ޑިމޮކްރަސީގެ ފިރުޢައުނު މުދާ


ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ބާވަތްބާވަތުގެ އެއްޗެހި ލެއްގުމަކީ ކުރިއްސުރެ ހިނގަމުންދާ ކަމެކެވެ. ނަމަވެސް ގިނައިން އެއްޗެހި ލައްގަނީ ހުޅަނގު މޫސުމުގައެވެ. ޚާއްޞަކޮށް އެމޫސުމްގެ ބާރު ވަޔާ ވިއްސާރައާ އެކުގައެވެ. މީގެ އަހަރުތަކެއްގެ ކުރިން ފެށިގެން މިގޮތަށް ލައްގާ އެއްޗެތީގެތެރޭ ވިހިން ފެށިގެން ތިރީހާ ދޭތެރޭ ޤަރުނުތަކުގެ އާދަމުގެދަރިންނަށް އެތަކެތި ފެނުމުން އެބައިމީހުން ޙައިރާންވެ ތަލިން ކުޅުހިކޭ ވަރުގެ އެކި އެއްޗިހި ލައްގަމުން އެބަ ދެއެވެ. މިއިން ކޮންމެ އެއްޗެއްގައި "ޑިމޮކްރަސީ" ލިޔެފައި އޮވެއެވެ. 

ލައްގާތަކެތީގެތެރޭ އެތެރޭގައި ހޮއިނެތް ދިހަބާރަ ޓަނުހުންނަ ވަރުގެ ބޮޑެތި ދަގަނޑާއި ފޮނިރަހަ ގަދަކަމުން ކައިބޮއިހެދުމަށް ދަތިވާވަރުގެ ދޯބުރާލިހަކުރު ގުޅިތަކާއި އިންސާނުންނަށް އޭގެ ފޮޓޯ ނުފެންނަގޮތަށް ހަދާފައިވާ ޓީވީތަކާއި ދޫނި ސޫފާސޫތްޕަށް ނޫނީ އޭގެ އަޑުނުއިވޭ ރޭޑިޔޯތަކާއި ފެނަށް ގިރިގެންނުދާނޭ ކުލަކުލައިގެ ކަރުދާހުގެ ގާނޫނުތަކާއި އަސާސީ ޖުއްލާބުގެ ގުޅަބޭހާއި ލާމަރުކަޒީ ވިހި އޮށުގެ ތަސްބީހަފައްޗާއި ޙައްޤާނިއްޔާ ދުއްރަތަކާއި ޕާޓީ ސިސްޓަމްގެ ރިހާކުރާއި އަޚުލާގަށް މާބަނޑުވެފައިވާ ކުލުނު ޖާޑިތަކާއި އިންސާނީ ހަމަތަކުގެ ދެފުށްފެންނަ ބޯކަރުދާސް ފޮށިގަނޑުތަކާއި މިކަހަލަ ގިނަ އެއްޗެހިތަކެއް ހިމެނެއެވެ.

ކަނޑުތަކުގެ އޮޔާއި ވައިގެސަބަބުން ވިޔަސް ރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގައިފާނެކަމަށް މީގެކުރިން އިންސާނުންގެ ބުއްދިއަށް ނުގެނެވޭވަރުގެ އެއްޗެހިތަކެއް ލައްގަމުން ދާތީ މިކަމާއި ޙައިރާންވެ ކަންބޮޑުވީ ލަފާދާރު ނާމާނިގާރުންގެ ބަޔަކު މިއީ ކޮންފަދަކަމެއްތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނީ މިތަކެއްޗަކީ ޑިމޮކްރަސީގެ ފިރުޢައުނު މުދާ ކަމަށެވެ. ވަކި ދީނެއް ވަކި މަޛުހަބެއް ވަކި ކުލައެއް ނެތި އާދަމުގެދަރިންގެ އެއްވެސްބަޔަކަށް އެއިން ހެޔޮ ފައިދާއެއް ލިބެންނެތް ތަކެތި ކަމަށެވެ. 

މި ތަކެތީގެ ގޮތްބާވަތް ނޭނގި އެއަށް ދަހިވެތިވެ އޭގެ ބޭނުންކުރަން ފަށައިފިނަމަ އެބަޔެއްގެ ތެރޭ ޢަދުލު އިންޞާފާއި ހަމަހަމަކަން ނޯންނާނެ ކަމަށެވެ. ތަބާވާނެ ގާނޫނެއް ގަވައިދެއް ވެރިއެއް ނެތި ވައްކަންކުރުމާއި ފޭރުމާއި ލޫޓްވުމާއި މާރާމާރީއާ ލޭއޮހޮރުން ހިނގާނެ ކަމަށެވެ. ގަދަފަދަ ޖައްބާރުން ނިކަމެތިންގެ މައްޗަށް ވެރިވެގެން ހިތަށް އެރިކަމެއް ހިތަށްއެރި ވަގުތަކު ހިތަށްއެރި ގޮތަކަށް ކުރާނެކަމެވެ. ޖެއްސުން ކުރުމާއި އަނެކުންގެ ޙައްގުތަކާއި އަބުރަށް އަރައިގަތުމާއި ޣީބަ ބުނުމާއި މަކަރު ހެދުމާއި ދޮގު ހެދުމާއި ފާޙިޝް ޢަމަލުކުރުމާއި ރިޝްވަތާއި ފަސާދައާއި ފިތުނަވެރިކަން ބިމުގެ ވެއްޔަށްވުރެ ގިނަވެދާނެ ކަމެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުންދާ ޑިމޮކްރަސީގެ ފިރުޢައުނު މުދަލުގެ ބޭނުންކުރުމުން ވާނެގޮތަކީ ކޮބައިކަން ލަފާދާރު ނާމާނިގާރުންނަށް އެނގުމުން ލަސްނުކޮށް މިކަން މީސްތަކުންނަށް އަންގައިދޭން އެބައިމީހުން މަސައްކަތްކުރި ނަމަވެސް މިފަދަ ތަކެތި ރަށްރަށުގެ ގޮނޑުދޮށްތަކުން ހޮވާމީހުން އެހެން މީހުންނަށް އެތަކެތި ސިފަކޮށްދެމުން ގެންދަނީ އެތަކެއްޗަކީ ދުނިޔޭގައި ބަޔަކަށް ލިބޭނޭ އެންމެބޮޑު ނަޞީބުކަމުގައެވެ. އޭގެ ބޭނުންކޮށްގެން ނޫނީ ސަލާމަތާއި ރައްކާތެރިކަމާއި ބާއްޖަވެރިކަމެއް ނުލިބޭނެ ކަމަށެވެ.

                 ---------------------------

ލިޔުނީ: ޢަބުދުﷲ ޙަސަން ހުޅުދުމައިގެ

18 އޮކްޓޫބަރ 2013މ.