އިންސާނާ ދިރި ދުނިޔޭގައި އުޅޭއިރު އެކިއެކި ޢުމުރުގައި އުޅެންވާ ގޮތް



އަހުރެންގެ އެދުރު އައްޑޫ މީދޫ އައިސާބީގެދަރު އައްޝައިޚުލް ޙާފިޡް އިބްރާހީމް ތަކުރުފާނު ދޮންބެއްޔާ ވާހަކަ ކިޔައިދެއްވަޔޭ ތިމަންނާމެން ކުޑާވަރު އިރު، މާލޭ ފަނޑިޔާރު ގޭގައި އުޅޭއިރު އެތާގެ ބަނޑޭރިކަމުގައި ހުންނަނީ ކަޅު އިބްރާހީމް ކަލޭގެފާނެވެ ކިޔޭ މީހެކެވެ. މި ކަލޭގެފާނަކީ ވަރަށްވެސް ލޮނުހެޔޮވަރު ބުއްދިވެރި މީހަކުކަމުގައި ނޫނީ އަހުރެން ނުދެކެވެ. މި ކަލޭގެފާނު އަހުރެމެންނާ ދިމާޔަށް ބުނެޔޭ ކުދީންނޭވޭ ދުނިޔޭގައި އުޅޭނޭގޮތް ދަސްކުރާން މަގާތަށް އަންނާށޭ.


ދެން ފަނޑިޔާރު ގޭތެރޭގައި އުޅޭ މީހުން އެއްކޮށްގެން އިނދެ ބުނެޔޭ އަހާށޭ  ކޮންމެ މީހަކުވެސް މައިބަނޑުން ބޭރުވާއިރު އެމީހާގެ ރިޒުޤު ހުންނަނީ އެއްވެސް އުނދަގުލަކާ ނުލައި ލިބިފަޔޭ. މައިމީހާ އެ ރިޒުޤު އެ ކުއްޖާޔަށް ދެނީ ހިތްއުފާކަމާ އެކުގަޔޭ.
ދެ އަހަރެއް ވީމާ ދަތްތައް ފަޅައިދެޔޭ ދެންވަނީ ހަފައިގެން ކާށޭ.

ހަތް އަހަރު ވީމާ ތަންދޮރު އެނގިދެޔޭ ދެންވަނީ ތަންދޮރު ބަލައިގެން އުޅޭށޭ. މައިންބަފައިން ތިބީވިއްޔާ ދެން ކޮންމެވެސް އެއްޗެއް ދަސްކޮށްދީ ޝަހާދަތެއް ކިޔައިދީ މި ސިފަޔަކަށް އުޅޭން ފަށައިފާނެތެވެ. މި

ހަތް އަހަރާ ފަނަރަ އަހަރާ ދެމެދު ލިބުނު ތަޢުލީމެއްގެމައްޗަށް ނޫނީ އެ މީހާޔަކަށް އެއްޗެހިތަކެއް ދަސްވާކަމަކަށް ނުވާނެޔޭ. މިހެންވެގެންނޭ މައިންބަފައިންގެ ޙައްޤު އެކުންބޮޑުވީ. މިހައިތަނަށް އުޅެނީ މުޅީންވެސް މައިންބަފައިންގެ ހެވަތުގައި އެ މީހުން ދެއްކި ގޮތެއްގަޔޭ. ދެން

ފަނަރަ އަހަރާ ވިހި އަހަރާ ދެމެދު ގައި އުޅޭންޖެހޭނީ މައިންބަފައިންނަށް މަސައްކަތްކޮށްދީއެވެ. ރަނގަޅު މައިންބަފައިންނެއް ވިއްޔާ ހައްތާވެސް ކުދީންނަށް ދައްކާނީ އެ ކުދީންނަށް މަންފާހުރެފައި ތިމާމެންނަށް ފައިދާހުންނަ ކަހަލަ މަސައްކަތޭ

ވިހި އަހަރު ވީމާ މި ރާއްޖޭގައި މީހުން އުޅޭގޮތަށް ވިއްޔާ އެހެންކަމެއް ޖެހިދެޔޭ. އެއީ މާ ބޮޑުކަމެކޭ. އެއްބައި މީހުން އެ ކަމަށް ކިޔާނީ އިބިލީހުގެ ވަސްވާހޭ ކަމަށްވެސް ހީވެޔޭ. އެ ކަމަކީ މީހުންނާ ހިތާވުމޭ އެވީ ދެން މީހުންނާ ހިތާވެ ހިތާވާނޭ މީހުންހޯދައި މީހުނާ އިނދެ އުޅޭށެވެ.

