
"ވަދޫރާ ފާލަމަކީ" ހުވަދުއަތޮޅު ތިނަދޫ ދެވަނަ އާބާދީގެ ފުރަތަމަ ފާލަމެވެ. މިފާލަންހުރީ މިހާރުގެ ފާލަމާއި ދިމާލުން 100 ވަރަށް ފޫޓު ހުޅަނގުގައެވެ. "ވަދޫރާ ބޯޓަކީ" ރަށުގެ ރައްޔިތުން މިފާލަން ހެދުމުގެ މަސައްކަތް ފެށިދުވަހު އެރަށަށް އައި ރާއްޖެއިން ބޭރުގެ އުޅަނދެކެވެ.
މީލާދީން 1962 ވަނަ އަހަރު ހުވަދުއަތޮޅު ހަވަރުތިނަދޫގެ މީހުން
އެރަށުން ބޭލުމަށްފަހު، އަތޮޅު ދެބައިކޮށް ގދ. އަތޮޅުއޮފީސް ޤާއިމްކުރެއްވީ ގދ. ގައްދޫގައެވެ.
އަތޮޅުވެރިއަކީ ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިން މަނިކެވެ. އަތޮޅުއޮފީސް ހިންގަމުން
ގެންދިޔަ، ގައްދޫއޮފީހުގެ ޢިމާރާތް ބާވެ، މަރާމާތު ކުރުމަށް ބޭނުންވާ ވާހަކަ ދެންނެވުމުން،
ސަރުކާރުން އެންގެވީ، އަތޮޅުއޮފީސް ހަވަރުތިނަދޫގައި ޢިމާރާތް ކުރުމަށެވެ. ޢިމާރާތް
ކުރުމަށް ސަރުކާރުން -/10000ރ (ދިހަހާސް ރުފިޔާ) ދެއްވިއެވެ.
އަތޮޅުވެރިން ބިންގާއަޅުއްވައި ދެއްވި އެ ޢިމާރާތަށް ޚަރަދުވީ
-/9000ރ އެވެ. ހަވަރުތިނަދޫ އާ
އަދި އެއަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންވެސް އެ މަސައްކަތުގައި އެހީތެރިވެފައިވެއެވެ.
އަތޮޅު އޮފީސް ޢިމާރާތްކުރީ، ގިނަ އަހަރުތަކެއްގެ ކުރިން އަތޮޅުވެރިޔާ ޙާޖީ މުޙައްމަދު
ކަލޭގެފާނު ޢިމާރާތްކުރެއްވި އަތޮޅުއޮފީސް ހިމެނޭ "ވާރުގެ" އާއި ބޮޑުއަށިގެ
ނުވަތަ ހުވަދުއަތޮޅުގެ އަތޮޅު މަދަރުސާގެ ޢިމާރާތް ހުރި ސަރަޙައްދުގައެވެ.
އޭރު އެ
ޢިމާރާތަކީ، ހަވަރުތިނަދޫގެ ރައްޔިތުންގެ ބަޔަކު ފުރަތަމަ ފަހަރަށް ދިވެހިދައުލަތާ
ދެކޮޅަށް ބަޣާވާތްކުރި ރޭގައި ގެއްލުންތަކެއް ދީފައިވާ ޢިމާރާތެކެވެ. (އެތަނަށް ލިބިފައިވާ
“ގެއްލުންތައް ފެންނަ” ފޮޓޯއެއް، "ހަވަރު އޮންލައިން"ގައި
ފެބްރުއަރީ 22، ވަނަ ދުވަހު އަޅުގަނޑު ލިޔުނު އާޓިކަލްގައި ހިމަނާފައި ވާނެއެވެ.) އެކިއެކި
ފަރާތްތަކުން މިހާތަނަށް އަޅުގަނޑަށް ދީފައިވާ މަޢުލޫމާތުން ބޮޑަށް ބުރަވެވެނީ، ހަވަރުތިނަދުއަށް
ގދ.އަތޮޅުއޮފީހުގެ މަސައްކަތް ބަދަލުކުރެއްވީ 1967މ. ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި
ނުވަތަ 1968މ. ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ކަމަށެވެ.
