މާލޭގެ ފުރަތަމަ މަދަރުސާއާއި ދެއްވަދޫ ރަސްގެފާނު


މި ލިޔުމުގައި ބަލައިލެވޭތޯ މަސައްކަތްކޮށްފައިވާނީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާއާއި، ދެއްވަދޫ ރަސްގެފާނާއި ގުޅިވަޑައިގަތުމެއް އޮތްކަމަށް ބެލެވޭތީ އެ ކަމުގެ މައްޗަށެވެ. މި މަޢުލޫމާތު އަޅުގަނޑު ބައެއް ބޭފުޅުންނާއި ޙިއްޞާކުރުމުން ފެންނަން ހުރި ކަންކަމަށް ރިޢާޔަތްކުރައްވައި އެ ބޭފުޅުންވެސް އެ ކަން އެ ގޮތަށް އޮތްކަމަށް ބުރަވެވަޑައިގަނެ އެވެ.

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާ:

ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ މަޝްހޫރު އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު 1068ހ. ގައި އެ ރަދުން ޙައްޖުގެ މަތިވެރިކަން އަދާކުރެއްވުމަށްފަހު މާލެވަޑައިގެން މާލޭގެ ހުކުރުމިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރައްވައި މި ދޮރޯށިތެރޭ ދެ ފަރާތުގައި ބޮޑު ދެ އަށި ހައްދަވައި ކީރިތި ޤުރުއާނާއި ފަރުޟު ޢިލްމު އުނގަންނައިދެއްވާނޭ ފިޤުހުވެރިއަކު އެ ތަނަށްލައްވައި އެ ކަން އެ މަގަށް ހިނގަން ފެށުނުކަމަށް ތާރީޚުގެ ޞަފުޙާތަކުން އެނގެ އެވެ.

މިހެންވުމުން މިއީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާކަމަށް ބުނެވިދާނެކަމަށް ޝައިޚުލް އުސްތާޛު މަރުޙޫމް މުޙައްމަދު ޖަމީލް ދީދީގެ ލިޔުއްވުމެއްގައިވެ އެވެ. އެ މަނިކުފާނު މިވާހަކަ ލިޔުއްވާފައިވަނީ "ޢުލޫމުގެ ޤުލްޝަން 1"ގަ އެވެ. މިއީ 1974މ. ވަނަ އަހަރު ލިޔުއްވައި 1985މ. ވަނަ އަހަރު ޗާޕުކޮށްފައިވާ ފޮތެކެވެ.

މާލޭގެ ފުރަތަމަ މަދަރުސާއަކީ ދިވެހިރާއްޖޭގެ ފުރަތަމަ މަދަރުސާއެއް ނޫނެވެ. އެހެނީ، މާލޭގެ ފުރަތަމަ މަދަރުސާކަމަށް ބުނެވިދާނޭ ނުވަތަ ބެލެވިދާނޭ މަދަރުސާގެ ކުރިން ޣާޒީ ރަދުންގެ ދުވަސްވަރު ހުވަދުއަތޮޅު ވާދޫގައިވެސް ޝައިޚުލް ފަޤީހު މުޙައްމަދު ޖަމާލުއްދީން ނުވަތަ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ މަދަރުސާ ހިނގަމުން ދިޔަކަން ދިވެހި ތާރީޚުން އެނގެ އެވެ. މާލޭގެ ފުރަތަމަ މަދަރުސާއިން ތަޢުލީމު ޙާޞިލްކުރެއްވި ދަރިވަރުންގެ ނަމެއް ތާރީޚުގެ ފަތްފުށްތަކުން ފެންނަންނެތް ނަމަވެސް ވާދޫ ދަންނަކަލޭގެފާނުގެ މަދަރުސާއިން ތަޢުލީމު ޙާޞިލްކުރެއްވި ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅުންގެ ގޮތުގައި ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ނަންފުޅު ތާރީޚުގެ ޞަފުޙާތަކުން އެބަ ފެނެ އެވެ. އަދި މީގެ އިތުރަށް ފުވައްމުލަކު ދޫޑިގަމު އެދުރުކަލޭގެފާނުގެ ނަންފުޅު ވެސް ފެނެ އެވެ.

ދެއްވަދޫ ރަސްގެފާނު:

ދެއްވަދޫ ރަސްގެފާނުގެ ނަންފުޅުން މަޝްހޫރުވެފައިވާ ރަދުންނަކީ ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ އެވެ. މި ރަދުންގެ ބައްޕާފުޅަކީ މަޝްހޫރު އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާ އެވެ. މި ރަދުންގެ މަންމާފުޅަކީ މަޝްހޫރު ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން ޢާއިޝާ ނުވަތަ އައިސާދިޔޯ އެވެ.

