އަތޮޅުކޮމިޓީތައް އުފެދުން

ރާއްޖޭގެ ޤުދުރަތީ އަތޮޅުތައް ސިޔާސީ ގޮތުން ވަކި އަތޮޅުތަކަކަށް ބަހާލައިގެން ހިންގުމުގައި ޑިމޮކްރަސީއާއި އެންމެ ގާތްކުރާ ގޮތަކަށް އެޅުނު އެއް ފިޔަވަޅަކީ، އަތޮޅުކޮމެޓީ ތަކެވެ. މި ކޮމިޓީތަކަށް އެއްބައި ދުވަސްވަރެއްގައި ޤާނޫނީ ބާރު އޮތެވެ. އަނެއް ބައި ދުވަސްވަރެއްގައި ހިނގީ އެފަދަ ބާރަކާ ނުލަ އެވެ. ކޮންމެ ސިފަޔަކަށް ހިންގިއަސް އެއީ މިހާރުވެސް މިކިޔާ ލާމަރުކަޒީ އުޞޫލެވެ. ނަން ތަފާތު ވިއަސް އެއްޗަކީ، ހަމަ އަތޮޅު ކައުންސިލެވެ.  

ރާއްޖެ އުފެދިފައިވާ ހަމަތަކަށް ބަލާއިރު މައި ވެރިކަމުގެ ދަށުގައި މުޅި އެޑްމިނިސްޓްރޭޝަން ހިންގުމަކީ، އެއްވެސް ދުވަސްވަރެއްގައި ވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހި ވެރިކަމުގެ އިންތައް ޖެހުމުގައި އަތޮޅުތަކުގެ ވެރިކަން ނުވަތަ ވެރިކަންކުރާ ރަށްތަކެއް ކަނޑައަޅައި ވަކި އެޑްމިނިސްޓްރޭޝަން ތަކެއް ހިންގަމުން އައީ {ކާރުދަވެރީންނާއި} ވާރުވެރިންނާއި، އަތޮޅުވެރިންގެ ގޮތުގަ އެވެ. އެކި އިރު އެކި މަގަށެވެ.

ރާއްޖޭގައި ފުރަތަމަ އަތޮޅުކޮމިޓީ ތައް އުފެދުނީ، ރަދުން މުޙަންމަދު ފަރީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަކާއި ގުޅިގެންނެވެ. އެ ބިލުގައި ބުނަނީ، ރާއްޖޭގެ އަތޮޅުތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބޭނުންވާ ވެރިއަކު އަތޮޅު ހިންގަން ބެހެއްޓުމަށްޓަކައި، ކޮންމެ އަތޮޅެއްގައި ޤާނޫނީ ބާރު ލިބިފައިވާ އަތޮޅުކޮމިޓީއެއް އުފައްދަން ބޭނުންވާ ކަމަށެވެ. އަދި އަތޮޅުކޮމިޓީތައް ރައްޔިތުންގެ ވޯޓަކުން ހޮވައި އިންތިޚާބުކުރާ ގޮތަށް އޮންނަން ފެންނަކަމަށް ވެސް ބުނެފައިވެއެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅީ، ޖުލައި 16، 1961މ. ގައި ކަމަށްވެސް ބައެއް މީހުން ބަޔާންކުރެއެވެ. އަނެއްބައި ލިއުންތަކުގައި، ޖުލައި 18، 1961މ. ކަމަށްވެސް ބުނެއެވެ. މި ފަހުން އުވާލި ޤަވްމީ މަރުކަޒްގެ ލިޔުންތަކާއި، ކޮލި ޙަސަން އަޙުމަދު މަނިކާއި، އެނޫން ވެސް ތާރީޚީ ލިޔުންތެރީން ބުރަވެ ވަޑައިގަންނަވަނީ، ޖުލައި 16، 1961މ ކަމަށެވެ.

މި ބިލް ވުޒާރަތުއްދާޚިލިއްޔާ އިން ހުށަހެޅީ ރަދުން މުޙަންމަދު ފަރީދު، އަތޮޅުކޮމިޓީތައް އުފައްދަވަން ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްގޮތް ބެއްލެވުމަށް ބޭނުންފުޅު ވެގެންނެވެ. ރަދުން ބޭނުންފުޅުވީ، އަތޮޅުކޮމިޓީތަކުގެ އިންތިޚާބުގައި 19 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވާދަކުރެވޭއިރު، ކޮމިޓީ އިންތިޚާބު ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށެވެ.

