ދިވެހި ސަރުކާރުން ތައްޔާރުކުރި ބަންދަލް މުޚްތާރުފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައިވަނީ "ބަންދަލް މުޚްތާރަށް ހަދައިލީމާ ފީ އާރޮހެއްކަމަކު ވިކިދާނެ"އެވެ. "ބަންދަލް މުޚްތާރު" މިއީ އޭގެޒާތަށް އޭގެ ބޭނުމަށް ބަލާނަމަ ވަކި މިވެނި އެއްޗެއްނޫނެވެ. ނަމެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް އެއްޗަކަށް ކުރާ ކަމެއްގެ ނަމެކެވެ. އެއްޗަކަށްގެންނަ ބޭނުންތެރި ކުޑަ ބަދަލެއްގެ ނަމެކެވެ. ކޮންމެ އެއްޗެއްވެސް ބަންދަލް މުޚްތާރަށް ހަދައިލެވިދާނެއެވެ. އެއްޗެއްގެ ބޭނުންނުކުރެވި އެ އެއްޗެއް ނެތިދާނެކަމަށްޓަކައި ދެން އޭގެ ބޭނުންކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތެއް ހެދީމާ އެއެއްޗެއް ބަންދަލް މުޚްތާރަށް ހަދައިލެވުނީއެވެ. އެއްޗެއްގެ ނުވަތަ މަޢުލޫމާތެއްގެ ބޭނުންތެރިކަން އަންގައިދީ ވިސްނުވައި ދިނުމަށްވެސް އެ އެއްޗެއް ނުވަތަ އެ މަޢުލޫމާތެއް ބަންދަލްމުޚްތާރަށް ހަދައިލެވިދާނެއެވެ.

1974މ. ވަނަ އަހަރާ ހަމައަށް އައިއިރުވެސް ރާއްޖޭގައި ޅަފަތުގައި މަރުވާ ކުދިންގެ ވަރަށްބޮޑު ޢަދަދަކީ ވިހައިގެން ފޫޅު ކެނޑުމުގެތެރޭ ކަންތައްކުރެވޭ ގޮތާ އަދި އޭގެފަހުން ފޫޅުގެ ފާރު ނުހިކި ޖަރާސީމު ވަދެގެން ޖެހޭ ބައްޔެއްކަމަށްވާ "އިދިފުށަށްދަމާ ބަލީގައި" ދުނިޔެ ދޫކުރާ ކުދިންނެވެ. ދިވެހި ސަރުކާރުން ހެއްދެވި ބަންދަލް މުޚްތާރަކީ މި ބޭނުންތެރި މަޢުލޫމާތުގެ މައްޗަށް ހެއްދެވި ބަންދަލް މުޚްތާރެކެވެ. އޭގެ އަޞްލު ނުގެއްލޭގޮތަށް މީހުން އެއަށް ޝައުގުވެރިވާ ގޮތަށް ކުރެއްވި ކަމެކެވެ. އެއީ އިދިފުށަށްދަމާ ބަލިން ތުއްތު ދަރިފުޅު ސަލާމަތްވާނެ ގޮތާ އެބަލިން ރައްކައުތެރިވުމަށް ވެކްސިން ދޭންޖެހޭގޮތާ ބެހޭ ބަންދަލް މުޚުތާރެކެވެ. ފޫހިފިލުވައިލުމާ ހީނހީނ ހަލާކުވާ ބަޔަކު ހަލާކުވުމުގެތެރެއިން ވިޔަސް ރަނގަޅު ބިނާކުރަނިވި މެސެޖެއް ދޭ ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލެކެވެ. ގިނަބަޔަކު ބަލައިގަތް އަދި ހަނދާންހުރި ފައިދާކުރި ތަމްސީލެކެވެ. ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ރޭޑިޔޯޑްރާމާ "ނިއޯ ނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އަކީ އެއީއެވެ. އޭގެ ތަމްސީލު އޮތީ މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައެވެ. ތަމްސީލު އޮތް 3 ރޭ ވެސް ހައުސްފުލްވި ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރީ ލޯފަންމީހުންގެ ފަންޑަށެވެ.

