ޢާއްމުކޮށް މަގުމަތީގައި މުދާ ވިއްކަން އުޅޭތީ ފެންނަނީ، މުދަލުގެ ވެރިފަރާތުން ނުވަތަ އެމީހާގެ ފަރާތުން އެކަންކުރާ މީހުންނެވެ. ނަމަވެސް ފިހާރަތަކުގައި މުދާ ވިއްކަނީ، ފިހާރަތަކުގައި ބަހައްޓައިގެންނެވެ. މުދާ ގަންނަށް ފިހާރަތަކަށް ދާ މީހުން ސުވާލުކުރަނީ، މިވެނި، އެވެނި ވައްތަރުގެ މުދާ އެބަ ހުރިތޯއާއި، އެ މުދަލުގެ އަގެވެ. ފިހާރަތަކުގައި ހުންނަ މުދަލަކީ، އަގު ޖަހާފައިހުންނަ މުދާކަމަށްވާތީ، ގިނަފަހަރަށް އަގު އަހާކަށްވެސް ނުޖެހެއެވެ. ނަމަވެސް މަގުމަތީގައި ހިނގައިގެން ވިއްކާ މުދަލަކީ، އަގުޖަހާފައިހުންނަ މުދަލެއްނޫނެވެ. އަގު އެއީ ވިއްކާމީހާގެ ހިތުގައިއޮންނަ އެއްޗެކެވެ. ޅެންވެރިޔާގެބަނޑުގައި ޅެމުގެމާނަ އޮންނަ ބީދައިންނެވެ. މަގުމަތީގައި މުދާވިއްކާ ބައެއްމީހުން އެ މުދާ އުފުލުމަށް ރެކްސާ ނުވަތަ ކުދިކުދި ގާޑިއާ ބޭނުން ކުރެއެވެ. އަދި ބައެއްމީހުން ބޮޑެތި ކޮތަޅުވެސް ބޭނުން ކުރެއެވެ. ބާޒުމަތީގައި އެގޮތަށް އެއްޗެތިވިއްކަން އުޅުނު މީހަކު، އަޅުގަނޑަށް އެންމެފުރަތަ ފެނުނީ 1970 ގެ އަހަރު ތަކުގެ މެދުތެރޭގައެވެ. އެމީހާވިއްކަނީ، ދެބައިންބައިގެ ފަހުބަޔަށް ގޮސްފައިވާ ގަމީހާއި، މުންޑާއި، ފަޓުލޫނެވެ. ރަނގަޅަށް ދޮވެ، ވަރަށްރީތިކޮށް އިސްތިރިކޮށްގެންނެވެ. (އެދުވަސްވަރު އިސްތިރިކުރަން ބޭނުންކުރަނީ އަލިފާންއަޅައިގެން ބޭނުންކުރާ އިސްތިރިއެވެ.) އެމީހާގެނަމަކީ، ދޮންބެއެވެ. ދޮންބެ ގޮވަމުންދަނީ، ގަމީސްގަންނަ ކުދިންކޮބާ، މުންޑުގަންނަ ކުދިންކޮބާ، ފަޓުލޫނުގަންނަ ކުދިންކޮބާ، މިގޮތަށެވެ.
ހަމަ
އެދުވަސްވަރު ދެން ފެނުނީ ޒަކަރިއްޔާ އެވެ. އަޅުގަނޑު އޭރުއުޅެނީ، މިދެންނެވި
ޒަކަރިއްޔާ އުޅޭ ގެއާއި ސަތޭކަ ވަރަކަށް ފޫޓު ދުރުގައިހުންނަ ގެއެއްގައެވެ. އޭނާއާއި
ވަރަށް ސަމާސާވެސް ކުރަމެވެ. ޒަކަރިއްޔާ ހުންނަނީ، ކުރު ސޯޓުބުރިއެއްލާފައި ބޫޓަށްވެސް
އަރާފައެވެ. ބޮލުގައި ފޮތިގަނޑެއްއޮޅާފައި، ބޯމަތީގައި ސަރަފޯހެއް ބަހައްޓައިގެން
އޭނާ މަސައްކަތު ނިކުންނަނީ، ކޮންމެދުވަހަކު މެންދުރުފަހު ތިނެއްޖަހާ އެހާކަންހާއިރުއެވެ. މަގުމައްޗަށް ނިކުތުމާއެކު، ދެތިންފަހަރު ތުނބުންފުމެލައި އަދިވެސް އޭނާގެރާގުގައި
އެހެން އެއްޗެއްވެސް ކިޔާފައި ދެން ގޮވާލަނީ، "ގަރުމާގަރާ ހަތަރުގޮލާ
ރަހަމީރު ޒިލޭބީ ގަންނާނެއްބާ!" މިގޮތަށެވެ. ދެން އެޖެއްސޭވައްތަރެއް ޖެއްސިފައި
ތުނބުންފުމެލައިފައި، ދެފައިންވެސް ބިންމަތީގައި ތަޅައިގެންފައި ފުންމައިގެންކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަނެއެވެ. މި ޒަކަރިއްޔާއަށް އެއްދުވަހަކު
ލަނޑެއްވެސް ލިބުނެވެ. ވީގޮތަކީ، ބާޒާރުމަތީގައި އެގޮވެލިފައްޗެއް ގޮވަމުން،
ފަޅުގައިއޮތް ދޯންޏަކަށްއަރަން އުޅުމުގެތެރޭގައި، ދޯންޏަށްއަރަން ބާއްވާފައިއޮތް ފިލާގަނޑުގެމައްޗަށް
އެރުމާއެކު، އެޖެއްސޭ ވައްތަރެއްޖެއްސި، ފިލާގަނޑު އަރިއަޅާލައިގެން މޫދަށް
ވެއްޓުނީއެވެ. އޭރުވެސް ސަރަފޯސް ހުރީ ބޯމަތީގައެވެ.
