ބައިއޮޑި - ނުބައިއޮޑި


އެކުގައި މަސައްކަތްކޮށް އުޅުނު ރައްޓެހި ބަޔެއްގެ ވާހަކައެވެ. އެމީހުންކުރަނީ ދަނޑުގޮވާން ކުރުމުގެ މަސައްކަތެވެ. ދުވާލުދާ ހަތަރުދަމު އެމަސައްކަތުގައި ވަރަށް ބުރަކޮށް އަވީގައި އުޅެފައި ރޭގަނޑަށް އިރުއޮއްސުމުން ނިދަނީ އެވެ. އަނެއްދުވަހު ހޭލައިގެން ހެނދުނު ނާސްތާއަށްފަހު އަނެއްކާވެސް މަސައްކަތް ފަށަނީ އެވެ. އެކި މީހުން ކުރަނީ އެކި ވައްތަރުގެ ދަނޑުގޮވާމެވެ. އެއްބަޔަކު ހައްދަނީ، ހަނޑުލެވެ. އަނެއްބަޔަކު ހައްދަނީ، ޒުވާރިއާއި، ބިންބި އެވެ. އުއްދަނޑި ހެއްދުމުގެ މަސައްކަތްވެސް ބައެއްމީހުން ކުރެ އެވެ. އެކި މީހުން އެކިމަސައްކަތެވެ.


ކޮންމެ މީހަކީވެސް ވަކި މީހެކެވެ. އެމީހަކު ކުރާ މަސައްކަތެއް ކުރަނީ އެމީހެކެވެ. ވަކިވަކީންނެވެ. ނަމަވެސް މިއެންމެންނަކީވެސް ދެކޮޅުވެރިކަމެއް ނެތި މަސައްކަތްކުރާ ބައެކެވެ. އެމީހުން އެ މަސައްކަތް ކުރާތާ މިހާރު އެތައް އަހަރެއްވެފައި ވާއިރު އެމީހުންގެ މަސައްކަތުން ލިބޭ އެއްޗެއް ވިއްކަނީވެސް ވަކިވަކީންނެވެ. ނަމަވެސް އެތަކެތި ގަންނަނީ އެންމެ މީހެކެވެ. އެމީހާއާއި އެކު ގިނަ ބަޔަކު ޙަރަކާތްތެރިވެ އުޅެއެވެ. ނަމަވެސް ދަނޑުވެރީންނަށް ހީވެފައި އޮންނަނީ އެއިން ކޮންމެ މީހަކީވެސް ވަކި މީހެއް ކަމަށެވެ. އެކަމަކުވެސް ދަނޑުވެރީންނަށް ފާހަގަކުރެވޭ ކަމެއް އޮވެއެވެ.  އެކަމަކީ، އެއެންމެންނަށް އެކަކު އަމުރުކުރާތީ އެވެ.

މިކަމުގެ ފިކުރުގައި މިމީހުން ތިބޭތާ ދުވަސްތަކެއް ވުމަށްފަހު، އެއްދުވަހަކު ދަނޑުވެރީން އެމީހާ އާއި ސުވާލުކޮށްފިއެވެ. އަހަރުމެންނަކީވެސް އެއްތަނެއްގައި ނުވަތަ އެއްބިމެއްގައި މަސައްކަތްކުރާ ބަޔަކީމުއެވެ. ނަމަވެސް އެއްވެސް މީހަކު އަނެއް މީހާއަށް އަމުރެއް ނުކުރެއެވެ. އެކަމަކު މިއެންމެންނަށް ނުވަތަ ތިބާއާއެކު އަންނަ މީހުންނަށް ތިބާ އަމުރުކުރާތީ ފެނެއެވެ. މިއީ ކިހިނެއްވާކަމެއް ހެއްޔެވެ؟ ޖަވާބުގައި އެމީހާ ބުންޏެވެ. މިއެންމެންނަކީވެސް އަހަރެންގެ ނޯކަރުންނެވެ. މިމުދަލުގެ ވެރިފަރާތަކީ އަހަރުމެންގެ ކުންފުންޏެވެ. އަހަންނަކީ ކުންފުނީގެ މެނޭޖަރެވެ. އަރެން ފިޔަވައި އަދިވެސް ހައެއްކަ މީހުން ކުންފުނީގައި ތިބެއެވެ. އަހަންނަކީ އޭގެތެރެއިން އެކަކީމެވެ. ބައިވެރިއަކީމެވެ. ނަމަވެސް އިތުރަށް އަހަރެން މިކުރާ މަސައްކަތަށް ވަކިން މުސާރަ ލިބެއެވެ. އަހަރުވުމުން އެންމެންގެ މެދުގައި ކުންފުންޏަށް ލިބިފައި ހުންނަ ފައިސާ ބަހަނީއެވެ. ރަނގަޅު ފައިދާއެއްވެސް ލިބެއެވެ. އެމީސްމީހުން އުޅެނީ ވަރަށް ތަނަވަސްކޮށެވެ. އަހަރެންވެސް އުޅެނީ ވަރަށް ތަނަވަސްކޮށެވެ. ނަމަވެސް މަސައްކަތްކުރަން އަހަރެން ބޭނުންވާތީ އާއި އަދި ކުންފުނީގެ ވެރިފަރާތުން މަސައްކަތް ހިނގާ ނުހިނގާގޮތް ބަލަން މީހަކުހުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވާތީ، އަހަރެން އެކަމުގައި އިސްވެ އުޅެނީއެވެ. މިހާހިސާބުން އެމީހާގެ އެދުވަހުގެ ވާހަކަ ނިމުނީއެވެ.

