
ބޮޑެތިބަލިތައް، ދިވެހިދަވްލަތުގެ ސަމާލުކަމަށް އައީ (ޖުޒާމްބައްޔާއި ގުޅިގެން) 1920މ. ގެ އަހަރުތަކުން ފެށިގެންނެވެ. އޭރު ހުވަދުއަތޮޅުގެ އިތުރަށް ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ވެސް ޖުޒާމްބަލީގެ މީހުން ތިބިކަން އެނގެ އެވެ. ޖުޒާމްބަލީގެ މީހުން "ވަކި" ރަށެއްގައި އެކަހެރި ކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ ވެސް އެދުވަސްވަރުގަ އެވެ.
އެހެންނަމަވެސް
1961މ. ވަނަ އަހަރާ ހަމަޔަށް ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި (މީހުންނޫޅޭ ދުރު ހިސާބުތަކުގައި)
ޖުޒާމްބަލީގެ މީހުން އެކަހެރިކުރުމުގެ ސިލްސިލާ ކުރިއަށްދިޔަ އެވެ. މެއި 7، 1935މ.
(ޞަފަރު 3، 1354ހ.) ގައި
ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ވެސް އެމައްސަލައާއިމެދު ވަނީ، ބަޙްޘްކޮށްފަ
އެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތަށް 50 އަހަރު ފުރުމުގެ
މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުން ނެރުއްވި ފޮތް" ޤާނޫނީޙަޔާތް"
މި ފޮތުގެ ޝަރަޙާގައި އަލްމަރުޙޫމް ޙަސަން އަޙުމަދުމަނިކު ލިއުއްވާފައިވަނީ 1932މ. (1350ހ.) ވަނަ އަހަރާއި ހަމަޔަށް އާދެވުނު
އިރުގައި ވެސް ތަޢުލީމާއި، ޞިއްޙަތަށް ސަރުކާރުން ޚަރަދުކުރައްވާ ގޮތަށް
ހަމަޖެހިފައިނެތް ކަމަށެވެ."
ޤާނޫނުގައި ފާހަގަކޮށްފައިވާ ބޮޑެތި ބަލިތަކުގެތޭގައި
ހިމެނެނީ، ޖުޒާމްބަލި، ވެއްޓޭބަލި، ބަރޮސްބަލި، ފައިފަލަބަލި، ހުދުބަލި މި
ބަލިތަކެވެ. މިފަދަ ބޮޑެތިބަލިބަލީގައި ތިބޭ މީހުން މަޙުކަމަތުއްޞިއްޙާގެ
ފަރާތުން، އަތޮޅުއަތޮޅުގެ އަތޮޅުވެރީންނަށް އަންގައިގެން އެބައްޔަކަށް
އެއްފަރާތްކުރުން އެކަށީގެންވާ މިންވަރަކުން މީހުންނާއި އެއްފަރާތްކޮށް،
އެމީހުންގެކަންތައް އެހީތެރިކަމާއެކު، ދަވްލަތުގެފަރާތުން ބެލެހެއްޓުން.
އެއްފަރާތްކުރުމާއި ބެހޭގޮތުން އެންމެފުރަތަމަ ފާސްކުރެއްވި ޤާނޫނު
ފާސްކޮށްފައިވަނީ، ޒުލްޤައިދާ 30، 1351ހ. (މާރޗް 27، 1933މ.) ގަ އެވެ.
ރާއްޖޭގެ ޞިއްޙީ ޙާލަތާއި ބެހޭގޮތުން ރައްޔިތުންގެ
މަޖްލިލީހުން ފާސްކުރެއްވި ފުރަތަމަ ޤާނޫގެ 10 ވަނަ ނަންބަރުގައި ވަނީ
"ޖުޒާމްބަލިޖެހިފައި ތިބި މީސްމީހުން އެއްފަރާތްކޮށް އެމީހުންނަށް
ފަރުވާކުޅައުމަށް ކޮންމެވެސްތަނަކުން ރަށެއްދެއްވުމާއި، އެރަށެއްގައި އެމީހުންނަށް
އުޅެވޭނެފަދައިން (މަހްކަމަތުއްޞިއްޙާ އިން ދެއްވާ ޕްލޭނަކަށް) ތަންތަން
ހެއްދެވުމާއި ހަމަ މިފަދައިންމެ އެހެނިހެން ނުރައްކާތެރި ބަލިބައްޔަށް ވަކިވަކި
ތަންތަން ހައްދައިދެއްވައި އެކަންތަކުގެ އިންތިޒާމް ވާނޭގޮތެއް ހެއްދެވުން.
