ޙަޔާތުގެ ކޮޅުދާލި – 21


ދިވެހިސަރުކާރަށާއި، އެ ސަރުކާރުގެ އެންމެ އިސް ވެރިޔާއަށް ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާ އެކު، މަސައްކަތްކުރައްވަމުން ގެންދެވި ގދ. އަތޮޅުގެ އިސް ބޭފުޅުންކޮޅަކަށް އެ ސަރުކާރުގެތެރެއިން ކޮންމެވެސް ބަޔަކު ދިން ބޮޑެތި ދެރައާއި ނިކަމެތިކަމުގެ ތެރޭ އެ ބޭފުޅުންނާއި އެ ބޭފުޅުންގެ ޢާއިލާ އުޅުއްވަމުން ގެންދަވަނިކޮށް، 30 ސެޕްޓެމްބަރ 2008މ. ގައި  ގދ. އަތޮޅުވެރިކަމުގެ މަގާމަށް ވިލިމާލެ، އެލްމް، އާދަމް ޙަލީމް އިބްރާހީމް އިސްކުރެއްވި އިރު، 2008މ. ގެ ރިޔާސީ އިންތިޚާބު އޮތީ ނުހަނު ކައިރީގައެވެ.

ގދ. އަތޮޅުވެރިޔާ އާދަމް ޙަލީމް އިބްރާހީމް އަތޮޅަށް ވަޑައިގަތުމަށް ފަހު، އަތޮޅުގައި ހޭދަކުރައްވަން ލިބިވަޑައިގެންނެވި ކުރު މުއްދަތުގެ ތެރޭ، އޭރު ތިއްބެވި ވެރިންނާއި، މުވައްޟަފުންނާއި، ރައްޔިތުންނާއި، އަދި އޭގެ ކުރިން ވެރިންގެގޮތުގައި ތިއްބަވަނިކޮށް އެ ސަރުކާރުގެތެރެއިން ކޮންމެވެސް ބަޔަކު ދިން ބޮޑެތި ދެރައާއި ނިކަމެތިކަމުގެ ތެރޭ އުޅުއްވަމުން ގެންދެވި ބޭފުޅުންގެ ތެރެއިން އެ ވަގުތު އަތޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި ވެސް ގުޅިވަޑައިގެން ވަރަށް ރަނގަޅަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް 2008މ. ގެ ރިޔާސީ އިންތިޚާބުގެ ވޯޓަށްފަހު، ސަރުކާރު ބަދަލުވުމާއި ގުޅިގެން، 1 ފެބްރުއަރީ 2009މ. ގައި އަތޮޅުވެރިކަމުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީއެވެ.

11 ނޮވެމްބަރ 2008މ. ގައި ފެށޭ ރިޔާސީ އައު ދައުރުގައި މަގާމުގެ ހުވައިކުރައްވާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް އަތޮޅުތަކުގެ އަތޮޅުވެރިން މާލެ ވަޑައިގަންނަވަން ޖެހުމުން، ގދ. އަތޮޅުވެރިޔާ އާދަމް ޙަލީމް އިބްރާހީމް ވެސް މާލެވަޑައިގަތެވެ. އަތޮޅުއޮފީސް ބެލެހެއްޓުން ޙަވާލުކުރެއްވީ އަޅުގަނޑާއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މަގާމާއި ޙަވާލުވެވަޑައިގަތުމުގެ މުނާސަބާގައި އަތޮޅުވެރިޔާ އާއި، އަތޮޅުގެ އެންމެހައި ރައްޔިތުންނާއި އަދި އަޅުގަނޑުގެ ނަމުގައި އެ މަނިކުފާނަށް ތަހުނިޔާ ދަންނަވައި މަރުޙަބާ ދެންނެވީމެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވެސް ޝުކުރު އަދާކުރައްވައި، އަޅުގަނޑަށް އެޑްރެސްކުރައްވައި ސިޓީފުޅެއް ފޮނުއްވިއެވެ.

 

11 ނޮވެމްބަރ 2008މ. ގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން އަތޮޅުތަކުގެ އެންމެ އިސްވެރިކަމަށް ވެސް ބަދަލުތަކެއް އައުން އެކަށީގެންވާތީ، 11 ނޮވެމްބަރ 2008މ. ގެ ފަހުން އަތޮޅުއޮފީސް ހިންގުމުގައި ހޯދަންޖެހޭ އަތޮޅުވެރިޔާގެ މަޝްވާރާގެ ބަދަލުގައި މަޝްވަރާ ހޯދަން އަންގަވައިފައި ވަނީ، (އެޓޮލްސް މިނިސްޓްރީ އުވައިލެއްވުމާއި ގުޅިގެން) މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިންނެވެ. ގދ. އަތޮޅުއޮފީހަށް ބޭނުންވާ ކަންކަމުގައި މަޝްވަރާ ހޯދާގޮތަށް ހަމަޖެހިފައި ވަނީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާގެ އަރިހުންނެވެ.