އަނެއްދުވަހު ހެނދުނު ދަނޑުވެރީން (ކުޑަވަގުތުކޮޅަކަށް) އެއްތަނަކަށް އެއްވެ، އިއްޔެ އިވުނު ވާހަކަތަކާމެދު ވަރަށްބޮޑަށް ފިކުރުކޮށްފޫއެވެ. އެމީހުންނަށް ގަބޫލު ކުރެވުނީ، އެމީހުންވެސް އެގޮތަށް ކުންފުންޏެއް ހަދައިގެން މަސައްކަތް ކޮށްފިނަމަ، މިއަށްވުރެ ނަތީޖާ މާރަނޅުވާނެ ކަމަށެވެ. އަދި އަރާމު ބޭނުންވާ ބައިވެރީންނަށް އެކަންވެސް ކުރެވިދާނެ ކަމަށެވެ.  ނަމަވެސް އެމީހުންނަށް ނޭނގޭ އެއްކަމެއް އޮތެވެ. އެކަމަކީ ކުންފުނި ހިންގާގޮތެވެ. ކޮންމެއަކަސް އެމީހުންވެސް ކުންފުންޏެއް ހެދުމަށްފަހު އެކީގައި މަސައްކަތްކުރަން ފަށައިފިއެވެ. އެކަމަކުވެސް އެމީހުންނަށް އުޅެވެނީ ޒަމާނުއްސުރެން ފެށިގެން އެމީހުންނަށް އާދަވެފައިވާ ގޮތަށެވެ. އެގޮތަކީ، އެމީހަކު ހައްދާ ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތެވެ. އެއްތަނެއްގައި ފައިސާ ޖަމާކޮށްފައި ބެހެއްޓުމުގެ އުޞޫލަކީ އެއިން އެކަމުވެސް ޤަބޫލުކަމެއް ނޫނެވެ. ބޭނުންވަނީ އެމީހަކަށް ލިބޭ ފައިސާ އެމީހެއްގެ އަތުގައި ބެހެއްޓުމަށެވެ. އިސާހިތަކު ދެބަސްވުން އުފެދި މަސައްކަތް ހީނަރުވާން ފަށައިފިއެވެ.

