ވެހޭ ވާރޭގައި ކުރުވި ޢީދު ނަމާދު


1445ހ. ވަނަ އަހަރުގެ ބޮޑު ޢީދު ދުވަހާ ދިމާވީ، މީލާދީ ސަނަތުން 17 ޖޫން 2024 އެވެ. އެ ދުވަހުގެ ޢީދު ނަމާދު ކުރުމަށް، ހުވަދުއަތޮޅު ތިނަދޫގެ ކަމާބެހޭ ފަރާތުން ހަމަޖެއްސެވި ތަނަކީ، ތިނަދޫގެ ދެކުނު އަވަށުގައި އޮންނަ ޓާފް ދަނޑެވެ. މޫސުމުގެ ގޮތުން (ވާރޭވެހި) އެ ތާނގައި ޢީދު ނަމާދު ކުރުމަށް ތަންނުދޭނަމަ، ދެން ޢީދު ނަމާދު ކުރާނެ މިސްކިތްތައް ވެސް އެންގެވިއެވެ. އެ ގޮތް ގޯހެއް ނޫނެވެ. ނަމަވެސް ޢީދު ވިލޭރޭގެ ފަތިސް ވަގުތު ވާރޭވެހިފައި، އިރުއެރި ވަގުތު ވެސް ހުޅަނގު ފަރާތުގެ އުދަރެސް ކަޅުކޮށްފައި ވިއްސާރަ ވާރޭ ވިލާގަނޑެއް ނަގައި، ބޯމަތިވަމުން އަންނަތަން ފެނުނެވެ.

 

މިހެންވެ، ޢީދު ނަމާދުކުރާ ގަޑި ގާތްވާތީއާ ވާރޭވެހޭނެކަން ޔަގީންވާތީ ބަޔެއް މީހުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގި އުޅެން ފެށިއެވެ. އުތުރު އަވަށުން ސައިކަލުތަކުގައި ދެކުނު އަވަށުގެ ޓާފް ދަނޑަށް ދިޔަ ބައެއް މީހުން އަނެއްކާ އައިކޮޅަށް އަނބުރައި ދާތީ ވެސް ފެނުނެވެ. އެކަކު އަނެކާގެ މޫނަށް ސުވާލުގެ ނަޒަރުން ބަލާތީ ވެސް ފެނުނެވެ. ދެން ހަދާނީ ކިހިނެއްތޯއެވެ. އެ ހިސާބަށް ދިޔައިރު ވެސް ޢީދު ނަމާދުކުރުން އޮންނާނީ ޓާފް ދަނޑުގައި ކަމެއް، މިސްކިތްތަކުގައި ކަމެއް ނޭނގެއެވެ. ޚަބަރެއް ނުވެއެވެ.

 

ޢީދު ނަމާދަށް ތައްޔާރުވި ބައެއް މީހުން އެކޮޅަށް ގޮސް މިކޮޅަށް ގޮސް ޓާފް ދަނޑަށް ދެވުނު ބަޔަކަށް ދެވުނީއެވެ. ނުދެވުނު ބަޔަކަށް ނުދެވުނީއެވެ. އެއްބަޔަކަށް ނުދެވެއެވެ. އެއްބަޔަކަށް ދެވުނީ ދެވަނަ ރަކުޢަތުގެ ސަޖިދައިގައި މީހުން ވަނިކޮށެވެ.

 

ކޮންމެއަކަސް ދެވުނުބަޔަކަށް ދެވުނުތާ ގިނައިރެއްނުވެ، ނަމާދަށް ފަށައިފިއެވެ. ތަކުބީރާއި އަލްޙަމްދަށްފަހު، ކުރު ސޫރަތެއް ކަމަށްްވާ ސޫރަތުލް ކައުޡަރު ކިޔަވައި ރުކޫޢު އިޢުތިދާލަށް ފަހު، ސަޖިދައަށް ދިޔުމާއެކު ވާރޭ ވެހެން ފެށީއެވެ. ނަމާދުގެ އިމާމް، ނަމާދު އަވަސް ކުރެއްވުމަށް ބޭނުންވެ، ދެވަނަ ރަކުޢަތުގައި އަލްޙަމްދަށްފަހު ކިޔެވީ ސޫރަތުލް އިޚުލާޞެވެ. އެއަށްފަހު، ނަމާދުގެ ސަލާމް ދިންއިރު ވެސް ވާރޭވެހެއެވެ. ސަލާމްދިނުމާއެކު ބައެއް މީހުން މައިދާން ދޫކޮށް ދާން ފަށައިފިއެވެ. ދެން އިމާމް ފެއްޓެވީ މީހަކު ލައްވައި ކުޑައެއް ނަންގުވައިގެން ޚުޠުބާ ކަރުދާސް ތެމުނަ ނުދެއްވައި ޚުޠުބާ ކިޔުއްވާށެވެ. އޭރު އެ ނަމާދުގައި ބައިވެރިވި ޢުމުރުން ދުވަސްވީ ބަލިމީހުން ހީކަރުވާތީ ތުރުތުރުލަމުން ދިޔަތަން ފެނުނެވެ.