މިލިޔުމުގައިވާނީ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބަލި "ނިއޯނޭޓަލް ޓެޓްނަސް"ގެ ނަމުގައި 1974 ގައި ކުޅުނު ރޭޑިޔޯ އަދި ސްޓޭޖް ތަމްސީލްގެ  ބައެއް މަޢުލޫމާތެވެ. މިއީ އޭގެ މަޤުޞަދުކަމަށްވާ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބައްޔާމެދު  ޢާއްމުން ހޭލުންތެރިކުރުވި އެއްޗެކެވެ. ނިއޯނޭޓަލް ޓެޓްނަސް" އާއި އެހެނިހެން ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލްތައް ވަރުންއަޅައި މިނެކިރައި މުޑުތުލައި އޭގެ މޮޅު ދެރަކަމާއި ލުއި ބަރުދަން ބަލަންއުޅުމަކީ މިލިޔުމުގެ ބޭނުމެއްނޫނެވެ.

1960 ވަނަ އަހަރު ހެލްތު އެސިސްޓެންޓުން ތަމްރީން ކުރައްވައި ރާއްޖެއަށް ޚިދުމަތްދެއްވަން ފެއްޓެވުމަކީ އެޚިދުމަތް މުޅި ރާއްޖެއަށް ޢާއްމު ކުރެއްވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ފެށުމެވެ. އެއީ ޞިއްޙީ ޚިދުމަތަށްޓަކައި ސަރުކާރުން އިންދެވި މުޅިން އާ ރޯ ކުރިއެކެވެ. އެކުރި ހެދި ބޮޑުވެ ގަހަކަށްވެ އެގަހުގެ އޮށްތަކުން އިތުރު ގަސްތައް ފެޅިއެވެ. އަދި އެގަސްތަކުގެ ޞިއްޙީ ހިޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ލިބުނެވެ. ކުރުގޮތަކަށް ދަންނަވާނަމަ މިހާރު މިލިބޭ ޞިއްޙީ ޚިދުމަތުގެ ހިޔާވަހިކަން މުޅި ރާއްޖެއަށް ފޯރަންފެށުމުގެ އަޞްލު ގުޅިފައި ވަނީ ސަރުކާރުން ރާއްޖޭގައި އެންމެފުރަތަމަ ތަމްރީންކުރެއްވި ހެލްތް އެސިސްޓެންޓުންގެ އަގުހުރި ޞިއްޙީ ޚިދުމަތާއި ހަމައިންކަމަށް އަޅުގަނޑު ދެކެމެވެ. ވިއްސާރަޔާ ވާރެޔާ އަވީގައި ދިވެހި ލޮބުވެތި މުވާޠިނުންނަށްޓަކައި ދިވެހި ދަރިންގެ ދުޅަހެޔޮކަމަށްޓަކައި މި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތާ އުޅުއްވަމުން ގެންދެވި އުނދަގޫ ދަތިހާލު ދިވެހިންނަށްވާނީ ފެނިފައެވެ. އެކަންވާނީ ކަށަވަރުކުރެވިފައެވެ. މިއީ ދިވެހިންގެ ނިމުމެއް ނެތް ޝުކުރު ޙައްޤު ވަރަށް ޚިދުމަތްތެރި ބޭފުޅުންކޮޅެކެވެ.