ލިޔުމަށް ތަންހޯދުން:

އެކިއެކި ބިނާތަކުގައި ޒަމާންތަކަށް ދެމިހުންނާނޭ ގޮތަށް ހިލައާއި ގައުފަދަ ހަރު މަޢުދަނުގައި ކަނޑައިނަގައި ލިޔެފައިހުންނަ ލިޔުންތަކަކީ އެ ބިނާއަކާއި ނޫނީ އެ ބިނާއެއްގައި ކުރާ ކަމަކާއި ނުހަނުބޮޑު ގުޅުމެއް އޮންނަ އެއްޗެކެވެ. އެފަދަ ބިނާއެއްގައި ލިޔާ ލިޔުމަކީ މީހަކު ހިތަށްއެރިގޮތަކަށް ލިޔުނު ބޭނުންތެރި ލިޔުމަކަށް ނުވާނަމަ އެ ލިޔުނު އެއްޗެއް ފުހެވުމެއް އުނިއިތުރެއް ނެތި ލިޔުނުގޮތަށް މަދުވެގެން ދެ ޤަރުނާއި ބަޔަށްވުރެ ގިނަދުވަސް ވަންދެން އެފަދަ ޢިލްމީ ބިނާއެއްގެތެރޭ ނުހުންނާނެ އެވެ. އެ ކަމެއް އެ ގޮތަކަށް ނުވާނެ އެވެ. ދިވެހިދައުލަތުގެ ފަރާތުން (1648މ. އިން 1687މ. އަށް ރާއްޖޭގެ ރަސްކަންކުރެއްވި އިސްކަންދަރު ރަސްގެފާނު) މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާ(ހުކުރުމިސްކިތުގެ ދެކުނު ދޮރޯށި) ތެރޭ ދެ ފަރާތުގެ ދެ ބިތުގައި ގަލުގައި ކަނޑައިނަގައި ލިޔެފައިހުރި ލިޔުންތަކަކީ އެފަދަ ލިޔުންތަކެއް ކަމަށް ބެލެވެ އެވެ. "މާލޭ ހުކުރުމިސްކިތް" ފޮތުން ފެންނަ މި ލިޔުންތައް ނެތިގެންދިޔައީ 1964މ. ގައި އެ މަދަރުސާ (މާލޭ ހުކުރުމިސްކިތުގެ ދެކުނު ދޮރޯށި) ނަގައި އެތަން މުޅިންނެތިގެން ދިޔުމުންނެވެ.   

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާ(ހުކުރުމިސްކިތުގެ ދެކުނު ދޮރޯށި)ތެރޭ ހުރި ލިޔުންތަކުގައި މައިގަނޑު ދެ ބޭފުޅެއްގެ ނަންފުޅު ފާހަގަކުރެވެ އެވެ. އެއީ އިސްކަންދަރު ރަސްގެފާނާއި ދެއްވަދޫ ރަސްގެފާނެވެ. މީގެތެރެއިން އިސްކަންދަރު ރަސްގެފާނުގެ ނަންފުޅު ލިޔެފައިވަނީ އެ މަދަރުސާގެ ބާނީއަށްވީމަ އެވެ. އަދި ދެއްވަދޫ ރަސްގެފާނުގެ ނަންފުޅު ލިޔެފައިވާނީ ވެސް  މަދަރުސާއަށް އެ ރަދުންގެ މަތިވެރި ޚިދުމަތްތަކެއް ލިބިފައިއޮތުމުން ކަމަށް ބެލެވެ އެވެ. މިހެންވުމުން މި ލިޔުމުގައި ބަލާލެވިފައިވާނީ މި ކަންކަމަށެވެ.

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެ ކަނާތްފަރާތު ބިތުގައި ޢަރަބިން ލިޔެފައިވާ ލިޔުމުން އެނގޭ އެއްކަމަކީ، އިސްކަންދަރު ރަސްގެފާނު މި މަދަރުސާ އުފެއްދެވުމުގެ ބޭނުންފުޅެވެ.
"ދެންފަހެ، ހަމަކަށަވަރުން، އެ ރަދުން ފަރުޟު ޙައްޖު އަދާކުޅައުމަށްޓަކައި، ދަރަޖަ މަތިވެރިވެގެންވާ މައްކާއަށް ވަޑައިގެންނެވި ހިނދު، މާތްވެގެންވާ ޙަރަމްފުޅުންނާއި، މަދީނާގެ ހައިބަބޮޑު މިސްކިތްތަކުން ދީނާއި ދުނިޔޭގެ ޢަމަލުތައް ފެނިވަޑައިގަތެވެ. އައްސުލްޠާން އިސްކަންދަރުލް އަޢުދަލިއްޔާ ގެ ލަޤަބު ލިބިވަޑައިގެންނެވި އެ ރަދުން، އެއަށްފަހު، ނަބަވީ ހިޖުރައިން ހާހާއި އަށްޑިހަ އެއްވަނަ އަހަރު، އެ ރަދުންގެ ރަސްކަމުން 23 ވަނަ އަހަރު، ހުކުރު ދުވަހާ ދިމާވީ ޢާޝޫރާ ދުވަހު، ޤަޞްދުކުރައްވައި ނިޔަތްގެންނެވީ، (ހުކުރު މިސްކިތު ދެކުނު ދޮރާށީގެ) ޖާގައަކީ، މަދްރަސާއެއް ކަމުގައި ހެއްދެވުމަށެވެ. ތަންދޮރު ނުދަންނަ ޖާހިލުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން، ނަޖިސް ފިލުވުމާއި، ޠާހިރުވުމާއި، ރޯދަހިފުމާއި، ނަމާދުކުރުމާއި، ޙައްޖާއި، ޒަކާތް ފަދަ ޢައިނިއްޔަ ފަރުޟުގެ ތެރޭގައި ހިމެނޭ ޢިލްމުތައް ކިޔަވައިދޭނެ ފިޤުހުވެރިޔަކު (އެ ތަނަށް) ލެއްވި އެވެ."
ދެން މި ލިޔުމުން އެނގޭ އަނެއްކަމަކީ މި މަތިވެރި މަސައްކަތްޕުޅުގެ ހެޔޮ ޖަޒާ ދެއްވުން އެ ރަސްގެފާނު އެދިވަޑައިގަންނަވާ ކަމެވެ. "ޚާއްޞަކޮށް، އެ ރަދުންގެ އަމިއްލަފުޅު ނަފުސަށާއި، އެ ރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދަށާއި، އެ ރަދުންގެ މަންމާފުޅު ކަނބާ ޢާއިޝާ އަށާއި، އެ ރަދުންގެ އަނބިކަނބަލުން އާމިނަތަށް، މާތް ﷲ ގެ ރަޙުމަތާއި، އެކަލާނގެ މަޣުފިރަތް ލެއްވުމެވެ."

