ތިނަދޫ ފެން ޕްލާންޓްގެ ތަކެތި މޫދަށް އުކައިލުން

 

އެންމެ އިހު އެވޭލާ ޒަމާނުއްސުރެ ފެށިގެން ދާދިފަހަކާ ޖެހެންދެން، ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ޢާއްމުގޮތެއްގައި ބޯން ބޭނުންކުރި ފެނަކީ، މިސްކިތްތަކުގެ ވަޅު ފެނެވެ. ގިނަ ރަށްރަށުގައި އެރަށެއްގެ ހުކުރުމިސްކިތުގެ ވަޅުފެނެވެ. މިސްކިތްތަކުގެ ވަޅުތަކާއި ކައިރީގައި ގަޟާޙާޖަތްކުރާ ތަންތަން ނެތުމާއި، އަދި އެވަޅުތަކަށް ފެންދަތުރުކުރާ ލައިނުގައި ވެސް ބޮޑުކަމުދާ ނަޖިހުގެ އަސަރު ނުހުރުމާއެކު، މިސްކިތްތަކުގެ ވަޅުފެނަކީ ވާރޭފެނަށްވުރެ އެދުވަސްވަރު ބޯންކަމުދާ ފެނެއްކަމަށް ބެލެވުނެވެ. މިހާރަށް ބެލިކަމަށް ވިޔަސް، ވާރޭފެނަކީ އެފެން ނެގުމަށްޓަކައި ކުރަންޖެހޭ ކަންކަން ރަނގަޅަށް ނުކޮށްފިނަމަ، އިންސާނުން ބޯން ކަމުދާ ފެނަކަށް ނުވެއެވެ. ވާރޭވެހިގެން ފުރާޅާއި ދިޔަދޮވި ސާފުވުމުގެ ކުރިންނާއި، ނޫނީ މީހެއްގެ މަސައްކަތުން ފުރާޅާއި ދިޔަދޮވި ސާފުކުރުމުގެ ކުރިން ފުރާޅާއި ދިޔަދޮވި ބޭނުންކޮށްގެން ނަގާ ފެނަކީ، އިންސާނުން ބޯން ކަމުދާ ފެނަކަށް ނުވާނެއެވެ.

 

ފުރާޅާއި ދިޔަދޮވި ސާފުކުރުމަށްފަހު، ދިޔަދޮއްވާއި ވާރޭފެން ތާނގީއާއި ގުޅައިދޭ ވޭލް ދޫކޮށް ފެންނަގަމުން ދަނިކޮށް ވާރޭ ހުއްޓައިލުމުންވެސް ވޭލް ބަންދުނުކޮށް ހުންނަތާ އެތައްއިރެއްގެ ފަހުން،  އެތައްދުވަހެއްގެ ފަހުން، ވާރޭވެހެން ފެށުމުން ފުރާޅާއި ދިޔަދޮވީގެ ސާފުކަމަށް އަލުންބެލުމެއް ނެތި ފެންނަގާނަމަ، އެ ފެނަކީވެސް ބޯން ބޭނުންކުރުމަށް ސާފުތާހިރު ރަނގަޅު ފެނަކަށް ނުވާނެއެވެ. އެއީ، ވޭތިވި ގަޑިތަކާއި ދުވަސްތަކުގައި ބުޅަލާއި މީދަލާއި އެހެނިހެން ސުފާސޫފީގެ ނަޖިހާއި ޖަރާސީމުގެ އަސަރު ފެންނަގާ ފުރާޅުގައި ހުރުމުގެ ފުރުޞަތު ބޮޑުވީމައެވެ.

 

1962މ. ގައި ހުވަދުއަތޮޅު ތިނަދޫން މީހުން ބޭލުމާއި ހަމައަށް ވެސް އެރަށުގެ ގިނަ ގެތަކުގައި ބޯން ބޭނުންކުރީ މިސްކިތްތަކުގެ ވަޅުފެނެވެ. އެންމެގިނައިން ބޭނުންކުރަނީ ހުކުރުމިސްކިތުގެ "ހޮއްވަޑާ" ކިޔާ ފެންހެޔޮ،  ފެންމީރު ވަޅުގެފެނެވެ. ހުކުރުމިސްކިތުގެ ކުރިމަތީގައިވާ ހަތަރެސްކަން މި ވަޅުގެ ހަތަރުކަން ހުންނަނީ އެތާނގައި ބޯފެންއަޅާ ބަނޑިޔާ ބަހައްޓާލެއް ގިނަކަމުގެ ސަބަބުން ހަމަ މިނަށްވުރެ އަޑިވެލާފައެވެ. 

