ހަވަރުތިނަދޫގެ އަސާސީ ތަޢުލީމު

 

ހަވަރުތިނަދޫގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އެކަންކަން އުނގަންނައި ދިނުމަށްޓަކައި، އެ ރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުންކުރެ ކޮންމެ އަވަށެއްގައި މަކްތަބެއް ޢިމާރާތްކުރުމަށްޓަކައި، 7 ސެޕްޓެމްބަރ 1956މ. (1/7/1376ހ.) ގައި ބިންގާއެޅި ޢިމާރާތްތަކުގެ މަސައްކަތްނިމި އެ ތަންތާނގައި އުނގަންނައިދިނެވެ.

މިޢިމާރާތްތައް ކުރުމުގައި އެންމެބޮޑު ހޭދަކުރެއްވީ، އެދުވަސްވަރުގެ ހުވަދުއަތޮޅު އަތޮޅުވެރިޔާ އަލްޙާއްޖު އަލްމަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ. އަދި ފޯރުންތެރިކަން ހުރި މިންވަރަކުން އެކަމަށް އެހީތެރިވެދެއްވި ހަވަރުތިނަދޫގެ ފައިސާވެރިން ވެސް ތިއްބެވިއެވެ. މިތަންތަން ޢިމާރާތްކޮށް ނިންމުމުގެ ޢަމަލީ މަސައްކަތްކުރީ، އެފަދަ ކަންކަން ކުރަންއެނގޭ ހަވަރުތިނަދޫގެ ރައްޔިތުންގެ ތެރެއިން ބަޔެކެވެ. ހިލޭ ސާބަހަށެވެ.

ހަވަރުތިނަދޫ ދެކުނުއަވަށުގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އުނގަންނައިދިން "މަކުތަބަތުލް ޢުލޫމު" ޢިމާރާތްކުރި ބިންކޮޅު އެއިރު އޮތީ ހުހަށްކަމަށް، ތިނަދޫ ގޯލްޑަން ހައުސް ޢާއިޝަތު ފަރީދާ އާއި، ވިލިގިލީ ގޮންގަލި މަރުޙޫމާ ޚަދީޖާ ޙުސައިން (ތިނަދޫ/ ގަޒީރާ) މަޢުލޫމާތު ދެއްވާފައިވެއެވެ.

ތިނަދޫ ރަންގަލް މަރުޙޫމު ޢަލީ ޙުސައިން މަޢުލޫމާތު ދެއްވާފައިވަނީ، އެ ބިންކޮޅަކީ ހަވަރުތިނަދޫ ދިހެރޭ ދޮންބެއްޔާގެ ރެއްކާބޭގެ އިބްރާހީމްފުތާއި އޭނާގެ އަންހެނުން އައިހާގެ ރެކިދިޔެ އާއި ދެމަފިރިންގެ ގެއެއް ކުރިންހުރި ތަންކޮޅެއް ކަމަށާ މަކުތަބު ޢިމާރާތްކުރީ މިދެމަފިރިންގެ ގެ ހުރި އެތަންކޮޅު ކުޑަވެ، އޭގެ ބަދަލުގައި އެ މީހުންނަށް އެހެން ގޯއްޗެއް ދެއްވާފައި ވަނިކޮށެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެރަށުގައި ވަޒަންވެރިވުމަށްޓަކައި ރަށުގެމަގުތައް ހެދިއިރު މި މަކުތަބުގެ ޢިމާރާތްދިޔައީ ތިނަދޫ ރަންގަލް ގޭ ގޯތީގެ އިރުދެކުނަށް ގޯއްޗަށް ބަޔަކާއި އެ ދިމާލުން މަގުގެ ބަޔަކަށެވެ. މިމަކްތަބުގެ ޢިމާރާތުގެ ބަޔެއް ވަރަށް ފަހަކާ ޖެހެންދެން ތިނަދޫ ރަންގަލް ގޭތެރެއިން ފެންނަން ހުއްޓެވެ.