މާލޭގެ ފުރަތަމަ މަދަރުސާގެ ތެރޭ ކަނާތްފަރާތު ބިތުގައި އެ ލިޔުން ލިޔެފައިވަނީ އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުން ސުލްޠާން ކުޑަ މުޙައްމަދު އުފަންވެވަޑައިގަތުމުގެ ކުރިންކަމަށް ބެލެވެ އެވެ. އެއީ އެ ދަރިކަލުންގެ ނަންފުޅު އެ ލިޔުމުގައި ނެތުމުންނެވެ. އެ ދަރިކަލުން އުފަންވެވަޑައިގަތީ 28 ރަޖަބު 1091ހ. (24 އޮގަސްޓް 1680މ.)ގަ އެވެ. މިހެންވުމުން އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުން (ސުލްޠާން ކުޑަ މުޙައްމަދު) އަށް މާތް ﷲ ގެ ރަޙުމަތާއި، އެ ކަލާނގެ މަޣުފިރަތް ލެއްވުން އެދި ލިޔެފައިވަނީ 1700މ.ގައި މަދަރުސާގެ ތެރޭ ވާތްފަރާތު ބިތުގަ އެވެ. ނަމަވެސް މި ލިޔުމުގައި ވެސް އަދި އޭގެކުރީ ލިޔުމުގައި ވެސް ސުލްޠާން ކުޑަ މުޙައްމަދުގެ މަންމާފުޅު މަރިޔަމްގެ ނަންފުޅެއް އެ މަދަރުސާގެ ތެރޭ ލިޔެފައިނުވެ އެވެ. އެހެންވެފައި ވަނީ މިފަދަ ޢިލްމީ ބިނާއެއްގެ ތެރޭ ނަންފުޅު ލިޔުން އެކަށޭނަ ކަނބަލަކަށް ނުވާތީ ކަމަށް ވެދާނެ އެވެ. ދިވެހިތާރީޚުން އެނގޭގޮތުގައި "އެ ކަމަނާ އެއީ ފާސިގުކަން ފައުޅުކުރާ މީހަކުކަމުގައިވި" އެވެ.

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާއާއި، ދެއްވަދޫ ރަސްގެފާނާއި އޮތް ގުޅިވަޑައިގަތުމަށް ބަލައިލުން:

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެތެރޭ ވާތްފަރާތު ބިތުގައި ދިވެސްއަކުރުން ލިޔެފައިވަނީ މަތިވެރި ﷲ ގެ ރަޙުމަތާއި، އެ އިލާހުގެ މަޣުފިރަތް ލެއްވުން އެދިގެން ކޮންމެ ދުވަހަކުމެ ބައެއް ބޭބޭފުޅުންގެ ޒިޔާރަތުގައި ޔާސީންސޫރަތް ކިޔަވާ ވާހަކައާއި މި ކަން މާލޭ ހުކުރުމިސްކިތުގެ ފަސް މުދިން ބެއިކަލުންނާއި މަތިކުރައްވައި އެ ކަމުގެ އުޖޫރައެއް ވެސް އެ ބޭކަލުންނަށް ހަމަޖައްސަވާފައިވާ ކަމެވެ. މިދެންނެވި ބޭފުޅުންގެތެރޭ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެ ބާނީ އިސްކަންދަރު ރަސްގެފާނާއި، އެ ރަދުންގެ ދަރިކަލުން ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނާއި، ދެއްވަދޫ ރަސްގެފާނާއި، އަދި އެ ރަދުންގެ ފަހުގެ ދެ އަނބިކަނބަލުން ކަނބާ ޚަދީޖާއާއި، ސަންފާ ކަނބާފާނުގެ ނަންފުޅު ހިމެނެ އެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު ކައިވެނިފުޅުކުރެއްވި ކަމަށް ތާރީޚުގެ ބައެއް ފަތްފުށްތަކުން ފެންނަ މަރިޔަމް ކަނބާފާނުގެ ނަންފުޅެއް މި ލިޔުމުގައި ނެތެވެ. 

ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެތެރޭ ލިޔެފައިވާ ލިޔުންތަކުގައި އެ މަދަރުސާގެ ބާނީ އިސްކަންދަރު ރަސްގެފާނަށް (އެ ރަދުންގެ ޢާއިލާވެސް ހިމެނިވަޑައިގަންނަވާ ގޮތަށް) މަތިވެރި ﷲ ގެ ރަޙުމަތާއި، އެ އިލާހުގެ މަޣުފިރަތް ލެއްވުން އެދިގެން ކުރަންވީ ކަމަކާއި ހެޔޮދުޢާކުރުމުގެ ވާހަކަ އެ ވަނީ، ކީރިތި ޤުރުއާނާއި ފަރުޟު ޢިލްމު އުނގަންނައިދެއްވުމަށް އިސްކަންދަރު ރަސްގެފާނު ކުރައްވާފައިވާ މަތިވެރި ދީނީ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށްޓަކައި ކަމަށް ޤަބޫލުކުރެވެ އެވެ. މިކަމާމެދު ސުވާލެއް ނުއުފެދެ އެވެ. މިހެންމެ ސުވާލުއުފެދޭ ކަމެއްއޮތް ނަމަ އެ ކަމަކަށްވާނީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަންފެއްޓެވި ފުރަތަމަ މަދަރުސާގެ ތެރޭ ދެއްވަދޫ ރަސްގެފާނުގެ ވާހަކަ ލިޔެފައިވަނީ ކީއްވެތޯ އެވެ. އެ ރަދުންނަށް (އެ ރަދުންގެ ޢާއިލާގެ ބައެއް ބޭފުޅުން ވެސް ހިމެނޭގޮތަށް) މަތިވެރި ﷲ ގެ ރަޙުމަތާއި، އެ އިލާހުގެ މަޣުފިރަތް ލެއްވުން އެދިގެން ކުރަންވީ ކަމެއްގެ ވާހަކަ ލިޔެފައިވަނީ ކީއްވެތޯ އެވެ. އެ ރަދުންނާއި މި މަދަރުސާއާއި އޮތީ ކޮން ގުޅުމެއްތޯ އެވެ. މިއީ އުފެދޭ ސުވާލުތަކެއް ނަމަ އެއަށް ޖަވާބުލިބޭ ކަންކަމެއް ވެސް ތާރީޚުގެ ފަތްފުށްތަކުން ފެނެ އެވެ.

ހ- ދިވެހިރަސްކަމުގެ ފަހަކާ ޖެހެންދެން ރާއްޖޭގެ ދީނީ، އަދި ޢިލްމީ އެންމެހައި މަސައްކަތެއް ހިނގަމުން ގޮސްފައިވަނީ އޭގެތެރޭ ރާއްޖޭގެ އެންމެއިސް ފަނޑިޔާރުގެ ފުރިހަމަ ބެއްލެވުން އޮވެގެންނެވެ. މިކަން މިގޮތަށް އޮތުމާއެކު ކީރިތި ޤުރުއާނާއި ފަރުޟު ޢިލްމު އުނގަންނައި ދެއްވުމަށް އިސްކަންދަރު ރަސްގެފާނު މާލޭގައި އުފެއްދެވި މަދަރުސާގައި ކުރަމުންދިޔަ މަސައްކަތް ވެސް ކުރަމުންދާނީ ރާއްޖޭގެ އެންމެއިސް ފަނޑިޔާރުގެ ފުރިހަމަ އިރުޝާދާއި ބެއްލެވުމުން އޮވެގެންކަމަށް ޤަބޫލުކުރެވެ އެވެ.

އިސްކަންދަރު ރަސްގެފާނު މާލޭގައި އުފެއްދެވި މަދަރުސާ ހުޅުވިއިރު ރާއްޖޭގެ ފަނޑިޔާރަކަށް ހުންނެވީ މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން ދޮންބޮއި ނާއިބު ތަކުރުފާނުގެ ދަރިކަލުން މަޙުމޫދު ފަނޑިޔާރު ތަކުރުފާނެވެ. މި ތަކުރުފާނުގެ ދޮންބައްޕައަކީ
، ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަޙުމަދު ޝިހާބުއްދީން (ބޮޑު އަޙުމަދު ނާއިބުތަކުރުފާނު)އެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރުގެ ފުރަތަމަ ފަނޑިޔާރަކީ ހައްދުންމަތީ ފޮނަދޫ ޙަސަން ނާއިބުތަކުރުފާނުގެ ދަރިކަލުން މުޙައްމަދު ފަނޑިޔާރު ކަލޭގެފާނެވެ. އޭގެފަހުން އޭނާގެ ދަރިކަލުން މުޤްރީ އަޙުމަދު ފަނޑިޔާރު ކަލޭގެފާނާއި، މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ޙުސައިން ފަނޑިޔާރު ތަކުރުފާނާއި، މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ނާއިބު ފަޑިއަތްތަކުރުފާނުގެ ދަރިކަލުން ޙަސަން ފަނޑިޔާރު ތަކުރުފާނާއި، މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން ދޮންބޮއި ނާއިބު ތަކުރުފާނުގެ ދަރިކަލުން މަޙުމޫދު ފަނޑިޔާރު ތަކުރުފާނު ވެސް އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި އެވެ.

