ވިސްނުމުގެ ނަޒަރަކުން އިންސާނާ

 

އިންސާނުންނަކީ މަތިވެރި ﷲ އުފެއްދެވި ބަޔެއްނޫން ކަމަށާއި އެއީ އުފެއްދެވި ފަރާތެއްނެތް އިއްތިފާގެއް ކަމަށް ގަބޫލުކުރާނޭ އެއްވެސް މުސްލިމަކު ނުހުންނާނެ އެވެ. މިހެނީ ހެދި ފަރާތެއްނެތް އައިނައި ތަނެއްނެތް ނުވަތަ އެ އެއްޗެއް އުފެދުމުގެ ސަބަބެއް ނެތް އެއްވެސް އެއްޗެއް ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް އިރަކު އުފެދޭނެކަމީ ސަލާމަތް ބުއްދިއަށް ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

 

ޣައިރު މުސްލިމުންގެ ބައެއް ފަރާތްތަކުން ބުނަނީ އިންސާނުންނަކީ (އޭގެޒާތުގައި) ހެދުނު އެއްޗެކެވެ. އިއްތިފާގެކެވެ. އެއްވެސް ފަރާތެއްގެ އުފެއްދެވުމެއް ނޫނެވެ. އިންސާނާއަށް މި ދުނިޔޭގައި ވީކަމެއްވެ ނުވީކަމެއް ނުވެ ނިމިގެން ދިޔައީމާ އެ ހިސާބުން އެ ނިމުނީއެވެ. އެ މީހަކަށް ދެން އެހެންދުވަހެއް އެހެންތަނެއް އެހެންކަމެއް ނެތެވެ. އިންސާނާގެ އުފެދުމަކީ ރާމާމަކުނުކަމަށް ބުނާ ބަޔަކު ވެސް ޣައިރު މުސްލިމުންގެ ތެރޭ އުޅެ އެވެ. އަދި މި ދުނިޔޭގައި އިންސާނާއަށް ވީކަމެއް ވެ ނުވީކަމެއް ނުވެ ނިމިގެން ދިޔައީމާ ދެން އަލުން އެހެން ސިފައެއްގައި އަނެއްކާ ވެސް މި ދުނިޔެއަށް އިންސާނާ އަންނަނީކަމަށް ބުނާ ޣައިރު މުސްލިމުން ވެސް އުޅެ އެވެ.

 

އެއްޗެއް ހެދުމަށްޓަކައި މީހަކު ކުރި މަސައްކަތެއްގެ ތެރޭ ވީނުވީގޮތެއް ނޭނގި ކުރެވުނު ނުކުރެވުނު ކަމެއްވެސް ނޭނގި ކޮންމެވެސް އެއްޗެއް ހެދޭ ގޮތެއްވުމަކީ ވެދާނެކަމެކެވެ. އެހެންވެއްޖެ ނަމަ އެއީ އިއްތިފާގެކޭ ބުނެވިދާނެ އެވެ. އަދި އެއީ އެހެން އުޅެނިކޮށް އެ މީހަކަށް ކުރެވުނުކަމެކޭ ވެސް ބުނެވިދާނެ އެވެ. މިހެނީ އެ އެއްޗެއް އެ ހެދުނީ ކިހިނެއް ކޮންކަމެއް ކޮން ގޮތަކަށް ކުރީމާކަމެއް އެ މީހަކަށް ވެސް ނޭނގެ އެވެ. އެއީ އެހެން އުޅެނިކޮށް އެ މީހަކަށް ކުރެވުނު ކަމެކެވެ. ހެދުނު އެއްޗެކެވެ. އެއީ ކޮންމެހެން އެ މީހަކަށް އެނގިގެން ކުރިކަމެއް ނޫނެވެ. ނަމަވެސް މީސްތަކުންގެ ލޮލަށް ފެންނަ އަތުންހިފޭ އުފައްދަމުން ނެތެމުންދާ މާއްދީ އެއްޗިއްސަކީ "އެއްގޮތް" އެއްޗެތިކަމަށް ވުމަކީ، އެ އެއްޗެއް ހަދަންޖެހޭ ގޮތާއި އެ ކަމުގެ ވާނުވާ އެ ފަރާތަކަށް ރަނގަޅަށް އެނގިގެން ކުރިކަމެއް ކަމަށް ނޫނީ ނުވާނެ އެވެ. އެހެންވީމާ އެއީ އިއްތިފާގެކޭ ނުވަތަ ވީކަމެކޭ ބުނެވޭކަށް ނޯންނާނެ އެވެ. އިއްތިފާގަކީ ތާއަބަދު އެއް ގޮތަކަށް އެއް ވައްތަރަކަށް ތަކުރާރުވަމުންދާ ކަމެއްކަމަށް ދުވަހަކު ވެސް ނުވާނެ އެވެ.