01 ސެޕްޓެމްބަރ 1973 ގައި ސަރުކާރުން އުފެއްދެވި އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރ (އޭ. އެޗް. އެސް. ޓީ. ސީ)އަކީ ސަރުކާރުން ކުރިން އިންދެވި ޞިއްޙީ ޚިދުމަތުގެ ގަސް ބޮޑުވެ އެގަހުގެ އޮށަކުން ފެޅި އިތުރު ގަހެކެވެ. "ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބަލީގެ މަޢުލޫމާތާ އިރުޝާދު ގެނެސްދޭ "ނިއޯނޭޓަލް ޓެޓްނަސް" ގެ ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލްގެ ބައިވެރިންނަކީ 1974 ގައި އޭ. އެޗް. އެސް. ޓީ. ސީ. (މިހާރު ފެކަލްޓީ އޮފް ހެލްތު ސައިންސަސް) ގެ އެދުވަސްވަރުގެ ދަރިވަރުންނެވެ. އޭގެ ސްކްރިޕްޓް ލިޔުއްވީ މއ. މާފުނަ އަލްފާޟިލް މުޙައްމަދު އިސްމާޢީލްފުޅެވެ. ނަމަވެސް ރޭޑިޔޯއާއި ސްޓޭޖް ތަމްސީލްގެ ޑައިލޮގް ނުވަތަ ދައްކާވާހަކަ އަކީ އެމީހެއްގެ ބައި އެމީހަށް ދޫކޮށްލި އެއްޗެކެވެ. އެދުވަސްވަރަށް ބަލާނަމަ "ނިއޯނޭޓަލް ޓެޓްނަސް" ތަމްސީލްގެ ބައިވެރިންގެރޯލް އަދާކުރި ރަނގަޅުކަމާ އަދި އޭގެތެރޭ ހުނަރުވެރި މުމައްސިލުން ތިއްބެވިކަމަށްވެސް އެދުވަސްވަރު ކަމުގެ ފަންނީބޭފުޅުން ފާހަގަކުރެއްވިއެވެ.

"ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖާއި ރޭޑިޔޯ ތަމްސީލް ކުޅުމުގެކުރިން ޚާއްޞަކޮށް އޭގެ ފަންޑިތަހެދުމުގެ ގޮތްތަކަށް އުސްތާޛުލްޖީލު ޝައިޚުލް މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ ދެއްވި އިރުޝާދަކީ އެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. "ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖް ތަމްސީލް މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައި ބޭއްވީ ރޭޑިޔޯ ތަމްސީލް ކުޅުމުގެ ކުރިންނެވެ. ސްޓޭޖް ތަމްސީލް ޢާއްމުކޮށް ބޭއްވުމުގެކުރިން އޭގެ ރިހާސަލް ބައްލަވައިލެއްވުމަށް އުސްތާޛުލްޖީލު މަޖީދިއްޔާ ސްކޫލަށް ވަޑައިގަތެވެ. އެރޭ ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަޑައިގަތެވެ. އޭގެފަހުން އެތަމްސީލަށް އުސްތާޛުލްޖީލު ޚާއްޞަ އިރުޝާދުތަކެއް ދެއްވިއެވެ. އޭގެ އެއްކަމަކަށް އެމަނިކުފާނުގެ ދަރިކަނބަލުން (ޑރ. އާމިނަތު ޖަމީލް) މެދުވެރިކުރައްވައި ވިދާޅުވަނީ [ޢަލިފުތާބެއްޔާގެ ފަންޑިތައިގައި ދުޢާއެއް ކިޔާހެން ކިޔާ އެއްޗެއްގައި ކިޔަނީ ކީކޭކަން މީހުންނަށް ނޭނގޭގޮތަކަށް ކިޔާށެވެ.] ޑރ. އާމިނަތު ޖަމީލަކީ އޭރު އޭ. އެޗް. އެސް. ޓީ. ސީ ގެ ޓިއުޓަރއެއްގެ އިތުރަށް އެޑްމިންގެ އިސް ބޭފުޅެއްވެސްމެއެވެ.