އާދެ! އެއީ 1967މ. ވަނަ އަހަރެވެ. ހަވަރުތިނަދޫގެ ރައްޔިތުން
ވަރަށް ފޯރިއާ ޖޯޝާއެކު، އެދުވަހު މަސައްކަތް ކުރީ ގދ.އަތޮޅު އޮފީސް ޢިމާރާތްކުރުމަށް
ބޭނުންވާ ބިމުގައި ހުރި ކުރީގެ އަތޮޅުއޮފީހާއި ވާރުގޭގެ ޢިމާރާތް ތަޅާލައި ބިން ސާފު
ކުރުމަށެވެ. އެ ބިމުގައި ހުރި “ބޮޑުއަށިގެއާ” އަދި އެނޫންވެސް އެފަދަ ތަންތަނުގެ (ވީރާނާވެފައިވާ) ފާރުތައް
ތަޅައި، ކުނިބުނިތައް ނަގައި، ބިން ސާފު ކުރުމަށެވެ. ހަމަ އެއާއެކު އެ ގާތައް އެދުވަހު
ބޭނުންކުރަމުން ގެންދިޔައީ ރަންނަބަނޑޭރު މަގުން ރަށުގެ އިރުމަތީފަރާތުން ރަށާއި މޫދާއި
ގުޅުވައިގެން ފާލަމެއް ހެދުމަށެވެ. އެ ފާލަމުގެ ދިގުމިނަކީ 100 ފޫޓެވެ. ފުޅާ މިނަކީ
25 ފޫޓެވެ.
ފާލަން ހެދުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުން އުޅެނިކޮށް
އެމީހުންނަށް ފެނުނީ (އާގޮތަކަށް ރިޔާތަކެއް ނަގާފައިވާ އުޅަނދެއް) ހޫޓިކަނޑުން ވަދެގެން
އައިސް ހަވަރުތިނަދޫ ބޭރުގައި ބަނދަރު ކުރަނިކޮށްނެވެ. އެއަށްފަހު، ވައިޖަހާފައި އޮތް
ޑިންގީ ހަމެއްގައި (ދުންބައްތެލިން) ބޭރުގެ 4 މީހަކު ރަށަށް ފޭބިއެވެ. އެމީހުންގެ ތަރުޖަމާނަކަށް
ހުންނެވީ މަލިންގޭ އަލްފާޟިލް އާދަމްޝަރީފެވެ. ނަމަވެސް ބޭރުމީހުންގެ ބަހުރުވަ ހުރިގޮތުން
ކިޔާނުކިޔާ އެއްޗެއް އެނގުމުގައި ދަތިތަކެއް މެދުވެރިވިއެވެ. ބޯޓުން ފޭބި މީހުން ފުރަތަމަ
ދިޔައީ، ތަރުޖަމާނާ އެކު، ރަށުތެރެ ބަލާލުމަށެވެ.
ކޮންމެއަކަސް، އެމީހުން އެނބުރި އައިއިރު (ބޯޓް ފުރިއަ ނުދިނުމަށްޓަކައި)
އެމީހުން ރަށަށް ފޭބި ދުންބައްތެލިން ވަނީ، ވައި ހިންދާފައެވެ. އޭރު ރަށުގެ އެހެން
ބަޔަކު ބޯޓު ދޮށަށް ހިނގައްޖެއެވެ. ނަމަވެސް އެ ބޯޓަށް އެރޭގެ ގޮތެއް ނުވިއެވެ. (އެ
ބޯޓުން އައީ 7 މީހުންނެވެ.) ބޯޓުގައި ތިބި އިތުރު މީހުން ހެދިގޮތަކީ، އެމީހުންގެ ފާރަވެރި
“ކުއްތާ” ޑިކީ މައްޗަށް ބޭރަށް ނެރެ ދޫކޮށްލާފައި އެތެރެއަށް ވަދެ، ދޮރުތައް ބަންދުކުރީއެވެ.
