ފުވައްމުލަކުގެ ޢިލްމީ އުދަރެހުން ވާދޫ ގައްދަނޑު މަނިކުފާނުކޮނޑޭ މޫސާ މަނިކުފާނާއި، އޭނާގެދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނުގެ ރަށަކަށް ވާނީ ކޮން ރަށެއްތޯ ބެއްލެވުމަށް "ރަށް ސާބިތުކުރާ ފޯމު" ހުށަހެޅުއްވުމުގެ ކަންތަކާ އަޅުގަނޑުމެންގެ ގާތް ބޭފުޅަކު އުޅުއްވަނިކޮށް އަނެއްކާ އަޅުގަނޑުމެންގެ ގާތް އެހެން ބޭފުޅަކު ވެސް އެފަދަ ފޯމެއްގެ ކަންތަކާ އުޅުއްވާކަމަށް ވެއްޖެ އެވެ. މި ބޭފުޅެއްގެ ފޯމުގައި ވާދޫ ދަންނަ ކަލޭގެފާނާއި، ވާދޫ އަބޫބަކުރު ފަނޑިޔާރުތަކުރުފާނާއި، މީދޫ ޙަސަން ނާއިބާއި، ފޮނަދޫ ޚަޠީބު ތަކުރުފާނާއި، ފިޔޯރީ މާރާދަ ކަލޭގެފާނާއި، މުލަކު މުޙައްމަދު މަނިކުފާނާއި، ވާދޫ ގައްދަނޑު މަނިކުފާނާއި، ހިތަދޫ ޙަސަން މަނިކުފާނާއި، އިސްދޫ އިބްރާހިމް ޝާހު ބަންދަރާއި، މީދޫ ޔޫސުފް ނާއިބު ތަކުރުފާނާއި، މި ކަހަލަ ބޭފުޅުންކޮޅެއްގެ ނަންފުޅު ވެސް އޮތްކަމަށް ވެއެވެ. ރަށް ސާބިތުކުރުމާ ބެހޭ މި ކަހަލަ ކަމެއް ހިނގާނަމަ ފިޔޯރީ ދޮންދީދީ، ފިޔޯރީ ތުއްތީދީ، ސިންގަޕޫރު މަނިކުފާނު، ކާބުލް ޙަސަން ކަލޭގެފާނު، ގައްދޫ ޢަލިކަލޭގެފާނު، ފަދަ ބައެއް ބޭފުޅުންގެ ރަށަކަށް ވާނީ ކޮން ރަށެއްތޯ ބައްލަވަން ބޭނުންފުޅުވާނޭ ބޭފުޅަކު ހުންނެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މީހެއްގެ ރަށަކީ މިވެނި ރަށެކޭ، މީހެއްގެ ރަށަކީ މިވެނި ރަށެއް ނޫނޭ، ބުނާ ބުނުމާއި އަދި އެބުނާ ބުނުން ޤަބޫލުކުރުމާއި ނުކުރުމުގައި އެއް ގޮތްކަމެއް ނުފެނި ތަފާތު ބޮޑުވެގެންދާ ސަބަބަކީ މީހެއްގެ ރަށަކީ ކޮބައިކަމާ މެދު ޤަބޫލުކުރަންޖެހޭ މިންގަނޑަކީ ކޮބައިކަން އެނގެންނެތުމުން ކަމަށް ވެދާނެއެވެ. އަދި މި ކަމުގައި އެކި މީހުން އެކި މިންގަނޑުތަކުން ބަލާތީކަމަށް ވެސް ވެދާނެ އެވެ. އެ މީހެއްގެ ރަށަކަށް ވާނީ އެ މީހަކު އުފަންވި ރަށެއްތޯ، ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރި ރަށެއްތޯ، މަރުވިއިރު ހުރި ރަށެއްތޯ، މަރުވެ ވަޅުލެވުނު ރަށެއްތޯ، ނުވަތަ އެމީހަކާ އެމީހެއްގެ މަންމައާއި ބައްޕައާއި މާމައާއި މާފަ (މަންގެބައްޕަ) އާއި މުންނަ (ބައްޕަގެމަންމަ) އާއި ކާފައާއި މީގެ ތެރެއިން ގިނަ މީހުން ނިސްބަތްވާ ރަށެއްތޯ މި ކަން ނިންމާނެގޮތެއް ވެސް ނޭނގޭތީ އެވެ.

މިކަހަލަ ކަމަކާ ގާތް ބޭފުޅުންކޮޅެއް އުޅުއްވާއިރު އަޅުގަނޑުމެންނަށް ވީވަރަކުން އެ ބޭފުޅުންނަށް މަޢުލޫމާތުގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ރަނގަޅުކަމަކަށް ވާނެއެވެ. "ފޯމު"ގެ މަސައްކަތް ހަލުވިވާނީ ވެސް އޭރުންނެވެ. އަޅުގަނޑުމެންނަށް ލިބިހުރި މަޢުލޫމާތުގެ ކޮށިކަމެއްހުރުން އެއީ މުޅިން އެހެންކަމެކެވެ. އެބޭފުޅުން އެކަމަށް ވިސްނަވާނެ އެވެ.