އެ ހުށަހެޅުއްވުމުގައި ވެސް އަދި މަޖިލީހުގެ މެމްބަރުންގެ ބަހުޘްތަކަށް ފަހުގައިވެސް އަތޮޅުކޮމިޓީތަކަށް ދޭން ފެނުނު ބާރު ތަކެއް ހުއްޓެވެ. އެ ގޮތުން ތަރައްޤީއަށްޓަކައި އަތޮޅުގައި ކުރަންހުރި މަސައްކަތްތައް ކުރަންވީ ގޮތް ކަނޑައެޅުމާއި، ކަރަންޓު ލުމާއި، މާރުކޭޓާއި، އެޒާތުގެ ތަންތަން ހެދުމާއި، ބޭސް ވިއްކުމާއި، ވިޔަފާރިކޮށް ނަފާ ހޯދުމާއި، ކުޅިވަރުގެ ކަންކަން ހިންގަންވީ ގޮތް ކަނޑަ އެޅުމުގެ ބާރާއި، ލޯނު ނެގުމާއި، އަދާކުރުމާއި، ތަޢުލީމީ ޕްލޭންތައް އެކުލަވާލައި ހިންގުން ހިމެނެއެވެ. 

މީގެ އިތުރުން، އޮގަސްޓް 13، 1961މ. ގައި އަތޮޅުތަކުގެ ފުރަބަންޑާރަ، އަތޮޅުކޮމިޓީތަކަށް ފެންނަ ބަޔަކަށް ދިނުމުގެ ބާރު ކޮމިޓީތަކަށް ދޫކޮށްލައި، ޤާނޫނުގައި އެކަން ކަނޑައެޅި އެވެ. ހަމައެހެންމެ، ޖެނުއަރީ 18 1962މ. ގައި އަތޮޅުކޮމިޓީތަކުގެ މެމްބަރުންނަކީ، ހަމައެކަނި އެވަޒީފާގައިތިބޭ ބައެއްގެ ގޮތުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު ނިންމެވުމުން ރަށެއްގެ ކަތީބުކަމާއި، އެނޫންވެސް އެފަދަ މަޤާމުތަކުގައި ތިބެގެން އިންތިޚާބު ވެފައިވާ މެމްބަރުން ދާއިމީ ވަޒީފާއިން އިސްތިޢުފާ ދިނުމާއި، އަތޮޅު ކޮމިޓީގެ މަޤާމަކީ، މާ މަތީ މަޤާމެއް ކަމަށް ދާޚިލިއްޔާ އިން އެންގެވިއެވެ.

އަތޮޅުކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަ ދޭންފެށީ، އޭޕްރީލް 18، 1962މ. ގައެވެ. އަތޮޅުތަކުގެ މާލީޙާލަތު ރަނގަޅު ކުރުމަށް ސަބްސިޑީއެއް ދިނުމުގެ ގޮތުން، އޮކްޓޫބަރ 18، 1962މ. ގައި ކޮންމެ އަތޮޅަކަށް މާލޭގައި އަތޮޅުފިހާރައެއް ހުޅުވައި ޢާމްދަނީގެ ބޮޑުބައި އަތޮޅުކޮމިޓީތަކަށް ދޭން ފެށިއެވެ. {ތަޢުލީމީ ފަންޑަށް ޢިމާރާތްތަކެއް ދެއްވީވެސް އެދުވަސްވަރުގައެވެ.} އަތޮޅުކޮމިޓީތަކުގެ މި ބިލް ފާސްކުރީ، ޖުލައި 19، 1961މ. ގަ އެވެ. ޤާނޫނެއްގެ ގޮތުގައި ރަދުން ބިލް ތަސްދީޤް ކުރެއްވީ، ޖުލައި 22، 1961މ. ގަ އެވެ. ޢަމަލުކުރަން ފެށީ ވެސް އެ ތާރީޚުގައެވެ. 

ރަސްކަމުގައި މުޙަންމަދު ފަރީދު އިންނެވީ ފުރަތަމަ ޖުމްހޫރިއްޔާ އިންޤިލާބު ކޮށްލުމަށްފަހު، ރާއްޖެ ހިންގުމަށް އެކުލަވައިލި އިންޤިލާބީ ކޮމިޓީގެ ފަރާތުން އިންތިޚާބުކުރި ރަސްކަލެއްގެ ގޮތުގައެވެ. ޤަވްމުގެ ވެރިޔާ އާއި، ދަވްލަތް ހިންގުމުގެ ބާރުތައް ވަނީ، ތަފާތުކޮށް ވަކިކޮށްފައެވެ. އެކަމަކު ރާއްޖޭގެ މުޅި "މެޝިން" ހިނގަމުން އައީ އަކީ، ރިޔާސީ ނިޒާމަކަށް ވެސް އަދި ޕާލަމެންޓްރީ ނިޒާމަކަށްވެސް ވަޑިފަތިވެގެނެއް ނޫނެވެ. 

