ހަވަރުތިނަދޫން މީހުންބޭލުމުގެތެރެއިން - 3

(ދެވަނަބަޔާއި ގުޅޭ)
ޒަކަރިއްޔާ މޫސާ މަޅުގަނޑުގެ އެހީގައި ހަވަރުތިނަދޫއަށް ފަތާފައި ގޮސް ފާލަމުގެ އެއްގަމަށް އަރައި، އެތާނގައި ޖަހާފައިވާ ފަސްބާޑީގެ ނިވަލުގައި ރަށާއިވީ ފަރާތުގައި ތިބި ހަވަރުތިނަދޫގެ ވެރިންނާއި ރައްޔިތުންނަށް ދިވެހިދައުލަތުގެ އެންގެވުން ރައްދުކޮށްދިނެވެ. އޭގެ ޚުލާޞާއަކީ، " ހަވަރުތިނަދޫގައި ނަގާފައިހުރި ސުވައިދީބުގެ ދިދަ ބާލައި ވެރިންގެ ތެރެއިން ބަޔަކު ގޮވައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ކިޔަމަންތެރި ކަމާއެކު ބޯޓުދޮށަށް އައިސް މާފަށް އެދުމުން ރަށުގެ ހުރިހާ ރައްޔިތުންނަށް މާފު ދެއްވާނޭކަމާއި އޭރުން ރަށުގެ އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމެވެ. ނުވަތަ ރައްޔިތުންގެތެރެއިން ބަޔަކުގޮވައިގެން ވެރިންގެތެރެއިން ބަޔަކުއަޔަސް ރަށުގެ އެންމެންނަށް މާފު ދެއްވާނޭކަމާއި އޭރުން ރަށުގެ އެއްވެސްމީހަކު ކުށްވެރިނުވާނެ ކަމެވެ. އެހެންނޫނީ ވަރަށް ދެރަގޮތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، ރަށުގެވެރިންނާއި ރައްޔިތުންގެ ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާނުކުރިނަމަ ކޮންމެގޮތަކުން ވިއަސް ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެންނާނެ ކަމަށެވެ." މިހެންބުނެފައި ޒަކަރިއްޔާ މޫސާ ގެނައި ބަޑިޖަހާފައިވާ މަޅުގަނޑުވެސް އެތާނގައި ތިބި މީހުންނަށް ދެއްކިއެވެ.


    މި ދެ ފޮޓޯއިން ފެންނަނީ ޒަކަރިއްޔާ މޫސާ ވާހަކަދައްކަންހުރި ސަރަޙައްދެވެ. 

ޒަކަރިއްޔާ މޫސާއަކީ ޢާއްމުގޮތެއްގައި އަޑުގަދަ ކެޔޮޅަކަށްވުމާއެކު ހަވަރުތިނަދޫގެ ވެރިންނާއި ރައްތިޔުންނަށް މިވާހަކަތައް ކިޔައިދިނީވެސް އޭނާގެ އެ އަޑުންނެވެ. ނަމަވެސް ޒަކަރިއްޔާ މޫސާގެ ވާހަކަ މުޅިން ނުނިމިއުޅެނިކޮށް އޭނާ އަވަހަށް ގެންގޮސް ގުދަނުގައި ބަންދުކުރުމަށް އޯޑަރ ނުކުމެ، އެއްވެތިބި މީސްތަކުން ހޯބޯލަވައި، ބޮޑުވަޒީރަށާއި އޭގެއިތުރަށް ޒަކަރިއްޔާ މޫސާއަށް ވެސް ގަދައަޑުން ހަޑިހުތު އެއްޗެހިގޮވައި، ލޮނާއި ތަތްތެޅިފައިހުރި ހާލުގައި އޭނާ ގެންގޮސް ހަވަރުތިނަދޫ ކާޑުގޭ ގުދަނުގައި ބަންދުކޮށްފިއެވެ. ދިވެހިދައުލަތުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެނެވި ޒަކަރިއްޔާ މޫސާ ދޫކޮށްލެވެންދެން އޭނާއޮތީ އެ ގުދަނުގައި ބަންދުކޮށްފައެވެ.