"ދިވެހިރާއްޖޭގެ އަޑު"ގެ މަޝްހޫރު "ގިތެޔޮގުޅި"އަކީ "ނިއޯނޭޓަލް ޓެޓްނަސް"އަށް އުސްތާޛުލްޖީލު ދެއްވި އިރުޝާދެއްގެ ފަހުން އެމަނިކުފާނު ލިޔުއްވި ޢިބުރަތްތެރި މަޖާ ކަންކަމެއްގެ ރޭޑިޔޯ ތަމްސީލެކެވެ. "ގިތެޔޮގުޅި"ލިޔުއްވި ބޭފުޅަކީ އުސްތާޛުލްޖީލު ކަމަށް ދަންނަވައިލުމުން އެކަނި ވެސް އޭގެ އޮއްޓަރު ހުންނާނެ ގޮތް އެނގެންޖެހެއެވެ. އެވަރުން ފުދޭނެއެވެ. އޭގެ އިތުރަށް އެތަމްސީލްގެ މުހިއްމު ރޯލްތައް ކުޅުއްވި "ރޭޑިޔޯ މޯލްޑިވްސް"ގެ ސަމަރޭ، ބަދުރު، ޒުހޭރާ، މިންނާ، ޢ.ދ. އަޙުމަދުފުޅު، މޫސާ ރުޝްދީ، ނަޖުމާމެން ބޭފުޅުންނަކީ މިކަހަލަ ކަންކަމުގެ ފަންނީ ހުނަރުވެރި ބޭފުޅުންނެވެ. މައިކާއި ވަރަށް"ރައްޓެހި" ބޭފުޅުންނެވެ. މައިކުވެސް އޭގެ ޒާތުގައި އެބޭފުޅުންނާ އެހާ "ގާތް" ބޭފުޅުންނެވެ.


"ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖް ތަމްސީލްގެ ފަހުން ރޭޑިޔޯ ތަމްސީލް ކުޅުނު އިރު "ރޭޑިޔޯ މޯލްޑިވްސް"ގެ ވެރިޔެއްކަމަށްވާ އަލްފާޟިލް ބަދުރުއްނަޞީރުގެ ބޭނުންތެރި އިރުޝާދުތަކެއް ތަމްސީލަށް ލިބިފައިވުމަކީވެސް ތަމްސީލްގެ މަޤްބޫލްކަން އިތުރުވުމާ މަޝްހޫރުވުމުގައި ފާހަގަކުރެވޭ ކަމެކެވެ. އިރުޝާދުގެ ފެއްޓެވުމަކަށް ބަދުރު ވިދާޅުވީވެސް ޑްރާމާގެ ބައިވެރިން އޭނާއާ ވަރަށްގަޔާވާ ކަހަލަ މަޖާ އެއްޗެކެވެ. ބަދުރުގެ ސަމާސާ މިޒާޖާ އެއްގޮތަށެވެ. ވިދާޅުވީ، [ޢަލިފުތާބެއްޔާ ފަންޑިތަ ހަދާއިރު އަހަންނާއި ދިމާލަށް ބަލާނަމަ އެއީ ވަރަށްބޮޑު ކަމެކެވެ.] 

ނިއޯނޭޓަލް ޓެޓްނަސް"ގެ ރޭޑިޔޯ ތަމްސީލް ރެކޯޑްކުރުން އޮތީ މީގެ 38 އަހަރުކުރިން ފަރީދީ ސިނަމާ ހިންގި ޢިމާރާތުގައެވެ. އެދުވަސްވަރު ރޭޑިޔޯއިން ފޮނުވާ ބައެއް ޕްރޮގްރާމްތައް ރެކޯޑްކުރަނީ އެތާނގައި ހުންނަ ރޭޑިޔޯ މޯލްޑިވްސްގެ ސްޓޫޑިއޯއެއްގައެވެ. ތަމްސީލް ރެކޯޑްކުރުމުގެ ތެރޭ 2 ރޭ ހަޔެއްކަފަހަރު "ޖައްސަން"ޖެހުނެވެ. އެއީ ފަންޑިތަވެރިޔާ ފަންޑިތަހަދަން ފެށުމާއެކު ރޭޑިޔޯ މޯލްޑިވްސްގެ ވެރިޔަކަށް ފަންޑިތައިގެ އަސަރު ފޯރާތީއެވެ. ދެރަކޮށް ދިމާވިކަމެކެވެ. ސްޓޫޑިއޯގައި ފަންޑިތަހަދާއިރު އެތަނާ ޖެހިގެން ހުންނަ ބައިގައި ރެކޯޑްކުރަމުން ގެންދެއެވެ. މި ދެބައިގެ އެއްބައި އަނެއްބައިގެ ދޭތެރޭ ސައުންޑް ޕްރޫފް ބިއްލޫރިލައްވާފައި ހުއްޓަސް އެއްބައިގެ ވާނުވާ އަނެއްބަޔަށް ރީތިކޮށްފެނެއެވެ. އެހެންވުމުން ވާގޮތަކީ އެއްބައިގައި އިން ފަންޑިތަވެރިޔާ ފަންޑިތަހަދަން ފަށައިގެން ވަކި ހިސާބަކަށް ދާއިރަށް އަނެއްބައިގައި އިންނެވި ރޭޑިޔޯ މޯލްޑިވްސްގެ ވެރިއަކަށް އެފަންޑިތައިގެ އަސަރު މާބޮޑަށް ފޯރަނީއެވެ. އެކަމަކު ފަންޑިތަހަދަނީ ކޮންމެހެން ރޭޑިޔޯ މޯލްޑިވްސްގެ އެއްވެސް ވެރިއަކަށް އެއްވެސްކަމެއް ކުރާކަށް ނޫނެވެ. ތުއްތު ކުއްޖެއްގެ ފޫޅު ކަނޑަންވާގޮތަށް ފޫޅު ނުކެނޑުމުގެ ސަބަބުން އެކުއްޖަކަށް އިދިފުށަށްދަމާ ބަލި ޖެހުނީމާ އެއީ ސިޙުރުގެ ކަމެކޭ ފަންޑިތަވެރިޔާ ބުނެގެން ކުއްޖާ ރަނގަޅުކުރުމަށް ސިޙުރު ބާޠިލްގެ ފަންޑިތަ ހަދަނީއެވެ. ނަމަވެސް އެފަންޑިތައިގެ އަސަރު ފޯރާކަމަށްވަނީ އެކުއްޖަކަށް ނޫނެވެ. ރޭޑިޔޯ މޯލްޑިވްސްގެ ވެރިއަކަށެވެ. އަލްފާޟިލް ބަދުރުއްނަޞީރަށެވެ. 