ކޮންމެއަކަސް
ސެންޓުފަދަ ބައެއްތަކެތި ވިއްކަންހިނގާ މީހުން އެޒާތުގެ ގޮވެލިފައްޗެއް ނުގޮވައެވެ.
ދާދިފަހާޖެހެންދެންވެސް މަގުމަތިން ދެން ފެންނަމީހަކީ، އަޅުގަނޑުމެންނާއެކު ވަޒީފާގައި
އުޅުނު ޢަބްދުއްރަހުމާނެވެ. އެމީހަކީ ރާއްޖެއަށް މަޝްހޫރު ބަނޑޭރިއެވެ.
ބަނޑޭރިއަކީ، ކުޑަވަރެއްގެ ގާޑިއަލެއް ފޮތްތަކުން ބަރާކޮށްގެން ފޮތްވިއްކަން އުޅޭ
މީހެކެވެ. އޭނާއަކީ އެކަމުގައި އެފަދަ ދެވަނައެއްނެތް ވަރަށްކުޅަދާނަ މީހެކެވެ.
އޭނާ ގޮވާލަނީ، "ދިންނަވާނޭމަގު، ގަހުރުލްއަޢުދާ، ސިފަތުފުޅު، ޙަސަނާތުފޮތް،
އައްޞަލާތުފޮތް، ތަޢުލީމުއްދިޔާނާ، އިރުޝާދުލްއަނާމު، ދޫނިފުޅުވާހަކަ، ބޮޑުތަކުރުފާނުވާހަކަ،
ޝަހީދުންގެސާހިބާ، ގަންނާނެއްބާ!" މިގޮތަށެވެ.
ނަމަވެސް
މިއަދު ޚާއްޞަވެފައިވަނީ ގޮވާ ރާގާއި އެހެންކަމެކެވެ. ކުރީގައި ގޮވަނީ
"ގަންނާނެއްބާ!" އެވެ. މިއަދު މަޑުމަޑުން އަހަނީ
"ވިއްކާނެއްބާ!"އެވެ. މަޑުމަޑުން ކުރާ ސުވާލެކެވެ. "ވިއްކާނެއްބާ"
މިސުވާލެވެ. އަޞްލު ސުވާލަކީ "ކާޑު ދޭންވީއެއްނޫން"؟ ތިންދުވަސްފަހުން
އެއީ މާދަމާނޫން އަނެއްދުވަހު ކާޑު ގެނެސްދޭނަމެވެ. މައްސައަލައެއް ނެތެއްނުން؟
މި ދިހަހާސް ރުފިޔާ އަތުގައިބާއްވާ! ކާޑުހަދަންވިއަސް ހެދޭނެއެއްނޫންތަ؟ ދެކާޑުދީފިނަމަ ކާޑަކަށް ވިހިހާސް، ދިހަކާޑު ހޯދައިދީފިއްޔާ ދެލައްކަ ފަންސާސްހާސް
ރުފިޔާ ދޭނަމެވެ. އަދި އެހެންގޮތެއް އެބައޮތެވެ. އަހަރެންގެއަތުގައި ކާޑުބާއްވާފައި، މާދަމާ އަންނާށެވެ. ބުނާ ގޮޅީގައި ފާހަގަލާފައި އައިސް ފާހަގަލީ ބުނި ގޮޅީގައިކަމަށް
ހުވާކުރުމުން، މިބުނިއަދަދަށް ފައިސާ ދޭނަމެވެ. މަތިމައްޗަށް ހަތްހުވާ ކޮށްފިނަމަ
ބޯނަސް ލިބޭނެއެވެ. ކަން ނިމުމުން ކާޑުގެވެރިމީހާ ދެން ބުނަނީ، އަހަރެން
ބޭނުންވަނީ، ގަވްމާއި، ރަށަށް ރަނގަޅުގޮތެއް ވުމެވެ. ނަމަވެސް އަހަންނަށް އެވެނި
މިވެނިކަމެއް ކޮށްދޭށެވެ. ގަތްމީހާ ބުނަނީ، އަހަރެން ކާޑު ގަތީއެވެ. އެކަން
އެނިމުނީއެވެ. އަވަހަށް ދާށެވެ. ކާޑަށްލިބުނު ފައިސާކޮޅު، ވީނުވީއެއް ނޭނގި ހުސްވެއްޖެއެވެ.
އެ ފައިސާއިން ކަމެއްކުރިއަސް، އެކަމެއްގެ ދާއިމީ ފަސޭހައެއްވެސް ނުލިބި ގަވްމާއި،
ރަށަށްވެސް ރަނގަޅުގޮތެއް ނުވެ އެ
ހިސާބުން އެކަން އެ ނިމުނީއެވެ.
އާދެ!
ކަމުގެބާވަތާއި ކަމުގެއަޑު މަޑުނަމަވެސް ކަންއޮތީ މިހެންނެވެ. ކަމާއި އަގުގެގޮތުން
ނުސީދާ އަދި ޙައްގުނޫން ބޮޑު ސޭލެކެވެ. އައިޑީކާޑު ވިއްކާނެއްބާ! އައިޑީކާޑު
ވިއްކާނެއްބާ! ގަރުމާގަރާ ހަތަރު ގޮލާ، ރަހަމީރު އަގުހުރި ޒިލޭބީކާޑު ވިއްކާނެއްބާ!
އެވެ. (ނިމުނީ)
--------------------------------------------------
ލިޔުއްވީ:
ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
08
އޯގަސްޓް 2013