ބޯޓުދޮށަށް ދިޔަ މީހުން ހެދިގޮތަކީ، ބޯޓަށް އެރެންއޮތް ގޮތަކަށް
ބޯޓަށް އަރައި ވެރިކަމުގެ ބާރުގެ ދަށަށް ބޯޓް ގެނައުމަށް އަތޮޅުވެރީންގެ އޯޑަރ ދެއްވާފައިވާތީވެ،
އެ ކުއްތާ މަރާލުމަށްފަހު، ބޯޓަށް އެރީއެވެ. (އޯޑަރު ދެއްވަން ތިއްބެވީ، އަތޮޅުވެރިޔާ
ޙުސޭން މަނިކާއި އާއި، ތިނަދޫ ކުޑަކަތީބު
މޫސާ ފަތުޙީއެވެ.) ބޯޓަށް އެރިމީހުން ފުރަތަމަ މަސައްކަތް ކުރީ، ހިންގާފައިވާ ބޯޓްގެ
އިންޖީނު ނިއްވާލުމަށް ވިއަސް، އިންޖީނު ހަލާކުނުކޮށް އެކަންކުރާނޭ ގޮތެއް އެނގޭ މީހަކު
އެތާނގައި ނެތުމުން އެކަމެއް ނޭނގުނެވެ. ފަހުން ފަރެހު ނޫވިލާގޭ މުޙަންމަދު ލަޠީފް
ވެސް ގެނެސްގެން މަސައްކަތް ކުރުމުންވެސް “ބޯޓުގެ” އިންޖީނު ނިއްވާލެވޭނެ ގޮތެއް ނުވިއެވެ. (ފަހުން އިންޖީނު ނިވުނީ،
ތެޔޮހުސްވެ، އަމިއްލައަށެވެ.) އިންޖީނު ނިއްވާލެވޭނެ ގޮތެއް ނުވުމުން، ބޯޓުގެ ރާޑަރ
ސިސްޓަމުގެ ކޭބަލް ބުރިކޮށްލިއެވެ. ކޭބަލް ބުރިކޮށްލީ، އެމީހުންގެ ޚަބަރުތައް އެއިން ބޭރަށް ފޮނުވާނެ ކަމަށް ބޯތްދޮށަށްދިޔަ
ބައެއްމީހުންނަށް ޤަބޫލު ކުރެވިގެންނެވެ. އަދި (ބޯޓުން) ބައެއް ސާމާނުވެސް އެމީހުން
ފޭރިގަނެ، ބޯޓުގައި ތިބި 3 މީހުން ހަވަރުތިނަދުއަށް ބާލައި، އެމީހުންވެސް ބަނދެ ހައްޔަރު
ކުރީއެވެ. އެމީހުން ބަނދެފައި ތިބި މަންޒަރު އަޅުގަނޑުވެސް ދުށީމެވެ.
ރަށުގެ މީހުން ހެދިގޮތަކީ، ރަށަށް ފޭބި 4 މީހުން "ރޯނުން"
ދެއަތް ބަނދެ ހައްޔަރު ކުރުމެވެ. ބޯޓުގެ ކެޕްޓަނު ބުނީ، އޭނާއަކީޑޮކްޓަރެއް ކަމަށެވެ.
އެހެން ނަމަވެސް އޭނާ ވެސް ބަނދެ ހައްޔަރު ކުރީއެވެ. އެދުވަސްވަރަކީ، މަސްހިފާ (ބޭރު)
ބޯޓު ފަހަރު، ވަރަށްގިނައިން (ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި) ހަރަކާތްތެރި ވަމުން
ދިޔަ ދުވަސް ވަރަކަށް ވާތީ، ސަރުކާރުން އަންގަވާފައި އޮތީ، ބޭރު ބަޔަކު ފެނިއްޖެ ނަމަ،
އެބަޔަކު، ހިފަހައްޓައި އެކަން ލަސްނުކޮށް ސަރުކާރަށް އެންގުމަށެވެ.ބޯޓުން ދަތުރުކުރި 7 މީހުން ހަވަރުތިނަދޫގައި
ހައްޔަރު ކުރުމަށްފަހު (ދޯނިތަކެއްގެ ކަފުޖަހައިގެން) ދެން އެބޯޓު (ޔޮޓް) ގެންދިޔައީ
އަތޮޅުއޮފީސް އެއިރުހުރި ގައްދޫގެ ބަނދަރަށެވެ. އެރަށު ބަނދަރުގައި އޮއްވާ އެރަށުގެ
ބަޔަކު ބޯޓަށް އަރައި، އެ ބޯޓުގެ ވަރަށް ގިނަ ތަކެތި އަނެއްކާވެސް ފޭރިގަތެވެ. ބޯޓުގެ
ޚަބަރު މާލެއަށް އެންގުމުން، ސިފައިން އައިސް ބޯޓުގެ މީހުންނާއި، ބޯޓުވެސް މާލެ ގެންދިޔައީއެވެ.
މައްސަލަ ތަޙްޤީޤްކުރި އިރު "ވަދޫރާ" ކިޔާ
އެ ޔޮޓަކީ، ސ.އަތޮޅު ގަމުން ޤަވާޢިދުން ކްލިއަރެންސް ނަގައިގެން ލަންކާއަށް ދިއުމަށް
ދަތުރުކުރި (ފްރާންސްގެ) ޔޮޓެކެވެ.
އެމީހުން
ހަވަރުތިނަދޫގައި ބަނދަރު ކުރީ، ރަށުގެ ބޭރު ފުއްޓަރު ފަރާތުން ބޯޓް ދަތުރުކޮށްފައި
ދިޔައިރު ތަފާތު ގޮތަކަށް މަގުތައް ހަދާފައިވާ ރަށެއް ފެނިގެން އެކަމުގެ ޝަވްޤްވެރިކަމުގައި
ރަށް ބަލާލުމުގެ ބޭނުމުގައިކަމަށް ފަހުން އެނގިފައިވެއެވެ.
