އަލްޤާޟީ ޙަސަން ތާޖުއްދީނާއި އެކަލޭގެފާނު ލިޔުއްވި ތާރީޚު ފޮތް


    







އަލްޤާޟީ ޙަސަން ތާޖުއްދީނަކީ (1162- ) ހައްދުންމަތީ ގަމު އަލްފަޤީހު މަޙްމޫދު (ގަމު ރަތްބެ) ގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1072ހ. (1162މ.) ވަނަ އަހަރު ހައްދުންމަތީ ގަމުގައެވެ. އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި އޭނައަށް ކިޔަވައިދެއްވީ އޭނާގެ ބައްޕަ ފަރާތު ކާފައާއި ލ. ގަމުގައި އުޅުއްވި އައްނާއިބު އައްޝައިޚު ޢީސާއެވެ. ވަރަށް ޒުވާން ޢުމުރުގައި މާލެ ވަޑައިގެން މާލޭގައި އޭރު ހުންނެވި ބޮޑު ދަންނަ ބޭކަލެއް ކަމުގައިވާ އަލްފަޤީހު ފޮނަދޫ ޚަޠީބުތަކުރުފާނުގެ އަރިހުން ޢިލްމު ހޯއްދަވަން ފެށްޓެވިއެވެ. އަދި އެ ދުވަސްވަރު މާލެ މާލެ ވަޑައިގެން ހުންނެވި ޤާދިރީޠަރީޤާގެ ޞޫފީ ޢިލްމުވެރިޔެއް ކަމަށްވާ އައްޝައިޚު އައްސައްޔިދު މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ (ފަހުން ސައްޔިދު ރަސްގެފާނު) އަރިހުން ވެސް ދެ ފަހަރެއްގެ މަތިން ޢިލްމު ހޯއްދެވިއެވެ.

އައްސުލްޠާން ކުޑަމުޙައްމަދު ރަސްގެފާނު (1687-1691މ.) ގެ ރަސްކަމުގައި އެ ރަދުންގެ މަންމާފުޅު ކަނބާ މަރިޔަމްގެ ދޯދިޔާ ޢަމަލުފުޅުތަކުގެ ސަބަބުން މާލެ ދޫކުރައްވައި ޙަސަން ތާޖުއްދީން ވަޑައިގަތީ މަލާބާރުކަރައިގެ މައްކާއަށެވެ. ޙައްޖު އަޅުކަން ފުރިހަމަކުރެއްވުމަށްފަހު މަދީނާއަށް ޒިޔާރަތްކުރައްވައި އެނބުރި މައްކާއަށް ވަޑައިގެން މައްކާގައި މަޑުކުރެއްވީއެވެ. އެއީ ޢިލްމު ހޯއްދެވުމުގެ ގަސްތުގައެވެ. މައްކާއިން އެނބުރި މާލެ ވަޑައިގަތީ 1102ހ. ވަނަ އަހަރު ރަބީޢުލްއައްވަލް މަހު 15 (1690މ.) ދުވަހުއެވެ. މާލެ ވަޑައިގަތުމުން ކަނބާ މަރިޔަމްގެ އަމުރުފުޅަށް ތާޖުއްދީނު އޭނާގެ ރަށް ލ. ގަމަށް ފޮނުވާލެއްވިއެވެ.