 

ދިވެހީންގެ ބަޔަކު ދެވަނަފަހަރަށް ތިނަދޫގައި ވަޒަންވެރިވީފަހުން ހުކުރުމިސްކިތާއި މިސްކިތުގެ ގޯއްޗަށް ގެންނަމުންދިޔަ ބަދަލުތަކުގެ ތެރޭ މިސްކިތުގެ ކުރިމަތީގައިވާ "ހޮއްވަޑާ"ގެ މަތި ތަޅައިލައި ފޮރުވައިލުމުން ދެން ފެންނެގުމަށް ބޭނުންކުރި ހަތަރެސްކަން ވަޅު މިހާރުވެސް އެހުރީއެވެ. ފޮރުވައިލެވުނު "ހޮއްވަޑާ" މިހާރުވާނީ މިސްކިތުގެ ގޯތިތެރޭގައެވެ.

 

ފެރޯސިމެންތި ތާނގީތަކާއި ކަޅުހަންތައް މިސްކިތްތަކުގެ ގޯތިތެރެއާއި ގޭގޭގައި ބެހެއްޓިފަހުން ވެސް ތިނަދޫ ހުކުރުމިސްކިތުގެ ވަޅުން މަދުމަދުން ފެންނަގައެވެ. އަދި މަސްދޯނިފަހަރާއި، ބޯޓް ފަހަރުގައި ބޯން ބޭނުން ކުރުމަށް ވެސް ފެންނަގައެވެ. 2004މ. ގެ ސުނާމީއާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގެ ފެންފަށަލައަށް ބަދަލުތަކެއް އައި ނަމަވެސް ތިނަދޫއަށް އޭގެ އަސަރު ފޯރިލެއް ކުޑައެވެ. ނަމަވެސް ވާރޭވެހުން މަދު މޫސުމްތަކުގައި ތިނަދޫގެ ގިނަ ސަރަޙައްދުތަކުގެ ފެނުގެވަހަށް ބަދަލު އާދެއެވެ. މިއީ، އެކަމުގައި ގުދުރަތީ ސަބަބެއް އޮތުމަށްވުރެ ބޮޑަށް އިންސާނީ ސަބަބެއްއޮތް ކަމެކެވެ. ރަށުގެ ގޭގޭގައި ފެންނަގާ މޯޓަރތަކާއި ޕަމްޕުތައް ބޭނުންކޮށްގެން ގިނަ ޢަދަދަދަކަށް ފެންނެގި ފެނުގެ އިސްރާފު ވެސް ބޮޑުވުމުންނެވެ. އެހެންނަމަވެސް ތިނަދޫގެ ގިނަ ސަރަޙައްދުތަކުގެ ފެންފަށަލަ މުޅިން ތަޣައްޔަރުވެގެން ދިޔައީ، ގޭގޭގައި ފާޚާނާ ބަހައްޓައި އޭގެ ފެންހިންދާ ވަޅުތަކުގެ ފެން ފެންފަށަލަ ތެރެއަށް ދާންޖެހުމާއި ގުޅިގެންނެވެ.

 