ފަންސަވީސް އަހަރު ވާއިރަށް އިނދެގެން ދުނިޔޭގައިއުޅޭނޭ ރަނގަޅުމީހަކު ވާނީ ހޯދާށެވެ. އެހާތަނަށް ދާއިރަށް މާ ބޮޑުކަމެއް ޖެހިދެޔޭ އެކަމަކީ ކުދީންލިބޭން ފެށުމޭ. ދެން އެވީ ބަލަހައްޓާނޭ ގޮތެއް ހޯދައި އުޅޭށެވެ. މިހެންގޮސް ޢުމުރުން

ސާޅީސް އަހަރު ވާއިރު ހުންނާނީ އެމީހަކަށްލިބޭނޭ ދުނިޔެ އުޅުމަކާ ނަޞީބަކާ ލިބި އަވަދިވެފަޔޭ. ދެން އޭގެމައްޗަށް ކުރި އަރަމުން ފުރިހަމަވަމުން ދިޔަޔަކަސް، އެއީ ކުރީގައި މި ބުނި ދުވަސްވަރުގައި ހޯދުނު ހޯދުމެއްގެ ނަތީޖާއެވެ. ދެން އެވީ މަރުވުމަށްފަހު، އަލުންދިރިގެން އުޅޭންވާތަނެއް އަންނާތީވެ، އެ ތަނަކާއި މެދުގައި ފިކުރުކޮށްގެން އުޅޭށްފަށާށެވެ. މިހައިތަނުން ތިމާޔަށް ލިބިހުރި މޮޅުކަމެއްގެ ފައިދާ  އެހެން މީހުންނަށް ފޯރުވައި މީހުންގެތެރޭގައި ކަމުދާ މީހަކުކަމުގައި އުޅެ ގޯސްގޮތްތައް ދޫކޮށްގެން ނޫނީ މަރުވުމަށްފަހު އުޅޭންވާ ދުނިޔެއެއްގައި މޮޅެއްލިބޭނޭ ހަމަ އެއްގޮތެއްވެސް ނެތޭ. ތިމާ ހެއްދެވި ކަލާނގެ ކިބަޔަށް ކުރާންވީ އަޅުކަންތަކަކީ މި ބުނީއެވެ. ދެން

ފަސްދޮޅަސް އަހަރުވީމާ އެވީ ޝަހާދަތް ކިޔައިގެން ޤިބުލަޔަށް އޮށޯންނާށެވެ. ތިބީން އެ މީހާ ވަޅުލާނީ ފުރާނަ ދިޔަ އިރަކުންތާއެވެ. މި ބުނިގޮތާ ޚިލާފަށް އެއް ޢުމުރެއްގައި ކުރާންވީކަމެއް އަނެއް ޢުމުރެއްގައިކޮށް އެގޮތްމިގޮތަށް އުޅެގެންފި މީހަކީ، މަޖުނޫނަކުކަމުގައި ނޫނީ އަހުރެން ނުދެކެވެ. މި ބުނިގޮތުގެ މިސާލީ ވިހިފަންސަވީ އަހަރު ވެފައިހުރި މީހަކު އަމާ ވައްޓާލައިގެން  ކިރުބޯން އުޅެގެންފީވިއްޔާ އެ މީހާޔަށް މީހުން ފަހެ ކިޔާނީ ކީކޭހޭ. އެ އަމާ ރުހުމުގައި ކިރުދީފިއްޔާ ހަމަގައިމު ފަނޑިޔާރު ގެޔަށް  ގެނެސްގެން ނުތަޅަޔެއްވެސް ނުތިބޭނެތޭ. ކުދީނޭވޭ ކަންހުރިމަގަކީ މިހިރީޔޭ.
                -----------------

ލިޔުއްވައިފައިވަނީ:  ޝައިޚުލްއުސްތާޛު މަރުޙޫމު ޙުސައިން ޞަލާޙުއްދީން