ފުރަތަމަ ފޮޓޯއަކީ ޒަކަރިއްޔާ މޫސާ ބަންދުކުރި ގުދަންހުންނަ ހަވަރުތިނަދޫ ކާޑުގޭ ޢިމާރާތެވެ. 
ދެވަނަ ފޮޓޯއަކީ ހަވަރުތިނަދޫ ކާޑުގޭގެ ހުޅަނގު ފަރާތުގައި އެދުވަސްވަރު ހުންނަ ކުޑަމިސްކިތެވެ. ޣާޒީރަދުން ރަސްކަމަށް ވަޑައިގަތުމަށްފަހު، ހަވަރުތިނަދޫއަށް ވަޑައިގަތްއިރު މިތާނގައި ހުރީ ޣައިރުދީނުގެ ބަޔަކު އަޅުކަންކުރާ ތަނެއްކަމަށް ބުނެވެއެވެ. އެ ރަދުން ވަޑައިގެން އެތަނުން ޣައިރުދީނުގެ އަސަރުފިލުއްވައި އިސްލާމުން ނަމާދުކުރާ މިސްކިތަކަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން އެކިދުވަސްވަރު މިސްކިތުގެ ޢިމާރާތަށް ބަދަލުއަންނަމުން ގޮސް ހަވަރުތިނަދޫން މީހުންފޭބިއިރު ހުރި މިސްކިތް ފޮޓޯގައި އެވަނީއެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ރަށުގެމަގުތައް ހަދައި ގޯތިތައް ވަކިކޮށް ހެދިއިރު މިމިސްކިތް އުވައިލެވި، އެތާނގެ އެއްބައިދިޔައީ މިހާރުގެ އަލިހަނދުވަރުގެ ގޯއްޗަށެވެ. 
ތިންވަނަ ފޮޓޯއިން ފެންނަނީ ހަވަރުތިނަދޫ ކުޑަމިސްކިތުގެ ހުޅަނގުގައި އޮންނަ ބަށިކޯޓްގެ ހުޅަނގުން ޝާރިޢުލްއަމީން (މަގު)ގެ ހުޅަނގުގައި ހުންނަ ޣާޒީރަދުން ބިނާކުރެއްވި ހުކުރުމިސްކިތް، ހަވަރުތިނަދޫން މީހުންބޭލިއިރު ހުންނަގޮތެވެ. މީހުންތައް އެތިބީ ކުޑަމިސްކިތާއި ބަށިކޯޓްގެ ހުޅަނގުން އޮންނަ ޑޭޒީ މަގުގައެވެ.

ހަވަރުތިނަދޫއަށް "ސިލްވަރކްރެސްޓް" ދިޔަ ދުވަހުގެ އިރުއޮއްސިގެން ދިޔައީވެސް ކުރިންދެންނެވި ކަންކަން ހިނގައި ލައުޑްސްޕީކަރ މެދުވެރިކޮށް ރަށުގެރައްޔިތުން ދިވެހިދައުލަތަށް ކިޔަމަންތެރިކަން އަދާކުރުމަށް ގޮވައިލުމާއި ވައިގެތެރެއަށް ބަޑިޖެހުމާއި މިކަހަލަ ގޮތަކަށެވެ. ހަވަރުތިނަދޫ ބޭރު ބަނދަރުގައި "ސިލްވަރކްރެސްޓް" އޮތްއިރު އެއީ ކޮން އުޅަނދެއްކަން ނޭނގިގެން އެއްވެސްބަޔަކު އޭގެ ކައިރިއަށް ނުދެއެވެ. އެދުވަހުގެ އިރުއޮއްސި އަނދިރިވުމުގެ ކުރިން ތިނަދޫ ކައިރިން "ސިލްވަރކްރެސްޓް" ދިޔައީ އެ ހިސާބުގަނޑުގައި އޮންނަ މާކިރިގައްލާ(ރަށެއްނެތް އެންދަމާ ހަލެއް)ގެ ކައިރީ ބަނދަރުކުރުމަށެވެ. އެރޭ "ސިލްވަރކްރެސްޓް" އޮތީ އެތާނގައެވެ.
 
މިދުވަހުގެ އިރުއޮއްސުމުން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރިއެވެ. އެއީ އެދުވަހު "ސިލްވަރކްރެސްޓު"ން އަންގާފައިވާގޮތަށް ރަށުގެ އެއްވެސްބަޔަކު މާފަށްއެދިގެން ނަމަވެސް އޭގެ ދޮށަށް ދިޔަނުދިނުމަށާއި، އޭގެ ބަޔަކު ރަށަށް އެރިޔަނުދިނުމަށްޓަކަ އެވެ. މިހެންވެ ރަށުގެ އެތަންމިތާނގައި ފާރަވެރިން ޙަރަކާތްތެރިވަމުން ގެންދިޔައެވެ. މިރޭގެ ފުރަތަމަ ދަން ދިޔުމަށްފަހު، ރަށުގެ ފާރަވެރިންނަށް ފިލަފިލައިގެން ސިއްރުން ހަވަރުތިނަދޫ ބާންސަރީގޭ ޢަބްދުލްވައްހާބާއި، މާބަނޑޭރިގޭ މުހައްމަދު ޙުސައިނާއި ދެކަލުން ހަވަރުތިނަދޫ ނާއިބު އިސްމާޢީލް ޒާހިރުގެ ބޭރުދަތުރުކުރާ އޮޑި "ފަތުޙުލް މުބާރިކް"ގެ ބޮއްކުރާ ރަށުގެ އުތުރުފަރާތުގައި އެހިލައިފައި ހުއްޓައި ބާލައިގެން "ސިލްވަރކްރެސްޓް"ދޮށަށް ދުރުވިއެވެ. ބޭނުމަކީ ދިވެހިދައުލަތުން އަންގަވައިފައިވާ ގޮތަށް ދައުލަތުގެ މާފު ލިބިގަތުމެވެ. މި ދެބޭކަލުން "ސިލްވަރކްރެސްޓް"ދޮށަށް ދުރުވުމުގެކުރިން ހަވަރުތިނަދޫ މޫސާ ފަތުޙީއާއި ބައްދަލުކޮށް އެކަމުގެ މަޝްވަރާއާއި ލަފާ ހޯއްދެވިއެވެ. އޭރު މޫސާ ފަތުޙީ ހުންނެވީ ގޭ ބަންދުގައެވެ. (ނުނިމޭ)
              ---------------- 
ޢަބުދު ޙިލްމީ