ގަވްމުގެ އަގާއި، ނަފުސުގެ އަގު













ދިވެހިރާއްޖެއަކީ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮތް ޤަވްމެކެވެ. މިއިން ކޮންމެރަށެއްގެ ވަށައިގެން އޮތީ، ފަޅު، ނުވަތަ، ވިލު، ނުވަތަ ކަނޑުކަމަށް ވާތީ، ޤަދީމީ ޒަމާނުގައި އެދޫ މިދޫވެ އުޅުން އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. މިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނަކީ، ހުޅަނގާއި، ހުޅަނގުއުތުރާއި، އިރުމައްޗާއި، އިރުއުތުރުގައި އޮތް ބައްރުތަކުން ހިޖްރަކުރި މީހުންނެވެ. އެހެންނަމަވެސް އެބައިމީހުން ފުރަތަމަ ދިރިއުޅުނީ، އެބައިމީހުންގެ މެދުގައި ދޭދޭ ގުޅުންތަކެއް އޮވެގެނެއް ނޫނެވެ. އެއީ ޙާލަތު ނިޔާކުރި ގޮތެވެ. 

ނަމަވެސް ދެ ކަމެއް އެބައިމީހުންގެ މެދުގައި ދެމިއޮތެވެ. އެއީ، ގަވްމު ސަލާމަތުން ބޭއްވުމާއި، ނަފުސުގެ އަގު ހިފެހެއްޓުމެވެ. މީގެ ފަހުން ދެން އެމީހުން އެއްބަސްވީ އެއްދީނަކަށް ތަބަޢަވެގެން ތިބުމަށެވެ. ހަމަ އެއާއެކު ލިބޭ މިންވަރަށް ރުހިގެން އެއިން ފުއްދައިގެން ތިބުން އެއީ ވެސް އެބައިމީހުންގެ މެދުގައި އޮތް އާދައެކެވެ.

މިދެންނެވި ކަންކަން އެގޮތުގައި ދެމެހެއްޓުމަށް އެމީހުންނަށް މަޖްބޫރުވި އެންމެބޮޑު އެއްސަބަބަކީ، ބޭރުގެ ކޮންމެވެސް އެއްބަޔަކު، މިރާއްޖެއަށް އަތްގަދަ ކުރުމަށް އަބަދުވެސް ތައްޔާރަށް ތިބޭތީ އެވެ. މިއީ އިހުގެ ފަތްފުށްތަކުން ފެންނާން އޮތް ޙަޤީޤަތެކެވެ.

އިހުގައި ކަންކަން ހުރީ އިސްވެ މިދެންނެވި ގޮތަށެވެ. އެހެންނަމަވެސް އަދުގެޙާލަތު މުޅިން ތަފާތެވެ. މާއްދިއްޔަތަށް ހެއްލުންތެރިވެފައިވާ މީހުންގެޢަދަދު ގިނަ އެވެ. ޤަވްމިއްޔަތަށް ލޯބިނުކުރާ މީހުންގެ ޢަދަދު ވެސް ހަމަ އެހާމެ ގިނަ އެވެ. މިއަދުގެ ގިނަ މީހުންނަކީ "ވަހުތާން"ތަކެއް ފަދަ ބައެކެވެ. ތިމާމެން ދަތުރުކުރަން ޖެހޭ މަންޒިލަކީ ކޮބައިކަން އެނގި ކަށަވަރުވެފައި ވާހިނދު ވެސް ވައިޖެހޭ ކޮންމެ ދެއްސަޅަކަށް ފަހިކޮށް ދީލާލަނީ، ދީނާއި، ޤަވްމަށް ކުޑަކޮށްވެސް ފަރުވާލެއް ނުބަހައްޓަ އެވެ.