ހަވަރުތިނަދޫ އުތުރު އަވަށުގައި ތިބި ލިޔަންކިޔަން ނޭނގޭ މީސްމީހުންނަށް އުނގަންނައިދިން "މަކުތަބަތުލް އިރުޝާދިއްޔާ" ޢިމާރާތްކުރި ބިންކޮޅު، ތަޢުލީމަށްޓަކައި ހަދިޔާކުރެއްވީ، ތިނަދޫ މަދަރުސާދޮށުގޭ މަރުޙޫމާ ޢާއިޝަތު ގާސިމް އެވެ. ހަވަރުތިނަދޫން މީހުން ބޭލުމުގެކުރިން މަރުޙޫމާ ޢާއިޝަތު ގާސިމްގެ "ފަށުވިމާގެ" ހުރި އެގޯތި އޮތީ، ހަވަރުތިނަދޫ ލިލީއަވަށު ނަރުގިސްމަގުގެ ދެކުނު ފަރާތުގައެވެ. އެބިން ހަމަޖެއްސީ ގޯތީގެ ހުޅަނގު އުތުރު ކަންމަތިންނެވެ. މިއީ އެދުވަސްވަރުގެ ބޮޑު ގޯއްޗެކެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެރަށުގައި ވަޒަންވެރިވުމަށްޓަކައި ރަށުގެމަގުތައް ހެދިއިރު މިމަކުތަބުގެ ޢިމާރާތްދިޔައީ ތިނަދޫ ރެކްސޯނާ ގޭގެ ގޯތީގެ ދެކުނުން ބަޔަކަށާއި އެ ދިމާލުން ދެކުނުފަރާތުގެ މަގުގެ ބަޔަކަށާއި އަދި އެދިމާލުން ޑޭލައިޓް ގޭގެ ގޯތީގެ ބަޔަކަށެވެ.

ހަވަރުތިނަދޫގައި ތިބި ލިޔަންކިޔަން ނޭނގޭ މީހުންނަށް ޚާއްޞަކުރި ހަވަރުތިނަދޫގެ ދެ މަކްތަބު ބިނާކޮށް އެ ދެތާނގައި އުނގަންނައި ދިނުމުގެ މަސައްކަތް ފެށިއިރު ވެސް، ރަށުގެ ދެ އަވަށުގައި ކުދިންނަށް ކިޔަވައިދެމުން ގެންދާ ދެމަކްތަބެއް ހުއްޓެވެ. އުތުރު އަވަށުގެ މަކުތަބަތުލް ފަލާޙާއި، ދެކުނު އަވަށުގެ މަކުތަބަތުލް ސަޢާދާ އެވެ. މި ދެމަކްތަބު ޢިމާރާތްކުރުމަށް ވެސް އެންމެބޮޑު ހޭދައެއްކުރެއްވީ އޭރުގެ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ މަރުޙޫމް މޫސާ ހިރިހަމައިދި ކަލޭގެފާނެވެ.

ފަލާޙާއި ސަޢާދާ ދެމަކުތަބު ހިންގެވުން ދެބޭފުޅަކާއި ޙަވާލުކުރައްވާފައި ވިޔަސް އެދެތަނަކީ ވެސް އަތޮޅުވެރިޔާ އާއި ރަށުގެ ވެރިންގެ ފުރިހަމަ ބެއްލެވުމާއި އެހީތެރިކަން އޮތް ދެތަނެވެ. އަދި މިހެންމެ، ލިޔަންކިޔަން ނޭނގޭ މީހުންނަށް ޚާއްޞަކުރި ދެމަކުތަބަކީ ވެސް އަތޮޅުވެރިޔާ އާއި ރަށުގެ ވެރިންގެ ފުރިހަމަ ބެއްލެވުމާއި އެހީތެރިކަން އޮތް ދެތަނެވެ.

ލިޔަންކިޔަން ނޭނގޭ މީހުންނަށް ތިނަދޫ އުތުރު އަވަށުގައި ޚާއްޞަކުރި "މަކުތަބަތުލް އިރުޝާދިއްޔާ" ހުންނަނީ އަޅުގަނޑުގެ މަންމަގެ ގެޔާއި ވަރަށްގާތުގައި ކަމަށްވާތީ އެމަކުތަބުގައި ކިޔަވައިދޭ އަޑު ބައެއްފަހަރު އެގެޔަށް އިވެއެވެ. ކިޔަވައިދެނީ ބައެއް މީހުންނަށް ދުވާލު، ބައެއް މީހުންނަށް ރޭގަނޑުއެވެ. ރޭގަނޑު އޮންނަނީ ދުވާލު ރަށުގައި ނޫޅޭ މީހުންނަށެވެ.

     ------------------

ޢަބްދުﷲ ޙިލްމީ

1 ޖެނުއަރީ 2013މ.