ސޮއި: ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙަންމަދު ފަރީދު
ދީދީ
މުޙައްރަމް 12، 1352ހ. (މެއި 8، 1933މ.)
(ކުރީގެ
ޤާނޫނުތައް 46)
ދިވެހިރާއްޖޭގެ ބޭސްވެރިކަމުގެ ޤާނޫނު: ލޮލު ބޭސް،
ރުއްގަލު ބޭސް، ރާއްޖެބަލީގެބޭސް، ވިހޭގެބޭސް، އަދި މިނޫނަސް ރާއްޖޭގައި
ޒާތްޒާތުގެ ބޭސް ދަންނަ މީހުން މަދުވެ، ބޭސްފޮތްތައް ގެއްލި، މުސްކުޅި
ބޭސްބެރިކަން އުވިހިނގައިދާނޭކަމަށް ފެންނާތީވެ، ބޭސްވެރިންކުރެ މިހިނދަށް
ފެންނާން ތިބި ރަނގަޅު ބައަކު ހޯދައި ގެން، މުސްކުޅި ބޭސްފޮތްތަކުން ފެންނާން ހުރި
އެއްޗެއް އެއްކޮށް އެތަކެތި އައުކޮށް، ތިބިމީހުން ލައްވައި، މީހުން ނަށް ބޭސް އުނގަންނައި
ދެއްވުމަށް ދަވްލަތުގެ އެހީތެރިކަން ބެއްޓެވުން.
ރަބީޢުލްއާޚިރާ 19، 1354ހ. (ޖުލައި 21، 1935މ.)
މި ޤާނޫނު އަހުރެން ޤަބޫލުކޮށްފީމެވެ.
ސޮއި: ޙަސަން ނޫރައްދީން
ދިވެހި ރާއްޖޭގެ ރަދުން
(ކުރީގެ ޤާނޫނުތައް:ޞަފްޙާ 28، 29)
ރާއްޖޭގައި ޖުޒާމްބަލި ގިނަވާތީވެ، މިކަމަށް
ރައްކައުތެރިވެ ބަލިމީހުންތައް ބެލެހެއްޓޭނޭ ގޮތަކާއިމެދުގައި ޤާނޫނު ހަދާ މަޖްލިސް ގައި
ވާހަކަދެކެވި، އެމަޖްލިސުން ފާސްވެ، ކީރިތިމަހާރަދުން ތަޞްދީޤް ކުރެއްވި ޤާނޫނު
މުޅިރާއްޖޭގައިތިބި ޖުޒާންބަލިހުރި މީހުން ބައްލަވައި، އެމީހުންގެ އެންމެންމެ ހުވަދޫ
އަތޮޅަށް ފޮނުވުން.
ހުވަދޫ އަތޮޅުން ހަތަރުފަޅުރަށް ބައްލަވައި، އެއްރަށަށް
ފިރިހެނުންކުރެ ބަލިބޮޑު މީހުން އަނެއްރަށަށް ބަލިކުޑަ މީހުން، އަނެއް ރަށަށް
އަންހެނުންކުރެ ބަލިބޮޑުމީހުން، އަނެއްރަށަށް ބަލިކުޑަމީހުން ލައްވައިގެން
ބެލެހެއްޓެވުން. މި ހަތަރު ރަށުގައިމެ ތިބޭ މީހުން ބަނޑަށްޖެހުނަ ނުދީ، ފުދޭވަރަށް
ދަވްލަތުގެ ފަރާތުން ކާނާއާއި އަންނައޮނު ދެއްވުން.