މިހެންވުމުން، ރާއްޖޭގެ ރަށްރަށުގެ ފެންފަށަލަ އިތުރަށް ގޯސްވިޔަ ނުދީ ދެމެހެއްޓެނިވި ގޮތެއްގައި ދުރު މުސްތަގުބަލަކަށް ބޭނުންކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމުގެ ތަފާތު ދިރާސާތަކެއް، އެމް.ޑަބްލިޔޫ.އެސް.އޭ އިން 2005މ. ގައި ފެއްޓެވިއެވެ. އޭގެތެރޭ ބިމުގެފެން ފަށަލަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި ތަރައްގީގެ ތަފާތު މަޝްރޫއުތައް ރާވާއިރު އެކަމަށް ޚާއްޞަ ގޮތެއްގައި ބެއްލެވުމުގެ ޢަމަލީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެއެވެ. އަދި ސާފު ބޯފެނާއި ނަރުދަމާގެ ވަސީލަތްތައް އިތުރުކުރައްވައި އެ ކަންތައް ރަނގަޅު އުސޫލަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ އިތުރު މަސައްކަތްތަކެއް ކުރެއްވުމާއި، ރަށްރަށުގައި ވާރޭފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށާއި ބިމުގެ ފެންފަށަލަ ގޯސްވެފައިވާ ރަށްރަށުގެ ރައްޔިތުންނަށް، މީރުފެން އުފައްދާ ނިޒާމުތައް ބަހައްޓައިގެން ފެނުގެ ވަސީލަތް ފޯރުވައި ދިނުމުގެ މަސައްކަތްތަކެއް ވެސް އެމް.ޑަބްލިޔޫ.އެސް.އޭ އިން ކުރައްވަމުން ގެންދެވިއެވެ.

 

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ތިނަދޫގެ ވަޅުތަކުގެ ފެން ތަޣައްޔަރުވުމުގެ އިތުރަށް ބޯން ބޭނުންކުރާ ވާރޭފެންވެސް ހުސްވެ، އެކަމުގެ ދައްޗާއި ކުރިމަތިވަމުން ދިޔައެވެ. މިއީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މިކަން ހިނގަމުންދިޔޔަ ގޮތްކަމަށްވާތީ، ވާރޭފެން ހުސްވުމުގެ ދަތިތަކާ ކުރިމަތިވުމުން އެރަށްރަށަށް ފެން ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރެއްވިއެވެ. މިގޮތުން ތިނަދޫން ވެސް ވާރޭފެން ހުސްވެފައިވާތީ، ސަރުކާރުން ފޮނުއްވި މޯބައިލް ފެންޕްލާންޓްގެ ބޯޓެއް ތިނަދޫއަށް ގޮސް ޢާއްމުކޮށް ހުރިހާ އެންމެންނަށާއި ޚިދުމަތުގެ މުއައްސަސާތަކަށް ވެސް ފެން ދޫކުރިއެވެ.

 

ތިނަދޫއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ޙައްލުކޮށް ދެއްވުމަށްޓަކައި،  ދުވާލަކު 200 ޓަނުގެ ފެން އުފައްދާ ފެން ޕްލާންޓެއް މިނިސްޓްރީ އޮފް ހެލްތުން ތިނަދޫއަށް ފޮނުއްވިއެވެ. މިއީ 2004މ. ގެ ސުނާމީއާއި ގުޅިގެން ސިންގަޕޫރުން ހަދިޔާކުރެއްވި ދެ ޕްލާންޓްގެ ތެރެއިން އެކައްޗެވެ. އަނެއް ޕްލާންޓް ބެހެއްޓީ ލ. ގަމުގައެވެ. ތިނަދޫއަށް ފެން ޕްލާންޓް ގެންދިޔައީ، 2005މ. ގެ ކުރީކޮޅުއެވެ.

 

ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްރަށުގެ ފެންފަށަލަ  ބޭނުންނުކުރެވޭ ވަރަށް ތަޣައްޔަރުވެފައި ވާތީ، ވިޔަފާރި އުޞޫލުން ރާއްޖޭގެ ފަސް ރަށަކަށް ފެނުގެ ޚިދުމަތްދިނުމަށް ބޭނުންވެ، އެކަމަށް ޝައުގުވެރިވާ ބަޔަކު ތިބިތޯ ބެއްލެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިން 2006މ. ގެ ކުރީކޮޅު އެފުރުޞަތު ހުޅުވާލެއްވިއެވެ. ވިޔަފާރި އުޞޫލުން މިކަން ހަމަޖެއްސެވީ، މާލެއަށް ފެންލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި އެރަށްރަށަށް ފެންލިބޭ ގޮތަށެވެ. އެފަހަރު،16 ފަރާތަކުން އެކަމަށް ޝައުގުވެރިވެ ހުށަހެޅި އިރު، އޭގެތެރޭ ގދ. ތިނަދޫ ވެސް ހިމެނެއެވެ. އަނެއް 4 ރަށަކީ، ބ. އޭދަފުއްޓާއި، ޅ. ނައިފަރާއި، އެ އަތޮޅު ހިންނަވަރާއި، އަދި ސ. ހިތަދޫ އެވެ. މީގެތެރޭ އޭދަފުއްޓަށް 12 ފަރާތަކުން، ނައިފަރަށް 11 ފަރާތަކުން، ހިންނަވަރަށް  13 ފަރާތަކުން، ތިނަދުއަށް  14ފަރާތަކުން، އަދި ހިތަދުއަށް  13 ފަރާތަކުން ހުށަހެޅިއެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިން ތިނަދޫގައި ފެން ޕްލާންޓް ބެހެއްޓެވުމުގެ މަސައްކަތް ކުރައްވަން ނިންމެވުމާއެކު، ސަރުކާރުން ތިނަދޫއަށް ފޮނުއްވި ފެން ޕްލާންޓްގެ ބައެއްތަކެތި ހަލާކުކޮށް، ބައެއްތަކެތި ވަގަށް ގެންގޮސް،  އަދި ބައެއްތަކެތި ޕްލާންޓް ހުރި ދިމާލުން ގޮނޑުދޮށާއި މޫދަށް ވެސް އުކާލާފައި ހުއްޓެވެ. ތިނަދޫގެ މި ފެން ޕްލާންޓް ހުރީ މިހާރުވެސް ފެން ޕްލާންޓް ހުރި ސަރަޙައްދުގައެވެ. އަތްވާއި ވާރޭއިން ހިޔާވާގޮތަށް ސަތަރިއަޅައި ބަންދުކޮށްފައި ހުރި މިފެން ޕްލާންޓްގެ ބައެއްތަކެތި ހަލާކުކޮށް، ބައެއްތަކެތި ވަގަށް ގެންގޮސް، ބައެއް ތަކެތި ގޮނޑުދޮށާއި މޫދަށް އުކާލާފައިވަނީ، ބޭރުގައިހުރި ސަތަރިތައް ކީހައިގެންނެވެ. މިކަން ކުރިއިރު ފެން ޕްލާންޓުން ގޭގެއަށް ފެން ސަޕްލައި ކުރުމަށް ބޭނުންކުރާ ހޮޅިތަކެއް ނުގެންދެއެވެ. އެ ހޮޅިތައްހުރީ މާލޭގެ ގުދަނެއްގައެވެ.

 

ތިނަދޫގެ ފެން ޕްލާންޓްގެ ތަކެތި ގެއްލުމުން އޭގެބަދަލުގައި އެއްޗެހި ގެނައުމަށްޓަކައި، ފެން ޕްލާންޓުން މަދުވެފައިވަނީ ކޮން އެއްޗެއްސެއްތޯ ބެލުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެންވަޔަރމެންޓް މިނިސްޓްރީން މިކަމަށްޓަކައި ބިޑް ހުށަހަޅާފައިވާ ދެކުންފުނިން ތިނަދޫއަށް ޒިޔާރަތްކޮށް މަދުވާތަކެތީގެ ލިސްޓްނަގައި އެ ތަކެތި އޯޑަރކޮށް މާލެ ގެނައިތަނާ، އަނެއްކާވެސް ތިނަދޫގައި ހުރި ފެން ޕްލާންޓުން އިތުރު އެއްޗެހިތަކެއް ގެއްލި ވީނުވީއެއް ނޭނގުނެވެ. މިކަން ދެނެހުރި އިންސާނަކު ނެތެވެ. މިހެންވުމާއި، އަދި އެދުވަސްވަރު ތިނަދޫގެ ބައެއް ކަންކަން ހިނގަމުންދިޔަ ގޮތަށް ބަލާއިރު، ފެން ޕްލާންޓްގެ ބައެއްތަކެތި ހަލާކުކޮށް، ބައެއްތަކެތި ވަގަށް ގެންގޮސް، ބައެއްތަކެތި ގޮނޑުދޮށާއި މޫދަށް އުކާލުމުގައި ސުވާލުއުފެދޭ ކަންކަމެއް ހުންނާނެއެވެ. އެބަހުއްޓެވެ.

