ދެއްވަދޫ ހުކުރުމިސްކިތުގެ ވަޤުފު ފަތްކޮޅެއް




ހުވަދޫ ދެއްވަދޫ ހުކުރުމިސްކިތުގެ ވަޤުފުފަތްކޮޅެއްގެ އަޞްލާއި އެއްގޮތް ނަކަލު ފޮނުއްވައިދެއްވިކަމަށްޓަކައި ހުވަދޫ ވިލިގިލީ ޝަބްނަމީގޭ އަލްފާޟިލް އިބްރާހީމް އަނީސާއި، ވިލިގިލީ އޭޝް އަލްފާޟިލް ޢަދުނާނު ޙަލީމަށް ޝުކުރު ދަންނަވަމެވެ."

ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ތިންވަނަ އަވެރެދު ސުވަސްތީ ސިރީ މަތަމަހާސިރީ ފުރަ ސިތުރަ އައުދާނަ ސިރީ ކުލަރަންމަނި އައުދާނަ ކައްތިރިބަވަނަ މަހާރަދުންގެ މި ދިވެހިރާއްޖޭ ސަރުސަނަރާދަ ބައްދިނައާރާންދަކޮނު ފުރަވަޑުނަށަ ދިންނާންދަ ބަވަނަ ލަދަވަރުދާނަ ދުވަޅަ ކާންކޮރުކޮށު ބަސިސަ ލޯކަ މަހާރަދުން ފުރަގަޅައުއްދަކޮށް ކައްތިރިރެދަލިކަމުން މިދޭހައިން ބައަނިރުބާކޮށު. ސަވާދަ ސާސްތުރަ ސަވާލައްކަފަނިމިދީ މަލިކައްޑޫ މިދެމެދު އެކަށްއޮންނަމިކޮށު އަނެކުނަށްނެތީކޮށު ފުރަމާލޭ ރަތުރަނައި ރަސަދަރަވަތީ ޖައުހަރު އިރަނިއަރުތިބޭ ބިރިކުސަފުރަކޮއިލުވަތީ. ކައްފިކައިތިބޭހިދަށަ ކައްތިރިބަވަނަ މަހާމައްތިރި ބަރުނަ ބަވާކާއަސްކަރު ރެސްވެކެދިގެންދިވެތި މަންދޭށަކޮށު ރަންމަނިއާދީއްތަ އަންބަރައިރަ ސަރިދާލޭސްމައްތީ އުއްތަރަ އާންނަދަވޮޑިގެނިދެ ފުރަކީރިތި ރެދަލިކުރަނަ ތިންވަނަ އަވެރެދު ޖުމާދިލްއައްވަލު މަހު ފުރަތަމަދުވަހު ތިމަންރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަންރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެކިބަޔަށް ސުވަސްތީ ސިރީމަތަމަހާސިރީ ކުލަސަދުރަސަރީކިސާސްތުރަ އައުދަކީރިތި ކައްތިރިބަވަނަ މަހާރަދުންނެވެ. އައްސުލްޠާން މުޙައްމަދު މަހާރަދުންނާއި މިރަދުންގެބައި ސިރީސަވަރު ދެބަވަނަ މަހާރަދުނަވި އައްސުލްޠާނުލް ޣާޒީ ފާށަނާކިލެގެފާނާއި މިދެރަސްކަލުންދެއްވި ވިދާޅުފަތް ބައުވެއްޖެކަމަށް މިފަތްފަތުން ހުށިމަގުން މިފަތްބަލައިގެންހުށިމަގީ މަގޭވޮނަދަނަ ރާއްޖޭ ހުވަދޫމައްޗަށް ފުރަބަންޑާރަފުށުން ރަސްކަމާކެމަށް ދާހައި އަޅުނާއި އެހެނެހެންކިބަކިބައިން ކަންކަމުދާހައި އަޅުނާއި މިއެންމެ އަޅުތަކުންނަށް ވިދާޅުފަތެ.

ތިބާއަތޮޅު ފަޑިޔާރުކަލޭގެ ދަރީނާއި ދަރީންގެދަރި މިނިމިނީނާއި މިއެންމެން އަމިއްލަދަޑުފަގު ރުއްގަސް އަޅުފެމުސްވެރީންގެ މިފަދައިންހުށި ކޮންމެއެއްޗެއް ޝަރީޢަތަކާއިނުލައި މީންއެއްޗެއް ހިފައި ކޮންމެގަދަމީހަކީ މާވެ ކިޔައި މިމީހުނަށް އަނިޔާއެއްނުކުރަނީކޮށު. މި އައިސާދިޔޯގެ ބެއި ފަޑިޔަތްކަލޭގެ މީނަގެދަރީނާއި ފިރިހެން ފެމުސްވެރީންގެ ރަހުރާއި ހަށިކުރަތާއި ހުކުރުމިސްކިތަށް ކަޑުވައިފެއްޗެ. މީންއެއްޗަކާއި ކޮންމެ ބަންޑާރަވެރިޔަކު ވެންނުވަނީކޮށު.

ދެއްވަދޫ ރަސްބައި ގޮއިފާލައްބަ މި ހުކުރުމިސްކިތަށްލައްވައި ދަރުމަކުރައްވައިފިއްޗެވެ. މިރަށު އުރައިތަކާއި ފާލައްބަތަކާއި މިރަށު އެހެންބަޔަކަށް ކޮންމެމީހަކު ވެންނުވަނީކޮށު. މިފަދައިން ރައްކަލާގެ ދަރީނަށާއި ހޯޑެއްދޫ އާބަކުރުގެ ދަރީނާއި ދޮނާހުގެ ދަރީނާއި މީން އަޅަކާއި ޝަރީޢަތަކާއިނުލައި ވެންނުވަނީކޮށު. މި ދެއްވަދޫ ކަބުރުވެރިޔަކު ވިޔަސް ކޮންމެ ރާވެރިޔަކު ވިޔަސް ކޮންމެ މަސްވެރިޔަކު ވިޔަސް މީންމީހަކާއި ކޮންމެމީހަކު ވެންނުވަނީކޮށު. މިރަށުމީހަކާއި އެހެންކޮންމެމީހަކު ވެންނުވަނީކޮށު. މީންމީހެއްގެ ރުހުމާއިނުލައި މީން މީހެއްގެ ގެޔަކަށް ނާރައިކޮށު. މީން މީހެއްގެ ރުހުމާއިނުލައި މީންމީހެއްގެ ދޯނިއަކަށް ނާރަނީކޮށު. މި މިސްކިތަށް ހުށި އެއްޗަކުން އިހު ރަސްކަލުން ކަޑުއްވައިފައިހުރި ރުއްރުކާއި ހުށި ކޮންމެއެއްޗެއް އެފަދައިންމެ މިސްކިތްމައްޗަށް ހުންނައީކޮށު. މިފަޑިޔާރުކަލޭގެ ދަރީންގެއަތުއި ހުންނަހުށި. މިކަން މިމަގަށް ހުންނައީކޮށު.

މަގޭއިތުރު ހިރިޔާފާތުރާދަށުން ދެއްވި މި ވިދާޅުފަތްއޮއްވައި މިއިންކަމަކުންކަމެއް އަރައެރުންކުޅައޫތަ. މަގޭ ކީރިކަމުގެ ފުރަމާނަދަނެއު.
މިތައްމަގުން ސިރީ ކުލަސަދައިރަސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރިމުދިގެއްސެވުމަށް މިފަތް ލިއެއްވުމުގެ ހުއްދަ ވިދާޅުބަސްފުޅާއި ނުކުމެ އަލްވަޒީރުލްޙާއްޖު މުޙައްމަދު ފާށަނާ އަޅާކީހިދު ލިޔާ މުޙައްމަދު ޚަޠީބު އަޅާލީން.
                  ------------------

ޢަބުދު ޙިލްމީ
11 އޯގަސްޓް 2013