މިހަތަރު ރަށުގައި ތިބޭ ބަލިމީހުންގެ ކަންތައް
ބެލެހެއްޓުމުގައި، އަތޮޅުވެރީންނާއި ވާގިދީ، އަތޮޅުވެރީން ހަދާ ނަހަދާ ގޮތްތައް
ބަލަހައްޓައި، އަލުން އަތޮޅުގެ ރަށެއްގައި، ބަލިމީހުން އުޅޭނަމަ، އެހަތަރު
ރަށަކުންކުރެ ރަށަކަށް ގެންދިއުމާއި، އެމީހުންގެ ހިސާބުތައް މާލޭގެ
ވުޒާރަތުއްޞިއްޙާ އަށް އަންގައި، މިކަންތައްކުރާނޭ ރަގަޅު ދެމީހުން، ހުވަދޫގައި
ބައިތިއްބެވުން. މި ދެމީހުން އަހަރަކު ދެފަހަރު ބަދަލުކުރެވޭނެ އެވެ.
މަތީގައި މިނަންގަތް ދެ މީހުންނާއި، އަތޮޅުވެރީންނާއި
އެކުވެގެން، އެ ހަތަރު ރަށުގައިތިބޭ ބަލިމީހުން ހުރިހާގޮތަކުންވެސް އެހެން
މީހުންނާއި، ވަކިވެގެން ތިބޭނޭ ގޮތްތައް ރަގަޅަށްހަދައި މަހަށް ފަރަށް ނުވަތަ
އެހެންތާކަށް ވިއަސް ދިޔަނުދީ، ބަޑަށް ނުޖެހޭގޮތުން ކާތަކެތިދީ، ބަލާންވާނެ އެވެ.
ދަވްލަތުގެ ފަރާތުން މިހަތަރުރަށުގައި، ތިބޭ
ބަލިމީހުންނަށް މިކުރެއްވޭ ޚަރަދުގެތެރެއިން މިމީސްމީހުންގެ ޚަރަދުދިނުމަށް
ކެރިކުޅަދާނަ ބަލަދުވެރީންތިބި މީހުންގެޚަރަދަށް، މަހަކު މީހަކުގެމައްޗަށް (-/4ރ.)
ހަތަރު ރުފިޔާ މަގުން، އެބަލަދުވެރީންގެ އަތުން އަތޮޅުވެރީން ނަގައި، މާލޭގެ
ވުޒާރަތުއްޞިއްޙާ އަށް ފޮނުވުން.
މަތީގައި މިނަންގަތް ޚަރަދުގެ އިތުރަށްވެސް އެއިން
ބަލިމީހަކުގެ، ގާތްތިމާގެމީހުން އެމީހާގެ ގާތްތިމާގެ ބަލިމީހާއަށް ނުވަތަ
ރައްޓެއްސަކަށް ވިއަސް ފޮނުވާ ކޮންމެ ކާބޯތަކެއްޗެއް އަދި އަންނައުނަކާއި، ބޭހަކާއި،
ދީނުގެ ވާހަކަ ލިޔެވިގެންވާ ފޮތަކާއި، މިތަކެތި އެމީހުންނަށް ފޮނުވުމީ
ހުއްދަކަމެކެވެ. މިފަދަކޮންމެ އެއްޗެއްނަމަވެސް ފޮނުވޭނީ ވުޒާރައްޞިއްޙާގެ
ފަރާތުން ތިބޭ މީހުންނާއި، އަތޮޅު ވެރީންގެ ތަވައްސިޠުންނަށެވެ.
މަތީގައި ނަންގަތްމަގުން އެމީހުން ވަކިކުރެވި،
ބެލެހެއްޓުމަށްފަހު، އެމީހުންނަށް ބޭސްވެވޭނޭ ގޮތެއް ހޯއްދެވުން (އަލިފްހާ.)
މި ޤާނޫނު ފާސްކޮށް ރަދުން ސިއްކަފުޅު ޖައްސަވައި ތަޞްދީޤް
ކުރެއްވީ،
ޖުމާދަލްއޫލާ 19، 1352ހ. (ޖުލައި 23، 1938މ.) ގަ އެވެ.
(ކުރީގެ
ޤާނޫނުތައް: ޞަފްޙާ 70، 71)
ނޯޓް: ގދ.ތިނަދޫ މާކޯނި / ޢަބްދުއްޞަމަދު ޙުސައިން
ބުނުއްވީ، އެއްވެސް ބަލަދުވެރިއެއްގެ އަތުން އެއްވެސްފައިސާއެއް ލިބިފައި
ނުވާކަމާށައި، އެމީހުންނަށް ޚަރަދުބަރަދު ހިންގައި ބެލެހެއްޓެވީ (އަތޮޅުގެން)
ސަރުކާރުން ކަމަށެވެ.
