ގަލެހިރިމަގާ އެނެރާގުޅޭ އެކިއެކި ހަނދާންތައް އާވެޔޭ
އޮޑިފަހަރު ބޭލި ދުވަސްތަކާ އެދުވަސްތަކުން ކެކެމުން އެދިޔަ
ބޮނޑިބަތްތަކުގެ ފޮނި
މީރު ރަހަވެސް އަރުތެރޭގައި އެބަވެޔޭ
މަސްތައް ނަގައި ފައްލަވަތަކުން ލޮނުލައި އެމަސްތައް ސާފުކޮށް
ބަސްތާތަކަށް އަޅަމުން އެދިޔަ މަންޒަރު ހަނދާނަށް ގެނެވެޔޭ
ކޮޅުނބަށް ފުރަން ތައްޔާރުވާ މީހުންގެ ޙަރަކާތް ހުރިގޮތާ
މޮޅު ކާތަކެތި ތައްޔާރުކުރި ގޮތްވެސް މިހާރު ހަނދާންވެޔޭ
ހުޅަނގުން ޖެހޭ ފަހި ރޯޅިޔާ އެކުގައި ފުރައިގެން އޮޑިފަހަރު
ކޮޅުނބަށް ދަތުރު ކުރުމަށް ނިކުތް ނެރަކީ މިއީ ކަމުގައި ވެޔޭ
އިރުވައިވުމުން އޮޑިފަހަރު އާދޭތޯ ބަލަން ދިގު ރުއްރުކާ
އިރުއިރުކޮޅުން އަޓިގޭ
ފުރާޅަށް އެރި ހަނދާން ވެސް އާވެޔޭ
އޮޑިފަހަރު އައިސް މިނެރުން އެވަންނަ ދުވަސްތަކުގެ ހަލަބޮލިކަމާ
ކެނޑިނޭޅި އިވެމުން ދިޔަ އުފާވެރި ޖުމުލަތައް އެބަ އާވެޔޭ
ތަޢުލީމު ހޯދަން
ރާއްޖެއިން ބޭރަށް ވަޑައިގަތް ބޭފުޅުން
ތައުފީޤުލިބި މޮޅު ޢާލިމުންނަށް ވެވި ވަޑައިގެންފައި ވެޔޭ
އޮޅުވާއިނުލައި ދަތުރުގެ ހިސާބު ކިތާބާ ދަތުރުވެސް
މޮޅުމާލިމީން ކުރަމުން
އެގެންދިޔަ ގޮތް ހަނދާނަށް ގެނެވެޔޭ
ކާޑާއި ބޭހާ ހަރުމުދާ ކަސަބާއި އަތަރާ ބާދަލާ
މުންޑާ މިފަދަ ބޭނުންޖެހޭ ހުރިހާ މުދާ އޭގައި ވެޔޭ
ކުޑައިރުގެ ތަޢުލީމީ ޙަޔާތާ ކުޅިވަރާ މަޖަލުގެ ޒަމާން
ކުޑައިރުކޮޅެއްގެ ތެރޭ
މިބަސް އިވުމުން ހަނދާނަށް ގެނެވެޔޭ
--------------------