ވާދޫ ގައްދަނޑު މަނިކުފާނަކީ ފުވައްމުލަކު އެދުރުއެދުރުންގެ ކިބައިން ޢިލްމު އުނގެނިވަޑައިގަތުމަށް ފަހު ހުވަދޫ ވާދުވަށް ވަޑައިގެން މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ ޢިލްމީދަންމަރުގެ އަލިކަން ފަނޑުވިޔަނުދެއްވައި ހިފެހެއްޓެވި ޢިލްމުވެރި ވިސްނުންފުޅު ތޫނު ޢިލްމުވެރިޔާ އެވެ. ކުދީންނަށް ޢިލްމު އުނގަންނައިދެއްވުމުގެ އިތުރަށް ބޮޑެތި މީހުންނަށް ވެސް ޢިލްމީ މައިދާން އިތުރަށް ފުޅާކޮށްދެއްވި އެވެ. އެ ދުވަސްވަރުގެ ރަސްކަމުގެފަރާތުން ގައްދަނޑު މަނިކުފާނާއި ވާދޫގެވެރިކަން މަތިކުރެއްވި ފަހުން ވެސް ތަޢުލީމީ ޚިދުމަތުގައި އޭނާ އުޅުއްވިކަމަށް ހުވަދޫ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ލިޔުއްވުންތަކާއި ހުވަދޫގެ ޚާއްޞަކޮށް ވާދޫގެ ހަރުދަނާ މުސްކުޅިންގެ ފަރާތުން ކުރިއްސުރެ އެނގެއެވެ. ގައްދަނޑު މަނިކުފާނަކީ ވާދޫގެ ތާރީޚުގައި އެ ރަށު އެންމެން ބޯލެނބި އެންމެން އިޙުތިރާމްކުރި ހަމައެކަނި އެރަށުގެވެރިޔާ ކަން ވެސް ފާހަގަކުރެވެއެވެ. "ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލެއްވި" މަޝްހޫރު ޢިލްމުވެރިޔާ ވާދޫ ގައްދަނޑު މަނިކުފާނަކީ އޭނާގެ ދުވަސްވަރު މާލޭގެ ރަސްކަމުގައި ތިއްބެވި ރަސްކަލުންނާއި ރަސްކަމުގެ ބޮޑުންނާއި ހުވަދޫ ވާރުވެރިކަންކުރެއްވި ހުރިހާ ފަރާތްތަކާ ދެކުނު ތިން އަތޮޅުގެ ކަމުވޮށިންނާ ވެސް ގުޅުންބޮޑު ހަރުދަނާ ބަސްވިކޭ ބޭފުޅެކެވެ. ދިމާވާ ބޮޑު ކަންކަމުގައި އޭނާ ދެއްވާ މަޝްވަރާއާއި ނަޞޭޙަތް "ކަމުފޮޅައި ދިޔަ" ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ.

ގައްދަނޑު މަނިކުފާނު ވާދޫއަށްވަޑައިގެން އެ ރަށުން ދަނޑުބިމެއް ބައްލަވައިގެން އެ ތާނގައި ގެއެއް އެޅުއްވި އެވެ. "ގަތް ދަނޑުގެ" އެވެ. ނުވަތަ އަޅުގަނޑުމެން މިކިޔާ "ގައްދަނޑުގެ" އެވެ. ވާދޫގެ ކުރީގެ ޢާއިލާތަކުގެ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ ވާދޫ ބިއްލޫރިޖެހިގޭ އަލްފާޟިލާ ޢާއިޝާ ދީދީ ވިދާޅުވަނީ ވެސް ގައްދަނޑު މަނިކުފާނަކީ ފުވައްމުލަކުން ވާދޫއަށް ވަޑައިގެން އެ ރަށުން ދަނޑުބިމެއް ބައްލަވައިގެން އެތާނގައި އެޅުއްވި ގޭގައި ހުންނެވި މޮޅު ބޭފުޅެކެވެ.

ވާދޫ ގައްދަނޑު މަނިކުފާނަކީ މުޡުހިރުއްދީން ރަދުންގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނުގެ ދަރިކަލެކެވެ. މުޙައްމަދު މަނިކުފާނެވެ. ބައްޕައަކީ ޢުސްމާނު މަނިކުފާނެވެ. ޢާއިޝާ މަނިކުފާނުގެ ފިރިކަލުންނަށް "މަނިކުފާނު" ކިޔާފައިވަނީ ރަސް ދަރިކަނބަލަކާ އޭނާ ކައިވެނިކުރެއްވުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރަސްކަލެއްގެ ބޭފުޅުންނާއި ކައިވެނިފުޅުކުރައްވާ ބައެއް ބޭފުޅުންގެ ނަންފުޅުތަކަށް އެ ދުވަސްވަރު އެކަހަލަ މާތްކުރުމުގެ ދަރަޖަ ގެނެވިފައި ހުރެއެވެ.

މުލަކު "ކަރިއްޔަ" އިން މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ދެކެވަޑައިގަތް ލިޔުމެއްގައި ވަނީ "ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން" މިހެންނެވެ. މިލިޔުމުގައި އެވާ ބޮޑު ޢާއިޝާފާނަކީ ޢާއިޝާ މަނިކުފާނެވެ. ބޮޑު ކިލެގެފާނަކީ މުޡުހިރުއްދީން ރަދުންނެވެ. މި ރަދުންގެ ފިރިހެންބޭފުޅަކަށް "މަނިކުފާނު" ކިޔާފައި އަންހެން ބޭފުޅަކަށް މަނިކުފާނެއް ނެތް "ފާނު"އެއް ނުކިޔާނެއެވެ. ޢާއިޝާފާނެކޭ، އާމިނާފާނެކޭ ނުކިޔާނެއެވެ. ކިޔާނީ ޢާއިޝާ މަނިކުފާނު، ނުވަތަ އާމިނާ މަނިކުފާނު މިފަދަ ގޮތަކަށެވެ.

ތާރީޚު ލިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ޝާޠިރު ލިޔުއްވަނީ [ސަތާރަ ވަނަ ގަރުނުގައި ފެށިގެން ދިޔަ، އިސްދޫ ރަސްކަމުގެ ދުވަސްވަރު ނިމުމަށްފަހު އެ ދަރިކޮޅުގެ ފިރިހެން ބޭފުޅުންނަށް، މަނިކުފާނު އަދި ރަހާ ކިޔާފައި ވެއެވެ.] އަދި ކަލަމިންޖާ، ތުއްކަލާ، ކަލާފާނު، ކަނބާފާނު، ރަހާ، ރަނާ، މަނިކުފާނު، މަނިއްޕުޅު، ގޮމާ، ދީދީ، މިއީ ރަސްދަރިކޮޅުގެ އަމީރުންނާއި (ޕްރިންސުންނާއި) އަމީރާ އިން (ޕްރިންސަސް އިން)ނާއި އެ ދަރިކޮޅުގެ ބޭފުޅުންގެ ނަންތަކެއް ކަން ތާރީޚު ދިރާސާ ކުރުމުން ސާބިތުވާކަމަށް ވެސް ތާރީޚު ލިޔުންތެރިޔާ ޝާޠިރު ލިޔުއްވައެވެ. ފުވައްމުލަކުގައި އުފަންވާ ބޭފުޅުންނަށް "މަނިކުފާނު" ކިޔަން ފެށުނީ މުޡުހިރުއްދީން ރަދުންގެ ދެމަފިރިކަނބަލުންނާއި އެބޭފުޅުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނު ފުވައްމުލަކަށް ފޮނުވައިލެއްވުމުގެ ފަހުންނެވެ.

މުޡުހިރުއްދީން ރަދުންގެ ޢާއިލާ މުލަކުގައި ތިއްބެވީ އެ ދަރިކޮޅުގެ ޢާއިލީ ގެ "ދައިގަޑު ގަނޑުވަރު"ގަ އެވެ. "ދައިގަޑު" ކިޔާ "ގެ" "ދައިގަޑު ގަނޑުވަރަށް" ބަދަލުވެފައިވަނީ ފުވައްމުލަކު ދައިގަޑު ދޮން ޢީސާ ޚަޠީބު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގަތް އިސްދޫ ޢާއިލާގެ ފެށުންކަމުގައި ހިމެނިވަޑައިގަތް އައްސުލްޠާނު ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމާއެކު ކަމަށް މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

މުޡުހިރުއްދީން ރަދުންނަށް، ދަރިކަނބަލުން ޢާއިޝާ މަނިކުފާނު ލިބިވަޑައިގެންނެވި ކަމަށް ޤަބޫލުކުރެވެނީ އެޢާއިލާ މުލަކަށް ފޮނުވައިލެއްވުމުގެ ފަހުންނެވެ. މުޡުހިރުއްދީން ރަދުންގެ އަނބިކަބަލުން ކަނޑޫދޫ ފާޠިމާ ކަނބާފާނާއި އަދި ތުއްޕުޅު ދަރިކަލުން މުޙައްމަދު (މުޙައްމަދު މަނިކުފާނު) އެފަހަރު، 22 ޝަޢުބާން 1116ހ. ގައި ކަނޑޫދޫއަށް ފޮނުވާލެއްވިކަމަށް ބައެއް ލިޔުންތަކުގައި ހުރެއެވެ. ދިވެހިތާރީޚު ފޮތުގައިވަނީ މުޡުހިރުއްދީން ރަދުން ޙައްޖު ދަތުރުފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަތުމުން އޭނާއާއި ތުއްޕުޅު ދަރިކަލުންނާއި އަނބިކަނބަލުން ފުވައްމުލަކަށް އަރުވާލެއްވީ ކަމަށެވެ. ދަރިކަނބަލެއްގެ ވާހަކައެއް އެ ފޮތަކު ނެތެވެ. ނަމަވެސް މުޡުހިރުއްދީން ރަދުން އެ ފަހަރު އެ ރަށުގައި ދުވަސްކޮޅެއް ހޭދަވިކަމަށް ތާރީޚުން އެނގެއެވެ.