18 ޖެނުއަރީ 2009މ. ގައި އަތޮޅުއޮފީހުގެ ޒިންމާދާރު ވެރިއެއްގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަޅުގަނޑާއި ޙަވާލުކުރައްވައި އެ ކަމުގެ ލިޔުމުގައި ސިވިލްސަރވިސް ކޮމިޝަނުން އަޅުގަނޑު ލައްވައި ސޮއިކުރުއްވިއެވެ. އަދި 05 އޭޕްރީލް 2009މ. ގައި މަތިދެކުނު ޕްރޮވިންސް އޮފީހުގެ ވަގުތީ ޒިންމާދާރު އިސްވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް އަޅުގަނޑާއި ޙަވާލުކުރެއްވުމުން، 15 އޮކްޓޫބަރ 2009މ. ގައި ގދ. އަތޮޅުއޮފީހުގެ ވަޟީފާއިން އަޅުގަނޑު ވަކިކުރެއްވުމާ ހަމައަށް އެ ދެ އޮފީހުގެ އެ ޒިންމާތައް އަދާކުރަމުން ދިޔައީ އަޅުގަނޑެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވި ބޭފުޅެއްކަމަށްވާ، އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން އެންގެވުމާއި ގުޅިގެން، 23 ނޮވެމްބަރ 2008މ. ގައި ގދ. އަތޮޅުއޮފީހުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވަނިކޮށް، ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ބަޔަކު އިސްކޮށްތިބެގެން އަތޮޅުއޮފީހުގެ ހޯލްތެރެއަށް ވަދެ އަޑުގަދަކުރަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ހޯމް މިނިސްޓަރ ގާސިމް އިބްރާހީމްގެ އިސްތިޢުފާއަށް ގޮވައި، ބައިދަނޑިއަށް ތިރިކޮށްފައިވާ އަތޮޅުއޮފީހުގެ ދިދަ މައްޗަށް ނެގިއެވެ. އަދި އޭގެފަހުން އެ ބަޔަކު ތިނަދޫ އޮފީހަށް ގޮސް ބައިދަނޑިއަށް ތިރިކޮށްފައިވާ އެ އޮފީހުގެ ދިދަ ވެސް މައްޗަށް ނަގައި، ޕޮލިސް ސްޓޭޝަނަށް ގޮސް އެ ތާނގެ ދިދަ ވެސް މައްޗަށް ނެގުމަށް ފުލުހުންނަށް އަމުރުކުރިއެވެ. ނަމަވެސް ފުލުހުން އެ ކަމެއް ނުކުރައްވައެވެ. އަދި އަތޮޅުއޮފީހާއި ތިނަދޫ އޮފީހުގެ ދިދަ ވެސް ލަސްތަކެއް ނުވެ، އަޅުގަނޑުމެން ބައިދަނޑިއަށް ތިރިކުރީމެވެ. މިހެންވީ ނަމަވެސް، ތިނަދޫ ޒޯން ސްޓޭޑިއަމްގެ ދިދަ، 3 ދުވަސްވީ އިރު ވެސް ހުރީ ބައިދަނޑިއަށް ތިރިނުކޮށް މައްޗަށް ނަގާފައެވެ. އެ ތަނަކީ ދިވެހި ސަރުކާރުގެ ތަނެއްގެ އިތުރަށް، ސަރުކާރުގެ ބާރު ފޯރާ ތަނަކަށް ވެސް އެ ފަހަރު ނުވިއެވެ.

