ކޮތަޅަކުން ފެނުނު، ލިޔުން

 

ލިޔުންތަކެއް ހޯދަމުން ދަނިކޮށް ގޭގައި ހުރި ފޮށިގަނޑަކުން ކަރުދާސް ކޮތަޅެއް ފެނުނެވެ. އޭގެ އެތެރެ ބެލިއިރު ހުރީ އަޅުގަނޑު ގެންގުޅުނު ދުވަސްވީ ބައެއް ލިޔުމެވެ.

ފެނުނު އެކައްޗަކީ، 1975 ގެ ފަހުކޮޅު ގަލަމުން ފޮތެއްގައި ލިޔަން އަޅުގަނޑު ފެށި ޚިޔާލީ ވާހަކައެކެވެ.


ފޮތް ލިޔެ މުޅިން ނުނިމި އުޅެނިކޮށް، ޕަބްލިކް ސޭފްޓީ މިނިސްޓަރ އަލްއަމީރު ޢަބްދުލްޙަންނާނު ދޮށިމޭނާ ކިލެގެފާނު ވެސް އެފޮތް ބައްލަވައިލެވިއެވެ. އެއީ އެމިނިސްޓްރީން ބައްލަވަމުން ގެންދެވި ޝަކުވާއެއްގެ މައްސަލައެއްގައި ބަޔެއްގެ އަތުލިޔުން ހުންނަގޮތް ބެއްލެވުމުގެ ތެރޭ އަޅުގަނޑުގެ އަތުލިޔުން ވެސް ބައްލަވައި ލެއްވުމަށެވެ. އޭގެފަހުން އެފޮތް ދެއްވިއެވެ.

"ޙަޔާތުގެ ކޮޅުދާލި" މިނަމުގައި އަޅުގަނޑު ލިޔުނު ސިލްސިލާ މަޟްމޫނުގެ ނަމްބަރ 6 ގައި އެވާހަކަ ލިޔެފައިވާތީ، ތިރީގައިވާ ލިންކުން އެވާހަކަ ބެއްލެވިދާނެއެވެ.

https://www.galehiri.com/2014/02/6.html

ކުރިން ދެންނެވި ޚިޔާލީ ވާހަކަ، އަޅުގަނޑު އަމިއްލަޔަށް ސްޓެންސިލް ލިޔެގެން ޗާޕުކުރީމެވެ. އެއީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުރި ތަނުގައި "ހަކުރާފެއަރ" ހުރި ދުވަސްކޮޅެވެ. ޗާޕުކުރި ފޮތުގައި "ހަކުރާފެއަރ" ގައި ހުރި ސްޓޯލެއްގެ އިޝްތިހާރެއް ވެސް ހުންނާނެއެވެ. އެކަމަކު މިހާރު ގޭގައި ފެންނަން އޮތީ ފޮތުގެ ކުރިޔާއި ފަހުގެ މަދު ޞަފުޙާތަކެއް ހީރަހުން ނެއްޓިފައި އޮތް އެއްޗެކެވެ.

ކަރުދާސް ކޮތަޅުން ދެން ފެނުނީ، ތާރީޚުގެ ލިޔުމެކެވެ. ހުވަދުއަތޮޅުގެ ބައެއް ކަންކަން، ކުރީގައި ހިނގާފައިވާ ގޮތަށް ބަލައި އަޅުގަނޑު ލިޔަން ފެށި ފޮތެކެވެ. މީގެ 46 އަހަރު ކުރިންނެވެ. އެކަމަކު މީގައި ވެސް މިހާރު އޮތީ ބަޔެކެވެ. ފޮތް ލިޔަން ފެށީ 1977 ގައި ހުވަދޫ ތިނަދޫގައި ހުރެގެންނެވެ. މިކަމުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވި ބައެއް ބޭފުޅުންގެ ނަންތައް ލިޔެފައިވާ ޞަފުޙާއެއްގެ ފޮޓޯ ތިރީގައި ހިމަނާލީމެވެ.

އަދި ހަމަ އެއަހަރު (1977) ގައި ހުވަދޫ ވިލިގިލީގައި ހުރިއިރު، އެރަށު ޝަބްނަމީގޭ އިބްރާހީމް އަނީސާއި، މުޝްތަރީގޭ އިބްރާހީމް ޝިހާބާއި، އަޅުގަނޑުމެން ގއ. ރަށްރަށުގެ ދުވަސްވީ މަޢުލޫމާތު ހޯދުމުގެ މަސައްކަތެއް ފެށީމެވެ. އޭރު ޖަނަވަރީގޭ ޢަދުނާނު ޙަލީމު، ތަންކޮޅެއް ކުޑައެވެ. އެހެންވެ، މިކަމުގައި ދެއްވަދޫ ގޮންގަލި މުޙައްމަދު އަނީސާއި. ދާންދޫ ދަލާސްޓް ޢަބުދުއްލަޠީފާއި އުދަރެސް މުޙައްމަދު އިބްރާހީމްދީދީ ގެ އެހީތެރިކަން އަޅުގަނޑުމެން ހޯދީމެވެ.

ނަމަވެސް މިމަސައްކަތް މުޅިން ނުނިމެނީސް އަޅުގަނޑު އެރަށުން ފުރަން ޖެހުނީއެވެ.



ލިޔުމާއި ތާރީޚާ ގުޅޭ ކަންކަން އަޅުގަނޑު ކުރަނީ، އެކަމަށްޓަކައި މީހަކު ދީފާނެ އެއްޗަކަށް ނުވަތަ ސަރުކާރުން ދެއްވައިފާނެ އެއްޗެއްގެ ބޭނުމެއް އޮވެގެން ނޫނެވެ. 

https://www.galehiri.com/2020/09/blog-post_16.html

އަޅުގަނޑުގެ ބޭނުމަކީ ދިވެހި މުޖުތަމަޢަށް ބޭނުންތެރި ޚިދުމަތެއް ކުރެވޭތޯ ބެލުމެވެ. މިކަން ދިވެހި މުޖުތަމަޢު ބަލައިގެންފިނަމަ، އަޅުގަނޑުގެ ބޭނުން ފުދުނީއެވެ.

             ---------------

ޢަބްދުﷲ ޙިލްމީ

6 މޭ 2023މ.