"
ފަތްތޫރަ"އިގެ ބައެއް ޢަދަދުތަކުގައި "އިސްދޫ ދަރިކޮޅުގެ ފެށުން" މި ސުރުޚީގެ ދަށުގައި ދިވެހި މުއައްރިޚު އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައި ވަނީ އިސްދޫ ދަރިކޮޅުން އޭނާއަށް އެހާތަނަށް ހޯއްދެވުނު ވަކިވަކި ބައިތަކެކެވެ. އެއީ އިސްދޫ ދަރިކޮޅުގެ ޢަލިރަސްގެފާނު، ޙަސަން ރަސްގެފާނު، އަދި މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުންގެ ވަނަވަރު ހާމަކުރެއްވުމެއް ނޫނެވެ. މިހެން ދެންނެވީ އެ ދުވަސްކޮޅު އިތުރު ހޯއްދެވުމެއް ނެތް ނަމަވެސް އޭނާ އަށް އެނގިވަޑައިގަންނަވާނޭ ބައެއް ވަނަވަރުތަކަށް ވެސް އެ ލިޔުއްވުމުގައި ބައްލަވައިފައި ނެތުމުންނެވެ. މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ދިޔަމިގިލީ ދަރިކޮޅުން ޙާޖީ ބަންޑާރައިން ފިޔަވައި އިސްދޫ ދަރިކޮޅުން ޙަސަން ރަސްގެފާނާއި އަދި މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާއަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ދިވެހިތާރީޚުގެ ތަފާތު ގިނަ މަޢުލޫމާތްތަކެއް ހޯއްދެވި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ގިނަ ދިމަދިމާއަށް ވަޑައިގެން ތަފާތު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ދުވަސްވަރަކީ މުވާޞަލާތުގެގޮތުން މި ފެންނަ ފަސޭހަކަމެއް އޮތް ދުވަސްވަރެއް ނޫނެވެ. އެކި ރަށްރަށަށް ދަތުރުކޮށް އެކި މީހުންގެ ގާތުން އެކި ވާހަކަ އަހައިގެން ރާއްޖޭގެ ބޮޑުދަރިކޮޅެއް ލިޔުމަކީ އެދުވަސްވަރު އެއްވެސް މީހަކަށް ފަސޭހަވާނޭ ކަމެއްނޫނެވެ. އުދަނގޫ ބުރަ ކަމެކެވެ. އެކަން ކުރެވުމަށްވުރެ ގާތީ ނުކުރެވުމާ އެވެ. ކަން މިހެންހުރުމުން އެ މުއައްރިޚު ދުނިޔެ ދޫކުރެއްވުމާ ހަމައަށް ވެސް ކުރިން ދެންނެވި އިސްދޫ ދަރިކޮޅުގެ ވަކިވަކި ޢާއިލާތައް ހޯއްދެވުމަށް ނުވަތަ އެހެން ޢާއިލާއެއް ހޯއްދެވުމަށް ވިޔަސް އޭނާއަށް އުޅުއްވިފައިނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެފަދަ ބޭނުންފުޅެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިސްދޫ ދަރިކޮޅު ނުވަތަ އެ ދަރިކޮޅުގެ ވަކި ޢާއިލާއެއް މިހާރު ލިޔާ މީހަކަށް އެ މުއައްރިޚު ލިޔުއްވާފައިވާ ލިޔުއްވުންތަކުގެ އަލީގައި ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

"
ފަތްތޫރަ"އިގެ 25 ވަނަ ޢަދަދުން ފެށިގެން "އިސްދޫ ދަރިކޮޅުގެ ފެށުން" މި ސުރުޚީގެ ދަށުގައި މުއައްރިޚު އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަމުން ގެންދެވި ސިލްސިލާގައި ވެއެވެ.

"ތާރީޚުން އެގޭގޮތުގައި އިބްރާހީމް މުޡުހިރުއްދީން ރަދުންގެ ހުންނެވީ އެންމެ ފިރިހެންބޭފުޅެކެވެ. އެއީ މުލަކު މުޙައްމަދު މަނިކުފާނެވެ. ނަމަވެސް މުލަކު "ކަރިއްޔަ" އިން ފެނުނު ލިޔުމެއްގައި ވަނީ "ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން" މިފަދައިންނެވެ. އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައެއް ނުވެއެވެ. ނަމަވެސް މުޙައްމަދު މަނިކުފާނުގެ ދަރިކޮޅު ފާހަގަކުރެވެއެވެ. މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނެވެ. އަދި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ. ޙަސަން މަނިކުފާނުގެ ދަރިކޮޅުވަނީ "ހުޖުބު" ވެފައެވެ. ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި ހޯދިފައެއް ނުވެއެވެ. މިއަދާ ހަމައަށް ފާހަގަކުރެވެނީ މޫސާ މަނިކުފާނުގެ ދަރިކޮޅެވެ. އެއީ ދައިގަނޑު ގަނޑުވަރު މުޙައްމަދު މަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނެވެ. މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސް ވަނީ "ނަޑާލި" ވެފައެވެ."

"
ކަރިއްޔަ" އިން ދެކެވަޑައިގަތްކަމަށް މުއައްރިޚު ލުޠުފީ ވިދާޅުވާ މި ލިޔުން ފުރިހަމައަށް ލިޔެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

ފުރަތަމަކަމަކީ "ބޮޑުކިލެގެފާނުގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑު ޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން" މިހެންއޮތުމުގައި "ބޮޑު ޢާއިޝާފާނު" އެއީ ބޮޑު ޢާއިޝާ މަނިކުފާނަށް ވުމެވެ. ކުރިން ވެސް އަޅުގަނޑު ދަންނަވައިފައިވާނޭ ފަދައިން މުޡުހިރުއްދީން ރަދުންގެ ފިރިހެން ބޭފުޅަކަށް "މަނިކުފާނު" ކިޔާފައި އަންހެން ބޭފުޅަކަށް މަނިކުފާނެއް ނެތް "ފާނު" ނުކިޔާނެއެވެ. ޢާއިޝާފާނު، އާމިނާފާނު ނުކިޔާނެ އެވެ. ކިޔާނީ ޢާއިޝާ މަނިކުފާނު، އާމިނާ މަނިކުފާނެވެ. ބޮޑު ކިލެގެފާނުގެ ޢާއިޝާ މަނިކުފާނުގެ ނަމުގެ ކުރިއަށް މީހުން "ބޮޑު" ކިޔާފައި ވަނީ އެއް ގެއެއްގައި ނުވަތަ އެއް ޢާއިލާއެއްގައި ދެ ޢާއިޝާ މަނިކުފާނު އެއް ދުވަސްވަރެއްގައި ތިއްބެވީމައެވެ. އެއީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނާ އެއްބަނޑު އެއްބައްޕަ (ނުވަތަ ޔަޤީނުން އެއްބައްޕަ) ޢާއިޝާ މަނިކުފާނާއި މުޙައްމަދު މަނިކުފާނުގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނެވެ. އެހެންވީމާ ދެބޭފުޅުން ވަކިކުރުމަށް ދޮށީ ބޭފުޅާގެ ނަންފުޅުގެ ކުރިއަށް "ބޮޑު" ކިޔަނީ އެވެ. 

ދެވަނަ ކަމަކީ "ކަރިއްޔަ" ލިޔުމުގައި [ދެއްވަދޫ މީހުން] އެކަނި އޮތުމެވެ. އެ ލިޔުމުގައި "ވާދޫ މީހުން" އޮންނަން ޖެހެއެވެ. (ދެއްވަދޫގައި ބޮޑު ޢާއިޝާ މަނިކުފާނުގެ ބޭފުޅުން ތިއްބެވި ނަމަ އެ ބޭފުޅުން އަޅުގަނޑުމެންނަށް ނޭނގުނަސް) އެ ދުވަސްވަރު ވާދޫގައި ބޮޑު ޢާއިޝާ މަނިކުފާނުގެ ބޭފުޅުން ތިއްބެވި އެވެ. މުއައްރިޚު ލުޠުފީގެ ލިޔުއްވުމުގައި [އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައެއް ނުވެއެވެ.] މި ގޮތަށް ލިޔުއްވުމުން އެނގެނީ އެހާ ތަނަށް އޭނާއަށް އެކަމާ ނޫޅުއްވި އޮތްކަމެވެ.

ތިންވަނަ ކަމަކީ މުއައްރިޚު ލުޠުފީގެ ލިޔުއްވުމުގައި [މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެނގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނެވެ. އަދި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ.] މި ގޮތަށް ހަމައެކަނި 4 ބޭފުޅުން ފާހަގަކުރެއްވީމާ އެ ހިނދަށް ހޯއްދެވުނީ 4 ބޭފުޅުންކަން އެނގެއެވެ. އެހެން ބޭފުޅުން ނެތެކޭ ވިދާޅެއް ނުވެއެވެ. ވިދާޅުވީ  އަދި އެނގި ސާބިތުވެފައި ވަނީ 4 ބޭފުޅުންނެވެ. މިކަމަށް ބަލައިލަމާތޯއެވެ!