ޣާޒީރަދުންގެ ދުވަސްވަރުން ފެށިގެން ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ނިޔަލަށްވެސް ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެ ދުވަސްވަރެއްގެ ބޮޑެތި ޢިލްމުވެރިންނަށް ވާއިރު މި ފަނޑިޔާރުންގެ ސިލްސިލާއާއި މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި ގުޅުންތަކެއް ހުރިކަމަށް ލިޔުންތަކުން ފެނެ އެވެ.

ށ- އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ 23 ވަނަ އަހަރު (1671މ.)ގައި މާލޭ ހުކުރުމިސްކިތުގެ ދެކުނުދޮރޯށި (މާލޭގެ ފުރަތަމަ މަދަރުސާ) ބިނާކުރައްވައި އެ ތަނަށް ފިޤުހުވެރިއަކު ލައްވައި އުނގަންނައި ދެއްވުމުގެ މަސައްކަތް ފެއްޓެވިއިރު މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީތުއްކަލާގެ ދަރިކަލުން މުޙައްމަދު ޚަޠީބު ތަކުރުފާނު (ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު، ނުވަތަ ދެއްވަދޫ ރަސްގެފާނު)އަކީ މާލޭގެ ޚަޠީބަކަށް ވުމާއެކު އިސްކަންދަރު ރަސްގެފާނުގެ އެ މަސައްކަތްޕުޅުގައި މުޙައްމަދު ޚަޠީބު ތަކުރުފާނުގެ އެކަށީގެންވާ ދައުރެއް އޮތުން ކައިރިކަމަށް ގަބޫލުކުރެވެ އެވެ.

ނ- އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި މުޙައްމަދު ބިން ޙާއްޖު ޢަލީއަށް ފަނޑިޔާރުކަން ދެއްވީ 1678މ.ގަ އެވެ. އޭގެފަހުން 1687މ. ގައި އިސްކަންދަރު ރަސްގެފާނު ފުރައުއްތަވީއިރު ވެސް ފަނޑިޔާރަކަށް ހުންނެވީ މުޙައްމަދު ބިން ޙާއްޖު ޢަލީ (ނުވަތަ ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު)އެވެ. މިހެންވުމުން އިސްކަންދަރު ރަސްގެފާނު ފެއްޓެވި އުނގަންނައި ދެއްވުމުގެ މަސައްކަތްޕުޅުގެ ވެސް މުހިއްމު ދައުރެއް އަދާކުރައްވާނީ ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު ކަމަށް ގަބޫލުކުރެވެ އެވެ. ދެއްވަދޫ ފަނޑިޔާރު ތަކުރުފާނަކީ އިސްކަންދަރު ރަސްގެފާނު ވަރަށްބޮޑަށް އިތުބާރުކުރެއްވި ނުހަނުގާތް ބޭފުޅެއްކަމަށް ދިވެހިތާރީޚުން ހެކިލިބެ އެވެ.

ރ- އިސްކަންދަރު ރަސްގެފާނު ފުރައުއްތަވުމަށް ފަހު ދެން ރަސްކަންކުރެއްވި ސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނާއި، ސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލާއި، ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީންގެ ދުވަސްވަރުގެ ފަނޑިޔާރަކީ ވެސް ދެއްވަދޫ ފަނޑިޔާރު ތަކުރުފާނެވެ. އޭގެ ފަހުން ދެންއައީ ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު (ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ، ނުވަތަ ދެއްވަދޫ ރަސްގެފާނު)ގެ ރަސްކަމުގެ ދުވަސްވަރެވެ. އެ ރަދުން ފުރައުއްތަވީ ރަސްކަމުގައި ހުންނަވަނިކޮށެވެ. މި ކަން މި ގޮތަށް އޮތުމަކީ ކީރިތި ޤުރުއާނާއި ފަރުޟު ޢިލްމު އުނގަންނައި ދިނުމަށް މާލޭގެ ފުރަތަމަ މަދަރުސާގައި ކުރަމުންދިޔަ މަސައްކަތާއި ދެއްވަދޫ ރަސްގެފާނާއި އޮތް ގުޅުމަކާބެހޭ ސުވާލެއް އުފެދޭނަމަ އެއަށް ލިބޭ ޖަވާބަކަށްވާނެ އެވެ.

ބ- ރަސްކަމުގެ އެކި ދުވަސްވަރު ރާއްޖޭގެ ދީނީ އެންމެހައި މަސައްކަތެއް ހިނގަމުން ގޮސްފައިވަނީ، ނުވަތަ ހިނގަމުން ދާންވާނީ ރާއްޖޭގެ އެންމެއިސް ފަނޑިޔާރު(ފަނޑިޔާރު ތަކުރުފާނު)ގެ ފުރިހަމަ ބެއްލެވުމުގެ ދަށުންކަމަށްވާއިރު ރާއްޖޭގެ ފަނޑިޔާރުގެ މަޤާމް ފުރުއްވި ބައެއް ބޭފުޅުންގެ ތެރޭ އެދުވަސްވަރަށް އެކަށޭނަ ކަމަށް ޤާބިލްނޫން ޢިލްމީގޮތުން ބުރަދަން ލުއި ފަރާތްތައް ތިއްބެވިކަމުގެ ހެކި ދިވެހިތާރީޚުން ލިބެ އެވެ. މިކަން މިހެންއޮތް ނަމަވެސް ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު (ނުވަތަ ދެއްވަދޫ ރަސްގެފާނު)އަކީ ޢިލްމީގޮތުން ކޮންކަހަލަ ބޭފުޅެއްތޯ ސުވާލު އުފެދުމުގެ އެއްވެސް ޖާގައެއް ނެތެވެ. މި ޖާގަ ނެތްކަމުގެ ހެކިވެސް ލިބެނީ ތާރީޚާއި ވެށީގެ ފަތްފުށްތަކުންނެވެ.