އެ ބޯޓުގެ ތަޙްޤީޤް ކުރުމަށްފަހު، ބޯޓަށް ލިބުނު ގެއްލުމުގެ
ބަދަލެއްގެ ގޮތުން (ދިވެހި ސަރުކާރުން) -/25000 (ފަންސަވީސްހާސް) ޕައުންޑް އެ ބޯޓްގެ
ވެރިފަރާތަށް ދޭން ޖެހުނުކަމަށް ބުނެވެއެވެ. އެމީހުން ރާއްޖެއިން ފުރައިގެން ސިލޯނަށް
ގޮސް، އެތަނުގެ ނޫހަކަށް، ދިވެހި ރާއްޖެ ވަރަށް ބޮޑަށް ބަދުނާމުކޮށް (ކަނޑުފޭރޭ މީހުންކަމަށް
ސިފަކޮށް) ބަޔާނެއް ދީފައި ފުރައިގެން ދިޔައީ އެވެ.ހަވަރުތިނަދޫގައި އެދުވަހު ހެދި ފާލަމުގެ ނަމަކީ “ވަދޫރާ ފާލަން”
އެވެ. މާރޗް 29، 1988މ.
ގައި ރަށުގެ ބިން އިތުރަށް ހިއްކައި ބަނދަރު ހެދުމާ ހަމަޔަށްވެސް އެރަށަށް އަރާ ފޭބުމަށް
ބޭނުންކުރީ، އެދުވަހު ހެދި ފާލަމެވެ. 1926މ. ވަނަ އަހަރު
(ލަކުޑިން) ބަނދެފައިވާ 32 މީޓަރުގެ ވަދޫރާ ބޯޓަކީ 7 މީހުންގެ ޖާގައިގެ ޔޮޓެކެވެ.
ވަދޫރާ ފާލަމުގެ ފޮޓޯއަކީ، އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމަށް
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް ލިބިވަޑައިގަތުމަށްފަހު، ގދ.ހަވަރުތިނަދުއަށް
ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، 26 ޖޫން 1979މ. ވަނަ ދުވަހު ތިނަދޫ “ވަދޫރާ” ފާލަމުން، ފައިބައި ވަޑައިގަންނަވާ
މަންޒަރެވެ. އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި އެ ހުންނެވީ އޭރުގެ ގދ.އަތޮޅުވެރިޔާ
މ.ސްޓާރލިންގ އަލްމަރްޙޫމް އާދަމް ޙަލީމެވެ. މި ފާލަމަށް “ވަދޫރާ”ގެ ނަން ކިޔާފައިވަނީ ފާލަމުގެ މަސައްކަތް ފެށި ދުވަހު
ރަށުގެ ބަނދަރަށް އައި ފްރާންސްގެ ޔޮޓްގެ ނަމަކީ “ވަދޫރާ” ކަމަށްވާތީ، ފާލަމުގެ މަސައްކަތް
ފެށުމާއި އެ ޔޮޓާއި އެދުވަހު ގުޅުން ބޮޑުކަމަށް ވާތީއެވެ.
އާދެ! ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅަކީ، ވަރަށް ތާރީޚީ
ދަތުރުފުޅެކެވެ. މިހެނީ، އެދަތުރުފުޅުގައި، ހަވަރުތިނަދޫގެ ނަން "ތިނަދޫ" މިގޮތަށް ބަދަލު ކުރެއްވިއެވެ. އޭގެ އިތުރަށް
1962މ. ވަނަ އަހަރު ހަވަރުތިނަދޫން މީހުން ބޭލީއްސުރެ ފެށިގެން އެދުވަހާ ހަމަޔަށް އެއްވެސް
މަރާމާތެއް ނުކޮށް ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ވީރާނާ ފައިވާ އެރަށު ހުކުރު މިސްކިތް
ބެއްލެވުމަށްފަހު، އެމިސްކިތުގެ މަރާމާތަށް ބޭނުންވާ ތަކެތި ސަރުކާރުން ދެއްވުމުން،
އެ މިސްކިތް މަރާމާތު ކުރީ، ރަށުގެ ރައްޔިތުންނެވެ. އެ އެހީއަކީ، އެ މަނިކުފާނުގެ ވެރިކަމުގައި
ރަށެއްގެ މިސްކިތެއްގެ މަރާމާތަށް އެންމެ ފުރަތަމަ ދެއްވި އެހީއެވެ.
----------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
މަޢުލޫމާތު:
އަލްފާޟިލް ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ގދ.ތިނަދޫ
އަލްފާޟިލް ޙަސަން އަޙުމަދު ދީދީ ސްޓާރލިންގ/ ގދ.ތިނަދޫ
އަލްފާޟިލް ޢަބްދުﷲ ޙިލްމީ މަދަރުސާދޮށުގެ/ ގދ.ތިނަދޫ