އަބޫބަކުރު ފަނޑިޔާރުތަކުރުފާނުދެއްވަދޫ ރަސްގެފާނު މިސްކިތް / ދެއްވަދޫ
ފޮޓޯ: ޢަދުނާނު ޙަލީމް

ދިވެހިތާރީޚުގެ ކަޅު އަނދިރި ޞަފުޙާތަކެއްކަމަށްވާ ޕޯޗްގީޒު އަނދިރިއަނދިރީންގެ އަނިޔާވެރި ސަތާރަ އަހަރުގެތެރޭ ޙައްޤާއި ބާޠިލް އޮޅުވައިލައި މީސްތަކުންގެ ޢަޤީދާ އިތުރަށް ބަލިކަށިކޮށްލުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަ އެންމެބޮޑު ސަބަބަކީ އޭރު ރާއްޖޭގެ ޢިލްމީޙާލަތު އޮތް ގޮތެވެ. އެފަހަރުގެ ނުލަފާ ޖައްބާރު އަދި ބިރުވެރިކަމެއްގެތެރޭ އަނދިރިވެ، ވާނުވާ ނޭނގިފައިވާ ދިވެހި އިސްލާމީޖައްވަށް އަލިކަން ގެނެސްދެއްވުމަށް މަތިވެރި ﷲ މެދުވެރިކުރެއްވި ދިވެހިންގެފަޚުރުވެރި ބަޠަލުކަމަށްވާ ޣާޒީ ރަދުންގެ ރަސްކަމަށް ފެށުނުއިރު ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑުގެ ފުންކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން ރަނގަޅަށްއެނގެއެވެ.

އަލްފަޤީހު ސުލައިމާނުލް މަދަނިއްޔި، މިކަލޭގެފާނު ދިވެހިރާއްޖޭގައި ފެތުރެއްވެވި ޢިލްމުވެރިކަމަށް ވީގޮތާމެދު ދިވެހިތާރީޚު ފޮތުގެ 14ވަނަ ޞ. ގައި ލިޔެފައިވެއެވެ. [މިކަލޭގެފާނުން އެކަލޭގެފާނުންގެ ދަރިވަރުންނާއި ދަރިވަރުންގެ ދަރިވަރުންނާއި އަދި މިމީސްމީހުންގެ ދަރިވަރުންނާއި މަރުވުމުން ދިވެހިރާއްޖެ ޢިލްމުން ހުސްވެ އޮންނަތާ ތިރީހަކަށް އަހަރަށްފަހުއޭ އެކާފަރުން ދިވެހިރާއްޖެޔަށް ވެރިވެގަތީ. ކާފަރުން ވެރިވެގަތްއިރު ޝަރުޢިއްޔަ ޢިލްމު ދެނެހުރި ހަމަ އެކަކުވެސް ނެތެވެ. މިފަދަ ބޮޑުފިތުނަ ދިވެހިރާއްޖެއަށް ޖެހުނީ ޢިލްމުން ހުސްވެއޮތް ޒަމާނެއްގައެވެ. މިހެނީ މާތްކަލާގެ ބަޔަކުމައްޗަށް ފިތުނައެއް ބަލާޔެއް ޖެއްސެވުމަށް އިރާދަކުރައްވައިފި ނަމަ އެބަޔަކުތެރޭން ޢިލްމުވެރިން ހުސްކުރައްވައިފާނެތެވެ.] އަދި އެލިޔުމުގައިވެއެވެ. [ދަންނަމީހާއީ، ސިޔާސަތުގެ ޤާނޫނުތަކާއި މީސްތަކުންގެމެދުގައި ދީނާއި ދުނިޔޭގެކަންތައް އަމުނައިގަތުމުގެ މަގު ދައްކާނޭ މީހާއެވެ.] ދެން އަދި އިތުރަށް ލިޔެފައިވަނީ [ދެންފަހެ ބޮޑުތަކުރުފާނުން ދީނާއި ދުނިޔޭގެކަންތައް ހިންގާނެ ޢިލްމުވެރިޔަކު ނެތިގެން މިކަމާއި ހިތާމަފުޅުވެ މިކަމާއި ކުރިމަތިކުރައްވާނޭ ކަމަކަށް ފިކުރުފުޅުކުރެއްވުމުގައި މަޝްޣޫލުވެގެންވަނިކޮށް ދިވެހިރާއްޖޭގެ ޝައިޚު މުޙައްމަދު ޖަމާލުއްދީން އެވެ ކިޔާ ދަންނަކަލޭގެފާނު ޙަޟްރަމައުތުގައި ހުންނަވައިފައި ދިވެހިރާއްޖެޔަށް ދުރުވެއްޖެއެވެ.]

ދިވެހިރާއްޖެ ޢިލްމުންހުސްވެ އޮންނަތާ ތިރީހަކަށް އަހަރުވީފަހުން ދެންއައި ޕޯޗްގީޒުންގެ ސަތާރަ އަހަރާއެކު ސާޅީސްހަތް އަހަރުވީމާ ދިވެހިރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އިސްލާމީ ޢިލްމީވިދުވަރުގެ އަލިކަން އޮންނާނީ ވަރަށް ފަނޑުވެފައިކަމަށް ޤަބޫލުކުރެވެއެވެ. އެހެންވެފައިވަނިކޮށް އަލްފަޤީޙުލް ޙާފިޡު ޝައިޚު މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަކަލޭގެފާނު ރާއްޖެވަޑައިގަތުމުން އެކަލޭގެފާނާއި ޣާޒީ ރަދުންނާއި ދެމެދު މަޝްވަރާތަކެއްކުރެވި އިސްލާމީޢިލްމު ފެތުރެއްވެވުމުގެ ޚާއްޞަ މަސައްކަތްޕުޅުތަކެއް އެބޭފުޅުން ފެށްޓެވިއެވެ. ދަންނަކަލޭގެފާނު، ހުވަދޫ ވާދޫއަށްވަޑައިގެން ހުންނަވައި އެކަލޭގެފާނު އަވަހާރަވުމާ ހަމައަށް ވެސް ކުރެއްވީ އެ މަސައްކަތްޕުޅެވެ. އެތައް ބަޔަކަށް އިސްލާމީ އަދި ދުންޔަވީ ޢިލްމު އުނގަންނައިދެއްވިއެވެ.

ވާދޫ ދަންނަކަލޭގެފާނު އުފެއްދެވި އިސްލާމީޢިލްމުގެ އެންމެއަލިގަދަ ތިން ދަންމަރަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި، އައްޑޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި، އަދި މުލަކު ދޫޑިގަމު އެދުރު ކަލޭގެފާނެވެ. އެ ދުވަހުއްސުރެ މިއަދާހަމައަށް ވެސް އެ އަލިގަދަ އިސްލާމީ ޢިލްމުގެ ތިން ދަންމަރުގެ ވިދުވަރު، ރާއްޖޭގެ ކަންކޮޅުތަކުން ފިލައިގެން ނުދާކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިރާއްޖެ ޢިލްމުން ހުސްވެ ޖަހާލަތުގެ އަނދިރިކަމަށް އަނބުރައި ރުޖޫޢަވެދާނެކަމުގެ ބިރެއް ނޯންނާނެ ހިސާބަށް ގެންދެވިއެވެ. މިހެނީ ދަންނަކަލޭގެފާނުގެ ދަރިވަރުންނާއި، ދަރިވަރުންގެ ދަރިވަރުންނާއި، މިމީސްމީހުންގެ ދަރިވަރުންނާއި، މިދަރިވަރުންގެކިބައިން އުނގެނުނު ދަރިވަރުންނާއި، އަދި އެނޫން ވެސް ޢިލްމީހިޔާވެހިކަމުގެ ތެރެއިން އުނގެނުނު ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުން ވެސް ހުއްޓުމެއް ނެތި މިދަނީއެވެ. 

ޝައިޚުލް އުސްތާޛު ޙުސައިން ޞަލާޙުއްދީން ލިޔުއްވި "އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމު ސިރީ ސަވާދީއްތަ މަހާރަދުން" މި ފޮތުގެ 283 ވަނަ ޞ.ގައި އެމަނިކުފާނު ލިޔުއްވަނީ [ކޮރަލިތަކުރުގެ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުން ނިޔައުވީމާ ދެން ފަޑިޔާރުކަމަށް އިސްވީ ހުވަދޫ އަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. އުތީމު ސަވާދީއްތަ މަހާރަދުންގެ ރަސްކަމުގެ ފަހުކޮޅުގައްޔާއި ކަލާފާނު ރަސްކަމުގެ އިހުކޮޅުގައި ފަޑިޔާރުކަމުގައި ހުންނެވީ މި އަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. ކަލާފާނު ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީ މި ތަކުރުފާނުންގެ އަރިހުންނެވެ.]

