ޓްރާންސްޕޯޓް މިނިސްޓަރ، ފިޔޯރީގައި ރަހީނުކުރި ވާހަކަ

ޓްރާންސްޕޯޓް މިނިސްޓަރ ފިޔޯރީއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު، ހަވީރު 5 ޖެހުމާއި ކައިރިވެފައިވަނިކޮށް ފުރާވަޑައިގަތުމަށް އުޅުއްވީމާ ބަޔަކުމީހުން އެކަމަށް ހުރަސްއަޅައި ފުރާވަޑައިގަތަނުދީ އެރަށު ރަށްވެހިގޭގައި މިނިސްޓަރ ރަހީނުކޮށް ހިފެހެއްޓިއެވެ. އިރުއޮއްސުމުން އެތަނުގެ ބޭރުގައި ތިބެ ހަޅޭއްލަވައި ފުރާޅަށް ގާއުކައި ކުޑަދޮރުތަކުގެ ދޮރުފަތުގެ ބިއްލޫރިތައްވެސް ތަޅާލިއެވެ. މިކަން ހިނގަމުންދަނިކޮށް މެންދަމާއި ގާތްވީފަހުން ރަށްވެހިގެޔާއި ދިމާލުން އަތިރިމައްޗަށް މީހަކު ދިޔައިރު އެތާހުރި ގަހެއްގެ ދަށުގައި ކުރިން ފެނިފައިނުވާ ބޭކަލަކު ހުންނަވަނިކޮށް ފެނިގެން އެއީ ކޮންބޭކަލެއްތޯ އަހައި ބެލުމަށް އެބޭކަލެއްގެ ގާތަށް ދިޔުމުން ބީރައްޓެހި ކުރަކި ރާގެއްގައި އެބޭކަލަކު ބުނުއްވިއެވެ.

"އާނއާނ! މަގާތަށް ތިޔައައި މުހުތާދު އެނގެއެވެ. އަހުންނަކީ ކާކުތޯއާއި މިވަގުތު މިރަށަށްއައީ ކީއްކުރަންތޯ ބެލުމަށްނޫންހެއްޔެވެ. ކަނުލައި އަހާށެވެ. އަހައިފިއްޔާ އެއަށް ފިކުރު ހިންގާށެވެ. ފިކުރު ހިންގައިފިއްޔާ އެމައްޗަށް އުޅެވޭތޯ ބަލާށެވެ. މިރަށަށް އަހުން އައި ބޭނުން އެހެރަ ފެންނަމުން އިވެމުންދަނީއެވެ. ޑިމޮކްރަސީއަކީ އެޔެވެ. އެޔާއި އެއްގޮތަށް އުޅެގެންނޫނީ ކުރިއެރުމެއް ނުލިބޭނެތެވެ. އިސްލާމުންނޭ ކިޔައިގެން އުޅޭ މިކަހަލަ ބަޔެއް ގައުމުތަކުގައިވެސް އަހުން އުޅެގެން އެޑިމޮކްރަސީ ގެނެސްފީމެވެ.

އެމަގުން މިރާއްޖެއަށްވެސް ކުރިއެރުން ހޯދައިދިނުމަށް އަހުން ފިކުރުކުރާތާ ގަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިހާދުވަސްވީއިރު އެކަން ނުވެދިޔައީ މިރާއްޖޭގެ ރަށްރަށުގެ ކަންހިންގާން ތިބި ބަޔެއްމީސްމީހުންގެ ޑިމޮކްރަސީއާއި މުޅިން ޚިލާފު ބޯދާ ވިސްނުމަކާއި ކަޓުމުއްލާ ލަފާދާރުކަމަކާއި މުޅިން އެހެންކަހަލަ އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އެހެންވެ، އެކަމަށްވެސް މިހާރުވާނީ ޙައްލެއް ހޯދާފައެވެ. އެޙައްލަކީ އޭގެނަމުން ލާމަރުކަޒީއެވެ. މިއެއްޗެއް ތިޔަބައިމީހުންގެ ތެރޭ ހިނގައިގަތުމާއެކު އެފަދަ މީހުން އެއްފަރާތްވެ އަހުންގެ ބަސްއަހާ އަހުން އެދޭފަދަ ބަޔެއްގެ ދުޅަހެޔޮވެއްޓެއް މިރާއްޖޭގައި ގާއިމުވާނެކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ."

