ގދ.މަޑަވެލީގެ ޢާއިލީވަނަވަރު - އެއްވަނަބައިނޯޓް: "ގަލެހިރި" ސައިޓްގައިލިޔެފައިވާ "މަޑަވެލީ މޫސިޔާ"ގެ ޢާއިލާއަކީ މަޑަވެލިންފެށިފައިވާ ޢާއިލާއަކަށްވުމާއެކު އެޢާއިލާގެފަރާތްތަކަށާއި އަދި އެޢާއިލާއާއި ގުޅިފައިވާ މަޑަވެއްޔާއި އެހެން ބައެއްރަށްރަށުގެ ޢާއިލާތަކަށް "މަޑަވެލީގެ ޢާއލީވަނަވަރު"ގެ ބައިތަކުން ބޭނުންތެރިމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. – ޢަލީ ނަޞީރު -

"ގދ.މަޑަވެލީގެ ރަށްވެހިކަން" މިސުރުޚީގެދަށުގައި އަޅުގަނޑުލިޔެފައިވާ ބައިތަކުގައި ދަންނަވާފައިވާނެ ފަދައިން، މަޑަވެލީގެ ރަށްވެހިކަން ނުވަތަ އެރަށް އާބާދުވެފައިވަނީ، އެންމެ ފުރަތަމަ އެރަށަށްހިޖްރަކުރި ދެ ޢާއިލާގެ ދަރިފަސްކޮޅާއި، އޭގެފަހަށް ހިޖްރަކުރި މީސްމީހުން، ކައިވެނީގެގޮތުން ގުޅިގެންނެވެ. އެގޮތުން ދޮންނެއިގެ ޢާއިލާއަށް ނިސްބަތްވަނީ، ހަތްފިރިހެނުން ނެވެ. މޫސާމާލިމީގެ މަޑަވެލީ އިސްމާޢީލްކަލޭގެ ޢާއިލާއަށް ނިސްބަތްވަނީ (އަންހެން/ފިރިހެން) ފަނަރަ މީހުންނެވެ. ދެން އެންމެ ގިނަމީހުން ނިސްބަތްވާ ޢައިލާއަކީ، ކާށިހުޅުދޫ އުޡުމާނާގެ ޢާއިލާއެވެ. މި ޢާއިލާއަށް ނިސްބަތްވަނީ (އަންހެން/ފިރިހެން) ބާރަ މީހުންނެވެ. ނަމަވެސް މި ޢާއިލާއަކީ، ތަންކޮޅެއްފަހުގެ ޢާއިލާއެކެވެ.

ކޮންމެއަކަސް ކައިވެނީގެ ގޮތުން (އެކިދުވަސްވަރު) މިދެންނެވި ތިން ޢާއިލާގެމީހުންނާއި އަދިވެސް ހިޖްރަކުރި އެހެނިހެން މީސްމީހުން ގުޅިފައިވާގޮތް އެހާ ތަފްޞީލުކޮށް އެނގޭނެގޮތެއްނުވިއެވެ. ވުމާއެކު، އަންނަނިވި ބަޔާންތައް ލިޔެފައިއެވަނީ، މަޢުލޫމާތުދެއްވި މީސްމީހުން ދެއްވި މަޢުލޫމާތުގެއިތުރަށް އަޅުގަނޑު ހޯދި ހޯދުންތަކުގެ އަލީގައެވެ.