ޝައިޚު ޞަލާޙުއްދީންގެ ލިޔުއްވުމުގައި އެވާ ފަނޑިޔާރުކަމަށް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު އިސްކުރެއްވުމުގައި ވާދޫ ދަންނަކަލޭގެފާނުގެ ފަރާތްޕުޅުން ޣާޒީ ރަދުންނަށް އެއްވެސް އިޝާރާތެއް މަޝްވަރާއެއް ލިބިވަޑައިނުގެން އޮންނާނެކަމަށް ނުފެނެއެވެ. އަދި ކީއްތޯއެވެ. އެ އިޝާރާތަކާއި އެ މަޝްވަރާއެއް އޮންނާނީ ޣާޒީ ރަދުންނަށް ލިބިވަޑައިގެންފައިކަމަށް ބަލަންޖެހެއެވެ. ޣާޒީ ރަދުންގެ ދުވަސްވަރު، ވާދޫ ދަންނަކަލޭގެފާނުގެ ދަރިވަރުންގެތެރެއިން ފަނޑިޔާރުކަންކުރެއްވި އަބޫބަކުރު ފަޑިޔާރު ތަކުރުފާނަކީ ވިސްނުންފުޅު ތޫނު ބޭފުޅެއްކަމަށް ދަންނަކަލޭގެފާނު ވަނީ އޭނާގެ ދަރިވަރުންގެ ގާތުގައި ވެސް ވިދާޅުވެފައެވެ.

ދެއްވަދޫގަނޑުވަރު ޢާއިލާގެ އިސްކަމެއް، ނުވަތަ މަޝްހޫރުކަމެއް ކުރިއްސުރެ އޮތްނަމަ އެކަމެއް ގުޅިފައިވަނީ ދެއްވަދޫ ރަސްގެފާނާއި ނޫނެވެ. ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި ވެސް ނޫނެވެ. އަދި މުޡުހިރުއްދީން ރަދުން، ނުވަތަ ޣިޔާޘުއްދީން ރަދުން، ނުވަތަ ދިހަވަނަ ޙަސަން ރަސްގެފާނުގެ ޢާއިލާތަކަށް ދެއްވަދޫ ގަނޑުވަރު ޢާއިލާގެ ބޭފުޅުންކޮޅެއް ނިސްބަތްވުމެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެކަމެއް ގުޅިފައިވަނީ ޣާޒީ ރަދުން، ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް ދެއްވި ޚާއްޞަ އިސްކަމާއި ޢިނާޔަތާ ގުޅިގެން ސީދާ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާ އެވެ.

ދެއްވަދޫގެ މިސްކިތްތަކަށް ވަޤްފުކޮށްދެއްވި ފަޅުރަށްރަށާއި ތަންތަނާއި ކަންކަމާއި ޢިނާޔަތްތައް އެނގޭ ދެއްވަދޫގެ މުސްކުޅި ގިނަ ފަތްކޮޅުތަކަކީ އުތީމު މަހާރަދުންނާއި އެރަދުންގެ ދަރިކަލުން ކަލާފާނު ރަދުންގެ ދުވަސްވަރުން ފެށިގެން އެކިއެކި ރަސްރަސްކަލުން ދެއްވަމުން އައުކޮށްދެއްވަމުން ގެންދަވާފައިވާ ފަތްކޮޅުތަކެކެވެ. އެފަތްކޮޅުތަކުގައި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިދަރި މިރިމިނީންނަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި ޣާޒީ ރަދުންގެ ދުވަސްވަރުން ފެށިގެން ގިނަ އަހަރުތަކެއްގައި ދެއްވަދޫގެ ވެރިކަން ހަމަޖެހެމުން ދިޔައީ ވެސް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ. ދެއްވަދޫގެ މުސްކުޅި ބައެއް ފަތްކޮޅުތަކުން ވެސް މިކަން އެނގެން ހުރެއެވެ. މީގެތެރޭ އޭރު ވެސް އަދި މިހާރު ވެސް މޮޅު ޢިލްމީ ބޭފުޅުން ވެސް ތިއްބެވިކަން ފާހަގަކުރެވެއެވެ. 

ދެއްވަދޫގެ މުސްކުޅި ބައެއް ފަތްކޮޅުތަކާއި ބައެއް މަހާނަ ގައުތަކާއި މުސްކުޅި ބައެއް ލިޔުންތަކާއި އަދި ދިވެހިތާރީޚު ފޮތުން ވެސް އެނގޭހެން އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާގެ ބޭފުޅުންނަކީ ވަރަށް ކުރިއްސުރެ އެބޭފުޅެއްގެފެންވަރުން އެބޭފުޅަކަށް ދެއްވެންއޮތް ދަރަޖައެއް، ކަމެއް، ރާއްޖޭގެ އެއިރެއްގެ އެންމެމަތީ ވެރިކަމުގެފަރާތުން ވެސް ދެއްވަމުން ގެންދެވި ބޭފުޅުންނެވެ. ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ޚަޠީބަކަށް ހުންނެވި (ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞ) ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނަކީ ވެސް ހުވަދޫ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުގެ ޢާއިލާގެ މޮޅު ބޭފުޅެއްކަމަށް ބުނެވެއެވެ.

ޣާޒީ ރަދުންގެ ދުވަސްވަރު އެ ރަދުންނާއި އަދި އެރަދުންގެދަރިކަލުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު އެ ދެބަފައިކަލުން ދެއްވަދޫއަށް ދެއްވައިފައިވާ ދެ ވަޤުފު ފަތްކޮޅެއް، ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ތިންވަނައަހަރު އެރަދުން އައުކޮށްދެއްވުމުގެ ތެރޭ [މިފަތްފަތު ހުށިމަގުން މިފަތްބަލައިގެން ހުށިމަގީ] އެމަގުކަމަށް ލިޔުއްވައިފައިވަނީ [ތިބާރަށު އަންދުވަހު އާދައިން ކަތީބުކަންމައްޗަށް ހުންނަ ރަހުގެމަހާއި ރަސްގެއަޅަށް އޮމައުމަހާއި މިރަށު އަބޫބަކުރު ފަޑިޔާރުކަލޭގެ ދަރީގެދަރި މިރިމިނީންގެ މައްޗަށް ހުންނައީކޮށު. މިކަތީބުކަން މިދަރިކޮޅަށް ވެދެއްވައި ދަރުމަކުރައްވައިފީކޮށު.] މިހެންނެވެ.

ޣާޒީ ރަދުންގެ ރަސްކަން ފެށުނު 1573މ. އިން ނޫރައްދީން(1)ގެ ރަސްކަން ނިމުނު 1799މ. އާއި ހަމައަށް ހިނގި 226 އަހަރަކީ ވެސް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް ޣާޒީ ރަދުން ދެއްވި އިސްކަން ފާހަގަކުރެވެމުން ދިޔަ އަހަރުތަކެއްކަމަށް ބެލެވެއެވެ. ނޫރައްދީން(1) ރަދުންނަކީ ފުވައްމުލަކު "ކަރިއްޔަ" ގައި ހުންނެވި ފާމުލަދޭރި ކިލެގެފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ވެސް ގާތް ބޭފުޅަކަށްވީއިރު އެދުވަސްވަރަކީ ޢަލިމަނިކުފާނަށް ބައްޕަ، އަދި ކިލެގެފާނަށް މާފަ ވިދާޅުވާ ދެ ބޭފުޅަކު ވެސް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާގެ ދެ ބޭފުޅަކާއި ކައިވެނީގެގޮތުން ގޮތުން ގުޅިވަޑައިގެން އުޅުއްވި ދުވަސްވަރެކެވެ.

ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު ކައިވެނިކުރެއްވީ ދެއްވަދޫގެ ބޭފުޅަކާ އެވެ. އެކައިވެނިން ލިބިވަޑައިގަތް ބޭފުޅުންގެތެރޭ ފަޑިއަތްކަލޭގެ އާއި، ދޮން އާމިނަ ކަނބުލޯ އާއި، ދޮންމަރި ދޮން ކަނބުލޯ އާއި، އަދި އައިސާބީ (އައިސާދިޔޯ) މި 4 ބޭފުޅުން ތިއްބެވިއެވެ. ދެއްވަދޫގެ މުސްކުޅި ބައެއް ވަޤުފު ފަތްކޮޅުތަކުން ވެސް މިކަން އެނގެއެވެ. ނަމަވެސް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އައިސާދިޔޯގެ ޢާއިލާ ފިޔަވައި، އެ ފަނޑިޔާރު ތަކުރުފާނުގެ އެހެން އެއްވެސްބޭފުޅެއްގެ ޢާއިލާއަކީ މިހާރު ކޮބައިކަމެއް އެނގޭކަށްނެތެވެ. މިހެންވާންޖެހުނީ ކުރިއްސުރެ މި ބޭބޭފުޅުންގެ ޢާއިލާގެވަނަވަރެއް ލިޔެވިފައިނެތުމުންނެވެ. ނުވަތަ ލިޔެވުނުއެއްޗެއް ލިޔެވުނުނަމަ، އެ އެއްޗެއް ނަޤުލުވަމުން ފެންނަމުން ނުދިޔުމުގެސަބަބުންނެވެ.

އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އައިސާދިޔޯ އާއި ކައިވެނިފުޅުކުރެއްވި ބޭފުޅެއްކަމަށްވާ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާ ފިޔަވައި އެހެން އެއްވެސްބޭފުޅަކު، އައިސާދިޔޯއާއި ކައިވެނިފުޅުކުރެއްވިކަމެއް އެނގޭކަށްނެތެވެ. އަލްޙާއްޖު ޢަލީ ތުއްކަލާ ކައިވެނިކުރައްވައި މުޙައްމަދު (ދެއްވަދޫ ރަސްގެފާނު) ލިބިވަޑައިގަތް އަނބިކަނބަލަކީ ކުރަމަތީ އަބޫބަކުރުގެ "ދޮންކަނބުލޯ" ނުވަތަ "ދޮންމަރިޔަމް ކަނބުލޯ" ނުވަތަ "ކަކުނިދިޔޯ" ކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ތިންވަނައަހަރު ޖުމާދިލްއައްވަލް މަހު ފުރަތަމަދުވަހު އެރަދުންލިޔެދެއްވި ދެއްވަދޫގެ ވަޤުފުފަތްކޮޅެއްގައި [ތިމަންރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަންރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ ކިބައަށް............] މިގޮތަށް އެބައޮތެވެ. އަދި މިފަތްކޮޅުގައި [މި އައިސާދިޔޯގެ ބެއި ފަޑިއަތްކަލޭގެ މީނާގެދަރީނާއި .......] މިހެން ވެސް ލިޔުއްވައިފައިވެއެވެ.  ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ތިންވަނައަހަރު ޛުލްޙައްޖު މަހު ފަނަރަވަނަ ދުވަހު ދެއްވަދޫގެ ކުޑަމިސްކިތަށް އެ ރަދުން ލިޔެދެއްވި ވަޤުފުފަތްކޮޅެއްގައި [ތިމަންރަދުން ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެޔާއި، މިކަލޭގެ އުފަން ދޮންމަރި ދޮންކަނބުލޯގެއާއި، މިކަލޭގެތިބި ދޮންއާމިނާ ކަބުލޯގެޔާއި ..........] މިގޮތަށް ލިޔުއްވައިފައިވެއެވެ. އަދި ދެއްވަދޫގެ މުސްކުޅި ލިޔުމެއްގައި [ދެއްވަދޫ އަބޫބަކުރު ފަޑިޔާރުކަލޭގެ ދަރި އައިސާބިޔޯގެ ދޮންމަރި ދޮންކަނބުލޯގެ މާވާ ކިލެގެފާނުންގެ ފުތް ޚަޠީބު ނާއިބު ޢަލިމަނިކުފާނުން.........] މިގޮތަށް ވެސް ލިޔެފައިވެއެވެ. މިހެންވީއިރު ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅަކީ "ދެއްވަދޫ ކަކުނިދިޔޯ" ކަމަށް ލިޔުނު ނަމަވެސް އެއީ ދޮންކަނބުލޯ، ނުވަތަ ދޮންމަރިޔަމް ކަނބުލޯ ނޫންކަން އެނގެއެވެ. އަދި ދޮންމަރި ދޮންކަނބުލޯ ކިޔާ 2 ބޭފުޅުން ތިއްބެވީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި އޭނާގެ ދަރިކަނބަލުން އައިސާބީގެ ނުވަތަ އައިސާދިޔޯގެ ކަމަށް ވެސް އެނގެއެވެ. 

(ދިޔޯގެ މާނައަކީ "ރީތި އަންހެނާ" އެވެ. ކުރީގެދުވަސްވަރު ދިޔޯގެކުރިއަށް "ކަކުނި ނުވަތަ ކަކުނީ" ކިޔާފައިވަނީ އެ އަންހެނެއްގެ ބުރުޞޫރައިގެ ރިވެތިކަމާއެކު ލޮލުގެ ކަޅިރަވައިގެ ރީތިކަމާއި ފުރިހަމަކަމުން ކަމަށް ބުނެވެއެވެ. އައިސާދިޔޯއަކީ އެކަމަނާއަށް ޤުދުރަތުން ހަދިޔާކުރެއްވި އަގުހުރި ނިޢުމަތެއްކަމަށްވާ އާދަޔާޚިލާފު ރީތިކަމަށްޓަކައި "ދެއްވަދޫ ރީތި އަންހެންބޭފުޅާ" (ދެއްވަދޫ ކަކުނީ ދިޔޯ)ގެ ނަންފުޅުން ވެސް މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާގެނަންފުޅަކަށް އައިސާބީ، އައިސާދިޔޯ، އަދި އައިސާބީ ކަނބުލޯ، މިކަހަލަގޮތަކަށް ނަންފުޅުގެކުރިއަށް "އައިސާ" ކިޔާފައި ހުރެއެވެ. ހުވަދޫގައި އެކަމަނާ މަޝްހޫރުވެފައިވަނީ އައިސާދިޔޯގެ ނަންފުޅުންނެވެ. އައިސާދިޔޯގެ ޙޫރު މާމާފުޅު ދަރިކަނބަލުން ދެއްވަދޫގަނޑުވަރު އާމިނާ މަނިކުފާނަކީ، އެއްގޮތް ވައްތަރުކޮޅާ، އުޅުއްވުމާ، މިޒާޖާ، އަދި އެފަދަ ގިނަ ކަންކަމެއްގައި އައިސާދިޔޯގެ ދިރިހުރި ނަކަލެއްކަމަށް އެދުވަސްވަރުގެ މުސްކުޅިން ބުނެއުޅޭކަމަށް ވެއެވެ. ދެއްވަދޫގަނޑުވަރު އާމިނާ މަނިކުފާނުގެ ފިރިކަލަކީ މުޡުހިރުއްދީން ރަދުންނަށް ޙޫރުކާފަ، އަދި ޙާޖީ ބަންޑާރައިންނަށް މުނިކާފަ ވިދާޅުވާ މުޙައްމަދު ދީދީ (ތުއްކަލާ ދީދީ) އެވެ. ވަރަށް ތުއްޕުޅު އިރުއްސުރެ ފުވައްމުލަކު "ކަރިއްޔަ"ގައި އޭނާގެ މާފަ ފާމުލަދޭރި ކިލެގެފާނުގެ އަރިހުގައި ހުންނަވައިގެން ކިޔަވައިވިދާޅުވެ ބޮޑުފުޅުވި ބޭފުޅެކެވެ.) 