އޭރު ސިޔާސީ ގޮތުން އިންޖަހައި ރާއްޖެ ބައިކޮށްފައި އޮތީ 18 އަތޮޅުގެ މައްޗަށެވެ. ނަމަވެސް އަތޮޅުކޮމިޓީތައް ފެށިގެން އައި އިރު އެ 18 އަތޮޅުގެ ތެރެއިން ދިވެހި ދަވްލަތުގެ ބާރުގެ ދަށުގައި އޮތީ 15 އަތޮޅެވެ. މާނައަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދުއަތޮޅު އޭރު އޮތީ، ދިވެހިދަވްލަތާއި އެހަކެރިވެގަނެ "ސްވައިދީބް އައިލެންޑްސް" ގެ ނަމުގައި ޣައިރު ޤާނޫނީ ވަކި ދަވްލަތެއް އުފައްދައި މުޅިން ވަކި އެޑްމިނިސްޓްރޭޝަނެއްގެ ތެރެއަށް ވަދެ އެވެ. ސްވައިދީބް އައިލެންޑްސް އިޢުލާންކުރީ، މާރޗް 13، 1959މ. ގަ އެވެ. 

އޮގަސްޓް 29، 1961މ. ގައި ފުރަތަމަ އުފެދުނީ މާލެއަތޮޅު އަތޮޅުކޮމިޓީ އެވެ. އެ ކޮމިޓީ އިފްތިތާޙްކޮށްދެއްވީ ވަޒީރުއް ޞިއްޙާ ޞ،ސ އަލްފާޟިލް އަޙުމަދު ޙިލްމީ ދީދީ އެވެ.

"ޔުނައިޓެޑް ސްވައިދީބް އައިލެންޑްސް" ގެ ނަމުގައި އޮތް ވަކި ދަވްލަތެއްގެ ދަށުގައި ވެގެންތިބި ހުވަދުއަތޮޅާއި، ފުވައްމުލަކާއި، އައްޑުއަތޮޅު އަލުން ދިވެހިދަވްލަތުގެ ބާރުގެ ދަށަށް ގެނައުމަށް ފަހު، ޖޫން 15، 1961މ. ގައި ހުވަދުއަތޮޅު ދެ ބައި ކޮށްފައި ވަނިކޮށް މި ދެ އަތޮޅު އެއްކޮށް އަނެއްކާ ފަހުން، ފެބުރުއަރީ 7، 1962މ. ގައި ދެބައިކޮށް ގއ. އަތޮޅާއި އަދި ގދ. އަތޮޅުކޮމިޓީތައް އުފެއްދީ، ފެބުރުއަރީ 9، 1961މ. ގައެވެ. އައްޑުއަތޮޅު އަތޮޅުކޮމިޓީ އިފްތިތާޙްކުރީ 1964މ.ގަ އެވެ. ފުވައްމުލަކުގެ އަތޮޅުކޮމިޓީ އިފްތިތާޙްކުރެއްވީ 1970މ. ގަ އެވެ. {ފެބްރުއަރީ 7، 1962 ގައި ގައްދޫ ޙުސައިން މަނިކަށް ގދ.އަތޮޅުގެ އަތޮޅުވެރިން ދެއްވީ ވެސް އިންތިޚާބުކޮށްގެންނެވެ}

އާދެ! އަތޮޅުކޮމިޓީތައް އިންތިޚާބުކުރި ނަމަވެސް އަތޮޅުވެރިން ޢައްޔަންކުރީ ސަރުކާރުންނެވެ. އެއީ ރަދުން މުޙަންމަދު  ފަރީދުގެ ބެއްލެވުމުގެ ދަށުންނެވެ. ނަމަވެސް 1971މ. އާއި 1973މ. ގައި ބޭއްވި އަތޮޅުކޮމިޓީ ތަކުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކީ އެ އަތޮޅެއްގެ އަތޮޅުވެރިޔާ ކަމަށް ހަމަޖެހިފައި އޮތެވެ. 

އަތޮޅުކޮމިޓީތައް އުވާލަން ޖެހުނީ، ވެރިކަމުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ ހޭލުންތެރިކަން އިންތިހާދަރަޖައަށް ކުޑަވެ، ލިޔަންކިޔަން ނޭނގޭ މީހުން ހެސް ކިޔާފައި ގިނަވެ، އެފަދަ ޖާހިލުކަމުގައި ތިބި ގިނަ ފައިސާވެރިން ތަކެއްގެ ބާރާއި، ނުފޫޒުގެ ދަށުގައި އަތޮޅުކޮމިޓީތައް "ފިތި" މުޅިން ހާވިޔާވެ، މުޅި ސިސްޓަމް ބޮއްސުންލައިގެން ކަމަށް އޭރުގެ ބައެއް މީހުން ބުނެ އެވެ. އަތޮޅުކޮމިޓީތައް އުވާލީ، ޖޫން 11، 1975މ. ގަ އެވެ. އެއީ ޖޫން 8، 1975މ. ގައި ރައްޔިތުންގެ މަޖްލީހުން އެކަން އެގޮތަށް ފާސްކުރުމުންނެވެ.
                    ------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި