ބާރުގަދަ އަތޮޅުވެރިން


އަތޮޅުވެރިންގެ ބާބަކީ ކިޔައި، ނިމިފައިވާ ބާބެކެވެ. މިހާރު ކިޔަމުންދަނީ އަތޮޅު ކައުންސިލަރުންގެ ބާބެވެ. ނަމަވެސް ހަނދާނާއި ތާރީޚަށްޓަކައި އަތޮޅުވެރިންގެފޮތް ހުޅުވައިލައި އޭގެތެރެއިން ބާރުގަދަ އަތޮޅުވެރިންގެ ބާބު ކިޔައިލުމަކީވެސް އޮތްކަމެއް ނޫންތޯއެވެ.  އަތޮޅު ކައުންސިލަރުންގެ ބާބު ފެށިފައިވަނީ ލާމަރުކަޒީ ގާނޫނޭ ކިޔުނު އެފަދަ ދެވަނައެއްނެތް ކަމަށް ބުނެވޭ ފުރިހަމަ ގާނޫނަކަށް ޢަމަލުކުރަންފެށި ފަހުންނެވެ. އޭގެކުރިން އިދާރީގޮތުން ހިންގުމުގެ ފަސޭހައަށްޓަކައި ބަހާލައިފައިވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހުންނަވާ އެންމެ އިސް ވެރިއަކީ އަތޮޅުވެރިޔާއެވެ. އެންމެ ބޭފުޅެކެވެ. 

ލާމަރުކަޒީ ގާނޫނޭ ކިޔުނު ގާނޫނަށް ޢަމަލުކުރަން ފެށިފަހުން ކޮންމެ އަތޮޅެއްގައި އެތައް އަތޮޅު ކައުންސިލަރުން ތިއްބަވައެވެ. ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މީހުންއުޅޭ ކޮންމެރަށަކަށް ނިސްބަތްވާ އަތޮޅު ކައުންސިލަރެއް ހުންނެވުމަކީވެސް ދުރުގައިއޮތް ކަމެއްނޫނެވެ. ވެދާނެކަމެކެވެ. އެއީ ރާއްޖޭގެ އަތޮޅުތަކުގައި މީހުންއުޅޭ ކޮންމެރަށެއް އަތޮޅު ކައުންސިލުގައި ތަމްސީލުކުރުމަކީ ބޭނުންތެރިކަމަކަށް ވެދާނެތީއެވެ. 

ބާރުގަދަ އަތޮޅުވެރިންނަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުގެ އަހަރުތަކުގައި ޚާއްޞަބާރާއި ފުރިހަމަ އިޚުތިޔާރު ދެއްވައި އަތޮޅުތަކަށް ފޮނުއްވިކަމަށް ބުނެވޭ އަތޮޅުވެރިންނެވެ. މިއީ މިލިޔުމުގެ ފޮޓޯއިން ފެންނަގޮތަށް ކޮންމެހެން ހަށިގަނޑުގެ ބާރުގަދަ ބޭފުޅުންނެއްނޫނެވެ. އެބޭފުޅުންނަކީ އެހުރި ގޮތެއްގައި އެހުރި ބާރެއް އިންތިހާދަރަޖައިން މައްޗަށްގޮސް، ދަރަޖަތައްބަލާ އާލާތްތަކަށްވެސް އެދަރަޖައެއް އެނގުމެއްނުވާ އަތޮޅުވެރިންނެވެ. 

ބާރުގަދަ އަތޮޅުވެރިންނޭ މިލިޔުމުގައި ދަންނަވާފައި އެވަނީ އެފަދަ ބޭފުޅުންނަށެވެ. މިހެންވުމުން މިލިޔުމުގެ ސުރުޚީއާއި ފޮޓޯއިން މާނަކުރެވޭ އެއްޗަކާއި ލިޔުމުގައި ދަންނަވާ އެއްޗަކާއި ދިމާނުވެޔޭ ހީފުޅުވެދާނެއެވެ. މިހީފުޅަކީ ތެދު ހީފުޅެކެވެ. ނަމަވެސް އެއީ އެހާ ބޮޑުކަމަކަށް ނުބެއްލެވުން އެދެމެވެ. އެހެނީ އަޅުގަނޑުމެންނަށްވުރެ މިގައުމުގެ ބޮޑެތިމީހުންނޭ އެބުނެވޭ ބައެއް ބޭފުޅުންވެސް އެބޭފުޅުން ވިދާޅުވާއެއްޗަކާއި އެބޭފުޅުން ޢަމަލުފުޅުކުރައްވާ ގޮތަކާއި ދިމަލެއް ނުވެއެއް ނޫންތޯއެވެ. މިއީ ދިވެހިރާއްޖެ މިދެކޭ ޒަމާނީ ޑިމޮކްރަސީގެ މުޅިން އައުބާބެއް ނޫންތޯއެވެ. 

"އަތޮޅުވެރިން" ކިޔަން ފެށުމުގެކުރިން އަތޮޅުތަކުގައި އެމަސައްކަތްކުރެއްވި ބޭފުޅުންނަށް "ކާރުދަވެރިން" "ވާރުވެރިން"ވެސް ކިޔައިފައިވެއެވެ. ކޮންމެނަމެއް ކިޔާފައި ވިޔަސް އެބޭފުޅުންގެ މަސްއޫލިއްޔަތަކީ އެފަހަރެއްގެ ގާނޫނާއި ގަވަޢިދާ އެއްގޮތަށް ނުވަތަ އެފަހަރެއްގެ ސަރުކާރުން އަންގަވާ ގޮތެއްގެމަތިން އެއަތޮޅެއްގައި ކަންހިންގަވައި ބެލެހެއްޓެވުމެވެ. ކާރުދަވެރިންނާއި ވާރުވެރިންނާއި އަތޮޅުވެރިންނަކީ ޒަމާނުއްސުރެ ފަތްކޮޅުދެއްވާ މަގާމެއްގެ ބޭފުޅުންނެވެ. މިކަން މިގޮތަށް ހިނގަމުންގޮސް ރައީސް ނާޞިރުގެ ވެރިކަމުގެ ފަހުކޮޅުގައި ފަތްކޮޅުދެއްވުން ނޯންނަ ދުވަސްވަރެއް ދިޔައެވެ. ނަމަވެސް އޭގެފަހުން ރައީސް މައުމޫންގެ ވެރިކަންފެށި އެވެރިކަން ނިމެންދެން ފަތްކޮޅުދެއްވުން އޮތެވެ. އޭގެފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އެމަގާމުގެ ބަދަލުގައި އަތޮޅު ކައުންސިލަރުގެ މަގާމު އުފައްދަވައި އެމަގާމަށް ބޭފުޅުން ހަމަޖެއްސެވިއެވެ. 


ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުދެއްވި ކަމަށް ބުނެވޭ އަތޮޅުވެރިންނަކީ، ރާއްޖޭގައި ހަދާފައިހުރި ގާނޫނުތަކާއި ގަވަޢިދުތަކާއި ފޮތްފޮތުގައިވެސް އެބޭފުޅުންނަށް ދެއްވިކަމަށް ބުނެވޭ ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުގެ ވާހަކަ ޢާއްމުކޮށް ލިޔެވިގެންވާތީ ބަޔަކަށް ފެނިފައިނުވާ އަތޮޅުވެރިންނެވެ. އެބޭފުޅުންނަކީ ރާއްޖޭގެ އެންމެމަތީ ވެރިކަމުގެފަރާތުން އެބާރާއި އެއިޚްތިޔާރު ދެއްވާފައިއޮތް ބޭފުޅުންކަން އެހެންބަޔަކަށް އެނގެނީވެސް އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށްފަހު އަތޮޅާއި ޙަވާލުވެވަޑައިގަތުމަށް އަތޮޅަށް ވަޑައިގަންނަވާއިރު އަތޮޅުގެ މީސްތަކުންނަށް އަތޮޅުވެރިޔާ ތަޢާރަފްކޮށް ދެއްވުމަށްޓަކައި ފުރަމާލެއިން ވަޑައިގަންނަވާ ބޭފުޅަކު، މީސްތަކުން އެއްކޮށްގެން އެވާހަކަ ވިދާޅުވުމުންނާއި އަދި އޭގެފަހުން އެއަތޮޅުވެރިއެއްގެ ވާހަކަފުޅާއި އަދި ޢަމަލުފުޅުތައް ހުންނަ ގޮތުންނެވެ. އޭނާކުރައްވާ ކަންކަމުންނެވެ.

 

ރާއްޖޭގެ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިންގެ ކިބައިން ޚާއްޞަބާރާއި ފުރިހަމަ އިޚުތިޔާރުގެ ރަނގަޅުނޫން ކަންކަންވަނީ ރާއްޖޭގެ ރައްޔިތުންނަށް ފެނި ތަޖުރިބާކުރެވިފައެވެ. ނަމަވެސް މިއާއިއެކުމެ ވަރަށްރަނގަޅު ޚުލްގުހެޔޮ، ރައްޔިތުންނަށާއި ދައުލަތަށާއި ގައުމަށް ވަފާތެރި ތެދުވެރި ބައެއް އަތޮޅުވެރިންވެސް ދިވެހި ގައުމުވަނީ ދެކިފައެވެ. ކުރިން ދެންނެވި ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުދެއްވި އަތޮޅުވެރިންތައް ފެނިފައިވަނީ ރައީސް މައުމޫންގެ ވެރިކަން ނިމުމުގެފެށުމާއި ހަމައިންނެވެ. ރާއްޖޭގެ ވެރިކަމުގެ އެންމެމަތީ ފަރާތްޕުޅުން މިއަތޮޅުވެރިން ތަކަށް ދެއްވިކަމަށް ބުނެވޭ އެފަދަ ޚާއްޞަބާރާއި ފުރިހަމަ އިޚުތިޔާރުގެ ދަށުން އެބޭފުޅުން އަތޮޅުތަކުގައި ކުރައްވަމުން ގެންދެވި ކަންކަމާއި އޭގެ ނަތީޖާއަކަށްވާނީ ކޮން ކަންކަމެއް ކިހިނެއްވުންކަން އޭރުވެސް އެނގިވަޑައިގެން އެވާހަކަފުޅު ދެއްކެވި މަދުނޫން ފަރާތްތަކެއް މިހާރުވެސް އެތިއްބެވީއެވެ.

 

ރާއްޖޭގެ އަތޮޅުތަކަށް އަތޮޅުވެރިން ހަމަޖެއްސެވުމުގައި ރާއްޖޭގައި އެފަހަރަކަށް އޮތް ވެރިކަމެއްގެތެރޭ ނުފޫޛުހުރި ބަސްވިކޭ ބައެއް ފަރާތްތަކުގެ ބާރު ފޯރުއްވަވައި އެކަން އެގޮތަށް ހިނގާފައިހުރިކަމުގެ ހެކި ލިބެއެވެ. ދިވެހިރާއްޖެދުށް ތަފާތު ވެރިންގެ ތަފާތު ވެރިކަމުގެތެރެއިން މިކަހަލަ ކަންކަމުގައި ކަމާއިނުބެހޭ މީހުންނަށް "ދަނޑި ނުބޭނުނު" ވެރިކަމަކީ ރައީސް ނާޞިރުގެ ވެރިކަންކަމުގައި ބުނާމީހުން މަދެއްނޫނެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ނިމުމުގެފެށުން ފެށި އެވެރިކަން ފަސްތަނުން ބަނދެ ކަށްވަޅަށް ތިރިކުރުމާ ހަމައަށްވެސް ރާއްޖޭގެ އަތޮޅުތަކަށް އަތޮޅުވެރިން ހަމަޖައްސަވައި ފޮނުއްވުމުގައި ވަކިވަކި ބޭފުޅުންކޮޅެއްގެ ބާރު އޭގެތެރޭ އޮތްކަމަށް ބުނެވެއެވެ. 

މިކަމުގައި ވަކިކަހަލަ އުޞޫލުތަކެއް ރައީސް މައޫމުން ގެންގުޅުއްވިނަމަ އެއީ ކޮންކަހަލަ އުޞޫލުތަކެއްތޯ، އެއުޞޫލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި އެމަނިކުފާނުގެ ވެރިކަމަށް އިތުރު ކުރިއެރުމެއް ބަދަހިކަމެއް އައިތޯ، ނުވަތަ ނޫންތޯ، އެކަން ހިނގާފައިވަނީ ކިހިނެއްތޯ، އެބޭފުޅުންތައް މިއަދު ކޮބައިތޯ، ކިހިނެއްތޯ، މިކަންކަން ރައީސް މައުމޫން ދެނެވަޑައިގަންނަވާނެއެވެ. އެމަނިކުފާނު އެހުންނެވީއެވެ. އަދި އެއަށްވުރެވެސް ބޮޑަށް މިބޭބޭފުޅުންގެ މަގުޞަދާއި، ނިޔަތާއި، ޢަމަލުފުޅުތައް ހުރި ނެތްގޮތް ދެނެވޮޑިގަތުމާއި އެނގިވޮޑިގަތުމުގައި މަތިވެރި ﷲގެ ކުޅަދުންވަންތަކަން ހާސްބައި ބޮޑެވެ.

 

ހެދިބޮޑުވާ ގަހާއި ހެދިފައިހުރި ގަސްތައް އެންމެއަވަހަށް ހިކި އަނަރޫފަވެ، ބިމުންލުހިގެން ވެއްޓިގެންދާނީ އެގަހެއްގެ މޫތައް އުފުރައިލެވުނު ގޮތަކުން އުފުރައިލުމުންނެވެ. މިވަރުންވެސް ނުފުދޭނަމަ އެގަހެއްގެ އެކިއެކި ގޮފިތައް ވަކިވަކިން ކަނޑާލައި، ތޮށިގަނޑު ނޮޅައިލުމަކީވެސް އެގަހެއް ވުޖޫދުން ނެތިގެންދިޔުން އަވަސްވެގެންދާނެ ކަމެކެވެ. ރައީސް މައުމޫންގެ ވެރިކަން ނެތިގެންދިޔުމުގައި މިފަދަ އެތަކެއް ޙަގީގީ ކަންތައްތަކެއް ހިނގާފައިވާކަމީ، އިންކާރު ކުރެވެން ނޯންނާނޭ ތެދު ޙަގީގަތެވެ.

                 -----------------

ޢަބުދުﷲ ޙިލްމީ

18 ޖުލައި 2013މ.