ދެއްވަދޫ ރަސްގެފާނުގެ ޢިލްމީ ފެންވަރު:

ކަމެއްގެ ގާބިލިއްޔަތެއް އެ މީހެއްގެކިބައިގައި ނެތް ނަމަވެސް އެ މީހަކު އަދާކުރަންޖެހޭ ވަޟީފާގެ މަސްއޫލިއްޔަތެއްގެ ގޮތުން އެ ކަމެއްގެ ތެރޭ މީހަކަށް އުޅެންޖެހިދާނެ އެވެ. މީގެތެރޭ ޝަރުޢީ ނޫނީ ތަޢުލީމީ ކަންކަން ވެސް ހިމެނެ އެވެ. މިއީ ރާއްޖޭގައި ވެފައިވާ ކަމެކެވެ. ވަމުންދާ ކަމެކެވެ. އެފަދަ މީހުންގެ މިސާލަކީ ރޯނު އެދުރުންގެ މިސާލެވެ. އެއީ ކަންތައްކުރާން ރަނގަޅަށް ނޭނގިހުރެ ކޮންމެކަމެއް ވެސް ދަންނަކަމަށް ހެދިގެން އެ ކަމެއްކޮށް އުޅޭމީހުންނެވެ.

ނަމަވެސް މިފަދަ މީހުންނާއި އެ ކަމެއްގެ ގާބިލިއްޔަތު އެ މީހެއްގެކިބައިގައި ހުރެގެން ކަންތައްކުރާ މީހުންގެ ތަފާތު ވަރަށް ބޮޑުވާނެ އެވެ. އެފަދަމީހުން ކަމެއްކުރާނީ އެ ކަމެއް ރަނގަޅަށް އެނގިހުރެގެންނެވެ. އެ ކަމެއް ކުރަނީ ވަޟީފާގެ ޙައިސިއްޔަތުން ކަމަށް ވިޔަސް އެނޫން ގޮތަކުން ކަމަށް ވިޔަސް އެ ކަމެއް ރަނގަޅަށްކުރަން އެނގޭނެ އެވެ.

މިދެންނެވިގޮތުން ދެއްވަދޫ ރަސްގެފާނު ނުވަތަ މުޙައްމަދު ބިން ޙާއްޖު ޢަލީއަކީ އެ ރަދުން އުފުއްލެވި މަސްއޫލިއްޔަތްތަކުގައި އެ ދުވަސްވަރުގެ ގާބިލް ބޭފުޅެއްކަމުގެ ހެކި ތާރީޚުގެ ފަތްފުށްތަކުން ވެސް ލިބެ އެވެ.

ހ- ދެއްވަދޫ ރަސްގެފާނުގެ ނަންފުޅުން ވެސް މުޚާޠަބްކުރެވޭ މުޙައްމަދު ބިން ޙާއްޖު ޢަލީ އަކީ މަތިމަތިކޮޅުން ފެށިގެން ޢިލްމީ ސިލްސިލާއެއްގެ ބޮޅެކެވެ. އެ ކަން ތާރީޚުގެ ފަތްފުށްތަކުން އެނގެ އެވެ. އެ ރަދުންގެ މާފަ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި އެ ރަދުންގެ ކާފަ އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނަކީ އިންކާރުކުރެވެން ނެތް ރާއްޖޭގެ މަޝްހޫރު ޢިލްމީ ދެ ފަނޑިޔާރުންނެވެ. މި ކަން މި ގޮތަށް އޮތުމުގެ ސަބަބުން ވިޔަސް ނޫނީ އެނޫންގޮތަކުން ވިޔަސް ދެއްވަދޫ ރަސްގެފާނަކީ ވިސްނުންފުޅު ތޫނު، ޢިލްމުވެރި، މިސްކިތްތައް މަރާމާތުކުރެއްވި، އަދި މިސްކިތްތައް އަލުން ބިނާކުރެއްވި، ފަގީރުންގެ ޙާލުބެއްލެވި، އެ މީހުންނަށާއި އަދި ޢިލްމުވެރިންނަށް އެހީފުޅުވެދެއްވި ބޭފުޅެއްކަމަށް ތާރީޚުގެ ޞަފުޙާތަކުގައި ލިޔެފައިވާތީ، މި ހިސާބުން އެކަނި ވެސް އެ ރަދުންގެ ދީނީ، އަދި ޢިލްމީ ފެންވަރު ވަޒަންކުރެވެ އެވެ. ދީނީ، ޢިލްމީ ފެންވަރު ނެތް މީހުންނަށް އެ ކަންކަމުގެ ދުންޔަވީ އަދި އުޚްރަވީ ފައިދާގެ ބޭނުންތެރިކަން ނޭނގޭނެ އެވެ.