އެކި ފަންޑިތަ ދިމާވީމާ އެކި މީހުންނަށް ވާނީ އެކި ގޮތްކަމަށް ބުނެއެވެ. ބަދުރަށް ވާގޮތަކީ މާގަދަޔަށް ހިނިފުޅުވެޑުވެނީއެވެ. އަނެއްކޮޅުން އެތަން ފަންޑިތަވެރިޔާއަށް ފެނެއެވެ. ފެންނާތީ އޭނާއަށްވެސް ހެވެނީއެވެ. އެންމެފަހުން އެންމެންނަށްވެސް ހެވެނީއެވެ. ބަލިކުއްޖާ ނޫނީ ހަމަ އެންމެންނަށް ފަންޑިތައިގެ އަސަރު ފޯރީއެވެ. ބިނދިބިނދިފައި ހެވެނީއެވެ. ފަންޑިތަހަދަން ރަނގަޅަށް ނޭނގޭމީހުން އެކަހަލަ ކަންކަން ކުރާނަމަ ކަމާނުބެހޭ މީހުންނަށްވެސް އޭގެ އަސަރުފޯރަޔޭ ބުނެއުޅެނީ މިހެންވީމާކަން ނޭނގެއެވެ. ކޮންމެއަކަސް ރެކޯޑްކުރުން އެހިނދަށް ހުއްޓުނީއެވެ. އަނެއްކާ އަލުންބަލުން "ޖައްސަން" ޖެހެނީއެވެ. މިއީ އެދުވަސްވަރުގެ ރެކޯޑިންގެ ކަންތައް ހުރިގޮތެވެ. ސާމާނުގެ ގޮތެވެ.

އެދުވަސްވަރަކީ މިދުވަސްވަރެއް ނޫނެވެ. މިހާރު މިފެންނަ ކުރިއަރާފައިވާ ސާމާނެއް އޭރަކު ނެތެވެ. ނުހުއްޓި ކުރިއަށްދާން ޖެހޭ ރެކޯޑިންގއެއްގެ އެއްވެސް ހިސާބަކުން މެދުކެނޑޭ ގޮތެއް ވެއްޖެނަމަ އަލުންބަލުން ރެކޯޑިންގ "ޖައްސަން" ޖެހެނީ އެހެންވީމައެވެ. ރެކޯޑިންގގެ ކަންތައް މިހާރުހުރީ އެހެނެއްނޫނެވެ. 

މިސާލަކަށް މިހާރު ރެކޯޑްކުރާ ލަވައަކަށް ބަލާނަމަ އެއްދުވަހު ހަމައެކަނި ލަވައިގެ މައިގަނޑު ރެކޯޑްކޮށްފައި އަނެއްދުވަހު ރާއްޖެއިން ބޭރަށް ގޮސް 6 ދުވަސްފަހުން އެނބުރި އައީއެވެ. އޭގެ އަނެއްދުވަހު ލަވައިގެ ފުރަތަމަ ކަޑި ރެކޯޑްކޮށްފައި ކޮފީއަކަށް ޖައްސާލަންވީއެވެ. އެދުވަސް ދިޔައީއެވެ. ދެން އޭގެފަހުން ދުވާލަކު ލަވައިގެ އެންމެކަޑިއެއް ރެކޯޑްކުރަމުން މެދުކެނޑެމުން އެގޮތަށް 6 ދުވަހުން މައިގަނޑާއި 6 ކަޑި ކިޔުނު ލަވައިގެ 6 ކަޑި މިހާރު އެގުޅާލަނީ ފަށައިގަތްގޮތަށް ނުހުއްޓައި މައިގަނޑާއި 6 ކަޑި ކިޔައި ނިންމާލި ލަވައެއްހެންނެވެ. 6 މިނެޓް ނުވަނީހެވެ. އަދި މިހެންމެ މިހާރު ހަމަ އެންމެމީހަކަށް ހުރިހާ އެއްޗަކުން ހުރިހާ މިޔުޒިކެއްވެސް އެބަ ކުޅެވެއެވެ. އެހެންވީމާ އެދުވަސްވަރުގެ ރެކޯޑިންގ 2 ރޭ ހަޔެއްކަފަހަރު "ޖައްސަން"ޖެހުމަކީ އެހާ ބޮޑުކަމެއް ނޫނެވެ. ދިހަބާރަ ރޭ ދިހަބާރަ ފަހަރު "ޖައްސަން" ޖެހުނަސް ހަމަ ރަނގަޅެވެ. އެއީ ކުޑަކުޑަ ކަމެކެވެ. ކޮންމެއަކަސް އެވީކަމެއްވެ ނުވީކަމެއް ނުވެ "ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އެވަނީ ވުޖޫދަށް ގެނެވިފައެވެ. އަޑު އިވޭފަށަށް ފެންނަފަށަށް ތިލަކުރެވިފައެވެ. 

"ނިއޯނޭޓަލް ޓެޓްނަސް"އަކީ ވަރަށްބޮޑަށް ޢާއްމުން ހޭލައްވައިލި އެއްޗެކެވެ. ވިސްނުންތެރި ކުރުވި އެއްޗެކެވެ. އުފަންވާކުދިން ފޫޅު ކަނޑާއިރު ޖަރާސީމުން ރައްކާތެރިވެފައި ނުވާ ކުރަފަތާ ރޭޒަރާ ކަތުރުފަދަ އެއްޗެތީގެ ބޭނުންކުރުމުން ކުއްޖާއަށް އިދިފުށަށްދަމާ ބަލި ޖެހޭ ގޮތެވެ. އެކަމުން ކުއްޖާއަށް ލިބޭ ވޭނެވެ. އުނދަގުލެވެ. ބަލިން ރައްކާތެރިވުމުގެ ވެކްސިން ދިނުމުގެ ބޭނުންތެރިކަމެވެ. ވެކްސިންދޭނެ ގޮތެވެ. އަދި ބައްޔެއް ކަމެއް ދިމާވީމާ އޭގެ ހުރިހާވެސް ޙައްލަކީ ފަންޑިތަނޫން އެހެން އެއްވެސް އެއްޗެއްނޫން ކަމަށް ޒަމާނުއްސުރެ ހީކުރެވޭ ހީކުރުމުގެ މޮޔަކަމެވެ. ބޭކާރުގޮތުގައި ފަންޑިތައަށް ހޭދަވާ ވަގުތާ އެކަމަށް ހޯދަން އުނދަގޫވާ ތަކެއްޗެވެ. ފައިސާއެވެ. އަދި ފަންޑިތައިގެ ނަމުގައި ބައެއް މީހުން ވިޔަސް ކުރާ މަކަރުވެރި ކަންކަމެވެ. "ނިއޯނޭޓަލް ޓެޓްނަސް" ނިމިގެންދާއިރު މިދެންނެވި ހުރިހާ ކަމަކަށް ޢާއްމުންނަށް ވަރަށް ބޮޑު ހޭލުންތެރިކަމެއް ގެނެސްދެއެވެ. އޭގެ ލަނޑުދަނޑި ޙާޞިލްވެއެވެ. 