ދޮންނެއިގެ ދަރީނީ:
  
1- ދޮންމުޙައްމަދު މީނާ ކައިވެނިކުރީ މަޑަވެލީ އިސްމާޢީލުކަލޭގެ ދި ކައިދާއާއިއެވެ. ޢާއިލާ އެބައޮތެވެ.
2- ދޮންކަލޯ، މީނާ ކައިވެނިކުރީ މަޑަވެލީ އިސްމާޢީލުކަލޭގެ ކައިދާއާއި އެވެ. ޢާއިލާވަނީ، ނަޑާލިވެފައެވެ.
3- ދޮންޙުސައިން، މީނާ ކައިވެނިކުރީ ހަވަރުތިނަދޫގެ ބޭކަނބަލަކާއިއެވެ. ނަމެއް ނޭނގެއެވެ. މއ.ތިނަދޫގެ މުޙައްމަދު ޖަމާލުއާއި، ތިނަދޫ / ޒެނިތު ދޮންރެކިދައިތަގެ ޢާއިލާއަކީ، މިއީއެވެ.
4- ދޮންޙަސަނު މީނާކައިވެނިކުރީ، މަޑަވެލީ އިސްމާޢީލުކަލޭގެ ކުޑަދިޔެއާއިއެވެ. ޢާއިލާ އެބައޮތެވެ.
5- ދޮންއިބްރާހިމް މީނާކައިވެނިކުރީ ހަވަރުތިނަދޫ ބޭކަނބަލަކާއިއެވެ. ނަމެއް ނޭނގެއެވެ. މިޢާއިލާ ނިސްބަތްވަނީ ހަވަރުތިނަދޫ އަށެވެ. އެރަށުން މިޢާއިލާގެމީހުންނަކީ، ހަވަރުތިނަދޫ ބެރުކަޅުފުތު (ބެރެޖަހަނެ ކަޅެހުތު) މީހުންނެވެ. ބެރެކަޅުފުތުގެ ޢަބްދުއްރަޙުމާނުގެ ޢުޘްމާނުގެ ޢަލިފުތު ދިރިއުޅެނީ މަޑަވެލީ ރާސްޕަރީގޭގައެވެ. ޢާއިލާ އެބައޮތެވެ. ބެރުކަޅުފުތުގެ ކަޅެކުއްދަގެ އައިސަ ދިރިއުޅެނީ ކ.އަތޮޅު ގުރައިދޫގައެވެ. ޢާއިލާ އެބައޮތެވެ. ބެރެދޮންކަލޯ، ކޮރައްޔަ ހަސަނުގެ ޙަލީމައާއި، ކައިވެނިކޮށްގެން ލިބުނު ފުއާދު ދިރިއުޅެނީ ގުރައިދޫ ވަލުގޭގައެވެ. ޢާއިލާ އެބައޮތެވެ. ބެރުކަޅުފުތުގެ ބެރުކާސިންފުތު ދިރިއުޅެނީ ގުރައިދޫ ބެރުގޭގައެވެ. ޢާއިލާ އެބައޮތެވެ.

{ނޯޓް: ކޮރައްޔަހަސަނުގެ ދި ޙައްވާ ޙަސަންއާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ދަޑުކޮޑޭ މޫސާތަކުރުފާނު (ދަޑުކޮޑޭރެއްކާބެއްޔަ) އެވެ. މިދެކަނބަލުންގެ ދަރިންނަކީ އާމިނަތު މޫސާ އާއި އިބްރާހީމް މޫސާ އާއި ޢާއިޝަތު މޫސާ އެވެ. ޢާއިޝަތު މޫސާ އާއި ކައިވެނިކުރެއްވީ މއ.ސިލްވަސީން ޙަސަން މަނިކު(ރ.އިނގުރައިދޫ) އެވެ. މި ޢާއިލާތައް އެބައޮތެވެ.} ދަޑުކޮޑޭ ހުތާބެއްޔާ ކައިވެނިކުރެއްވީ ފުވައްމުލަކު ވެރާ ޙައްވާ އާއިއެވެ. މި ޢާއިލާގެމީހުންނަކީ ހަވަރުތިނަދޫ "ފަތިސް" އަދި "ހ.ފޭދޫގޭ" މީހުންނެވެ.}