އެބޭކަލަކު މިވާހަކަތަކެއް ދައްކަމުންދަނިކޮށް ރަށްވެހިގެޔާ ދިމާލުން މާބޮޑަށް އަޑުފަށްގަނޑު ގަދަވެގަތުމުން އެތަނަށް ދިޔުމަށް ހިނގައިގަތްތަނާ ހިތަށްވަން އެއްޗެއް ސަބަބުން ފަހަތަށް އެނބުރި ބަލާލިއިރު އެބޭކަލަކު ފެންނާކަށްނެތެވެ.

                   ++++++++++++

19 ޑިސެމްބަރ 2008މ. ގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަސްލަމު ރަސްމީ ދަތުރުފުޅެއްގައި ގދ. އަތޮޅަށް ވަޑައިގެން އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތެއްގައި، އަތޮޅުއޮފީސް ހިންގަން ހުރި މީހެއްގެ ޙައިސިއްޔަތުން އެ މަނިކުފާނުގެ އަރިހުގައި އެ ރަށްރަށަށް އަޅުގަނޑު ދިޔައީމެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ފިޔޯރީއަށް ވަޑައިގެން އެ މަނިކުފާނުގެ ދާއިރާގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް ބޭނުންވާނޭ މަޢުލޫމާތު ވަރަށް ރަނގަޅަށް އޮޅުންފިލުއްވައި ދެއްވިއެވެ. އަދި އެ ރަށުގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެދެއްވުމަށް ފަހު، ހަވީރު 5 ޖެހުމާއި ކައިރިވަނިކޮށް، ފުރާވަޑައިގަތުމަށް އެ މަނިކުފާނު ބަނދަރު މައްޗަށް ވަޑައިގަތުމުން ބަނދަރު ހަދާނެ ތާރީޚެއް ވިދާޅުނުވެ ފުރާވަޑައިނުގެންނެވޭނެ ކަމަށް ބަޔަކު ގޮވައި ހަޅޭއްލަވާ އަޑުގަދަކުރަން ފެށުމުން، އެ ބަޔަކު އެ އެދޭ ތާރީޚަކީ، އެ ކަމަށް އެ ވަގުތު ބަޖެޓް ހަމަޖެހިފައި ނެތުމާ އެކު، ހަމަ އެ ވަގުތުން ވަގުތަށް އެ ތާނގައި ހުންނަވައިގެން އެ މަނިކުފާނަށް ވިދާޅުދެއްވޭނެ ތާރީޚެއް ނޫންކަން ވިދާޅުވެދެއްވިއެވެ. އަދި އެކަހަލަ ކަންކަން އޮންނަގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ.

ނަމަވެސް އެ ބަޔެއްގެ ހަޅޭއްލެވުމާއި ދަތުރުފުޅަށް ހުރަސް އެޅުމުގެ ކަންތައް ނިމުމަކަށް ނައިސް އިރުއޮއްސެން ކައިރިވުމާ އެކު، އެނބުރި ރަށުތެރެއަށް ވަޑައިގެން އެ ރަށުގެ ރަށްވެހިގެއަށް ވެދެވަޑައިގަތުމުން އެ ތާނގެ ފުރާޅަށް ގައު އުކައި، ރަށްވެހިގޭ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރި ވެސް ތަޅައިލިއެވެ. އޭރު ވެސް އެ މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ހުރީމެވެ. އަދި ފިޔޯރީގެ ބައެއް ވެރިން ވެސް ތިއްބެވިއެވެ.