 

އިންސާނުންނަކީ މާއްދީ އުފެއްދުމެއް ނޫނެވެ. ދުނިޔޭގައި ތިބޭ ބަޔަކު ކުރާކަމެއް ނޫނެވެ. އަދި އިއްތިފާގެއް ވެސް ނޫނެވެ. އިންސާނުންނާ މެދު ގަބޫލުކުރަން ޖެހޭ ޙަގީގަތަކީ އިންސާނުން އުފެއްދެވުމަށް ބޭނުންފުޅުވެވޮޑިގެން އަދި އެކަން ކުރައްވާނެ ގޮތް ވެސް ރަނގަޅަށް އެނގިވޮޑިގެން އެކަން ކުރެއްވީ އިންސާނާގެ ވެރި މަތިވެރި ﷲ ކަމެވެ. ސީދާ އިންސާނުން އުފެއްދެވުމަށް އެ މަތިވެރި އިލާހު ބޭނުންފުޅުވެވޮޑިގެން އެކަމަށް އިރާދަކުރެއްވި ހިނދު، އިންސާނާ (އާދަމް ޢަލަހިއްސަލާމް) އުފެއްދެވީ އެވެ. އަދި އެކަލޭގެފާނުގެ ކިބައިން އެހެނިހެން އިންސާނުން އުފެއްދެވުމަށް ވެސް އިރާދަކުރެއްވީ އެވެ. މިހެނީ، ނެތުމުގެތެރެއިން އިންސާނުން އުފެދެމުން ނެތެމުންދާތާ އެތައް ޒަމާނެއްވާއިރު (ދުނިޔެ ނިމުމާއިހަމައަށް ވެސް) އެކަން އެ ގޮތަށް ކުރައްވަން މަތިވެރި ﷲ ފިޔަވައި ދިރިދެމިވޮޑިގެންވަނީ އެހެން ކޮންފަރާތެއް ހެއްޔެވެ.

 

މަތިވެރި  އިންސާނާ އުފެއްދެވީ އެ މަތިވެރި އިލާހަށް އަޅުކަން ކުޅައުމަށެވެ. އެއީއިންސާނާގެ އެ އަޅުކަމުގެ (ހެޔޮޢަމަލުގެ) އެންމެހައި މަންފާއެއް ވެސް ހަމަ އެ އިންސާނާއަށް ލިބޭ ގޮތަށެވެ. މިހެނީ އެ މަތިވެރި އިލާހު އުފެއްދެވި އިންސާނަކު އެ މަތިވެރި އިލާހަށް އަޅުކަން ކުޅައުމަކުން އަދި ނުކުޅައުމަކުން ވިޔަސް، އެ ކަމަކުން މަތިވެރި އިލާހަށް ހުރި އެއްވެސް މަންފާއެއް ނުވަތަ ގެއްލުމެއް ވިޔަސް ނެތެވެ. އޮތްކަމެއް އޮތީ ހަމަ އެ އިންސާނާއަށެވެ. ދުނިޔެއޭ މި ކިޔާ ތަނަކީ އިންސާނާގެ އެ އިމްތިޙާން ހިނގަމުންދާ މާލަމެވެ. އެ އިމްތިޙާނުން ފާސްވެއްޖެ ނަމަ އެ މީހަކަށް އޮތީ އިންސާނެއްގެ ޚިޔާލަށް ދުވަހަކު ވެސް ނުގެނެވޭނޭ ފަދަ ރަޙުމަތާއި އުފާވެރިކަމުގެ ދެވަނަ މިސާލެއް ނެތް ނިއުމަތުގެ ޖަންނަތެވެ. ފާސްނުވެ ފެއިލްވެއްޖެ ނަމަ އޮތީ އިންސާނެއްގެ ޚިޔާލަށް ދުވަހަކު ވެސް ނުގެނެވޭނޭ ފަދަ ވޭންދެނިވި ޢަޛާބުގެ ނުބައި ޖަޙީމެވެ. މި ދެ ތަނުން އެ އިންސާނާ ޚިޔާރުކުރަނީ ކޮންތަނެއްތޯ މި އިމްތިޙާނުން ކަށަވަރުކޮށް ދެނެގަނެވޭނެ އެވެ.

