އާނކިޔާ އުޅުނު ހިތްވަރު، ނެތިއްޖޭ ފިލާ

 

ދިވެހިރާއްޖޭގެ މަސްދޯނި ތަކުގައި އިންޖީނު އަޅައިގެން މަސްވެރިކަން ކުރަންފެށީ، 1974ގަ އެވެ. އިންޖީނު ދޯނިފަހަރު ރާއްޖެއަށް ތަޢާރަފްވެ، 1976 ވަނަ އަހަރާ ހަމައަށް އައިއިރު އިންޖީނު ދޯންޏެއްގައި ނޫނީ ގަޔާވެގެން މަހަށްދާނެ އެއްވެސްމީހެއް ނެތެވެ. އިންޖީނު ދޯނީގެ ހަލުވި ދުވެއްޔާއި އޭގެ މަސްވެރިކަމުގެ ފައިދާ ފެނުނީމާ ވާނެގޮތް ވީއެވެ. އިންޖީނުގެ ބޭނުންތެރިކަން ބޮޑުވީއެވެ.

ދޯނިފަހަރަށް އިންޖީނު ލިބެން އޮތްއިރު އެކަމާ ނޫޅެވުމުގެ ސަބަބުން އިންޖީނެއް ނުލިބި މަހަށްފުރޭނޭ އެއްވެސް ގޮތެއް ނެތިގެން ބޭނުމެއް ނުކުރެވި، ހަލާކުވެ ފީވެދިޔަ ދޯނިތައް މަދެއްނޫނެވެ. އެހެންވީމާ ރިޔާނެގި ދޯންޏާއިގެން އާނކިޔައި އުޅުނު ހިތްވަރު ވަކިހިސާބަކުން  ނެތުނީއެވެ. "ބާ ހިޔާގަނޑުތެރޭ ހުރެ ދޯނި ކިލާވީއެވެ. އާރިޔާ ހޯދި މޮޔަ ހީވީއެވެ. އަދި ބުރަފައްޗެއް ނޭބުނރޭތީ، މަހަށްދާނެ ހަމަ އެކަކުވެސް ނުވީއެވެ.

ރިޔަލުގައި މަހަށް ފުރޭތޯ ހިތްވަރުކުރި ދޯނިފަހަރަށް ލިބުނީ ބޮޑު ގެއްލުމަކަށް ވާތީ، އެކަން ހިނގިގޮތް ކޮންމެވެސް ސިފައެއްގައި ބުނެދެވޭތޯ 1976 ގައި އަޅުގަނޑަށް އުޅެވުނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި ހުވަދޫގެ ރަންއަޑުގެ ވެރިޔާ ގދ. ތިނަދޫ ސްޓާރލިންގް މަރުޙޫމާ މަރިޔަމް އަޙުމަދު ދީދީ، ކިޔުއްވާފައިވާ "އާނކިޔާ އުޅުނު ހިތްވަރު ނެތިއްޖޭ ފިލާ، ބާ ހިޔާގަނޑުތެރޭ ދޯނިވާތީ ކިލާ" މިލަވައެވެ. ލަވައިން ކަންހިނގި ގޮތް ހާމަކޮށްދެވޭތޯ ބެލުމެވެ.

އެދުވަސްވަރު ތިނަދޫއަށް ޒިޔާރަތްކުރައްވާ ބައެއް ބޭފުޅުން މަރުޙޫމާ މަރިޔަމް އަޙުމަދު ދީދީ ލައްވައި މިލަވަ ކިޔުއްވައި ރެކޯޑު ކުރައްވައިގެން ގެންދަވާފައި ވާަތީ، ރާއްޖޭގެ ބައެއް ދިމަދިމާލުން ވެސް މިލަވަ އަޑުއިވުނެވެ. ލަވަހެދިތާ ބައިގަރުނަށް ވާން ދެއަހަރެއްހާ ދުވަހަށްވެފައި ވަނިކޮށް، މިލަވައިގެ ރެކޯޑިންއެއް ލިބުނެވެ. ދެއްވީ، ގދ. ތިނަދޫ ހަލަވެލި ޢަލީ ޙިލްމީ އެވެ. ކުރިއްސުރެ ވަރަށްގިނަ ވީޑިޔޯ، އަދި އޯޑިޔޯ ލަވަ އޭނާ ގެންގުޅުއްވައެވެ.