ށ- ދީނީ ޢިލްމުވެރި ބޭފުޅަކަށްވީތީ ދީން ކުރިއެރުވުމަށްޓަކައި ދިވެހި ރަސްކަމަށް އިސްކުރެއްވި ބޭފުޅެއްކަމަށްވާ ސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ(ސައްޔިދު ރަސްގެފާނު)ގެ ރަސްކަމުގެ ދުވަސްވަރު ކޮންމެރެއަކު މަޣުރިބް ނަމާދާއި ޢިޝާ ނަމާދުފުޅުގެ ފަހުން ވަޢުޡު ވިދާޅުވެ އެވެ. އަދި ޢިޝާ ނަމާދުގެ ވަޢުޡުގެ ފަހުން ދެއްވަދޫ ފަނޑިޔާރު ތަކުރުފާނަށާއި މުޙައްމަދު ސިރާޖުއްދީން ފޮނަދޫ ޚަޠީބު ތަކުރުފާނަށާއި ޙަސަން ތާޖުއްދީނަށާއި އެހެނިހެން ވެސް އެ ރަދުންގެ ދަރިވަރުންނަށް ޢިލްމު އުނގަންނައި ދެއްވި އެވެ.

ނ- ސައްޔިދު ރަސްގެފާނު ފުރައުއްތަވުމުން ބޮޑުންގެ ގިނަ ބޭފުޅުން ފޮނަދޫ ޚަޠީބު ތަކުރުފާނާއި ރަސްކަން ޙަވާލުކުރެއްވުމަށް ނިންމެވުމުގެ އެންމެބޮޑު ސަބަބެއްކަމަށް ތާރީޚު ބުރަވަނީ ވެސް އެ ތަކުރުފާނުގެ ޢިލްމުވެރިކަމާއި ދީންވެރިކަމެވެ. އެ ދުވަސްވަރަކީ އިސްލާމްދީނުގެ ކަންކަން ކުރިއަރަމުން ދިޔަ ދުވަސްވަރެކެވެ. މިހެންވީ ނަމަވެސް  ފޮނަދޫ ޚަޠީބު ތަކުރުފާނު ރަސްކަމުގައި ހުންނަވަން ގަބޫލުފުޅުނުވުމުން ދެން ވަޒީރުންގެ ބައެއް މީހުން ދެއްވަދޫ ފަނޑިޔާރު ކަލޭގެފާނު އަރިހަށް ވަޑައިގެން ރަސްކަމުގެ ބަޢިއަތު ހިއްޕެވުމުގެ އެންމެބޮޑު ސަބަބެއްކަމަށް ތާރީޚު ބުރަވަނީ ވެސް އެ ފަނޑިޔާރު ތަކުރުފާނުގެ ޢިލްމުވެރިކަމާއި ދީންވެރިކަމެވެ.  

ރ- މީހަކު ޢިލްމުވެރިއަކަށް ވުމާއި، މީހަކު ޢިލްމު އުނގަންނައި ދިނުމާއި މިއީ ދެ ކަމެކެވެ. ޢިލްމުވެރިންގެ ތެރޭ ޢިލްމު އުނގަންނައި ނުދެއްވާ ބޭފުޅުން ތިއްބަވަ އެވެ. އޭގެ ސަބަބަކީ އެ ކަން ކުރައްވަން ދަތިފުޅުވުން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އެ ކަމަށް ބޭނުންފުޅުނުވުން ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ދެއްވަދޫ ރަސްގެފާނަކީ އެ ރަދުންނަށް އެނގިވަޑައިގެންފައިވާ އެއްޗެއް އަނެކުންނަށް ވެސް ފޯރުކޮށްދެއްވި ބޭފުޅެއްކަމުގެ ދަލީލު ލިބެ އެވެ. އޭގެ އެއްކަމަކީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެ ތެރޭ އެ ރަދުންނަށް މަތިވެރި ﷲ ގެ ރަޙުމަތާއި، އެ އިލާހުގެ މަޣުފިރަތް ލެއްވުން އެދިގެން ކުރަންވީ ކަމެއްގެ ވާހަކަ ލިޔުމެވެ. އަނެއްކަމަކީ ދެއްވަދޫ ރަސްގެފާނަކީ މަޝްހޫރު "ބޮޑުތާހީދު" (ތަވްޙީދުއާއި ފަރުޟު ޢިލްމުގެ ބޮޑުފޮތް) ލިޔުއްވި އެދުރު ޢުމަރު މާފަތްތަކުރުފާނުގެ ވެސް އެދުރެއްކަމަށް ވުމެވެ.