އަތޮޅު އޮފީހުގެ މުވައްޒަފުންނަށް އިތުރުގަޑި އާއި ބަންދު ދުވަސްތަކުގެ ފައިސާ ނުލިބޭ މައްސަލައާއި ގުޅިގެން އަޅުގަނޑާއި ބައްދަލުކުރި އެ އޮފީހުގެ މުވައްޟަފުންގެ ގާތުގައި އަތޮޅުއޮފީހުގެ މުވައްޟަފުންނަށް އިތުރުގަޑީގެ ފައިސާ ނުދެވި ވަނީ، މިހާރު އިތުރުގަޑީގެ ފައިސާ ނެތިގެން ކަމާއި، އެ ފައިސާ ފޮނުއްވައިދެއްވުމަށް ހޯމްއެފެއާރޒު ގައި ދަންނަވައިފައިވާނޭ ކަމަށް ބުނެފައިވަނިކޮށް އެ ކަމާއިގުޅިގެން ގދ. އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރާ35  މުވައްޟަފުންގެ ތެރެއިން 20 މީހަކު، 25 ނޮވެމްބަރ 2008މ. ދުވަހު އޮފީހަށް ނައުމުގެ ސަބަބުން އަތޮޅު އޮފީހުގެ ބައެއް ސެކްޝަންތަކުގައި އެންމެ މީހަކު ވެސް ނެތި އޮފީހުގެ މަސައްކަތަށް ވަރަށްބޮޑަށް ދަތިވިއެވެ. ޖެހިގެން އައި ދުވަހު، ތިނަދޫ އޮފީހުގެ ބައެއް މުވައްޟަފުން ވެސް އޮފީހަށް ނުދެއެވެ. މިކަން މިހެންވުމުގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އަތްތަކެއްވާ ކަމަށް ޚަބަރު ލިބުމާއި، އަދި ސަރުކާރުގެ އެންގެވުމަކަށް އިހަކަށްދުވަހު އަތޮޅުއޮފީހުގެ ދިދަ، ބައިދަނޑިއަށް ތިރިކޮށްފައިވަނިކޮށް އެ ދިދަ މައްޗަށް ނެގުމާއި، މިހުރި ކަންކަމަށް ބަލާއިރު، ދެން ފެންނަން ހުރި ބާބުތައް ވެސް ވަކި ކުޑައެއް ނުވާނެކަމަށް ވިސްނުމަށް އަޔެވެ.

19 ޑިސެމްބަރ 2008މ. ގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަސްލަމު ރަސްމީ ދަތުރުފުޅެއްގައި ގދ. އަތޮޅަށް ވަޑައިގެން އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތެއްގައި، އަތޮޅުއޮފީސް ހިންގަން ހުރި މީހެއްގެ ޙައިސިއްޔަތުން އެ މަނިކުފާނުގެ އަރިހުގައި އެ ރަށްރަށަށް އަޅުގަނޑު ދިޔައީމެވެ. އެ މަނިކުފާނުގެ އެ ދަތުރުފުޅުގައި ފިޔޯރީއަށް ވަޑައިގެން އެ މަނިކުފާނުގެ ދާއިރާގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް ބޭނުންވާނޭ މަޢުލޫމާތު ވަރަށް ރަނގަޅަށް އޮޅުންފިލުއްވައި ދެއްވިއެވެ. އަދި އެ ރަށުގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެދެއްވުމަށް ފަހު، ހަވީރު 5 ޖެހުމާއި ކައިރިވަނިކޮށް، ފުރާވަޑައިގަތުމަށް އެ މަނިކުފާނު ބަނދަރު މައްޗަށް ވަޑައިގަތުމުން ބަނދަރު ހަދާނެ ތާރީޚެއް ވިދާޅުނުވެ ފުރާވަޑައިނުގެންނެވޭނެ ކަމަށް ބަޔަކު ގޮވައި ހަޅޭއްލަވާ އަޑުގަދަކުރަން ފެށުމުން، އެ ބަޔަކު އެ އެދޭ ތާރީޚަކީ، އެ ކަމަށް އެ ވަގުތު ބަޖެޓް ހަމަޖެހިފައި ނެތުމާ އެކު، ހަމަ އެ ވަގުތުން ވަގުތަށް އެ ތާނގައި ހުންނަވައިގެން އެ މަނިކުފާނަށް ވިދާޅުދެއްވޭނެ ތާރީޚެއް ނޫންކަން ވިދާޅުވެދެއްވިއެވެ. އަދި އެކަހަލަ ކަންކަން އޮންނަގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ. ނަމަވެސް އެ ބަޔެއްގެ ހަޅޭއްލެވުމާއި ދަތުރުފުޅަށް ހުރަސް އެޅުމުގެ ކަންތައް ނިމުމަކަށް ނައިސް އިރުއޮއްސެން ކައިރިވުމާ އެކު، އެނބުރި ރަށުތެރެއަށް ވަޑައިގެން އެ ރަށުގެ ރަށްވެހިގެއަށް ވެދެވަޑައިގަތުމުން އެ ތާނގެ ފުރާޅަށް ގައު އުކައި، ރަށްވެހިގޭ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރި ވެސް ތަޅައިލިއެވެ. އޭރު ވެސް އެ މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ހުރީމެވެ. އަދި ފިޔޯރީގެ ބައެއް ވެރިން ވެސް ތިއްބެވިއެވެ.