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލް (1691-1692މ.) ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންފައި އެޅުއްވި އެންމެ އިސްފިޔަވަޅަކީ އައްޝައިޚު ޙަސަން ތާޖުއްދީން މާލެ ގެންނެވުމެވެ. މާލެ ގެންނަވައި އެރަދުންގެ މުޝީރެއްގެ މަޤާމުގައި ބެހެއްޓެވިއެވެ. ސަރުކާރު ހިންގުމުގެ ދާއިރާއާ ތާޖުއްދީން ގުޅިވަޑައިގަތީ މިހިސާބުންނެވެ. މާލޭގައި ހުންނަވާނެ ގެއަކާއި ޚަރަދުގެ އިތުރަށް މަހަކު 50 ލާރީގެ މުސާރެއް ކަނޑައެޅުއްވިއެވެ. ދެއްވަދޫ ރަސްގެފާނު (1692-1701މ.) ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު އިހު އޭނާއަށް އޮތް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު ޙަސަން ތާޖުއްދީނާ މަތިކުރެއްވިއެވެ. ފަނޑިޔާރުކަމަށް ކޮލިލެއްވީ 1104 ވަނަ އަހަރު ރަބީޢުލްއައްވަލް މަހު 2 (1692މ.) ވީ ބުދަ ދުވަހުއެވެ. އެހައިތަނުން އެއީ އަލްޤާޟީ ޙަސަން ތާޖުއްދީނެވެ. އެއިރު ތާޖުއްދީނުގެ ޢުމުރުފުޅަކީ 32 އަހަރެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން މާލޭގެ ސިޔާސީ އުދަރެހުން ފެންނަން ފެށި ނޭއްގާނީ ކުލަތަކުގެ ސަބަބުން އަނެއްކާވެސް ތާޖުއްދީން ރާއްޖެ ދޫކުރައްވައި ބޭރަށް ވަޑައިގަތުމަށް ނިންމެވިއެވެ. ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވުމަށް ފަހު މައްކާއަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 1112 ވަނަ އަހަރު ޝަޢުބާން މަހު 11 (1701މ.) ވީ ހޮނިހިރު ދުވަހުއެވެ. މި ފަހަރު ވެސް މައްކާގައި ހުންނެވިއިރު އެކި ދަންނަ ބޭކަލުންގެ އަރިހުން ޢިލްމު ހޯއްދެވިއެވެ.

ޙަސަން ތާޖުއްދީން މައްކާގައި ހުންނަވަނިކޮށް އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން (1071-1705މ.) ތާޖުއްދީނު ރާއްޖެ ވަޑައިގަތުމަށް އެދިވަޑައިގެން ފަތްކޮޅެއް ފޮނުއްވިއެވެ. މާލެ ވަޑައިގަތުމުން އެކަލޭގެފާނަށް މާތްކޮށް ހިތްތަވައި ރަދުންގެ އަރިހުގައި އެއަހަރު ޙައްޖަށް ގެންދެވިއެވެ. މި ދަތުރުފުޅަށް ރަދުން މާލެއިން ފުރާވަޑައިގަތީ 1015 ވަނަ ރަމަޟާން މަހު 10 (1704މ.) ވީ ހުކުރު ދުވަހުއެވެ. ރަދުން ޙައްޖުއް އެނބުރި ވަޑައިގަތްއިރު ރަސްކަން އޮތީ ބަދަލުވެފައެވެ. ތަޚުތުގައި އިންނެވީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (1704-1721މ.) ދިޔަނމިގިލީ ރަދުންނެވެ.

މުޡްހިރުއްދީނު ރަދުންނާ ތާޖުއްދީނާ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން މިފަހަރު ވެސް ތާޖުއްދީނު އެމަނިކުފާނުގެ ރަށަށް ފޮނުވައިލެއްވުނެވެ. މިކަން ހިނގީ 1116 (1705މ.) ވަނަ އަހަރު ރަމަޟާން މަހުގެ ތެރޭގައެވެ. ނަމަވެސް އެ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައި އަނބުރައި ގެންނެވިއެވެ. އަދި އެ އަހަރު ޝައްވާލް މަހު 22 (1705މ.) ވިލޭރޭ ޙަސަން ތާޖުއްދީނާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ދެވަނަ ފަހަރަށް މަތިކުރެއްވިއެވެ. ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނަވާ އަލްޤާޟީ ޙަސަން ތާޖުއްދީން އަވަހާރަވީ 1139 ވަނަ އަހަރު (1727މ.) ރަޖަބު މަހު 6 ވީ ހުކުރު ވިލޭރޭ ފަތިސްދަންމަތީގައެވެ. ޢުމުރުފުޅުން 67 އަހަރުގެ ތެރޭގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ. އަވަހާރަވީ އިބްރާހީމް ރަސްގެފާނު ރަސްކަމުގައެވެ.