އެރޭ މެންދަންވީއިރުވެސް ރަށްވެހިގޭގެ ބޭރުގައި ތިބި މީހުންގެ ހަޅޭއްލެވުމާއި، އެމީހުންގެ ރުޅިވެރިކަމަށް ނިމުމެއް ނައިސްވަނިކޮށް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ފޯނުން އަޅުގަނޑާއި ގުޅުއްވައި، އޭރު ތިނަދޫން ފިޔޯރީއަށް ދުރުވެފައިވާ ފުލުހުންގެ ތިން ހަތަރު ބޭކަލެއްގެ ޙިމާޔަތުގައި މިނިސްޓަރ ގޮވައިގެން ފުރައިގެން ތިނަދުއަށް ދިޔުމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ފެންނަ މާޙައުލަށް ބަލާއިރު، ހަމައެކަނި އެ ތިންހަތަރު ބޭކަލެއްގެ ޙިމާޔަތުގައި މިނިސްޓަރ ގޮވައިގެން ރަށްވެހިގެއިން ބޭރަށް ނުކުތުމަކީ، ރައްކާތެރިކަމެއްނޫން ކަމަށާއި، އެމަނިކުފާނުގެ ރައްކައުތެރިކަމަށްޓަކައި ފެންނަގޮތެއް ދެންނެވުމަކީ، އަތޮޅުއޮފީހާއި ޙަވާލުވެހުރި މީހެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ވާޖިބަކަށްވާތީ، އަދި އިތުރު ފުލުހުންނާއެކުނޫނީ، އެމަނިކުފާނު ބޭރަށް ނުކުމެވަޑައިގަތުން އަޅުގަނޑަށް ނުފެންނަ ވާހަކަ ދެންނެވީމެވެ. މިހެން ދެންނެވުމުން މަޑުކޮށްލުމަށް ވިދާޅުވެފައި އިރުކޮޅެއްފަހުން ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، އިތުރު ފުލުހުން އެބަ ފޮނުއްވާކަމާއި، އެމީހުން ދިޔުމުން މިނިސްޓަރ ގޮވައިގެން ފުރުމަށެވެ. އެއަށްފަހު، އިތުރު ފުލުހުން ފިޔޯރީއަށް ދުރުވުމުން އެ ބޭކަލުންގެ އެހީތެރިކަމާއެކު އެރަށުން ފުރުނީ، މެންދަމު 2 ގެ ވެސް ފަހުންނެވެ. އަޅުގަނޑުމެން ފުރަންދިޔައިރު، ރަށުގެ ފާލަންވަނީ ހަލާކުކޮށްލާފައެވެ. އަދި ފުލުހުންގެ ލޯންޗެއްގައި ފުރައިގެން އަޅުގަނޑުމެން ފަޅުން ނިކުންނަނިކޮށް، ބަޔަކު ލޯންޗަށްވެސް ގައު އުކިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ، ޖަނަވަރީ 2009 ގެ ފުރަތަމަ ހަފުތާގެ ދުވަހެއްގައި އަޅުގަނޑުގާތު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރާއެކީ ފިޔޯރީގައި އަޅުގަނޑުމެން ތިބި ރޭ މިނިސްޓަރ ގޮވައިގެން ފުރުމަށް އަޅުގަނޑުގާތު އޭނާވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެންނެވެ. އޭރު މުޖުތަބާ ހުންނެވީ، ރައީސް އަރިހުގައެވެ. އެހެންވެ، އެކަމުގައި އަޅުގަނޑަށް ފެންނަގޮތް ރައީސަށް ދެންނެވީމާ، އެގޮތަށް އަޅުގަނޑަށް ފެންނަނަމަ، އެއާއި އެއްގޮތަށް އެކަން ގެންދިޔުމަށް ރައީސް ވިދާޅުވިކަމަށްވެސް ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުތަބާ ވިދާޅުވިއެވެ.

                               -----------------

ޢަބުދުﷲ ޙިލްމީ

މަޢުލޫމާތު:

ޙަޔާތުގެ ކޮޅުދާލި-21  (18 މާރޗް 2014މ.) "ގަލެހިރި ވެބްސައިޓް"