ދިވެހި މުއައްރިޚުންނާއި ބަހުގެ އަދީބުންގެ އަރިހުގައި އެންމެއަގުހުރި އަދި އެފަދަ ދެވަނައެއްނުވާ މަޝްހޫރު "ބޮޑުތާހީދު" (ތަވްޙީދުއާއި ފަރުޟު ޢިލްމުގެ ބޮޑުފޮތް) ލިޔުއްވި އެދުރު ޢުމަރު މާފަތްތަކުރުފާނަކީ ދިވެހިއަދީބުންގެ ތެރެއިން އެންމެދުރުން އެނގެންއޮތް އަދީބުކަމަށާއި، އެ މަނިކުފާނަކީ ދީނީ ޢިލްމުވެރިކަން ކުރިއަށް ގޮސްފައިވާ ޒަމާނެއްގައި ދުނިޔޭގައި އުޅުއްވި ބޭކަލެއްކަމަށާއި، މިހެންވުމުން ދީނީ އެދުރުބޭކަލަކު ނުވަތަ އެދުރުބޭކަލުން އެ މަނިކުފާނުގެ އުސްތާޛުންކަމަށް ބެލެވޭއިރު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު (ދެއްވަދޫ ރަސްގެފާނު)އަކީ، އެދުރު ޢުމަރު މާފަތްތަކުރުފާނުގެ އެދުރެއްކަމަށް ތާރީޚު ލިޔުންތެރިޔާ އަލްފާޟިލް އަލްމަރުޙޫމް އަޙުމަދު ޝަފީޤު "ދަންފުޅި" މަޖައްލާގައި ލިޔުއްވާފައިވެ އެވެ.

މަތިވެރި ﷲ ގެ ރަޙުމަތާއި، އެ އިލާހުގެ މަޣުފިރަތް ލެއްވުން އެދިގެން ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާގެ ތެރޭ އެ ބޭފުޅުންގެ ނަންފުޅު ލިޔެފައިވާ ބޭފުޅުންގެ ތެރޭ ދެއްވަދޫ ރަސްގެފާނު ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީގެ ނަންފުޅު ލިޔެފައި އެ ވަނީ ކީއްވެކަމާމެދު އުފެދޭ ސުވާލެއްވާނަމަ އެ ސުވާލަށް ފެންނަފަށުގައި ހުރި ބައެއް ޖަވާބުވެސް އެ ވަނީ އެވެ. މިހެންމެ، ތަންދޮރު ނުދަންނަ ޖާހިލުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން، ނަޖިސް ފިލުވުމާއި، ޠާހިރުވުމާއި، ރޯދަހިފުމާއި، ނަމާދުކުރުމާއި، ޙައްޖާއި، ޒަކާތް ފަދަ ޢައިނިއްޔަ ފަރުޟުގެ ތެރޭގައި ހިމެނޭ ޢިލްމުތައް އުނގަންނައި ދެއްވުމަށް ދެއްވަދޫ ރަސްގެފާނު މުހިއްމުދައުރެއް އަދާކުރައްވާފައި ނުވާނަމަ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާ ފަދަ ޢިލްމީ ބިނާއެއްގެ ތެރޭ މަދުވެގެން ދެ ޤަރުނާއި ބަޔަށްވުރެ ގިނަ ދުވަސްވަންދެން އެ ރަދުންގެ ވާހަކަ ލިޔުނުގޮތަށް ހުރެދާނެކަމަށް ވެސް ގަބޫލުކުރަން ދައްޗެވެ. އެއީ އެ ހުރިގޮތަކަށް ހުރި ސަބަބުތަކެއް އެ ގޮތަކަށް ހުރެގެންނެވެ. އެ ސަބަބުތަކަކީ ކޮބައިތޯ ހާމަކުރުމަކީ މި ލިޔުމުގެ ބޭނުމެއްނޫނެވެ.

މި ލިޔުމުގެ ބޭނުމަކީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާއާއި ދެއްވަދޫ ރަސްގެފާނާއި އޮތް ގުޅުމުގެމައްޗަށް ބަލައިލެވޭތޯ މަސައްކަތްކުރުމެވެ. އެ ރަދުންނަށް މަތިވެރި ﷲގެ ފުއްސެވުމާއި މަޣުފިރާލެއްވުން އެދިގެން ކުރަންވީ ކަމެއްގެވާހަކަ އެ މަދަރުސާގެ ތެރޭ ލިޔެފައިވަނީ ކީއްވެތޯ ގަބޫލުކުރެވޭ ކަންކަމެއްގެ ދަންނަވައިލުމާއި އެއީ ސުވާލު އުފެދޭކަމެއް ނަމަ އެއަށް އެކަށީގެންވާ ޖަވާބެއް ވެސް އެރުވޭތޯ ބެލުމެވެ.

މަތިވެރި ﷲ ދެއްވަދޫ ރަސްގެފާނު(މުޙައްމަދު ބިން ޙާއްޖު ޢަލީ)ގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އެވެ. އާމީން!
                         ----------------------

ޢަބުދުﷲ ޙިލްމީ
19 ޖެނުއަރީ 2016މ.

ފަންނީ އެހީ:
"މާލޭ ހުކުރުމިސްކިތް"ފޮތް
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
އަލްފާޟިލް އަޙުމަދު ނާސިޙު ޢަންބަރީވިލާ/ ސ.މީދޫ  

މަޢުލޫމާތު ޙިއްޞާކުރި ބޭފުޅުން:
އަލްފާޟިލް އަޙުމަދު ނާޞިޙު، އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން، އަލްފާޟިލް ޢަބުދުﷲ ފާރޫޤު ޙަސަން، އަލްފާޟިލް ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު، އަލްފާޟިލް އަޙުމަދު ޢަލާދީދީ