އިންސާނާގެ ނަފުސުގެ އަގަކީ ނުހަނު ބޮޑު އެއްޗެކެވެ. އިންސާނާއަށް ގުދުރަތުން ދެއްވާފައިވާ ނިޢުމަތްތައް ވެސް ނުހަނު ގިނަ އެވެ. ޚޮދު އިންސާނާ ވެސް އެކަން ދަނެ އެވެ. މިކަމުގެ އެއް މިސާލަކީ، ހަށިގަނޑުގައި ދަވްރުވަމުން ދާ ލެ އެވެ. އަނެކެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އެ ލޭ އެއްވެސް މީހަކު ނުވިއްކަ އެވެ. ހަމަ ހަދިޔާ ކުރަނީ އެވެ. މިއީ އެއްވެސް މީހަކަށް ގަނެވޭނެ އެއްޗެއްވެސް ނޫނެވެ. އިންސާނާގެ ހަށިގަނޑުގައި އޮންނަ ދެ ކިޑުނީއަކީ ވެސް ހަމަ އެފަދަ ދެ ގުނަވަނެވެ. މި ދެ ގުނަވަނުން އެއް ގުނަވަނަކީ، އަނެކާއަށް ބަދަލުކުރެވޭ ނުވަތަ ހަދިޔާކުރެވޭ ގުނަވަނެވެ. މިދެންނެވި މުހިންމު ވަސީލަތްތައް ލައްވާފައިވާ ހަށިގަނޑުގެ މުހިންމުކަން އަދި މާ ބޮޑެވެ. އަގުގެ ގޮތުން ބަލާނަމަ، އަގުމަގު ކުރާކަށް ނުވެސް އެނގެ އެވެ. ނަމަވެސް މިއަދު މި ފެންނަނީ، މާއްދިއްޔަތަށް ހެއްލި ކުޑަކުޑަ އަގަކަށް އެ ނަފުސު ވިއްކާލާ މަންޒަރެވެ. ނުވަތަ ވިއްކާކަމަށް ބުނާތީ އިވޭ އަޑުތަކެވެ.

މާތްﷲ އިންސާނާއަށް ދުނިޔެވީ ބޭނުންތެރިކަން ބޮޑު ވަސީލަތެއް ފަހިކުރައްވައިފި ނަމަ، އެ ކަމަކަށް ބޮޑާވެ، ކިބުރުވެރިވާ އިންސާނުން އުޅެ އެވެ. ޤާރޫނު ފަދައިންނެވެ. ޢިލްމެއް ޙިލްމެއް ނެތްކަމަށް ވިއަސް ވެހެވެ. ތިމާއަށްވުރެ ފުންނާބު އުސް ކަމަށް ބެލެވޭ ޢިލްމުވެރީންނަށާއި އެނޫން ވެސް ތަންދޮރު ދަންނަ މީހުންނަށް ގޮތްފާޑު ކިޔަން ފަށަ އެވެ. މިހެންވަނީ އެފަދަ ފުންނާބު އުސް ކަމަށް ބެލެވޭ ބައެއް ޢިލްމުވެރީންގެ ކިބައިން މުޖުތަމަޢަށް ފެންނަމުން ދާ ކަންކަމެއްގެ ސަބަބުންނެވެ. ޢިލްމުވެރީންނަކީ ޒަމާނުއްސުރެ މުޖުތަމަޢުގައި ޤަދަރު އުފުލިގެންވާ ބައެއްކަމަށް ވިއަސް، މިފަދަ ގޮތަކަށް އޭގެ ބައެއް ފަރާތްތަކުގެ ޙާލަތު ބަދަލު ވެއްޖެނަމަ، މުޖުތަމަޢުގައި އެ ބައެއްގެ ޤަދަރުވެރިކަން ހީނަރުވެ އަދި ނަން ވެސް ޚަރާބުވެދެ އެވެ. ފަނާވެދަނިވި މާއްދީ ދުނިޔޭގައި އެންމެ އަޑުގަދަ އެންމެ ބާރަށް ދަތުރުކުރާ އެއްޗަކީ، ފައިސާ އާއި، މުދަލެވެ. އެ ތަކެތީގެ ދަތުރުތައް، ވިދާލާ ވިދުވަރެއް ފަދަ އެވެ. ނަމަވެސް ވިސްނެވުން ހުއްޓެވެ. ތާއަބަދަށް ނިޢުމަތާއި ބާއްޖަވެރިކަން ލިބެނެވި އެއަށް ނިމުމެއް ނެތް އުޚުރަވީ ދުނިޔޭގައި އެންމެ އަޑުގަދަ އެންމެ ބާރަށް ދަތުރުކުރާ އެއްޗަކީ، ފަނާވެދަނިވި މާއްދީ ދުނިޔޭގައި އެ ބަޔަކު ކުރާ ހެޔޮވެގެންވާ ޢަމަލެވެ. ނިފާގާއި ފާފަވެރިވުމެއް ނެތް ސީދާ ޢަމަލެވެ. 
               -------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި