ކުނިވާ ތަރުކާރީއާއި މޭވާ އުފުލައިބޭލުން



ދިވެހިރާއްޖޭގެ ބައެއްދިމަދިމާލުން ބައެއްރަށްރަށުގައި ދެތިން އެއަރޕޯޓެއް އޮތުމަކީ މިހާރަށްބަލާއިރު ނުހަނުބޭނުންތެރި އެހާމެ ފައިދާހުރިކަމެކެވެ. ދިވެހިރާއްޖޭގެ ތަރައްގީ އިންތިހާދަރަޖައިގެ ހަލުވި ސްޕީޑެއްގައި އާދަމުގެދަރިންގެއަތުފަތުނުޖެހި ކުރިއަށްދާކަމަށް ދުވާލު ދެއިރު ދެދަޅައަށް ގަންދީހުވާކޮށް ބުނަމުންދާއިރު މިކަހަލަ ބޭނުންތެރި ޒަމާނީވަސީލަތްތައް ރަނގަޅުފެންވަރެއްގައި ކޮންމެހެންވެސް ހުންނަން އެބަޖެހޭނޫންތޯއެވެ. އެހެންނޫނީ ތަރައްގީއޭ މިކިޔާއެއްޗަކަށް ދެމިއޮވެވޭނޭ އެއްވެސްގޮތެއްނޯންނާނެއެވެ. މިސާލަކަށް މާލެއަތޮޅު ހުޅުލެ ބައްލަވައިލައްވާށެވެ. އެރަށުގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓާއި، ބާލިދީ އިންޓަރނޭޝަނަލް އެއަރޕޯޓް އެއޮތީ ދެލޯ ސަލާމަތުންހުރި އާދަމުގެދަރިންނަށް ދައްޗެއް ހުރަހެއްނެތި ފެންނާކަށްނޫންތޯއެވެ.

އެއްރަށެއްގައި ތިން އެއަރޕޯޓްއޮތުމުގެ ބޭނުންތެރިކަމަށްބަލާކަމަށްވާނަމަ އެތަނުން އެއް އެއަރޕޯޓް ޚާއްޞަކުރާނީ ހަމައެކަނި އެއިރެއްގައިއޮންނަ ސަރުކާރެއްގައި ޙިއްޞާވާ އެސަރުކާރެއްގެ ސުލޮޓާއި ފުލެޓާއި ކެރެޓާއި ލިބޭ ފަރާތްތަކަށާއި އަދި ބާގާ ކިންގާއި ތައި އެކްސްޕްރެސް އާއި ކޮފީ ކްލަބް ހިމެނޭ ގޮތަށް އެއަރޕޯޓްގެ އެރައިވަލް އަދި ޑިޕާޗާ ޓާމިނަލްގައި ފުޑް ކޯޓްހިންގާ ފަރާތްތަކަށެވެ. އަނެއް ދެ އެއަރޕޯޓުން އެއް އެއަރޕޯޓް ޚާއްޞަކުރާނީ ސިޔާސީ ޕާޓީތަކުގެ ޕޯޑިއަމްގައި އެންމެއަޑުގަދަ ޖެހިލުންކުޑަ ކަންކުރެވޭ ކަމުގެވައްޓަފާޅިހުރި މީހުންނަށެވެ. އަނެއް އެއަރޕޯޓް ޚާއްޞަކުރާނީ ކުރީގެ ދެ އެއަރޕޯޓް ބޭނުންކުރާ ގިންތީގައިނުހިމެނޭ އާދަމުގެދަރިންނަށާއި ޖަނަވާރާއި ދޫނި ސޫފާސޫތްޕާއި އަދި ކުނިވާ ތަރުކާރީއާއި މޭވާ އުފުލައިބާލާ  ތަނެއްގެގޮތުގައެވެ. އޭރުން ތިން އެއަރޕޯޓުގެ ބޭނުންކުރަންޖެހޭގޮތް ހަމަޖެހިނިމުނީއެވެ.

އެއްރަށެއްގައި ތިން އެއަރޕޯޓެއްއޮންނައިރު އެތަނުން ކުނިވާ ތަރުކާރީއާއި މޭވާ އުފުލައިބާލާނީ ކޮން އެއަރޕޯޓަކުން ކޮންގޮތަކުން ކޮންފޯމިއުލާއަކުންތޯ ނިންމުމުގައި ކަމާއިބެހޭފަރާތްތައް އެއްގަލަކަށްނޭރިނަމަވެސް ގޮތެއްނިންމުމުގައި އެކަމަށްޓަކައި ސެމިނަރތަކާއި ސައްލާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައިބާއްވާކަށް ނުޖެހޭނެއެވެ. އެކަންނިންމާނީ އެ ތިން އެއަރޕޯޓްހިމެނޭ ރަށެއްގައި އެވަގުތަށްހުރި އިސް މުދިމެވެ. ނުވަތަ އެ ރަށެއްގެ ރަނިންމޭޓެވެ.
                    ------------------------------------------