ބޭފުޅުން 

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ތިއްބެވިކަން އެނގެނީ ދެ ދަރިކަލުންނާއި ދަރިކަނބަލެކެވެ. އެއީ ޚަޠީބު އަޙްމަދު މުޙްޔިއްދީނާއި ޤާޟީ މުޙައްމަދު ޝަމްސުއްދީނާއި ޚަދީޖާ ކިޔުނު ދަރިކަނބަލެކެވެ. މި ޚަދީޖާ ޢުމުރުފުޅުން 12 އަހަރުގައި އަވަހާރަވެއްޖެއެވެ. އަވަހާރަވީ 1135 ޛުލްޤަޢިދާ 11 ވީ ހުކުރު ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ (މާލޭ ހުކުރު މިސްކިތް، ޞ. 351، 352). މީގެ ތެރެއިން ދެ ދަރިކަލުންގެ ދަރިކޮޅު ދެމިގެން އައިސްފައިވެއެވެ. ތާޖުއްދީނު ނ. އަތޮޅު ކުރެދިވަރު ބޭކަނބަލަކާ ކައިވެނިބެއްލެވިކަން އެނގެއެވެ. ވީމާ މި ބޭފުޅުންގެ މަންމައަކީ އެބޭކަނބަލެއް ކަމަށް ފެނެއެވެ. ހަމަގައިމުވެސް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ މަންމައަކީ މިބޭކަނބަލެކެވެ. (ތާރީޚު އިސްލާމި ދީބާ މަޙަލް ޞ. 98، 99)

ނަމަވެސް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަނީ: ދެވަނަ ފަހަރު ޙަސަން ތާޖުއްދީން މައްކާއަށް ވަޑައިގެން ހުންނެވި ހުންނެވުމުގައި އެތަނުން މީހަކަ ކައިވެނި ބެއްލެވި ކަމަށާއި އެ ބަނޑުން މައްކާ ސީދީ ކިޔާ ދަރިކަލަކު ޙަސަން ތާޖުއްދީނަށް ލިބިވަޑައިގަތެވެ. އަދި މި މައްކާ ސީދީގެ އަޙްމަދު މަނިކުފާނަކާއި ޚަދީޖާ މަނިކުފާނެއް މާލޭގައި އުޅުއްވި ކަމަށް ބުނެވޭ ކަމަށެވެ. (ތާރީޚު ދީބާ މަޙަލްއާ ބެހޭ ދިރާސާ ޞ. 12)

ނަމަވެސް ތާރީޚު އިސްލާމި ދީބާ މަޙަލްގައި ވަނީ: އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ހުވަދޫ ކަޑުހުޅުދޫއަށް ފޮނުވާލެއްވިއިރު، ފޮނުވާލެއްވި މީހުންގެ ތެރޭގައި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ މައްކާގެ އަލްފާޤީހު ޙަސަން ބަދުރުއްދީނުލް މައްކީގެ އަޙްމަދު މަނިކުފާނުވެސް ފޮނުއްވައިލެއްވި ކަމަށާއި އަދި އެ އަޙްމަދު މަނިކުފާނާއެކު އޭނާގެ ދެ ދަރިކަލުން ޙަސަނާ މުޙައްމަދުވެސް ފޮނުއްވައިލެއްވިކަމަށެވެ. (ޞ. 111)

ތާޖުއްދީނާ އެއްބަފާ ބޭފުޅަކު ހުންނެވިއެވެ. އެއީ ބަންޑާރާ ނާއިބު ޙުސައިން ޢަފީފުއްދީނެވެ. މީނާ އަވަހާރަވީ 1159ހ. ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ. މީނާގެ ދަރިކަލަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު ޝައިޚުލް އިސްލާމިއެވެ. މީނާގެ ފަރާތްޕުޅުން ދަރިކޮޅު ދެމިގެން އައިސްފައިވެއެވެ. އަދި ތާޖުއްދީނުގެ އުޚުތެއް ވެސް ހުންނެވިއެވެ. މީނާގެ ނަމަކީ ޚަދީޖާއެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި ރާއްޖޭގެ ތާރީޚު ފޮތް