1- ޙަސަން މަނިކުފާނު (މުލަކު އަލްގެދަރު މިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލުން ހަދާފައިހުރި ބިސްތާނައިގައި ހުރި މަހާނަ ގަލުގެތެރެއިން ކިޔަން އެނގެނީ މި ދައިގަނޑު ގަނޑުވަރު ޙަސަން މަނިކުފާނުގެ މަހާނަގައު ކަމާއި މީނާގެ ދަރިކޮޅުވަނީ "ހުޖުބު"ވެފައި ކަމަށް ލުޠުފީ ލިޔުއްވައެވެ.)

2-  ޢަލިމަނިކުފާނު (މަޢުލޫމާތެއް ނުލިބޭ)

3- އާމިނާ މަނިކުފާނު (މި ނަން ކިޔާ ބޭފުޅެއްގެ މަޢުލޫމާތެއް ނުލިބެއެވެ. މިއީ  ޢާއިޝާ މަނިކުފާނަށް ވުން އެކަށީގެންވެއެވެ. ލިޔުމުގައި ނަމުގެ އޮޅުމެއްކަމަށް ވެސް ވެދާނެއެވެ.)
4- ކޮނޑޭ މޫސާ މަނިކުފާނު (މޫސާ މަނިކުފާނުގެ ދަރިކޮޅުން ފާހަގަކުރެވެނީ ދައިގަނޑު ގަނޑުވަރު މުޙައްމަދު މަނިކުފާނާއި ކޮޑޭ ޢަލިމަނިކުފާނު ކަމާއި އޭގެ ތެރެއިން މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވަނީ "ނަޑާލި"ވެފައި ކަމަށް މުއައްރިޚު ލުޠުފީ ލިޔުއްވުމުގައި މޫސާ މަނިކުފާނުގެ "ދައިގަނޑު ގަނޑުވަރު" މުޙައްމަދު މަނިކުފާނެއް ހުންނެވުމުން މޫސާ މަނިކުފާނަކީ، އޭނާގެ ބައްޕަ މުޙައްމަދު މަނިކުފާނު ކޮނޑޭއަށް ވަޑައިގަތުމުގެ ކުރީގައި ފުވައްމުލަކުގައި އުޅުއްވި ބޭފުޅަކަށްވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. މޫސާ މަނިކުފާނުގެ ދަރިކަލުން "ދައިގަނޑު ގަނޑުވަރު" މުޙައްމަދު މަނިކުފާނުގެ މަންމައަކީ ކޮބައިކަމެއް ނޭނގެއެވެ. ނަމަވެސް އޭނާގެ ދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނުގެ މަންމައަކީ މޫސާ މަނިކުފާނާއި ދެބެންގެ ދެދަރި ބޭބެ ވާދޫ ގައްދަނޑު މަނިކުފާނުގެ ދަރިކަނބަލުން ސަންފާ މަނިކުފާނު ކަން އެނގެއެވެ.)

މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ބޭފުޅުންގެ ތެރެއިން މުއައްރިޚު ލުޠުފީއަށް ވަގުތު ލިބިވަޑައިނުގަތުމުގެ ސަބަބުން ވިޔަސް އެ ދުވަސްވަރު އެ މުއައްރިޚަށް ފާހަގަ ނުކުރެއްވުނު ބޭފުޅުންނަށް ބަލައިލަމާތޯއެވެ!

5- އަޙުމަދު މަނިކުފާނު (މިއީ [ދިވެހި ރަސްކަމަށްވުރެ މުލަކު "ދިގަލަގެދަރު" އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލައިލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅޭ] ނޫރައްދީން (1) ރަދުންގެ އަރިހުގައި ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވިދާޅުވުމުގައި އެވާ އާމިނާ މަނިކެފާނުގެ ފިރިކަލުން ދައިގަނޑު ގަނޑުވަރު އަޙުމަދު މަނިކުފާނެވެ. މި ބޭފުޅުންގެ ޢާއިލާ އުފެދިފައެއް ނުވެއެވެ. ދިގަލަގެދަރު އާމިނާފާނަށް، އާމިނާ މަނިކުފާނު ކިޔާފައި ވަނީ އޭނާ އާއި ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނު ކައިވެނިކުރެއްވުމުންނެވެ.)

6- ޢާއިޝާ މަނިކުފާނު (މިއީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ފުރަތަމަ ކައިވެނިފުޅުކުރެއްވި އަނބިކަނބަލުން މަރިޔަމް މަނިކުފާނުގެ މަންމަ، ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނެވެ.)

ނަމްބަރ 6،5  ގައިވާ ދައިގަނޑު ގަނޑުވަރު ބޭފުޅުންނަކީ މުއައްރިޚު އިބްރާހީމް ލުޠުފީގެ ލިޔުއްވުމުގައި ފާހަގަކުރެއްވިފައި ނެތް ބޭފުޅުންނަށް ވުމުން އެނގެނީ އެހާ ތަނަށް ވަކި ދަރިކޮޅެއް ޢާއިލާއެއް ހޯއްދެވުމުގެ ބޭނުންފުޅެއްގައި އޭނާ މަސައްކަތްޕުޅެއް ނުކުރައްވާކަމެވެ.
ދިޔަމިގިލީ ރަދުންގެ ރަސްކަން ފެށުނީ 1704މ. ގަ އެވެ. ދޮން ބަންޑާރައިންގެ ރަސްކަން ފެށުނީ 1759މ. ގައެވެ. މި ރަސްކަމުގެ 3 ވަނަ އަހަރަކަށް ވާނީ 1761މ. އެވެ. ދޮން ބަންޑާރައިންގެ ރަސްކަމުގެ 3 ވަނަ އަހަރުކަމަށްވާ 1761މ. ން ދިޔަމިގިލީ ރަދުންގެ ރަސްކަން ފެށުނު 1704މ. އުނިކުރީމާ އަންނަނީ 57 އެވެ. މިޢަދަދު، މުޙައްމަދު މަނިކުފާނު އަވަހާރަވީ ޢުމުރުފުޅުކަމަށްވާ 85 ން އުނިކުރީމާ ދެން އަންނަ ޢަދަދު 28 މިއީ މުޙައްމަދު މަނިކުފާނު  އޭނާގެ ބައްޕާފުޅު މުޡުހިރުއްދީން ރަދުންގެ އަރިހުގައި ފުވައްމުލަކަށް ފޮނުވައިލެއްވި ކަމަށް ލަފާކުރެވޭ އެންމެގާތް ޢުމުރުފުޅެވެ. މި އުމުރުފުޅަކީ މުޙައްމަދު މަނިކުފާނުގެ ކައިވެނިފުޅަކުން އޭނާއަށް ބޭފުޅުން ލިބިވަޑައިގަތުން ވަރަށް އެކަށޭނަ ޢުމުރުފުޅެކެވެ. މުޙައްމަދު މަނިކުފާނު، ކޮނޑެއަށް ވަޑައިގަތީ ދިޔަމިގިލީ ރަދުންގެ ދުވަސްވަރުން ފެށިގެން ހޮޅީން ރާއްޖެއަށް އަތްގަދަކުރުމާ ދެމެދުގެ ދުވަސްވަރެއްގައި ކަމަށް ބެލެވެއެވެ. އޭރު އޭނާގެ ބޭފުޅުން ވެސް ތިއްބެވި އެވެ.

މުޙައްމަދު މަނިކުފާނުގެ ދަރިކަލުން ކޮނޑޭ މޫސާ މަނިކުފާނު ހުވަދޫން ކައިވެނިކުރެއްވީ އޭނާގެ ދެބެންގެ ދެދަރި ބޭބެ ވާދޫ ގައްދަނޑު މަނިކުފާނުގެ ދަރިކަނބަލުން ސަންފާ މަނިކުފާނާ އެވެ. ސަންފާ މަނިކުފާނާ ފިރިކަލުން މޫސާ މަނިކުފާނަށް ލިބިވަޑައިގަތީ ކިތައް ބޭފުޅުންކަމެއް ނޭނގެއެވެ. ނަމަވެސް ދަރިކޮޅު ހިނގާފައިވާކަން އެނގޭ ބޭފުޅަކީ ކޮނޑޭ ޢަލިމަނިކުފާނެވެ. އެކަން މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމުން ވެސް އެނގެއެވެ. މޫސާ މަނިކުފާނުގެ ދެމަފިރިކަނބަލުން  ކޮނޑޭގައިި ވެސް ތިއްބެވިއެވެ. އެއީ މޫސާ މަނިކުފާނުގެ ބައްޕަ މުޙައްމަދު މަނިކުފާނު ކޮނޑޭގައިހުންނެވި ދުވަސްވަރު އެރަށު "ތިރުގަނޑުވަރު"ގަ އެވެ. ނަމަވެސް ފަހުން މޫސާ މަނިކުފާނުގެ ދެމަފިރިކަނބަލުން  ވާދޫއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ކާފަ ދަރިކަނބަލުން ދޮންދީދީ ގެންގުޅުއްވަން ފެއްޓެވުމާ ގުޅިގެންނެވެ.

ފިރިކަލުންނާއި އެކީ ކޮނޑޭގައި ސަންފާ މަނިކުފާނު އުޅުއްވި ނަމަވެސް އޭނާ އާލާސްވެ އިންނަވައި ރައްކާވުމުގެ ދުވަސްވަރަށް އެޅުމުން ކޮނޑޭއިން ވާދޫ ގައްދަޑުގެއަށް ވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. ހުވަދޫ ވާދުވާއި ހުވަދޫ ކޮނޑޭއަކީ އެ ދުވަސްވަރު ވެސް ދިރިއުޅުމާ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ގިނަ ވަސީލަތްތަކުގައި ތަފާތުހުރި ދެރަށެކެވެ. އޭރު ވެސް ވާދޫ ގައްދަޑުގޭގެ ތަނަވަސްކަން ބޮޑެވެ. ވާދުވަކީ އައްޑޫ ފުވައްމުލަކުން ދަތުރުކޮށް ހުވަދުވަށްވަދެވޭ ކަނޑުއޮޅިއެއްގެ އެއްފަރާތުގައި އޮންނަ ރަށަކަށް ވުމުން ވިޔަސް އެ ރަށަށް އައިސް ގޮސްވާ މީހުންގެ ކާރޫބާރޫ ވެސް ހުއްޓެވެ. އެ ދުވަސްވަރު ގައްދަނޑު މަނިކުފާނު ވެސް ގައްދަނޑުގޭ ގައި ހުންނެވުމުގެ އިތުރަށް މި ބޭފުޅުންނަކީ ވަރަށް ތިމާގެ ބޭފުޅުން ވެސް މެއެވެ. އެ ދުވަސްވަރަކީ އަންހެނަކު ވިހެއުންފަދަ "ދިރިހުރުމާ މަރާ ދެމެދު"ގެ ކަމެއް ދިމާވީ ކަމަށް ބަލައިގެން އެ އަންހެނެއްގެ މައިންބަފައިން ތިބި ހިސާބަކަށް އެ މީހަކަށް ދެވެން އޮތް ނަމަ އެ މީހުންގެ ގާތަށް ދިޔަ ދުވަސްވަރެކެވެ. ވިއްސުމުގެ ފަންނީ ބޭފުޅުން ތިއްބަވާ ހަސްފަތާލު ފަދަ ތަންތަނަށް ގިނަ ބަޔަކު މިހާރު ދިޔަ ނަމަވެސް ކުރީގެ ދުވަސްވަރެކޭ އެއް ގޮތަށް މައިންބަފައިން ތިބި ތާކަށް ވިހަންދާ އަންހެނުން މިހާރު ވެސް މުޅިން ނެތެކޭ ނުދެންނެވޭނެ އެވެ.

ކޮނޑޭ ޢަލިމަނިކުފާނު، ކޮނޑޭގައި އުޅުއްވީ އައްސުލްޠާން ޙަސަން ޢިއްޒައްދީނާއި އައްސުލްޠާނުލް ޙާއްޖު ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު (1213 - 1173ހ.) ގައި ކަމަށް ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. ކޮނޑޭ ޢަލިމަނިކުފާނު އަވަހާރަވީ ވާދޫގައެވެ. އޭރު އޭނާގެ މަންމައާއި ބައްޕަ ދުނިޔޭގައި ތިއްބެވިކަމެއް ނޫންކަމެއް އެނގެން ނެތެވެ. ނަމަވެސް އޭނާގެ ދަރިކަނބަލުން ދޮންދީދީ އާއި އޭނާގެ ބައެއް ބޭފުޅުން ވާދޫ ގައްދަޑުގޭގައި ތިއްބެވިކަން އެނގެއެވެ. ޢަލިމަނިކުފާނު ވާދޫގައި އަވަހާރަވީ ވާދޫގެ ބޭފުޅަކާ ކައިވެނިކުރައްވައިގެން އެ ރަށުގައި ހުންނެވުމުން ކަމެއް އެނގޭނޭ ގޮތެއް ނެތެވެ. ވާދޫގެ އަނބިކަނބަލަކަށް ލިބިވަޑައިގަތް ބޭފުޅެއްގެ ޢާއިލާއެއް ނެތެވެ. އެކި ފަހަރު އެކި ކައިވެނި ވިޔަސް ޢަލިމަނިކުފާނު ކައިވެނިކުރެއްވި ކަމަށް އެނގިފައި އޮންނަނީ 4 ބޭފުޅަކާ އެވެ. އޭގެ ތެރޭ ވާދޫ ބޭފުޅެއްގެ ނަމެއް ނެތެވެ.

ވަކި މީހަކަށް ވަކި ޢާއިލާއަކަށް ވަކި ދަރިކޮޅަކަށް ވަކި ރަށަކަށް މީހަކު ނިސްބަތްވުމަކީ މީހަކަށްލިބޭ ޙަޤީޤީ ފަޚުރެއް ނޫނެވެ. މީހަކަށް ލިބޭނޭ ޙަޤީޤީ ފަޚުރަކީ އެ މީހަކު މި ދުނިޔޭގައި ކުރާ ހެޔޮ ޢަމަލުގެ ހެޔޮ ޖަޒާއަކަށް މަތިވެރި ﷲ ގެ ޙަޟުރަތުން މަތިވެރި ދަރަޖަ ދެއްވާނޭ މީހާ އެވެ. (ނިމުނީ)
             ----------------------------
 ޢަބުދުﷲ ޙިލްމީ
23 ސެޕްޓެމްބަރ 2012މ.

މަޢުލޫމާތުގެ ޙިއްޞާ:
ތާރީޚު ލިޔުންތެރިޔާ މުޙައްމަދު ޝާޠިރުގެ ލިޔުއްވުން
ޙަސަން ޙިލްމީ، ޖަނަވަރީގެ، ތިނަދޫ ގެ ލިޔުއްވުން
ޢަލިދީދީ، ވިދުވަރުގެ،/ ފުވައްމުލައް