އަލްޙާއްޖު ޢަލީ ތުއްކަލާއާއި އައިސާދިޔޯގެ ކައިވެނިފުޅުން އެ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތް ބޭފުޅުންކަމަށް އެނގެނީ ދޮންދަލޭކަ ކަނބުލޭގެފާނާއި، މަރިޔަމް ކަނބުލޭގެފާނާއި، ފާތުމާ ކަނބުލޭގެފާނާއި އަދި އަލްޤާޟީ މުޙައްމަދު ދެއްވަދޫ ފަނޑިޔާރު ތަކުރުފާނެވެ. މި ފަނޑިޔާރު ތަކުރުފާނަކީ ފަހުން ދެއްވަދޫ ރަސްގެފާނެވެ. މިބޭފުޅުންގެތެރެއިން ދެއްވަދޫ ފަނޑިޔާރު ތަކުރުފާނަށްވުރެ ދޮށީ ބޭފުޅުންކަން އެނގޭ ބޭފުޅުންނަކީ ދޮންދަލޭކަ ކަނބުލޭގެފާނާއި އަދި އިތުރު އަންހެންބޭފުޅެކެވެ. ނަމަވެސް އެބޭފުޅަކީ މަރިޔަމް ކަނބުލޭގެފާނާއި، ފާތުމާ ކަނބުލޭގެފާނާއި ދެ ބޭފުޅުންގެތެރެއިން ކޮން ބޭފުޅެއްކަމެއް އެނގޭކަށްނެތެވެ.

އަލްޙާއްޖު ޢަލީ ތުއްކަލާގެ ދަރިކަނބަލުން ދޮންދަލޭކަ ކަނބުލޭގެފާނާއި، މީނާގެ ދަރިކަނބަލުން މަރިޔަމް ކަނބުލޭގެފާނުގެ ދޮންދަލޭކަ ކަނބުލޭގެފާނާއި، އަދި އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ވަކި ބައްޕާފުޅެއްގެ ދޮންދަލޭކަ ކަނބުލޭގެފާނެއް ވެސް ތިއްބެވިއެވެ. އެހެންވުމުން އަލްޙާއްޖު ޢަލީ ތުއްކަލާގެ މަންމާފުޅުގެ ޢާއިލާއިން ބަލާނަމަ މިއީ އެއް ޢާއިލާއެއްގެ ބޭފުޅުންނެވެ. މީގެތެރެއިން ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނުގެ ނަންފުޅުން މަޝްހޫރުވެފައިވަނީ ޝައިޚުލް އަލްޙާއްޖު ޢަލީ ތުއްކަލާގެ ދަރިކަނބަލުން ދޮންދަލޭކަ ކަނބުލޭގެފާނަށެވެ. މިހެންވުމުން މި ދޮންދަލޭކަ ކަނބުލޭގެފާނުގެ ކާފައަކީ އައްޑޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނެވެ. މާފައަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. މިކަންކަމަށް ބަލައިލަމާތޯއެވެ. 

(ހ) ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރު އެ ރަދުންދެއްވި މަޤާމެއްގެ ވާހަކަ ދިވެހިތާރީޚު ފޮތުގެ 75ވަނަ ޞ.ގައި ލިޔެފައިވަނީ [އެރަދުންގެ ބޮޑުދައިތާފުޅުގެ އަންހެންދަރިޔެއްގެ ފިރިހެންދަރިއަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ. އަދި މީނާޔަށް ލޮންސި ކޮއްޓެއްގެ އެދުރުކަންވެސް ދެއްވިއެވެ.] މިހެންނެވެ.

(މީހެއްގެ ބޮޑުދައިތައަކީ އެމީހެއްގެ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ މީހަކަށް ނުވާނެއެވެ. އެވާނީ އެމީހެއްގެ މަންމައާއި ނުވަތަ ބައްޕައާއި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށެވެ. (ހ)ގައި ބުނެފައި އެވާ ދެއްވަދޫ ރަދުންގެ ބޮޑުދައިތާފުޅަކީ އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނެވެ.)

(ށ) ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞ.ގައި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރުގެ ވާހަކައެއްގައި ލިޔެފައި އޮންނަނީ [އެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި، އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ރަސްގެފާނުންގެ އަރިހަށްގޮސް ރަސްގެފާނުންގެ އެއްބަޑު ކަމަނާޔަށާއި އެކަމަނާގެދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި، އެކަމަނާގެފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާއިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުންއަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިޔެވެ.] ދެން މިވާހަކަތަކާއި ގުޅިގެން އެ ފޮތުގެ 80ވަނަ ޞ.ގައި ލިޔެފައިވަނީ [ރަދުންގެ އެއްބަޑު ކަމަނާޔާއި، އެކަމަނާގެ ދަރިކަލުންނާއި، އިބްރާހީމް ފާމުލަދޭރި ތަކުރުފާނާއި، ރަންނަބަޑޭރި ތަކުރުފާނާއި، އޭނާގެ މައިކަމަނާޔާއި، މިއެންމެން ދެއްވަދުވަށް އަރުވާލަހަރޭ. ދެން މިމަގަށް މިކަންތައްކޮއްފޫއޭ.] މިހެންނެވެ.

(ދެއްވަދޫ ރަސްގެފާނުންގެ އެއްބަޑު ކަމަނާކަމަށް (ށ)ގައި އެވާ ކަމަނާއަކީ ތިރީގެ (ބ)ގައި ލިޔެފައިވާ [ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން] ދޮން ދަލޭކަ ކަނބުލޭގެފާނެވެ. އަދި (ށ)ގައި [ރަސްގެފާނުންގެ އެއްބަޑު ކަމަނާޔަށާއި އެކަމަނާގެދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި އެކަމަނާގެފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާ އިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުންއަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިޔެވެ.] ބުނެފައިވާ އިބްރާހީމް ފާމުލަދޭރި ތަކުރުފާނަކީ (ހ)ގައި ބުނާ [އެރަދުންގެ ބޮޑުދައިތާފުޅުގެ އަންހެންދަރިޔެއްގެ ފިރިހެންދަރިއަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ.] އެބުނެވޭ އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ. މިއީ ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ އަންހެންބޭފުޅެއްގެ ދަރިކަލެކެވެ. މީނާ ކައިވެނިކުރައްވަނީ ތިރީގެ (ބ)ގައި ބުނާ ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ދޮންދަލޭކަ ކަނބުލޭގެފާނާ އެވެ. އެހެންވުމުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ކައިވެނިކުރައްވާފައި ވަނީ އޭނާގެ މަންމައާއި ދެބެންގެދެދަރި ދޮންދަލޭކަ ކަނބުލޭގެފާނާ އެވެ.)  

(ނ) ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ. ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞ.ގައި ވަނީ [މިއަހަރުމެ ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނު ނިޔައުވެއްޖެއެވެ. އެއީ ރަބީޢުލްއާޚިރު މަހު ތޭރަވީ ބުރާސްފަތި ދުވަހުއެވެ. ދެން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވެވިޔެވެ. ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މީނާ ޚަޠީބުކަމުގައި ހުންނެވިޔޭ. ދެއްވަދޫ ރަސްގެފާނުން އަވަހާރަވުމަށްފަހު ޢަލިރަސްގެފާނުންގެ ރަސްކަމުގައި މީނާ އަރުވާލެއްވެވިޔޭ] މިހެންނެވެ.

(ރ) ދިވެހިތާރީޚުފޮތުގެ 156ވަނަ ޞ.ގައި ވަނީ [ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތިދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ] މިހެންނެވެ.

(ބ) މާލޭ ހުކުރުމިސްކިތް ފޮތުގެ 389ވަނަ ޞ.ގައިވާ މަހާނަގަލެއްގެ ލިޔުމުގައިވަނީ [ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑުމަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ޚަޠީބު މަނިކުފާނުން ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަދާން.] މިހެންނެވެ. 


[ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން] މިގޮތަށް (ބ)ގައި އެވާ "ކޮއްދުނާއި" އެލިޔެވެނީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުންގެ ދަރިކަނބަލުން އައިސާދިޔޯއަށެވެ. "ކިހުނުފަން" އެލިޔެވެނީ އުފަންކަމަށެވެ. މުޅި ޢިބާރާތަށް ބަލާނަމަ އެލިޔެވެނީ ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުގެ އައިސާދިޔޯއަށް އުފަންކަމަށެވެ. ޚަޠީބުކަން ދެއްވިކަމަށް (ނ)ގައި ބުނާ ޢަލީއާއި (ރ)ގައި ނިޔައުވީކަމަށް ލިޔެވޭ ބޭފުޅަކީ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއޭ ތާރީޚުފޮތުގައި ލިޔެފައިވާ ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކަލުން ޢަލިޚަޠީބެވެ. މި ދޮންދަލޭކަ ކަނބުލޭގެފާނަކީ ދެއްވަދޫ ރަސްގެފާނަށްވުރެ ދޮށީ ބޭފުޅެއްކަން އެ ލިޔުމުން ވެސް އެނގެއެވެ. މިއީ އަވަހާރަވުމުން ހަވަރުތިނަދޫ ހުކުރުމިސްކިތުގެ އުތުރު ބިސްތާނައިގައި ވަޅުފުޅުލެވިފައިވާ ދޮންދަލޭކަ ކަނބުލޭގެފާނެވެ. ދިވެހިތާރީޚު ފޮތުގެ 156ވަނަ ޞ.ގައި ލިޔެފައިވާ މި ޢަލިޚަޠީބު ނިޔައުވީތާރީޚާއި މަތީގެ (ބ)ގައިވާ މަހާނަގަލުގެ ލިޔުމުގައިވާ އަވަހާރަވީދުވަސް އެއްގޮތެވެ. (ބ)ގައިވާ މަހާނަގަލުގެލިޔުމުގައި [ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑުމަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ޚަޠީބު މަނިކުފާނުން] މިގޮތަށް އެލިޔެވޭ ބޮޑުމަނިކުފާނަކީ ދޮންދަލޭކަ ކަނބުލޭގެފާނެވެ. އެ ލިޔުމުގައި [ބޮޑުމަނިކުފާނު] ލިޔެފައިވަނީ ފިރިހެނަކަށް ނޫންކަމަށް އެ ލިޔުމުންއެނގެއެވެ. [ބަޑުން އުފަން] މިގޮތަށް އޮތުމުންނެވެ. ދެއްވަދޫ ޚަޠީބު މަނިކުފާނަކީ ޢަލިޚަޠީބެވެ. ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞ.ގައި [ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މީނާ ޚަޠީބުކަމުގައިހުންނެވިޔޭ. ދެއްވަދޫ ރަސްގެފާނުން އަވަހާރަވުމަށްފަހު ޢަލިރަސްގެފާނުންގެ ރަސްކަމުގައި މީނާ އަރުވާލެއްވެވިޔޭ] އެ ލިޔެވެނީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު ދައްތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކަލުން ޢަލިޚަޠީބަށެވެ. މީނާ ހުންނެވީ މާލޭގެ ޚަޠީބަކަށެވެ. ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ ޢަލިޚަޠީބެއް ނުހުންނަވައެވެ. އޭނާގެ ހުންނަވަނީ އޭނާގެ ދަރިކަނބަލަކަށް އުފަން ޢަލިޚަޠީބެކެވެ.) 

(ޅ) ދިވެހިތާރީޚު ފޮތުގެ 164ވަނަ ޞ.ގައި ވަނީ [ދެއްވަދޫ ޢަލިޚަޠީބުގެ މުޙައްމަދު ތަކުރުފާނަށް ދަހަރާކަން ދެއްވެވިއެވެ.] މިހެންނެވެ.

(ކ) މާލޭ ހުކުރުމިސްކިތް ފޮތުގެ 389ވަނަ ޞ.ގައިވާ މަހާނަގަލެއްގެ ލިޔުމުގައިވަނީ [(ޢަރަބިއަކުރުން ދިވެހިބަހުން ވަރަށްއޮޅުވައި ލިއެފައިހުރި) ހިޖުރައި ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަތް އަހަރު ސަފަރުމަހު ސާވީސްދުވަސް ހޮނިހިރުދުވަހު ދެއްވަދޫ ބޮޑުމަނިކުފާނުންގެ ފުތް އަލްޚަޠީބު މަނިކުފާނުންގެ ފުތް އަލްވަޒީރު މުޙައްމަދު ދަރާލު (ދަހަރާ؟)މަނިކުފާނު ނިޔައުވީކަމު ހަދާން ވައްﷲ އަޢުލަމް] މިހެންނެވެ.

(މަތީގައިވާ (ޅ) އަދި (ކ)ގައިވާ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު އެރަދުންގެދައްތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ ޢަލިޚަޠީބުގެދަރިކަލުން އަލްވަޒީރު މުޙައްމަދު ދަހަރާ މަނިކުފާނުގެ ފާތުމާ މަނިކުފާނާއި ކައިވެނިކުރެއްވީ އިސްކަންދަރު ރަސްގެފާނާއި އެއްބަނޑު ރަންނަބަނޑޭރި ކިލެގެފާނުގެ ގުރައިދޫ ޢަލިމަނިކުފާނުގެ އިބްރާހީމް މަނިކުފާނުކަމާއި، މި ފާތުމާ މަނިކުފާނާއި އިބްރާހީމް މަނިކުފާނުގެ ދަރިކަލުން ފުތް މަނިކުފާނު އަވަހާރަވެ، އޭނާގެމަހާނަވަނީ ދެއްވަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ކަމަށް އެ ޤަބުރުސްތާނުގެ 2 މަހާނަގަލެއްގެ ވަނަވަރުތަކުން އެނގެއެވެ. އެއްގަލެއްގައި ލިޔެފައިވާ ވަނަވަރުގައިވަނީ [1212 ސަނަތު ވަނައަހަރު ދެއްވަދޫ ދަހަރާ މަނިކުފާނުންގެ ދި ފާތުމާ މަނިކުފާނުންގެ ބަޑުން ގުރައިދޫ ޢަލިމަނިކުފާނުންގެ ފުތް އިބްރާހީމް މަނިކުފާނުންގެ ފުތް މަނިކުފާނު ޝައްވާލް8 ......] މިހެންނެވެ. މި ޤަބުރުސްތާނުގެ އެހެންގަލެއްގައި ލިޔެފައިވާ ވަނަވަރުގައިވަނީ [އައްސުލްޠާން އިސްކަންދަރު މިރަސްގެފާނާއި އެއްބަޑު ރަންނަބަޑޭރި ކިލެގެފާނެވެ.
މިމަނިކުފާނުންގެ ފުތް ގުރައިދޫ އަލިމަނިކުފާނު. މިމަނިކުފާނުންގެ ފުތް އިބްރާހީމް މަނިކުފާނު ފުރައުއްތަވީކަމު ހަދާން.] މިހެންނެވެ. މިގަލުގައިލިޔެފައިވަނީ ތާނަ އަކުރުންނެވެ. ނަމަވެސް އެމަނިކުފާނު އަވަހާރަވީތާރީޚެއް ނެތެވެ.) 

ކުރީގެ ދުވަސްވަރުގެ ބައެއް މަހާނަގައުތަކާއި ބައެއް ލިޔުންތަކުންފެންނަ "އެއްކިހުނުފަން" ބޭނުންކުރެވިފައި ހުންނަގޮތާމެދު ވެސް މިހާރުގެ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް ތަފާތެވެ. ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު ކަމަނާއެއްގެ ވާހަކަ ތާރީޚުފޮތުގައި ލިޔެފައި އެވަނީ ކޮން މާނައެއްގައިތޯ އެއީ އެރަދުންނާއި ހަމައެކަނި އެއްބަނޑުކަން އެންގުމަށްތޯ ނުވަތަ އެއީ ކާކުކަން އެންގުމުގެފަސޭހައަކަށް މިހާރުވެސް އަޅުގަނޑުމެން މިކިޔާހެން އެއީ މިވެނިމީހެއްގެ އެއްބަނޑުމީހެކޭ ބުނާގޮތަށްތޯ މިއީ އެކަމާމެދު ވިސްނައިލުން ރަނގަޅުކަމެކެވެ. އަދި ކުރީގެ ދުވަސްވަރުގެ ލިޔުމެއްގައި ނުވަތަ މީހެއްގެމަހާނަގަލުގެ ލިޔުމެއްގައި މިވެނިމީހަކާއި "އެއްކިހުނުފަން" ލިޔެފައިވަނީ ކޮން މާނައެއްގައި ކީއްވެތޯ މިއީވެސް އެއާމެދު ވިސްނައިލުން ނެތް ކަމެއްނޫނެވެ. "އެއްކިހުނުފަން" މިއީ މިހާރު ބޭނުންކުރާތީ ނުފެންނަ ކުރީގެބަހެކެވެ. މިކަމަށް ބަލައިލަމާތޯއެވެ.  

