ބޮއްކޮއި ފައިވާން

 

ކޮންމެކަހަލަ ބޫޓަށް ވިޔަސް އެޔަށް ހުވަދޫ ބަހުރުވައިން ކިޔާ ނަމެއް އޮވެއެވެ. އެއީ ބޮއްކޮއި ފައިވާން" އެވެ. ހުވަދޫގެ ކުރީގެ މީހުން ބޫޓަށް އެނަން ކިޔައެވެ. މިހެންކިޔަނީ އެދުވަސްވަރު ދޯނިތަކުގައި ދިޔަ ހިއްކަން ހުންނަ ދިޔަހިއްކާ ފައި ހުންނަ ގޮތާއި ގާތްކުރާ ސިފަޔަކަށް ބޫޓު ހުންނާތީ ކަމަށް ވެދާނެއެވެ.


ހުވަދޫ ބަހުރުވައިގެ "ބޮއްކޮއި" އަކީ، މާލޭ ބަހުރުވައިގެ "ދިޔަހިއްކާ ފައި" އެވެ. ދިޔަހިއްކާ ފައިން ދިޔަހިއްކުމަށް ހުވަދޫ ބަހުރުވައިން ކިޔަނީ "ބޮއްކޮއްޔެން ގަމަތެ ކެހުމާ" އެވެ. ހުވަދޫ ބަހުރުވައިގެ މިކަހަލަ ބައެއް ނަންނަން ހަނދާނުން ފޮހެވި ގެއްލިދާގޮތަށް "ބޮއްކޮއި ފައިވާން" މިނަން ވެސް ގެއްލި ދަނީއެވެ. އެހެންނޫންނަމަ، ހުވަދޫ ބަހުރުވައިން  "ބޮއްކޮއި ފައިވާން" ކިޔަނީ ބޫޓަށް ކަމަށް، މިހާރުގެ ކުދީންނާއި މީހުންނަށް އަންގަވައިދެވޭތޯ އެއްޗެއް ލިޔާކަށް ނުޖެހުނީހެވެ.

ދިޔަހިއްކާ ފައިން ކަނޑު އުޅަނދެއްގެ ދިޔަހިއްކުމަކީ، ކިހާވަރެއްގެ ބުރަކަމެއްކަން މިހާރުގެ ޒުވާނުންނަށް ނޭނގުން އެކަށީގެންވެއެވެ. އެއީ، މިހާރަކީ ޕަމްޕުން ދިޔަހިއްކާ ޒަމާނަށްވީމައެވެ. "ފެންދަމާ ޕަމްޕު ނެތުމުން" ދޯންޏަކުން މަހަށްދާނެ ހަމަ ހިލާ އެކަކުނުވާ ޒަމާނަށްވީމައެވެ.

ކުރީގެ ދުވަސްވަރު ދިޔަހިއްކާ ގޮތަކީ، ފަތިހު އަލިވިލެންވާ އިރަށް އެންހިފައިގެން (އެންދަމައިގެން) ކަނޑަށް ނިކުންނަން ފުރީއްސުރެ މަސް ބޭނެންދެން ނުވަތަ މަސް ނުބޭނި ރަށަން އާދެވެންދެން. އެންތައް މަރުވިޔަ ނުދީ ދިރި ބޭތިއްބުމަށްޓަކައި ދިޔަހިއްކާ ދެމީހުން ހުއްޓާނުލައި ދިޔަވަތުން ދިޔަ ނެގުމެވެ. މިދެމީހުންގެ އުނަގަނޑުން ތިރި ހުންނަނީ، ދިޔަވަތުގެ ލޮނުގަނޑުގެ ތެރޭގައެވެ. ދިޔަހިއްކާ މީހުން ދޯނީގެވަތަށް ކައްސާލަފާނެތީ ތިރިއަށްހުންނަ ފަޔަށް ޅާނބެއް ކަހަލަ އެއްޗެއް ލައްވައި ދޯނީގައި ހަރުކޮށްފައި ހުންނަ ދޯނި ވެސް ހުރެއެވެ. އެމީހުން އަވަސްއަވަހަށް ގުދުވެ، ތެދުވެ ދިޔަހިއްކުމުގެ ތެރޭ ކޮންމެ ފަހަރަކު ފަސް، ހަ ލީޓަރުގެ ލޮނު، ދިޔަހިއްކާ ފައިން (ބޮއްކޮއްޔެން) ކަނޑަށް އޮއްސާލައެވެ.

މިހާވަރަށް ދޯނީގެ ދިޔަހިއްކަން ޖެހެނީ ދޯނީގެ އެންވަތުގައި ތިބި އެންތައް މަރުވިޔަ ނުދިނުމަށް ތާޒާ ލޮނު ބޭނުންވާތީ، އެންވަތުގެ ބަނޑުފިލައިން ލޮނު އަރާގޮތަށް ކަނޑާފައި (ތޮރުފާފައި) ހުންނަ ލޯވަޅުތަކުގައި ޖަހާފައި ހުންނަ އުނގުރި ލުއްސާފައި ހުރީމާ، ދިޔަ (ލޮނު) އަރާލެއް ގިނަވީމައެވެ. އަރާ ލޮނުތައް ގިނަވެ ދޯނި އަޑިޔަށް ގޮއްސާނެތީއެވެ. އެހެންވެ، އުނގުރިތައް ލުއްސީމާ ދޯންޏަށް ލޮނުއެރުމާއި އެއްވަރަށް ދޯނިން ދިޔަ ހިއްކަން ވެސް ޖެހެނީއެވެ.

އެވެސް ދުވަހެކެވެ. މިވެސް ދުވަހެކެވެ. އެދުވަހު އެކުރެވުނު މަސްވެރިކަމުގެ މަސައްކަތުގެ އެއް ނަފަޔަކީ، ގިނަ ބަލިބަލިން ރައްކައުތެރިވެފައިވާ ފުރިހަމަ ޞިއްޙަތެކެވެ. މިދުވަހު މިކުރާ މަސްވެރިކަމުގެ ނަފަޔާއި ގެއްލުމުގެ ވާހަކަ ދައްކާނީ، ދުނިޔެ ދެމިއޮތްނަމަ އަންނަން ތިބީންގެ ކޮންމެވެސް ބަޔެކެވެ.

             ------------------

ޢަބްދުﷲ ޙިލްމީ

3 ޖުލައި 2024މ.