އެ ރޭ މެންދަންވީ އިރު ވެސް ރަށްވެހިގޭގެ ބޭރުގައި ތިބި މީހުންގެ ހަޅޭއްލެވުމާއި، އެ މީހުންގެ ރުޅިވެރިކަމަށް ނިމުމެއް ނައިސްވަނިކޮށް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ފޯނުން އަޅުގަނޑާއި ގުޅުއްވައި، އޭރު ތިނަދޫން ފިޔޯރީއަށް ދުރުވެފައިވާ ފުލުހުންގެ (ތިން ހަތަރު ބޭކަލެއްގެ) ޙިމާޔަތުގައި މިނިސްޓަރ ގޮވައިގެން ފުރައިގެން ތިނަދުއަށް ދިޔުމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ފެންނަ މާޙައުލަށް ބަލާއިރު، ހަމައެކަނި އެ (ތިން ހަތަރު ބޭކަލެއްގެ) ޙިމާޔަތުގައި މިނިސްޓަރ ގޮވައިގެން ރަށްވެހިގެއިން ބޭރަށް ނުކުތުމަކީ، ރައްކާތެރިކަމެއް ނޫން ކަމަށާއި، އެ މަނިކުފާނުގެ ރައްކައުތެރިކަމަށްޓަކައި ފެންނަގޮތެއް ދެންނެވުމަކީ، (އަތޮޅުއޮފީހާއި ޙަވާލުވެހުރި މީހެއްގެ ޙައިސިއްޔަތުން) އަޅުގަނޑުގެ ވާޖިބަކަށްވާތީ، އަދި އިތުރު ފުލުހުންނާ އެކު ނޫނީ، އެ މަނިކުފާނު ބޭރަށް ނުކުމެވަޑައިގަތުން އަޅުގަނޑަށް ނުފެންނަ ވާހަކަ ދެންނެވީމެވެ. މިހެން ދެންނެވުމުން މަޑުކޮށްލުމަށް ވިދާޅުވެފައި އިރުކޮޅެއްފަހުން ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، އިތުރު ފުލުހުން އެބަ ފޮނުއްވާ ކަމާއި، އެ މީހުން ދިޔުމުން މިނިސްޓަރ ގޮވައިގެން ފުރުމަށެވެ. އެއަށްފަހު، އިތުރު ފުލުހުން ފިޔޯރީއަށް ދުރުވުމުން އެ ބޭކަލުންގެ އެހީތެރިކަމާ އެކު އެ ރަށުން ފުރުނީ، މެންދަމު 2 ގެ ވެސް ފަހުންނެވެ. އަޅުގަނޑުމެން ފުރަންދިޔަ އިރު، ރަށުގެ ފާލަން ވަނީ ހަލާކުކޮށްލާފައެވެ. އަދި ފުލުހުންގެ ލޯންޗެއްގައި ފުރައިގެން އަޅުގަނޑުމެން ފަޅުން ނިކުންނަނިކޮށް، ކޮންމެވެސް ބަޔަކު ލޯންޗަށް ވެސް ގައު އުކިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ތަންކޮޅެއް ފަހުގެ ދުވަހެއްގައި އަޅުގަނޑު ގާތު ވިދާޅުދެއްވި ގޮތުގައި ފިޔޯރީގައި އަޅުގަނޑުމެން ތިބި ރޭ މިނިސްޓަރ ގޮވައިގެން ފުރުމަށް އަޅުގަނޑު ގާތު އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެންނެވެ. އޭރު އެ މަނިކުފާނު ހުންނެވީ، ރައީސް އަރިހުގައެވެ. އެހެންވެ، އެ ކަމުގައި އަޅުގަނޑަށް ފެންނަގޮތް ރައީސަށް ދެންނެވީމާ، އެ ގޮތަށް އަޅުގަނޑަށް ފެންނަނަމަ، އެއާއި އެއްގޮތަށް އެ ކަން ގެންދިޔުމަށް ރައީސް ވިދާޅުވި ކަމަށް ވެސް ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ވިދާޅުވިއެވެ. (ނުނިމޭ)
               -----------------

ޢަބުދުﷲ ޙިލްމީ
18 މާރޗް 2014މ.