ދިވެހިބަހުގެ ފުންނާބު އުސް މޮޅު އަދީބު، އަދި މާލޭ ހުކުރުމިސްކިތުގެ ފޮތުންފެންނަ ލިޔުންތައް ކުރިން ނަކަލުކުރެއްވި ކޮމިޓީގައި ވެސް އުޅުއްވި ބޭފުޅެއްކަމަށްވާ ޝައިޚުލް އުސްތާޛު މަރުޙޫމް ޙުސައިން ޞަލާޙުއްދީންގެ ލިޔުއްވުންތަކުގައި "އެއްބަނޑު އެއްބަފާ" ބޭފުޅުންނަށް   "އެއްކިހުނުފަން" ބޭނުންފުޅުކުރައްވާފައި ހުންނަކަން އެބޭފުޅުންނަށް ބަލައިލުމުން އެނގެން އެބަހުރެއެވެ. އޭގެ އެއްކަމެކެވެ. "ސައުރަވަންނަ ފަރްޟު" މިފޮތުގައި ޝައިޚް ޞަލާޙުއްދީން ލިޔުއްވައެވެ. [މިފޮތަކީ އަހުރެންގެ ޢުމުރުން 14 އަހަރުގައި އައްޑުވަށް ގޮސް އަހުރެންގެ އެދުރު އަލްޢާލިމުލް ފާޟިލް އައްޝައިޚު އިބްރާހީމް އިބްނި ޙުސައިނުލް މީދުވިލް އައްޑުވިއްޔި، މި ކަލޭގެފާނުންގެ ގޭގައި ކިޔަވަންހުރި ދުވަސްވަރުގައި ކިޔަވައިދެއްވި ފޮތެކެވެ. މިކިޔެވި ފޮތް ލިޔުއްވާފައިވަނީ އައްޝައިޚް އިބްރާހީމް ތަކުރުފާނުގެ އެއްކިހުނުފަން އަލްޢާލިމުލް ފާޟިލް އައްޝައިޚުލް ޤާޟީ މޫސާ ބަދުރުއްދީނުލް މީދުވިލް އައްޑުވިއްޔި މިތަކުރުފާނުގެ އަތްޕުޅުންނެވެ. ލިޔުއްވައި ނިންމަވާފައިވަނީ 1291ހ. މިވަނަ އަހަރުގައެވެ.] ޝައިޚް ޙުސައިން ޞަލާޙުއްދީންގެ މިލިޔުއްވުމުގައި އެއްކިހުނުކަމަށް ލިޔުއްވައިފައިވާ އައްޝައިޚް އިބްރާހީމް ތަކުރުފާނާއި އަލްޢާލިމުލް ފާޟިލް އައްޝައިޚުލް ޤާޟީ މޫސާ ބަދުރުއްދީނާއި ދެ ބޭފުޅުންނަކީ އެއްބަނޑުއެއްބަފާ ދެ ބޭފުޅުންކަމަށް އެންމެރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ވެސް ޝައިޚް ޞަލާޙުއްދީނެވެ. އޭނާއަކީ އައްޝައިޚް އިބްރާހީމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ)ގެ އަރިހުން ކިޔަވައިވިދާޅުވުމަށް މީދޫގައިހުންނެވި ބޭފުޅެކެވެ. 


މިހިސާބުން "އެއްކިހުނުފަން" ބޭފުޅުންނާމެދު ދިވެހިތާރީޚު ފޮތާއި އަދި މާލޭ ހުކުރުމިސްކިތުގެ ފޮތުގައިވާ ބައެއް ލިޔުންތަކަށް ބަލައިލަމާތޯއެވެ.

(އ) ދިވެހިތާރީޚު ފޮތުގެ 201ވަނަ ޞ. އެވެ. [ޣާޒީ ހަސަން ރަންނަބަޑޭރި މަނިކުފާނު ރަސްކަމަށް އިސްކުޅައުމަށް މިބުނި އެއްމެބޭކަލުންގެ ފިކުރު އިއްތިފާޤު ވެއްޖެއޭ. މި މަނިކުފާނީ ހުރައި ޙުސައިން ދަހަރަދަ ތަކުރުފާނުންގެ ފުތް މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދަރިކަލެކޭ. މި މަނިކުފާނުންގެ މައިކަބަލަކީ މުލީ މުޙައްމަދު ޚަޠީބު ތަކުރުފާނުންގެ ދި އާމިނާ މަނިކުފާނެވެ.] 

(ވ) ދިވެހިތާރީޚު ފޮތުގެ 205ވަނަ ޞ. އެވެ. [ދެން މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވުމަށްފަހު އެކިއެކި މީސްމީހުންނަށް އެކިއެކި ދަރަޖަ ދެއްވެވިޔޭ. ބައެއް ދަރަޖަ ބަދަލުވެސް ކުރެއްވޫއޭ. މި ރަދުންނާއި އެއްބަޑުއެއްބަފައި ޙުސައިން މަނިކުފާނަށް ދޮށިމޭނާ ކިލަގެކަން ދެއްވެވިއެވެ.]

(މ) މާލޭ ހުކުރުމިސްކިތް ފޮތުގެ 372ވަނަ ޞ.ގައި ލިޔެފައިވާ މަހާނަގަލެއްގެ ލިޔުމެކެވެ. [ހިޖުރައިން މިތައްވަނަ އަވެރުދު 1178ގައި ޛުލްޙައްޖުމަހު ހަރެޔަށްވީ އަންގާރަވިލޭރެއި  ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުނާއި އެއްކިހުނުފަން މިރަދުންގެ ދިޔަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުއަށްމެ އުފަން ޙުސައިން ބޮޑުދޮށިމޭނާ ކިލަގެފާނު ފުރައުއްތަވީކަމު ހަދާން]

(މަތީގައިވާ (އ)ގައި އެ ބުނަނީ ދޮންބަންޑާރައިން ރަސްކަމަށް އިސްކުޅައުމުގެ ވާހަކައެވެ. (ވ)ގައި އެއްބަޑުއެއްބަފައި، އަދި (މ)ގައި އެއްކިހުނުކަމަށް ވެސް ލިޔެފައިވާ ބޭފުޅަކީ ހަމަ އެއްބޭފުޅެކެވެ. އެއީ ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބައްޕާފުޅު ޙުސައިން ދޮށިމޭނާ ކިލެގެފާނެވެ.)

(ފ) މާލޭ ހުކުރުމިސްކިތް ފޮތުގެ 327ވަނަ ޞ.ގައި ލިޔެފައިވާ މަހާނަގަލެއްގެލިޔުމެކެވެ. [ހިޖުރައިން ހާހާއި އެއްސަތޭކަ މިތައްވަނަ 1196އަހަރު ޝަޢުބާން މަހު އޮނަތިރީސް ވިލޭރޭ އިރުއޮސްފުނުމާއިއެކު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީން މަހާރަދުނާއި އެއްކިހުނުފަން މިރަދުނަށަ ދިޔަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނަށަމެ އުފަން އަލްޢަޒީޒު ޢަލީ ރަންނަބަޑޭރި ކިލެގެފާނު ފުރައުއްތަވީކަމު ހަދާން.] (ހެންވޭރުގޭ ޢަލީ ބޮޑުރަންނަބަޑޭރި ކިލެގެފާނު އިބްނި މުޙައްމަދު ފާމުލަދޭރި މަނިކުފާނު "ހުރާ")

(އެއްކިހުނުކަމަށް (ފ)ގައި ލިޔެފައިވާ ޢަލީ ރަންނަބަނޑޭރި ކިލެގެފާނަކީ ވެސް ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބައްޕާފުޅު ބޭފުޅެކެވެ.)

(ދ) މާލޭ ހުކުރުމިސްކިތް ފޮތުގެ 359 ޞ.ގައި ލިޔެފައިވާ މަހާނަގަލެއްގެލިޔުމެކެވެ. [ސަނަތު ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ފަންސަހައްޓި ވަނަ އަހަރު ޝަޢުބާން މަހު ސަތާރަވީ ހުކުރުދުވަހު . . . . އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ރަދުނާއި އެކުބަޑު އެއްބަފައި ކަދީދާ މަނިކުފާނުގެ ދި އައިސާ ކަބާދި ކިލަގެފާނު އަވަހާރަވީކަމު ހަދާން.] 