މަސައްކަތަށް ހީނަރުކަން ލިބުމުން އުފެއްދޭ ތަކެތި މަދުވާތީ، އެކަން ފާހަގަ ކުރެވިގެން މުދާ ގަންނަމީހާ އެކަމާއި ސުވާލުކޮށްފިއެވެ. ޖަވާބުގައި އެމީހުންބުނީ، އެމީހުންވެސް މިހާރު މަސައްކަތް ކުރަނީ ކުންފުންޏެއް ހަދައިގެން ކަމަށެވެ. އެހެންވެ ދެބަސްވުން އުފެދި މަސައްކަތްތައް ހީނަރުވަނީކަމަށެވެ. ކޮންމެއަކަސް މުދާ ގަންނަމީހާ ދަނޑުވެރީންނަށް ކުންފުނި ހިންގާގޮތް ވަރަށް ސާފުކޮށް ކިޔައިދީ އެއްތަނެއްގައި ނުވަތަ އެކެއްގެ އަތުގައި ފައިސާ ބެހެއްޓުމަށް ލަފާ ދީފިއެވެ. އެ ލަފަޔާއެކު، ހިތާ ދެކޮޅަށްވެސް އެކެއްގެ އަތުގައި ފައިސާ ބަހައްޓަމުން ގެންދެއެވެ. ނަމަވެސް އެމީހާއާއި މެދު ދެންތިބި މީހުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި އެމީހާވެސް ދެކެނީ އެފައިސާއިން ބޮޑުބައެއް ލިބެންޖެހެނީ އޭނާއަށް ކަމަށެވެ. މިހާހިސާބަށް ކަންކަން ދިޔައިރު ދަނޑު ހެއްދުމުގެ މަސައްކަތް ހީނަރުވާން ފަށައިފިއެވެ. މަސައްކަތަށް ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. ހަމައެއާއެކު އެއްބަޔަކު އަނެއްބައެއްގެ ދަނޑަށް ގޯނާވެސް ކުރަން ފަށައިފިއެވެ. ނަމަވެސް ހުރިހާ ދަނޑަކީވެސް ކުންފުނީގެ އުޞޫލުން މިހާރު އެންމެންގެ ދަނޑެވެ. އެކަމަކު އެކަން އެމީހުންނަށް ނުވިސްނެއެވެ. ކަން މިހެންވާން ފެށުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރަންފެށީ އެމީހުންގެ އަތުން މުދާ ގަންނަ މީހާއަށެވެ. އެކަމާއި އެމީހާ ވަރަށްބޮޑަށް ހިތްހަމަނުޖެހި ދަނޑުވެރީންނާއި ވާހަކަ ދެއްކުމުން އެކަންކަން ހިނގާގޮތް އެމީހުން ކިޔައިދީފިއެވެ. އަނެއްކާވެސް އެކަންކަން ރަނގަޅުކުރުމަށް ދަނޑުވެރިޔާ ގަސްތުކޮށްފިއެވެ.


އެގޮތުން އޭނާ ނިންމީ އެމީހުން، އެމީހުންގެ އަޞްލަށް ރުޖޫޢަކުރުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އެހެންވެ، އެމީހުންގެ ގާތުގައި އޭނާބުނީ މިހާ ހިސާބުން ކުންފުނީ ރޫޅާލުމާށާއި އަދި ލިބިފައިވާ ފައިސާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބެހުމަށެވެ. ނަމަވެސް އެކަމަކީ އެމީހުންނަށް ޤަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ސަބަބަކީ ކުރިންވެސް އެކިމީހުން ހައްދަނީ އެކި ބާވަތްބާވަތުގެ ތަކެތިކަމަށް ވެފައި، ތަފާތު ބާވަތްތަކަށް ލިބޭއަގު ވެސް ތަފާތުކަމަށް ވާތީއެވެ. މިކަން މިގޮތަށްއޮތްއިރު ދެން ދިމާވި އަނެއްކަމަކީ، ފައިސާ ބެހެއްޓި މީހާގެ އަތުގައި ބަހާނެ ފައިސާއެއް ނެތުމެވެ. ހަމައެއާއެކު، އެމީހުން އަމިއްލައަށް އެކަކަށް ސިއްރުން އަނެކަކު ދަނޑުތަކަށް ކޮށްފައިވާ ގެއްލުންތަކުގެ ބޮޑުކަމުން އަލުން އެމަސައްކަތް ފެށޭކަށްވެސް ނެތެވެ. ކަންތައް މިހާހިސާބަށް ދިއުމުން މުދާގަންނަ މީހާ ބުނީ، ކުންފުނި ހަދައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަންނެތް ބަޔަކު އެކަން ކުރަން އުޅުމަކީ ނުވަތަ ކުންފުނި ހެދުމަކީ ނުވަތަ ކޮންމެމީހަކުވެސް އެކަމެއް ބޭނުންވާ ކަމެއް ގިނަ ބަޔަކުގުޅިގެން ކުރަން އުޅުމަކީ "ބައިއޮޑި ނުބައިއޮޑި" ކަމަށެވެ. ތިޔަ އެންމެންނަށްވެސް އެންމެ އައުލާކަންބޮޑީ ކޮންމެ މީހަކުވެސް ވަކިވަކިން އެމީހެއްގެ މަސައްކަތް އެމީހަކު ކުރުން ކަމަށެވެ.
                                     ------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
22/4/2013