 

މަތިވެރި  އުފެއްދެވި ކޮންމެއިންސާނަކީ ވެސް އެ މީހެއްގެ އިމްތިޙާނުގެ ވަގުތު ހަމަވުމުން އިމްތިޙާނުގެ ހޯލުން ނުކުމެ އައިކޮޅަށް އެނބުރި ދާންޖެހޭ މީހެކެވެ. މުޅިން ނުނިމޭ "ޕޭޕަރެއް" އޮވެގެން އެންމެ ސިކުންތަކަށް ވެސް އެ ހޯލުގައި އިތުރު ވަގުތަކަށް މަޑެއް ނުކުރެވޭނެ އެވެ. އެކަމަކަށް ދެއްކޭނޭ ޢުޛުރެއް ވެސް ނޯންނާނެ އެވެ. "ވަގުތު ހަމަވީ" އެވެ. އެނބުރި ދާންޖެހެނީ މައިންބަފައިންނާއި އަނބިދަރިންނާއި ގާތް މީހުންނާއި މިލްކުގައި ހުރިނަމަ ހުރި ފައިސާގެ އެކައުންޓްތަކާއި ރިސޯޓްތަކާއި ކުންފުނިތަކާއި އިންވެސްޓްތަކާއި ބިންބިމާއި ބުރިބުރީގެ ޢިމާރާތްތަކާއި އަގުބޮޑު ވެހިކަލާއި އުޅަނދުތަކާއި އުފުލައިގަތުމަށް ދަތި ބުރަދަންހުރި މަގާމްތަކާއި މިފަދަ ހުރިހާ އެއްޗަކާއި ކަމަކާއި ވެސް ދޫކޮށްލައި "ހުސް އަތާ" އެވެ. ދާންޖެހޭ ހިސާބުގެ ބޯޑަރު ހުރަސްކޮށް ވަކި ޕާސްޕޯރޓެއް ވަކި ފާހެއް އޮތަތީވެ އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ. ބޯޑަރ ޗެކް ޕޮއިންޓުގައި ތިބޭ ގާރޑުންނަށް "ތަކެއްޗަށް ލުޔެއް" ހޯދުމަށްޓަކައި ދެވޭނޭ "ސަޔެއް" ވެސް ނޯންނާނެ އެވެ.

 

ކަންހުރީ މިހެންކަމަށް ވާއިރު އިންސާނާ އުޅެންއޮތީ ހަމައެކަނި މި ދުނިޔޭގައި ނޫންކަމާއި އަދި ދާންޖެހޭ އެހެން ދުނިޔެއެއް ވެސް އެބަ އޮތްކަމަށް ގަބޫލުކޮށް އެ ކަމުގެ ތައްޔާރީގައި އަބަދުމެ ހުރުން ރައްކާތެރިވެފައި ބުއްދިވެރި އެވެ. މި ތާނގައި ތިމާ އުޅޭނެގޮތަކަށް އުޅެން އަދި ދުވަސް އެބައޮތޭ ހީކުރުމަށްވުރެ ވަކި މޮޔަކަމެއް އިންސާނަކަށް ނޯންނާނެ އެވެ. މިހެނީ އައިކޮޅަށް އެނބުރި ދާންޖެހެނީ ކޮންދުވަހަކު ކޮންވަގުތަކު ކަމެއް އެއްވެސް މީހަކަށް ނޭނގެ އެވެ. އިންސާނާ އުފަންވުމާއެކު އެ އިންސާނާގެ ލޮލަށް ނުފެންނަ ކަންފަތަށް އަޑުނީވޭ ބުއްދިއަށް ވަޒަންނުކުރެވޭ އެ މީހާގެ އަމިއްލަ ޙަޔާތުގެ ޓައިމަރު ހިނގަންފެށީ އެވެ. އޭގެ ހިނގަމުންދާ ކަށި ޒީރޯއަށް ހުއްޓޭނީ އިތުރު އެލާރމަކާ ނުލަ އެވެ.

                              --------------------- 

ޢަބުދުﷲ ޙިލްމީ

1 ޖެނުއަރީ 2013