތްކަމަށް އޭނާ ވިދާޅުވެ އެވެ. ނޫންނަމަ، އޭނާއަކީ އެ ދުވަސްވަރު ވަރަށްބޮޑަށް ކުށްވެރިވާނެ ބާޣީއެއްކަމަށް، ދިވެހިދައުލަތުން ބެއްލެވުން އެކަށޭނަ ބައެއް ސަބަބުތަކެއް ހުރި ބޭފުޅެއްކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އޭރު އޭނާ ކައިވެނިކުރައްވައިގެން ހުންނެވީ، އެ ދުވަސްވަރު ހުވަދުއަތޮޅުގައި ހުންނެވި ސުވައިދީބު ސަރުކާރުގެ އެންމެމަތީ ވެރިޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާ އެވެ. ވީއިރު، އެ ދުވަސްވަރު އެފަދަ މީހަކަށް ވެދާނެ ގޮތަކަށް ވެސް ވަރަށްބޮޑަށް ވިސްނެވިކަމަށް، އޭނާ ވިދާޅުވި އެވެ. 

ހަވަރުތިނަދޫގެ އެ ފަހަރުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގައި އޭނާ އަދާކުރެއްވި ދައުރުގެގޮތުން އޭނާއަށް ވަނީ، ދިވެހިދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ޢިނާޔަތް ލިބިވަޑައިގެންފަ އެވެ. އެ ދުވަހު އެކަން އެހެންނުވި ނަމަ، އޭނާއަކީ ބާޣީއެއްކަމަށް ބެލެވުން އެކަށީގެންވާ ކަމަށް އޭނާ ދެކިވަޑައިގަތަސް، މިނިޓެއްގެ ތެރޭ އޭނާ ޣާޒީއަކަށްވީ ކަމަށް ބެލުމަކީ، އެހެން މީހުން ކުރުން އެކަށީގެންވާ ކަމެކެވެ.
              -------------------- 

ޢަބުދުﷲ ޙިލްމީ
04 ނޮވެމްބަރ 2014މ.

ނޯޓް:
މަތީގައި އެ ވަނީ، ދިވެހިތާރީޚުގައި ފާހަގަކުރެވޭ ތިނަދޫ ޑައިމަންޑްވިލާ އަލްމަރުޙޫމް ޢަލީ ރަޝީދާއި، އެ ދުވަސްވަރުގެ ދިވެހިސަރުކާރުގެ ދިދައާއި އަދި އެ ދުވަސްވަރުގެ ސުވައިދީބު ސަރުކާރުގެ  ދިދައެވެ. "ހަވަރުއޮންލައިން" ގައިވާ މި ލިޔުން ކޮޕީކޮށް "ގަލެހިރި" ސައިޓްގައި ޝާއިޢުކުރީ 21/09/2013މ. ގައެވެ.

http://havaruonline.com/656