6- ދޮންއަލިފުތު، މީނާ މަޝްހޫރުވެފައިވަނީ، ކެރެއްދޫގޭ ދޮންއަލިފުތުގެ ނަމުންނެވެ. މީނާ ކައިވެނިކުރީ ޗާރުޗީގެ ދޮންރައްކަލާގެ ސަންފާދިޔެ/ހީނާމާގެ އާއި އެވެ. ޢާއިލާ އެބައޮތެވެ.
7- ދޮންއިސްމާޢީލް މީނާކައިވެނިކުރި މީހަކު ނޭނގެއެވެ. މީނާއަށް ލިބުނު ކުއްޖަކީ، ޙަލީމާއެވެ. މި ޢާއިލާވަނީ ނަޑާލިވެފައެވެ. މިލިޔުނީ ދޮންނެއިގެ ޢާއިލާގެ މާޒީން އެނގެންއޮތް މިންވަރެވެ. ކުރިއަށް އޮތް ބައިތައް "ﷲ އިރާދަކުރެއްވިޔާ" އެހެން ބަޔާނެއްގައި ލިޔެވޭތޯ ބަލާނަމަވެ.

މޫސާ މާލިމީގެ މަޑަވެލީ އިސްމާޢީލް ކަލޭގެ ދަރީނީ:

1- ބޮޑުއަލިބެ، ބޮޑުއަލިބޭ ކައިވެނިކުރީ ހަވަރުތިނަދޫ މަރިޔާއި އެވެ. ޢާއިލާ މަޑަވެލީގައި އެބައޮތެވެ.
2- ޢުޘްމާނު، މީނާކައިވެނިކުރީ ފަރެހު ބޭކަނަބަލަކާއި އެވެ. ޢާއިލާ އެބައޮތެވެ.
3- ދޮންޙުސައިން، މީނާކައިވެނިކުރީ ހަވަރުތިނަދޫ ކުދެކުއްދެ އާއިއެވެ. ޢާއިލާ އެބައޮތެވެ.
4- ބޮޑުޔޫސުފް، ކައިވެނިކުރީ، ސަންފާދިޔެ އާއިއެވެ. ރަށެއް ނޭނގެއެވެ. ޢާއިލާ އެބައޮތެވެ.
5- އާދަނު، މީނާކައިވެނިކުރީ ދޮންނެއިގެ ދޮންއިސްމާޢީލުގެ ޙަލީމާ އާއިއެވެ. ޢާއިލާގެ ތަފްޞީލެއް ނޭނގެއެވެ.
6- ފާތިޔެ، ކައިވެނިކުރީ ދޮންނެއިގެ ދޮންމުޙައްމަދު އާއިއެވެ. މިބަނޑަށް ޢާއިލާއެއް ނުއުފެދެއެވެ.
7- ދޮންއައިސަ، މީނާކައިވެނިކުރީ، ތަނޑިރަތްމާގޭ ބީރުޢަލިބެ އާއިއެވެ. މި އަލިބެ ނިސްބަތްވަނީ ކެރެއްދޫއަށެވެ. އެއީ މިހާރު ފަޅުރަށެކެވެ.
8- ކުދެދިޔެ، މީނާއާއިކައިވެނިކުރީ ދޮންނެއިގެ ދޮންހަސަނު ނުވަތަ ރާވެރިހަސަނު ނުވަތަ ޗާރްޗީ އެވެ. އާއިލާ އެބައޮތެވެ. މި ޢާއިލާގެ މީހުން ފާހަގަކުރެވިފައިވަނީ، ޗާރުޗީ ޢާއިލާގެ ނަމުންނެވެ.
9- ސަންފާކަމަލޭ، ފުރަތަމަ ކައިވެނިކުރީ، ކެރެއްދޫ ދޮންއަލިފުތު އާއިއެވެ. ލިބުނު ކުދީންނަކީ، ރަޙުމާނާއި، ޙަސަނު އެވެ. ޢާއިލާ އެބައޮތެވެ. އޭގެ ފަހުން ސަންފާކަމަލޭ ކައިވެނިކުރީ، މާލެއަތޮޅު ރަސްދޫކުރަމަތީގެ ބޭކަލެއްކަމަށްވާ ކަޅުއައްޔާއި އެވެ. މީނާއަށް  ލިބުނު ކުއްޖަކީ، ދިއްކަލޯ އެވެ. ޢާއިލާ އެބައޮތެވެ.
10- ކައިދާ، މަތީގައި ލިޔެފައިވާނެއެވެ.
11- މަގުދައިތަ، މަތީގައި ލިޔެފައިވާނެ އެވެ.
12- ރެކެދިޔެ، ޢާއިލާ އޮތްކަމެއް އެނގޭކަށް ނެތެވެ.
13- ބޮޑުދޮންއާމިނަ، މީނާއާއި ކައިވެނިކުރީ ކެލާ އަލިފުޅުގެ މޫސާފުޅެވެ. މޫސާފުޅަކީ ސަރުކާރުގެ އުޅަނދެއް ބަނުމުގެ މަސައްކަތާއި ޙަވާލުކޮށްފައި ހޯނޑެއްދުއަށް ފޮނުއްވި ބޭކަލެކެވެ. ޢާއިލާ އެބައޮތެވެ.
14- ޙަލީމާ (ސާދަ) ކައިވެނިކުރީ ދޮންނެއިގެ ދޮންއަލިފުތު އާއިއެވެ. ޢާއިލާ އެބައޮތެވެ.
15- މަރިޔާ، މީނާއާއިކައިވެނިކުރީ ކާށިހުޅުދޫ އުޡުމާނާގެ އަލިފުތު ނުވަތަ ކުއްދާބެ އެވެ. ޢާއިލާ އެބައޮތެވެ. މި ޢާއިލާގެ ތަފްޞީލު އެހެން ބަޔާނެއްގައި ލިޔެވޭތޯބަލާނަމަވެ.