 

ގިނަބަޔަކު ގަބޫލުކުރަނީ، ބޭރުގެ އެހީއެއްގެދަށުން ވިޔަސް ދިވެހިސަރުކާރުގެ ޙިއްޞާއެއް އޮވެގެން އެފެން ޕްލާންޓްގެ ޚިދުމަތް ތިނަދޫގެ ރައްޔިތުންނަށް ލިބިއްޖެނަމަ، އެކަމަކީ ތިނަދޫގެ ކޮންމެވެސް ބަޔަކު ޝުކުރުވެރިކަމާ އެކު އެކަން ފާހަގަކުރުން އެކަށީގެންވާ ކަމަކަށްވާތީ، އެކަން އެހެންވުމަށް ކޮންމެވެސް ބަޔަކު ބޭނުންނުވީ ކަމަށެވެ. މިހެންވީމާ، އެވަނީ "މީސްމީހުންގެ އަމިއްލަ އެދުމާއި، ޙީލަތާއި މަކަރުވެރިކަމުގެ ތެރެއިން ކުރާ ކަންކަމުގެ ސަބަބުން އެބަޔަކަށް ވަގުތީ ފައިދާއެއް ލިބެންއޮތް ކަމެއްގައި ވިޔަސް، އެ ކަމެއްގެ ސަބަބުން ތިމާމެންގެ އަންނަން އޮތް ޖީލަށް ދެރަޔާއި ގެއްލުންތަކެއް ކުރިމަތިނުވާ ގޮތަށް ވިސްނުންބަހައްޓާ ފަރާތްތައް އުޅެޔޭ އެބުނާ ބުނުމާއި، އަދި މިހެންމެ، މިގޮތަށް ވިސްނުން ނުބަހައްޓާ ފަރާތްތަކެއް ވެސް އުޅެއޭ" އެ ބުނާ ގޮތަށެވެ. އެހެނީ، ޢާއްމުކޮށް ރަށެއްގެ މުޅި ރައްޔިތަށް ލިބެންއޮތް ނުހަނުބޮޑު ފަސޭހައަކާއި ފައިދާއެއް އެމީހުންނަށް ލިބުމަށް ކޮންމެވެސް ބަޔަކު ބޭނުންނުވީމާ، އެފަސޭހައަކާއި ފައިދާއެއް ހަފުސްކޮށްލީއެވެ.

 

މެދު ކެނޑުމެއްނެތި ތިނަދޫގެ ރައްރިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ތިނަދޫ ފެން ޕްލާންޓްގެ ސާމާނު ވަގަށްނަގައި އޭގެ ބައެއްތަކެތި ހަލާކުކޮށް އުކައިލުމުން އެ ތަކެތި ހޯދަންޖެހުމާއި، އަދި ތިނަދޫގައި ޤާއިމްކުރެވިފައިވާ 150 ކިޔުބިކް މީޓަރުގެ ފެން ޕްލާންޓްއާއި، 1000 ކިޔުބިކް މީޓަރުގެ ސްޓޯރޭޖް ޓޭންކް އަޕްގްރޭޑް ކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑް އާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ފެން ޕްލާންޓްގެ މަސައްކަތަށް (25 ޖެނުއަރީ 2014މ. އާއި ހަމައަށް) ދައުލަތުގެ ބަޖެޓުން ޖުމްލަ 5,111,215.91 ރ. (ފަސް މިލިޔަން އެއްލައްކަ އެގާރަހާސް ދުއިސައްތަ ފަނަރަ ރުފިޔާ ނުވަދިހަ އެއްލާރި) ޚަރަދުވެފައިވާ ކަމަށް ނޫސްތަކުން ވެސް މިހާރު އެނގޭނެއެވެ.

