ވައިކަޓާ ބަލި

 

ވައިކަޓާ ބައްޔަކީ، ދުނިޔޭގެ އެހެންވެސް ތަންތަނެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް އުޅޭ ބައްޔެކެވެ. ވައިކަޓާ ބައްޔަކީ ރާއްޖެބަލީވައި ނުވަތަ ރާއްޖެބަލީގައި އެވާހެން ގައިގާރިއްސައި ހަށިގަނޑުގެ ތަންތާނގައި ގޮށްލައި ހުޅުހުޅު ދުޅަވެ، މީހާ ހިކޭ، އަދި ރާއްޖެބަލި ޖެހޭ ބައެއް މީހުންނަށް އެވާހެން އެމީހެއްގެ ބުރިކަށިން ގުދު ނުކުންނަ ބައްޔެއްނޫނެވެ. ހަށިގަނޑުގެ ބޭރުފުށުގެ ޙާލަތު އާދައިގެގޮތަކަށް ފެންނަ ވައިކަޓާ ބައްޔަކީ ވަޒީފާ އަދާކުރާ މީހުންނަށް "ވައިކަޓާ" ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

 

ބައެއްފަހަރު އެމީހެއްގެ އެނގުމާއި ނޭނގުމުގެ ތެރޭގެ ކޮންމެވެސް ކަމެއްގައި ސަބަބު މެދުވެރިވެ "ވައިކަޓާ" ޖަރާސީމު ހަށިގަނޑަށް ޙަމަލާދިނުމުގެ ސަބަބުން ޖެހޭ މިބަލީގެ ޢަލާމާތްތައް އެކިމީހުންގެ ކިބައިން ފެންނަނީ އެކިގޮތަށް އެކި ވަރަށެވެ. މިބަލިޖެހޭ ގިނަމީހުންގެ ކިބައިން ޢާއްމުކޮށް ފެންނަ ޢަލާމާތަކީ އެމީހެއްގެ ސިކުނޑިއާއި މަސައްކަތުގެ މާޙައުލަށް ނޭނގޭ އުނދަގޫތަކެއް ވުމާއި އެމީހަކަށް ވަޒީފާދިން ފަރާތާއި ނުވަތަ ވަޒީފާއަށް ނުކުމެ މަސައްކަތްކުރަން ޖެހޭ ތަނެއްގެ އިސް ފަރާތާއި އެމީހަކާ ދެމެދު އޮންނަންޖެހޭ ވަޒީފާގެގުޅުން ހީނަރުވެ ބުރޫއަރައިފިކަން ރަނގަޅަށް އެނގުމެވެ. ވައިކަޓާ ބައްޔަކީ އެބަލިޖެހުމުން ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުލިބި ގިނަދުވަސް ވާނަމަ އެހެން ބަލިތަކާ ޚިލާފަށް އެމީހަކު އަދާކުރާ ވަޒީފާއަކުން އަތް ދޮވެލަންޖެހޭ ގޮތް ދިމާވަމުންދާ ބައްޔެކެވެ.

 

ވަޒީފާގައި ދެމިހުންނަށް ބޭނުންވާ މީހެއްނަމަ މިބަލިން ރައްކާތެރިވެ އުޅެވޭތޯ ބަލަންޖެހެއެވެ. އެގޮތުން އެމީހެއްގެ ރުހުމާއި އިޚްތިޔާރުގައި ކުރާ ކަމަކުން ވައިކަޓާ ޖަރާސީމު ނާރާނެ ގޮތަކަށް އުޅެވޭތޯ ރަނގަޅަށް ބަލަންވާނެއެވެ. ނަމަވެސް ވައިކަޓާ ބައްޔަކީ އެމީހަކަށް ނޭނގުމުގެ ތެރެއިން ވެސް ޖެހިދާނެ ބައްޔަކަށްވާތީ އެގޮތުން ވިއަސް ބަލި ޖެހިއްޖެކަން އެނގި ބަލިން ސަލާމަތްވާން އެމީހަކު ބޭނުންނަމަ އެކަމަށް ކުރެވޭނޭކަމަކީ ކޮބައިތޯ އެމީހަކު ބަލައިއުޅުމަކީ ނެތްކަމެއްނޫނެވެ. ކުރަން އެންމެ ރަނގަޅު ކަމެކެވެ. އެއީ އެހެންގޮތެއް އެމީހަކަށް އެވަގުތު ފެންނާން ނެތި ހަމައެކަނި ވަޒީފާގައިކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން ތިމާއާއި އަނބިދަރީންނާއި އެހެނިހެން ޟަރޫރީ ބޭނުންތަކަށް ޚަރަދުބަރަދު ކުރަންޖެހޭ މީހަކު "ކަޓާ އެއްޗެއް ކަޓައިގެން ދިޔަދޭށޭ" ބުނެ ވަރިހަމައިގެ ބޮޑުސޭލް އަޅުވާފައި ހުރުމަކީ، ހަރުދަނާ ބުއްދިވެރިއަކު ކުރުން ރަނގަޅު ކަމެއްކަމަށް ބެލެވޭކަށް ނޯވެއެވެ.

 

ވައިކަޓާ ބަލި ޖެހިގެން ވަޒީފާއިން އަތްދޮވެލަން ބޭނުންނުވެ އެކަމަށް ރައްކާތެރިވެ އުޅެވޭތޯ ތެދުނިޔަތާ ފަރުވާތެރިކަމާ އެކީ ތިމާއަށް ކުރެވޭން އޮތްކަމެއް ކުރުމުގައި އިޚްލާޞްތެރިކަމާއެކު އުޅެނިކޮށް ވެސް ބަލިޖެހިގެން ވަޒީފާއިން އަތް ދޮވެލަންޖެހޭ ގޮތް ދިމާވުމަކީ ވެދާނެ ކަމެކެވެ. އެޙާލަތުގައި ވަޒީފާގެ ޙައްގުތައް ރައްކާތެރިކޮށްދޭ ޤާނޫނާއި ޤަވާޢިދުތަކެއް ހުރެގެން އެއެއްޗެތި ހިނގައި ތަންފީޛުވާނަމަ، ވަޒީފާ ދޮވެލި އަތަށް އަނެއްކާ އެވަޒީފާ ނުވަތަ އެއާއި އެއްވަރުގެ އެހެން ވަޒީފާއެއް ރުޖޫޢަވާން ބޭނުންވުމާއި ނުވުމަކީ، އެމީހެއްގެ އިޚްތިޔާރުގައި އޮންނާނޭ ކަމެކެވެ. އަދި މިގޮތަށް ރުޖޫޢަވާ ވަޒީފާ އަދާކުރުމުގެ އެހިނދުގެ މާޙައުލަކީ ވައިކަޓާ ޖަރާސީމާއި އެމީހަކު ދުރުގާ އުޅުނު ނަމަވެސް އެހެން ގޮތްގޮތުން އެޖަރާސީމުގެ ޙަމަލާ އަމާޒުވެ އުނދަގޫތަކެއް ކުރިމަތިވެދާނެ މާޙައުލެއްކަމަށް އެމީހަކަށް ކަށަވަރު ކުރެވޭނަމަ، ދެން ނިންމާނެ ގޮތަކީ ވެސް އެމީހެއްގެ އިޚްތިޔާރުގައި އޮންނާނޭ ކަމެކެވެ .

 

ކޮންމެއަކަސް ކުރިންވެސް ހާމަކޮށްފައި ވާނެހެން ތިމާއަށް އެވަގުތު އެހެންގޮތެއް ފެންނާން ނެތި ހަމައެކަނި ވަޒީފާގައިކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން ތިމާއާއި އަނބިދަރީންނާއި އެހެނިހެން ޟަރޫރީ ބޭނުންތަކަށް ޚަރަދުބަރަދު ކުރަންޖެހިފައިވާ މީހަކު "ކަޓާ އެއްޗެއް ކަޓައިގެން ދިޔަދޭށޭ " ބުނެ، ވަރިހަމައިގެ ބޮޑުސޭލް އަޅުވާފައި ހުރުމަކީ، ހަރުދަނާ ބުއްދިވެރިއަކު ކުރުން ރަނގަޅު ކަމެއްކަމަށް ބެލެވޭކަށް އެއްގޮތަކަށް ވެސް ނޯންނާނެއެވެ.

                              ---------------------
ޢަބްދުﷲ ޙިލްމީ

06 އޮކްޓޫބަރ 2019