ހުވަދޫއަތޮޅުގައި ފައިލޭރިއާ އާއި، ލެޕްރެސީއަށް
ފަރުވާދިނުމުގެ ގޮތުންނާއި އެދެބަލި، ރާއްޖެއިން ފިލުވާލުމުގެގޮތުން ކުރެވުނު
މަސައްކަތުގެ ރިޕޯޓަށްބަލާއިރު، ދިވެހި ރާއްޖޭގައި އެންމެފުރަތަމަ ފައިލޭރިއާއަށް
ފަރުވާކޮށް އެބަލި ރާއްޖެއިން ފިލުވުމުގެ ޚިޔާލުގައި މަސައްކަތެއްފެށުނީ 1951މ.
(1370ހ.) ގަ އެވެ. އެއިރު ދިވެހިދަވްލަތް ހިންގަވަން ހުންނެވީ އަލްއަމީރު
މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. އެދުވަސްވަރު އަދި ރާއްޖެއަށް
ބޭރުގެފަރާތަކުން އެހީހޯދަން ޖެހިއްޖެނަމަ ގުޅަންޖެހެނީ، އިނގިރޭސި ދަވްލަތާއިކަމުން އޭނާ އިނގިރޭސި ދަވްލަތާއި
ގުޅުއްވައިގެން ރާއްޖޭގައި ފައިލޭރިއާ ފިލުވާލުމަށް އެހީއެއްލިބޭތޯ ބެއްލެވި އެވެ.
އިނގިރޭސި ސަރުކާރުން އެމައްސަލަ ޑަބްލިޔޫ.އެޗް.އޯ އަށް ހުށަހެޅި އެވެ. އިނގިރޭސި
ސަރުކާރުން ޑަބްލިޔޫ.އެޗް.އޯގެ ފަރާތުން އެދުނީ، އިންޑިއާ ކަނޑުގައިވާ
ޖަޒީރާޤަވްމު ދިވެހިރާއްޖެއިން ފައިލޭރިއާ ފިލުވާލުމުގައި ޓެކްނިކަލް އެހީވެދިނުމަށެވެ.
ދިވެހިރާއްޖެ އަކީ އިނގިރޭސީންގެ ޕްރޮޓެކްޓޮރޭޓެއް ކަމާއި އަދި ރާއްޖޭގެ ދެކުނުގެ
އަތޮޅުތަކުގައި ފައިލޭރިއާއަކީ، ވަރަށްމުހިންމު މައްސަލަ އަކަށް ވެފައިވާކަމަށް
އިނގިރޭސީން ހުށަހެޅި އެވެ. އަދި ދިވެހިރާއްޖޭގެ މީހުނަށް ފައިލޭރިއާ ފިލުވާލުމަކީ
ވަރަށްމަތިވެރި އިޤްތިޞާދީ އަހައްމިއްޔަތެއް ހުރި ކަމެއްކަމަށް ބުނެފައިވެ އެވެ.
އެހެނީ ދިވެހީން މައިގަނޑު ގޮތެއްގައިކުރާ މަސައްކަތަށް ބޭނުންވަނީ ޖިސްމާނީ
ގޮތުން ވަރަށްޞިއްޙަތު ރަނގަޅު މީހުނެވެ. (ކުރީގެ ހުވަދު އަތޮޅު: ޞަފްޙާ 43)
ދިވެހި ތާރިޚުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާ ގޮތުގައި
ހުޅަނގުގެ ބޭސްވެރިކަމުގެ
"ވިނަރެސް" ދިވެހިރާއްޖެއަށް ފެންނަށް ފެށީ، އަލްއަމީރު މުޙައްމަދު
އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިސަރުކާރު ހިންގެވި ދުވަސްވަރުގަ އެވެ.