 

ތިނަދޫގެ ގޭގެއަށް ސާފު ބޯފެން ފޯރުވައިދިނުމުގެ ޚިދްމަތް ރަސްމީގޮތުން ފެއްޓެވި ދަތުރުފުޅުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 14 ސެޕްޓެމްބަރ 2012މ. ގައި ތިނަދުއަށް ވަޑައިގެންނެވި ދުވަހު އެޚިދުމަތް ފައްޓަވައި ދެއްވުމަށްފަހު، އެދުވަހުގެހަވީރު ތިނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ: 

"ކޮންމެ ފަލްސަފާއެއް ޤަބޫލުކުރި ކަމުގައި ވިޔަސް، ދައުލަތް ހިންގުމަށްޓަކައި އަދި ދިވެހި ސަރުކާރު ހިންގުމަށްޓަކައި، އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ދައުލަތުން ކޮށްދޭންޖެހޭ ކަންތައްތައް ކުރެވޭނީ  ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާއި، އެގޮތުން ތިނަދުއަށް ކަނޑައެޅިފައި ހުރި މަޝްރޫޢުތައް ވެސް ހިންގޭނީ ރަށުގެ ވެރިންގެ އެހީތެރިކަން ލިބިގެން ކަމަށެވެ." 

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި:

 "ސަރުކާރުން ކޮށްދޭ ކަންތައްތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަންކަމަށް ވުމުން، ސަރުކާރުދެކެ އަންނަ  ރުޅިއެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދެކެ އަންނަ ރުޅިއެއްގައި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުރަސްއަޅައި، އެކަންކަމުގައި އެއްބާރުލުން ނުދިނުމަކީ، ހަމަޖެހޭކަމެއް ނޫން ކަމުގައި" ވެސް ވިދާޅުވިއެވެ.

މިގޮތަށް ރައީސް ވިދާޅުވެފައިވަނީ އެދުވަހު އެމަނިކުފާނު ތިނަދުއަށް ވަޑައިގަތުމުން އެރަށުގެބަޔަކު ހިންގާފައިވާ ނޭދެވޭ ކަންކަމެއްގެ ސަބަބުންކަމަށް ޤަބޫލުކުރެވެއެވެ. 

 

14 ސެޕްޓެމްބަރ 2012މ. ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު،  ތިނަދުއަށް ވަޑައިގަތްފަހުން 12 ޖޫން 2013މ. ގައި އެމަނިކުފާނު ތިނަދޫއަށް ވަޑައިގަތުމުން ވެސް، ތިނަދޫގެ ބަޔަކު ހަމަނުޖެހުން ހިންގަން ފެށުމުން  ފުލުހުންނާއި ސިފައިންގެ ޙިމާޔަތުގައި ކާރުކޮޅެއްގައި އެ މަނިކުފާނު، އަތޮޅުގެއަށް ވަޑައިގަތުމާއި، މިހަމަނުޖެހުމުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްޠަލިބާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢައްބާސް އާދިލް ރިޒާ އާއި ވެސް ، ބަޔަކު ދިމާކޮށް ޖިސްމާނީގޮތުން އެކަށީގެންނުވާ ކަންތައްތަކެއް އެ ބޭފުޅުންނާ މެދު ހިންގާފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކާއި ހަމައަށް ވެސް ދިޔައެވެ.  

 

މިކަހަލަ ކަންކަން މިހެން ހުރުމުން ތިނަދޫއަކީ، އިޖްތިމާޢީ ޢަދާލަތެއް، ހަމައެއް، ލަމައެއް ނެތް ރަށެއްކަމަށް އެތައްބަޔަކަށް ވަނީ ގަބޫލު ކުރެވިފައެވެ. އަދި ތިނަދޫގެ ވަކިބަޔަކު ހިތްހަމަނުޖެހޭ މީހަކަށް އެރަށަށް އަރައި ފޭބުމުގެ އިތުރަށް އެރަށުގެ މަގުތަކުގައި އަމާންކަމާއެކު އުޅެވެންނެތް ކަމަށް ވެސް އެދުވަސްވަރު ރާއްޖޭގެ ގިނަބަޔަކު ޤަބޫލުކުރިއެވެ.  ކޮންމެއަކަސް މި އުޞޫލު ބަދަލުވާން ޖެހެއެވެ. މި ނުބައިކަން ތާއަބަދަށް ނައްތައިލަން ޖެހެއެވެ.

                       ---------------

ޢަބުދުﷲ ޙިލްމީ

04 އޭޕްރީލް 2014މ.