މަޑަވެލީގެ ފުރަތަމަ ކަތީބަކީ، ރަދުން "ބަރުތީލަ" ކުރި ފަތްކޮޅަކުން މަޤާމުދެއްވި މުޙައްމަދު ކަތިއަކަލޭގެ އެވެ. ބަރުތީލަކުރި ފަތްކޮޅަކީ 25 ލާރިއަށް (ބޮޑުލާރިއަކަށް) ރަދުންގެ އަތްޕުޅުން ބައްލަވައިގަންނަ، ލާ އިން ސިއްކައެއް ޖައްސަވާފައިއޮންނަ ލިޔުމެކެވެ. ފަތްކޮޅު ދެއްވިއިރު ތަޚްތުގައިއިންނެވީ 1779 ން 1835 ށް ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (1ވަނަ) އެވެ. ފަތްކޮޅުލިބިލެއްވީ ހޯނޑެއްދޫ ބޮޑުކަލޭފާނުގެ އެހީތެރިކަމާއިއެކުގައިކަމަށް ހޯނޑެއްދޫ ބޮޑުގޭ އާދަމްފުތު ބުނެއެވެ. މިއާދަމްފުތަކީ، ބޮޑުކަލޭފާނުގެ ދޮށީ ދަރިފުޅެވެ.

މުޙައްމަދު ކަތިއަކަލޭގެއަށްފަހު ކަތީބުގެ (މިހާރު ޝޭޑީވިލާ)އަށް ނިސްބަތްވާ މީހުންގެގޮތުގައި މި ޢާއިލާއިން ދެން ފެންނަނީ:

1- އީސާކަތީބު/ޝޭޑީވިލާ
2- ޙަސަންކަތީބު/ޝޭޑީވިލާ
3- ޢަލިކަތީބު/ކަރަންކާގެ/ޝޭޑީވިލާ
4- މުހައްމާކަތީބު/ޝޭޑީވިލާ
5- ކަތީބުކުޑަކަލޯ/ބަހާރުގެ (ކަތީބުގޭ ސަންފާދިޔަގެ ފިރިކަލުން)
6- ޙަސަންކަތީބު/ކަރަންކާގެ (ކަތީބުގޭ ނުވަތަ ޝޭޑީވިލާ އާމިނަތު ރަނާގެ ފިރިކަލުން)
7- ޢަބްދުރައްޝީދު/ގްރީންވިލާ އެވެ. އަބްދުއްރަޝީދަކީ، ކަތީބުގޭ މަރިޔަންދިޔަގެ ފިރިކަލުންނެވެ.

{ނޯޓް: އެއްފޮއްޓެއްގައި "ހަތް"ފަތްކޮޅު ކިޔަނީ، މިދެންނެވި ހަތްމީހުން ކަތީބުގެއަށް ނުވަތަ މިހާރުގެ ޝޭޑީވިލާއަށް ނިސްބަތްވާތީ އެވެ. އީސާ ކަތީބުގެ މަންމައަކީ އިސްމާޢީލުކަލޭގެ ދި ކައިދާ ނަންބަރ ދިހައެއްގައި ލިޔެފައިވާ ކައިދާއެވެ.}

މުޙައްމަދު ކަތިއަކަލޭގެއާއި އިސްމާޢީލްކަލޭގެ ކައިދަ އާއި ދެމަފިރިންގެ އަސަރީގެއަށް ނިސްބަތްވަނީ:

1- މުޙައްމަދު ކަތިއަކަލޭގެ ކައިދަގެ މުދިން ޙަސަނު
2- މުދިން ޙަސަނުގެ މުދިން ޔޫސުފް
3- މުދިން ޔޫސުފުގެ މުދިން މުޙައްމަދު ނުވަތަ ކުޑަކަތީބު މުޙައްމަދު ރިޟާ (އަލިވާގެ) އެވެ. މިދެމަފިރިންގެ ފޫޅުމާގެއަށް ނިސްބަތްވަނީ، ބަޑެކުޑަފުތުގެ ކަތީބު ދޮންފުތު އެވެ. ކަތީބުކަމުގެ މަޤާމުގައި މަސްދުވަސްވީތަނާ އޭނާ ނިޔާވީއެވެ.

{ނޯޓް: "އަޅުންނަށްމަސައްކަތް، ބަޑެދޮންފުތަށް މަސް" މިއީ އެރަށުމީހުން ކިޔައިއުޅޭ މުހާވިރާބަހެކެވެ. އެކަންވީގޮތަކީ، ބަޑެދޮންފުތަށް ވަޒީފާލިބުނީ، މަހެއްގެ ތިންވަނަ ހަފުތާގައެވެ. އޭރުވެސް އޭނާއުޅެނީ ބަލިވެއެވެ. އަނެއްމަހުގެ ތިންވަނަހަފުތާގައި އޭނާ ނިޔާވެއްޖެއެވެ. އެދުވަސްވަރު ކަތީބުންނަށް މުސާރަދެނީ، މަސްވެރިން ބާނާމަހުންކަމަށްވާތީ، އޭނާއަށް ދެމަހެއްގެ މަހުމުސާރަ ނުވަތަ މަސްބައި ލިބުނީތީ އެވެ.}

އާދެ! ރޯސްވިލާ ކަތީބު ޔޫސުފް އަބޫބަކުރު އާއި، ސީނާޒް ޢަބްދުލްހާދީ އާއި، އޭސިއާ އަޙުމަދު ވަޙީދާއި، ދީނާރު މުޙައްމަދު ވަޙީދު ޙަސަން އެއީ އަދުގެތާރީޚެވެ. އަލިވާގޭ މުޙައްމަދު ރިޟާ ފިޔަވައި ލިޔެވިދިޔަ ހުރިހާބޭކަލުން މިހާރު (ޖުލައި 20،2013) ވަނީ ނިޔާވެފައެވެ. އެހުރިހާ ބޭކަލުންނަށް މާތްﷲ ގެ ހަޟްރަތުން ދާއިމީ ޘަވާބު މިންވަރުކުރައްވާށި. އާމީން! (ނުނިމޭ)
                  -------------------------------------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
18 ޖުލައި 2013