ދިޔަނމިގިލީ ރަދުން (1704-1721މ.) ގެ އަމުރުފުޅަށް އަލްޤާޟީ ޙަސަން ތާޖުއްދީން ރާއްޖޭގެ ތާރީޚާބެހޭ ފޮތެއް – ރާއްޖޭގެ ރަސްރަސްކަލުންނާ ބެހޭ ފޮތެއް – ޙަޤީޤަތުގައި ޢަރަބިބަހުން ލިޔުއްވިއެވެ. އެ ފޮތުގެ ނަމަކީ ތާރީޚު އިސްލާމި ދީބާ މަހަލް (ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚް) އެވެ.

މި ފޮތުގެ އަޞްލު ކޮޕީ (އަތު ލިޔުން) 1166 ވަނަ އަހަރު (1752-3 މ.) މަލާބާރީން ރާއްޖެ އަރައި ގަނޑުވަރާއި ކޮއިލުތެރެ އަންދާލިއިރު އަނދައިގެން ދިޔައީއެވެ. އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ނަކަލުކުރެއްވި މި ފޮތުގެ އަތު ކޮޕީއެއް މ. ވެލިދޫގޭގައި އޮތެވެ.

އެޗް.ސީ.ޕީ. ބެލް އަށް ތާޖުއްދީނު ލިޔުއްވި ފޮތުގެ ކޮޕީއެއް ބޭނުންފުޅުވެގެން އޭރު ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ ވިލިޔަމް ހެންރީ މެނިންގ 1920 ޖަނަވަރީ 19 ގައި ރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން(3) އަށް އެ ފޮތުގެ ކޮޕީއެއް ހޯއްދެވުމަށް ލިޔުއްވިއެވެ. ދެން ވެލިދޫ ގޭގައި އޮތް ނަކަލުން ނަކަލު ކޮޕީއެއް ހެއްދެވުމަށްފަހު ބެލްއަށް ފޮނުއްވީއެވެ. މި ނަކަލު ނެންގެވީ ޙުސައިން ޞަލާޙުއްދީނެވެ.

1980 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ޖަޕާނުގެ ޕްރޮފެސަރ ހިކޮއިޗީ ޔަޖިމާ ރާއްޖެ ވަޑައިގަތެވެ. ބޭނުންފުޅަކީ ތާޖުއްދީން ލިޔުއްވި ތާރީޚު ފޮތް ހޯއްދެވުމެވެ. އޭނާ ވަޑައިގަތްއިރު އެފޮތުގެ ޢަރަބި 3 ނަކަލު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި އޮތެވެ. އެއީ ބެލްއަށް ފޮނުއްވި ނަކަލު ނުލައެވެ.

ޕްރޮފެސަރ ޔަޖިމާ އެ ކޮޕީތައް ފާހަގަކުރެއްވުމަށް ނަންދެއްވައިފައިވަނީ އޭ.ބީ.ސީ.ޑީ.ގެ އަކުރުތަކުންނެވެ. އެއީ ތިރީގައި މިވާގޮތަށެވެ.
އޭ. ކޮޕީ (ސަލާމަތުން އެންމެ ރަނގަޅަށް އޮތީ މި ކޮޕީއެވެ. އަދި ތާޖުއްދީނުގެ ފޮތް އެޑިޓްކުރެއްވުމުގައި ޕްރޮފެސަރ ޔަޖިމާ އަޞްލަކަށް ބެއްލެވީ މި ކޮޕީއެވެ. އަދި ސީ. ކޮޕީއާ ޑީ. ކޮޕީގެ އެހީތެރިކަން ވެސް ހޯއްދިއެވެ.)
ބީ. ކޮޕީ (ބެލްއަށް ފޮނުއްވީ މި ކޮޕީއެވެ.)
ސީ. ކޮޕީ (މި ކޮޕީގައި އޮތީ ފޮތުގެ ކުރީކޮޅުން ދެ ބައިކުޅަ އެއްބައި އެކަންޏެވެ.)

އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ މި ކޮޕީތަކުގެ ވާހަކަ ލިޔުއްވައިފައިވަނީ ތިރީގައިމިވާ ގޮތަށެވެ.
އޭ. ކޮޕީ (ވުޒާރަތުއްދާޚިލިއްޔާ(ވ) ގެ ތައްގަނޑުޖެހި ކޮޕީ. މީގައި ހުރީ އެކި ބޭފުޅުންގެ ލިޔުއްވުމެވެ. ގިނައިން ހުރީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ބައްޕަ އައްސައްޔިދު މުޙައްމަދު ކުޑަ ސީދީގެ ލިޔުއްވުމެވެ.)
ބީ. ކޮޕީ (ބެލްއަށް ފޮނުއްވި ކޮޕީ. މިއީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ނަކަލުކުރެއްވި ކޮޕީއިން ޞަލާޙުއްދީނުގެ އަތްޕުޅުން ނަކަލުކުރެއްވި ކޮޕީއެކެވެ.)
ސީ. ކޮޕީ (މިއީ ޤައުމީ މަރުކަޒަށް އިބްރާހީމް ޝިހާބު ފޮނުއްވި ކޮޕީއެކެވެ. ވީމާ މިއީ ޞަލާހުއްދީން ނަކަލުކުރެއްވި ކޮޕީއެވެ.)
ޑީ. ކޮޕީ (އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީގެ އަތްޕުޅު ނަކަލުކުރެއްވި ކޮޕީ. މީގައި ސީދީގެ ނަންފުޅުގެ ތައްގަނޑުވެސް ވެއެވެ. މި ކޮޕީ ފަހުން ވީ ތީމުގޭގައި.)

މުޙައްމަދު ލުޠުފީ ލިޔުއްވާ ގޮތުގައި ޕްރޮފެސަރ ޔަޖިމާ ތާޖުއްދީނު ފޮތް އެޑިޓްކުރައްވަން އަޞްލަކަށް ބެލީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އަތްޕުޅުން ނަކަލުކުރެއްވި ކޮޕީއެވެ. އެއީ ލުޠުފީ ލިޔުއްވާ ޑީ.  ކޮޕީއެވެ. ޔަޖިމާގެ އޭ. ކޮޕީއެވެ. ޕްރޮފެސަރ ހިކޯޗީ ޔަޖިމާ ބޭނުންކުރެއްވި އޭ. ކޮޕީ އޭނާ ނެރުއްވި ތާޖުއްދީނު ފޮތުގެ ފަހަތުގައިވެއެވެ. ޕްރޮފެސަރ ޔަޖިމާ ތާޖުއްދީނުގެ ތާރީޚު ފޮތުގެ ޢަރަބި ތިން ކޮޕީގެ އަލީގައި އެ ފޮތް ތަޙުޤީޤު (އެޑިޓް) ކުރައްވައި 1982 ވަނަ އަހަރު ޖަޕާނުގައި ޗާޕުކުރައްވައި ނެރުއްވިއެވެ. ތާރީޚު އިސްލާމިދީބާ މަޙަލް – މި ނަމުގައެވެ. މި ތަރުޖަމާއަކީ މި ޢަރަބި ފޮތުގެ ތަރުޖަމާއެވެ.

މި ތިން ކޮޕީގެ ތެރެއިން މިހާރު ފެންނަން އޮތީ ވުޒާރަތުއްދާޚިލިއްޔާ (ވ) ގެ ތައްގަނޑުޖެހި ކޮޕީ އެކަންޏެވެ. މި ކޮޕީ އޮތީ ހެރިޓޭޖް ސެކްޝަންގެ އާކައިވްގައެވެ. އަނެއް ދެ ކޮޕީ – މުޙައްމަދު ލުޠުފީ ލިޔުއްވާ ސީ. ކޮޕީއާ ޑީ. ކޮޕީ – މިވަނީ ގެއްލިފައެވެ. އާކައިވްގައި ނެތެވެ.