މިލަވަޔާ ބެހޭ މަޢުލޫމާތުކޮޅެއް، ބޭނުންފުޅުނަމަ "މިތަނަށް" ފިއްތަވާލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ލިބުނު މިލަވަ ރެކޯޑުކުރި ދުވަހެއް، ދުވަސްވަރެއް އެނގެން ނެތެވެ. ނަމަވެސް، ރެކޯޑުކޮށްފައި ވަނީ، "ޑިޖިޓަލް" ޒަމާނަށް ރާއްޖޭގައި ހަނދުބަލައި ރަށްފުށުގައި ތިބޭ ބަޔެއްގެ އަތްފޯރާފަށަށް އެޓެކްނޯލޮޖީ އައުމުގެ ކުރިންކަމަށް ވާތީ، ރެކޯޑިންގައި ހުންނާނެ ކަންކަމެއް ހުއްޓެވެ. ލަވަ އަޑުއަހައިލީމާ، މިކަން އެނގެއެވެ. އަދި މިކަން ބޮޑަށް ފާހަގަވާ ކަޑިޔެއް ވެސް އޮތެވެ.

ނަމަވެސް މިހާރު މިވަނީ މިޔުޒިކް ކޮމްޕޯސަރުގެ "ރަބަރުން"  ލަވައިގެ ރެކޯޑިންގެ ކުރަކިކަން  ފޮހެލައި، މަރުޙޫމާ މަރިޔަމް އަޙުމަދު ދީދީގެ ރީތި ހިތްގައިމު އަޑު، އަހާހިތްވާ ގޮތަށް ގެނެސްދީފައެވެ. ތިނަދޫގެ ކުޅަދާނަ މިޔުޒިކް ކޮމްޕޯސަރ ބާތިން، މިލަވައިގެ ޓެކްނިކަލް އަދި ރެކޯޑިންގ މަސައްކަތް ކުރެއްވިއިރު، އޭގެ ބައެއް ކަންކަން އަޅުގަނޑު ދުށީމެވެ. ބާތިންގެ ކުޅަދާނަކަން ފެނި ޙައިރާންވިއެވެ. އުފާވިއެވެ. އަދި ޝުކުރުން ހިތް ފުރުނެވެ. އެއީ ބާތިން މިލަވަޔަށް ކުރެއްވި އުނދަގޫ މަސައްކަތަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. މިފަންނުގައި މުޅި ތިނަދޫ ވެސް ފަޚުރުވެރިވާ ފަދަ ޒުވާން ޤާބިލް އެއްކުއްޖަކަށް، ބާތިން ވީމައެވެ.

މަރިޔަމް އަޙުމަދު ދީދީ ދުނިޔެ ދޫކުރައްވާފައި ވުމުން، އެމަރުޙޫމާގެ ހަނދާނުގައި މިލަވަ ގިނަ ބަޔަކަށް އަޑުއިވުމުގެ ބޭނުންތެރިކަން ކުޑައެއްނޫނެވެ. ބޮޑެވެ. މިހެންވެ، ތިނަދޫގެ ކުޅަދާނަ މިޔުޒިކް ކޮމްޕޯސަރ ތިނަދޫ ހެޕީގުރައުންޑް ޢަބްދުލް ބާތިން މުޙައްމަދުގެ ކޮމްޕް. ސޮފްޓްވެއަރގެ ތެރެއިން ލަވަ ވުޖޫދަށް ގެނެސްދެއްވީ، ތިނަދޫ އުތުރުދާއިރާގެ އެމް.ޕީ އފ. ސަޢުދުﷲ ޙިލްމީ އެވެ. މިކަމަށްޓަކައި އެމް.ޕީ ސަޢުދަށް ޝުކުރު ދަންނަވަމެވެ.                         

        

"އާނކިޔާ އުޅުނު ހިތްވަރު" ލަވަ އެކަނި، ލިޔުމުން ބައްލަވަން ބޭނުންފުޅުނަމަ "މިތަނަށް" ފިއްތަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ،

              --------------------

ޢަބްދުﷲ ޙިލްމީ

30 ޖޫން 2024މ.