"
ނިއޯނޭޓަލް ޓެޓްނަސް"ގެ ކާމިޔާބަށް ބައްލަވައި މުޖުތަމަޢަށް ބޭނުންވާ އެފަދަ ބޭނުންތެރި ކަންކަމާ ގުޅޭ އިތުރު ތަމްސީލްތައް ގެނެސްދެއްވުމަށް ޞިއްޙީ މަޢުލޫމާތު ދެއްވާ ސަރުކާރުގެ އިސް ފަރާތްތަކާ އަދި "ދިވެހިރާއްޖޭގެ އަޑު"ގެ ބައެއް އިސް ބޭފުޅުންގެވެސް ޝައުގުވެރިކަމެއް ހުއްޓެވެ. އެތަމްސީލްގެ ބައިވެރިންނާއެކު ވިޔަސް މުޖުތަމަޢަށް ބޭނުންތެރި "ބަލައިގަންނަ" މެސެޖްތަކެއް ގެނެސްދެއްވޭތޯއެވެ. ޚާއްޞަކޮށް ޑރ. އާމިނަތު ޖަމީލު އާއި ރޭޑިޔޯގެ ބޭފުޅުންކަމަށްވާ ބަދުރުއްނަޞީރާއި މައިޒާން އަޙުމަދު މަނިކާއި އިސްމާޢީލް ޢަބުދުﷲ އާއި އަދި ޢަލީ ޢަބުދުﷲ މެންނަކީ މިކަމާ އުޅުއްވި ބޭފުޅުންނެވެ. ނަމަވެސް އެކަމުގައި ދިމާވަމުންދިޔަ ދައްޗަކީ ބޭނުންވާ ތަކެއްޗާ ފައިސާގެ ކަމެއްނޫނެވެ. ދައްޗަކީ ތަމްސީލްގެ ބައިވެރިން އެއްތާކަށް ގެނައުމުގެ ކަންތަކެވެ. އެބައިވެރިންނަށް އެކަމަށް ވަގުތުނުލިބޭ މައްސަލައެވެ. މިކަމަކީ ފަސޭހަކަމަކަށް ނުވެ އަދި މިހާތަނަށްވެސް ޙައްލެއްނުލިބި ދަނީއެވެ. 

"ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އަށް ޢާއްމުންގެ އެހާ ބޮޑު ޝައުގުވެރިކަމެއް ހުރީ އެމީހުން ގަޔާވި ގިނަ ކަންކަމެއް އޭގައި ހުރުމުންނެވެ. ހުރި ކަމެއްގައި ހުރި ގޮތެއްގައެވެ. އޭގެ ޑައިލޮގެވެ. ވާހަކަދައްކާ ގޮތެވެ. ފަންޑިތައިގެ ގޮތްގަނޑެވެ. ވާހަކަދައްކާ މަޖާގޮތެވެ. އަދި  ހެއްވާ ބަހުރުވައިން ވާހަކަދެއްކި ތަމްސީލަކަށްވެސް ވުމެވެ. އެހެންވުމުން "ނިއޯނޭޓަލް ޓެޓްނަސް"އަކީ އޭގެ ލަނޑުދަނޑި ރަނގަޅަށް ޙާޞިލްވި ކާމިޔާބު ތަމްސީލެއްކަމަށް ޤަބޫލުކުރެވެއެވެ. (ނިމުނީ)                        -------------------
ޢަބުދުﷲ ޙިލްމީ
25/12/2012