1320ހ. (1903މ.) ވަނަ އަހަރުގެ ތެރޭގައި ޙާޖީ ޢިމާދުއްދީން ރަދުން ތާޖުއްދީނުގެ ތާރީޚު ފޮތް ތަރުޖަމާކުރެއްވުމަށް ކޮމެޓީއަކާ ޙަވާލުކުރެއްވިއެވެ. އެ ކޮމެޓީގެ އިސް ދެ ބޭފުޅުންނަކީ ފަޟީލަތުއްޝައިޚު ނައިބު ތުއްތުއާއި އޭރުގެ ބަންޑާރާ ނާއިބު ޙުސައިން ޞަލާހުއްދީނެވެ. ދިވެހިތާރީޚު – ގެ ނަމުގައި 1980މ. ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޗާޕުކުރެއްވި ފޮތަކީ އެ ތަރުޖަމާއެވެ. މި ތަރުޖަމާ ފެށިފައިވަނީ ޢަލީ ރަސްގެފާނާ ހަމައިންނެވެ.

ޗާޕުވެގެން މި ނުކުންނަ ތަރުޖަމައާއި ދިވެހިތާރީޚު- މި ފޮތާ ބައެއް ތަންތަން ތަފާތެވެ. އެއީ އަޞްލަކަށް ބެލި ދެ ކޮޕީގައި ތަފާތު ހުރުމުންނެވެ.

ދާދިފަހުން – 2013މ. ވަނަ އަހަރު – ދިވެހިބަހުގެ އެކެޑަމީގެ ބޭފުޅުން ސިލޯނުގެ އާކައިވަށް ވަޑައިގެން ހޯއްދެވި ހޯއްދެވުމުން ބެލްއަށް ރާއްޖޭގެ ރަދުން ފޮނުއްވި ތާޖުއްދީނު ފޮތުގެ ގަނޑެއްވަނީ ފެނިފައެވެ. އެއީ ރާއްޖެ އިސްލާމްވި ވާހަކަ އޮތް ހިސާބުގެ ގަނޑެކެވެ. އެގަނޑާއި ހިކޮއިޗީ ޔަޖިމާ އެޑިޓްކުރެއްވި ފޮތުގެ އެހިސާބާ އެއްވެސް ތަފާތެއް ނެތެވެ. އަދި ވުޒާރަތުއް ދާޚިލިއްޔާ(ވ) ގެ ތައްގަނޑު ޖެހިކޮޕީގައިވެސް އެ ހިސާބުގައި އެއްވެސް ތަފާތެއް ނެތެވެ.
               --------------------

މުޞަންނިފު: އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ

މަޢުލޫމާތު:
·      މުޙައްމަދު އިބްރާހީމް ލުޠުފީ: "ތާރީޚު ދީބާމަޙަލް" އާ ބެހޭ ދިރާސާ، ޞ. 14 – 22، (ދިވެހިބަހުގެ އެކެޑަމީ 2012)
·     ހިކޮއިޗީ ޔަޖިމާ: ޙަސަން ތާޖުއްދީނު'ސް އިސްލާމިކް ހިސްޓްރީ އޮފް ދަ މޯލްޑިވް އައިލަންޑްސް، ވޮލިޔުމް 2، މުޤައްދިމާ އަދި ޞ. 1 (ޖަޕާނު، ޓޯކިޔޯ 1982)
·       ޙަސަން ތާޖުއްދީނު: ތާރީޚު އިސްލާމީ ދީބާމަޙަލް، ތަޙުޤީޤު، ހިކޮއިޗީ ޔަޖިމާ، ޓޯކިޔޯ 1982.
·       މާލޭ ހުކުރު މިސްކިތް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ތާރީޚު ނެތް (1984).