ދިވެހިރާއްޖޭގައި ހުޅުވި ފުރަތަމަ ހަސްފަތާލު ކަނބާފާނުގަނޑުވަރު
(ގޭގައި) ހުޅުވީ، ޖޫން 9،
1948މ.ގަ
އެވެ. އެތަނުގައި މަސައްކަތްކުރެއްވީ ޑރ.ގުނަރަތުނަ އެވެ. އޭގެފަހުން ހެންވޭރު
ވައިލެޓްފެހި ގައި ހަސްފަތާލެއް ހުޅުވީ، އޮކްޓޫބަރ 7، 1968މ. ގަ އެވެ. އެ ހަސްފަތާލު ނުވަތަ މާލޭގައި ހޮސްޕިޓަލް
އެޅުމަށް އިންގިރޭސި ކުންފުންޏެއްކަމަށްވާ ބްރައޮން ކުންފުނިން ޙަވާލުވީ މާރޗް 30، 1962މ. ގަ އެވެ. މާލޭ ސެންޓަރްލް ހޮސްޕިޓަލް
(ކުރިން މާލޭ ގަވަރުމަންޓް ހޮސްޕިޓަލް) އިން ދެމުން ގެންދިޔަ ޞިއްޙީ ޚިދުމަތް
އިންޑިއާ ސަރުކާރުން ޤާއިމުކޮށްދެއްވި "އިންދިރާގާނދީ މެމޯރިއަލް
ހޮސްޕިޓަލަށް ބަދަލުކުރެއްވީ ޑިސެމްބަރ 29، 1994މ.ގަ އެވެ. އޭގެ އެއްއަހަރު ފަހުން
(އެތަނުގައި ބޭނުންކުރި ގިނަ ސާމާނާއެކު) މާލޭ ސެންޓްރަލް ހޮސްޕިޓަލް ކުއްޔަށް
ދެއްވުމުން މިހާރު އެއީ އޭ.ޑީ.ކޭ (ޢަބްދުއްރަޙްމާން ދޮންކަލޭފާނު) ހޮސްޕިޓަލް
އެވެ.
ހުޅަނގުގެ ބޭސްވެރިކަން އެންމެފުރަތަމަ ރާއްޖެއަށް
ތަޢާރަފްވީ (ޑަބްލިޔޫ.އެޗް.އޯގެ އެހީއާ އެކު) ޖުޒާމްބައްޔާއި ފައިފަލަބައްޔާއި،
ކެއްސުންބައްޔާއި، މެލޭރިއާ ފަދަ ބަލިތަކަށް ފަރުވާކުރުމަށާއި، ޅަފަތުގައި ކުދިންމަރުވާ
ބަލިތަކުން ސަލާމަތްކޮށްދޭ ވެކްސިންގެ ފަރުވާއިންނެވެ. ހަމައެއާއެކު، ދެން ފެށުނީ،
ޑަބްލިޔޫ.އެޗް.އޯގެ ހިލޭ އެހީގެ ބޭސްފަރުވާ އެވެ.
އާދެ! އައްޑުއަތޮޅަށް އިނގިރޭސީން އައުމާއެކު، އެއަތޮޅަށް
ހުޅަނގުގެ ބޭސްވެރިކަންވަނީ، ތަޢާރަފްވެފަ އެވެ. އެއީ މުޅި ރާއްޖެއަށް ހުޅަނގުގެ
ބޭސްވެރިކަން ތަޢާރަފުވުން ނޫންކަމަށް ވިއަސް، އެކަމުގެ ސަބަބުން ރާއްޖޭގެ
ވަރަށްގިނަ ބަޔަކަށް ބޭސް ފަރުވާގެ އެހީތެރިން ލިބުނުކަން ފާހަގަކޮށްލަން ޖެހެ
އެވެ. ޚާއްޞަގޮތެއްގައި ފައިފަލަބަލި ޖެހުމުގެ ސަބަބުން ގުނަވަންތަން އައިބުވެ،
ހިނގާބިނގާވެ އުޅުމަށް ދަތިވެ ނުވަތަ ނުކުޅެދިފައިވާ އެތައްބަޔަކަށް އެކަމުގެ
ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިފައިވެ އެވެ. އަދި މީގެއިތުރަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ބައެއްކަހަލަ ވަޞީލަތްތައް ލިބުމުގެ
އިތުރަށް ބޮޑެތި އޮޕަރޭޝަންތައް ވެސް (އިނގިރޭސީން ގަމުގައި ހިންގި ހޮސްޕިޓަލުން)
ކޮށްފައިވެ އެވެ.
-------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަސީރު ޒޫރިޔާގެ/މަޑަވެލި
15 ޖުލައި 2012މ.