(ތ) މާލޭ ހުކުރުމިސްކިތް ފޮތުގެ 364 ވަނަ ޞ.ގައި ލިޔެފައިވާ މަހާނަގަލެއްގެލިޔުމެކެވެ. [މުޙައްރަމް މަހު ސައުވީސްވީ އާދީއްތަ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ރަދުނާއި އެއްކިހުނުފަން ކަދީދާމަނިކެ ބަޑުން އުޑޫދޫ އަލިކަލޭގެފާނަށް އުފަން ފާތުމާމަނިކެ ބަޑު އުޑޫދޫ އިބްރާހީމް ދަހަރައި ތަކުރުފާނަށް އުފަން ޙަސަން ރަންނަބަޑޭ މަނިކުފާނުންގެ ފުތް އުބުރަހެން މަނިކުފާނު ނިއައުވީކަމު ހަދާން] 

(މަތީގެ (ދ)ގައި އެއްބަނޑުއެއްބަފާ އަދި (ތ)ގައި އެއްކިހުނުކަމަށް ވެސް ލޔެފައި އެވަނީ ހަމަ އެއްބޭފުޅެއްގެ ނަމެވެ.)

(ލ) ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ވަނީ އޭނާގެމަންމަ ދޮންދީދީގެ ވަނަވަރު، މީދޫ ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ޙާއްޖު ޢަލީ ތުއްކަލާގެ ޢާއިލާއިންނާއި، އަދި ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠުމާފާނުގެ ޢާއިލާއިން ވެސް ލިޔުއްވައިފައެވެ. ޙާއްޖު ޢަލީ ތުއްކަލާގެ ޢާއިލާގެ ވަނަވަރުގައި ޢަލީ ތުއްކަލާގެ، ދޮންދަލޭކަ ކަނބުލޭގެފާނުގެ، މަރިޔަމް ކަނބުލޭގެފާނުގެ، ދޮންދަލޭކަ ކަނބުލޭގެފާނުގެ، ޙަސަން މަނިކުފާނުގެ ........... މިގޮތަށް އޮވެއެވެ. އަދިހަމަ މިގޮތަށް މި ޙަސަން މަނިކުފާނުގެ ޢާއިލާއިން ވަނަވަރުލިޔުއްވި އެހެންބޭފުޅުން ވެސް ޙަސަން މަނިކުފާނުގެ މަތީ ވަނަވަރު ލިޔުއްވަނީ ހަމަ އެގޮތަށެވެ. ފުވައްމުލަކު ވިދުވަރުގޭ ޢަލިދީދީ އަކީ ދެންމެދެންނެވި ޙަސަން މަނިކުފާނު ކައިވެނިކުރެއްވި ދޮންދީދީ އާއި އެއްބަނޑު ބޭފުޅެއްގެ ޢާއިލާއެއްގެ ވެސް ބޭފުޅެކެވެ. އޭނާވެސް ހަމަ އެގޮތަށް އެ ވަނަވަރު މިހާރު ވެސް ވިދާޅުވަމުން ގެންދަވައެވެ.  

(މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު ޢަލީ ތުއްކަލާއާއި އަލްޙާފިޡާ ބޮޑު ފާޠުމާފާނު ފިޔަވައި، ފަނޑިޔާރު ތަކުރުފާނުގެ ދެންތިއްބެވީ ތިން ބޭފުޅެކެވެ. އެއީ ނާއިބު އިބްރާހީމް ފަޑިޔަތް ތަކުރުފާނާއި، ޤާޟީ ޙުސައިން ޤުޠުބުއްދީނާއި، އަދި ޢައްލާމާ އަޙްމަދު ޝިހާބުއްދީނެވެ. މި ތިން ބޭފުޅުންގެ ޢާއިލާގެތެރެއިން ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ބައްޕަ ޢަލިމަނިކުފާނުގެ ނަން ލިޔެވޭކަން މީދޫ ޢަންބަރީވިލާ އަލްފާޟިލް އަޙުމަދު ނާޞިޙު އާއި އަދި އެނޫންވެސް އެ ބޭބޭފުޅުންގެ ދަރިކޮޅުގެ ބައެއް ބޭފުޅުންވެސް އެގޮތަށް ވިދާޅުވެ، އެވަނަވަރު ހާމަކޮށްދެއްވާފައި ވެއެވެ. މިހެންވުމުން ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނަށް އުފަންބޭފުޅެއްގެ ޢާއިލާއިން ޙަސަން ޙިލްމީގެ ނަން ލިޔެވޭނަމަ ލިޔެވޭކަން، ނުލިޔެވޭނަމަ ނުލިޔެވޭކަން، ޙަސަން ޙިލްމީ އަށް އޮޅުންބޮޅުން ވެދާނެކަމީ ޤަބޫލުކުރަން ދަތިކަމެކެވެ.) 


(ގ) ދިވެހި މުއައްރިޚު، އަދި ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި ތިމާގެ ބޭފުޅެއްކަމަށްވާ އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ، ވަރަށްކުރިން ދެއްވަދޫއަށް ވަޑައިގަތް ދަތުރުފުޅެއްގައި އެރަށު ހުކުރުމިސްކިތު ޤަބުރުސްތާނުގެ މަހާނަގައުތައް ބެއްލެވުމުގެތެރޭ އެމިސްކިތުގެ އިރު ދެކުނުގައިވާ އަންހެން މަހާނަގައުތަކަކީ ދެއްވަދޫ ގަނޑުވަރު އަންހެންބޭފުޅުންގެ މަހާނަގައުތައް ކަމާއި އޭގެތެރޭ މިސްކިތާއި އެންމެގާތަށް އެވާ މަހާނަގަލަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު އަންހެންބޭފުޅެއްގެ މަހާނަގައުކަމަށް އުސްތާޛު ލުޠުފީ ވިދާޅުވިކަމަށް ދެއްވަދޫގެ އިސް ކަތީބުކަންކުރެއްވި ދެ ބޭފުޅެއްކަމަށްވާ ދެއްވަދޫ މޫންލައިޓްވިލާ އަލްފާޟިލް މުޙައްމަދު އަނީސް އާއި، އެރަށު ނާރެސް އަލްފާޟިލް މުޙައްމަދު ދީދީ ވިދާޅުވެއެވެ. މިއީ ދެއްވަދޫގަނޑުވަރު ޢާއިލާއަށް ވެސް ނިސްބަތްވާ ދެ ބޭފުޅެކެވެ. އުސްތާޛު ލުޠުފީ އެވިދާޅުވާ މަހާނަގަލަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ މަހާނަގަލެއްނޫނެވެ. އެގައުވަނީ ހަވަރުތިނަދޫ ހުކުރުމިސްކިތުގެ އުތުރު ބިސްތާނައިގައެވެ. ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ވެސް އެގޮތަށް މިގައު ކަށަވަރުކޮށްދެއްވިއެވެ. ތިނަދޫގެ ދެވަނަ އާބާދީގައި އެރަށު ހުކުރުމިސްކިތުގެ ޤަބުރުސްތާނުން މިނިކަށިނެގުމަށް ކޮނުނު ދުވަސްކޮޅެއްގައި މި މަހާނަގަލާއި އަދި ޒަމާނުއްސުރެ އެ ޤަބުރުސްތާނުގައިވާ އެހެންގައުތައް ވެސް ނެތުނީއެވެ.

ދެއްވަދޫ ކަނބައިދި ކިލެގެފާނަކީ ދެއްވަދޫގަނޑުވަރު ޢާއިލާގެ ބޭފުޅެއްކަމަށް ބުނެވެއެވެ. ކުރީގެ ދުވަސްވަރު ކަނބައިދި ކިލެގެ ކަމުގެ ދަރަޖަ ދެއްވަނީ ރަސްކަލެއްގެ ނުވަތަ ރަސްކަލެއްގެ އަނބިކަނބަލެއްގެ ދައިތާފުޅަކަށް ނުވަތަ އަންހެން ކޮއްކޯފުޅަކަށް ކަމަށް ލިޔުންތަކުން އެނގެންހުރެއެވެ. ކަނބައިދި ކިލެގެއަކީ ރާއްޖޭގެ އިހުގެ އާދަކާދައިގެ ކަންކަމުގައްޔާއި ރަސްކަމުގެ ޢިއްޒަތުގެ ކަންތައްތަކުގައި ލަފާހޯއްދަވައި އަދި ޢިއްޒަތުގެ ބައެއްކަންކަމުގައި، ބޭނުންހިއްޕަވާ އަންހެން ތިން ކިލެގެބޭފުޅުންގެ ތެރެއިން އެއް ކިލެގެބޭފުޅެކެވެ. މިހެންކަމަށްވާނަމަ ދެއްވަދޫ ކަނބައިދި ކިލެގެފާނަކީ ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅަކަށް ނުވަތަ ކޮއްކޯފުޅަކަށްވުން އެކަށީގެންވެއެވެ. ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު 3 އަންހެންބޭފުޅުން ތިއްބެވިއެވެ. ދެއްވަދޫ ރަސްގެފާނަކީ ދެއްވަދޫގެ ބޭފުޅަކާއި ކައިވެނިފުޅުކުރައްވައިގެން އުޅުއްވި ބޭފުޅެއްކަމަށް އެނގޭނޭގޮތެއް ނެތެވެ. ދެއްވަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ދިވެސްއަކުރުން ލިޔެފައިހުރި އަންހެން މަހާނަގަލެއްގައި ވަނީ [ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ސައްބީސް ވަނަ އަހަރު ރަޖަބު މަހު ތިރީހައް ..... އާދީއްތަދުވަހު ދެއްވަދޫ ކަބާދި ކިލެގެފާނު ފުރައުއްތަވީ ކަމު ހަދާން] މިހެންނެވެ. މި ކަނބައިދި ކިލެގެފާނު އަވަހާރަވީ ދެއްވަދޫ ރަސްގެފާނު އަވަހާރަވީތާ 14 އަހަރުފަހުން ދިޔަމިގިލީ ރަދުންގެ ދުވަސްވަރުއެވެ. 

ދެއްވަދޫ ފަނޑިއަތްކަލޭގެ (ފަނޑިއަތް ކަލޭގެފާނު) އާއި، ދެއްވަދޫ ދަހަރާ މަނިކުފާނާއި، ދެއްވަދޫ ކަނބައިދި ކިލެގެފާނާއި، ދެއްވަދޫ މާވާ ކިލެގެފާނާއި، މާވާ ކިލެގެފާނުގެ ދަރިކަލުން ޚަޠީބު ނާއިބު ޢަލިމަނިކުފާނާއި، އިސްކަންދަރު ރަސްގެފާނާއި އެއްބަނޑު ރަންނަބަޑޭ ރިކިލެގެފާނުގެ، ގުރައިދޫ ޢަލިމަނިކުފާނުގެ، އިބްރާހީމް މަނިކުފާނުގެ، ފުތް މަނިކުފާނާއި، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނާއި، މިއީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ ޢާއިލާއަށް ނިސްބަތްވާ އެދުވަސްވަރުގެ މަޝްހޫރު ބައެއް ބޭފުޅުންނެވެ. ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނަކީ ދޭތެރެއަކުން ހުވަދުއަށްވަޑައިގެން އުޅުއްވި ނަމަވެސް ފިރިކަލުންނާއެކީ މާލޭގައި ދިރިއުޅުއްވިކަމަށް ބުނެވޭ ބޭފުޅެކެވެ. ޣާޒީ ރަދުންގެ ދުވަސްވަރުންފެށިގެން ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާގެ ބޭފުޅުންގެތެރޭ ރަސްކަމުގެ ކޮއިލުތެރޭ ވެސް އިޙުތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ބޭފުޅުން ތިއްބެވިއެވެ.

ދިޔަމިގިލީ ރަދުންގެ ދުވަސްވަރު 1126ހ. ގައި އަވަހާރަވި ދެއްވަދޫ ކަނބައިދި ކިލެގެފާނާއި، ދިޔަމިގިލީ ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު 1134ހ. ގައި ދެއްވަދޫގައި އަވަހާރަވި ރަންނަބަނޑޭރި ކިލެގެ ދި ކަދީދާ މަނިކާއި، އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު 1137ހ. ގައި އަވަހާރަވި ދެއްވަދޫ މާވާ ކިލެގެފާނުގެ މަހާނަފުޅު، ދެއްވަދޫ ކުރީގެ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ވެއެވެ. އަދި އިސްކަންދަރު ރަސްގެފާނާއި އެއްބަނޑު ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުން ގުރައިދޫ ޢަލިމަނިކުފާނުގެ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ މަހާނަފުޅު ވެސް ދެއްވަދޫ ކުރީގެ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ވެއެވެ. ނަމަވެސް މަހާނަފުޅުގެ ގަލުގައި އޭނާ އަވަހާރަވީ ތާރީޚެއް ލިޔެފައިނުވެއެވެ. ނަމަވެސް އިބްރާހީމް މަނިކުފާނުގެ ދަރިކަލުން ފުތް މަނިކުފާނު އަވަހާރަވީ 1212ހ. ގައި ކަމަށް ދެއްވަދޫ މިސްކިތުގެ ޤަބުރުސްތާނުގައިވާ އޭނާގެ މަހާނަގަލުގައި ލިޔެފައިވެއެވެ. 

އަލްޙާއްޖު ޢަލީ ތުއްކަލާއި އައިސާދިޔޯގެ ދަރިކަލުން މުޙައްމަދު، ރާއްޖޭގެ ހަތަރު ރަސްކަލެއްގެ ރަސްކަމުގައި ފަނޑިޔާރުކަން ކުރައްވައި ފަނޑިޔާރުކަމުން ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، އެބޭފުޅުން ދެއްވަދޫގައި އުޅުއްވި "ގެ" ގަނޑުވަރަކަށް ބަދަލުވީއެވެ. ނަމަވެސް މިގަނޑުވަރުގައި ދެއްވަދޫ ރަސްގެފާނަށް އުފަން އެއްވެސް ބޭފުޅަކު ދިރިއުޅުއްވިކަމެއް އެނގެންނެތެވެ. އެ ރަސްގެފާނުގެ އެއްވެސް ބޭފުޅެއްގެ ޢާއިލާއެއްނެތެވެ. އަދި ދެއްވަދޫ ގަނޑުވަރުގައި ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނު އުޅުއްވިކަމެއް މިކަމަނާގެ މުޙައްމަދު ނައިބުކަލޭގެފާނުގެ ޢާއިލާއަކީ ކޮބައިކަމެއް ވެސް މިހާރަކު އެނގޭކަށްނެތެވެ. 

1127ހ. ވަނަ އަހަރުގެ ފިޠުރު ޢީދުދުވަހު ދެއްވަދޫ ރަސްގެފާނުގެ ދަރިކަނބަލުން ފާޠިމާ ބިންތި އައްސުލްޠާން މުޙައްމަދު އިބްނި އަލްޙާއްޖު ޢަލީ އިބްނި އަލްޤާޟީ މުޙައްމަދު އަވަހާރަވެ، މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި ފަސްދާނުލެވިފައިވާ ކަން މާލޭ ހުކުރުމިސްކިތް ފޮތުގެ 384ޞ. އިން އެނގެއެވެ. މިހެންވުމުން ދެއްވަދޫ ގަނޑުވަރުގައި ދިރިއުޅުއްވައި ޢާއިލާ އުފެދިފައިވަނީ ދެއްވަދޫ ރަދުންގެ އެއްބަނޑު އެއްބައްޕާފުޅު ބޭފުޅުންގެއެވެ. ދެއްވަދޫ ގަނޑުވަރު ޢާއިލާއަކީ މިބޭފުޅުންގެ ޢާއިލާއެވެ. މިޢާއިލާގެ އެއްފަރާތުން އެނގެން ހުރި އިސް ބާނީއަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް ވުމުން ދެއްވަދޫ ގަނޑުވަރު ޢާއިލާއަކީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ވެސް ޢާއިލާއެވެ. ނުވަތަ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާއަކީ ދެއްވަދޫ ގަނޑުވަރުގެ ވެސް ޢާއިލާއެވެ.

މަތިވެރި ﷲ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ފުރާނަފުޅަށް، ސުވަރުގޭގެ ބާއްޖަވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!
             ------------------------

ޢަބުދުﷲ ޙިލްމީ
03 ނޮވެމްބަރ 2012މ.
  
މަޢުލޫމާތުގެ ޙިއްޞާ:

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި "ދިވެހި ތާރީޚު" ފޮތާއި، އެ މަރުކަޒުން ނެރުއްވި "މާލޭ ހުކުރުމިސްކިތް" ފޮތާއި، ދެއްވަދޫގެ މުސްކުޅި ބައެއް "ވަޤުފު ފަތްކޮޅު"ތަކާއި، ދެއްވަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ ބައެއް މަހާނަގައުތަކުގެ ލިޔުމާއި، ދެއްވަދޫގެ ކުރީގެ މުސްކުޅި ބައެއް ލިޔުންތަކާއި، އަދި ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ ލިޔުއްވި ބައެއް ލިޔުންތަކާއި ޢާއިލީ ވަނަވަރުތައް.