 

މަތީގައި އެވަނީ ކަން ހިނގި ގޮތެވެ. މިއީ މީހަކު ބުނި ވާހަކައެއް ނޫނެވެ. އަމިއްލަ ތަޖުރިބާއެވެ. މި ކަން ލޮލުން ދެކި އަތުން ހިފުނެވެ. އެ ނަމާދުގައި ބައިވެރިވީމެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ޢީދު ނަމާދުގެ ފަހުން ބަޔެއް މީހުން ބުނަމުންދިޔައެވެ. ނަމާދުގެ މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަން ގެއްލިއްޖެއެވެ. އެހެންވީ، ޢީދު ނަމާދުކުރާއިރު ވާރޭވެހޭނެކަން ޔަގީންވާއިރު ވެސް މިސްކިތްތަކުގައި ނަމާދުނުކޮށް ހާމަ ތަނެއްގައި ވެހޭ ވާރޭގައި ނަމާދު ކުރުވީމައެވެ.

(والله أعلم)

 

ބޮޑު ޖަމާޢަތުގައި މާތް ރަސޫލު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޢީދު ނަމާދު ކުރެއްވި ކަމަށް ޢިލްމުވެރިޔަކު ވިދާޅުވިއެވެ. އެ ކަން އޮތް ގޮތް ބަޔާންކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި، ވާރޭ ވެހުނު ދުވަހެއްގައި އިތުރުއެކަލޭގެފާނު މިސްކިތުގައި ޢީދު ނަމާދު ކުރެއްވި ކަމަށް ރިވާވެފައި ވެއެވެ. އެއީ ޞައްޙަ ރިވާއެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެހެންވީމާ، ވާރޭވެހުން ފަދަ ޝަރުޢީ ޢުޛުރެއް މެދުވެރިވެއްޖެނަމަ، ޢީދު ނަމާދުކުރުން ސުންނަތްވެގެންވަނީ މިސްކިތުގައިކަން އެނގެއެވެ. އެފަދަ ޢުޛުރެއް މެދުވެރި ނުވާނަމަ، ޢީދު ނަމާދުކުރުން ސުންނަތްވެގެންވަނީ އެންމެނަށް އެއްވެ ތިބެވޭނެ ފަދަ ބިމެއްގައި ކަމާމެދު ދެބަސްވުމެއް ނެތެވެ. އެހެނީ ޝަރުޢީ ޢުޛުރެއް މެދުވެރިނުވާ ނަމަ، ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޢީދު ނަމާދު ކުރައްވާފައިވަނީ އެންމެނަށް އެއްވެ ތިބެވޭނެ ފަދަ ތަނަވަސް ބިމެއްގައެވެ. މިއިން އިސްތިސްނާވެގެންވަނީ މައްކާއެވެ. މައްކާގައި ޢީދު ނަމާދުކުރަނީ، ޙަރަމްފުޅުގައެވެ.

 

މުސްލިމް ބަޔެއްގެ ކަންކަން ކުޅައުމާއި ބަޔަކާއި މަތިކޮށްފައި ވިޔަސް، އެ ބަޔަކު ހިތަށްއެރި ކަމެއް، ހިތަށްއެރި އިހާނެތި ގޮތަކަށް ކުޅައުމީ ކޮންފަދަ ކަމެއްބާވައެވެ. ފަހެ، މި ބާވަތުގެ ކަންކަން ހިނގުމަކީ ފަހު ޒަމާނުގެ ޢަލާމާތެއް ނޫންބާވައެވެ!

         --------------------

ޢަބްދު ޙިލްމީ

19 ޖޫން 2024މ.

 

ފަންނީ އެހީތެރިކަން:

އަލްއުސްތާޛު ޢަބްދުލް މުޢީދު ޙަސަން